
“ރިޔާޝާވެސް މިހާރު ތިހިރީ ބޮޑުވެފައި. މީހުންނާ އިންނަވަރުވެފައި. އަންހެންކުދިން ނުވާނެ އެހާ ގިނަ ދުވަހު މީހުންނާ ނީނދެ ތިބޭކަށް. އެހެންވީމަ އަހަރެން ރިޔާޝާގެ ކައިވެނި ހަމަޖައްސައިފިން.” އަމީނާ އެހެން ބުނެލުމުން ރިޔާޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ކޮޅަށްވެސް ތެދުވެވުނެވެ.
“އަހަރެން…” “މަ ކަލޭ މިގެނައީ ކަލޭގެ ރުހުން ހޯދާކަށް ނޫން. މިރޭ އަށްގަޑި ބަޔަށް ތައްޔާރުވެގެން ހުރޭ. މިރޭ ރަންކިޔުއްވަން އަންނާނެ.” އަމީނާ އޭނާގެ ހަރުކަށި އަޑުން ބުނެލިއެވެ. ވަގުތުން ރިޔާޝާގެ ދެލޯ ފެންކަޅިވިއެވެ. އަމީނާ އޭނާއަށް އަންގާވެސްނުލާ އެހާ ބޮޑު ނިންމުމެއް ނިންމީތީ އޭނާ އެކަމާ ނުހަނު ދެރަވިއެވެ. އަދި އެހާމެ ރުޅިއައެވެ. ނަމަވެސް އިމާދު އިނުމުން އޭނާ އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އޭނާ އަވަސްއަވަހަށް ބަދިގެއިން ނުކުމެގެން ގޮސް ކޮޓަރިއަށް ވަނީ އެއްވެސް މީހަކަށް އޭނާ ރޯތަން ފެންނަން ބޭނުން ނުވާތީއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ރިޔާޝާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާގެ ހިތް ވަނީ އަމީނާއާމެދު ޝަކުވާއިން ފުރިފައެވެ. އޭނާއަށް މިލިބެނީ އޭނާ ކުރި ކޮން ކުށެއްގެ އަދަބެއްބާވައޭ އޭނާގެ ހިތަށް އަރައެވެ. އޭނާ އެއްވެސް މީހަކަށް ދެރައެއް ނޭދެއެވެ. ނަމަވެސް އޭނާއަށް އަބަދުވެސް ދިމާވަނީ ދެރަގޮތެވެ. ތަޤުދީރުގައި އޭނާއަށް އެއްވެސް އުފަލެއް ނުވަނީ ހެއްޔެވެ؟ “ނޫން. އަހަރެން އެމީހާގަނޑަކާ ނީންނާނަން. ނީންނާނަން. އަހަރެން ފިލާނީ. އެކަމަކު ކިހިނެއް؟ އަޅެ އަޔާ އަހަރެންނަށް މިހެން ނުހެދިނަމަ.” ރިޔާޝާ އަމިއްލަ ހިތާ ޝަކުވާކުރަމުން ދިޔައެވެ.
ރިޔާޝާގެ އެކަނިވެރި ދިރިއުޅުމުގައި ސިއްކަ ޖެހިގެން މިދާ ގޮތް ހިތަށް އެރުމުން އޭނާއަށް އިތުރަށް ރޮވުނެވެ. އޭނާއަށް ދިރިއުޅުމުގެ ބާކީބައި ހޭދަކުރަން ޖެހޭނީ ނުވެސް ދަންނަ އެ މުސްކުޅި ބޭގަނޑާއެކުގައޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ވިސްނަމުން ދިޔައީ އެކަމުން ސަލާމަތްވާނެ ގޮތަކާއި ދޭތެރޭގައެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ޝިފާންއާއި ބައްދަލުކުރަން ހަވީރު ދާންޖެހޭކަމެވެ. ޙަޤީޤަތުގައި އޭނާ ހުރީ ދެންމެގައި އަމީނާ އެދިން ޚަބަރަކުން އެކަމުގެ މަތިން ހަނދާން ނެތިފައެވެ. އެއީ މިކަމުން ސަލާމަތްވުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމުގައި ރިޔާޝާ ދެކުނެވެ. އޭނާ ކަންކުރާނެ ގޮތް ހިތުގައި ރާވާލިއެވެ. އޭނާ ހަވީރު ޝިފާންއާއި ބައްދަލުކުރަން ގޮސްފައި އެނބުރި ގެއަށް ނާންނާނީއެވެ.
ރިޔާޝާ އިނީ ގަޑިއަށް ބަލަބަލައެވެ. ގަޑިން ހަތަރު ގަޑި ބައިވީއިރު ރިޔާޝާ ހުރީ ތައްޔާރުވެގެންނެވެ. އޭނާ ކޮޓަރިން ނުކުތުމުގެ ކުރިން ކުޑަކުޑަކޮށް ދޮރު ހުޅުވާލާފައި ބޭރު ބަލާލިއެވެ. ސިޓިންގރޫމް ސޯފާގައި އިން އަމީނާ ފެނުމުން ވަގުތުން ދޮރު ލައްޕާލިއެވެ. އިރުއިރުކޮޅާ ގަޑި ބަލާލާފައި ގޮސް ދޮރުން ބޯދިއްކޮށް ސިޓިންގރޫމް ބަލާލައެވެ. ހަތަރުގަޑި ފަންސާސް ހިނގި ފަހުން ރިޔާޝާއަށް މޮޅު ޚިޔާލެއް އައެވެ. އޭނާ ފިހާރައަށް ދާންކަމަށް ހަދާނީއޭ ހިތާ ރުފިޔާ ހިފައިގެން ނުކުތްއިރު އަމީނާއެއް ސިޓިންގރޫމަކު ނެތެވެ. އޭނާ އަވަސްއަވަހަށް ގޮސް ދޮރުން ނުކުމެ ނުކުމެ ހުއްޓާ ދޮރާށި ހުޅުވާލާފައި އަމީނާ އައިސް ވަނީ އިމާދުއާއި އެކީގައެވެ.
އަމީނާއަށް ރިޔާޝާ ފެނުމުން އައިސް ހުއްޓިފައި ރުންކުރު ގޮތަކަށް ކޮންތާކަށްތޯ އަހާލިއެވެ. “މި… މި ފިހާރައަށް.” ރިޔާޝާ ހާސްވިއެވެ. “ކޯއްޗެއް ގަންނަން؟ ތި ގަންނަން ބޭނުންވެގެން އުޅޭ އެއްޗެއް ބުނޭ. އަހަރެން ތި ގަނެދީފާނަން.” އަމީނާ އެހެން ބުނުމުން އިމާދު އަމީނާއަށް ބަލާލިއެވެ. “އޭނަ ފޮނުވަބަލަ. އޭރުންނެއްނު އަހަރެމެންނަށް ތަންކޮޅެއް މިނިވަންކޮށް ވަގުތުކޮޅެއް ހޭދަކޮށްލެވޭނީ.” އިމާދު އެހެން ބުނުމުން އަމީނާ ލޯއަޅާލިއެވެ. ލަދެއް ހަޔާތެއްވެސް ނެތް ފިރިހެނެކޭ ރިޔާޝާ ހިތަށްއެރިއެވެ. ދަރިއަކާ އެއް އުމުރެއްގެ ކުއްޖެއްގެ ކުރިމަތީ އެގޮތަށް ވާހަކަދައްކާނީ ވަރަށް ލަދުކުޑަވީމަތާއެވެ.
“އުހުނ. އޭނައަކަށް ނުދެވޭނެ. އިމާދަކަށް ނޭނގޭނެ އޭނަގެ މަކަރުވެރިކަމެއް. ނަސީބެއްނު މަށަށް ތަންކޮޅެއް ކުރިން އާދެވުނުކަން. ނޫންނަމަ ޔަޤީނޭ މީނަ ފިލާނެކަން. އޭނަ ހިތުން އޭނަ ވަރަށް ސިއްރުން ގަޑި ކިޔާފަ އެއުޅެނީ.” އަމީނާ އެހެން ބުނެލުމުން ރިޔާޝާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝިފާން އޭނާއަށް ފޯނުކުރިކަންވެސް އަމީނާއަށް އެނގުނީތާއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އަމީނާއަށް ފެނުނީބާވައެވެ؟ ޔަޤީނެވެ. އަމީނާ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލަނީއެވެ. ނޫނީ އެހާ ސިއްރުން ނިމުނު ފޯނު ކޯލުގެ ހިލަމެއްވެސް އަމީނާއަކަށް ނުވީހެވެ. އަނެއްކޮޅުން ރިޔާޝާ ހަލޯއޭ ބުނެލުން ފިޔަވާ އިތުރު ވާހަކައެއްވެސް ދެއްކީއެއް ނޫނެވެ. ނޫނޭ ފާރަލާންވެސް އެއްވަނައޭ ރިޔާޝާގެ ހިތަށްއެރިއެވެ.
ރިޔާޝާ އެނބުރި ކޮޓަރިއަށް ދިޔައީ މާޔޫސްވެގެންނެވެ. އެކަމުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތީއޭ އޭނާގެ ހިތަށްއެރިއެވެ. ގެއަށް އައީއްސުރެ އަމީނާ އެއިންނަނީ ސިޓިންގރޫމްގައެވެ. އިމާދު ކޮޓަރިއަށް ދާން އެދުނު ނަމަވެސް އޭނާ ފާޅުގައި އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ. އޭނާއަށް ރިޔާޝާ ގޮސްދާނެކަމުގެ ބިރު ހީވަނީއެވެ. އޭރުން އޭނާގެ ހުރިހާ ރޭވުމެއް ފެނަށްވާނެއެވެ. އެއްވެސް ހާލެއްގައި އޭނާ އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ. ރިޔާޝާ ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާ ހުރީ ކަންބޮޑުވެފައެވެ. މިހާރު އެހެރަ ފަސްގަޑި ބައިވަނީއެވެ. އަދިވެސް އަމީނާ ކޮޓަރިއަށް ވަންނާކަށް ނޫޅެއެވެ. މިހާރު ޝިފާންވެސް އޭނާ ނުގޮސްގެން ގެއަށް ގޮސްދާނެކަން ގައިމެވެ. ނަމަވެސް އޭނާ އެހުންނަނީ ދަނޑިވަޅަކަށް ބަލަބަލައެވެ. އަމީނާ ކިރިޔާ އެއްފަރާތަކަށް ޖެހިލިއަސް އޭނާގެ މިސްރާބަށް ދަތުރު ފަށާނެއެވެ.
“އިމާދު! އަހަރެން އެބަ އަންނަން ފާޚާނާއަށް ވަދެލާފައި. މިތާ މަޑުކޮށްލާތި. ހަނދާންކޮށް ރިޔާޝާ ބޭރަށް ދިޔަޔަސް ނުދޭތި.” އަމީނާ އިމާދު ގާތުގައި ބުނެލާފައި އެތެރެއަށް ވަނެވެ. ރިޔާޝާ ބޭރު ބަލާލިއިރު އިމާދު އެކަނި އިންތަން ފެނުމުން އަވަސްއަވަހަށް ބޭރަށް ނުކުތެވެ. އަދި އިމާދަށް އަޑު ނީވޭނެހެން މަޑުމަޑުން ގޮސް ދޮރާ ހަމައަށް ދިޔަތަނާ އިމާދު ގޮވާލިއެވެ. “އިހަށް މަޑުކޮށްބަލަ. އަހަރެންދެކެ ބިރު ނުގަނޭ. އަހަރެން އެއްވެސް ކަމެއް ނުކުރާނަން. ތިދާ ތަނަކަށް ދާނެ ކަމެއް ނެތް. އަހަރެން މިއުޅެނީ ރިޔާޝާ މިތަނުން ސަލާމަތް ކޮށްދޭން. ރިޔާޝާއަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން.” އިމާދު އެހެން ބުނެލުމުން ރިޔާޝާ ހައިރާންވި ނަމަވެސް އޭނާގެ މަންޒިލަށް ހުރަސް އެޅީތީ ރުޅި އާދެވުނެވެ.
“އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގެން އަހަރެންނަށް ކޮން އުފާވެރި ދިރިއުޅުމެއް ހޯދަދެވޭނީ؟ ކޮން ހިމާޔަތެއް ދެވޭނީ؟ ކޮންމެހެން ފޮނި ބަސްތަކުން މަ ހައްލަން އުޅޭނެކަމެއް ނެތް. މަށެއް ކަލެއަކާ ނީންނާނަން.” ރިޔާޝާ ރުޅިއައި ނަމަވެސް އަމީނާއަށް އަޑު އިވިދާނެތީ ވާހަކަދެއްކީ މަޑުންނެވެ. “އެކޮއިއަށް ތިއުޅެވެނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި. އަހަރެން އަމީނާ ގާތަށް އައީ އެކޮއިގެ ކައިވެންޏަށް އެދިގެން. އެކަމަކު އެއީ އަހަރެންނަކާ ނޫން. އަހަރެންގެ ދަރިފުޅު ފަޔާޒްއާ. އަހަރެން ހީކުރަން އެކޮއި މިކަމާ ދެކޮޅު ނުހަދާނެކަމަށް. އަދި އަހަރެންގެ ގެއިން އެކޮއިއަށް ފުރިހަމަ ރައްކާތެރިކަމާއި މިނިވަންކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެން ދެން. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން މީ ތިހީކުރާ ކަހަލަ މީހެއްނޫން.” އިމާދު ވާހަކަދެއްކީ ރިޔާޝާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ.
ރިޔާޝާއަށް އިމާދުގެ ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. “އެކަމަކު އަހަރެން…” “އެކަމަކު މިކަމަކު ކިޔާކަށް ވަގުތެއް ނެތް. އަހަރެން އެކޮއިއަށް މިވާހަކަތައް ކިޔައިދިންކަން އެނގިއްޖެއްޔާ މިކައިވެނި ކެންސަލްވާނެ. އޭރުން އެކޮއި އުޅެން ޖެހޭނީ މުޅި އުމުރަށް މިކޮށީގައި ބަންދުވެފައި. އެހެންވީމަ މިބުނަނީ މިކައިވެންޏާ ރުހޭށޭ. އަހަރެން މިކަން މިކުރަނީ އެކޮއިއަށް ދެރައެއް ދޭކަށް ނޫން. އެކޮއިއަށް ހެޔޮއެދިގެން.” އިމާދު ރިޔާޝާއަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ. ރިޔާޝާއަށް އެވާހަކަތައް ޤަބޫލުކުރެވުނީ ކަންނޭނގެއެވެ. އޭނާ ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ދޮރެއް ހުޅުވާލި އަޑު އިވިފައި އަވަސްކުރުމަށް އިމާދު ބުނެލީ މަޑުމަޑުންނެވެ. ރިޔާޝާވެސް ދެބަހެއްނެތި ކޮޓަރިއަށް ވަނުމުން އިމާދުގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
**********
ފަހެއް ނުޖަހަނީސް އައި ގޮތަށް ޝިފާން އާޓިފިޝަލް ބީޗުގައި މަޑުކޮށްގެން ހުރީ ރިޔާޝާ އަންނާނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް މަޣްރިބް ނަމާދަށް ބަންޤި ގޮވިއިރުވެސް ރިޔާޝާ ނައުމުން ޝިފާން މާޔޫސްވިއެވެ. ރިޔާޝާ އޭނާގެ ވާހަކަތައް އަޑުއަހަން ބޭނުންނުވަނީ ކަމުގައި ޝިފާން ނިންމިއެވެ. އެކަން އެހެން އެވީ އޭނާގެ ސަބަބުންކަމުގައި ޝިފާން ނިންމިއެވެ. އޭނާ އެދުވަހު ރިޔާޝާއަށް ޙަޤީޤަތް ކިޔައިދެވުނުނަމަ މިއަދު މިހެނެއް ނުވީހެވެ. އެދުވަހު ރިޔާޝާ އެގެއިން ދިޔައީ އޭނާއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. އޭނާއަށް އެކަމުގައި އަޔާޒްދެކެ ރުޅިއާދެވުނެވެ. އަޔާޒް ރިޔާޝާއަށް އެކަން ސިއްރުކޮށްދޭން ނޭދުނުނަމަ މިހެނެއް ނުވީހެވެ.
ހިތަށް ލިބުނު ނުތަނަވަސްކަން ފިލުވާލައި ހިތަށް ހަމަޖެހުމެއް ހޯދުމަށް މިސްކިތާއި ދިމާއަށް މިސްރާބުޖެހިއެވެ. ނަމާދުކުރުމުން އަބަދުވެސް އޭނާގެ ހިތަށް ހަމަޖެހުން ލިބެއެވެ. އެހެންކަމުން އޭނާ ވަގުތުނާޅާ ބަރާބަރަށް ނަމާދުކުރެއެވެ. އެއީ އޭނާގެ މައިންބަފައިން އޭނާއަށް ދިން ފުރިހަމަ ތަރުބިއްޔަތެވެ. ނަމާދުން ފައިބައިގެން އޭނާ މިސްރާބުޖެހީ ގެއަށެވެ. އޭރު އޭނާގެ ހިތަށް ވަނީ އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބިފައެވެ. ނަމަވެސް އޭނާގެ ހިތަށް ރިޔާޝާގެ ހަނދާންތައް ވެރިވެގަތީ ގެއަށް ވަދެވުމާއެކު މަންމަ އެކަމާ ބެހޭގޮތުން ސުވާލުކުރީމައެވެ. އޭނާ ކަންތައް ވީގޮތް ކިޔައިދިނުމުން އޭނާގެ މަންމަ އޭނާ ގާތުގައި ބުނީ ދެން އެކަމާ ފިކުރު ނުކުރުމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ރިޔާޝާގެ ރުހުންވެސް ލިބޭނެކަމުގައެވެ.
**********
ރިޔާޝާ ކޮޓަރީގައި އިނީ މިއަދު އިމާދު ދެއްކި ވާހަކަތަކާއިމެދު ވިސްނާށެވެ. އިމާދު އެދެއްކީ ހަމަ ތެދު ވާހަކަތަކެއްބާވައެވެ. ނޫނީ އޭނާ ރުއްސަންވެގެން ބޭނުންކުރި އުކުޅެއްބާވައެވެ. އަނެއްކާ އެއީވެސް އަމީނާގެ ރޭވުމަކަށް ނުވާނެބާވައެވެ. އެޚިޔާލުތައް އޭނާގެ ސިކުނޑި ކަމުން ގެންދިޔައިރު ޝިފާންއާއި ބައްދަލުކުރަން ނުދެވުމުން ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ޝިފާން އޭނާއަށް ޙަޤީޤަތް ކިޔައިދޭން ބޭނުންވެގެން އެދުމުންވެސް އޭނާއަކަށް އެފުރުސަތެއް ނުދެވުނެވެ. މިހާރު ޝިފާންގެ ހިތް އޭނާއަށް ހެޔޮނުވާނެކަން ޔަޤީނެވެ.
ރަންކިޔުމުގެ ވަގުތު ކުޑަތަންވަމުން އައި ވަރަކަށް ރިޔާޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. ވާން މިއުޅެނީ ކިހިނެއްކަން ނޭނގި އޭނާގެ ހިތް ބިރުގަންނަނީއެވެ. އަނެއްކާ އެ ގޮތް ނޭނގޭ މީހާއާއި ކައިވެނިކުރުން އެއީ އޭނާއަށް ހެދޭ ގޯހަކަށް ނުވާނެބާވައެވެ. އޭނާއަށް އިމާދުގެ ވާހަކަތައް ޤަބޫލުކުރެވުނީ ކީއްވެހެއްޔެވެ؟ އަނެއްކާ އޭނާގެ މަންމަ ފަދައިން އިމާދު އޭނާއަށް ކެއްސެއް ނުދޭނެބާވައެވެ. މިފަދަ ޚިޔާލުތަކެއްގައި އިނދެ ރިޔާޝާ ތައްޔާރުވަމުން ދިޔައެވެ. އޭނާ ކުޑަ ގޮތަކަށް ތައްޔާރުވެލިތަނާ އަމީނާ ހެވި ދިއްލިފައި ހުރެ އައިސް ދޮރު ހުޅުވާލާފައި ރަންކިޔުއްވަން އައިސް ތިބި ވާހަކަ ބުނެލިއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ރިޔާޝާ ނުކުތްއިރު ސިޓިންގރޫމް މެދުގައިހުރި މާބޮޑު ނޫން މޭޒެއްގެ ކައިރީގައި ހައެއްކަ މީހުން ތިއްބެވެ. އިސްޖަހައިގެން ގޮސް ގޮނޑީގައި އިށީންއިރު އޭނާގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑީގައި ދާދި އޭނާއާއި އެއް އުމުރެއްގެ ފިރިހެނަކު އިނެވެ. ވާތް ފަރާތުގައި އިމާދު އިންއިރު ރިޔާޝާގެ ފަހަތުގައި އަމީނާ ކޮޅަށް ހުއްޓެވެ. ހެކިވެރިންގެ ގޮތުގައި ތިބި ދެމީހުން ބުނި ގޮތަށް ރިޔާޝާ ރަންކީ އެއްހާސް ރުފިޔާއަށެވެ. އެއީ އޭނާގެ ހިތުން ރުހުމުން ކުރާ ކައިވެންޏަކަށް ވީތީ އޭނާ ރަނުގެ ގޮތުގައި ބޮޑު އަގެއް ކީއެވެ.
ރަންކިޔުމުގެ ކަންތައްތައް ނިމުނުއިރަށް އަމީނާ ފިނި ބުއިންތައް ތަށިތަށްޓަށް އަޅައިގެން އައިސް އެމީހުންނަށް ދީފިއެވެ. ސައިގެ ކަންތައް ނިންމާލާފައި އެމީހުން ގެއަށް ދިއުމުން ރިޔާޝާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނީ އޭނާގެ ވާންއުޅޭ ފިރިމީހާއަށް އެންމެ ފަހަރަކުވެސް ބަލާނުލައެވެ. އަމީނާ ތަށިތައް ހިފައިގެން ދިޔުމުން އިމާދު އޭނާގެ ދަރިފުޅާ ވާހަކަދެއްކިއެވެ. “ދަރިފުޅާ! އަޅާނުލާ. އަދި ރަނގަޅުވާނެ.” އިމާދު އޭނާގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. “ބައްޕާ! ބައްޕައަށް ހީވޭތަ މިކުރެވުނީ ރަނގަޅު ކަމެއްހެން.” “އިހަށް ތިވާހަކަ ނުދައްކާ. ގެއަށް ގޮސްފައި ތިވާހަކަ ދައްކާނީ. އަމީނާއަށް އަޑު އިވިއްޖެއްޔާ ކަމަކު ނުދާނެ.” އިމާދު ކަންބޮޑުވެފައި ބުނެލިއެވެ.
ރިޔާޝާ ކޮޓަރިއަށް ވަނުމާއެކު އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާއަށް މުޅި އުމުރަށް އަޔާޒް ގެއްލުނީ ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. އޭނާ އެކައިވެންޏާއި އެއްބަސްވީ ކީއްވެ ހެއްޔެވެ؟ ހަފްތާއެއްގެ ތެރޭ އޭނާ އެ ނުދަންނަ މީހާގެ އަނތްބަކަށް ވާނެއެވެ. މިއީ ކޮނަފަދަ އިމްތިޙާނެއް ހެއްޔެވެ؟ ނަމަވެސް އޭނާ އަޔާޒްގެ ހަނދާންކޮށްފައި ރޯންވީ ކީއްވެ ހެއްޔެވެ؟ އެއީ އޭނާގެ ހިތާއި ކުޅެލާފައި ފިލި ބޭވަފާތެރިޔާއެވެ. ރިޔާޝާ އެނދުމަތީގައި ބަންޑުން ރޯން އޮއްވާ ދޮރު ހުޅުވާލި އަޑަށް ސިހިފައި ރިޔާޝާ ދެލޯ ފޮހެލިއެވެ. އަދި އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ލިބުނު ހައިރާންކަމުގައި “އަޔާ” އޭ ބުނެލެވުނެވެ.
(ނުނިމޭ)
21 Comments!
Comments are closed.
Gadha ingey saandy thihenvaanjeheyne v reethi
ޝުކުރިއްޔާ
Oooh. Ayaz ge twin fayaz dho. But ayaz eulheny ehen baeh kairy. May b imaadh ekudhin kuda iru vagah negy kanneyge.
ޝުކުރިއްޔާ! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެ ތިކަމުގައި އޮތް ޙަޤީޤަތެއްވެސް
V salhi
ޝުކުރިއްޔާ
V salhi..☺☺waiting for next part..
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 14ވަނަ ބައި ގެނެސްދޭނަން
V reethi
ޝުކުރިއްޔާ
V reethi mibasives next part thankolhe avaha up kodhechey
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 14ވަނަ ބައި އަޕްކޮށްލާނަން
vv reethi
ޝުކުރިއްޔާ
Varah reethi… aneh part kon irakun..
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 14ވަނަ ބައި ގެނެސްދޭނަން
alhey thank god…ayaa aiitha…riyan ayaa duru nukuraathi……n gud i hop ameenaya enynage lobiveriyaa ahh ge kulhigandhu eko haraabu vaane kama….ayaa haada rangalhey dhw riya kaariah aeiima….thankyou…
ޝުކުރިއްޔާ! ކުރިއަށްހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ވާގޮތެއް
Mioh vaa gotheh dho v dhera.. E soru faives buri kohfi dhn kihineh baa vaany
ޝުކުރިއްޔާ! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގޭނެ ވާގޮތެއްވެސް
v v v salhi saabahey saandy <3<3