Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ހަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
December 4, 2016 8 Mins Read
12 Comments

“ކީއްވެ ތާރާއާ މެރީ ކުރީ؟… ވައި ތާރާ…”  

ދެ އަތުން މޫނު ފޮހެލުމަށްފަހު ޒިވީ ނޭފަތް ދަމާލިއެވެ. އެއަށްފަހު އަލަމާރި މަތީބައިގައި ފަތް ޖަހާފައި އޮތް ގަމީހެއް ނެގިއެވެ. ގޮޅިޖެހި ރަތްކުލައިގެ ގަމީހެކެވެ. އެ ގަމީހުން ވަސް ބަލާލީ އަދިވެސް އޭގައި އިކާންގެ ވަސް ހުރިތޯއެވެ. ގަމީހާއެކު ގޮސް އެނދުމައްޗަށް ވެއްޓިގެން އޮވެ ޒިވީގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެ ގަމީސް ތެތްމަމުން ދިޔައެވެ. އޭރު ޒިވީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިކާނާ އެންމެ ފަހުން ދެކެވުނު ވާހަކަތަކެވެ. ރެސްޓް ރޫމް ތެރޭގައި ކަންތައްވީ ގޮތެވެ.

*** *** *** *** *** ***

ކޯޓުގެ ގޮށް އަޅުވަމުން އިކާން ކުރިއަށް ދާން ހިނގައިގަތީ އެތަނުުން ނިކުންނާށެވެ. އެވަގުތު އިކާންގެ ކުރިމައްޗަށް ޒިވީ ހުއްޓެމުން މަޑުކުރާށޭ ބުނެލި އިރު ޒިވީ ހުރީ ސިދާ އިކާންގެ މޫނަށް ބަލާށެވެ. އިކާންގެ ފިޔަވަޅު މަޑުކޮށްލިއިރު ޒިވީގެ ފަރާތުން އެތައް ސުވާލުތަކެއް ކުރިމަތިވާނެކަން އޭނާއަށް އެނގުނެވެ.

ޒިވީ ކުރިއަށް ޖެހެމުން އައިސް އިކާންގެ މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން އިކާންގެ މޫނަށް ބަލާލިއެވެ. ޒިވީގެ މޫނަށް އިކާން ބަލާލީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އިކާން ލައިގެން ހުރި ކޯޓުގައި ޒިވީ ދެއަތުން ހިފާލުމުން ހައިރާންވެ އިކާން ފަހަތަށް ޖެހުނެވެ.

“އިކާން.. ކީއްވެ؟.. ކީއްވެ ތާރާ… ތާރާ ނޫން އެހެން ކުއްޖެއް ނުފެނުނީތަ؟… މީ އަހަރެން ހިތުގަ ޖައްސަން ގަސްތުގަ އިކާން ކުރި ކަމެއްދޯ!…” އިކާން ފަހަތަށް ޖެހެމުން ދިޔަ ވަރަކަށް ޒިވީ ކުރިއަށް ޖެހެމުން ދިޔަ އިރުވެސް އޭނާގެ ދެއަތް އިކާންގެ ކޯޓަކުން ވަތްކެއް ނުކުރެއެވެ. ކޯޓުގައި ހިފާފައިވާ ދެއަތުން ލަކި ޖަހަމުން ޒިވީ ބޮޑާހަކަމުން ދިޔައެވެ.

ޒިވީ ކުރަމުން ދިޔަ ސުވާލުތަކަށް އިޖާބަދިނުމަކީ އިކާނަށް މާ މުހިއްމު ކަމަކަށް ނުވިއެވެ. އިކާނަށް ތާރާއާ ޒިވީއާ ދެމެދުގައި ގުޅުމެއް އޮތް ކަމެއް ކުރިން އެނގިފައެއް ނެތެވެ. ކަންތައް ދިމާވިގޮތް ޒިވީއަށް ކިޔައިދިނުމަށް އެތާ މަޑުކުރަން އިކާން ފަސްޖެހުނެވެ. އިކާންގެ ދެއަތް އުފުލާލުމުން ޒިވީ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަބަދުވެސް ހަދާ ގޮތަށް އޭނާގެ ހަށިގަނޑުގައި އިކާން ބައްދާލަން އުޅެނީކަމަށް އޭނާއަށް ހީވިއެވެ.

ޒިވީގެ ދެއަތުގައި ހިފާ ދަމައިގަންނަމުން އެ ދެއަތް އިކާން ލައިގެން ހުރި ކޯޓުން ފޮޅާލުމަށްފަހު ޒިވީ އެއްފަރާތަކަށް އިކާން ޖައްސާލީ އޭނާ އެރެސްޓް ރޫމްއިން ނުކުންނާށެވެ. ކުރިއަށް ހިނގައިގަތް އިކާންގެ އަތުގައި ހިފާ ޒިވީ އެލިގަންނަމުން ވާހަކަ ދެއްކީ އާދޭސް ކުރާ ފަދައަކުންނެވެ.

“އިކާން… ޕްލީސް މަޑުކޮށްބަލަ… ޕްލީސް…” އިކާންގެ އަތުގައި ހިފާ ޒިވީއާ ދިމާއަށް އޭނާ އަބުރާލިއެވެ. އޭރުވެސް ޒިވީ ހުރީ އިކާންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެއްފަހަރު އިކާންގެ އަތަށް އަނެއް ފަހަރު ޒިވީގެ މޫނަށް އިކާން ބަލާލީ ދެބުމަށް ގޮށް ޖަހާލަމުންނެވެ.

“އަހަރެން ކުރާ އެންމެ ސުވާލަކަށް ޖަވާބުދީ.. އޭރުން އަހަަރެން އިކާނަށް އުނދަގުލެއް ނުކުރާނަން…” ޒިވީގެ އާދޭހަށް ހޫން އަޅުވާލަމުން ޒިވީއަށް އިކާން ފުރަގަސް ދިނެވެ. ދަނޑިވަޅުގެ ބޭނުން ހިފަމުން އިކާންގެ ފަހަތުން ޒިވީ ބައްދާލިއެވެ. “ޑޫ ޔޫ ލަވް މީ؟… އަހަރެން ދެކެ އިކާން ލޯބި ނުވަނީތަ؟…” އިކާންގެ ގައިން ދުވި މީރު ވަހުން ދެލޯ މަރާލަމުން ޒިވީ ސުވާލު ކޮށްލިއެވެ.

އިހްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަތުގެ އިނގިލިތައް އިކާން މުށްކަވާލިއެވެ. ޖަވާބެއް ނުލިބި ލަސްވާތީ ކެތްމަދުވެފައިވާ ޒިވީއަށް ހިމޭނަކުން ނުހުރެވުނެވެ. އިކާންގެ އަތުގައި ހިފާ ޒިވީއާ ދިމާއަށް އަނބުރާލަމުން އިކާނާ އޭނާ ގާތްވާން މަސައްކަތް ކުރިއެވެ. ޒިވީއާ ކުރިމަތިލަމުން ކުއްލިއަކަށް އިކާން ހިފީ ޒިވީގެ ދެއަތުގެ މުލައްދަނޑީގައެވެ. ހުއްޓުން އަރާފައި ޒިވީ ބަލަން ހުރީ އިކާން އޭނާގެ އަތުގައި ހިފިލެއް ބާރު ކަމުންނެވެ.

އިކާން ކުރިއަށް ޖެހެމުން ޒިވީގެ ފަހަތުގައި ހުރި ފާރުގައި ޒިވީ ލަށްކޮށްލި އިރު ހީވީ ފާރު ތެރެއަށް ޒިވީ ގަންނަވާލަން އުޅުނުހެނެވެ. ކަޅި ޖަހާނުލާ އިކާންގެ މޫނަށް ބަލަން ހުރި ޒިވީއަށް ފެންނަމުން ދިޔައީ ނަފްރަތުގެ ހުޅު ރޯވެފައިވާ އިކާންގެ ދެލޮލެވެ. އިކާންގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައި ހުރުމުން ޒިވީގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.

“ބުނަންވީތަ؟.. އަޑު އަހަން ކެރޭނެތަ؟… އާން.. އަހަރެން ޒިވީ ދެކެ ލޯބިވިން… އެކަމް މިހާރު ލޯތްބެއް ނުވޭ… ޖަވާބު ލިބިއްޖެތަ؟…” އިކާން ވާހަކަ ދެއްކީ މަޑުމަޑުން ކަމުގައި ވިޔަސް އެ އަޑުގައި އިންޒާރު ދޭ ފަދަ ހަރުކަށި ކަމެއް ހުއްޓެވެ. ޒިވީގެ މޫނާ ދިމާލުން އެއްފަރާތަށް އިކާންގެ އަތް ހަރަކާތްކޮށްލުމުން ޒިވީ ލޯ މަރާލީ އޭނާގެ މޫނުމަތީގައި އެ އަތް އައިސް ޖެހިދާނެތީއެވެ. އިކާންގެ އަތް ބަން ލާފައި ފާރުގައި ޖެހި އަޑަށް ބިރުން ޒިވީ ތެޅިގަތެވެ. ދެލޯ ހުޅުވާ ބަލާލިއިރު އިކާން ލައިގެން ހުރި ކޯޓުގައި އަތް ހާކަމުން އެތަނުން ނުކުމެގެން ދަނީއެވެ.

އިކާންގެ ފަރާތުން ލިބުނު ޖަވާބު ކިތަންމެ ހިތިކަމުގައި ވިޔަސް އަނބުރާ ޕާޓީއަށް ވަނުމަށް ޒިވީ  ހިނގައިގަތީ އޭނާގެ އިސްތަށިގަނޑުގައި އަތް ހާކަމުންނެވެ.

*** *** *** *** *** ***

އަތުގެ މުލައްދަނޑީގައި އަދިވެސް އިކާން ހިފާލި ހިފާލުން ޒިވީއަށް އިހްސާސް ވާ ކަހަލައެވެ. އެ ހިޔާލުތަކަށް ގެއްލިފައި ޒިވީ އޮއްވާ އެ ކޮޓަރި ދޮރުގައި ޒޫނާ ޓަކި ޖަހާލިއެވެ. ޒޫނާއާ ކުރިމަތިލައިފިނަމަ އެތައް ސުވާލެއް ކުރާނެކަން ޒިވީއަށް އެނގެއެވެ. އެހެންކަމުން ޒިވީގެ ދެލޯ ފޮހެލަމުން އަތުގައި އޮތް އިކާންގެ ގަމީސް ބާލީސް ދަށަށް ކޮށްޕާލިއެވެ.

ޒިވީގެ ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވާލަމުން ޒޫނާ އެތެރެއަށް ވަނެވެ. އެނދުގައި ނިދިފައި އޮތް ޒިވީ ފެނުމުން ޒޫނާ ދެއަތަށް ބޯ ހޫރާލިއެވެ. “ޒިވީ… އޭ  ހެދުންވެސް ބަދަލު ނުކުރަނީތަ؟…”

ގުޑިވެސް ނުލާ އެ އޮތް ގޮތަށް ދެލޯ މަރާ ތަގުޅިކޮށްގެން ޒިވީ އޮތެވެ. ނިދާފައި އޮތުމުން ކޮޓަރީގެ އެސީ ޖައްސާލަމުން ޒިވީ ގައިމަތީ ފޮތިގަނޑު އަޅައިދިނުމަށްފަހު އެކޮޓަރިން ޒޫނާ ނުކުމެގެން ދިޔައީ ކޮޓަރި އެއްކޮށް އަނދިރި ކޮށްލާފައެވެ.

ދޮރު ލެއްޕުމުން ބާލީސް ދަށަށް ލީ ގަމީސް ނަގާ އެގަމީހުން ޒިވީ ވަސް ބަލާލިއެވެ. އެވަގުތު އޭނާ ބަޑި ފަޅައިގެން ދިޔައީ އޭނާގެ ސިކުނޑިއަށް އައި ހިޔާލުންނެވެ. އިކާން އެނާއަށް ދެން ގެއްލުނީއެވެ. އުމުރަށް ގެއްލުނީއެވެ. އެއީ މިހާރު އެހެން މީހެއްގެ ހައްގެކެވެ.

*** *** *** *** *** ***

ކައިވެނީގެ ޕާޓީ ނިމި އެންމެން ގެއަށް ގޮސް އެ ޓެރަސް ވަނީ ހަމަ ހިމޭން ވެފައެވެ. ލައިޓިންގް މަސައްކަތް ކުރި މީހުުންތައް އެތާގައިވާ ސާމާނުތަައް ނަގަމުުން ދިޔައިރު އެމީހުން ކައިރީ އުލްފާވެސް ހުއްޓެވެ. ޓެރަސްގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި އިކާނާ ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމެވެ.

“ދަރިފުޅާ އިކާން… މަންމަމެން މިދަނީ ގެއަށް ދާން… ވަރަށް ލަސްވެއްޖެ ދޯ…” އާމިރާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު އިކާނާއެވެ.

“އަހަރެމެންވެސް ދާން މިއުޅޭނީ… މަންމަމެން ގެއަށް ފޮނުވާލާފަ ގުޅާނަން.. އޭރަށް ތިރިއަށް ފައިބޭ… އޯކޭ…” އިކާން އޭނާގެ މަންމައާ ބައްޕައާ އަދި ކޮއްކޮ އަލީޝާއާ އެކީ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ތާރާ ބޯ ޖަހާލަމުން އަލީޝާއާ ދިމާއަށް އަތް ހަނާ އަޅާލިއެވެ.

މަޑު ހިނގުމެއްގައި ތާރާ ގޮސް ހުއްޓުނީ އުލްފާ ކައިރިއަށެވެ. އޭރު އުލްފާ އަތުގައި އޮތް އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ތާރާ ގައިގާ ބައްދާލިއެވެ. “ޔޯ ވެޑިންގް ނިމުނީ ދޯ… ސޯ ކޮން އިރަކުން އިކާންމެން ގެއަަށް ދަަނީ…” އުލްފާ ސަމާސާ ރާގަކަށް ވާހަކަ ދެއްކީ ބުމަ އަރުވަމުންނެވެ. ވިދާލުމުން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ އުޑު މައްޗަށެވެ. ވިއްސާރަ ވިލާތައް އުޑުމަތިން ފާޅުވާން ފަށައިފިއެވެ.

“ކިރިޔާދޯ ޕާޓީ ނިންމާލެވުނީ… އެ އުޅެނީ ވާރޭ ވެހެން…” އުލްފާ މިހެން ބުނެ ތާރާގެ މޫނަށް ބަލާލިއެވެ.

“އިކާން އިރުކޮޅަކުން ގުޅާނެ… ހިނގާ ގެއަށް ދާން.. މަންމަމެން ކައިރިއަށް ވަދެލަން ވާނެއްނު… އެންޑް އައި ހޭވް ޓު ޓޭކް ސަމްތިންގް ޓު ވެއާ…” އުލްފާގެ އަތުގައި ހިފަމުން ލިފްޓާ ދިމާއަށް ތާރާ ހިނގައިގަތެވެ.

އެޕާޓްމަންޓަށް ވަދެ ތަހްމީނާގެ ކޮޓަރިއަށް ތާރާ ވަނެވެ. ޕާޓީގައި ހުއްޓާ މާބޮޑަށް ވަރުބަލި ވާތީ ތަހުމީނާ ގޮވައިގެން އާތިފް އެޕާޓްމަންޓަށް އައީއެވެ. ތާރާ ދާންވީ ވަގުތު އައިސް ޖެހުނީކަން އެނގުމުން އެނދުގައި އޮށޯވެގެން އޮތް ތަހުމީނާ ތެދުވިއެވެ. އަދި ތާރާގެ އަތުގައި ހިފާލުމުން ތަހުމީނާގެ މަގަތުގައި ތާރާ އިށީނެވެ.

“ދަރިފުޅާ ބަސްއަހައިގެން އުޅޭތި… މާދަމާ ދެކުދިން މިގެއަށް އަންނާތި… މަންމަ މީނީ ވަރަށް ވަރުބަލިވެފަ… މާދަމާ ދަރިފުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތް… އިނގޭ…” ތަހުމީނާ ބޮލުގަ ރިއްސާ ވަރުން ޗޫސް ދަމާލިއެވެ. އެވަގުތު އާތިފް އެދުނީ ތަހުމީނާ މިވަގުތު އަރާމް ކޮށްލާށެވެ. އެކޮޓަރިިން ތާރާއާ އެކު އާތިފް ނުކުތެވެ.

“މަންމަ ބޭސް ކައިގެން އެއޮތީ… މާދަމާއަށް އޯކޭ ވާނެ.. އިކާން ކައިރީ ބުނާތި މަންމަ ބަލި ވީމައޭ ބައްޕަމެން އަވަހަށް އައީ… ކޮބާ އަޒްކާ؟… އަދި އޭނަ ވީ ޓެރަސްގަ ދޯ؟…” އާތިފް ވާހަކަ ދައްކަމުން ތާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ފޯނެއް ރިންގް ވާން ފެށުމުން އުލްފާގެ ދަބަހުން އެ ފޯނު ނަގާ ތާރާ އަތަށް ދިއްކޮށްލިއެވެ.

“އޯ އެގުޅަނީ އިކާން… ހަލޯ މި ފައިބަނީ…” ފޯނު ނަގަމުން ތާރާ ވާހަކަ ދެއްކިއެވެ. އުލްފާ ދިން އަތްދަބަހުގައި ތާރާ ހިފާލަމުން އުލްފާއަށް ޝުކުރު އަދާ ކުރަމުން އެކުވެރިޔާގެ ގައިގާ ބައްދާލިއެވެ.

“ހޫމް… ދެން ތާރާ ވިއްޔާ… ހެއި މީގަ އޮންނާނެ ވަރަށް ލޯބި ނައިޓީއެއް.. މިރޭ އެ ނައިޓީ ލާނީ… ވަރަށް ސެކްސީ ވާނެ… ހެހެހެ… ދެޓްސް އަ ގިފްޓް…” ދެލޯ ބޮޑު ކޮށްލަމުން އުލްފާ ދިން ދަބަހުގައި އޮތް އެއްޗެއް ތާރާއަށް ކިޔައިދިނެވެ. ދެމީހުން ހެމުންހެމުން އައިސް ލިފްޓަށް އެރީ ތާރާގެ އިންތިޒާރުގައި ތިރީގައި ހުރި އިކާން ކައިރިއަށް ދާށެވެ.

*** *** *** *** *** ***

ރަތް ކާރުން ދެމީހުން ފޭބީ އިކާން ދިރިއުޅޭ ގޭ ކުރިމައްޗަށް ކާރު މަޑުކޮށްލުމުންނެވެ. އިކާންގެ ގެއަކީ ނުވަ ބުރީގެ ބޮޑު އިމާރާތެކެވެ. އެ އިމާރާތުގައި އިކާންމެންގެ އާއިލާ ދިރިއުޅެނީ އަށް ވަނަ ބުރީގައެވެ. ލިފްޓަށް އެރުމަށްފަހު އިކާން ނުވަވަނަ ބުރިއަށް ދާން ސްވިޗަށް ފިތާލުމުން ތާރާ ހުރީ ހިސާބަކަށް ހައިރާން ވެފައެވެ. “ކީއްކުރަން ނުވައަކަށް؟.. އަށަކަށްނު…” ތާރާގެ ތުންފަތުގައި އިކާން އިނގިލި ޖައްސާލިއެވެ. އެއަށްފަހު ތާރާގެ ދެލޯ މަރާލާށޭ ބުނެލިއެވެ.

އިކާން ސަޕްރައިޒެއް ދޭން އުޅޭކަން އެނގުމުން ތާރާގެ ހިތް އަވަސްވިއެވެ. ނުވަވަނަ ބުރިއަށް ދާލެއްވެސް ލަސްވެފައި ތާރާ ހުރީ ދެލޯ މަރައިގެންނެވެ. ތާރާގެ ލޮލުގައި އިކާންގެ ޖީބުން ނެގި ފޮތިކޮޅެއް އައްސާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން ތާރާގެ އަތުގައި އިކާން ހިފާލިއެވެ. އިކާންގެ އެދުމަށް މަޑުމަޑުން ތާރާ ލިފްޓުން ފޭބީ އިވޭ އަޑުތަކަށް ދެކަންފަތް ދެމުންނެވެ. ކުޑަ ތަންކޮޅަކަށް ހިނގާލުމަށްފަހު ތާރާގެ ލޯމަތީ އައްސާފައިވާ ފޮތިކޮޅު އިކާން މޮހެލުމުން މަޑުމަޑުން ތާރާގެ އެސްފިޔަތައް ހުޅުވާލިއެވެ.

ކުރިމަތިން ފެންނަންހުރީ ތިން ހަރުފަތުގެ ކުޑަ ސިޑިއެކެވެ. އެ ސިޑިން މައްޗަށް ތާރާގެ ނަޒަރު ހުއްޓުނެވެ. ލެއްޕިފައިވާ ހުދު ކުލައިގެ ދޮރަށް ބަލަން ހުރުމަށްފަހު އިކާނާ ދިމާއަށް ތާރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޖީބުން ތަޅުދަނޑި ފަތި ނަގަމުން އިކާން ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރާ ތަޅަށް އެތަޅުދަނޑިފަތިން ތަޅުދަނޑިއެއް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު ތަޅާއެކު ދޮރު ހުޅުވާލަމުން ތާރާއާ ދިމާއަށް އިކާންގެ އަތް ދިއްކޮށްލިއެވެ. އިކާނާ ދިމާއަށް ބަލަން ހުރެ އިކާންގެ އަތުގައި ތާރާ ހިފާލުމަށްފަހު ހަރުފަތްތަކުން މައްޗަށް އެރީ އަނެއް އަަތުން ލައިގެން ހުރި ކައިވެނީގެ ހެދުން އުފުލާލަމުންނެވެ.

ދޮރުން އެތެރެއަށް ވަނުމުން އެ އަނދިރި ކޮޓަރީގެ ބޮކި އިކާން ދިއްލާލިއެވެ. ތަނަވަސްކޮށް ހަދާފައި އެ ކޮޓަރިއަކީ ވަރަށް ބޮޑު ކޮޓަރިއެކެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ކިންގް ސައިޒްގެ އެނދުގައި އަޅާފައިވާ ހުދު ބެޓްޝީޓްމަތީގައި ރަތް ފިނިފެންމަލުން ޖަރީކޮށްފައި ވިއެވެ. ތާރާ ހުރި ދިމާލު ކައިރީ ގައި ސޯފާ އެއް ބަހައްޓާފައިވާ އިރު އެ ސޯފާގެ ކުރިމައްޗަށް ވާގޮތަށް ހުރީ ބޮޑު ޓީވީއެއް ބަހައްޓާފައެވެ. އެކޮޓަރި ހީވަނީ އެޕާޓްމަންޓެއް ހެންނެވެ. ހުދު ކުލައިގެ ފަރުނީޗަރުންނާ ފާރުގައި ހަރުކޮށްފައިވާ ރީތި ކުރެހުންތަކުން އެ ކޮޓަރި ފަޅުފިލުވާލައިފާ ވާއިރު އެތަން ވަރަށްވެސް ހިތްގައިމެވެ.

ހެޔޮވަރެއްގެ ފިނިކަމެއް އެކޮޓަރީގައި ހުއްޓެވެ. މުޅި ކޮޓަަރިން ދުވަނީ ފިނިފެންމަލުގެ މީރު ވަހެވެ. މަޑު ހިނގުމެއްގައި ތާރާ ކުރިއަށް ހިނގާފައި ދިޔައީ ރީތި ކޮށްފައި ވާ އެނދު ކައިރިއަށެވެ. އެވަގުތު ތާރާގެ ލޮލުގައި އަޅައިގަތީ އެއްފަރާތުން ފެންނަންހުރި ކެހޭ ބޮޑު ބިއްލޫރި ދޮރެވެ. އެ ދޮރު ގައިވާ ހުދު ދޮރު ފޮތިތައް ކަހާފައި ހުރި ނަމަވެސް އެ ދޮރުން ބޭރު ފެންނަ ގޮތެއް ނުވިއެވެ. ތާރާ ކުރިއަށް ޖެހިލީ އެ ދޮރު ކަހާލާށެވެ. އެ ދޮރުގެ ފަހަތުގައި ބަޔަކު މަރުހަބާ ކިޔަން ތައްޔާރަށް ތިބެދާނެތީއެވެ.

ދޮރު ހުޅުވާލުމާ އެކީ ޖެހުނީ ފިނި ވައިރޯޅިއެކެވެ. ކުރިމަތިން ފެންނަން އޮތް ޓެރަސް ބައި ބަލާލަން އެ ދޮރުން ބޭރަށް ތާރާ ބޯދިއްކޮށްލިއެވެ. ދަންވަރުގެ ވަގުތެއްކަމުން ފަޒާގައި ތެތްފިނިކަމެއް ހުއްޓެވެ. ދޮރުން ބޭރުގައި އެ ޓެރަސްބައި ހަދާފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ދުރުގައި ލަކުޑި މޭޒެއް ވަށާ ހަތަރު ގޮނޑި ބަހައްޓާފައި ހުރި އިރު މުޅި ޓެރަސް ވަށައިގެން މާ ގަސްތައް ހައްދާފައި ވަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ.

ސިހިފައި ތާރާ ބަލާލީ އޭނާގެ އުނަގަނޑުގައި އިކާން ހިފާލުމުންނެވެ. ކޮނޑުގައި އަޅުވާފައިވާ އަތް ދަބަސް ބިންމަތީ ބަހައްޓަމުން އިކާނާ ކުރިމަތި ލާން ތާރާ އެނބުރިލިއެވެ. ތާރާގެ އަތަށް ރަތްކުލައިގެ ފޮއްޓެއް އިކާން ހަވާލުކުރިއެވެ. ފޮށީގައި ތާރާ ހިފާލަމުން އެއީ ކޯއްޗެއްތޯ އަހާލީ ނިތައް ރޫ ގިނަ ކޮށްލަމުންނެވެ. ފޮށީގެ މަތި ނަގަމުން އިކާންގެ މޫނަށް ތާރާ ބަލާލުމަށްފަހު އަނބުރާ ފޮއްޓަށް ބަލާލީ އޭގައި އޮތް އެއްޗެއް ބަލާށެވެ. އެއީ ތަޅުދަނޑިއެކެވެ. ތަޅުދަނޑީގައި “ތާރާ އިކާން” މިހެން ޖަހާފައި އޮތެވެ.

ހިނިތުންވަމުން އިކާންގެ މޫނަށް ތާރާ ބަލާލިއެވެ. “ތީ މި ރޫމްގެ ތަޅުދަނޑި.. މީ އަހަރެމެންގެ ރޫމް… މަންމަމެން އުޅޭނީ އަށްވަނަ ފްލޯގަ… އެބަޔަށް ދާނީ މާދަމާ… ދެންމީ ޓެރަސްބައި…. އާދެބަލަ މިތަނަށް… މީ މައި ފޭވަރިޓް ޕްލޭސް…”

ކެހޭ ދޮރުން ބޭރަށް ފަައިބަން ހުރި ހަރުފަތުން އިކާން ފައިބަމުން ތާރާގެ އަތުގައި ހިފާލިއެވެ. ތިރީގައި ބެހެއްޓި ތާރާގެ އަތްދަބަސް މަތީ އިކާން ދިން ފޮށި ބެހެއްޓުމަށްފަހު އިކާނާއެކީ ޓެރަސް ބަޔަށް ތާރާ ނުކުތެވެ. މޭޒާ ގޮނޑިތައް ހުރީ ކަނާތް ފަރާތުގައެވެ. ވާތް ފަރާތުގައި ހުރި ގަސްތައް ކައިރީގައި ވަނީ ހުދުކުލައިގެ އުނދޯއްޔެކެވެ. ތާރާ މިސްރާބު ޖެހީ އެ އުނދޯއްޔާ ދިމާއަށެވެ. އުނދޯލީގައި އިށީންނަމުން އިކާނާ ދިމާއަށް ބަލާލިއެވެ.

ވާރޭ ކަނި ޖަހަން ފެށުމުން ތާރާގެ އަތް ބޭރަށް ދިއްކޮށްލިއެވެ. އަދި އުޑާ ދިމާއަށް ބަލާލިއެވެ. އުޑުމަތިވަނީ ވިއްސާރަ ވިލާތަކުން ބައްދާލާފައެވެ. އުނދޯލިން ތެދުވެ އެތެރެއަށް ވަންނަން ތާރާގެ ފިޔަވަޅު އަވަސް ކޮށްލި ނަމަވެސް ތާރާގެ ފިޔަވަޅު މަޑުޖެހުނީ އޭނާގެ އަތުގައި އިކާން ހިފާލުމުންނެވެ. ފަސްެއެނބުރި އަތުގައި ހިފައިގެން ހުރި އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އިކާންގެ ތޫނު ދެލޮލުން ތާރާއާ ދިމާއަށް ބަލަން ހުރެ ކުރިއަށް ޖެހުނެވެ. ތާރާގެ އަތުގައި ފިރުމަމުން އައިސް ކޮނޑުގައި ހިފާލިއެވެ. ނުތެމި އެތެރެއަށް ވަންނަން ބޭނުންވެފަައިވާ ތާރާގެ ފައިގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.

ވާރޭ ކަނިތައް ބޯ ކުރަމުން ދިޔައެވެ. ތާރާގެ ބުރަކަށިގައި އިކާންގެ އަތް ޖައްސާލުމުން ތާރާގެ ގައިން ހީބިހި ނެގިއެވެ. ކުރެވުނު އިހްސާސުން ބޯ އެއް އަރިއަކަށް އަރިކޮށްލެވުނެވެ. ތާރާގެ ކަނދުރާއަށް ގުދުވެ އެ ދޮން ކަނދުރާގައި އިކާން ބޮސްދިނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ތާރާގެ ދެލޯ މަރާލިއެވެ. އެއަށްފަހު ތާރާ ލައިގެން ހުރި ހެދުމުގެ ފަހަތުގައިވާ ގޮށްތައް އިކާން ނައްޓަން ފެށިއެވެ. އުނަގަނޑާ ހަމައަށް ހުރި ގޮށްތައް ނައްޓާލުމަށްފަހު ހެދުމުގެ ކޮނޑު ތިރިކޮށްލިއެވެ.

ކައިވެނީގެ ހެދުން ގައިން ވަކިވި އިރު ތާރާ ލައިގެން ހުރީ ހުދު ކުލައިގެ ކަކުލުން މައްޗަށް ހުރި ކުރު ހެދުން ކޮޅެކެވެ. ކަރުބޮޑު އެ ހެދުމުގައި ތާރާ ހުރި ގޮތް ފެނި އިކާނަށް ދުރަކު ނުހުރެވުނެވެ. ވާރެއާ ތެމުމުގެ ސަބަބުން އެ ހުދު ހެދުންވަނީ ތާރާގެ ގައިގާ ތަތްލާފައެވެ. ތާރާގެ ހަށިގަނޑުގައި ބައްދާލަމުން އޭނާގެ ބޮލަށް ޖަހާފައި ހުޅި އިކާން މޮހެލިއެވެ. އެ ފަން އިސްތަށިގަނޑު ނިއުޅުވާލުމުން އިކާނަށް މާ ރީއްޗެވެ.

އިކާންގެ ހަށިގަނޑުގައި ހިފާ ދުރަށް ޖައްސާލަމުން އިކާން ލައިގެން ހުރި ގަމީހުގެ ގޮށްތައް ތާރާ ނައްޓަން ފެށިއެވެ. އިކާންގެ ކަސްރަތީ ހަށިގަނޑު ފާޅުވަމުން ދިޔަ ވަރަކަށް ތާރާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ތާރާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ތާރާގެ ދަތް ދޮޅީގައި ހިފާ އިކާން އުފުލާލިއެވެ. ވެހެމުން ދިޔަ ބޯވާރޭތެރޭގައި ތާރާގެ ދެލޯ މަރާލިއެވެ. އެ ތުންފަތަށް ބޮސްދެމުން އެ ހަށިގަނޑުގައި އިކާން ބައްދާލީ ނުހަނު ލޯބިންނެވެ. ތާރާގެ ދެއަތް އިކާންގެ ކަނދުރާ ވަށާލަމުން އިކާންގެ އިސްތަށިގަނޑަށް އަތުގެ އިނގިލިތައް ތާރާ އަމުނާލިއެވެ.

އޭރު ތާރާ ހުރީ އިންތިހާއަށް ހީކަރުވާފައެވެ. އިކާނަށް އެކަން ފާހަގަވުމުން އޭނާގެ ވަރުގަދަ ދެއަތުން ތާރާ އުރާލިއެވެ. އިކާންގެ ކަނދުރާގައި ހިފާ ތާރާގެ މޫނު އިކާނާ ގާތް ކޮށްލަމުން އިކާން ކޯތާފަތަށް ބޮސްދިނެވެ. ކޮޓަރިއަށް ވަދެ އެނދު ކައިރިއަށް މަޑުކޮށްލުމަށްފަހު އަތްދަނޑިމަތިން ތާރާ ތިރިކޮށްލިއެވެ. ފާޚާނާއާ ދިމާއަށް އިކާން މިސްރާބު ޖެހީ އެބަ އަންނަމޭ ބުނަމުންނެވެ.

އިކާން އެނބުރި އައި އިރު އޭނާ ހުރީ ހުދުކުލައިގެ ތުވާއްޔެއް އަނދެގެންނެވެ. ތާރާގެ ހަށިގަނޑާ އިސްތަށިގަނޑު ހިއްކާލަން އިތުރު ތުވާއްޔެއް ގެނައެވެ. އިސްތަށިގަނޑު ހިއްކަން ހުރި ތާރާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާއަށް ދަމައިިގަތެވެ.

“ވައިފް.. ހާދަ ލަދުން…” ތާރާ ލައިގެން ހުރި ހެދުމުގެ ވާކޮޅު ކޮނޑުން ތިރިކޮށްލަމުން އިކާން ބުނެލިއެވެ. ތާރާގެ ހަށިގަނޑުން އެހެދުން ވަކިވުމުން ލަދުން އައިސް އިކާންގެ މޭގައި ތަތްވަމުން އޭނާގެ މޫނު ފޮރުވާލިއެވެ. ތާރާއާ އެކީ އިކާން އެނދުމައްޗަށް ވެއްޓިގަތެވެ. ހީކަރުވާފައި ވުމުން ދެމީހުން ގައިމަތީ ކަފަ ރަޖާގަނޑު އަޅާލިއިރު އެދެ ޖިސްމުން އެކަކު އަނެކަކުގެ ހޫނު އިހްސާސްވާހާ ތިބީ ކައިރީގައެވެ. ތާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ތާރާގެ މޫނަށް އިކާން ބަލާލިއެވެ. އޭރު އެ ދޮން މޫނު ވަނީ ރަތްވެފައެވެ.

ތާރާ ލަދުން އޮތްކަން އެނގުމުން އިކާންގެ ދެއަތުން ތާރާގެ ހަށިގަނޑުގައި ބައްދާލިއެވެ. އިކާންގެ މޭގައި ބޯ އަޅައިގެން އޮތް ތާރާއަށް އެހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. އެ ހަމަހިމޭން މާހައުލު ފަޅު ފިލުވައިދެމުން ދިޔަ ވާރޭގެ ހިތްގައިިމު މިއުޒިކީ އަޑަށް ގެނބެމުން އިކާންގެ ދެލޯ މަރާލީ އޭނާގެ އަޑުން ރީތި ރާގަކަށް ހޫން ލައްވަމުންނެވެ. އެ އަޑުއަހަން އޮތް ތާރާ ގެނބިގެން ދިޔައީ އިކާންގެ މަސްތީ އަޑުގެ ޖާދޫގައި ޖެހުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޝެލީން 17

Next

ވާލޯބި އެނގޭނަމަ… 25

Next
December 4, 2016

ވާލޯބި އެނގޭނަމަ… 25

Previews
December 4, 2016

ޝެލީން 17

12 Comments!

  1. LOL says:
    December 4, 2016 at 5:43 pm

    OMG V reeethi 🙂
    ekm Next episode avaskollahchey..
    keep it up

  2. musician says:
    December 4, 2016 at 5:49 pm

    Wow… Aharen heekuree lavaeh falhaalaane kamah…. Varah salhi mibaives…

  3. Azuna says:
    December 4, 2016 at 5:57 pm

    V reethi

  4. Hate ican says:
    December 4, 2016 at 6:08 pm

    Ican zivee dheke konkahala loaibehtha? Miharu thaaraa ekee ulheyiru hieh nuvey zivee dheke dhuvahaku loahbehviheneh… men r men ?

    1. MiNe says:
      December 4, 2016 at 6:41 pm

      Men won’t change..they need only one thing..eyah e myhun kiyaaani luv..

    2. ican says:
      December 5, 2016 at 1:03 pm

      Ei luv eh nun.. ei LUST..
      Dhuvas kolheh fahun adhi igeyne ican ge hiy veethaneh dho shaxlyn..

  5. Shile says:
    December 4, 2016 at 8:29 pm

    Zivee akee prostitute eh tha

    Still if u love her n just to make her jealous u will not get merry to smone else
    Whoever she is if u love smone it is not easy to move on just like this guy did
    Love he definition I think these story tellers doesn’t understand

    1. Anonymous says:
      December 4, 2016 at 10:33 pm

      Vaahaka liyaa neehaa yaa hard veetha… Adhi vanee kihineh kameh neiyngey dhw… Ikaan zivy dheke nafrath kuran jehey varuge kamehves ais dhaane dhw… Ahannah vaahaka kiyaafa zivy akee xo hen haadha hee nuvey… Shaz ge vaahaka thakakee full of surprises… So lets see adhi kuriah vaan huri goiythah…. Noontha…..

  6. rain says:
    December 4, 2016 at 8:54 pm

    Waiting for next episode. But shaz kon irakun mansha2 update kuran fashaany

  7. shine says:
    December 5, 2016 at 1:54 am

    Haadha rom ey… Wow…..

  8. ramy says:
    December 5, 2016 at 5:52 am

    miee aslu vahaka ge reality akee kiya hithun kiya hiyva kahala gothakah genesdheyn engun,,, asluves varah salhi husha elhun,,,thankolheh rom kohlanikoh nice vaane loabi ge salhi ibaraiy kolhu thakun hiythakah zalzala eh negunuvaane,,,,he he

  9. xil says:
    December 6, 2016 at 8:25 pm

    mansha 2 nerun nama. i’m waitig for that story.

Comments are closed.

Next Episodeހުރީ ވެވިފާ ބާކީ… (ހަތްވަނަ ބައި)←


All Right Reserved!