ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ ގުދަށްކަހަަލަ ގޮތަކަށް އޮވެގެނެވެ. ފާހަނަ ކުރުމަށްފަހު ފްލަޝްކޮށްލަން ދިމާކޮށްލި ވަގުތު ފާހާނަ ތަށީތެރެއިން ފެނުނު ލެއިން ލޫޝާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

 

ނިދާފައި އޮތް ހުޝާމަށް ހޭލެވުނީ ހަބީބާ ދޮރުގައި ޓަކިޖަހަމުން ގޮވާ އަޑަށެެވެ. ސައިޑު ކަބަޑު މަތީގައި އޮތް ފޯނު ނަގައި އެއްލޯ ހުޅުވާލަމުން ގަޑި ބަލާލިއެވެ. ފަތިސް ނަމާދުކޮށްގެން ނިދުނުތާ އަދި މާގިނައިރެެއްވެސް ނުވެއެވެ. ރޭގަވެސް ނިދުނީ ފުދޭ ވަރަކަށް ލަހުންނެވެ. ކަންނެތް ހިނގުމެއްގައި ގޮސް ދޮރުހުޅުވާލިއިރުވެސް ހުޝާމްއަށް ހުރީ ފާޑަކަށް ނިދިފައެވެ.

” ދަރިފުޅާ އަވަހަށް ދޭބާ ހޮސްޕިޓަލަށް..” ހުޝާމް އަތުގައި ހިފާ ތަޅުވައިގަންނަމުން ހަބީބާ ބުންޏެވެ. ހޮސްޕިޓަލުގެ ނަން އިވުމާއެކު ހުޝާމްއަށް ތެޅިގަނެފައި ހަބީބާއަށް ބަލާލެވުނީ އަނެއްކާ ކާކަށް ކިހިނެއްވީބާއޭ ހިތަށް އެރުމުންނެވެ.

” ދައްތަބުނީ ލޫޝާއަށް ފަތިސް ނަމާދަށް ގޮވާ ގޮވާ ނުހުޅުވައިގެން ހާމިދުބެ ތަޅު ހަލާކުކޮށްލައިގެން ވަންއިރު ލޫޝާ އޮތީ ފާހާނަ ދޮރުމަތީގަ ވެއްޓިފަޔޯ.. މިހާރު ހޮސްޕިޓަލަށް ގެންގޮއްސަަ ވެއްޖެ.. ދަރިފުޅު ދާންވާނެއްނު.. ތީމިހާރު ލޫޝާގެ ވާންއުޅޭ ފިރިމީހާ.. މަންމަވެސް އެއްޗެހި ބަދަލުކޮށްލައިގެން ދާން މިއުޅެނީ..” ހަބީބާ ފަތިވަރަކަށް އަމުނާލިއެވެ. ހުޝާމްވެސް އަވަހަށް ދާން ތައްޔާރުވާން ފެށި ލޫޝާއާއި ދޭތެރޭ ހަމްދަރުދީ ހީވަމުންނެެވެ. ކޮންމެ ގޮތެއްވިޔަސް ﷲ އިރާދަކުރައްވައިފިއްޔާ މާގިނަދުވަހެއްނުވެ ލޫޝާ ހުންނާނީ ހުޝާމްގެ އަލަތު އަނބިމީހާގެ މަގާމުގައެވެ. އަވަސް ހިނގުމެއްގައި ގަމީހުގެ ގޮށް އަޅުވަމުން ނުކުތްވަގުތުވީ އައިޝާވެސް ކުރިމަތި ފިހާރައަށް ދިއުމަށްޓަކާ ގެއިން ނިކުތް ވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނީވެސް ހަމަ އެއްވަގުތެއްގައެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުތެރޭގައި އައިޝާ އިސްޖަހާލަމުން ކުރިއަށް ހިނގައިގަތީ ހުޝާމް ކުރަން އުޅޭ ކައިވެނި މަތިން ހަނދާންކޮށްލަމުންނެވެ. އައިޝާއަށް ގޮވާލަން އުޅެފަވެސް ހުޝާމްވެސް ކުރިއަށް ހިނގައިގަތީ އަވަހަށް ލޫޝާގެ ހާލެއް ބަލާލަން ދިއުމަށެވެ.

ހުޝާމްއަށް ހޮސްޕިޓަލަށް ދެވުނުއިރު ހާމިދު އެމަރޖެންސީ ރޫމުގެ ދޮރުމަތީގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ހާސްވެފަހުރިވަރު ހާމިދު މޫނުމަތިންވެސް އެނގެން ހުއްޓެވެ. ހުޝާމް ފެނުމާއެކު ހާމިދުލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިހްތިޔާރަކާ ނުލައެވެ.

” ހާސްނުވޭ ބޭބޭ.. އިންޝާﷲ ލޫޝާ ވަރަށް އަވަހަށް ރަނގަޅުވާނެ..” ހާމިދަށް ހިތްވަރުލައިދެމުން ހުޝާމް ބުންޏެވެ.

” ބޭބެމެންވެސް އުއްމީދުކުރަނީ ތިގޮތަށް.. ޑޮކްޓަރުން ބުނަނީ ލޫޝާއާއި އެނޭމިއާ ކިޔާ ބައްޔެއް ޖެހިފައި ހުރިކަމަށް.. މިހާރު ހޭއަރައިފި.. ބޮޑޫދައިތަ ވެއްޖެ އެތެރޭގަ.. ނޭނގެ އަހަރުމެންގެ ލޫޝާއާއި ޖެހިފައި ހުރީ ކޮންފަދަ ނުބައި ބައްޔެއްކަމެއްވެސް” ހާމިދަށް ވާހަކަދެއްކުނީ ކުރެހިފައިވާ އަޑަކުންނެވެ.

” ބޭބޭ.. އެނޭމިއާ އަކީ އެހާ ނުބައި ބައްޔެއް ނޫން.. އެއީ ހަށިގަނޑުން މާބޮޑަށް ލޭމަދުވުމުގެ ސަބަބުން ޖެހޭ ބައްޔެއް.. ރަނގަޅު ކާނާ ކައިގެން ރަނގަޅު ކުރެވޭ ކަމެއް.. ” ހުޝާމް ވިސްނައިދިނެވެ. ލޫޝާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރުމަށްޓަކައި އެމަރޖެންސީ ރޫމުން ނިކުއްދެވުނީ އެވަގުތުއެވެ. ހަބްޝާގެ ފަހަތުން ހާމިދުގެ އިތުރުން ހުޝާމްވެސް ހިނގައިގަތީ ހަބީބާއަށް ގުޅަމުންނެވެ.

ލޫޝާގެ އެއްއަތަށް އައިވީ ގުޅާފައިވާއިރު އަނެއްއަތުގައި ހިފާލައިގެން ހަބްޝާއިނެވެ. ނިދިފައި އޮތް ލޫޝާއަށް ހޭލެވުނު ވަގުތުވީ އެތެރެހަށީގެ ޑޮކްޓަރ ހުމެއިދާ އެކޮޓަރިއަށް ވަން ވަގުތަށެވެ. ޑޮކްޓަރ ހުމެއިދާ އަކީ ލޫޝާ އާއި އެއްސުކޫލެއްގައި ކިޔެވި ލޫޝާގެ ވަރަށް ގާތް އެކުވެރިއެކެވެ. ޑޮކްޓަރ ހުމެއިދާ ފެނުމުން ހަބްޝާ އިންތަނުން ތެދުވީ ހިނިތުންވެލަމުންނެވެ. ލޫޝާވެސް ހީލަމުން ތެދުވަން އުޅުމުން ޑޮކްޓަރ ހުމެއިދާ އެކަން މަނާ ކޮށް ލޫޝާ ކައިރީ އަރާމު ކުރުމަށް ބުންޏެވެ. ޑޮކްޓަރ ހުމެއިދާ އިތުރު ބޭސް ސިޓީއެއްލިޔެ ހަބްޝާ އަތަށް ދިނުުމުން ހަބްޝާ ނިކުތީ އަވަހަށް ބޭސް ގަންނަން ދިއުމަށެވެ. ހަބްޝާ ދިއުމުން ޑޮކްޓަރ ހުމެއިދާ ކުރިން ހަބްޝާ  އިން ގޮނޑީގައި އިށީނދެ ވަރަށް ފުންކޮށް ލޫޝާއަށް ބަލާލިއެވެ.

” ހުމޭ ޕްލީޒް.. ތިގޮތަށް އަހަންނާ ދިމާއަށް ނުބަލާ.. އަހަންނަށް އެނގޭ ހުމޭ ތިހުންނަނީ އަހަރެންެދެކެ ހިތްހަމަ ނުޖެހިފަކަން.. އެކަމަކު ކީއްކުރާނީ.. މަންމަމެން ކައިރީގައި ތެދުހާމަކުރުމަކީ އެމީހުން ދިރިތިއްބާ މަރާލުން ކަހަލަ ކަމެއް.. ހުމޭ އަހަންނަށް ތިކޮށްދޭ ކަންތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން” ލޫޝާ

އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.

” ލޫލޫ ޕްލީޒް.. އަހަރެން ކީއްވެ ލޫލޫ ދެކެ ރުޅި އަންނަންވީ.. އިޓްސް ދެޓް އަހަރެން ބޭނުމެއްނޫން ލޫލޫއަށް ދެރައެއް ލިބޭކަށް.. ލޫލޫ މީހަކާ އިންނަން އުޅޭއިރު ތިގޮތަށް ސިއްރުކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަން ނޭނގެ.. މިހާރު ކޮންދުވަހެއް.. ބުނީމެއްނު ފަރުވާ ނުކޮށް މާގިނަ ދުވަސް ވަންޏާ މާބޮޑަށް ގޯސްވެދާނެ.. މިއަދު އެނޭމިއާ އޭކިޔާފަ ހިންދާލެވިދާނެ.. އެކަމަކު އަހަންނަކަށް ހިއެއްނުވޭ މާގިނަ ދުވަހަކު މިކަން ސިއްރެއްގެ ގޮތުގަ އޮންނާނެހެނެއް” ހުމެއިދާ ލޫޝާއަށް ވިސްނައިދިނެވެ.

” ތިކަން އެނގެޔޭ ހުމޭ.. މި ކައިވެންޏަކީ އަހަރެން ބޭނުންވެގެން ކުރާ ކައިވެންޏެއް ނޫން.. މިކައިވެނިން އަހަންނަށް ލިބޭނެ އެއްވެސް އުފަލަކާ ހިތްހަމަޖެހުމެއް ނޯންނާނެކަން އަހަންނަށް އެނގޭ.. އެކަމްވެސް އަހަރެން މިކައިވެނި މިކުރަނީ ހަމައެކަނި އަހަރެންގެ އާއިލާ މީހުންނަށްޓަކައި.. އަހަރެން ހުމޭ ކައިރިން އެދެނީ އަހަރެން ބުނަންދެން މިކަން ސިއްރުކޮށްދިނުމަށް.. ” ލޫޝާ ހުމެއިދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

” އެންމެ ރަނގަޅު.. މީ އަހަރެން ހަމައެކަނި ލޫލޫއަށްޓަކައި ކޮށްދޭ ކަމެއް.. އެކަމަކު އަދިވެސް އަހަރެން ނަސޭހަތްތެރިވާނީ ލަސްނުކޮށް ލޫލޫ ގޭމީހުން ކައިރީ މިވާހަކަ ބުނުމަށް” ހުމެއިދާ އިންތަނުން ތެދުވިއެވެ. ލޫޝާ ބޯޖަހާލުމުން ހީލަމުން ހުމެއިދާ އެތަނުން ނިކުތީ ރަހުމަތްތެރިޔާއަށްޓަކައި ދެރަވެ ހުރެއެވެ.

ރޭގަނޑު ބާރަޖަހަން އުޅެނިކޮށް ހިބާ ބޭރަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުމެ އެންމެ ފުރަތަމަވެސް ތަންތަން ހޯދާލީ އިތުރު މީހަކު ފެންނަން ހުރިތޯ ބަލާލުމަށެވެ. މީހަކު ފެންނަން ނެތުމުން ތުންފަތް މައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އަވަސް އަވަހަށް ކޮޓަރީގެ ތަންޑުލަމުން އަވަސް ފިޔަވަޅުތަކެއްގައި ގޭ ބޮޑުދޮރާ ދިމާއަށް ދިޔައީ މީހަކަށް ފެނުމުގެ ކުރިން ގެއިން ނިކުތުމަށެވެ. މަޑުމަޑުން ދޮރުހުޅުވާލީ އަޑަށް މީހަކު ހޭލައިގެން އައިސް ދާނެތީއެވެ. ގެއިން ނިކުމެގެން ހިބާ ހިނގައިގަތީ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި އޮތް ރަތް ކުލައިގެ ފޯޑް ކާރާ ދިމާއަށެވެ. ހިބާ އެކާރާ އަރާ ހަމވުމާއެކު އެތެރޭގައި އިން ޒުވާނާ ކާރުގެ ދޮރުހުޅުވާލަދިނެވެ. ހިބާ ތުއިގޮތަކަށް ކާރަށް އަރާ އިށީނދެ ވަރަށް ފުންކޮށް އެޒުވާނާ ދިމާއަށް ބަލާލިއެވެ.

” ވާއު ބޭބްސް.. ޔޫ ލުކް ހޮޓް” އެއްއަތުން ކާރުގެ ކްލަސްޓަރގައި އަތް އަޅުވާލައިގެން އިނދެ އަނެއް އަތުން ހިބާ މޫނުގައި ފިރުމާލަމުން ޔާނިޝް ބުނެލިއެވެ. ފިޔާތޮށި ކުލައިގެ ކަކުލަށްވުރެ ކުރުހެދުމުގައި އިން ހިބާ ލަދުން އިސްޖަހާލިއެވެ. ހިބާގެ މިހަރަކާތުން ޔާނިޝް ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތްދަށައް ލައްވާލައިދެމުން ދާންވީ ކޮންތާކަށްތޯ ޔާނިޝް ސުވާލުކޮށްލިއެވެ. ޔާނިޝް ބޭނުންތަނަކަށޭ ބުނުމުން ހީލަމުން ޔާނިޝް ކާރުދުއްވާލިއިރު ހިބާ އިނީ ޔާނިޝް މޫނަށް ބަލަހައްޓައިގެނެވެ. އެވަރުގެ ރީތިކަމެއް ހިބާއަށް ދުވަހަކުވެސް ފެނިފައި ނުވާ ކަހަލައެވެ. ޔާނިޝް ކަހަލަ ޒަމާނަށް ލޯބިކުރާ ހިތްގައިމު ރީތި ޒުވާނަކު ލިބުމުން ހިބާއިނީ އެކަމާ އިންތިހާ އަށް އުފާވެފައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ހުޝާމް އާއި ލޫޝާގެ ކައިވެނިކުރެވޭ ދުވަސް އައި އިރު ދެމީހުންވެސް ތިބީ ކުޑަކޮށް ހިތްބިރުގެންފައެވެ. ކުރެވެން މިއުޅެނީ އާ ތަޖުރިބާއަކަށްވުމާއެކު ދެމީހުންވެސް ތިބީ ވާނެގޮތެއް ނޭނގޭތީ އެކަމާ ކަންބޮޑުވެފައެވެ. ހާއްސަކޮށް ލޫޝާވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކައިވެނިވުމުގެ ކުރިން ހަގީގަތް ހުޝާމްއަށް ކިޔައިދޭންވީބާއޭ ހިތަށް އަރަމުން ދިޔައިރު ސިކުނޑި ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ހުޝާމްވެސް ވަނީ ހަގީގަތަށް ލޫޝާ ކައިރީ ހުޝާމްގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު ކިޔައިދީފައެވެ. ވީއިރު ހުޝާމްއަށް އޮޅުވާލުމުގެ ހައްގު ލޫޝާއަކަށް ނޯންނާނެޔޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހުޝާމްއަށް ހުރިހާ އެއްޗެއް ކިޔައިދީފިއްޔާ ދެންވާނެ ގޮތަކާ މެދު ސިކުނޑި އިންޒާރު ކުރަމުންދިޔައެވެ. ހުޝާމްއަށް ސިއްރުކޮށްގެން ކައިވެނި ކުރިޔަސްވެސް އެކަމުން ހުޝާމްއަށްވެސް އަދި ލޫޝާއަށް ވެސް ލިބޭނޭ ހިތްހަމަ ޖެހުމެއް ނޯންނާނެކަން އެނގޭއިރުވެސް މިކައިވެނި ކުރުމަކީ ބަޔަކަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިފަދަ އެތައް ހިޔާލުތަކުން ލޫޝާ ވަނީ ބޯހާސްވެފައެވެ.

އެކި ފަރާތްފަރާތުން ލޫޝާ ކައިވެންޏަށް ތައްޔާރުކުރަމުން ދިޔައިރު މުޅި ކޮޓަރީގައި ވަނީ އެމީހުންގެ ހުނުމާއި މަޖަލުގެ އަޑު ގުގުމާލާފައެވެ. ލޫޝާއާއި ޖެއްސެވެމުން ސަމާސާކުރަމުން ދިޔައިރު ލޫޝާ ވަނީ މުޅިން ހަމަހިމޭންވެފައެވެ. ވިސްނާ ވިސްނާ ލޫޝާގެ ބޯފަޅައިގެންދާން ކައިރިވެއްޖެއެވެ. އޮޅުވާލުމެއްގެ ތެރޭގައި މިކުރެވޭ ކައިވެނި ސައްހަވާނެ ހެއްޔެވެ. ލޫޝާ ލޮލުން ކަރުނަ ނީރާލިއެވެ. ނުރޮއެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ލޫޝާ ތައްޔާރުކޮށްލާފައި އިންގޮތުން ހޫރުޕަރީއެއްފަދައެވެ. ހުދުކުލައިގެ ބޮޑުހެދުންވަނީ ރިހި ކުލައިގެ އެސްތަކަކުން ޖަރީކޮށްފައެވެ. ހުދު ކުލައިގެ ޝޯލްއެއް އެންމެ މިޒަމާނުގެ ގޮތަށް އަޅާލެވިފައިވާއިރު ހުދުކުލައިގެ ދިގު ލޭސް ފޮތިގަނޑެއް ބޮލުގެ މެދުން ފެށިގެން ފުރަގަހަށް ދޫކޮށްލާފައިވެއެވެ. ހެދުމުގެ ފަހަތު ބައި ދިގުކަމުންގޮސް މުޅިތަނަށް ފެެތުރިފައި އޮތެވެ. އެވަގުތު ހިބާ އައިސް ރަތްކުލައިގެ ބޮޑު ބުކޭއެއް ލޫޝާގެ އަތަށް ލައިދިނެވެ. ލޫޝާ ގޮވައިގެން ގޮސް ކާރަށްއެރިއިރުވެސް ލޫޝާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރު ލަކީ ޕެލެސް އާއިލާގެ މީހުން މިސްކިތްދޮށައް ޖަމާވެފައި އޮތެވެ. މިސްކިތުގެ ފެންޑާތެރޭގައި ބެހެއްްޓިފައިވާ ދިގު މޭޒުކައިރީގެ ގާޒީންގެ އިތުރުން ހުޝާމް އާއި ސާމީ އަދި ހާމިދު އިނެވެ. އަޅި ކުލައިގެ ސޫޓެއްގެ ދަށުން ހުދުކުލައިގެ ގަމީހެއްލާފައި ވާއިރު ލައިގެން ހުރި ކޯޓުގެ ކަނާތްފަރާތުގައި ރަތް ކުލައިގެ މާކޮޅެއް ހަރުކޮށްލާފައިވެއެވެ. މިރެއިން ފެށިގެން ހުޝާމް ޖެހޭނީ މާޒީ ހަދާން ނައްތާލާށެވެ. ހުޝާމްގެ ހިތުގައި އާ އަޒުމެއް ކަނޑައެޅިފައިވާކަހަލައެވެ.

މިސްކިތް ކައިރިއަށް ކާރުމަޑުކޮށްލުމާއެކު އެންމެ ފުރަތަމަވެސް ފޭބީ ހަބީބާއެވެ. ހަބީބާ އަތް ދިއްކޮށްލުމާއެކު ހަބީބާގެ އަތުގައި ހިފައިގެން ލޫޝާ ފޭބިއެވެ. ލޫޝާގެ ފަހަތުން ހެދުމުގެ ތިރީބައިގައި ހިފަހައްޓައިގެން ހަބްޝާ ނިކުތެވެ. ލޫޝާއަށް މިސްކިތްފެނުމާއެކު ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނާއި މީހުން ފެނުމާއެކު ހިތް އޮބިނޯންނަވަރަށް ތެޅެން ފެށިއެވެ. ހަބްޝާ އާއި ހަބީބާ ލޫޝާގައިގާ ހިފަހައްޓައިގެން ނެތްނަމަ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެކަން ކަށަވަރެވެ. ލޫޝާ ގެންގޮސް ހުޝާމްއާއި ޖެހިގެން ހުރި ގޮނޑީގައި ބޭންދިއިރުވެސް މުޅި މީހާ ތުރުތުރުލައެވެ. އަތުގައި އޮތް ބުކޭ މޭޒުމަތީގައި ބޭއްވުމަށްފަހު ދެއަތް ދެއަތަށް މޮޑެން ފެށުނެވެ. ހުޝާމްވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލައިގެން އިނެވެ. އެވަގުތުވެސް ހަނދާންވަމުން ދިޔައީ އައިޝާއަށް ވެވިފައިވާ ވައުދެވެެ. ސިކުނޑިން ކިތަންމެ ވަރަކަށް ބޭރުކުރަން އުޅުނަސް އެކަމެއް ވާގޮތެއްނުވެއެވެ. މިއަދު ލޫޝާގެ މަޤާމުގައި އައިޝާ އިންނަމަ ކިހާ އުފާވެރިވީސްހޭ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ﷲއަށް ވަކީލުކޮށްލީ އެކަލާނގެ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނޭ ހިތަށް އަރުވަމުންނެވެ. ހުޝާމްގެ ތަޤުދީރުގައި އައިޝާ ލިބެން ލިޔެވިފައިވާނަމަ އެކަންވެސް ވާނެއެވެ. އޮތީ އެކަލާނގެ ހަޟްރަތަށް ކެތްތެރިވުމެެވެ.

ހަބްޝާ އާއި ހަބީބާ އުފަލުންގޮސް ހީލާފައި ހުރިއިރު ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.

ކައިވެނީގެ ހުތުބާ ފެށުމާއެކު ލުޝާއަށް މުޅިން އެހެން އިހްސާސްތަކެއް ކުރެވެންފެށުނެވެ. ރޮވެން އުޅޭ ކަހަލަގޮތެއްވުމުން އިސްޖަހާލައި ދެއަތް ދެއަތަށް ބާރަށް ފިއްތާލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ އިހްސާސްތައް ކޮންޓްރޯލް ނުވާނޭ ހީވުމާއެކު ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހުޝާމްގެ ދުލުން އަންބި ޤަބޫލުކޮށްފީމޭ ބުނިވަގުތު ލޫޝާއަށް ކުރެވުނީ ދުވަހަކުވެސް ނުކުރެވޭ ކަހަލަ އިހްސާސެކެވެ. ތުންފިތާލާފައި ރޯންފެށުނީ އުފަލުންކަމެއް ނޫނީ ދެރަވެގެންކަމެއް ނޭނގުނެވެ. ސިއްސައިގެން ގޮސް ހުޝާމްއަށް ބަލާލެވުނީ ކަމެއް ގޯސްވީ ކަމަށް ހީކޮށެވެ. އެވަގުތު ހަބްޝާ އާއި ހަބީބާ ދެފަރާތުން އައިސް ލޫޝާ ގައިގާ ބައްދާލީ ހެވިފައި ހުރެއެވެ. ހިބާވެސް އައިސް ޓިޝޫކޮޅަކުން ލޫޝާގެ މޫނު ފޮހެދެން ފެށިއެވެެ. ހަބީބާއަށް ހުޝާމްގެ މޫނުފެނި ލޫޝާއަށް ވީގޮތުން ހުޝާމްއިނީ ހާސްވެފައިކަން އެނގުނެވެ. އަދި ލޫޝާއަށް ރޮވުނީ އުފަލުންކަމުގައި ބުނެދިނެވެ. ކައިވެނީގެ ހަފްލާއަށްފަހު ދެމަފިރިން ކާރުގައި މިސްރާބުޖެހީ ގެއާ ދިމާއަށެވެ. ހުޝާމް އަނބި ޤަބޫލުކޮށްފީމޭ ބުނި ހިސާބުންފެށިގެން ހުޝާމްއާއި ދިމާއަށް ބަލާލަންވެސް ލޫޝާއަކަށް ނުކެެރެއެވެ. ފިރިހެނެއްކަމަކު ހުޝާމްއަށްވެސް ވީ ހަމައެވަރެެވެ.

ވަލީމާ ހަމަޖެހިފައި އޮތީ ލަކީ ޕެލެސް ގައެވެ. ގޭގެ ސިޓިންގް ރޫމް އަަންހެނުންނަށް ހާއްސަކުރެވިފައި ވާއިރު ފިރިހެނުންނަށް ހަމަޖެހިފައިވަނީ ހަމަޖެހިފައިވަނީ ގޭގެ ޓެރަސްއެވެ. މިގޮތަށް ހެދުމުން އެންމެ ހިތްހަމަނުޖެހުނީ ހިބާ އާއި ހައިފާއެވެ. އެހެނީ އެމީހުންގެ ހުރިހާ ރައްޓެހިންނާއެކު މަޖާ ނުކުރެވޭނެއެވެ. ވަލީމާއަށް އަންނަ އެއްްބައިމީހުން މަލާމަތް ކުރަމުން ދިޔައިރު އަނެއްބައި މީހުން އެހާ ރަނގަޅު އަހްލާގެއްގެ ބަޔަކަށްވުމުން ތައުރީފުކުރެއެވެ.

ހުޝާމްގެ އެހެން ރަހުމަތްތެރިން ވަލީމާގައި ހީ މަޖާކޮށް ހަދާއިރު ހުޝާމްއަށް ހުރެވެނީ މަޑުމަޑުންނެވެ. އެވަރަށް ދިމާކޮށް ހަދާއިރުވެސް ހީލުން ފިޔަވައި އިތުރުކަމެއް ހުޝާމްއެއް ނުކުރެއެވެެ. މިރޭމީ ފިރިހެން ކުއްޖެއްގެ ހަޔާތުގަ އަންނާނޭ ރޭތަކުގެ ތެރެއިން ރެއެކެވެ. ވީއިރު ހުޝާމް އުފާނުވަނީ ކީއްވެހެއްޔެވެ. ހަނދާން ނައްތާލަން އުޅޭ ވަރަކަށްވެސް އައިޝާގެ ނަން ހިތުން ނުފިލަނީ ކީއްވެ ހެއްޔެވެ. ލޫޝާއާއި ކައިވެނިވުމަށްފަހުވެސް ހިތަށް ހަމަޖެހުމެއް ނުލިބެނީ ކީއްވެ ހެއްޔެވެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ.

-ނުނިމޭ-

27

8 Comments

  1. Khajja

    December 14, 2016 at 1:50 am

    Wow masha allah v rythi ekam husham ah dhera eh dhy olhumeggetherey nubahattaa hagygaiy angadhybala n looshaa ah miskithah vannan kerun kamaamedhuves hairaanvejje hushaam olhumeggetherey bahattaigen ya allah hushaam ah keiytherikan dhevvaa laigannan mi ulheny musybaatheh kamugai vaanama mi musybaathun salaamaiykoh dhevvaa hushaam ge loabi hushaam ah kaamiyaab koh dhevvaa aishaa aa kaiveni kurevumuge heyo thaufeeg minvaru koh dhevvaashi aameen baajjaveri re akah edhen hurihaakudhinnah

  2. pinker

    December 14, 2016 at 6:23 am

    Haadha dhuvaheh koffa ey dhw….nways story is beautiful…..

  3. k

    December 14, 2016 at 8:15 am

    good work…. ehen faharu thakekey ehfadhain mi bai ves hama v reethi

  4. ukhthi

    December 14, 2016 at 9:00 am

    Masha Allah……..waiting for next part……

  5. raashi

    December 14, 2016 at 1:23 pm

    varah salhi mivaahaka
    next part avahah genesdhevey tho balaathi ingey hayyuuu 🙂

  6. Fathu

    December 14, 2016 at 6:43 pm

    Vv salhi v avas koh Aneh part genes dhehvvun edhen

  7. Mimmi

    December 15, 2016 at 2:41 pm

    reethi. ekamu ehaa gina dhuvas kohfa up kuri iru vex haadha kuru kon ney thi up kuree. next part avahah up kohdheyne kamah heekuran

  8. mal-mal

    August 31, 2017 at 12:26 pm

    I’m so curious!! MashaAllah, it’s beautifully written.

Comments are closed.