“މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟”
ކުއްލިއަކަށް ފަޔާޒް ކޮށްލި ސުވާލުން ރަތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ ކުރިން ދުވަހަކުވެސް ފަޔާޒް އޭނާއާއި އެފަދަ ސުވާލެއް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ފަޔާޒް އޭނާއާއި އެފަދަ ސުވާލެއް ކޮށްފާނެ ކަމަކަށް އޭނާ ހީއެއް ނުކުރެއެވެ. ރަތީބާއަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ރަތީބާގެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުން ފަޔާޒްގެ ހިތުގައި އުފެދިގެން ދިޔައީ އިތުރު ސުވާލުތަކެކެވެ. އޭނާގެ ހިތުގައިވި ޝައްކު ޔަޤީނާއި ގާތަށް ހީވިއެވެ. “މަންމާ! ކީއްވެތަ އެއްޗެކޭ ނުބުނެ ތި އިންނަނީ؟ މަންމާ! އަޅެ ބުނެބަލަ.” ފަޔާޒް އާދޭހުގެ ރާގުގައި ބުނެލިއެވެ. އޭނާ އެވަނީ އެސުވާލުގެ ޖަވާބު ނުހަނު ބޭނުންވެފައެވެ. އެސުވާލުގެ ޖަވާބު ލިބިގެން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
“ތީ ކީއްވެ ދަރިފުޅު ކުރި ސުވާލެއް؟ މީގެ ކުރިން ދުވަހަކުވެސް ދަރިފުޅު ތިކަހަލަ ސުވާލެއް ނުކުރަމެއްނު. ކާކު ކީކޭ ކިޔައިގެންތަ ދަރިފުޅު ތިއުޅެނީ؟” ރަތީބާ އިސްޖަހައިގެން އިނދެ އަހާލިއެވެ. “މަންމާ! އެއްވެސް މީހަކު އެއްޗެކޭ ކިޔައިގެނެއް ނޫން. އަހަރެންނަށް ފެނުނު މަންޒަރަކުން ސުވާލު އުފެދުނީ. އަޅެ މަންމާ. އަހަރެންނަށް ކަމެއް ކޮށްދެންޏާ ތެދަށް ބުނެދީ.” ފަޔާޒް އަނެއްކާވެސް އާދޭހުގެ ރާގުގައި ބުނެލިއެވެ. ރަތީބާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ. “ކޮން މަންޒަރެއް ފެނުނީ؟” ރަތީބާ އަހާލިއެވެ. “އަހަރެންނާ ވައްތަރު މީހެއް. ވައްތަރެއްވެސް ނޫން. ހަމަ އަހަރެން ފެނުނީ.” ފަޔާޒް ބުނި ވާހަކައިން ރަތީބާ ކުއްލިއަކަށް އިސްއުފުލާ ބަލާލިއެވެ. އެމޫނުމަތިން ފެންނަން ހުރި އަސަރުތައް މާނަކުރާކަށް ފަޔާޒަކަށް ނޭނގުނެވެ.
“ކޮންތާކުން؟” ރަތީބާ ފަޔާޒަށް ބަލަން އިނދެ ހައިރާންކަމާއެކު އަހާލިއެވެ. “އިއްޔެ ހަވީރު ފިޔާޒާ ގޮވައިގެން ގޮސް ޕާކުން. މަންމައަށް އިނގޭތަ އޭނައަށް ކިޔާ ނަން؟ އޭނައަށް ކިޔަނީ އަޔާޒް.” ފަޔާޒް އެހެން ބުނެލުމުން ރަތީބާއަށް ބޭއިޚްތިޔާރުގައި “އަޔާޒް”އޭ އަހާލެވުނެވެ. “އާނ. މަންމާ! އޭނައަށް ކިޔަނީ އަޔާޒް. މަންމަ އޭނަ ދަންނަންތަ؟” ފަޔާޒް އޭނާގެ ހިތުގައިވާ ސުވާލުތައް ކުރަމުން ދިޔައެވެ. “އަހަރެންނަށް ކިހިނެއް އޭނަ ނޭނގި ހުންނާނީ؟ އެއީ އަހަރެން…” ރަތީބާއަށް މި ބުނެވެނީ ކީކޭކަން އެނގުމުން ހުއްޓާލިއެވެ. ފަޔާޒް ރަތީބާއަށް ބަލާލީ ބުނެދޭށޭ ބުނާ ފަދައަކުންނެވެ. “މަންމައަށް ކިހިނެއް އިނގޭނީ އެއީ ކާކުކަން؟ މަންމައަށް އަދި ނުވެސް ފެންނަ މީހެއް.” ރަތީބާ އަވަސްއަވަހަށް ބުނެލިއެވެ. އަދި އޭނާ އިތުރަށް އެތާގައި މަޑުނުކޮށް ކޮޓަރިއަށް ދިޔައީ ފަޔާޒްގެ އިތުރު ސުވާލުތަކެއް ކުރިމަތިވާނެކަން އެނގޭތީއެވެ.
**********
އަޔާޒް ވިސްނަމުން ދިޔައީ ރިޔާޝާއާއި ބައްދަލުކުރަން ހަދާނެ ގޮތަކާއި މެދުގައެވެ. ރިޔާޝާއަށް ޙަޤީޤަތް ކިޔައިދީ ރިޔާޝާ އެގޮތަށް ކަންތައްކުރި ސަބަބު އޮޅުންފިލުވަން އޭނާ ބޭނުންވެއެވެ. ރިޔާޝާ އިންޑިޔާގައި އުޅޭކަން އެނގުނަސް މިބޮޑު އިންޑިޔާއިން އޭނާ ހޯދާނެ ގޮތެއް އަޔާޒަކަށް ނުވިސްނުނެވެ. ރިޔާޝާ ވީ ހިސާބެއް އޭނާއަށް އެނގެނީއެއްވެސް ނޫނެވެ. ފަޔާޒް… ފަޔާޒްގެ ޙަޤީޤަތެއްވެސް ނޭނގެއެވެ. ފަޔާޒް އުޅޭތަން އެނގޭނަމަ ރިޔާޝާ ހޯދުނީހެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ޝިފާންއެވެ. ޝިފާން އަބަދުވެސް ކޮންމެވެސް ފަޔާޒެއްގެ ވާހަކަދައްކައެވެ. އިންޑިޔާގައި ދިރިއުޅޭ ޝިފާންގެ މާ ގާތް ރައްޓެއްސެކޯއެވެ. އަޔާޒްއާއި މާ ވައްތަރު ޒުވާނެކޯއެވެ. ހީވަނީ ޓްވިންސް ހެންނޭވެސް ބުނާނެއެވެ. އަނެއްކާ މިއީ ޝިފާން އެބުނާ ފަޔާޒްބާވައެވެ. އެހެންކަމަށް ވެއްޖެއްޔާ ޝިފާންއަށް ފަޔާޒް އުޅޭތަން އެނގޭނެއެވެ.
އެކަމަކު އަޔާޒް އެވަނީ ޝިފާންއާއި ގުޅުން ކަނޑާލާފައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޝިފާންއަށް ގުޅަންވީއެވެ. އެކަމަކު ކީކޭ ކިޔާފައި ހެއްޔެވެ؟ ކުއްލިއަކަށް ރިޔާޝާގެ ވާހަކައައިގެން ގުޅައިފިއްޔާ ޝިފާން ޖަވާބު ނުދީފާނެއެވެ. ފުރަތަމަ މާފަށް އެދިފައި ވާހަކަދައްކާލާނީއެވެ. އެގޮތުން ވަރަށް ފަސޭހައިން ޝިފާންގެ ހިތް އަތުލެވިދާނެއެވެ. ޝިފާންއަކީ އެހާ ހިތްހަރު މީހެއް ނޫނެވެ. މޮޅު ވާހަކައެއް ހަދާލައިގެން މާބޮޑަށް ހިތާމައިގެ އަސަރު ދައްކާލަނިކޮށް ޝިފާންގެ ހިތް މަޑު ކަފަކޮޅެއްހާ މަޑުވެދާނެއެވެ. އެހިސާބުން އެވީ ފަޔާޒްގެ ވާހަކަ އަހާށެވެ. އޭރުން އެއްވެސް ޝައްކެއްނެތި ޝިފާން ޖަވާބުދީފާނެއެވެ. އަޔާޒް އޭނާގެ ހިތުގައި ކަންތައް ކުރާނެ ގޮތް ރާވާލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވީ ޝިފާން ހައްދާލެވިދާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ. ނޫނީ ރިޔާޝާއާއި ބައްދަލުވެ ޙަޤީޤަތް ހާމަކުރުމުގައި ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންކަމަށްވެސް ވެދާނެއެވެ.
**********
“ފަޔާ! ކީއް ތިކުރީ؟” ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާލަމުން އަހާލިއެވެ. “އަހަރެންނަށް އިތުރަށް ކެތް ނުކުރެވުނީ؟ އަހަރެންގެ ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯ މާ އަވަސްއަރައިގަނެވުނީ.” ފަޔާޒް ދެރަވެލާފައި ބުނެލިއެވެ. “އަޅެ ފަޔާ ތިކުރި ކަމަކުން މަންމަ އެދިޔައީ ރަނގަޅަށް ސައިވެސް ނުބޮއި.” ރިޔާޝާ ދެރަވެލާފައި އެހެން ބުނެލުމުން ފަޔާޒްވެސް ވަރަށް ދެރަވިއެވެ. “އާނ. މިކަން މިކުރެވުނީ ރަނގަޅު ވަގުތަކު ނޫން. އެކަމަކުވެސް އަހަރެންގެ ބޮލުގެ ރިހުމަށް ކުޑަ ލުޔެއް ލިބިއްޖެ. ރިޔާއަށްވެސް ފެނުނެއްނު މަންމަގެ މޫނަށް ވެގެންދިޔަ ގޮތް. މަންމަ އެބަ ކޮންމެވެސް ކަމެއް ސިއްރުކުރޭ. އަހަރެންނާ އަޔާޒާ ދޭތެރޭ ކޮންމެވެސް ގުޅުމެއް އެބައޮތްކަން ޔަޤީންވެއްޖެ. ނޭނގެނީ އެއީ ކޮން ގުޅުމެއްކަން.” ފަޔާޒް ރިޔާޝާގެ މޫނަށް ބަލާލުމުން ރިޔާޝާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ރަތީބާ ކޮޓަރީގައި އިންއިރު އޭނާގެ ދެލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ. އޭނާގެ ދިރިއުޅުމަށް ކުއްލިއަކަށް ކުރިމަތި މިވީ ބޮޑު ކަންތަކުން އޭނާއަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އަޔާޒާއި އޭނާއާއި ދެމެދުގައި އެވާ މަތިވެރި ގުޅުމަކީ މުޅި ދުނިޔެއަށް ސިއްރު ކުރެވިފައިވާ ގުޅުމެކެވެ. ނަމަވެސް އެކަންވެސް އަބަދު ސިއްރެއްގެ ގޮތުގައި ނޯންނާނެކަން ރަތީބާއަށް އެނގެއެވެ. އެހެންކަމުން އޭނާ ނިންމައިގެން ހުރީ ވަރަށް ރަނގަޅަށް އެކަމާއި ތައްޔާރުވެގެން އިމާދުއާއި ދެމީހުން ތިބެ ފަޔާޒަށް ޙަޤީޤަތް ކިޔައިދޭށެވެ. އެމީހުން އަންނަނީވެސް އެކަމަށް ތައްޔާރުވަމުންނެވެ. ނަމަވެސް މިއަދު އެ ޙަޤީޤަތާއި ކުރިމަތިލާން މިޖެހުނީ އެކަމަށް ރަނގަޅަށް ތައްޔާރުވެސް ނުވެވިގެން އުޅެނިކޮށެވެ. ރަތީބާގެ ހަނދާންތައް ދަތުރުކުރީ މީގެ ތޭވީސް އަހަރު ކުރިއަށެވެ.
އެއީ އޮކްޓޯބަރ މަހެއްގެ ވިހިވަނަ ދުވަހެވެ. އެއްމާބަނޑު ދެ ފިރިހެންކުދިން ވިހައިގެން ހަތް ވަނައަށް ވީ ދުވަހެވެ. އެ ދެކުދިންނަށް ނަން ކިޔުމުގެ މުނާސަބަތުގައި ކުޑަކުޑަ ހަފްލާއެއް ބޭއްވުނެވެ. އެދުވަސް ވެގެންދިޔައީ ރަތީބާއާއި އިމާދުގެ ހަޔާތުގައިވެސް އައި އެންމެ ހިތްދަތި ދުވަހަށެވެ. އެދެމީހުންގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމި ދުވަހަކީވެސް އެދުވަސް ކަމުގައިވިއެވެ. ރަތީބާ ވިހޭ ދުވަހު، އިމާދުގެ ގާތް ރައްޓެއްސެއް ކަމަށްވާ ވަޙީދުގެ އަންހެނުން ހަސީނާ ވިހޭއިރު ދަރިފުޅުގެ ހާލަތު ވަރަށް ނާޒުކެވެ. އެހެންކަމުން އެތުއްތު ދަރިފުޅު ނާރސަރީގައި ބާއްވަން ޖެހުނެވެ. ނާރސަރީގައި އޮންނަތާ ހަތްވަނައަށް ވީ ދުވަހު އެދަރިފުޅު ނިޔާވީއެވެ.
ހަސީނާއަށް އިތުރަށް ދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރ ބުނި ބުނުން ވެގެންދިޔައީ ވަޙީދަށް ކެތްނުކުރެވޭވަރުގެ ކަމަކަށެވެ. ލޯބިވާ އަނބިމީހާއަށް އިތުރަށް ދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރ ބުނިކަމާއި އަލަތު ދަރިފުޅު ނިޔާވިކަން އަންގާކަށް ވަޙީދަކަށް ނުކެރުނެވެ. އެހެންކަމުން ވަޙީދުގެ އަމިއްލަ އެދުމުން ފޯވެފައިވާ ހިތް އެދުނީ ލޯބިވާ އަނބިމީހާއަށްޓަކައި ކޮންމެވެސް މީހެއްގެ ގާތުގައި ސަލާންޖަހާ ކުއްޖަކު ހޯދުމަށެވެ. އޭނާ އިމާދުގެ ކައިރިއަށް އައީ އިމާދު އެކަން ކޮށްދޭނެ ކަމަކަށް ނޫނެވެ. ނަމަވެސް އިމާދުގެ ހިތަށް ރަޙުމް ވަދެ އެކަން ކޮށްދިނީ ރަތީބާގެވެސް ހިތް ރުއްސައިގެންނެވެ. އެހެން ބައެއްގެ ޙަޔާތަށް އުފާވެރިކަމެއް ހޯދައިދިން ބަޔަކަށް މާތް ﷲ ޚާއްޞަ ބެއްލެވުމަކުން ބައްލަވާނެ ކަމުގައި ބުނެ އިމާދު ރަތީބާގެ ހިތްހަމަޖައްސައިދިނެވެ. ކަރުނަ އަޅާ ހާލުގައި ރަތީބާ، ވަޙީދުއާ އަޔާޒް ހަވާލުކުރީ ދުވަހެއްގެ ކޮޅުންވެސް އެދަރިފުޅުގެ ހިތުގައި ނުޖެއްސުމަށް ވަޢުދު ކުރުވާފައެވެ.
ޚިޔާލުތަކަށް ގެއްލިފައި އިން ރަތީބާ ސިހުނީ ފިޔާޒާ އައިސް އޭނާގެ އުނގަށް އެރުމުންނެވެ. “މާމާ! މާމަ ކީއްވެ ރޮނީ؟” ފިޔާޒާ ރަތީބާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަމުން އަހާލިއެވެ. އެދަރިފުޅުގެ މައުސޫމުކަމުން ރަތީބާ ފިޔާޒާ އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. “މާމަގެ ދޫނީ. މާމަ ނުރޮމޭ. ދޫނި ހުންނަންޏާ މާމަ ކީއްވެ ރޯންވީ؟ ދޫނި ހުންނަންޏާ މާމަ އަބަދުވެސް ހުންނާނީ ހެވިފައި.” ހިނިތުންވެލަމުން ރަތީބާ ބުނެލިއެވެ. ދޮރު ކައިރީގައި ރަތީބާގެ ހަރަކާތްތަކަށް ބަލަން ރިޔާޝާއާއި ފަޔާޒް ތިބި ކަމެއް ރަތީބާއަކަށް ނޭނގެއެވެ. އޭނާ ފިޔާޒާ ގޮވައިގެން އެނދުމަތީގައި ސަކަރާތް ޖަހަން އިނީ އޭނާގެ ހުރި ހަމައެކަނި މާމަ ދަރިފުޅު އުފާކޮށްދިނުމުގެ ބޭނުމުގައެވެ. އެހެން އުޅުމުގެ ތެރޭގައި އަނެއްކާވެސް އޭނާ އަޔާޒްގެ މަތިން ހަނދާންވިއެވެ.
މިހާރު އަޔާޒްވެސް މީހަކާ އިނދެ ކުދިން ލިބިދާނެއެވެ. ނަމަވެސް އޭނާއަށް އަޔާޒްގެ ދަރިންނާއި ސަމާސާކޮށްލާ ވަގުތު ހޭދަކޮށްލާކަށް ފުރުސަތެއް ނުލިބޭނެއޭ ހިތަށް އެރުމުން ރަތީބާގެ ދެލޮލުން ކަރުނަ ހިލުނެވެ. “ދަރިފުޅާ ފިޔާޒާ! އާދޭ ފިލާވަޅު ހަދަން.” ރިޔާޝާ އެހެން ބުނެލުމާއެކު ރަތީބާގެ ގައިގައި ބައްދާލާ ކޮލަށް ދޮނެއް ދީފައި ފިޔާޒާ ދުވަމުން ދުވަމުން ބޭރަށް ނުކުތެވެ. އެވަގުތު ފަޔާޒް ކޮޓަރިއަށް ވަތްތަން ފެނުމުން ރަތީބާއަށް ދުރަށް މޫނު އަނބުރާލެވުނެވެ. ރަތީބާގެ އެ ޢަމަލުން ފަޔާޒްގެ ހިތަށް ތަދުވިއެވެ. އޭނާ އައިސް ރަތީބާގެ ކައިރީގައި ތިރީގައި ކުޑަކަކޫ ޖަހައިގެން އިށީނެވެ. އަދި ރަތީބާގެ ފައިމަތީ ބޯ އަޅާލިއެވެ.
“މަންމާ! އަހަރެންނަށް މާފްކުރޭ! އަހަރެން ހިއެއް ނުކުރަން އެވާހަކައަކީ މަންމައަށް ތިހާ ފުން އަސަރުތަކެއް ކުރުވާނެ ވާހަކައެއް ކަމަކަށް. އަހަރެން ވަރަށް ދެރަވެއްޖެ މަންމަ ދެރަކޮށްލެވުނީމަ. މަންމަ ރޯތަން ބަލާކަށް އަހަރެންނަކަށް ކުޅަދާނައެއް ނޫން.” ރަތީބާ ފަޔާޒަށް ބަލާލީ އޭނާގެ ފަޔަށް ކަރުނައިގެ ތެތްކަން އިހުސާސްވުމުންނެވެ. “މަންމަ އަހަރެންދެކެ ހިތްހަމަނުޖެހިފައި ހުރީމަ އަހަރެން އަދި މާ ދެރަވޭ. އެއީ އަހަރެން މަންމަ ހިތުގައި ޖައްސާކަށް ދެއްކި ވާހަކައެއް ނޫން. އަހަރެންނަށް ހީވި ހީވުމަކުން ބޮލުގައި ރިއްސަން ފެށީމަ ލުޔެއް ލިބޭތޯ އަހާލީ. މަންމަ އަހަރެންނަށް މާފެއް ނުކުރާނަންތަ؟” ފަޔާޒް ރަތީބާގެ މޫނަށް ބަލާލުމާއެކު ރަތީބާއަށް ރޮއިގަނެވުނެވެ. އަދި ފަޔާޒްގެ ދެކޮނޑުގައި ހިފާފައި ތެދުވަން އިޝާރާތް ކުރުމުން ފަޔާޒް ތެދުވެ އެނދުގައި އިށީނެވެ. ރަތީބާ ފަޔާޒް އޭނާގެ މޭގައި ޖައްސާލައިގެން އިނީ އެދަރިފުޅުގެ ދެލޮލުން ކުރިން ނުދެކޭފަދަ ހިތްދަތި އަސަރުތަކެއް ފެނުމުން ކެތްނުކުރެވިގެންނެވެ.
“ނޫން ދަރިފުޅާ! މަންމަ ދަރިފުޅަށް މާފްކޮށްފިން. ދެން ނުރޮއި. އެކަމަކު އެއީ ދަރިފުޅު ކުރި ކުށެއް ނޫން. އެއީ ދަރިފުޅަށްވެސް އެނގުން ވަރަށް މުހިންމު ކަމެއް. ޙަޤީޤަތުގައި މާފަށް އެދެން ޖެހޭ ބަޔަކީ މަންމައާއި ބައްޕަ. މިހުރިހާ ދުވަހު ޙަޤީޤަތް ނާންގާ މަންމަމެން ތިބީ ރަނގަޅަށް ތައްޔާރުވެގެން އެވާހަކަ ކިޔައިދޭންވެގެން. އެކަމަކު މިހާރު މިއޮތީ ޙަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިފައި.” ރަތީބާ ބުނެލިއެވެ. އެއީ ރިޔާޝާވެސް އައިސް އެނދުގައި އިށީން ވަގުތެވެ. ރަތީބާ އެވާހަކަތައް ކިޔައިދިންއިރު ފަޔާޒަށް އިނދެވުނީ ހައިރާންވެފައެވެ. އެއްވެސް މަޔަކު އެފަދަ ބޮޑު ޤުރުބާނީއެއް ވީ ވާހަކަ މިނޫނީ މީހަކު ބުނާތީވެސް އޭނާ އަޑު ނާހައެވެ. ފަޔާޒް ރަތީބާއަށް ތަޢުރީފް ކޮށްލުމުން ރަތީބާ ބުންޏެވެ. “މީ ދިރިއުޅުމަކީ. ތަފާތު އެތައް ކަމަކާއި ކުރިމަތިލާން ޖެހޭނެ. ކާމިޔާބު އުފާވެރި ދިރިއުޅުމަކަށް ބައެއް ފަހަރު ޤުރުބާނީވެސް ވާން ޖެހޭނެ.” ރަތީބާގެ ހެޔޮލަފާކަމާއި މާތްކަމަށް ރިޔާޝާއަށް ތަޢުރީފް ކޮށްލެވުނެވެ. ރިޔާޝާއަށް އިމާދުދެކެ ރުޅި އާދެވުނެވެ. އެފަދަ ހެޔޮލަފާ އަނތްބެއް ލިބުމުންވެސް ޝުކުރުކުރަން ނޭނގުނު ފިރިހެނެކެވެ.
**********
ޝިފާން އިނީ ކަލީމްއާއެކު ކޮފީއެއް ބޯލުމަށް ކޮފީ ޝޮޕެއްގައެވެ. އޮލަ ވާހަކައެއްގައި އިންދާ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ބަލާލިއިރު ނުދަންނަ ބޭރު ނަންބަރެކެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލާފައި މޭޒުމަތީގައި ފޯނު ބޭއްވިއެވެ. އަނެއްކާވެސް ވާހަކަ ފެށިތަނާ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ތިން ފަހަރު ރިންގުވުމުންވެސް ޝިފާން އަޅައެއްނުލިއެވެ. “ތި ނުނަގާ ތިއިނީ ކީއްވެ؟” “ނުދަންނަ ނަންބަރެއް. އިންޑިޔާ ނަންބަރެއް.” ޝިފާން އެހެން ބުނެލުމުން ކަލީމް ވިސްނާލިއެވެ. “އެ ވެދާނެއެއްނު ފަޔާޒް ކަމަށް. ނޫނީ ރިޔާޝާ ކަމަށް.” ކަލީމް އެހެން ބުނެލުމުން ޝިފާންވެސް ވިސްނާލިއެވެ. އަދި ފޯނު ނެގިތަނާ އައީ މެސެޖެކެވެ. މެސެޖް ކިޔާލުމާއެކު އޭނާއަށް ހައިރާންކަން ލިބުނީ އެއީ އަޔާޒް ކަމަށް ޖަހާފައި ފޯނަށް ޖަވާބުދިނުމަށް އެދިފައި އޮތުމުންނެވެ.
ހައިރާންވެފައި ފޯނަށް ބަލަން އިންދާ ކަލީމް ކާކުތޯ އަހާލިއެވެ. ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފޯނު ރިންގުވާން ފެށުމުން އަވަސްއަވަހަށް ފޯނު ނެގިއެވެ. “ހަލޯ! ޝިފާން! އައިމް ރިއަލީ ވެރީ ސޮރީ. އަސްލު އަހަރެންނަށް ނުވިސްނުނީ. ބައްޕަ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަށް އަހަރެންނަށް ޤަބޫލުނުކުރެވުނީ. މިއަދު އަހަރެންނަށް ބައްޕަގެ ދުލުން އެހެން ބުނި އަޑު އިވުނީ. އެހެންވެ އަހަރެން އިންޑިޔާއަށް އައިސް މިހުރީ. ޝިފާން! ޕްލީޒް ފޮގިވް މީ ބްރޯ.” އަޔާޒް އަޑަށް މޮޅިވެރިކަން ގެންނަމުން ވާހަކަދެއްކިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ އަޔާއަށް ވިސްނުނީތީ. އަހަރެން އަޔާއަށް މާފްކޮށްފިން.” ޝިފާން އެތާގައި ކަލީމް އިނުމުން މާގިނަ ވާހަކަތަކެއް ދައްކާކަށް ގަސްތެއް ނުކުރިއެވެ.
“އަޔާ! ދެން މިހާރު ފޯނު ބާއްވަމާ ދޯ؟ އަހަރެން ކުޑަ ކަމެއްގައި މިއުޅެނީ.” ޝިފާން އެހެން ބުނެލުމުން އަޔާޒް އަވަސްއަވަހަށް އިހަށް މަޑުކޮށްލާށޭ ބުނެލިއެވެ. “މީ… އަހަރެން ބުނީ ޝިފާން ބުނީމެއްނު އެއްކަލަ މަށާ ވައްތަރު ފަޔާޒެއްގެ ވާހަކަ. އޭނަ އިންޑިޔާގައޭ އުޅެނީ ބުނީމެއްނު. އޭނައާ މަށާ މީޓްވާނެ ގޮތެއް ހަދައިދެވިދާނެތަ؟” އަޔާޒް އެހެން ބުނެލުމުން ޝިފާންއަށް ސިހުން ލިބުނެވެ. “މަށަކަށް ނޭނގެ އޭނަގެ އެޑްރެހެއް. ފޯނު ނަންބަރު އިންނާނެ. ބަލާލާފަ ފޮނުވާލަދޭނަން. އިނގޭ.” ޝިފާން އެހެން ބުނެފައި އަވަސްއަވަހަށް ފޯނު ބޭއްވީ ބިޒީ ކަމުގައި ބުނަމުންނެވެ. އަޔާޒް ހިތާހިތުން ޝިފާންގެ މޮޔަކަމާއިމެދު މަލާމާތްކުރަމުން ދިޔައެވެ. އޭނާގެ މަޤްސަދު އެހާ އަވަހަށް ހާސިލްވާތީ އޭނާ ހުރީ ނިކަން އުފަލުންނެވެ. ފުރަތަމަ ކަމަކީ ރިޔާޝާއާއި ބައްދަލުކޮށް ޙަޤީޤަތް ހާމަކުރުމެވެ. އޭގެ ފަހުން ރިޔާޝާ ހާސިލްކުރުމެވެ. ޙަޤީޤަތް ހާމަވުމަށްފަހު ރިޔާޝާ ހާސިލްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެކަން އަޔާޒަށް ޔަޤީންވެއެވެ.
“އަޔާޒްތަ ގުޅީ؟” ކަލީމް އަހާލުމުން ޝިފާން ބޯޖަހާލިއެވެ. “ކީއްކުރާށޯ؟” ކަލީމް އަނެއްކާވެސް އަހާލިއެވެ. “މާފަށް އެދޭށޯ؟ ހިއެއް ނުވޭ އޭނަގެ މަޤްސަދު ރަނގަޅުހެނެއް. އެހެން ނޫންނަމަ ފަޔާއާއި ބައްދަލުވާނެ ގޮތެއް ހަދައިދޭށޭ ބުނަންވީ ކީއްވެ ދޯ؟” ޝިފާން އެހެން ބުނެލުމުން ކަލީމް އެވާހަކައިގައި ބައިވެރިވެލިއެވެ. “ފަޔާއާއި ބައްދަލުކޮށްދޭށޭތަ ބުނީ؟” “އާނ.” ޝިފާންގެ ޖަވާބު ވަރަށް ކުރެވެ. “ޔަޤީން ތީ ގޯހެއް. އޭނަ އެއުޅެނީ ރިޔާގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން. މަށަށް ހަމަ ސަތޭކަ ޕަސެންޓް ޔަޤީން. އެހެންނޫނީ މިދިޔަ ފަސް އަހަރު ވާހަކަ ނުދައްކާ ހުރެފައި ކުއްލިއަކަށް ގުޅާ މާފަށް އެދެފައި ފަޔާއާއި ބައްދަލުކޮށްދޭކަށް ނޭދޭނެ ދޯ؟” ކަލީމްގެ ވާހަކަތަކަށް ޝިފާން އެއްބަސްވިއެވެ. “އާނ. އޭނަގެ ވާހަކަ ހުރި ގޮތުންވެސް މަށަށް ޝައްކުވި. އޭނަ ހީކުރީ މަމީ އެހާ ބޮޑު ގަމާރެއް ކަމަށް. އޭނައަކަށް ފަޔާގެ ނަންބަރެއްވެސް ނުދޭނަން. އެނގިދާނެތާ ވާގޮތެއް.” ޝިފާން އޭނާ ހަދާނެ ގޮތް ކަލީމް ގާތުގައި ބުނުމުން ކަލީމްވެސް ރަނގަޅޭ ބުނެލިއެވެ.
**********
“އިމާދު! އަހަރެން ވާހަކައެއް އަހަންތަ؟” އަމީނާ އިމާދު ގާތުގައި އަހާލިއެވެ. އަމީނާ ވާހަކަދައްކަން ފެށުމުން އުނދަގޫވީ ނަމަވެސް އިމާދު އެކަން ހާމަނުކޮށް ވޭތޯ ބެލިއެވެ. “ހޫމް. އަހާބަލަ.” “ކީއްވެތަ މިހާރު އަބަދު ބޭރުގައި ތިއުޅެނީ؟ މިހާރު އަހަރެން މަތިން ފޫހިވީ ދޯ؟” ރުންކުރު ގޮތަކަށް އަމީނާ އަހާލިއެވެ. އަމީނާގެ ރާގު ބަދަލުވެފައި ހުރުމުން ވެފައިހުރި ވަރުބަލީގައި އިމާދު ގާތަށްވެސް ރުޅިއައެވެ. “މަސައްކަތުގައި ތެޅިތެޅި ބަލިވެގެން އަންނައިރަށް ތިވައްތަރަށް އަނގަތަޅާ ނުގަނެބަލަ. ހަމަޖެހިލައިގެން އޮވެލިޔަ ނުދޭތި އޮޅިގެންވެސް.” އިމާދު ރުޅި އައިސްފައި ހުރެ އެހެން ބުނުމުން އަމީނާ ގާތަށް އައި ރުޅި އިތުރަށް ގަދަވިއެވެ. “މަށަށް އިނގެޔޭ އަބަދު ބޭރުގައި ހުރެގެން ތިކުރާ މަސައްކަތް. އަބަދުވެސް ކޮންމެވެސް އަންހެނެއް…” އަމީނާގެ ޖުމްލަ މެދުކެނޑުނީ ކުއްލިއަކަށް އިމާދުގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ މޫނުމައްޗަށް އެރުމުންނެވެ.
“ބުނަން ރަނގަޅު ވާހަކައެއް؟ ކަލޭ ތި އަނގަގަނޑު މައިތިރިކޮށްގެން ހުރޭ! މަގޭ އަތުން ފައިން އިތުރު ގޯހެއް ހެދިދާނެ! މަމީ ކަލޭހެން އުޅޭ މީހެއް ނޫނޭ.” އަމީނާގެ އަނގަމަތީ ފިތައިގަނެގެން ހުރެ އިމާދު ބުނެލިއެވެ. އިމާދު އަމީނާ ދޫކޮށްލާފައި ދާން ހިނގައިގަތުމުންވެސް އަމީނާ މައިތިރިވާ ގޮތެއް ނުވިއެވެ. “ތީ މަށަށް މާކުރިންވެސް އިނގޭ ކަމެކޭ. އިނދެގެން މިވީ ފަސް އަހަރު ތެރޭ އިމާދު ބަދަލުވެފައިވާ ވަރު މަށަށް އެނގެޔޭ. މީގެ ކުރިން ކިތަންމެ ރުޅި އަޔަސް އަތް އިހެއް ނުކުރާނެ. އެއްޗެހި ކިޔަކިޔާފައި ދާނީ. މިހާރު ތި އަނިޔާ ކުރަންވެސް ފެށީ. ތިހުރިހާ ގޮތެއް ނުހެދިޔަކަސް ބޭނުން ނެތިއްޔާ ވަރިކުރީމަ ވީއެއްނު.” ތަދުވެފައި ހުރި ނަމަވެސް އަމީނާ ހަޅޭއްލަވައިގަތެވެ. “ތިހިރީ ވަރިކޮށްފައި. އެންމެ ރަނގަޅެއްނު. އެހެރީ ދޮރު. ހަމަ މިހާރު ނުކުމެގެން ދާންއުޅޭ.” އިމާދު ހަމަޖެހިލާފައި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމުން އަމީނާއަށް ސިހުން ލިބުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.






V reethi
ޝުކުރިއްޔާ
V v nice.???????
ޝުކުރިއްޔާ
Esfiya vanhanaa vaahakaaga ebain immiari comment kohfa eynage story upload nukohgen…plx upload that…i myself love to read it
އެއީ އެސްފިޔައިގެ އެޑްމިންއަށް ކުރެވޭނެ ކަމެއް… ސާންޑީ ތިކަމާ ކުރާނެ ކަމެއް ނެތް
Salhi vaahaka eh
ޝުކުރިއްޔާ
Vvv ves reethi
ޝުކުރިއްޔާ
salhi ?
ޝުކުރިއްޔާ
Salhi?ameena yah thiveehama rangalhah?
ޝުކުރިއްޔާ
V v v reethi
ޝުކުރިއްޔާ
VVVVV REETHI>>>>
ޝުކުރިއްޔާ
Vvv reethi
ޝުކުރިއްޔާ
V reethi
ޝުުކުރިއްޔާ
v salhi ingey mi part v furihama….raf dekey gothuga saandy akee good writter ehurihaa kiyunterige hiyaalu thaka ves reply kurey …. raf kee hurihaa vaahaka thaka kunves alhaa gay thakolhe mi..good keep it up….raf hitha ves eriye mifaharu hageeay ves ingey ney den..hope next part avaha up kodeyne kama
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 22ވަނަ ބައި އަޕްކޮށްލަދޭނަން
n if u guys dnt read kalhu finifen maa and havaatif plex read it biruveri vaahaka thakuge terein sifakuruntha kaa echis gena sa huri v salhi vaahaka e………….
ޔެސް… ވަރަށް ރީތި ދެވާހަކަ އެއީ… ސާންޑީވެސް ކީން
Vara furihama … koniraku next part upload kurany
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 22ވަނަ ބައި ގެނެސްދޭނަން