ހުރީ ވެވިފާ ބާކީ… (ތޭރަވަނަ ބައި)
ފާޚާނާއިން ނުކުމެގެން އިކާންގޮސް ކޮޓަރިއަށް ވަދެ އޭނާގެ ވޮލެޓް ހުޅުވާލިއެވެ. އެންމެ ފައިސާއެއްގެ ނޫޓެއްވެސް ނެތް އެ ވޮލެޓް ތެރެއިން އޭނާ ނެގީ ޒުމްރާ ދިން ބްލޭންކް ޗެކެވެ. އިކާނަށް އެ ޗެކަށް ފައިސާ ނަގަން ބޭނުން ނުވީ ޒުމްރާއާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭތީއެވެ. ނަމަވެސް މިވަގުތު އިކާން އެވަނީ ފައިސާގެ އެހީތެރިކަމަކަށް ބޭނުންވެފައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އިކާނަށް ނޭވާ ނުލެވޭނެ ވަރަށް ދިރުޅުމުގެ ދަތިކަމުގެ ފެންގަނޑު ބޮޑުވެ ގެނބުމާ ދާދި ކައިރި ވެއްޖެ ކަން އެނގުމުން މަގެއް ހޯދަން އޭނާއަށް މަޖުބޫރުވިއެވެ.
ފޯނު ހިފައިގެން އިކާން ބޭރަށް ނުކުތީ ރިސޯޓުގަ އުޅޭ ރައްޓެއްސަކަށް ގުޅައިގެން ޒުމްރާއަށް ގުޅޭތޯއެވެ. އެތައް މަސައްކަތަކަށްފަހު އިކާނަށް ޒުމްރާގެ ނަންބަރު ލިބޭގޮތް ވުމުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އަވަހަށް ޒުމްރާގެ ފޯނަށް ގުޅާލީ އެތައް އުންމީދަކާ އެކުގައެވެ.
ޒުމްރާގެ ފޯން ރިންގްވާތާ އިރުކޮޅެއް ވީފަހުން އެ ފޯނަށް ޖަވާބުދިނެވެ. ނުދަންނަ ނަންބަރަކަށް ވުމުން ޒުމްރާ އެފޯނަށް ޖަވާބުދެމުން ކަނުލާ އަޑުއަހަން އިނެވެ. އިކާންގެ އަޑު ޒުމްރާގެ ކަންފަތުގައި ޖެހުމާއެކީ އޭނާއަށް އެ ހުރިތަނުން ދުރަށް ޖެހިލެވުނެވެ. ޒުމްރާއަށް އެވަގުތު ހުރެވުނީ އޭނާގެ އެކުވެރިންތަކަކާއެކީގައި ކަމުން އޭނާ ދުރަށް ޖެހިލީ އެހެން އަޑުތަކާ ދުރަށް ޖެހިލަމުން މިހާރު އިވެމުން އެދާ އަޑުގެ ވެރިޔާއެއީކާކުކަން ޔަގީންކުރާށެވެ.
“ޒުމްރާ ތޯ… މީ އިކާން.. އެނގިލައްވައިފިތޯ… އަޅުގަނޑު މި ގުޅީ ވަރަށް ބޮޑު ކަމަކު…” ރަތްދައްކާ ގަދަ އަވީގައި ހުރެ އިކާން ވާހަަކަ ދައްކަމުން ދިޔައިރު އޭނާގެ ނިތްކުރިން ދާތިކިތިކި ފާޅުވަމުން ދިޔައެވެ. ދެންމެ ފެންވަރައިގެން ނުކުތް މީހެއްހެންވެސް ހީނުވާ ކަހަލައެވެ.
އެ އަޑުގެ ވެރިޔާ ޒުމްރާގެ ހިތުން ފޮހެވޭނީީ ކިހިނަކުން ހެއްޔެވެ. އިކާނާއެކީ އެ ހޭދަވީ ވަގުތުކޮޅަކީ ޒުމްރާގެ ހިތުން ފޮހެލެވޭނެ ވަގުތެއްނޫނެވެ. ލޯބީގެ ލަވައެއް އިވުނަސް ޒުމްރާގެ ލޯ މައްޗަށް ފިލްމެއްގެ ސިފައިގައި އެރޭގެ މަންޒަރުތައް ކުރެހެން ފަށައެވެ.
“އިކާން… އާ އެނގިއްޖެ… ކީކޭ… ކޮންކަމަކު؟…” ޒުމްރާ މަޑުމަޑުން ވާހަކަ ދައްކަމުން ދުރުގައި ތިބި އޭނާގެ އެކުވެރިންތަކާ ދިމާއަށް ބަލާލީ އެއިން މީހަކަށް އޭނާ ބުނިއެއްޗެއް އަޑު އިވެން ބޭނުންނުވާތީއެވެ.
“އަހަރެން… އަ… އަޅުގަނޑު ޒުމްރާދެއްވި ޗެކަށް ފައިސާއެއް ނުނަގަން… އަސްލު އަޅުގަނޑު ޒުމްރާއާ ދޭތެރޭ ނުބައި ނަޒަރަކުން ދެކިގެން ކުރިކަމެއް ނޫން އެއީ… އަޅޫގަނޑަށް މާ ފަހުން އެނގުނީ ތީ އެ ރިސޯޓްގެ އޯނަރކަންވެސް… އަޅުގަނޑު އަސްލު މި ގުޅާލީ އަޅުގަނޑު ކުޑަ ބިޒްނަސް ވާހަކައެއް ދައްކާލަން… ޒުމްރާގެ ފަރާތުން ހެލްޕެއް ބޭނުންވާތީވެ…” އިކާން އޭނާ ބޭނުންވާ ވާހަކަތައް ދައްކާ ނިންމާލުމަށްފަހު މަޑުޖެހިލީ ޒުމްރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ބަހެއް ނުބުނެ ޒުމްރާ ކުޑަ ވަގުތު ކޮޅެއް ހުރުމުން އިކާނަށް އުނދަގޫ ވިއެވެ. ފޯނު ކެނޑުނީކަމަށް ހީކޮށް ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އަނެއްކާ އަނބުރާ ފޯނު ކަންފަތުގައި ޖަހާލަމުން އިކާން ހަލޯއޭ ބުނެލިއެވެ.
“ހިނގާ މީޓް ކޮށްލަން… އަހަރެން މެސެޖްކޮށްލާނަން ދާން ވީތަން… ސީ ޔޫ ދެއަރ…” ޒުމްރާގެ ފަރާތުން ލިބުނު ޖަވާބުން އިކާންގެ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބުނެވެ. ފޯނު ޖީބަށް ލުމަށްފަހު ގޭތެރެއަށް ވަދެ ބަދިގެއާ ދިމާއަށް އިކާން މިސްރާބުޖެހީ ބަނޑުހައިވެފައި ހުރުމުންނެވެ.
ކާމޭޒު ދޮށުގައި ހުރި ގޮނޑި ދަމާލާފައި އިށީނުމަށްފަހު މޭޒުމަތީ ހުރި ރޮށިތަށި މަތި ހުޅުވާލާ ތިންވަރަކަށް ރޮށިނަގާ ތައްޓެއްގެ ތެރެއަށް ފުނޑުކުރަން ފެށިއެވެ. އޭރު ބަދިގޭ ސިންކު ދޮށުގައި ލީޒާ ހުރީ ތެލިތަކާ ތަށިތައް ދޮންނާށެވެ. ދޮންނަމުން ދިޔަ ތެލިތައް ބާރުބާރަށް ސިންކު މަތީ ބަހައްޓަމުން ދިޔައިރު ލީޒާހުރީ އަދިވެސް ހިތްހަމަނުޖެހިފަކަން އިކާނަށް އެނގުނެވެ. ރޮށި ފުނޑުކޮށް ނިންމާލުމަށްފަހު މޭޒުމަތީ ހުރި ބޯތަށިން ރިހަކޮޅެއް އޭނާގެ ތައްޓަށް އަޅަމުން އިކާން ވާހަކަ ދައްކަން އަނގަހުޅުވާލީ ކޮޓަރިން ނުކުތް ފިޒާމް ފެނުމުންނެވެ.
“ފިޒާމް… ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންނަށް މަހެއް ހާ ދުވަހު މިގޭގަ ހުރެވޭނެގޮތް ހަމަޖައްސައި ދިނީތީ… ފިޒާމް ތިކޮށްދިން ކަންތައް އަހަރެން ދުވަހަކުވެސް ހަނދާން ނައްތާނުލާނަން… ކާކު މިއޮއްފަދަ ޒަމާނުގަ އަހަރެން ކަހަލަ މީހަކަށް އެހީވާނީ….” ސަމްސާތައް އަޅުވާފަހުރި ހަރުން އުލަކާ ސަމްސަލެއް ނެގުމަށްފަހު ތަށީގައިވާ ރޮއްޓާ ރިހައާ އެއްކޮށްލަމުން އިކާން ވާހަކަ ދެއްކިއެވެ.
“އިކާނަކީ އަހަރެންގެ ބެސްޓް ބަޑީ.. އިކާނަށް އަހަރެން ހެލްޕް ވާނެއްނު.. ތިދެން ދައްކާކަހަލަ ވާހަކަތަ؟…” ލައިގެން ހުރި ގަމީހުގެ އަތުކުރި އޮޅަމުން އައިސް މޭޒުކައިރީ ހުރި ހުސްގޮނޑިއެއް ދަމާލާ، އިށީންނަމުން ސިންކު ކައިރީ ހުރި ލީޒާއާ ދިމާއަށް ފިޒާމް ބަލާލަމުންނެވެ. އޭރުވެސް ލީޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަތަކެވެ. ދެލޯ އަޅާލުމަށްފަހު ތުންގަނޑު ވިކާލަމުން އިކާނާ ދިމާއަށް އޭނާ ބަލާލި ގޮތް ފިޒާމަށް ރަނގަޅަށްވެސް ފެނުނެވެ. ތަށިތަކާ ތެލިތައް ދޮވެ ނިންމާލުމަށްފަހު ތުވާލިކޮޅުން އަތް ފޮހެލަމުން ކާމޭޒުކައިރީ ތިބި ފިޒާމާ އިކާނާ ދިމާއަށް ލީޒާ ބަލާލިއެވެ. ކޮޓަރިއަށް ލީޒާ ވަންނަންދެން އިކާން ބަހެއް ނުބުނެ އިނެވެ.
“އަހަރެން މާދަމާ… ނޯ… މިރޭ ދާން ކަމަށް މިއުޅެނީ…” ކޮަޓަރީގެ ދޮރު ލީޒާ ލައްޕާލި އަޑަށް އިކާން ވާހަކަ ދައްކަން ފެށިއެވެ.
“ކީކޭ… އިކާން.. އަނެއްކާ ތިދަނީ ކަމަކާ ހިތްހަމަނުޖެހިގެންތަ؟… އަދި އިކާނަށް ޖޮބެއްވެސް ހަމަޖެހުނީކީ ނޫން… ވަޒީފާއަށް ކުރިމަތިލާން އެޕްލައި ކުރި އެއްވެސްތަނަކުން އަދި އިންޓަވިއުއަކަށްވެސް ނުގުޅާ… ދެން ކީއްވެ ދާ ވާހަކަ ތި ދައްކަނީ…” މޭޒުމަތީ ދެއަތް އަޅުވާލާ ކުރިއަށް ޖެހެމުން ފިޒާމް ވާހަކަ ދެއްކީ ވާނުވާ ނޭނގޭތީއެވެ.
“ހެހެ… އަހަރެން ގޮތެއް އެބަ ހަމަޖައްސަން.. މެޑަމް ޒުމްރާއަށް ގުޅައިފިން.. އޭނަ އަހަންނާ މީޓްކުރާނަމޭ ބުނީ… އަހަރެން ކޮންމެވެސް ގޮތެއް ހޯދާނަން… މި ވިސްނަނީ އޭނަގެ ރިސޯޓަކުންވިޔަސް ޖޮބެއް ދީބަލާށޭ ބުނަން… އަހަންނަށް ވަރަށް ހީވޭ އޭނަ އަހަންނަށް އެހީވާނެހެން… ލެޓްސް ސީ…” އިކާންގެ ނިންމުން ހާމަކުރުމުން ފިޒާމް ބޯ ޖަހާލިއެވެ.
*** *** *** *** *** ***
“ޒުމްރާ… ކާކާތަ ތި ވާހަކަ ދެއްކީ.. މޫޑު ޚަރާބުވެފަ ތިހުރީ އެފޯނަށް ވާހަކަ ދެއްކިފަހުން… ކާކުތަ އެއީ؟…” ކޯކު ފުޅި ކަނޑާލަމުން ޝީރީން ވާހަކަ ދެއްކީ ޒުމްރާގެ ފަރާތުން ދެންމެ ފެނުނު ސިޔާސަގޮތްގަނޑު ކެނޑުމުންނެވެ.
“ދެންމެ އަހަރެން މި ގުޅީ އާތިފަށް… މި ވީކެންޑްގަ ޗައިނާއަށް ދާން ޓިކެޓް ހަމަޖައްސަން…” ފުން ނޭވާއެއް ބޭރުކޮށްލަމުން ޒުމްރާ ވާހަކަ ދެއްކުމަށްފަހު ގޮނޑީގައި ލެނގިލިއެވެ.
“އޭޒް ޔޫޝުއަލް ތަހުމީނާ ބަލިވެ އުޅޭތީ ނުދެވޭނޭ ދޯ ބުނީ…” ޒުމްރާ އިތުރު އެއްޗެއް ނުބުނެ މައްޗަށް ބަލަން އޮތުމުން ޝީރީން ބާކީ ބައި ފުރިހަމަ ކޮށްލަމުން ކޯކް ފޮދެއް ބޯލިއެވެ. ބަހެއް ނުބުނެ ޒުމްރާ އޮތީ އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ބުނަން އޭނާ ބޭނުން ނުވާތީއެވެ.
“ޒުމްރާ ތިހުރީ ރަނގަޅަށް އާތިފްގެ މަޅީގައި ޖެހި ފިތިފަ… ކައިވެނި ކުރިގޮތަށް އާތިފަށް ބިޒްނަސްގެ ޝެއަރދީ އޭނާއަށް ހުރިހާ ބާރެއް ދީފަ.. މާދަމާ ވަރިވިޔަސް ޒުމް ވާނީ ފަގީރަކަށް… އެއްވެސް އެއްޗެއް ނެތް މީހަކަށް… ނިކަން ދެންވެސް އަހަރެން ބުނާ ގޮތެއް ހަދާބަލަ… ކުރިންވެސް އަހަރެމެން ދެއްކި ވާހަކަ އަޑުއެހިނަމަ މިހެން ނުވީސް…” ޝީރީން ދައްކަމުން ދިޔަ ވާހަކަތަކަށް ޒުމްރާގެ ސަމާލުކަން ހުއްޓުނެވެ. އޭނާ ބޭނުންވީ މި ކަމަށް ރަނގަޅު ހައްލެއް ހޯދާށެވެ.
“ޒުމް.. ބުނީމެއްނު ރިސޯޓުން ބިޓެއް ކައިރިއަށް ދިޔަ ވާހަކަ.. އެކަހަލަ ކިތަންމެ ކުދިންނެއް އުޅޭނެ.. އެމީހުން ބޭނުންވާނީ ފައިސާ… ޒުމްރާ އަތުގަ ފައިސާ އެބަހުރި.. ސޯ އާތިފްގެ ފަރާތުން ނުލިބޭ އުފަލާ އަރާމު ހޯދަން އެއީ އެންމެ ރަނގަޅުގޮތް… ވިސްނިއްޖެ ދޯ މި ބުނި އެއްޗެއް… މި ބުނީ މަނީ ޓޯކްސް… އެންޑް މަނީ ކޭން ބައި އެނީތިންގް…” ޝީރީން ދައްކަމުން ދިޔަ ވާހަކަތަކަށް ވިސްނަން އިން ޒުމްރާގެ ހަނދާނަށް އައީ މީގެ ކުޑަ އިރުކޮޅެއް ކުރިން އިކާނާ ދެކެވުނު ވާހަކައެވެ. އިކާން ގުޅި ނަންބަރަށް އޭނާ މެސޖެެއް ފޮނުވާލުމަށްފަހު ގޮނޑިން ތެދުވަމުން ވަރަށް އަވަހަށް ތަނަކަށް ދާން ޖެހޭ ކަމަށް ބުނެ ޝީރީންމެން ގެއިން ނުކުތުމަށް ޒުމްރާ އަވަސްވެގަތެވެ.
*** *** *** *** *** ***
އިކާނަށް ލިބުނު މެސެޖްގައިވާ އެޑްރެހަށް އިކާން ގޮސް މަޑުކޮށްލިއެވެ. އޭނާއަށް މިއާދެވުނީ ޒުމްރާގެ ގެއަށް ކަން އެނގުނީ ބޭރުގައި ހުރި ސެކިއުރިޓީ މީހާ ގާތު ޒުމްރާ ބުނެގެން އައި ވާހަކަ ބުނެލުމުންނެވެ. “އިކާން ތޯ؟… މެޑަމް ވިދާޅުވި އިކާން ދުރުވާނެ ވާހަކަ… ސެކަންޑް ފްލޯއަށް ދުރުވޭ… މެޑަމް ހުންނެވީ އިކާންގެ އިންތިޒާރުގަ… މިހުރީ ލިފްޓް…” އެތެރެއަށް ވަދެގެން ދިޔަ އިރު އެގޭތެރެއިން ފެންނަމުން ދިޔަ ޝާހީ ކުރެހުންތަކާ ފަރުމާކުރުންތަކަށް ބަލަން އިކާނަށް ހުރެވުނެވެ. ދެވަނަ ބުރިއަށް ދެވުމުން އެބައިގާ ވާ ރަނގަބީލަށް އިކާން ފިއްތާލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ޒުމްރާއާ ދައްކަން ނިންމާފައިވާ ވާހަކަ ހަނދާންކޮށްލިއެވެ.
ދޮރު ހުޅުވާލަމުން ޒުމްރާ ހިނިތުންވެލިއެވެ. ދޮރު ތަންމިނަށް ހުޅުވާލަމުން އެތެރެއަށް ވަންނަން ޒުމްރާ އިޝާރާތްކޮށްލުމުން އިކާން އެތެރެއަށް ވަންނަމުން ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. ހީވާ ހީވުމުން އެއީ ލައިބްރަރީއެއް ކަހަލަ ތަނެކެވެ. ވަށައިގެން ބަހައްޓާފައިވާ ހަރުތަކުގައިވަނީ އެކިކަހަލަ ފޮތްފޮތެވެ. އެކިވަރުވަރުގެ މާ ޓުކުރިތަކާ ރީތި ޑިޒައިންތަކަށް ހަދާފައިވާ ސާމާނުތަކުން ފުރާލައިފާވާއިރު އެތަން ވަރަށް ހިތްގައިމެވެ. އެއްފަރާތެއްގައި އަށް ގޮނޑީގެ ބޮޑުމޭޒެއް ހުރި އިރު އަނެއް ފަރާތުން ކަނަކަށް ވާގޮތަށް ވަށްކޮށް ބޮޑު ސޯފާއެއް ހުއްޓެވެ. ޒުމްރާ މިސްރާބުޖެހީ އެ ހުދު ސޯފާއާ ދިމާއަށެވެ. ޒުމްރާގެ ފަހަތުން އައިސް ސޯފާގައި އިށީންނަމުން އިކާން ހަމަޖެހެން މަސައްކަތް ކުރިއެވެ.
“އިކާން.. ކިހިނެއްތަ؟ ވަރަށް ދުވަސްކޮށްފަ ދޯ މިދިމާވީ… ކިހިނެއްވީ ބޯ ކޮށާލީ.. އަސްލު މިހާރު މާ ސަޅި…” އިކާނާ ދިމާއަށް ޒުމްރާ ބަލާލަމުން ވާހަކަ ދެއްކިއެވެ.
“ބޯ ދޯ… އެއީ ދެން ޖޮބަކަށް ދާންކަމަށް ކޮށާލީ…” އިކާންގެ ޖަވާބަށްފަހު އެދެމެދުގައި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. އިކާން އިނީ ވާހަކަ ފައްޓާނެ ގޮތެއް ނޭނގިފައެވެ.
“ދެން ކިޔާބަލަ… ކޮން ވާހަކައެއް ދައްކަން އަހަންނަށް ގުޅީ؟… ކިހިނެއް ނަންބަރ ހޯދީ؟…” ސޯފާއިން ތެދުވެ ޒުމްރާ ގާތްވެލީ ދުރުގައި ހުރި ފްރިޖާ ދިމާއަށެވެ. ފްރިޖްތެރެއިން ދެ ދަޅު ހިފައިގެން އައިސް އިކާން އަތަށް ދަޅެއް ދިނުމަށްފަހު ސޯފާގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން ޒުމްރާ ހަމަޖެހިލިއެވެ.
“އަހަރެން… އަޅުގަނޑަށް ޒުމްރާގެ ރިސޯޓުގަ ލަވަކިޔަން… އެކަހަލަ ވަޒީފާއެއް ލިބޭނެ ގޮތެއް ވާނެތޯ… އަސްލު މިހާރު މިއުޅެނީ ވަރަށް ޑެބިޓްވެގެން… ހުންނާނެ ތަނެއްވެސް ނެތް… ޒުމްރާ ހަމަޖައްސައި ދެއްވާ ކޮންމެ ވަޒީފާއަކަށްވެސް ދާން މިހުރީ ތައްޔާރަށް…” އިކާންގެ ނިންމުން ހާމަކުރުމުން ޒުމްރާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
“ހުމް… އިކާން ބޭނުމިއްޔާ އަހަރެންނަށް ވަރަށް ރަނގަޅު އޮފާއެއް ދެވިދާނެ.. އިކާން އަސްލު ކޮން ރަށެއްތަ؟..” ސޯފާގައި ލެނގިލަމުން ޒުމްރާ ސުވާލުކޮށްލީ އޭނާގެ އެކުވެރިޔާ ބުނިކަހަލަ މަޅިއެއްގައި އިކާން ޖައްސާށެވެ.
“އަހަރެން މާލެ…” އިސްޖަހާލަމުން މާލެ މީހެއްކަމަށް އިކާން ބުނީ ލަދުން އިނދެއެވެ. މާލެ މީހަކަށް ވެހުރެ ވަންނާނެތަނެއް ނެތި ހާލުގަ ޖެހިފައިވާ މީހެއްކަން ހާމަކުރަންޖެހުމުން އިކާން ލަދުގަތީއެވެ.
“އެހެންވެއްޖިއްޔާ އަދި އަހަރެންގެ އޮފަރ ވަރަށް ސަޅި ކޮށްލެވިދާނެ… އަމިއްލަ ބިޒްނަސްއެއް ފައްޓަން ބޭނުންވާވަރަށް އަހަރެން ފައިސާވެސް ދީފާނަން.. އިކާން ބޭނުންވަނީ ލަވަ ކިޔުންތެރިކަށް ވާށެއްނު..، އެކަންވެސް ވެދާނެ…” އިކާނަށްޓަކައި ޒުމްރާ ކޮށްދޭން ނިންމާފައި ހުރި ކަންތައް ހާމަކުރުމުން އިކާނަށް ހައިރާންކަމެއް ލިބުނެވެ. ޒުމްރާގެ ފަރާތުން އެފަދަ އެހީތެރިކަމެއް ލިބިއްޖެ ނަމަ އާއިލާއިން އޭނާއަކީ މީހެއްކަމުގައި ބަލައިގަންނާނެއެވެ. އިކާންގެ ލޯބީގައި ކޮޅުފައިން ޖަހާފައި ދިޔަ ޒިވީއަށް އިކާން ދޫކޮށްލެވުނު މޮޔައޭ ހިތަށް އަރާނެއެވެ. އިކާނަށް މަޝްހޫރު މީހަކަށް ވެވިދާނެއެވެ. މި ހިޔާލުތަކަށް ގެއްލިފައި ވަނިކޮށް އިކާނަށް ހަމަބިމަށް އާދެވުނީ އަނެއްކާވެސް ޒުމްރާ ވާހަކަ ދައްކަން ފެށުމުންނެވެ.
“އެކަމަކު އޭގެ ބަދަލުގައި އަހަރެން އިކާންގެ ފަރާތުން ބޭނުންވާ ކަމެއް އެބައޮތް…” ޒުމްރާގެ އަތުގައިވާ ދަޅު ކަނޑާލަމުން އޭނާ ބުނި ޖުމްލައިން އިކާންގެ ނަޒަރުގޮސް ހުއްޓުނީ ސީދާ ޒުމްރާގެ މޫނަށެވެ. “ކޮންކަމެއް؟…”
“އިކާނާ އަހަންނާ.. ޔޫ ނޯ ވަޓް އައި މީން… އަހަރެންގެ އަމިއްލަ ޕާސަނަލް ލައިފެއް އެބަ އޮތް އެކަމާ އިކާން ބެހިގެން ނުވާނެ… އަހަރެން ބޭނުންވީމަ އިކާނަށް ގުޅާނަން… އިކާންގެ ފަރާތުން އަހަރެންނަށްެ ވަގުތު ލިބި އަހަރެންގެ ފިރިމީހާގެ ފަރާތުން ނުލިބޭ ލޯތްބާ އަޅާލުން ލިބުނީމާ އަހަންނަށް ފުދޭ… އެކަމަކު މިކަމަކީ ސިއްރު ގުޅުމެއް… ފަބްލިކާ ހަމަޔަށް ގެނެސްގެން ނުވާނެ… އަހަރެން ހުންނާނީ އިކާންގެ ކާމިޔާބީގެ ފުރަގަހުގަ… މިގޮތް ކިހިނެއްވަނީ… ވަރަށް ވިސްނާފަ ޖަވާބު ދޭނީ… މީގަ އިކާން ބޭނުމީ ފައިސާ… އަހަރެން ބޭނުމީ… ޔޫނޯ… ލޯބި..” ދަޅު ތުނބުގައި ޖަހާ އެތިފޮދެއް ޒުމްރާ ބޯލިއިރުވެސް އިކާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އިކާނަށް ޒުމްރާ ގޮވާލިއެވެ.
ކަރުކެހިލަމުން އިކާން އެކަމާ ވިސްނާލިއެވެ. އޭނާއަށް ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރެވެ. މިއަދު އިކާންގޮސް ވަންނާނެތަނެއް ނެތެވެ. އިކާންގެ ހަޔާތުގައި މިވަގުތު ލޯބިވެރިޔަކުވެސް ހުރީކީ ނޫނެވެ. އެހެންކަމުން މިކަމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް އިކާނަށް ގަބޫލުކުރެވުނެވެ. “އޯކޭ… އަހަރެން ތި ހުރިހާ ކަމަކަށް އެއްބަސްވަން.. އެކަމަކު އަދި އެބައޮތް އެއް ކަންތައް… މިރޭ އަހަރެން ވަންނާނެ އެއްވެސް ތަނެއްނެތް…”
“ތިކަމާ ހާސްނުވޭ… އަހަރެން މެސެޖްކޮށްލާނަން ހޮޓަލްގެ ނަން… އަހަރެންގެ ބިޒްނަސް ކާޑް ގެންގޮސް ރިސެޕްޝަނަށް ހަވާލުކޮށްލީމަ ހުރިހާކަމެއް ހަމަޖެހޭނެ… އިކާނަށް އެހެންގޮތެއް ފެންނަންދެން ހޮޓަލްގަ އިކާންގެ ސްޓޭ ހަމަޖައްސައިދޭނަން… އޯކޭތަ… އިތުރުކަމެއް ބޭނުމަސް ބުނޭ… މިވަގުތު އިކާންގެ އަތުގަ ފައިސާއެއްވެސް ނެތެއްނު… ކޮންމެވެސް ވަރަކަށް ފައިސާވެސް މިރޭ ހަމަޖައްސައިދޭނަން…” ހަދަންވީގޮތް ކިޔައިދިނުމަށްފަހު ސޯފާއިން ތެދުވެ އިކާނާ ދިމާއަށް ޒުމްރާ އަތް ދިއްކޮށްލިއެވެ. އިކާންވެސް ސޯފާއިން ތެދުވަމުން ޒުމްރާގެ އަތުގައި ހިފާ ސަލާމްކޮށްލަމުން ބޯ ޖަހާލީ ހިނިތުންވަމުންނެވެ.
*** *** *** *** *** ***
ސިހިފައި އަތުގައި އޮތް ފައިލް އިކާން ލައްޕާލަމުން ސްޓޫޑިއޯގެ ދޮރާ ދިމާއަށް ބަލާލީ އެ ދޮރުގެ ތަޅުގައި މީހަކު ހިފާލިހެން ހީވުމުންނެވެ. ހަރުތެރެއަށް ފައިލްލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުން ދޮރާ ދިމާއަށް އިކާން ބަލާލީ އެތެރެއަށް ވަތް ފިޒާމް ފެނުމުންނެވެ.
“ހެއި.. ކިހިނެއް ފޯނަށް ހަދައިގެން ތިއުޅެނީ އިކާނަށް ނުގުޅުނީމަ އެންމެފަހުން ތާރާގެ ނަންބަރަށް މިގުޅީ.. ތާރާ ބުނީ އިކާން ދިޔައީ ސްޓޫޑިއޯ އަށޭ…” މޭޒުމަތީ ހުރި ބަރުގައި އަތް ޖައްސާލަމުން ފިޒާމް ވާހަކަ ދެއްކިއެވެ. ފިޒާމް ދެއްކި ވާހަކައަށް އިކާންގެ ފަރާތުން މާ ބޮޑު ޖަވާބެއް ނުލިބުމުން ފިޒާމަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.
“ތިގޮލާއަށް ކިހިނެއް ވެފަ ތިހުރީ… ކަމެއް ގޯސް ވީތަ؟… އިކާން… ޔޫ ނޯ ޔޫކޭން ޓެލް މީ އެނީތިންގް…” އިކާންގެ ކޮނޑުގައި ފިޒާމް ހިފާލުމުން އިކާން އިސް އުފުލާލީއެވެ. އަދި ފިޒާމާ ހަތަރުކަޅި ހަމަކޮށްލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. ކަންތައް ގޮސްފައިވާ ހިސާބު އިކާން ކިޔައިދެމުން ދިޔައިރު ފިޒާމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.
“އަޅޭ… އެކަމަކު އިކާން… އަހަރެން ހީކުރީ އިކާން މެރީކުރުމަށްފަހު ޒުމްރާގެ ކަންތައް އެއްކޮށް ހުއްޓާލާނެކަމަށް… މެރީކޮށްގެން ހުރެ އޭނާ ކައިރިއަށް ދިޔައީ ކީއްކުރާކަށްތަ؟…” ފިޒާމް ކަންބޮޑުވެފައިވާކަން އިކާނަށް ފާހަގަވިއެވެ.
“އާން.. މަށަށް އެކަމެއް ނުހުއްޓުނު.. ދެން ވެނިމިފައިވާ ކަމަކީ ނުވާކަމަކަށް ނުހެދޭނެދޯ.. އަހަރެން ދެން ބޭނުމެއް ނޫން ޒުމްރާ ކައިރިއަށް ދާކަށް.. އޭނަ އަހަންނަށް އޮޅުވާލީ.. އޭނާއަށް އެނގޭ އަހަރެން މެރީ ކުރީ ތާރާއާ ކަން… ދެން ވައި ޝީ ކޮންޓިނިއުޑް ދިސް… އަހަރެން ވިސްނަ ވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެ…” ސްޓޫޑިއޯތެރޭ ދެފަރާތަށް ހިނގަމުން އިކާން ވާހަކަ ދެއްކީ އުނަގަނޑުގައި އަތް ވިއްދައިގެން ހުރެއެވެ.
“އިކާން ބްރޭކްއަޕް ވީމަ ޒުމްރާ ރިއެކްޓް ކުރީ ކިހިނެއް؟…” ފިޒާމް ކުރި ސުވާލުން އިކާންގެ ފިޔަވަޅު މަޑުޖެހުނެވެ.
“ނޭނގެ.. އަހަރެން އެހެންބުނެފަ ފޯނު ކަނޑާލީ.. ދެން އޭނަ ގުޅާފާނެތީ ފޯނުވެސް ނިއްވާލީ.. އައި ޖަސްޓް ޑޯންޓް ވޯނަ ޓޯކް ޓުހަރ..” އިކާން ވިސްނާލުމަށްފަހު ވާހަކަ ދެއްކިއެވެ.
“މުއްސަނދިންނަކީ ފާޑެއްގެ ބައެއް… އިކާން ވަރަށް ވިސްނަންވާނެ… އިކާން މީހަކަށް ހަދައިދިނީ ޒުމްރާ… ޒުމްރާ ބޭނުމިއްޔާ އިކާން ކުރިން ހުރި ސްޓޭޖަށް ވައްޓާލެވޭނެކަން ހަނދާން ބަހައްޓާތި… މަށަށް ކަޑައީ އިކާން މެރީކޮށްގެން ހުރެ ޒުމްރާ ކައިރިއަށް ދިޔައިމަ… ދެން ހިނގާ ކޮފީއަކަށް ދާން… ތި ވާހަކަ އަޑުއަހާފަ އަހަރެން ބޮލުގަ ރިއްސައިފި… ވަރަށް ވިސްނައިގެން އުޅެންވާނީ…” ސްޓޫޑިއޯއިން ނުކުންނަން ދޮރާ ދިމާއަށް ފިޒާމް ހިނގައިގަތެވެ. މޭޒުމަތީ އޮތް ތަޅުދަނޑި ނަގައިގެން އިކާން އެ ސްޓޫޑިއޯއިން ނުކުންނަމުން ބޮކިތައް ނިއްވާލުމަށްފަހު ދޮރުލައްޕާ ތަޅުލިއެވެ.
ޖީބުން ފޯނު ނަގާ އޮންކޮށްލީ ތާރާއަށް ގުޅާށެވެ. އިކާންގެ ފޯނު އޮންވުމާއެކީ އެއަށް މެސެޖްތައް އަންނަން ފެށިއެވެ. އޭގެ ތެރޭގައި ފިޒާމާ ތާރާއާ ޒުމްރާ ގުޅަން މަސައްކަތްކޮށްފައި ވާކަން އިކާނަށް އެނގުނެވެ. ފޯނުން ތާރާގެ ނަންބަރަށް އިކާން ގުޅާލީ ފިޒާމާ އެކީ ކޮފީއަށް ދާވާހަކަ ބުނާށެވެ.ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް ތާރާ އެ ފޯނަށް ޖަވާބެއް ނުދެއެވެ.
“އިކާން ހިނގާ ދާން… ނުދަނީތާ؟…” އިކާން ފޯނާ ކުޅެން ހުރިތަން ފެނުމުން ފިޒާމް އަހާލިއެވެ. “ނޫނޭ.. ހިނގާ ދާން… ތާރާވެސް އެބަހުރި ވަރަށް ގުޅާފަ.. އެހެންވެ ތާރާއަށް މިގުޅަނީ…”
ކޮފީ ބޯން ތިބެ ދެ އެކުވެރިން ދައްކަމުން ދިޔައީ ދެން އިކާންގެ ނުކުންނަން ވެފައިވާ އަލްބަމްގެ ވާހަކައެވެ. އެ ލަވަތަކުގެ ވީޑިއޯ ކުޅެން އިކާނާ އެކީ އާތަރިންތަކެއް ހޯދަން މަސައްކަތް ފަށާފައިވާ ވާހަކަ ފިޒާމް ބުނެލިއެވެ. ސިނގިރޭޓަކު ފުލު ސިނގިރޭޓެއް ބޯލަބޯލަ އިން އިކާންގެ ސިކުނޑިއަށް ތުރާ ކުރަމުން ދިޔައީ ޒުމްރާގެ ހިޔާލުތަކެވެ. ފިޒާމް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް އޭނާ ބޯޖަހާލި ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ.
ސިހިފައި އިކާނަށް ބަލާލެވުނީ އިކާންގެ އަތުގައި ހިފާ ފިޒާމް ތަޅުވާލުމުންނެވެ. “އޭ އިކާން.. ބަލަ ތި ފޯނު ނަގާބަލަ… އެ ގުޅަނީ ތާރާ ކަންނޭނގެ…”
އިކާންގެ ފޯނުގެ ސްކްރީނަށް ބަލާލީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. އެގުޅަނީ އިކާންގެ އަނބިމީހާއެވެ. ފޯނު ނަގާ ކަންފަތާ ގާތްކޮށްލަމުން އިކާން ހަލޯއޭ ބުނެލި ވަގުތު ތާރާގެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އިކާނަށް ގޮނޑިން ތެދުވެވުނެވެ. ވާހަކަ ނުދެއްކި ނަމަވެސް އިކާނަށް އެ އިވެނީ ތާރާ ގިސްލާ ރޯއަޑެވެ.
(ނުނިމޭ)
2722 Comments
Comments are closed.
Finallyyy..
Wow… ???
i think thahumeena is died .. oh god???
wow varah salhi habeys
Vaahaka v reethi, v v reethi
Ekm haadhs lahey up va leh, alhe dhn up vaane dhuvaheh nama vx bun3labala.. Inthizaaru kh kh varubali vhjje
Hmm, maru v kanneyge
Bt ikaan eoh ulhey gotheh dhw.. Pis pis
Hadhalahun upkodhevenee. Foohi
Vahaka ekkoliyefa up kuran feshinama mihennuvees. Lahun upkoddheythee rulhi aadhey
vaahaka varah reethi… good job… migothah kithah meehunnaa dhimaavaanebaaaaa… varah salhi gendhaa goiy 🙂
kamudhaa kahala ehves gothe ney. ehaa las kuriah dhaaleh
Salhi story…. ???
mi dhn vaahaka ehtha. mihaathana shaz nerunu enme foohi vaahaka. real life ga mikahala kanthakaky mihaaru v aamu kame but shaz ah miyathuren reethiko mi vaahaka genes dheveyne. cuz myge kurin liyefa huri vaahaka tha perfect v ma. mi vaahaka nerey konmefaharu vaahaka kiyaagady hitha araa miyathuren rangalha shaz ah liyeveyne so i dont know whats wrong with u now a days.
Itz a amazing story n shaaz is d best… yu knw wht zul.. yu go to d hell
vaahaka vvv salhi.. kobaa up date avas kohdhee
haadha lahunney vaahaka up kurany. vaahaka neren bunefa inna dhuvastha nimen 5 mins ah v ma vaahaka up kurany. dhn bunaa dhuvas thakuga vaahaka nueh nereyne. ehennuny hitha araafiyaa story up nukoh ves hure dhaane. myge kurin thi gavaidhun vaahaka genes dhey liyuntheri eh dhn mihaaru thihaa faru vaa thi kuda kurany yo. atleast readers haadha lahey nuny kon irakuhey story up vaany ehyma liyuntheriyaa respond kuraa nama ves rangalhu. mi vaahaka kury vaahaka tha gothe nun. adhi mythi up kuran ves ehaa dhuvas nagaa. v foohi mi vaahaka mihaaru kiyan. shazlyn ah nuvanyaa vaahaka nuliye hurey.
kon irakutha shazlyn ah story up kureveyny. mihaaru vai vejje irukolha kolhaa mi eh check koh koh. dhn mihaa lasvaa reason eh bunyma dho ingeyny.
Shaz when vaahaka up kurany? Iyye in feshigen balany vaahaka up kureytho. Pls avaha vaahaka up kohdheeba 🙂
kobaa vaahaka????
I mean kon dhuvahaku vaahaka genes dheny mihaaru
plx up soon
Heyonuvaane shaax pleax up the story or respond to our comments.
aaaaekey saax balytha alhe heyonuvane stry up kohdhyba plx nuny v gotheh bunedhinyma dhw igeynyves.dhen buneveyny hama enme baheh hama vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv borin vehjje yeyyyyyyy??????????????????
Vvvv foohivey mihaa lasv ma????