ރިޔާޝާ ގޮސްވަނީ ޖުމާންގެ ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަހަރާ ތެރެއަށެވެ. އެތާގައި ރަސްކަން ކުރަމުން ދަނީ ހަމހިމޭންކަމާއި ފަޅުކަމެވެ. އޭނާ ގޮސް ފަޔާޒްގެ މަހާނަ ކައިރީ މަތީ އިށީނެވެ. އޭނާ އެމަހާނައިގެ ވެލިތައް އޮމާންކޮށްލިއެވެ. އަދި މަތީގައި ހުރި ގާކޮޅުތައް ހޮވާލާފައި އެއްލާލިއެވެ. އޭނާ އަނެއްކާވެސް ވެލިގަނޑު އޮމާންކޮށްލާފައި ވެލިމުށެއް ނެގިތަނާ އޭނާގެ އަތްތިލައަށް މީހަކު ފައިން އެރިއެވެ.
ރިޔާޝާ ސިހިފައި ބަލާލިއިރު އަރުޖުން ސިންގ ހުރީ ނުބައި ފާޑަކަށް ހީފައެވެ. “އަރުޖުން ސިންގ! ފައި ނަގާ. މީ އަހަރެންގެ ފިރިމީހާގެ…” “ކަންބޮޑުނުވޭ. ކަލޭވެސް އޭނަ ކައިރީ ނިންދަވާލާނަން.” އަރުޖުން ސިންގ ކުއްލިއަކަށް ރިޔާޝާގެ އިސްތަށިގަނޑުގައި ހިފާފައި ނެގިއެވެ. “ކަލޭ ތިހިރީ އަހަރެންގެ ލޯބިވެރިޔާ މަރާލާފަ. އަދި ކަލޭގެ ދެވަނަ ޓާގެޓަކީ އަޔާޒް. އަހަރެން އެކަން އެގޮތަށް ވިޔަކަ ނުދޭނަން. އަދި ކަލޭއަށް އަހަރެންގެ ނަން މީހެއްގެ ގާތުގައި ބުނުމުގެ ފުރުސަތެއްވެސް ނުދޭނަން.” އަރުޖުން ސިންގ ރުޅިވެރިކަމާއެކު ބުނެލިއެވެ. “އަހަރެން ތިކަހަލަ ކު…ގެ ނަން ބުނާކަށް ބޭނުމެއް ނޫން.” ރިޔާޝާ އެހެން ބުނެލުމާއެކު އަރުޖުންގެ އަތް ރިޔާޝާގެ އިސްތަށިގަނޑުން ދޫކޮށްލުމާއެކު އުޅުނީ ރިޔާޝާގެ މޫނުގައި ޖަހާށެވެ. ނަމަވެސް އޭގެ ކުރިން ރިޔާޝާ އޭނާގެ އަތުގައި ހުރި ވެލިތައް އަރުޖުން ސިންގގެ މޫނަށް ޖަހާފައި ދުއްވައިގަތީ ސަހަރާއިން ބޭރަށެވެ.
އަރުޖުން މޫނުގައި އަތް އަޅައިގެން ހުރެފައި އެތައް މަސައްކަތަކުން ލޯ ހުޅުވާލިއިރު ރިޔާޝާ ޖެހުނުތާ ލަކުނުވެސް ނެތެވެ. ނަމަވެސް އޭނާއަށް ރިޔާޝާ ދާނީ ސަހަރާއިން ބޭރަށްކަން ޔަޤީންވާތީ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އޭނާ ގޮސް ސަހަރާއިން ނުކުމެ ދެކޮޅު ބަލާލިއިރު ސަހަރާއާއި ނުހަނު ގާތުގައި ހުރި އަސް ކޮށީ ތެރެއަށް ރިޔާޝާ ވަންނަނީއެވެ. އޭނާ ބާރުބާރަށް ދުވެފައި ގޮސް އަސް ކޮށްޓަށް ވަތްއިރު ރިޔާޝާ ފެންނާކަށް ނެތެވެ. އެ އަސް ކޮށި ވަނީ ދެބުރިއަށް ވާކަހަލަ ގޮތަކަށް ހަދާފައެވެ. އަރުޖުން، އޭނާގެ ފަޓުލޫނު ޖީބަށް ޖަހާލާފައިވާ ފިސްތޯލަ ނަގާ އަތަށް ހެޔޮވަރު ކޮށްލަމުން ރިޔާޝާ ހޯދަން ފެށިއެވެ. ރިޔާޝާގެ ހިތުގެ ތެޅުން އަވަސްވެފައިވާ ހާލު އަސް ކޮށީގެ މަތީ ބައިގައި ފިރުކެމުން ދިޔައެވެ. އޭރު އޭނާއާއި ދިމާ ތިރިން އަރުޖުން ދިޔައީ ދެކޮޅު ހޯދަމުންނެވެ. އެންމެ ފަހަރަކުވެސް މަތި ބަލާލާން އޭނާގެ ޚިޔާލަށް ނައިކަން އެއީ ރިޔާޝާގެ ނަސީބެވެ. ރިޔާޝާ ފިރުކެމުން ދަނިކޮށް، އެތާގައި ހެދިފައި ހުރި ބަލަކުން ކުނޑިތައް ފޭބީ އަރުޖުންގެ ގަޔަށެވެ.
އަރުޖުން ސިހިފައި މަތި ބަލާލިއިރު އެތަނުން މީހަކު ދާކަން އޭނާއަށް ޔަޤީންވިއެވެ. އޭނާ އަވަސްއަވަހަށް ފިސްތޯލައިން ވަޒަނެއް ދޫކޮށްލިއެވެ. އޭރު ރިޔާޝާއަށް ހުރެވުނީ ހުއިތަކެއް އަޅާފައިވާ ގޯންޏަކާއި ހަމައިގައެވެ. އެވަޒަން އެ ގޯންޏަށް އެރުމާއެކު ރިޔާޝާ ތެދުވެ ކުރިއަށް ދުއްވައިގަތެވެ. އަރުޖުން ފަހަރަކު ވަޒަނެއް ދޫކުރަމުން ދިޔަނަމަވެސް ރިޔާޝާ ދިޔަލެއް ބާރުކަމުން އެއިން އެއްވެސް ވަޒަނެއް ރިޔާޝާގެ ގަޔަށް އަރާ ގޮތެއް ނުވިއެވެ. ރިޔާޝާ ގޮސް އެތަނުގެ ކޮޅަށް ދެވުމުން ތިރިއަށް ފުންމާލީ އިތުރު ގޮތެއް ނެތުމުންނެވެ. ނަސީބަކުން ތިރީގައި އޮތީ ހުއި ބޮނޑިތަކެވެ. އޭގެ މައްޗަށް ވެއްޓުމާއެކު ރިޔާޝާ ފުރޮޅިލާފައި ހުއިތަކުގެ ނިވަލަށް ވަދެ ބަލާލިއެވެ. އޭނާއަށް އަރުޖުން އަންނަތަން ފެނުމުން ތެދުވެ ދުއްވައިގަތީ ކުރިއަށެވެ. އެވަގުތު އަނެއްކާވެސް އަރުޖުން ވަޒަނެއް ފޮނުވާލިއެވެ. ބަޑީގެ އަޑަށް ރިޔާޝާއަށް ތިރިވެވުނުކަމުން ރިޔާޝާގެ ބޮލުން ވަޒަން ނައްޓާ، އެވަޒަން އަމާޒުވީ ދާދި ކައިރީގައި ހުރިބިއްލޫރި ޖެހި ދޮރަށެވެ. އެއާއެކު އެދޮރުގެ ބިއްލޫރިގަނޑު ކުދިކުދިވެގެން ފޭބިއެވެ.
ރިޔާޝާ ތެދުވެ ފަހަތް ބަލާލިއެވެ. އޭރު އަރުޖުން އޭނާގެ ފިސްތޯލައިން ވަޒަން ހުސްވެގެން އުޅެއެވެ. ފިލަން ލިބުނު ފުރުސަތުގައި ރިޔާޝާ ކުރިއަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ އޭނާއަށް އެނގުނީ އިތުރަށް ފިލަން ވަންނާނެ ތަނެއް ނެތްކަމެވެ. ކުރިމަތީގައި ހުރީ ދިހަ ފޫޓަށް ރާނާފައި ހުރި ފާރެކެވެ. އޭނާ ފަހަތް ބަލާލިއިރު އަރުޖުން އެދިމާއަށް ދުވެފައި އާދެއެވެ. އޭނާ އަވަސްއަވަހަށް ފާރަށް އެރޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ފަސް ފޫޓުގެ އިސްކޮޅާއި ހެދި އޭނާއަށް ފާރަށް އެރުން އުނދަގޫ ކަމަކަށްވިއެވެ. ނަމަވެސް ގައިގައި ނެތް ހިތްވަރުލައި ދެތިން ފަހަރަކު ފުންމައިގަނެގެން އޭނާއަށް ފާރުގައި އަތް އަޅުވާލެވުނެވެ. ފާރުގައި ފައި ވިއްދާލާފައި އަރަން ހިފާލިތަނާ އަރުޖުން އޭނާގެ އުނަގަނޑާއި ހިސާބުން ހިފަހައްޓާލާފައި ފަހަތަށް ދަމާލުމާއެކު ފާރުން އަތް ދޫވިއެވެ. އަރުޖުން ރިޔާޝާ ވާތް ފަރާތަށް ކޮއްޕާލުމާއެކު ކައިރީގައި ހުރި ހަރުގަނޑެއް ފާޑު އެއްޗެއްގައި ޖެހިފައި ރިޔާޝާ ފަހަތަށް ވެއްޓުނެވެ.
ރިޔާޝާ ވެއްޓުމާއެކު އަރުޖުން އޭނާ ލައިގެން ހުރި ގަމީސް ބާލާ ދުރަށް އެއްލާލިއެވެ. އަދި އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޒިބު ކަހާލުމާއެކު ރިޔާޝާއަށް ބޯ ހޫރާލެވުނެވެ. އެވަގުތު ނިކަން ބޮޑަށް ވިދާލާފައި ފިސާރި ބާރަށް ގުގުރައިގަތެވެ. ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެންދިޔަ ވަގުތު ކައިރީގައި ހުރި ހަރުގަނޑު ކައިރިއަށް ވެއްޓިފައި އޮތް ބޮޑު ވަޅި ރިޔާޝާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ވަގުތު ބޭކާރުނުކޮށް އެދިމާއަށް ޖެހެން ފެށިއެވެ. އޭނާއަށް ވަޅި ނަގާފައި ބަލާލެވުނު ވަގުތު އަރުޖުން ފަޓުލޫނު ބާލާ ދުރަށް އެއްލާލީއެވެ. ހުސް ޖަންގިޔާކޮޅަށް ހަދާލައިގެން އަރުޖުން ރިޔާޝާއާއި ދިމާއަށް އަންނަތަން ފެނުމުން ރިޔާޝާ ލަދުގަނެ ބިރުވެސްގަތެވެ. އަރުޖުން އައިސް ރިޔާޝާއާ ދިމާއަށް ގުދުވެލަން ހެދިތަނާ ރިޔާޝާ އޭނާގެ އަތުގައި އޮތް ވަޅި އަރުޖުންގެ ފައި ފަލަމަސްގަނޑަށް ހަރާލާފައި ނައްޓާލިއެވެ. އަރުޖުންއަށް ވީތަދުން ބާރު ހަޅޭކަކާއެކު ދުރަށް ޖެހިލެވުނު ވަގުތު ރިޔާޝާ ތެދުވިއެވެ. އެވަގުތު ރިޔާޝާގެ ލޮލުގައި އަޅައިގަތީ އެއްފަރާތުގައި އޮތް ފަލަ ދަނޑިބުރިއެވެ. އޭނާ އަވަސް ހަރަކާތަކާއެކު ދަނޑިބުރި ނަގާ އަރުޖުންގެ ގައިގައި ތަޅައިގަތެވެ.
އަރުޖުންގެ ފައިގައިވާ ބޮޑު ޒަޚަމުގެ ސަބަބުން އޭނާއަކަށް ރިޔާޝާއަށް ހަމަލައެއް ދޭނެ ފުރުސަތެއް ނުލިބުނެވެ. ރިޔާޝާ، އެފަލަ ދަނޑިބުރިން އަރުޖުންގެ ބޮލުގައި އެޅި ބޮނޑިޔާއެކު އަރުޖުން ހުރިތަނަށް ތިރިވިއެވެ. އިރުކޮޅެއް ވަންދެން އަރުޖުންގެ ހަރަކާތެއް ކުރޭތޯ ހުރުމަށްފަހު ޚަބަރެއް ނުވުމުން ރިޔާޝާ ތެޅިތެޅި އޮތް ހިތަކާއެކު ގާތްވެލިއެވެ. އަރުޖުންއަކީ ގޮތް ނޭނގޭ ފިރިހެނެކެވެ. އޭނާ އެއުޅުނީ ރިޔާޝާގެ ޢިއްފަތަށް އަރައިގަންނާށެވެ. އެހެން އޮވެފައި ކުއްލިއަކަށްވެސް އޭނާގެ އެދުން ހާސިލްކުރަން އުޅެފާނެއެވެ. އެހެން ހިތަށް އެރުމުން ރިޔާޝާ ގާތްވީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަޅި ހިފައިގެންނެވެ. އޭނާ އަރުޖުން ނޭވާ ލާތޯ ބެލިއިރު ނޭވައެއް ނުލައެވެ. އަރުޖުންގެ މަކަރުވެރިކަން އެނގޭތީ ހަމައެކަނި ނޭވާލާތޯ ބަލައިގެން ރިޔާޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން އޭނާ އަރުޖުންގެ ވިންދު ހުރިތޯ ބެލިއެވެ. އަރުޖުން މަރުވިކަން ޔަޤީންވުމުން އޭނާ ތެދުވެ ވަޅި އެއްލާލާފައި ދާން ހިނގައިގަތެވެ.
ހަމަ އެވަގުތުގައި ރިޔާޝާއަށް ހުއްޓެން މަޖުބޫރުވީ ހިތަށްއެރި އެއްޗަކުންނެވެ. އެގޮތަށް އަރުޖުން މަރާލާފައި ގޮސްގެން އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަރުޖުންއަކީ ޕޮލިސް އޮފިސަރެކެވެ. އަރުޖުން އެފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެނަމަ، ކަމާއިބެހޭ ފަރާތްތަކުން އޭނާގެ ޤާތިލު ހޯދަން މަސައްކަތް ކުރާނެކަން ގައިމެވެ. އަރުޖުންއަށް ލިބިފައިހުރި އަނިޔާތައް ފެނިއްޖެނަމަ އެއީ މީހަކު ކުރި ކަމެއްކަން އެނގޭނެއެވެ. އަނެއްކޮޅުން އެކަމުގައި އޭނާއަށް ޝައްކުގެ އިނގިލި ދިއްކުރާނެކަންވެސް ގައިމެވެ. ސަބަބަކީ ޖެއިލަރގެ މަރާއި ގުޅިގެން އަރުޖުން އޭނާއާއި ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. މިހެން ހިތަށް އެރުމާއެކު ރިޔާޝާ ގޮސް އަރުޖުން ބޭލި ފަޓުލޫނުގެ ޖީބުތައް ޗެކުކުރި ކުރުމުން އޭގައި އޮތް ލައިޓަރ ފެނިފައި އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ އަރުޖުންގެ ވޮލެޓާއި ލައިޓަރ ހިފައިގެން އައިސް އަރުޖުން އޮތް ތަނުގައިހުރި ހުއި ގަސްތަކުގައި ރޯކޮށްލާފައި އަވަހަށް އެތަނުން ދުރަށް ދިޔައެވެ. އޭނާ އެދިޔަ ގޮތަށް ސަހަރާ ތެރެއިން ނުކުމެގެން އޮޓޯއެއް ހުއްޓުވިއެވެ. އަދި ދާންވީ އެޑްރެސް ބުނެދިނެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ރިޔާޝާއަށް އޭނާގެ މަންޒިލަށް އާދެވިއްޖެއެވެ. އޭނާގެ އަތުގައި އޮތް އަރުޖުންގެ ވޮލެޓުން ލާރި ނަގައި އޮޓޯ ޑްރައިވަރ އަތަށް ދިނުމަށްފަހު އޭނާ އެގެއަށް ބަލާލިއެވެ. ތިން އަހަރު ފަހުން އޭނާއަށް އޭނާ ދިރިއުޅޭ ގެއަށް އާދެވުމުން ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ދިޔައިރު ދޮރުވާނަށް އިނީ ނިދިޖެހިފައެވެ. އޭނާ ގޭޓުގައި ޖަހާލުމާއެކު ސިހިފައި އެމީހާ ދެލޯ ހުޅުވާލިއެވެ. “މެޑަމް!” ހައިރާންވެފައި އެމީހާ ބުނެލިއެވެ. އަދި އަވަސްއަވަހަށް ގޭޓު ހުޅުވާ ރިޔާޝާ ވަންނަން ތަން ދެއްކިއެވެ. ރިޔާޝާ ވަދެގެން ގޮސް ގޭގެ ބެލް ދެތިން ފަހަރަށް އަޅާލިތަނާ ދޮރު ހުޅުވާލިއެވެ. ރަތީބާއަށް ރިޔާޝާ ފެނުމާއެކު ހައިރާންވެގެން ބަލަން ހުއްޓެވެ. ހަމައެވަގުތު އޭނާގެ ތުންފަތައް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އިސާހިތަކު އުފާވެރިކަމުގެ ކަރުނަ އޭނާގެ ދެލޮލުން ހިލުވާލިއެވެ. އޭނާ ރިޔާޝާގެ ގައިގައި ބައްދާލީ ދެން ދުވަހަކުވެސް ދުރަށް ދިޔަނުދޭނަމޭ ބުނާފަދަ ގޮތަކަށެވެ. ފަޔާޒް ނެތް ދުނިޔޭގައި އޭނާ ރިޔާޝާ ރަނގަޅަށް ބަލައިދޭން އޭނާ ވަނީ އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ. ނަމަވެސް އޭނާއަށް އެވަޢުދެއް ނުފުއްދުނެވެ. ރިޔާޝާ އެވަނީ ޙައްޤު ނޫން އަނިޔާތަކެއް ލިބިފައެވެ. އެވެސް އަމިއްލަ އެދުމުން ފޯވެފައިހުރި އޭނާގެ ދަރިއެއްގެ ސަބަބުންނެވެ. ދެން ރިޔާޝާއަށް އެއްވެސް ކަމެއް ދިމާވިޔަނުދޭން އޭނާ ހިތުގެ އަޑިން ޢަޒުމު ކަނޑައެޅިއެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިސް ނަމާދަށް ފިޔާޒާއަށް ހޭލެވުމާއެކު ހައިރާންކަމާއެކު ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އޭނާ ރޭގައި ނިދީ މާމަ ކޮޓަރީގައެއް ނޫން ހެއްޔެވެ؟ އެކަމަކު ހޭލެވުނުއިރު މިއޮވެވުނީ މަންމައާއި ބައްޕަގެ ކޮޓަރީގައެވެ. އޭނާ މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ އޭނާއަށް ނިދީގައި ހިނގާފައި އާދެވުނީ ހެއްޔެވެ؟ އެކަމަކު ހަމަ މިރޭ މިކޮޓަރިއަށް އާދެވެންވީ ކީއްވެ ހެއްޔެވެ؟ ސިކުނޑީގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއެކު ފިޔާޒާއަށް އެދުގައި ފުރޮޅިލެވުނެވެ. އެވަގުތު އޭނާއަށް ހަޅޭއްލަވައިގަނެވުނީ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އޮތް ރިޔާޝާ ފެނުމުންނެވެ. ފިޔާޒާގެ އަޑަށް ސިހިފައި ރިޔާޝާއަށްވެސް ހޭލެވުނެވެ. ފިޔާޒާ އޮތީ ފެނުނު މަންޒަރު ޤަބޫލުނުކުރެވިފައެވެ. އޭނާ ދެފަހަރަކު ލޯ އުނގުޅާލާފައި ބަލާލިއެވެ. އަދި ހުވަފެނެއްތޯ ޔަޤީންކޮށްލުމަށްޓަކައި އަތުގައި ވިކާލިއެވެ. “މަންމީ!” ފިޔާޒާ އުފަލުން ފުރިފައިހުރެ ރިޔާޝާގެ ގައިގައި އޮޅުލައިގަތެވެ. ރިޔާޝާވެސް ފިޔާޒާގެ ގައިގައި ބައްދާލީ ދެން ދުވަހަކުވެސް ދަރިފުޅު ދޫކޮށްފައި ނުދާނަމޭ ބުނާފަދަ ގޮތަކަށެވެ.
“މަންމި ކޮންއިރަކު އައީ؟ ފިޔާ ވަރަށް ސަޕްރައިޒްޑް ވެއްޖެ. މާމަވެސް ނުބުނޭ.” ފިޔާޒާ އުފަލުން އިނދެ ބުނެލިއެވެ. “މަންމި ރޭގަ އައީ. އޭރު ދަރިފުޅު ނިދާފަ އޮތީމަ އަޅާނުލީ. މާމައަކަށްވެސް ނޭނގޭނެ މަންމި އަންނަކަމެއް. މަންމި އައިމަ މާމަވެސް ހުރީ ސަޕްރައިޒްޑް ވެފަ.” ރިޔާޝާ ވަރަށް ލޯބިން ފިޔާޒާގެ ބޮލުގައި ފިރުމާލާފައި ބުނެލިއެވެ. “ދެން ހިނގާ އަވަހަށް ނަމާދުކުރަން.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅު ނަމާދުކުރޭ. މަންމިއަކަށް ނުކުރެވޭ.” ރިޔާޝާ އެހެން ބުނެލުމުން ފިޔާޒާވެސް ދެބަހެއްނެތި ގޮސް ނަމާދުކުރިއެވެ. ހެނދުނުގެ ސައިގެ ވަގުތުގައި ފިޔާޒާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ފެންނަ ހުރުމުން ރަތީބާއަށް ހަމަޖެހިލައިގެން ސައި ބޮވުނެވެ. އެއީ ރިޔާޝާއަށްވެސް އެތައް ދުވަހަކަށްފަހު ހަމަޖެހިލައިގެން ސައި ބޮވުނު ދުވަހެކެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ރިޔާޝާ ނުސީދާ ގޮތަކަށް އަޔާޒްގެ ވާހަކަ އަހާލިއެވެ. ރަތީބާ އަޔާޒް އެކްސިޑެންޓްވީ ވާހަކައާއި އޭނާ ހަސީނާމެންގެ ގާތަށް ސިންގަޕޫރަށް ފޮނުވާލި ވާހަކަ ބުންޏެވެ. ރިޔާޝާއަށް ފުން ނޭވައެއް ބޭރުކޮށްލެވުނީ އޭނާގެ މަޤްސަދު ލަސްވާތީއެވެ.
ރިޔާޝާ ޖުމާންއާއި ބައްދަލުކޮށްފައި އެދުނީ އޭނާއަށް ސިންގަޕޫރަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ. އަދި އޭނާ ދަނީ ޖުމާނާއިއެކު ކަމަށް ރަތީބާ ގާތު ބުނެދިނުމަށެވެ. ޖުމާން އެތައް ސުވާލެއް ކުރުމުން ރިޔާޝާ އެދުނީ އޭނާ އެނބުރި އައިސްފައި ހުރިހާ ވާހަކައެއް ކިޔައިދޭނެކަމަށެވެ. އެންމެފަހުން ޖުމާން ރިޔާޝާ އެދުނު ގޮތަށް ކަންތައް ކޮށްދިނެވެ. ޖުމާން ރަތީބާގެ ގާތުގައި އެވާހަކަ ދެއްކުމުން ރަތީބާ ފުރަތަމަ އެކަމާއި ދެކޮޅުހެދިއެވެ. އޭނާ ބުނީ އޭނާ ނުދާނަމަ ރިޔާޝާއަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް ޖުމާން ވަރަށް ކިޔައިގެން ރަތީބާ އެއްބަސްވިއެވެ. ދެދުވަސް ފަހުން ރިޔާޝާ ސިންގަޕޫރަށް ފުރީ އޭނާގެ މަޤްސަދު ޙާސިލްކުރުމަށެވެ. އަޔާޒްގެ ކިބައިން ބަދަލު ހިފުމަށެވެ. ނަމަވެސް އޭނާ އެތަނަށްދާ މަޤްސަދު ވަނީ އެންމެނަށް ވަންހަނާކޮށްފައެވެ. ޖުމާނަކީ އަޔާޒްގެވެސް އެކުވެރިއެކެވެ. އެހެންކަމުން ޖުމާން ގާތު ބުނެފިނަމަ އަޔާޒަށް އެކަން އެނގޭނެކަމުގައި ރިޔާޝާގެ ހިތް ބުނީތީ އޭނާ ޖުމާނަށް ސިއްރުކުރީއެވެ.
ޖުމާން ގާތު އަހައިގެން ރިޔާޝާ ވަނީ އަޔާޒްގެ އެޑްރެސް ހޯދާފައެވެ. އޭނާ ކާރަކަށް އަރައިގެން އަޔާޒްގެ ގެއަށް ދިޔައިރު އެގޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށް ހިނގަމުން ގޮސް ނުކުމެވުނީ ބޮޑު ފަތާ ފެންގަނޑެއްގެ ކައިރިއަށެވެ. އޭނާ ކޮޅުކޮޅުމައްޗަށް ލޯ ހިންގަމުން ދަނިކޮށް ކުއްލިއަކަށް ސިހުނީ އަންހެނެއްގެ އަޑު އިވިފައެވެ. “ކާކާ ބައްދަލުކުރަން އައި މީހެއް؟” “އަޙްމަދު އަޔާޒް!” ރިޔާޝާ ބުނެލިއެވެ. “ތިނަން ކިޔާ މީހަކު މިގެއަކު ނޫޅޭ. މިގޭގައި އުޅެނީ ކަރަން މަލޯޓްރާ.” އެއަންހެންމީހާ ބުންޏެވެ. “އެކަމަކު މީ އަޔާޒްގެ ގެ.” ” އަހަންނަކަށް ތިއެއް ނޭނގެ. މީގެ ދެއަހަރު ކުރިން ފެށިގެން އަހަރެމެން އުޅެނީ މިގޭގައި.” އެއަންހެންމީހާ އެހެން ބުނުމުން ރިޔާޝާ އެމީހާއަށް ޝުކުރު އަދާކޮށްފައި ދާން ހިނގައިގަތެވެ. ދެން އޭނާ އަޔާޒް ހޯދަން ހަދާނީ ކިހިނެއްބާއޭ ރިޔާޝާގެ ހިތަށްއެރިއެވެ. އަނެއްކޮޅުން މިތާގައި ހުހަކަށް ނުވެސް ހުރެވޭނެއެވެ. މަސައްކަތެއް ނުހޯދައެއްވެސް ނުވާނެއެވެ. އެހެން ހިތަށް އެރުމުން އޭނާ ދިޔައީ އެތާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލަށެވެ.
ރިޔާޝާ ހޮސްޕިޓަލަށް ގޮސް އެތަނުގެ ބޮޑު މީހާ ސުޖާތާއާ ބައްދަލުކުރިއެވެ. އަދި އޭނާއަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދުނެވެ. ރިޔާޝާ، އޭނާއަކީ ނުޙައްޤުން އަނިޔާތަކެއް ލިބި ތިން އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރި މީހެއްކަމަށް ބުންޏެވެ. “ރިޔާޝާ ބޭނުންވީމަ އައިސް ޖޮއިންކުރޭ.” ސުޖާތާ ހިނިތުންވެލާފައި ބުނެލިއެވެ. “އެކަމަކު އޭރުން މީހުން ކިޔާނީ…” “މީހުން ކިޔާ އެއްޗެއްސަށް ބަލައިގެން ދުނިޔެއަކު ނޫޅެވޭނެ. އަހަންނަށްވެސް ވިސްނޭ. ހޮސްޕިޓަލުގައި މަސައްކަތްކުރަން ރިޔާޝާ ޖެހިލުންވަންޏާ ރިޔާޝާއަށް ވަރަށް ރަނގަޅު މަސައްކަތެއް އަހަރެން ހަވާލުކޮށްފާނަން. އަހަރެންގެ ރައްޓެހި ޑޮކްޓަރެއް ބަލަހައްޓަމުންދާ ހާއްޞަ ބަލިމީހެއް ހުންނާނެ. އޭނަ ބެލުން އެއީ ރިޔާޝާއަށް ކުރަން ވަރަށް ރަނގަޅު ކަމެއް. އަހަރެން ބުނާ ތަނަކަށް ގޮސް ޑރ. ކަޕޫރްއާ ބައްދަލުކުރޭ. އަހަރެން އޭނައަށް އަންގާލާނަން.” ސުޖާތާ އެހެން ބުނެފައި ދިނީ އަނެއްކާވެސް އެހެން ހޮސްޕިޓަލެއްގެ ނަމެވެ. ރިޔާޝާ އޭނާއަށް ޝުކުރު އަދާކޮށްފައި ނުކުމެ ކާރެއްގައި ޑރ. ކަޕޫރާއި ބައްދަލުކުރަން ހޮސްޕިޓަލަށް ދިއުމަށް މިސްރާބުޖެހިއެވެ.
ގާތްގަނޑަކަށް ބައިގަޑިއިރުގެ ދަތުރަކަށްފަހު ރިޔާޝާއަށް ހޮސްޕިޓަލަށް އާދެވިއްޖެއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ ކޮޅުކޮޅަށް ލޯ ހިންގަމުންނެވެ. “އެކްސްކިއުޒް މީ.” ފަހަތުން އިވިގެންދިޔަ ފިރިހެންވަންތަ ބަރު އަޑަށް ރިޔާޝާ ފަސްއެނބުރި ބަލާލިއެވެ. “މިއައީ ޑރ. ކަޕޫރްއާ ބައްދަލުކޮށްލަން.” “އަހަންނަކީ ޑޮކްޓަރ ކަޕޫރް. ކިހިނެއްވީ؟” ޑރ. ކަޕޫރް ވަރަށް މަޑުމައިތިރިކަމާއެކު އަހާލިއެވެ. “މީ ރިޔާޝާ!” “އާނ އާނ. ސުޖާތާ އަހަރެންނަށް ގުޅާފައި ބުންޏޭ. އާދޭ.” ޑރ. ކަޕޫރާއެކު ހިނގަމުން ދިޔައިރު ޑރ. ކަޕޫރު ދިޔައީ އޭނާގެ ޕޭޝަންޓާބެހޭ ގޮތުން މައުލޫމާތު ދެމުންނެވެ. “އަޙްމަދު އަޔާޒް! އޭނަ މިތަނަށް ގެނެވުނީ އިންޑިޔާގައި ހުއްޓާ ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ޒަޚަމްވެގެން. އޭނަގެ ކަންތައް ރިޔާޝާ ބަލަހައްޓަން ޖެހޭނީ.” ޑރ. ކަޕޫރް ބުނެލިއެވެ. ރިޔާޝާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
ރިޔާޝާ މިސްރާބުޖެހީ ހޮސްޕިޓަލުގެ ގޯތި ތެރެއަށެވެ. ވަކި ހިސާބަކުން އޭނާއަށް ފެނުނީ ގަސްމުށިގަނޑެއްގެ ތެރެއަށް ޖަހާފައި އިން ވަޅިއެކެވެ. އޭނާ ސިއްރު ސިއްރުން އެވަޅި ނަގާ އޭނާގެ ދޯޕައްޓާއިން ވަޅި ފޮރުވާލާފައި އަނެއްކާވެސް ހިނގައިގަތެވެ. އޭނާ ދިޔައީ އަޔާޒް ހޯދަމުންނެވެ. އަޔާޒް ފެންނައިރަށް އޭނާގެ ދުވަސް ދުއްވާލަން ރިޔާޝާ ނިންމިއެވެ. ހަލުވި މިނުގައި ހިނގަމުން ގޮސް ކުއްލިއަކަށް އޭނާއަށް ހުއްޓުމެއް އައީ ދެންމެ އޭނާ ފަސްދީ ދިޔަ ފުރޮޅުލީ ގޮނޑީގައި އިން މީހާއާއި ދޭތެރޭ ހީވި އެއްޗަކުންނެވެ. އޭނާ ފަސްއެނބުރި ދުވެފައި ގޮސް ފުރޮޅުލީ ގޮނޑި ކުރިމައްޗަށް ހުއްޓުނެވެ. އާއެކެވެ. އެއީ އަޔާޒް ނޫން ދެވަނަ މީހެއް ނޫނެވެ. އެއްވެސް ހަރަކާތެއް ނެތިފައި އިން އަޔާޒް ފެނިފައި ރިޔާޝާގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ އައެވެ. އޭނާ އެއްފަރާތަށް ޖެހިލުމުން އަޔާޒް އިން ގޮނޑި ކޮއްޕަމުން މީހަކު ދިޔައީ އެތެރެއަށް ވަންނާށެވެ. ރިޔާޝާގެ އަތުން ވަޅި ދޫވެގެން ވެއްޓުނެވެ.
“އަޔާޒްއަށް އެހެން އެދިމާވީ އެރޭގެ އެ އެކްސިޑެންޓްގައި އޭނާގެ ބޮލަށް ލިބުނު ގެއްލުމުގައި ސިކުނޑިއަށް ލިބުނު ޝޮކަކުން.” ރިޔާޝާ ޑރ. ކަޕޫރްއާ އަޔާޒްގެ ހާލަތާއި ބެހޭގޮތުން ވާހަކަދެއްކުމުން ޑރ. ކަޕޫރް އޮޅުންފިލުވައިދިނެވެ. “ދެން އޭނަ ރަނގަޅުކުރަން ކިހިނެއްތޯ ހަނދާން ޖެހޭނީ؟” ރިޔާޝާ އަހާލިއެވެ. “އެފަދަ ޝޮކް ލިބޭ މީހުން ރަނގަޅުކުރުމަށް އޮތީ ދެގޮތެއް. އެއްގޮތަކީ ދެވަނަ ފަހަރަށް އެފަދަ ޝޮކެއް ލިބުން. ދެވަނަ ގޮތަކީ ލޯތްބާއި އަޅާލުން.” ޑރ. ކަޕޫރް ބުންޏެވެ. ރިޔާޝާ މަޑުމަޑުން ހިނގަމުން ގޮސް އަޔާޒްގެ ގޮނޑި ކައިރީގައި އިށީނދެފައި ވަރަށް ލޯބިން އަޔާޒްގެ ބޮލުގައި ފިރުމާލިއެވެ. “ޑޮކްޓަރ! އަޔާޒް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑާ ހަވާލުކުރައްވާ.” ރިޔާޝާ ބުނެލުމުން ޑރ. ކަޕޫރް އެކަމާ އެއްބަސްވީ އޭނާއަށް ރިޔާޝާއާއި ދޭތެރޭ އޮތް ޔަޤީންކަމެއްގެ ބޮޑުކަމުންނެވެ. ރިޔާޝާގެ އަޑުގައިވި އޯގާތެރިކަމާއި ހިނިތުންވެލާއިރު އެހުންނަ ހިތްހެޔޮކަމަކީ ބަލިމީހާއަށް ފަރުވާދޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ވަރަށް މުހިންމު ދެސިފައެވެ.
ރިޔާޝާ އަޔާޒްގެ ހުރިހާ ކަމެއް ކޮށްދެމުން ގެންދިޔައީ ވަރަށް ފުރިހަމައަށެވެ. ޖައްވުގެ ތާޒާ ވައި ލިބޭ ތަންތަނަށް އަޔާޒް ގޮވައިގެން ގޮސް، އަތުން ލަވައި ކާންދީ ހަދައެވެ. ފެންވެރުވުން ނޫން ހުރިހާ ކަމެއްވެސް ކުރަނީ ރިޔާޝާގެ ދެއަތުންނެވެ. މިގޮތަށް ކަންތައްތައް ކޮށްދޭތާ ގާތްގަނޑަކަށް ދެމަސްވީއިރު އަޔާޒްގެ ހަރަކާތްތައް އެނބުރި އަންނަން ފަށައިފިއެވެ. ކުރިންވެސް އޭނާ ބެލުމުގެ ކަންތައްތައް ކުރަމުންދިޔަ އެކި ނަރުހުންނަށްވުރެ ރިޔާޝާ ކުޅަދާނަކަމަށް ޑރ. ކަޕޫރް ބުނެއެވެ. އެމީހުން ދެއަހަރު ވާންދެން ކުރި ބުރަ މަސައްކަތުން ނުހޯދުނު ކުރިއެރުން ދެމަސްދުވަހުން ރިޔާޝާ ހޯދީ ރިޔާޝާގެ ކުޅަދާނަކަމުންކަމަށް ޑރ. ކަޕޫރް ބުންޏެވެ. ޑރ. ކަޕޫރް ރިޔާޝާއަށް އެތައް ތައުރީފެއް އޮއްސާފައި ގެއަށް ދިޔައީ ރޭގަނޑު އަށެއްވެސް ޖެހި ފަހުންނެވެ. އޭނާ ދިޔަ މަގުމަތިން ހަސީނާއާއި ދިމާވިއެވެ.
ހަސީނާ އަޔާޒްގެ ހާލު އޮޅުންފިލުވިއެވެ. ޑރ. ކަޕޫރް ބުނިގޮތުން އަޔާޒް ވަރަށް އަވަހަށް ރަނގަޅު ވެދާނެކަމުގެ ޔަޤީންކަން މިހާރު އޭނާއަށް ލިބިއްޖެއެވެ. އަދި އޭގެ ފަހަތުގައި ވަނީ އަންހެންކުއްޖެއްގެ މިންނެތް މަސައްކަތްކަމަށް ބުނުމުން ހަސީނާ ވަގުތުން އެކުއްޖާއާ ބައްދަލުކުރަން ބޭނުންވިއެވެ. އެހެންކަމުން ޑރ. ކަޕޫރް ހަސީނާ ގޮވައިގެން ދިޔައީ ރިޔާޝާ އުޅޭ ގެއަށެވެ. އޭރު ރިޔާޝާ ހުރީ އަޔާޒް ގޮވައިގެން ފަތާ ފެންގަނޑެއްގެ ކައިރީގައެވެ. “ރިޔާޝާ!” ހަސީނާއަށް ހައިރާންކަމާއެކު ބުނެލިއެވެ. “ރިޔާޝާ ދަންނަންތަ؟” ޑރ. ކަޕޫރް ހައިރާންކަމާއެކު އަހާލިއެވެ. “އާނ ދަންނަން. ވަރަށް ރަނގަޅަށް ދަންނަން. ގޮތްކުޑަ އަންހެނާ. ކައިވެނިކޮށްގެން ހުރެ ހިލޭ ފިރިހެނުން ގޮވައިގެން ތެޅޭ އަންހެނާ. އެންމެ ފުރަތަމަ ފިރިމީހާ މަރާލީ. އަހަންނަށް ހަމަ ޔަޤީން ތީވެސް ކަލޭ އަހަރެންގެ ދަރިފުޅު މަރާލަންވެގެން ކަލޭ ޖައްސާ ޑްރާމާއެއްކަން.” ހަސީނާ އެއްޗެހި ގޮވަމުން ރިޔާޝާއާ ދާދި ގާތަށް އައިތަނާ ރިޔާޝާ ކުއްލިއަކަށް އަޔާޒްގެ ގޮނޑީގައި ހިފާ ފަތާ ފެންގަނޑަށް ވައްޓާލިއެވެ.
ހަސީނާ އުޅުނީ ފެންގަނޑަށް ފުންމާލާށެވެ. ނަމަވެސް އޭގެ ކުރިން ރިޔާޝާ އޭޏާ ހިފެހެއްޓިއެވެ. ޑރ. ކަޕޫރްވެސް ފެންގަނޑާއި ދިމާއަށް އައި ވަގުތު ރިޔާޝާ އޭނާ ގާތު މަޑުކުރުމަށް ބުންޏެވެ. “އަޔާޒް! އެއްގަމަށް އަރާ! ކަލޭ ކަލޭގެ މަންމައަށް ސާބިތުކޮށްދީ އަހަންނަކީ ފިރިހެނުންނާހެދި ހޭކެނޑޭ ގޮތްކުޑަ މީހެއް ނޫންކަން. އަޔާޒް! މީ ކަލޭގެ އިމްތިޙާނުގެ ވަގުތު. އަވަސްކުރޭ! ހިތްވަރުކުރޭ! ކަމޯން.” ރިޔާޝާ އަޔާޒަށް ސަޕޯޓް ދެމުން ދިޔައެވެ. އޭރު ފެންގަނޑު ތެރޭގައި އަޔާޒް ބަކަތަޅަމުން އެއްގަމަށް އެރޭތޯ އުޅެއެވެ. ފަތަން އެނގުނު ނަމަވެސް އޭނާ އެންމެ ރަނގަޅަށް ފިޓް ނުވާތީ އޭނާއަކަށް ފެތޭ ގޮތެއް ނުވިއެވެ. “ކަމޯން އަޔާޒް! ހިތްވަރުކުރޭ! އެއްގަމަށް އަރާ.” ރިޔާޝާ ފެންގަނޑުގެ ކައިރީގައި އުޑަފައިން އިށީނދެ އަޔާޒަށް އަތް ދިއްކުރަމުން ބުނަމުން ދިޔައެވެ. ރިޔާޝާގެ އެ ހިތްވަރުގައި އަޔާޒަށް ރިޔާޝާގެ އަތާއި ހަމައަށް ފޯރީ ވަރަށް އިރުންނެވެ. އޭރު އޭނާ ވަނީ ވަރުބަލިވެފައެވެ. ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.






Nice. Whn up kohlany dhn.
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ ފަހު ބައި ގެނެސްދޭނަން
Haadha heeveyey mee hindhi film eh ge copy eh hen ekm ves salhi
ޝުކުރިއްޔާ
vvvv reethi…
ޝުކުރިއްޔާ
hindhi filme anjaam?????
ޝުކުރިއްޔާ
Miee hindi film anjaam ge copy eh tha
25%
Zyzhvsbsn
؟؟؟؟؟
100%+ mi hama anjaam filmge copy,,,, Amilla echcheh genesdhyba,,,
މުޅި ވާހަކައަކީ ކޮޕީއެއް ނޫން… މިވާހަކަ ނިމުނީމަ ކޮޕީއެކޭ ނުބުނެވޭ ވަރުގެ ވާހަކައެއް ގެނެސްދޭނަން
Saandy please dhen huttaalaa…echchheh nubunan huttas meehakah nubune eh nuhureveyne. Misitege ehen liyuntherin kuraa buramasakkathahves huthuru aruvan thiulheny. Amilla budhin echcheh visnan neygenya copy nukoh story liyun huttalabala. Anjaam e ee hindi filmeh viyas copyright eh onna echcheh dhw.kaakutha saandy ah hudhdha dhinee efilm copykuran.adhi hageegathe key liyefa meehun nah olhuvaalan ebaulheyey dhw.disgusting
u could say this in a better way.
ޝުކުރިއްޔާ
V reethi mi part ves
ޝުކުރިއްޔާ ނާދީ
V salhi.thanx saandy
ޝުކުރިއްޔާ އަމީ
Anajaam filmge copy eh ekamu ves varah salhi
ޝުކުރިއްޔާ ފްލާވާ
baeh meehun reehchey reehchey kiyaigen hiyyvarudheythee a mash hooru meehaku liyefa oiy vaahakeh copykurinama v echchehi kees. ekam koba mikama ekamuge thafaatheh. hindi filmthah copykohgen konme meehakah ves vaahakaeh liyevidhaane. maadhama maves liyaanan ingey hindi filmakah. huriha kudhin kiyaathi. commentves kuraathi boakoh
ޝުކުރިއްޔާ
baeh meehun reehchey reehchey kiyaigen hiyyvarudheythee a mikahala meehun copy kuranee. mash hooru meehaku liyefa oiy vaahakeh copykurinama v echchehi kees. ekam koba mikama ekamuge thafaatheh. hindi filmthah copykohgen konme meehakah ves vaahakaeh liyevidhaane. maadhama maves liyaanan ingey hindi filmakah. huriha kudhin kiyaathi. commentves kuraathi boakoh
might be a coincidence
ޝާޝާ! މީގެ ޓްރެއިލަރ ކިޔާލާ
Guys…. kiyuntheringe thereyga vx ulheyne dhw e hindhi film ‘anjaam’ nubalaa kudhin vx… dhn mivaahaka kuriah vaane goiyy egennya e kudhin nukeema nemuneenun… dhn kuriah vaane goiyy neygey kudhin kiyaane eh nun… i’m just telling u guys ok… don’t mind… goas koh ehcheh bunevuniyya sorry ngey….
އޯކޭ
Mi vaahaka feshi iruves mi saandy buni dhw mee film eh ge copy ekey….
Ehenvedhw hageegee category ga ves eyny
If you guys are reading it from the beginning it will be better I say
ޝުކުރިއްޔާ ހެލޯ! ފެށުމުގެ ކުރިން ބުނިން
މިވާހަކަ ލިޔެފައި މިވަނީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް، އަމިއްލަ ޚިޔާލު ހިމަނައިގެން އަދި ހިންދީ ފިލްމެއް އަސްލަކަށް ބަލައިގެން
mi’ee hindhi filmehge dhivehi tharjamaa eh tha?
25%
Salhi but riyaashaa myhun maraa hisaabah dhiyaeema vrh kada.. Hope miah vure rangalhu kuraane kamah..gud kuck!
ޝުކުރިއްޔާ ލޮލް
Mi esfiya bodu huthuru aruvaa meeha dhw!vaahaka liyaani film copy kofakanun mihaarun mihaara thi vaahaka hutaalan govaalan
ވާހަކަ ނިންމާފަ ހުއްޓާލާނީ
Masheh thibunaa hindi film anjaameh nubalan. Egey haaves ehjeky copy nukoh ehves meehakah nuhlheveyne kan. Saandy ahareh bunelan beynumy ur hard worker ekey. Meehun kiyaa ehjakah nubalaa kuriah dhaashey. Vaahaka vvvvv reethi ??
ޝުކުރިއްޔާ އަޑޫ
I have been reading it from the furst episode, this is really nice. Even if it is copied frm another mivue or story, i appreciate you hardwork. Translating language and adding own ideas to that is really difficult. Atleast you are trying to do something unlike others who are just judging you. Keep up your hardwork. In sha allah you will become a really good wtiter with your own story and that day the people who judge you will see the talent you have.
ޝުކުރިއްޔާ ލަވް!! އިންޝާﷲ!! މިވާހަކަ ނިންމާފަ މާ ލަސްނުވެ މުޅިން އަމިއްލަ ވާހަކައެއް ގެނެސްދޭނަން
Saandy hama nimmaafa huttaalathi govagovaa thibengeheynee kureveyne kamehnei copy vias hama kiyanjeheynee haadha asarehkure ey dho thuivefa hama kiyanvaanee foohivefaves hama kiyanjeheynee
ޝުކުރިއްޔާ އެނޮނީމަސް! ހަމަ ނިންމާފަ ހުއްޓާލާނީ
Vaahaka aka vure filmu tharjama aka vahthareee?Tharujama ves huree vaahskatha vvv reeethi ibaaatun vvv kiyaahihvaaa ‘ like dhdmeema yahtage
ޝުކުރިއްޔާ އެނޮނީމަސް
Saandy!! You’re great.. sifakohdheefa hurileh v furihama.. hama heevee ethaa hurevunuhen.. dhen othee last part dho.. I’m waiting.. plx avahah up kollahchey
ޝުކުރިއްޔާ އައިޝާ! ޔެސް ދެން އޮތީ ފަހު ބައި… އިރާދަކުރެއްވިއްޔާ މާދަމާ ފަހު ބައި ގެނެސްދޭނަން
Could you all plx stop judging saandy……….this is the problem of typical maldivians that they keep judging other ppl as if they are perfect seriously you should all stop acting like this and by the way in the beggining the writer told that this is inspired by a film and a mixup of a true event so readers should think before saying anything against the writer….. And talking about the story for me it was average compared to the other stories that i have read until today and better luk for next time and on a serious note some ppl should stop bashing the writer for wat ever he did!!!
ޝުކުރިއްޔާ ނަފޫ
WOW!! Amazing!! You’re great Saandy!! Story ninmaalaathi hama… thy hiyyvaru gadha liyuntherieh… U can do it!! Hajam nuvaa meehun ehenves ulheyne… ekamaa alhaalaane kameh neiy… and mee mi site ga liyefa in hamaekani copy vaahakaeh noon… akurun akurah filin fiyyah copykoh liyefa huri vaahathahves ebahuri… so ekamaa dhera vaane kameh neiy… ummeedhu kuran Saandyge ithuru vaahakathakeh mi site in fennaane kamah
ޝުކުރިއްޔާ ކިޔާމީހާ! އިރާދަކުރެއްވިއްޔާ ސާންޑީގެ އިތުރު ވާހަކަތައް ފެންނާނެ
Koniraku next part up kuranee
ނާޒީ! އިރާދަކުރެއްވިއްޔާ މާދަމާ
Saandy. Varah kiyaa hithun mivaahaka mikiyanee. But dheravanee Saandy bunaa vaguthah up nukureveythee. Aslu keehve lasvanee
ޝުކުރިއްޔާ އައިފާ! އަސްލު ބައެއް ފަހަރު މާބޮޑަށް ބިޒީވާތީ ލަސްވަނީ… މިރޭ އަޕްކޮށްލާނަން
Salhi.. sandy avas kohdheeba
ޝުކުރިއްޔާ ހަރ! މިހާރު ތިކަމުގަ މިއުޅެނީ
Alhe saandyyyyyyyyy konthaaaaaaaku thiotheeee vaahaka up nukohgenney mivarah migovanee
ޝުކުރިއްޔާ އެނޮނީމަސް! ތިކަމުގަ މިހާރުވެސް މިއުޅެނީ… މިރޭ އަޕްކޮށްލަދޭނަން
Why its taking a long time
tonight last part dho
މިބައި އެހެން ބައިތަކަށްވުރެ ދިގުކޮށްލަންވެގެން އަސްލު ލަސްވީ… ސޮރީ ލަސްވީމަ
Maybe maadhama hadhunu
މިހާރު އަޕްކޮށްލާފަ އިންނާނެ… ސޮރީ އެހާ ދިގު އިންތިޒާރެއް ކުރަން ޖެހުނީމަ
Aslu hadienu migoy ves v furihama ….
ޝުކުރިއްޔާ ރަފް