Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ނަވާވީސްވަނަ ބައި)

Jana
January 7, 2017
9 Mins Read
55 Views
20 Comments

ވިސާމް އަނެއްކާވެސް ލަވަ ކިޔުންތެރިއަކަށްވީ މަންސޫރުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންކަން ޔަޤީނެވެ. އެކަމުގެ ތެރެއިން އަލުން މުއްސަނދިވެގެން ދާނީ އެ ބަދަލު ހިފުމުގެ ރޫޙު ހާދަ ވަރަކަށް ގަދަވީމައެވެ. އެހެނަސް އެހެން ވެސް ކަންތައް ވީ ދެންމެ މަންމަ ބުނި ފަދައިން ވިސާމަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. މިއަދަށްފަހު އޭނައަށް ވިސާމް ފެންނާނީ މުޅިން އެހެން ނަޒަރިއްޔާތަކުންކަން ޔަޤީނެވެ. ވިސާމަކީ ކެތްތެރިއެކެވެ. މަޑު ހިތެއްގެ ވެރިއެކެވެ. ލޯބިވާ މީހުންނަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި ބަޠަލެކެވެ. އެ ހުރިހާ ކަމަކަށްފަހު ވެސް ވިސާމާއިމެދު ކަންތައްވީ ހާދަ ނާއިންސާފުންނެވެ. އެއީ އޭނައަށް ހެވާއި ނުބައި ރަނގަޅަށް ވަކި ކުރަން ނޭނގުނު ކަމަށްޓަކައެވެ. އެކަން ނޭނގުނީ ވެސް އޭނައަށް އަނިޔާވެރިވި މުޖުރިމެއްގެ ސަބަބުންނެވެ. ޝަފަޤް ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ރަޝީދާ އޭނަގެ ކަރުނަތަކުގެ ތެރެއިން ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އެދުވަހު މަންމައާއި ދިމާލަށް އެ ބުނި ބަސްތަކަށްފަހު އޭނަ މިހާތަނަށް އައިއިރު ވެސް މަންމައާއި ވާހަކަ ދައްކާފަ ނުވޭ. ހިތަށްއަރާ ކުޑަމިނުން ހިތުތެރޭގަ އެ އޮތް ރުޅީގެ ސަބަބުން އެއްޗެހި ގޮވާލާނެނަމައޭ ވެސް. އެކަމަކު އޭނަ އެހާވަރުގެ ފުރުޞަތެއް ވެސް މަންމައަށް ނުދޭ…….އޭނަ އެދުވަހު އެ ދިޔަ ގޮތަށް ދިޔައީ މަރަދޫގަ އުޅޭ އޭނަގެ އެކުވެރިއެއްގެ ގެއަކަށް. އެ ގޭގަ އުޅުނީ ކުލި ދީގެން. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނަގެ އާ އަލްބަމެއް ނެރެވުނު ވާހަކަ އިވި އަނެއްކާވެސް އޭނަގެ އާ ލަވަތައް ޓީވީއިންނާއި ރޭޑިޔޯއިން އިވެން ފެށި. އޭނަ މި ރަށުން ބިމެއް ގަނެގެން މި ގެ އެޅީ އަނެއްކާވެސް ބޮނޑިބޮނޑިން ފައިސާ ލިބެން ފެށީމަ. މަންމަ އޭނަ ކައިރިއަށް ގޮސް އެތައް ވަރަކަށް ސުވާލުކުރިން ކީއްވެގެންހޭ އަނބުރާ އެ ހިތި ތަޖުރިބާތަކުން ފުރިގެންވި ދުނިޔެއަށް ދިޔައީ. އެކަމަކު އޭނަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު. ޖަވާބެއް ނުލިބުނަސް މަންމައަށް އެނގޭ އެއީ ކީއްވެކަން. ދިރިއުޅުމުގަ ކުރުން އެންމެ މަޖާ ކަންތައްތަކަކީ ދުނިޔެ ނޭނގޭ މީހުން މަނާ ކުރާ ކަންތައްތަކޭ އޭނަ ސްޓޭޖްތަކުގެ މަތިން ބުނާ ގޮތުން އެކަން ސާބިތުވޭ…….ބައެއްފަހަރު ހިތަށްއަރާ ވިސާމް މަންމައާ ވާހަކަ ނުދައްކަނީ ހަމަ ރަނގަޅަށޭ. މަންމަގެ ސަބަބުން އޭނަ އެހާވަރަށް ގޯސްވީ. މަންމަ އޭނަ ބުނިބަސް އަހައިގެން މަންސޫރާއި ނުއިންނަމަ މިހެން ނުވީސް. މަންމައަށް ޙައްޤުވާ އަދަބަކީ ބަނޑުއަޅައި ވިހެއި ދަރިފުޅުގެ ރުހުން ދުވަހަކުވެސް ނުލިބުން ކަންނޭނގް.” ރަޝީދާ ރޮވިފައިވާ އަޑަކުން ވާހަކަ ދައްކަމުން ގޮސް އަނެއްކާވެސް ދެލޯ މަރައި ތަގުޅިކޮށް ރަނގަޅަށް ރޯންފެށިއެވެ. އޭނަ އެންމެ ފަހު ޖުމްލަ ބުނެލީ ހިނދު ޝަފަޤް ބޯހޫރުވަމުން އޭނަގެ ކައިރިއަށް ޖެހި އެއްފަރާތަކުން އޭނަގެ ގައިގައި ބައްދާލަމުން ޝަފަޤްގެ ބޯ އޭނަގެ ބޮލުގައި ޖައްސާލިއެވެ. ދެމީހުން އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އެހެން ތިއްބާ ކުއްލިއަކަށް ގޭގެ ދޮރުގެ ތަޅަށް އަނެއްފަރާތުން ތަޅުދަނޑިއެއް ކޮއްޕާލި އަޑު އިވުނެވެ. އެ ތަޅުދަނޑި އަނބުރާލި އަޑަށް ޝަފަޤާއި ރަޝީދާއަށް އެކަކު އަނެކަކާއި ދުރުވެލަމުން އެ ދޮރަށް ބަލަން ތިބެވުނެވެ. މާ ގިނައިރެއްނުވެ ހުޅުވިގެން އެ ދޮރުން ވަނީ ވިސާމް ނޫން ދެވަނަ މީހެއްނޫނެވެ. ވިސާމް ގެއަށް ވަނީ އިސްޖެހިފައި ހުރެއެވެ. އިސްއުފުލާލި ވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ރަޝީދާއާއި ޝަފަޤަށް ވެސްވީ އެކަހަލަ ގޮތެކެވެ. ތިން މީހުންނަށް ހިނދުކޮޅެއް ވަންދެން ތިބި ގޮތަށް ތިބެވުނެވެ. އެ ހިނދު އެ ތިން މީހުންގެ ހިތަށްވެސް ތަފާތު ޝުޢޫރުތަކެއް ވެރިވަމުން ދިޔައެވެ. އެ ވަގުތުކޮޅު ނިމިގެން ދިޔައީ ވިސާމް ރަޝީދާއަށް ވަކިން ބަލާލި ވަގުތު އޭނަގެ ބުމަގޮށްޖެހިގެން ދިޔުމުންނެވެ.  އެއަށްފަހު އޭނަ އެއްވެސް އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި ދޮރު ލައްޕާލިއެވެ. އަދި އެމީހުންނަށް އިތުރަށް ބަލާލުމެއްވެސް ނެތި ގޭގެ ތެރެއަށްދާން ހިނގައިގަތެވެ. ވިސާމްގެ އެ ޙަރަކާތުން ރަޝީދާގެ ލޮލަށް އަނެއްކާވެސް ތާޒާ ކަރުނަތައް ޖަމާވާން ފެށުމުން އޭނަ ކޮޅަށް ތެދުވިއެވެ. އެ މަންޒަރު ފެނިފައި ޝަފަޤް އެއްޗެކޭ ބުނަން އުޅުނުތަނާހެން ރަޝީދާ ގެއިން ނިކުންނަން ދިޔައެވެ. ޝަފަޤަށް މަންމާއޭ ކިޔައި ގޮވާލެވުނު ވަގުތު ރަޝީދާ ދޮރު ހުޅުވާލުމަށްފަހު ގެއިން ނިކުމެގެން ގޮއްސިއެވެ. ޝަފަޤް އަވަސްއަވަހަށް ތެދުވެގެން ގޮސް އެ ދޮރުމައްޗަށް އެރިއިރު ރަޝީދާ އަވަސް ހިނގުމެއްގައި ދިޔައީ ގޭގެ ގޭޓުގެ ކުރިމަތީގައި އޮތް ކާރަށް އެރުމަށެވެ. ޝަފަޤް ދެން ކުރިއަށް ނުދިޔައީ ދެން މަންމަ ކިތަންމެ މަޑުކުރަން އުޅުނަސް މަޑު ނުކުރާނެކަން އެނގުންވުމުންނެވެ. އެހެންކަމުން މަންމަ ކާރަށް އަރައި ކާރު ލޯމައްޗަށް ގެއްލެންދެން ހުރުން ނޫންކަމެއް ޝަފަޤަށް ނުކުރެވުނެވެ.

 

ކޮޓަރި ތެރެއަށް ވަދެ ވިސާމަށް ދޮރު ލައްޕާލެވުނީ ބާރު އަޑަކާއެކީގައެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި އެނދާއި ދިމާލަށް ހިނގައިގަތް ވަގުތު އެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. ދަތްކުނޑި ވިކަމުން އޭނަ ކުއްލިއަކަށް ގޮސް އެނދުގައި އިށީނީ ހަމަޖެހޭތޯއެވެ. އެހެނަސް ދެލޯ މަރައި ދެއަތް ޖޯޑުކޮށް ނިތުގައި ޖެއްސުމުން ވެސް އޭނަގެ ހިތުގައިވި ހައިޖާނަށް ކުޑަވެސް ލުއެއްނައެވެ. އެ އަންހެން މީހާ މިގެއަށް އައީ ކީއްކުރަންތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. ހަމަ އެއާއެކު އޭނައަކީ ޝަފަޤްގެ އެކުވެރިއެއްކަން ވިސާމަށް އެނގުންވިއެވެ. ނަމަވެސް އެދެމީހުން އެކީގައި ރޮވިފައިތިބީ ކީއްވެހެއްޔެވެ؟ އޭނަ ފެނިފައި އެ ދެމީހުން ހުއްޓުންއެރީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ޝަފަޤަށް އޭނަގެ މާޒީގެ ހުރިހާ ވާހަކައެއް އެނގުނީ ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން ވިސާމްގެ އެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަގެ ހިތުގެ ހުރިހާ ޝަކުވާއެއް ބަންޑުންކޮށް ޝަފަޤްގެ އެ އަތުތެރެއަށް ވިރިގެންދާން އެ ހިތް އެދުނީ މި ހުރިހާ ދުވަހު އޭނަ ތަޙައްމަލުކުރި އެކަނިވެރިކަމައް ނިމުމެއް އަންނާނެކަމަށް ބުނަމުންނެވެ. އެ ބުނިބުނުމާއި ގުޅޭފަދަ މަޢުނަވީ ޚިޔާލުތައް ވިސާމްގެ ލޮލަށް ކުރެވެން ފެށި ވަގުތު އޭނައަށް ދެލޯ ހުޅުވާލެވުނީ އިއްޔެ ހެނދުނު އޭނައަށް އައި ފޯންކޯލުގެ މަތިން ހަނދާންވުމުންނެވެ. ހަމަ އެއާއެކު ނޫނެކޭ ކިޔައި އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެއްވެސް މީހަކަށް ބަރޯސާވެ މީހެއްގެ އަތްދަށުވެގެން އޭނަ ދެނެއް ނުއުޅޭނެއެވެ. އެއްވެސް މީހެއްދެކެ ލޯބިވެގެން އުޅޭހިތުންނެއް އޭނަ ނުއުޅެއެވެ. ކުރީ ފަހަރު އޭނަ އަތުން ހުރިހާ އެއްޗެއް ބީވެގެން ދިޔައީ އެވީ ލޯތްބެއްގެ ސަބަބުންނެވެ. ނަމަވެސް އޭނަ ދެން އެ ކުށް އަނެއްކާ ތަކުރާރެއް ނުކުރާނެއެވެ. އޭނަ ހުންނާނީ އެންމެ ކައިރީގައި ތިބޭ މީހުންގެ ފަރާތުން ލިބޭނެ ކެއްސަކަށް ވެސް ތައްޔާރުވެގެންނެވެ. އޭރުން ޙަޤީޤަތް ފާޅުވާއިރު އޭނަގެ މެއަށް އެހާވަރަށް ތަދެއް ނުވާނެއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ވިސާމްގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އެއާއެކު އޭނަ އަނެއްކާވެސް ކޮޅަށް ތެދުވީ ކެރިގެން ދުނިޔެއާއި ކުރިމަތިލުމަށެވެ.

 

ވިސާމްގެ އެ “ސާބިތުކަމުގެ” ނަތީޖާއަކަށްވެގެން ދިޔައީ އޭނަ ޝަފަޤާއި ދުރުވެ ބަސްމަދުވުމެވެ. އެދުވަހު ހެނދުނު ގެއަށް އައިސް އޭނަ ސައިވެސް ބުއީ ހިމޭންކަމާއި އެކީގައެވެ. ޝަފަޤް ވެސް އިނީ އޭނައަށް ވިސާމާއި ބެހޭ ގޮތުން އެނގިފައިވި ޙަޤީޤަތްތަކުގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެދުވަހު އަނބުރާ އޮފީހަށް ގޮސް ހަވީރު ގެއަށް އައިސްފައި ވެސް ވިސާމް ހަމައެކަނި ވާހަކަ ދެއްކީ މިޝްކާއާއެވެ. އެއީ ކީއްވެކަމެއް ޝަފަޤަށް ޔަޤީނެއް ނުކުރެވުނެވެ. އޭނައަށް ހީކުރެވުނީ ވިސާމް އޭނައަށް ނުރުހުންވީ ވިސާމް ނަފްރަތު ކުރާ މީހެއްގެ ކައިރީގައި އޭނަ އިންތަން ފެނިފައި ކަމަށެވެ. އިއްޔެ ހެނދުނު ވިސާމްގެ ތަބީޢަތް ގޯސް ކުރުވި ފޯންކޯލުގެ މަތިން ވެސް ޝަފަޤް އިރުއިރުކޮޅާއި ހަނދާންވިއެއްކަމަކު ވިސާމް ނުރުހުންވާންވީ މައިގަނޑު ސަބަބަކީ މަންމަ ކަމަށް އޭނައަށް ނިންމުނެވެ.

 

 

ޝަފަޤަށް ނޭނގުނު ކަމަކީ އެ ފޯންކޯލުގެ ސަބަބުން ވިސާމް އަނެއްކާވެސް އޭނަގެ ކުރީގެ ދިރިއުޅުމަށް ދާން ޢަޒުމް ކަނޑައެޅިކަމެވެ. އަދި ޝަފަޤަށް ސިއްރުން އާ އަލްބަމެއް އުފެދުމަށްޓަކައި ވިސާމް އާ ލަވަތައް ލިޔަން ފެށިކަމެވެ. ނަމަވެސް އެ ސިއްރު ސިއްރެއްގެ ގޮތުގައި މާ ގިނަ ދުވަހު ދެމިއެއް ނޯތެވެ.

 

އެއްރެއަކު ވިސާމް އާދައިގެ މަތިން ޝަފަޤް ނިދުމުން އޭނަ ލަވަ ލިޔުމުގެ މަސައްކަތް ކުރާ ކޮޓަރިއަށް ދިޔައެވެ. އަރިދަފުސް ރޯގާގެ ސަބަބުން އެރޭ އޭނަ އިރުއިރުކޮޅާ ކެއްސައި ކިނބިސް އެޅެމުން ދިޔައެވެ. ހުން އައުމުގެ ސަބަބުން އޭނަގެ ގައިގައި ވެސް ރިއްސަމުން ދިޔައެވެ. އެދުވަހު މެންދުރު ޑޮކްޓަރަށް ދައްކައި ބޭސް ކެއެއްކަމަކު އެރޭ ވީއިރުވެސް އޭނަގެ ބަލި ޙާލަތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އެހެނަސް އޭނަ ކިޔަވާ މޭޒުދޮށުގައި އިށީނދެ އާ ޅެމެއް ލިޔަން ފެށީ ޢަޒުމް ވަރުގަދަ ކުރަމުންނެވެ. ބައިގަޑިއިރެއް ވަންދެން އޭނައަށް އެއްވެސް އުނދަގުލެއްނެތި އޭނަގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް ޅެމުގެ ތިންވަނަ ބައިތު ލިޔަން އުޅުނުތަނާހެން އޭނަ ކުއްލިއަކަށް ކުރުވެގެން ދިޔަ ނޭވާއަކާއެކީ ބާރަށް ކެއްސަން ފެށިއެވެ. ސިކުންތުކޮޅެއްވުމުން ވެސް ކެއްސުން ހެޔޮ ނުވުމުން ވިސާމް އެކޮޓަރި ތެރެއިން ފެންފުޅިއެއް ފެނޭތޯ ހޯދިއެވެ. ފެންފުޅިއެއް ނުފެނުމުން ވިސާމްގެ ހިތަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ. މިއީ އޭނަގެ ނިމުންތޯ ހިތަށްއެރި ހިނދުކޮޅު އޭނައަށް ކޮޅަށް ތެދުވެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ކެއްސުން ހުއްޓުމުން އޭނައަށް ކުޑަކޮށް ނޭވާލުމުގެ ފުރުޞަތެއް ލިބުނެވެ. އެއަށްފަހު އަނެއްކާވެސް ކެއްސަން ފެށިއެއްކަމަކު އިހުނަށްވުރެ ކުޑަކޮށް ރަނގަޅުވިކަން އޭނައަށް ފާހަގަ ކުރެވުނެވެ. ނަފްސަށް ލިބުނު ހަމަޖެހުމާއެކު ވިސާމް އޭނަގެ ހިތް ދެންމެ ބިރުގަތް ކަމަށްޓަކައި އެ ހިތަށް މަލާމާތް ކުރިއެވެ. އަދި ބަދިގެއާއި ދިމާލަށް މިޞްރާބުޖެހީ ކެއްސުން ރަނގަޅު ކުރުމަށްޓަކައި ހޫނު ފެން ތަށްޓެއް ބޯލުމަށެވެ. އެ ކޮޓަރިން ނިކުމެ ބަދިގެއަށް ދިޔަ މަގުމަތީގައި ވެސް އޭނަ ކެއްސަން ފެށުމުން އޭނަ އަނެއްކާވެސް ނުތަނަވަސްވާގޮތް ވިއެވެ. ކައިރީގައި ހުރި އޭނައާއި ޝަފަޤްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ވިސާމް ބަލާލީ އެ ނުތަނަވަސްކަމާއި އެކީގައެވެ. އެހެނަސް ޝަފަޤް އޮންނާނީ އޭނަގެ އަޑު އިވޭވަރަށްވުރެ ފުން ނިންޖެއްގައި ކަމަށް ނިންމަމުން ވިސާމް ކުރިއަށް ދިޔައެވެ.

 

ވިސާމަށް ހީވީ ރަނގަޅަކަށް ނޫނެވެ. އޭނަގެ ކެއްސުމުގެ އަޑު ކޮޓަރީގެ ކައިރިން އިވިފައި އެނދުގައި އޮތް ޝަފަޤްގެ ދެލޯ ހުޅުވުނެވެ. އޭނަ ދެވަނަ ފަހަރަށް ކެއްސާލި އަޑަށް ޝަފަޤަށް ލުއްކެއްޖަހައި ތެދުވެ ކޮޓަރީގެ ދޮރާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ވިސާމްގެ ފިޔަވަޅުތަކުގެ އަޑު ފޭދެމުން ދިޔަކަން ފާހަގަވުމުން ޝަފަޤް އެނދުން ފޭބިއެވެ.

 

ވިސާމް ބަދިގެއަށް ގޮސް ބޮކި ދިއްލާލުމެއްނެތި އެތާ ކައުންޓަރު މަތީގައި ހުރި ވާރޭ ފެން ޖަގު ނަގައި ކައިރީގައި ހުރި ފެން ހޫނުކުރާ ކުރައަށް އަޅާލިއެވެ. ބޮކި ނުދިއްލިޔަސް އާދައިގެ މަތިން ފެންލައިޓުން ވަންނަމުން ދިޔަ އަލީގެ ސަބަބުން އެތަން ފުދޭވަރަކަށް އައްޔެވެ. ފެން އަޅާލުމަށްފަހު ސްވިޗް އޮން ކޮށްލަމުން ވިސާމް ފުން ނޭވައެއް ދޫކޮށްލީ އެވަގުތުކޮޅަށްޓަކައި ކެއްސުން މުޅިން ރަނގަޅު ވުމުންނެވެ. ފެން ހޫނުވުމުގެ އިންތިޒާރުގައި ހުއްޓާ އޭނަ ސިހިގެން ދިޔައީ ކުއްލިއަކަށް މީހަކު ވާހަކަ ދެއްކި އަޑު އިވުމުންނެވެ.

 

“އަދިވެސް ރަނގަޅު ނުވަނީތަ؟” ޝަފަޤްގެ މަޑުމައިތިރި އަޑަކުން ކޮއްލި ސުވާލުން ވިސާމަށް ސިއްސައިގެން ގޮސް ބަދިގޭގެ ހުޅުވާލެވިފައި ހުރި ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެތާހުރި ޝަފަޤް ސީރިއަސްކަމާއެކީ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ވިސާމް ހޫންލައްވާލިއެވެ.

 

“ކަޅު ސައި ތަށްޓެއް ހަދައިދެންތަ؟” ޝަފަޤް އެހެން އަހާލީ މާޔޫސްވެފައިވާ ހިތަކާއެކީގައެވެ. އޭނައަކީ އަބަދުވެސް ތިމަންނަ އެހީއެއްވަންތޯ އެހުމެއްނެތި އެހީވުމަށްޓަކައި އޭނައަށް ވެވެން އޮތްހާ ކަމެއް ކޮށްދޭ މީހެކެވެ. އެހެނަސް މިއަދު ހަވީރު އޭނަ ވިސާމަށްޓަކައި ސައި ތަށްޓެއްގެ ތެރެއަށް ލުނބޯއާއި މާމުއި އަޅައިގެން ކޮޓަރިއަށް ގެންދިޔުމުން ވެސް އޭތި ފިނި ވީއިރު ވެސް ވިސާމްގެ ކިޔަވާ މޭޒުމަތީގައި އޭތި ހުރި ގޮތަށް ހުއްޓެވެ. ވިސާމް އޭތި ނުބުއީ އޭތި އޭނައަށް ނުބައިވުމުން ކަމަށް ޝަފަޤަށް ފުރަތަމަ ނިންމުނެވެ. އެހެނަސް ވިސާމް އޭނައަށް ނުރުހުންނުވާނަމަ އެ ވާހަކަ ވިސާމް އޭނަގާތު ބުނާނެއޭ ޝަފަޤްގެ ހިތް ބުންޏެވެ. މަންމައާއި ބައްދަލުކޮށްގެން އޭނައަށް ކުރެވުނީ ހަމަ އެހާވެސް ބޮޑު ކުށަކީ ހެއްޔެވެ؟ އެހެންނޫނީ އޭނައަށް ނޭނގި އޭނައަށް ވިސާމް ރުޅިވާފަދަ ކަމެއް ކުރެވުނީ ހެއްޔެވެ؟ ހިތަށް ވެރިވެގަތް ސުވާލުތަކެއްގެ ސަބަބުން ވިސާމްގެ ފަރާތުން ޖަވާބެއް ލިބުނުއިރު އެއަށްވެސް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ވިސާމް އެއްޗެކޭ ބުނިހެން ހީވުމުން ޝަފަޤަށް އަވަސްއަވަހަށް ކީކޭތޯ އަހާލެވުނެވެ.

 

“ބޭނުންވަންޏާ އަހަރެން އަމިއްލައަށް ހަދާފާނަމޭ.” ވިސާމް ޝަފަޤަށް ބަލާލުމެއްނެތި ބުނެލިއެވެ. އެވަގުތު ފެން ކައްކާ ޖަގުން ދުން އަރަން ފެށުމުން ވިސާމް އޭގެ ސްވިޗް އޮފްކޮށްލިއެވެ. އޭނަގެ ޙަރަކާތްތަކަށް ބަލަން ހުރި ޝަފަޤްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. އޭނަ ހުއްޓާވެސް ވިސާމް އެކަނިވެރިވާން ބޭނުންވަނީ ކީއްވެތޯ އޭނަ އަހާލަން ބޭނުންވިއެވެ. ނަމަވެސް އެކަމަށްޓަކައި ހިތްވަރެއް ނުލިބުމުން ޝަފަޤް ވިސާމަށް ފަސްދީފައި ދާން އުޅުނެވެ. އެހިނދު ވިސާމް ފެން ޖަގުން ހޫނު ފެން ތަށްޓަކަށް އަޅަން އުޅުނު ވަގުތު އޭނަ ކެއްސަން ފެށުމުން ޖަގުން އައި ފެނުގެ ބޮޑުބައެއް ތަށީގައި ހިފަހައްޓައިގެން ހުރި އޭނަގެ އަތަށް އެޅުނެވެ. އަތުން ނެގި ގަދަ ދިލައިގެ ސަބަބުން ވިސާމްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ. ދުރުން މަންޒަރު ބަލަން ހުރި ޝަފަޤަށް ވީގޮތް ނަގައިގަނެވުނު ތަނާހެން އޭނައަށް ދުވެލާފައި ވިސާމްގެ ކައިރިއަށް ދެވުނެވެ. އަދި ވަގުތުން ކަބަޑެއްގެ ތެރެއިން ކުޑަ ލޯގަނޑެއް ނަގައި އެތާހުރި ސިންކުގެ އިސްކުރު ދޫކޮށް އެއަށް ފެންއެޅިއެވެ. އެއަށްފަހު އޭތި ވިސާމްގެ ކުރިމަތީގައި ބަހައްޓައި ދެވަނަ ވިސްނުމެއްނެތި ވިސާމްގެ އަތުގެ މުލައްދަނޑީގައި ހިފައި ގެނެސް އެ އަތްތިލަ ފެނުގެ ތެރެއަށް ކޮއްޕާލިއެވެ. ފިނި ފެނުގެ ތެރޭގައި ވިސާމްގެ އަނދަމުން ދިޔަ އަތް ޖެހުމުން އެ އަތަށް ފިނިވެގެން ދިޔައެވެ. ޝަފަޤަށް ބަލާލެވުނު ވަގުތު އެ މޫނުމަތިން އޭނައަށްޓަކައި ކަންބޮޑުވުމެއް ފެނިފައި ވިސާމްގެ މެއަށް ވެސް ފިނިވިހެން އޭނައަށް ހީވިއެވެ.

 

ވިސާމްގެ ހިތަށް ހަމަޖެހުމެއް ލިބުނު ވަގުތު އިސްޖެހިފައި ހުރި ޝަފަޤްގެ މޭތެރޭގައި ހިތްދަތި އިޙްޞާޞްތަކެއް އުފެދެން ފެށިއެވެ. ވިސާމަށް އަނިޔާއެއް ލިބުމުން އޭނަ މިހާ ދެރަވެދާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް ފެނުގެ ތެރެއިން ރަތްވެފައި ހުރި ވިސާމްގެ އަތް ފެނިފައި ޝަފަޤްގެ ދެލޯ ކަރުނުން ފުސްވިއެވެ. މާޒީގައި މެހެނާޒް ވިސާމް އެކަނި ދޫކޮށްލާފައި ދިޔުމުން ވިސާމް އެކަނިމާއެކަނި ތަޙައްމަލްކޮށްފައިވާނީ މިފަދަ ކިތައް ޒަޚަމްތޯ ޝަފަޤްގެ ހިތް ސުވާލުކުރި ވަގުތު އެ ލޮލުން ކަރުނައެއް ފައިބައިގެން ގޮސް ފެނުގެ ތެރޭގައި ޖެހި އެ ފެނުގައި ކުދިކުދި ރާޅުބާނީތަކެއް ނެގިއެވެ. ހަމަ އެހިނދު އޭނައަށް ހީވީ ސިކުންތުކޮޅެއްގެ ތެރޭގައި ވިސާމްގެ މާޒީ އޭނަގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައީ ހެންނެވެ. އެންމެ ފަހަކަށް ޝަފަޤްގެ ކަންފަތުގައި ގުގުމާލީ ރަޝީދާގެ ރޮވިފައިވާ އަޑެވެ. އެއާއެކު ޝަފަޤްގެ ހިތް އިތުރަށް ދެރަވިއެވެ. ވިސާމް މެހެނާޒަށް ނަފްރަތު ކުރީ ޙައްޤު ގޮތުގައެވެ. އެހެނަސް ވިސާމް މަންމައަށް ނަފްރަތު ކުރަނީ އޭނަ އޮޅުމެއްގެ ތެރޭގައި ވާތީވެއެވެ. އޮޅުމެއްގެ ސަބަބުން އެތައް އަހަރެއް ވަންދެން މީހަކާއި ވާހަކަ ނުދައްކާ ހުރުމަކީ ހާދަ ބޮޑު ނާއިންސާފެކެވެ. މިހާތަނަށް އައިއިރު މަންމަ ވިސާމަށް ޙަޤީޤަތް ކިޔައިދިނުމުން ވެސް ވިސާމް ޤަބޫލު ނުކުރީތާއެވެ. އެއާއެކު އޭނަ ޙަޤީޤަތް ހާމަ ކޮށްފިނަމަ ވިސާމް ޤަބޫލުކުރާނެތޯ އޭނަގެ ހިތަށްއެރިއެވެ. އެ ހިނދު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ވިސާމް….” ޝަފަޤް އުއްމީދު ކުރި ގޮތާއި ޚިލާފަށް އޭނައަސް ވައި އަޑުން ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ވިސާމް ޝަފަޤަށް ބަލަން ހުރީ ޙައިރާންކަންމަތީގައެވެ. އޭނަ އިހަކަށް ދުވަހު ދިމާވި މި އަންހެން ކުއްޖާ އޭނައަށްޓަކައި މިހާބޮޑަށް ހިތާމަކުރާ ކަމަށްޓަކައެވެ. އެހެނަސް އޭނައަށް ދެންވެސް ޝަފަޤް އިތުރަށް ބުނާނެ އެއްޗަކަށް އިންތިޒާރު ކުރެވުނެވެ.

 

“ވިސާމް، އަހަންނަށް އެނގޭ. އަހަންނަށް އެނގިއްޖެ ވިސާމްގެ ޙަޔާތުގައި މިހާތަނަށް ހިނގިހާ ކަންތައްތައް. އެނގިއްޖެ ވިސާމް ތަޙައްމަލުކުރިހާ ވޭނާއި ކެކުޅުންތައް. އެނގިއްޖެ ވިސާމަށް ދެން އެއްވެސް މީހަކަށް އިތުބާރުކުރަން ދަތިވާނީ ކީއްވެކަން ވެސް.” ޝަފަޤް އިސްޖެހިފައި ހުރެ ރޮވިފައިވާ އަޑަކުން ވާހަކަ ދައްކަމުން ގޮސް ކަރުނުން ފުރިގެންވި ދެލޮލުން ވިސާމަށް ބަލާލިއެވެ. އެ ނަޒަރުން ވިސާމަށް އުނދަގޫވެގެން އިސްޖަހާލެވުނެވެ. ދެންމެ އެ އިވުނު ބަސްތަކުން އެ ނަޒަރަކީ އޭނަގެ ހުރިހާ ބަލިކަށިކަމެއް ދަންނަ ވެރިއެއްގެ ނަޒަރުކަން އެނގުންވުމުންނެވެ. އެހެނަސް ޝަފަޤަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއްތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. މާ ގިނައިރެއްނުވެ ރަޝީދާއާއި ޝަފަޤް އެކީގައި ތިބި މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން ވިސާމަށް ވީގޮތް ނަގައިގަނެވުނެވެ.

 

“ވިސާމް ވަރަށް ހިތްވަރުގަދަ. އަހަރެން ވިސާމްގެ މަޤާމުގައިވިނަމަ އަހަންނަށް އެ ހުރިހާ ކަމަކަށް ކެތްނުކުރެވުނީސް.” ޝަފަޤް ކުރެހިފައިވާ އަޑަކުން އެވާހަކަ ބުނެލިއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ. ފުރަތަމަ ފަހަރަށް މީހަކު އޭނަގެ ކެތްތެރިކަމަށްޓަކައި ތަޢުރީފުކުރުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހަމަ އެއާއެކު އެފަދަ ގޮތަކަށް އޭނައަށް ތަޢުރީފު ކުރާނީ އޭނަދެކެ ލޯބިވާ ހިތެއްކަމަށް އޭނަގެ ހިތް ބުނެފިއެވެ. އަނެއްކާވެސް ވަރުބަލިވެފައިވި އޭނަގެ އެ ހިތް ވަކި ކޮޅަކަށް ލެނބެން ފެށިއެވެ. އެހެނަސް ޝަފަޤް ދެން ދެއްކި ވާހަކައަކުން އެކަން ބަދަލުވާން ނެގީ ހިނދުކޮޅެކެވެ.

 

“ވިސާމް….މަންމަ ވަރަށް ދެރަވޭ ވިސާމް މަންމައާ ވާހަކަ ނުދެއްކީމަ. އަސްލު މަންމަ ބައިވެރިއެއްނުވެއޭ މިޝްކާއަށް ނުބައެއް ހެދުމުގަ. މަންމަ އުޅުނީ އެކަން ހުއްޓުވަން. ވިސާމް އެދުވަހު ދެއްކި ވާހަކަތައް މަންމަ އަދަށްދާންދެން ވެސް ހަނދާން އެބަހުރި. އެކަމަކު އެއީއެއްނޫންދޯ އަހަރުމެންގެ މަންމަމެން އަހަރުމެންނާ ބެހޭގޮތުން ހުންނަންޖެހޭ ހަނދާންތަކަކީ؟” ޝަފަޤް ވިސްނައިދޭން އުޅޭފަދައަކުން ސުވާލެއްކޮށްލިއެވެ. އިސާހިތަކު ވިސާމްގެ މޫނުމައްޗަށް އަނެއްކާވެސް ނުރުހުންތެރިކަން ވެރިވުމުން ޝަފަޤް އޭނަގެ ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އެހެނަސް އެއީ ނުކުރެވޭނެކަމެއްކަން އެނގުންވީ ހިނދު ވިސާމް ކުއްލިއަކަށް ފެނުގެ ތެރޭގައިވި އޭނަގެ އަތް ދަމައިގަތެވެ. ޝަފަޤް އެފަދަ ކަމަކަށްޓަކައި ތައްޔާރުވެގެން ނެތީތީ ވިސާމްގެ އަތް އޭނަގެ އަތުން ވީއްލިގެން ދިޔައެވެ. ޝަފަޤަށް ވިސާމާއި ދިމާލަށް ރަނގަޅަށް ބަލާލެވުނު ވަގުތު ވިސާމް އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެވަގުތު އަނދިރީގެ ތެރެއިން ވިސާމްގެ ތެމިފައިވާ ވާތު އަތަށް އަލިއެޅުނު ވަގުތު އެ އަތް އަދިވެސް ރަތްވެފައިވިތަން ފެނިފައި ޝަފަޤަށް ވިސާމްގެ ނަމުން ގޮވާލެވުނެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ވިސާމް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ޝަފަޤަށް ބަލާލިއެވެ. އެހެނަސް އޭނައަށް ވާހަކަ ދެއްކުމުގެ ފުރުޞަތެއް ނުދިނެވެ.

 

“އެ ހުރިހާ ކަމަކަށްފަހު ވެސް އެ އަންހެނާ ޔަޤީންކުރި ދޯ އަހަރެން ގޯސް ކުރެވޭތޯ؟” ވިސާމް އެހެން ބުނެލީ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ތުރުތުރު އަޅާ އަޑަކުންނެވެ. ޝަފަޤް ބޯހޫރުވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ވިސާމް އަނެއްކާވެސް އޭނައަށް ފަސްދީ ހިނގާފައި ގޮސް ބަދިގެއިން ނިކުތެވެ. އެ މަންޒަރު ބަލަން ޝަފަޤަށް ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ވިސާމް ދެންމެ އެ ކުރި ސުވާލުން އޭނަ އެއްގޮތަކަށް ވެސް އަމިއްލަ ކުށާއި އިޢުތިރާފުވާން ބޭނުންނުވާކަން ޝަފަޤަށް އެނގުންވިއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއްނޫނެވެ. އެ ވާހަކަ އޭނަ ޖެހޭނީ ރީތި ބަހުން ބުނެދޭށެވެ. އެ ޚިޔާލާއެކީ ޝަފަޤް ވެސް ބަދިގެއިން ނިކުމެ ވިސާމްގެ ފަހަތުން ދާންފެށިއެވެ. އެހެނަސް ވިސާމް އެމީހުންގެ ކޮޓަރި ފަހަނަޅައި ދާންފެށުމުން ޝަފަޤަށް ޙައިރާންކަމެއް ލިބުނެވެ. އޭނަ އެއްޗެކޭ ނުބުނެ ވިސާމްގެ ފަހަތުން ގޮސް އެންމެ ފަހަކަށް ވިސާމް ވަތް ކޮޓަރީގެ ދޮރާއި ހަމަވީތަނާހެން ޝަފަޤްގެ ފައިގައި ތަޅުއެޅުވުނު ފަދައެވެ. އޭނައަށް ފުރަތަމަ ފަހަރަށް އެތެރެ މިފެނުނު އެ ކޮޓަރީގެ ވަށައިގެން ފެނުނު މަންޒަރުން ޝަފަޤަށް ދެލޯ ބޮޑުކޮށްލެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އެހާ ގިނަ މިޔުޒިކު ކުޅޭ ސާމާނު ހަމަ ލޮލަށް ފެނުމުން ޝަފަޤްގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަގެ ލޮލަށް ފެނުނީ ހަމަ އެކަނި އެ ސާމާނެއްނޫނެވެ. ވިސާމް އެ ކޮޓަރި ތެރެއަށް ގޮސް ކިޔަވާ މޭޒު ދޮށުގައި އިށީނުމުން އޭނަގެ އަލަތު ޒަވާޖީ ޙަޔާތް ބަރުބާދުވެގެން ދާނެ ގޮތް ވެސް ޝަފަޤްގެ ލޮލަށް ސިފަވެގެން ދިޔައެވެ. އޭނަގެ ފިރިމީހާ ހިތުން ރުހުމުން އެއިނީ ﷲ ގެ ހަނދުމައިން ދުރުކޮށްދޭ ވަޞީލަތްތަކުގެ މެދުގައެވެ. ވީއިރު މި ޒަވާޖީ ޙަޔާތުގައި ބަރަކާތެއްވާނީ ކިހިނަކުން ހެއްޔެވެ؟

 

“ވިސާމް….” ޝަފަޤަށް މިފަހަރުވެސް ގޮވައިލެވުނީ ވައި އަޑުންނެވެ. އެ އަޑަށް ވިސާމް އޭނަގެ މޭޒުދޮށުގައި ހުރެ ޝަފަޤާއި ދިމާލަށް ބަލާލިއެވެ.

 

“ޙައިރާންނުވާތި. މިއީ ޝަފަޤް މިގެއަށް އައިއިރުވެސް ހުރި ކޮޓަރިއެއް. އަހަރެން އެންމެ އެއްޗެއްވެސް ބޭރު ނުކުރަން މިތަނުން. އެންޑް……އަހަރެން މި އުޅެނީ އާ އަލްބަމެއް ނެރެން.” ވިސާމް އެންމެ ފަހު ޖުމްލަ ބުނެލީ ޝަފަޤްގެ މޫނުން ނަޒަރު ވަކިކޮށްލަމުންނެވެ. އޭނަ ޙަޤީޤަތް ފާޅުކުރީ އޭގެ ނަތީޖާއާއިމެދު ވިސްނާލުމެއްނެތިއެވެ. ކޮންމެ ގޮތެއްވިޔަސް މި ގުޅުމުގައި ބާރު އޮތީ އޭނައަށްކަން އޭނަ ދައްކާލަން ބޭނުންވީތީވެއެވެ. އެހެނަސް ޝަފަޤް މިފަދަ ކަމެއްގައި އޭނައަށް ބާރެއްދޭ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

 

“ވިސާމް، އަހަރެން ވިސާމާއި އިނީވެސް ވިސާމް ތިކަން އެއްކޮށް ދޫކުރީ ކަމަށް ހީކޮށް. އެކަމަކު……” ޝަފަޤްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ.

 

“އޮހް ޕްލީޒް! މިކަމުން އަހަރުމެންގެ ކައިވެންޏަށް ނޭދެވޭ އަސަރެއް ކުރާނެހެން ހީވަންޏާ އެއީ ތި އަމިއްލަ މީހާގެ މައްސަލައެއް. އަމިއްލައަށް ވެސް މިކަމާ ޤަބޫލުވުން އެންމެ ރަނގަޅުވާނީ. އޭރުން މައްސަލަތައް މަދު ދިރިއުޅުމެއް އުޅެވޭނީ.” ވިސާމް ހިސާބެއްގެ ރުޅިވެރިކަމަކީ ޝަފަޤަށް ބަލާލަމުން ބުނެލިއެވެ. ޝަފަޤް ކިތަންމެ ބޭނުމެއްނުވިޔަސް އޭނަ ވެސް ނުރުހުންވާ ގޮތްވިއެވެ. ﷲ ރުހިވޮޑިގެންނުވާ ކަމަކަށްޓަކައި މީހަކު އޭނަގެ ކުރިމަތީގައި ވަކާލާތު ކުރާ ކަމަށްޓަކައެވެ. އެހެނަސް އޭނަ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން އޭނަގެ އަޑު ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ.

 

“ތިކަމާ އަހަރެން ޤަބޫލުވެގެން މައްސަލަތައް މަދުވާނެ ކަމަށްވަންޏާ ކީއްވެ ވިސާމްގެ ކުރީގެ ކައިވެނި ނާކާމިޔާބުވީ؟” ޝަފަޤް ހިތާމަވެރިކަމާއި ނުރުހުންތެރިކަން އެކުލެވޭ މޫނަކާއެކީ ރާގަކަށް ސުވާލުކުރިއެވެ. އެ ސުވާލުން ވިސާމް ހުއްޓުން އެރިގޮތުން އޭނައަށް އެކަމާމެދު ހިނދުކޮޅަކަށް ވިސްނުނުކަން ޝަފަޤަށް އެނގުންވިއެވެ. އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި ވިސާމްގެ މޫނު ރުޅިން ރަތްވެ އޭނަ ކޮޅަށް ތެދުވެލީ ގޮތުން ޝަފަޤްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ.

 

“ނާކާމިޔާބުވީ މިކަމުގެ ސަބަބުންނެއްނޫން! ނާކާމިޔާބުވީ އަންހެނެއްގެ ސަބަބުން. އެކަމަކު ދެން އެހެންވިޔަކަ ނުދޭނަން. މަށަށް ވަރިހަމަ ކަލޭ އެހެން ފިރިހެނަކާއެކީ ނަށަން ދިޔަޔަސް. މަށަށް ވަރިހަމަ ކަލޭ އެހެން ފިރިހެނެއްގެ ގޭގައި ނިދިޔަސް. އެއްވެސް އެއްޗެކޭ އަހަރެންގެ ހިތަކަށް ނާރާނެ. މިހާރު އަހަރެން ދަސްކޮށްފިން އެއްވެސް ކަމެއް އިޙްޞާޞް ނުކުރަން. އެ ނޫންގޮތަކަށް އަހަންނަށް އުޅެވޭކަށްނެތް.” ވިސާމް ޝަފަޤްގެ ކައިރިއަށް ގޮސް ހަރުއަޑުން ދެއްކި ވާހަކަތަކުން ޝަފަޤް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވިސާމް އޭނަގެ ބޮލުގައި އެ އެޅުވީ ކޮންފަދަ އިލްޒާމްތަކެއް ހެއްޔެވެ؟ އެހެނަސް އޭނަ އެވާހަކަތައް އެ ބުނީ ޖަޒުބާތުގައި ޖެހިގެންކަން ޝަފަޤަށް ނިންމުނެވެ. ވިސާމް ކުރީގައި އޭނައާއި މިގޮތަށް ވާހަކަ ދައްކާފައެއްނުވެއެވެ. އޭނައަކީ އެއްވެސް އިޙްޞާޞެއްކުރަން ބޭނުންނުވާ މީހެއްހެނެއް ވެސް ކުރިން ހީވެފައެއްނެތެވެ. މިގޮތަށް ކަންތައް ބަދަލުވީ އަނެއްކާ އެ ފޯންކޯލުގެ ސަބަބުންބާއޭ ޝަފަޤްގެ ހިތަށްއެރިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ވިސާމް އޭނައަށް ފަސްދީފައި ކޮޓަރިން ނިކުތެވެ. އެހެނަސް ވިސާމަށް މާ ދުރަށް ނުދެވެނީސް ޝަފަޤަށް އޭނައަށް ގޮވާލެވުނެވެ.

 

“ވިސާމް! އެދުވަހު ގުޅީ ކާކު؟” ޝަފަޤް ހުރިތާހުރެ އެހެން އަހާލުމުން ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

ނުނިމޭ

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

އެވިއްސާރަ ރޭ… ފުރަތަމަބައި

Next

މަލަކާ (10ވަނަ ބައި)

Next
January 8, 2017

މަލަކާ (10ވަނަ ބައި)

Previews
January 7, 2017

އެވިއްސާރަ ރޭ… ފުރަތަމަބައި

20 Comments

  1. Jana says:
    January 7, 2017 at 11:20 pm

    Assalam’alaikum. mirey ves fudheyvarakah dhanvejje dho? ekamaku ihunavvure thankolheh avas vefa dhigukohdhevuneema ufaavejje Alhamdhulillah! 😀 kuruhen heevedhaane manzaruthah madhuveema. dhen anna baegga manzaruthah gina kureveytho balaanan In Sha Allah. hurihaa kiyuntherinves mi page ah ziyaaraiy koh post thah kiyaalun edhen In Sha Allah 🙂 adhi faidhaa eh kuriyya e naseyhaiy thah ekuverinnaa ‘aailaa aa ves hissa kurun edhen In Sha Allah 🙂

    https://www.facebook.com/Asr-1445208739121696/

  2. Chum handi says:
    January 7, 2017 at 11:40 pm

    wow.. it’s awsome.. Masha Allah… when next part?

    1. Jana says:
      January 8, 2017 at 1:53 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 next part monday ga In Sha Allah 🙂

  3. Freedom says:
    January 7, 2017 at 11:53 pm

    Maasha Allah , vvv reethi, ekamaku maabodah kuree, alhe thankolheh dhih Kohli nama.

    1. Jana says:
      January 8, 2017 at 1:56 pm

      Word count ah balaairu hama ehen episode thakaa gaaigandakah evvaru 🙂 dhen faharakun manzaruthah gina kureveytho balaanan In Sha Allah 🙂 Alhamdhulillah!

  4. lidhoo says:
    January 8, 2017 at 2:41 am

    Varah furihama varah varah reethi konirakun next part

    1. Jana says:
      January 8, 2017 at 1:56 pm

      Alhamdhulillah! 🙂 next part monday ga In Sha Allah 🙂

  5. Kudakamana says:
    January 8, 2017 at 5:04 am

    Jana dhoonya jazakallah khairan. Alhe mi part up veytho ovva nidhunee viyya, dhen adhi kiriyaa kiyaalevey varu mivee, masha allah varah reethi mi part ves, next part monday ga dho, thanfukeh avas kurahchey next part,

    1. Jana says:
      January 8, 2017 at 2:00 pm

      Barakallah Laki! 🙂 alhey kudakamana, nidhunu vaahaka bunyma ves avahah up kuran beynun vejje. monday ge part avas kureveytho balaanan In Sha Allah 🙂

  6. sHaHoO says:
    January 8, 2017 at 6:17 am

    Maasha allah. I luv dis story??

    1. Jana says:
      January 8, 2017 at 2:02 pm

      Alhamdhulillah! 🙂 <3

  7. vv sad says:
    January 8, 2017 at 1:11 pm

    visam aai shafag aai dhemedhu dhekevey vaahaka madhukan faahanga kurevey. abadhu ekaku huri thanakun anekaku dhaanee. baeh faharu ehenvias kaiveni koggen ehge ehga ulhey iru vaahaka dhekken jehy v gina faharu thah hunnaane. mi kamaa medhy jana visnaane kamh heekuran. e dhemeehunge eh scene eh hen heevenee kiyenee abadhu egothah vaathy.

    1. Jana says:
      January 8, 2017 at 2:13 pm

      hmm….jana ves mihaaru visnaaleema engijje aslu ehthankolheh maa bodah repeat vaakan. ekamaku jana eyge therein ekaku dhurah dhaa vaahaka liyefa hunnaany varah overwhelm vaa haalaiy thakuga. dhen ithurah vaahaka dhakkan nukulhedhey fadha haalaiy thakuga. edhemeehunge dhemedhuga gulhun rangalhu viyehnu dho kaivenyah fahu dhuvaskolheh fahun? e phone call ahfahu anekkaaves tension eh verivegen miulheny. komme gothevviyas jana thikamaa medhu visnaalaanan. thiya kiyuntheriyaa ah jana ahvure bodah marriage life aa behey gothun engeyhen heevany. 🙂 ehenveema thi nukuthaa balaigannaanan In Sha Allah 😀

    2. Kudakamana says:
      January 9, 2017 at 10:20 am

      Aslu ahannah heevanee e dhemeehunge scene thah varah real hen, coz tension ga ulheyiru ehen aharumenves ulheny, magey life ga varah vaagotheh e, ehen noonas firimeeha egothah vai vejjeyyaa dhen enimunee, kanthakaa jehunee! Varah undhagu vaane emeehun ge again baheh neren, aslu ehen evanee emeehunah heevefa onnanee again bunefiyya dhebas vaan jehidhaaneyey, so mashah varah slhi ebai! Good luck!

  8. kaboo says:
    January 8, 2017 at 6:06 pm

    vaahaka kiyaafa roavihje. Maashallahv reethi vaahaka.

  9. Adhu says:
    January 8, 2017 at 6:48 pm

    True janaa hama rovvaa laifi

  10. Saj says:
    January 8, 2017 at 9:47 pm

    Maves rovvaalaifi
    Masha Allah Vvv reethi mi story ???

  11. ? says:
    January 9, 2017 at 8:51 pm

    Jana mirey thankolheh awahah vaahaka up kohdhehchey

  12. Kudakamana says:
    January 9, 2017 at 9:41 pm

    Jana, waiting ga ey mi inee, dhen avahah up kohdheeba, nidhidhaane ey!!

  13. Adhu says:
    January 10, 2017 at 12:06 am

    Mirey up nukuranytha?? Nu vx nidhaa miothee inthizaaruga

Comments are closed.

All Right Reserved!