ކާމިޔާބު އަންހެނާ 9
ކާމިޔާބު އަންހެނާ 9
ހީނާ ލޯ ހުޅުވާއިގެން ދޮރު ހުޅުވުމާއެކު ދޮރާދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނާގެ ލޮލުގައި އެތައް ސުވާލެއް އުފެދިފައި ހުރި ކަހަލައެވެ. ނުވެސްދަންނަ ބަޔާކާ ދިމާލަށް ބަލާ ކަހަލަ ގޮތަކަށް އޭނާގެ ހަރަކާތުން ދޭހަވިއެވެ.
ހީނާ ފެނުމުން އުލްފަތު އާއި ޔާސިރުއަށް ބުނަންނޭނގޭ ފަދަ އުފަލެއް ވިއެވެ. އެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުން ވެލިއެވެ. އެކޭސް ގެ އިންޗާޖް ޑޮކްޓަރުވެސް ހީނާ ކާރީ ހުއްޓެވެ. އޭނާވެސް ޔާސިރު އާއި އުލްފަތު އާއި ދިމާލަށް ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ.
ހީނާ އެ ނުދަންނަ ޑޮކްޓަރާއި ދިމާލަށްވެސް ބަލާލިއެވެ. ހީނާއަށް އެއިން އެކަކުވެސް ނޭނގެއެވެ. ޑޮކްޓަރު ވާހަކަ ދެއްކީ ބުރިޓިޝް އިނގިރޭސި ބަހުންނެވެ. ހީނާއާއި މުޙާތަބު ކޮށްފައެވެ. ހީނާއެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްވެސް އަޑެއްވެސް ލައްވާ ނުލައެވެ. އެންމެ ކުޑަމިނުން ހިނިތުންވެސް ވެނުލައެވެ. ހަމައެކަނި އެޑޮކްޓަރު މީހާއާއި ދިމާލަށް ބަލަހައްޓައިގެން އޮތީއެވެ. ހީވަނީ ޑޮކްޓަރު ބުނި އެތި އޭނާއަށް އަޑު ނީވުނީ ހެންނެވެ. ނޫނީ އޭނާގެ އިވުމުގައިވެސް މައްސަލަ ހުރީ ބާވައެވެ. އުލްފަތު ވެސް ސުވާލުމާކާއެކު ޑޮކްޓަރަށް ބަލަމުން ދިޔައެވެ. ހީނާ އެނބުރިފައި ދެންމެ އޭނާގެ ކޮޓަރިއަށް ވަން އެނުދަންނަ ދެމީހުންގެ މޫނަށް ވަކި ވަކިން ބަލަމުން ދިޔައެވެ. ކަލޭމެން ތިޔައީ ކޮންބައެއްތޯ މިތަނަށް ވަނީ ކީއްވެތޯ އޭނާގެ ނަޒަރުން ސުވާލު ކުރާކަހަލައެވެ.
އުލްފަތު އޭނާގެ ކާރިޔަށް ގޮސް ވާހަކަ ދައްކަން ފެށިއެވެ. ޔާސިރުވެސް އެނދު ކާރިއަށް ކާރިވެލާފައި ހީނާގެ ނިންމަތީ ބޮސްދިނެވެ. ހީނާ އެއްވެސް އިޝާރާތެއް ނުކުރިއެވެ. ހަމައެކަނި ބަލަހައްޓައިގެން އޮތީއެވެ. ހިނދުކޮޅެއްގެ ތެރޭ ލޯމަރާލިއެވެ
ޑޮކްޓަރ ޔާސިރު އާއި އުލްފަތު ގޮވައިގެން ބޭރަށް ނިކުތެވެ. ވާހަކަ ދައްކާށެވެ.
“ޑޮކްޓަރ އޭނާ އެއްވެސް އިޝާރާތެއްވެސް ނުކުރިއެއްނު އެއީ ކީއްވެބާ؟”
ޔާސިރު ކަންބޮޑުވެފައި އަހާލިއެވެ. އުލްފަތު ގެ ލޮލުން އަދިވެސް ކަރުނަ ފައިބަމުން ދިޔައެވެ.
“ޔާސިރު މިއީ ވަރަށް ބޮޑު ތަން ރަނގަޅުވުންނޫންތޯ އޭނާ އޮތްހާލަށް ބަލާފައި އަޅުގަނޑު ގައިމު އުފާވެއްޖެ” ޑޮކްޓަރު ހިނިތުންވެފައި ބުނެލިއެވެ. ޔާސިރު އެއްބަސް ވުމުގެ ގޮތުން ބޯހަލުވާލިއެވެ.
“މިއީ އަދި ފެށުން އަޅުގަނޑުމެން ބޭނުން އަދި ހީނާގެ ސިޓީ ސްކޭން އާއި އިތުރު ޓެސްޓު ތަކެއް ހަދަން.” ޑޮކްޓަރ ފައިލެއް ނަގަމުން ބުނެލިއެވެ.
“އަޅުގަނޑަށް ހީވަނީ އޭނާއަށް ތިޔަބޭފުޅުންނަކީ ކޮންބައެއް ކަމެއް ނޭނގުނު ހެން . ހީވާގޮތުން އޭނާގެ ސިކުނޑީގެ ހަނދާނުގެ ބޮޑު ބައެއް ފޮހެވިފައި ހުރުން އެކަށީގެންވޭ”
ޑޮކްޓަރު ފައިލް ގައި ހުރި ލިޔެކިޔުން ޔާސިރުއަށް ދައްކާލިއެވެ.
“އަޅުގަޑުމެންނަކަށް ނޭނގޭ ކިހާވަރެއްކަމެއް އޭނާގެ ސިކުނޑިން ގެއްލިފައި ވަނީ . ވީމާ ޖެހޭނީ ޗެކް ކުރަން”
މިހާރު ހީނާގެ ހާލަތު ހުރިގޮތުން ޑޮކްޓަރު ބުނުއްވީ ހީނާ އަށް ޖެހޭނީ ހުރިހާ އެއްޗެއް އަލުން ދަސްކުރަން ކަމަށެވެ. އެންމެ ކުޑމިނުން ބަހުރުވަ ވެސް ވާހަކަ ދައްކާ ގޮތްވެސް ހީނާ ހަނދާން ނެތިފައި ހުރެ ދާނެއެވެ. ސަބަބަކަށް ވަނީ އޭނާގެ ސިކުނޑިޔަށް ލިބުނީ އެހާވަރުގަދަ ޝޮކެއް ކަމަށެވެ.
ޑޮކްޓަރުން ބުނާގޮތުން ހީނާ ހަމައެކަނި ވާހަކަ ދެއްކުމެއް ނޫނެވެ. ހިނގުންވެސް ހަނދާން ނެތިފަ ހުރެދާނެއެވެ، އޭނާގެ ސިކުޑީޔަށް ލިބިފަވަނީ އެހާވަރުގަދަ ޝޮކެކެވެ. އެކަމަކު މިހާރު އޭނާ ރަނގަޅު ކުރުމުގެ ޗާންސު އެބައޮތެވެ. އޭނާ މިހާރު އެއޮތްވަރަށް ރަނގަޅު ވުން އެއީ ވެސް އެމީހުން ގަބޫލް ކުރާގޮތުގައި މުޢުޖިޒާތެކެވެ.
އުލްފަތު އަނެއްކާވެސް އެކޮޓަރިއަށް ވަނެވެ.ހީނާ އޮތީ ނިދިފައެވެ.
“އޭނާ ލޯނުހުޅުވަންވީ ކީއްވެތޯ.. މިއިންނެވި މެޑަމް ފޫހިކަމެއް ނެތި އޭނާއާއި މުޅި ދުވަހު ވާހަކަ ދެއްކި ލަދުންވެސް މީހަކު ތެދުވާހާނޫންތޯ”
ޔާސިރުވެސް އެތަނަށް ވަނުމުން. އެވަގުތު އެތާހުރި ނަރުސް ކުއްޖާ ހީލާފަ ޔާސިރު ކާރިޖިހިލާފަ ބުނެލިއެވެ.
“އެއީ ހަމަ އާދައިގެ ކަމެއް އަޅުގަނޑު ހުވަފެނުގައިވެސް މީނަޔާ ވާހަކަ ދައްކަން ދެން،މީހާ ފެންނަން އޮތީމާ މާ ގިނަ އިންވެސް ވާހަކަ ދެއްކޭނެނު” ލަދުވެތި ހިނިތުންވުމަކާއެކު އުލްފަތު ބުނެލިއެވެ.
“އަޅުގަނޑުމެން މިވަގުތު ބޭނުން ސިޓީ ސުކޭން އާއި އެމްއާރު އައި ހަދާލަން، އަދި ސުޕީޗް ތެރެޕިސްޓެއް ވެސް އަޅުގަނޑުމެން ގެންނާނަން.”
“އެމީހާއާއި އެކު އަޅުގަޑަށް ސުޕީޗް ކަންތަކުގަ ހީނާ އަށް އެހީވެދެވިދާނެ” އުލްފަތު އަވަހަށް ބުނެލިއެވެ. އުލްފަތު އެހެންބުނުމުން ޑޮކްޓަރު އުލްފަތު އާއި ދިމާލަށް ހިނިތުންވެލިއެވެ އަދި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
ޔާސިރު އާއި އުލްފަތު ހޮޓަލަށް ދިއައީއެވެ. މިއަދުގެ އުފާވެރި ޙަބަރު ތާނިޔާ އާއި ޒުންނޫންއަށް ދިނުމަށެވެ.
ޔާސިރު ކުދިންގެ ކޮޓަރިއަށް ވަދެ އެމީހުންނަށް ގޮވާލާފަ ހީނާ ހޭލެވުނު ވާހަކަ ބުނެލިއެވެ. ދެކުދިން އުފަލުން ބައްޕަ ގައިގާ އޮޅުލާފަ ހަޅޭއްލެވިއެވެ.
“މަމް ހޭލެވުނަސް މަމްޔަށް ވާހަކަ ނުދެއްކޭ އަދި” ޔާސިރު ބުނެލިއެވެ.
“ޑޭޑް ހަމަ މިހާރު އަޅުގަނޑުމެން ގެންދޭ ހޮސްޕިޓަލަށް” ތާނިޔާ ބައްޕަ ގައިގާ ބައްދާލަމުން ބުނެލިއެވެ.
“މަމް އަޅުގަޑުމެންނާ ވާހަކަ ދައްކާނެ” ގިސްލުމަކާ އެކު ޒުންނޫން ބުނެލިއެވެ. އެވަގުތު އުލްފަތު އައިސް އެކޮޓަރިއަށްވަނެވެ. ހީނާދުވެފަ ގޮސް އުލްފަތުގެ ގައިގާ ބައްދާލަމުން ހަޅޭއް ލެވިއެވެ
“ކުޑަ މަންމާ.. އަހަރުން މަމް ލޯހުޅުވާފިޔޯ ޑޭޑް ބުނީ”
“ދަރިފުޅު މަމް އޯކޭ ވާނެ.. ހިނގާބަލަ އަވަހަށް ހޮސްޕިޓަލަށް ދާން ދެންވެސް” ޔާސިރު ދެކުދިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ތާނިޔާވެސް ވަރަށް އަވަހަށް ތައްޔާރުވެލިއެވެ.
“ހޫން.. ތިހެންވެގެންނޭ މަމިއައީ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްލާފަ..ދެންވެސް އަވަހަށް ދަމާ ހިނގާބަލަ” އުލްފަތު ތާނިޔާގެ ގައިގާ ފިރުމާލަމުން ބުނެލިއެވެ. ޒުންނޫން ވެސް ގޮސް އުލްފަތުގައިގާ ބައްދާލިއެވެ.
ވަރަށް އުފާވެރި މާހައުލެއްގަ އެމީހުން ހެނދުނުގެ ނާސްތާ ކުރިއެވެ. ތަފާތު މަޖާތައް ކުރަމުންނެވެ. އެމީހުންނަށް ހޮސްޕިޓަލަށް ދެވުނު ވަގުތަކީ ހޮސްޕިޓަލުން އަނެއްކާވެސް ހީނާ ހޭލުވުނު ވާހަކަ ބުނަން ނަރުސް ކުއްޖާ ގުޅި ގަޑިއެވެ. އެމީހުން އަވަހަށް ހަތަރު ވަނަ ފަންގި ފިލާއަށް ދިޔައެވެ. ހީނާގެ ކޮޓަރިއަށް ހުރިހާމީހުން އެކުގާ ވަނެވެ.
ހީނާ ލޯހުޅުވައިގެން އެދޮރުން ވަން މީހުންނަށް ނަޒަރު ހުއްޓާލިއެވެ. މިއަދު ހެނދުނު އައިމީހާއާއި ފިރިހެންމީހާ އޭނާއަށް އެނގުނެވެ. ދެން ރީތި އަންހެންކުއްޖަކާ ޒުވާން ފިރިހެން ކުއްޖެއް އެމީހުންނާ އެކު ވަނެވެ. ފިރިހެން ކުއްޖާ ހުންނަނީ މާމަޑުންނެވެ. އަންހެން ކުއްޖާ ދުވެފައި އެނދު ކާރިޔަށް ގޮސް ސަލާމް ކޮށްލާފައި އޭނާގެ ކޮލުގައި ބޮސްދިނެވެ.
“ހާއި މަމް ..” ތާނިޔާ ދެވަނަ ފަހަރަށް އޭނާއަށް ގޮވާލަމުން އޭނާގެ ނިންމަތީ ކިސްކޮށްލިއެވެ. އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ހަމައެކަނި އޭނާ އެނުދަންނަ މީހުންނާ ދިމާލަށް ހައިރާންވެފަ ބަލަން އޮތެވެ. އެތަށް ސުވާލެއް އޭނާގެ ލޮލުގާ ވެއެވެ. ޒުންނޫންވެސް “ހާއި މަމް” ކިޔާފަ ހީނާއާއި ކާރިވެލާފަ ހީނާގެ ކޮލަށް ކިސްއެއްދިނެވެ.
ޔާސިރު އެނދުގެ އަނެއްފަރާތުން އައިސް ހީނާގެ އަތުގާ ހިފާލިއެވެ. އަދި އޭނާގެ ބޯ ގެނެސް ޔާސިރުގެ މޭގައި ލައްކޮށްލިއެވެ.
“މިއަދު ކަލޭ އަހަރުން އެންމެން ވަރަށް އުފާކޮށްދީފީމު ހީނާ” ޔާސިރު ހިނިތުންވުމަކާއެކު ހީނާގެ ނިންމަތީގައި ކިސް ކޮށްލަމުން ބުނެލިއެވެ. އުލްފަތު ހެވިފަ ދުރުގަ ހުއްޓެވެ.
“ވަރ…ވަރު..ބަލި..ވެއްޖެ”
ހީނާއަށް ބުނެވުނީ އެހެންނެވެ. އެހާ މަޑު މަޑުންނެވެ. ޔާސިރު ހީނާގެ ކާރިޔަށް ޖެހިލިއެވެ.
“ލޯބިވެރިޔާ .. އަހަރެންނަށް އެނގޭ ވަރަށް ވަރުބަލިވެފަ ކަން ތިއޮތީ..އަދި ތިޔަ ހޭލީވެސް ފުރިހަމަ މަސްދުވަހު ނިދާފަ..”
ޔާސިރު ކަރުނަ ޔާއެކު ބުނެލިއެވެ.
“މަމް އަހަރުން މަމް ދެކެ ވަރަށް ލޯބިވޭ” ތާނިޔާ އާއި ޒުންނޫން ހީނާ ކާރިޔަށް ޖެހިލާފަ ޒުންނޫން ބުނެލިއެވެ.
“ފެ…ން..ން” އަނެއްކާވެސް ހީނާބުނެލިއެވެ. ފެން އެއްޗަށް އިޝާރާތް ކުރަމުން ހީނާ ބުނެލިއެވެ.
ނަރުސް ކުއްޖާ ވަގުތުން ފެންތަށި ނަގާ ހީނާގެ ތުންފަތުގައި ޖައްސާލިއެވެ.
ހީނާއަށް ތަފާތު ފަރުވާދެމުން ދިޔައެވެ. އައިވީ މެދުނުކެޑި ހުއްޓެވެ. ހާޓް މެށީންވެސް އަދިވެސް ގުޅާފަ ހުއްޓެވެ. ހަމައެކަނި ނައްޓާލީ ރެސްޕިރޭޓަރ އެވެ.
ހީނާއަށް ނިދުނެވެ. ޑޮކްޓަރ ބުނާގޮތުން އަދިވެސް ހީނާއަށް ރެސްޓް ބޭނުންވެއެވެ. އެހެންވެ ހުރިހާ މީހުން ހީނާ ނިދުމާއެކު އެތަނުން ނިކުތެވެ.
“އަޅުގަނޑު މިއަދުވެސް ޝޮޕިން އަށް ދާން ބޭނުން” ތާނިޔާ ބޭރަށް ނިކުމެ އޭނާގެ ބައްޕަ ގައިގަ އޮޅުލައިގަނެފަ ބުނެލިއެވެ.
ޒުންނޫންވެސް ދާންބޭނުންވީ ޖިމަށާއި މޫދަށެވެ. ދުވަސްތަކެއްވަންދެން ޖިމަށް ނުދެވޭތީ އޭނާ ބޭނުންވީ މިއަދު އެތަނަށް ދާށެވެ.
“އަޅުގަނޑު މިއަދުވެސް ޝޮޕިން އަށް ދާން ބޭނުން” ތާނިޔާ ބޭރަށް ނިކުމެ އޭނާގެ ބައްޕަ ގައިގައި އޮޅުލައިގަނެފައި ބުނެލިއެވެ.
ޒުންނޫންވެސް ދާންބޭނުންވީ ޖިމަށާއި މޫދަށެވެ. ދުވަސްތަކެއްވަންދެން ޖިމަށް ނުދެވޭތީ އޭނާ ބޭނުންވީ މިއަދު އެތަނަށް ދާށެވެ.
އެމީހުން މިއަދު މެންދުރުވެސް ކެއީ ވަރަށް ރަނގަޅަށެވެ. މިއިން ދުވަހަކުވެސް އުފާނުވާހާވަރަށް އެއިން ކޮންމެ މީހަކުވެސް އުފާވެފައި ތިއްބެވެ. އެހެންވެ މެންދުރު ގަޑީގަ ކެވުނު ވަރެއްވެސް ނޭނގުނީ އެވެ.
ހީނާގެ ސީ.ޓީ ސުކޭން އާއި އެމް .އާރު. އައި ވެސް ރަނގަޅު ކަމަށް ޑޮކްޓަރު ބުންޏެވެ. ސިކުނޑިއަށް މާބޮޑު ގެއްލުމެއް ލިބިފަ ނެތެވެ. އެކަމަކު ހަނދާނުގެ ބޮޑު ބައެއްގެ ޓިޝޫ ހުރީ ހަލާކުވެފައެވެ. ޖެހުނު ބާރުމިނުގަ ހުންނަންވާ ތަނުން ތޮޅިލާއިފައެވެ. ވީމާ ހީނާގެ ހަނދާންނުން ހުންނާނީ ކިހާވަރަކަށް ކަމެއް އަދި ނޭނގޭނެއެވެ. އަދި ސިކުނޑީގެވެސް ހުރީ ކިހާވަރަކަށް ކަމެއް ހޭއަރައިގެން ވާހަކަ ދެއްކީމަ ނޫނީ ނޭނގޭނެއެވެ. ދެން މުޅިން ހީނާ ރަނގަޅުވުމަށް ވަރަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ބެންޏެވެ.
ނަރުސް ކުއްޖާ ކުޑަދޮރު ހުޅުވާއިރަށް “ފިނ” މިހެން ހީނާ ކިޔާލިއެވެ. އަދި ލޭނަގަން އޭނާގެ އަތަށް ކަށި ޖެހިއިރު “އޯއި” އޭވެސް ހީނާ ކިޔާލިއެވެ. އޭގެ މާނަޔަކީ ހީނާއަށް އިހްސާސް ވަނީއެވެ. މިހާރު ހީނާއަށް ތަދު ގެ އިހްސާސް ވާކަމާއި އިތުރު ހިއްސުތަކުގެ ފަންކުޝަން މަސައްކަތް ކުރާކަން ދޭހަވީއެވެ.
ޑޮކްޓަރުން ހީނާއާއި ތަފާތު ގޮތް ގޮތަށް ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް :އާނ..””ހޫނ…” ނޫންއެއްޗެއް ބުނާކަށް އޭނާއަށް ނޭގުނެވެ. އެންމެ ކުޑަމިނުން އޭނާ އަށް އޭނާގެ ނަން ބުނީމަ ވެސް ނޭނގުނެވެ. އަދި އަމިއްލަ ނަން ބުނަންވެސް ނޭނގުނެވެ. މާބޮޑު ޝައުގުވެރިކަމެއް ހީނާ ވާހަކަ ދެއްކުމުގަ ނުދެއްކިއެވެ. ވަރުބަލި ކަން އިހްސާސް ވަނީ ކަންނޭގެއެވެ. ނަރުސް ކުއްޖާ ހީނާ އޭ ކިޔާފަ ވާހަކަ ދެއްކީމަވެސް ޖަވާބެއްވެސް ނުދިނެވެ. އޭނާއަށް އޭނާގެ ނަންބީރައްޓިހީއެވެ.
ޔާސިރު ހީމޭނުން ހުއްޓެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ވަރަށް އުންމީދު ކުރެއެވެ. އުލްފަތުވެސް ޔާސިރު ކާރިޔަށް އައިސް ވަރަށް ވާހަކަ ދެއްކިއެވެ. ހީނާއަކީ އެހާ ހިމޭނުން އޮންނާނެ މީހެއް ނޫންކަން ޔާސިރު އަށް އޭނާ ވިސްނާދިނެވެ. އަދި މިހާރު ހީނާ ލޯވެސް އިރު އިރު ކޮޅާ އެބަ ހުޅުވައެވެ. އެއީވެސް ރަނގަޅު ފާލެއް ކަމަށް އުލްފަތު ބުނެދިނެވެ.
ހީނާ ލޯހުޅުވި ވާހަކަ މުޅި ނޫސްތަކުގަ ހީވީ ޢީދެއް އައިހެންނެވެ.
“ހީނާ ވަލީދު ކޯމާއިން ހޭއަރާފި.. އެތަށް ދުވަހެއްގެ ފަހުން ހީނާ އަލަށް އުފަންވި ކުއްޖެއްހެން ލޯހުޅުވާލާފިއެވެ.” ނޫސްތަކުގެ ފަލަ ސުރުހީތަކުގަ ހީނާ ރަނގަޅުވަމުން އަންނަ ޙަބަރެވެ. ހިވާގޮތުން މުޅި ދުނިޔޭގައި ހީނާގެ ފޭނުން ފުރިފަ ވާހެންނެވެ. އަދި ހީނާގެ މައުލޫމާތު އެނގެން ބޭނުންވާމީހުން ތިބޭހެންނެވެ. ހަމައެކަނި ދިވެހި ރާއްޖޭގެ ހުރިހާ ނޫސްތަށް “އާފަތިސް، ނޫސް. މިއަދު، ވަގުތު،އައްޑޫ އޮންލައިން، ކުޅުދުއްފުށީ އޮންލައިން،ސަން ނިޔުސް. މިހެންގޮސް ހުރިހާ ނޫހެއްގެ ފަލަ ސުރުޙީއަށް ހީނާގެ ވާހަކަ އަރަމުންދިޔައެވެ. ހީވީ ހިނދު ކޮޅަކަށް މީހުން ސިޔާސީ ކަންތަކާ ދުރައްޖެހިލި ހެންނެވެ. ސިޔާސީ އެއްވެސް ވާހަކައެއް ނާދެއެވެ. ހުސް އޮންނަނީ ހީނާގެ ވާހަކައެވެ. މިކަންވެސްވީ ވެރިކަން ހިންގާ ޕާރޓީ އަށް ލިބުނު ކާމިޔާބިއަކަށެވެ. އިދިކޮޅު ޕާޓީ މީހުން ހިތާމަ ކުރި ކަމަކަށެވެ. ކަމަކާ ނުލާ މީހަކު މާބޮޑަށް ޕުރޮމޯޓް ކުރަނީ އޭ ކިޔާ ވަރަށް ތަފާތުކޮށް ވާހަކަ ދެއްކިއެވެ.
އުލްފަތު ވަރަށް ހިންހަމަ ނުޖެހިފަ ހީނާގެ ކޮޓަރި ކާރީ ހުއްޓެވެ. ޔާސިރުވެސް ކޮންމެވެސް ތަނަކަށް ގޮސްއައިސް ވަން ވަގުތެވެ.
“އުލްފަތު ކިހިނެއްވީ ބޭރުގަ؟”
“އަޅުގަނޑަށް އެނގޭ ހީނާއާއި ބެހޭގޮތުން ނޫސްތަކަށް މިތަނުން ކޮންމެވެސް އެކަކު މައުލޫމާތު އެބަ ދޭހެން. ޔަގީން އެމީހަކުވަނީ އެކަމުން ކަމިޝަންވެސް ނަގާ މީހަކަށް ނޫނީ މިހާ ސާފުކޮށް ހީނާގެ ވާހަކަ އެހާ އަވަހަށް ލީކް ނުވީސް”
އުލްފަތު ވަރަށް ހިތްހަމަ ނުޖެހިފައި ހުރިހާ ނަރުހުންނާ ދިމާލަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މައްޗަށް އޭނާ ޝައްކު ކުރާކަހަލަ އެވެ.
ޕޮލިހުންވެސް ހީނާއަށް ޒިޔާރަތް ކުރިއެވެ. އަދި ތަފާތު ސުވާލުތައް ކުރިއެވެ. ހީނާއެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. އެންމެ ކުޑަމިނުން އެތަނަށް އައީ ކިހިނެއް ކަންވެސް އޭނާ ހަނދާނެއް ނެތެވެ. ޑޮކްޓަރުން ބުނާގޮތުން ހީނާއަށް އިތުރަށް ސިކުނޑިޔަށް ބުރަވާގޮތަށް ސުވާލު ކުރުން އަދި ރަނގަޅެއް ނުވާނެއެވެ. މިހާރު އަދި ކިރިޔާ ސިކުނޑީގެ އެނާރު ތައް ދާނީ މަޑުމަޑުން ހަމަޔަކަށް އެޅެމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ފޯމެޓް ވަމުންނެވެ މައުލޫމާތު ހޯދަންއައިޕޮލިހުންވެސް ދާންޖެހުނީ ހުސްއަތާއެވެ. އެއްވެސް އެއްޗެއް ހީނާ ހަނދާން ނުވީމައެވެ.
“ގޯސް ކުއްޖާ” ހީނާ ރުޅިވެރިކަމާއެކު ނަރުސް ކުއްޖާއާއި ދިމާލަށް ކަޅިއަޅާލަމުން އިންޖެކްޝަން ނުޖަހަންވެގެން އަތްފޮރުވާލަމުން ބުނެލިއެވެ. ހީނާގެ މިހަރަކާތް ފެނުމުން އެންމެން ހުނެވެ.
ދެނަރުސް ކުދިން އައިސް ހީނާގެ ގައިން ލޭނެގިއެވެ. ހީނާ ކުޑަކޮށް ކުކުރަމުން ދިޔައެވެ. އުލްފަތު އެއީ އެއްވެސް ކަމެއް ނޫނޭ ކިޔާ އޭނާއަށް ނަސޭހަތް ދެމުން ގެންދިޔައެވެ.
އުލްފަތު ގޮނޑީގައި އިށީނދެ އިނދެ ހީނާ އާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ވާހަކަ ފަށާނީ ކޮން ޓޮޕިކަކުން ކަމެއް އޭނާގެ ވިސްނުމައް ނައެވެ. ކޮންމެ ގޮތެއްވިޔަސް ހީނާ އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. ވީއިރު ފަށަންވީ ކޮންތާކުން ބާވައެވެ.
“މަންމަޔަށް އަހަރެން ނުވެސް އެނގުނު ކުޑަމަންމާ” ތާނިޔާ ދެރަވެލާފައި އުލްފަތުގެ އުނގުގާ ބޯއަޅާލަމުން ބުނެލިއެވެ. އުލްފަތު ތާނިޔާގެ ކަރުނަ ފޮހެދިނެވެ.
“މަންމަޔަށް ކުޑަވަގުތުކޮޅެއްދީ އޭރުން ރަނގަޅުވާނެ” އުލްފަތު ތަނިޔާ ގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
“އެކަމަކު ކުޑަމަންމާ އަހަރުން މަންމަ އަބަދުގެ އަބަދަށް އަހަރުން މަތިން ހަނދާން ނެތިއްޖެއްޔާޔޯ”
“ނޫނޭ ދަރިފުޅާ އެހާ ނެގެޓިވް ކޮށް ވިސްނާކަށްވެސް ނުވާނެ ބަލާތި މަމް ވަރަށް އަވަހަށް ރަނގަޅުވާނެ” ތާނިޔާގެ ހިތްހަމަ ޖެއްސުމަށް ކިތަންމެ ވާހަކައެއް އުލްފަތު ދައްކާލަފާނެއެވެ. އެކަމަކު ހުދު އޭނާގެ ހިތްވެސް ވަނީ ހަލާކުވެފައެވެ. އެންމެ ކުޑަމިނުން ހީނާއަށް އުލްފަތުވެސް ނޭގޭނެ ކަންނޭގެ އެވެ. ހީނާ އަދި ހަމައެކަނި ދެނީ ހިނިތުންވުމެކެވެ. އެވެސް އެހާ ބީރައްޓެހި ހިނިތުންވުމެވެ. ކުޑަކުއްޖަކު ގެންގުޅޭހެން މިއަދު އެމީހުން ހީނާގެންގުޅެން ޖެހޭނެއެވެ.
އުލްފަތު ހީނާ ކާރި ވަރަށް ގާތްގޮތަކަށް އިށީނެވެ.
“ހީނާ ޢީދު ދުވަސް އެބައާދޭ..” އުލްފަތު ފޮޓޯތަކެއް ހީނާއަށް ދައްކާލަމުން ބުނެލިއެވެ.
“ޢީދަކީ ކޯޗެއް؟” ހައިރާން ކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ.
އުލްފަތު ހީނާ ކާރި ވަރަށް ގާތްގޮތަކަށް އިށީނެވެ.
“ޢީދަކީ އަހަރުން އިސްލާމުން ފާހަގަ ކުރާ ދުވަހެއް، އެދުވަހުގައި އަހަރެމެން ކުކުޅު ކަތިލާ އަދި ބަކަރި ކަތިލާ ހަދަމު. އަދި ތިމާގެ ގެތަކަށް ހަދިޔާވެސް ގެންދަމު. ހުރިހާ މީހުން އެދުވަހުން ލާނީ އާހެނދުން.. ބައްދަލުވާނެ އާ މީސް މީހުނާ ޢީދު ނަމާދަށް ދާން އެހާ ފަތިހާ ހޭލަންވެސް ވާނެ އަދި އެންމެން އެއްކޮށް ގޮސްގެން އެއްތާކު ތިބެ ޢީދު ނަމާދުކޮށް ސަލާން ގަލާން ކުރާނެ”
އުލްފަތު ކުރު ގޮތަކަށް ޢީދު ނަމާދާ ބެހޭގޮތުން ކިޔާދިނެވެ.
“ކުކުޅަކީ ކޯޗެއް؟”
އުލްފަތު، ހީނާގެ މިސުވާލަށް ބާރަށް ހީނގަތެވެ. އަދި ކުއްލިޔަކަށް ހުނުން ހުއްޓާލާފައި ކިޔާދޭންފެށިއެވެ.
“ކުކުޅަކީ ދޫންޏަކަށް ކިޔާނަމެއް، ކޮންމެ ހުކުރު ދުވަހަކުވެސް އަހަރެމެން އެދޫނި ކަތިލަން އަދި ރިހަކައްކައިގެން ކަނީ.. ވަރަށް މީރު މަހެއް އެއީ، އެ ކަތިލުމަކީ ސަގާފީކަމެއް”
އުލްފަތު އިތުރަށްވެސް ދިވެހި ސަގާފަތާ ބެހޭ ވާހަކަތައް ހީނާއަށް ކިޔާދިނެވެ.
“އަހަރެންގެ އަތަށް ވަރަށް ތަދުވޭ ލޭ ނަގާ ގަޑީގަ ” ހީނާ އޭނާގެ ދުޅަވެފައިވާ އަތް ހިތްލާފަ އުލްފަތު އަށް ދައްކާލަމުން ބުނެލިއެވެ.
“އޯހް.. ތިޔައީ ވަރަށް ދެރަކަމެއް. ދެން އެކުއްޖާ އަންނަ އިރަށް ބިރުދައްކާ ލާފަ ފޮނުވާލާނީދޯ”
“ހޫނ.. އަހަރެން ބުނާނަން ކަލޭތީ ވަރަށް ގޯސް ކުއްޖެކޭ މިތަނުން ދާށޭ ދޯ”
އުލްފަތު އާއި ހީނާ ވަރަށް މަޖާ ވާހަކަ ދެއްކިއެވެ. އެތައް ޒަމާނެއްގެ ފަހުން ހީނާ ހެމުން ދާކަހަލައެވެ. ޙުދު އޭނާގެ ހުނުންވެސް އޭނާއަށް ވަރަށް ބީރައްޓެއްސެވެ. އުލްފަތު ހީނާދެކެ އޭނާގެ އުފަން މަންމައެއްފަދައިން ލޯބިވެއެވެ. ބައެއްފަހަރަށް އުލްފަތު ބުނާގޮތުން ހީނާއަކީ އޭނާގެ ބޮސް އެއްނޫނެވެ. މަންމަ އެވެ. ދަރިއެއްގެ ވާޖިބު ވެސް އުލްފަތު ހީނާއަށް އަދާކޮށްދެއެވެ.
“ނަން…ކަލޭގެ ނަމަކީ ކޮބާ؟” ހީނާ ހުނުން ހުއްޓާލާފައި ވަރަށް ސީރިޔަސް ވެލާފައި އަހާލިއެވެ.
“އަހަރެންގެ ނަމަކީ..އުލްފަތު އަހްމަދު..އަހަރެން މަސައްކަތް ކުރަނީ ހީނާއާއި އެކު މާލޭގަ..” އުލްފަތު މިހެން ބުނެވުނު އިރު އޭނާގެ ލޮލުން ކަރުނަ ފައިބާފަ ހުއްޓެވެ.
“އަހަރެން ވަރަށް ލޯބިވޭ ހީނާދެކެ.. އަދި އަހަރެންނަށް އިޙްސާސްވޭ ހީނާވެސް އަހަރެންދެކެ ވަރަށް ލޯބިވާކަން. އަހަރެންނަށް ވަރަށް އޯގާތެރި ”
“އޯގާތެރި.. އެއީ ކޯޗެއް؟”
ހީނާ މިހާރު ވާހަކަ ދަސްކުރަނީއެވެ. އުލްފަތު އެކި ގޮތްގޮތަށް ހީނާއަށް ވާހަކަ ދައްކަން ދަސްކޮށްދެމުން ސުޕީޗް ތެރަޕިސްޓުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރިޔަށް ގެންދިޔައެވެ.
އުލްފަތު ވަރަށް ގިނަ ދިވެހި ބަސްތައް ހީނާއަށް ކިޔާދިނެވެ. ހަޑި އެއްޗިހި ވެސް ކިޔާފައި ދެމީހުން މަޖާކޮށްފައި ހުނެވެ. އެވަގުތު ޔާސިރު އެ ރޫމަށް ވަނެވެ. މަޑުމަޑުން ހިނގާފައި ގޮސް ހީނާގެ ނިންމަތީގައި ބޮސްދީފައި ސަލާމް ކޮށްލިއެވެ.
“މީ ކޮންނަމެއްކިޔާ ކާކު؟” ހީނާ ސިއްރުން އުލްފަތު ކާރިން އަހާލިއެވެ. އެކަމަކުވެސް ޔާސިރު އަށް ހީނާ މިހެން އެހި އަޑުއިވުމުން ޔާސިރު ވަރަށް ދެރަވިއެވެ.
“ހަނދާންނެތުނީދޯ؟ އަހަރެންގެ ނަމަކީ ޔާސިރު ”
“ތިޔައީ އަހަރެންގެ ގާތް ރަހްމަތްތެރިއެއްތަ؟” ހީނާ އަހާލިއެވެ.
އެސުވާލުގެ ޖަވާބު ދިނުމަށް ޔާސިރުއަށް ކުޑަކޮށް އުނދަގޫވިއެވެ. އެވަގުތުކޮޅުވީ އޭނާގެ ހަޔާތުގެ ޖަވާބު ދިނުން ދަތިވާ ވަގުތުކޮޅަކަށެވެ.
“އަހަރެންނަކީ ހީނާގެ ކުރީގެ ފިރިމީހާ އަދި ދެކުދިންގެ ބައްޕަ.. މިހާރު ކުދިންކޮޅުވެސް ބޮޑެތި ވެއްޖެ. އަހަރެމެންގެ ކުދިންނަކީ ޒުންނޫން އާއި ތާނިޔާ. މިހާރު އެއީ ފުރާފުރިހަމަ ވެފައިވާ ދެޖިންސުއްލަތީފުން. ހީނާގެ ރީތި ކަމާއެއްވަރަށް އަހަރެންގެ ސުމާރޓްކަންވެސް އެކުދިންނަށް ލިބިފަވޭ” މިހެން ބުނެލާފަ ޔާސިރު ހިނިތުންވެލިއެވެ. ހީނާއާއި އުލްފަތުވެސް ހިނިތުންވެލިއެވެ.
“އިއްޔެ އެކުދިން މިތަނަށް އައި ހީނާއަށް ނުވެސް އެނގުނުދޯ؟”
ޔާސިރު ފޯނާކުޅެލަމުން ބުނެލިއެވެ.
“ކުދިން…އަހަރެން ހަނދާނެއް ނެތް” ހީނާ ދެރަވެލާފަ ބުނެލިއެވެ.
“އާނ އެކުދިން މާބޮޑުވެފަ ތިބީމާ ނޭގުނީނު އެއީ އަހަރެމެން ދެމީހުންގެ ކުދިން މިހާރު ޒުންނޫންގެ ޢުމުރުން 26 އަހަރު ތާނިޔާގެ ޢުމުރުން 22 އަހަރު”
ޔާސިރު ފޯނުން ތާނިޔާ އާއި ޒުންނޫންގެ ޕޮޓޯ ހީނާއަށް ދައްކާލިއެވެ.
“ މިއޮތީނު ބަލާބަލަ އިއްޔެގަ މިދެކުދިން މިތާ ތިބި ވަރަށް ލަސްވަންދެން ގަދަކަމުން ފޮނުވާލަން ޖެހުނީއެކުދިން ދިރިއުޅެނީ އިންޑިޔާގައި އެކަމަކު ޗުއްޓީހަދަން ކޮންމެ ހޮލިޑޭއަކު ދެކުދިންވެސް މާލެ އަންނާނެ. ޒުންނޫން ގިނަފަހަރު ބިޒްނަސް ކަންތަކު ޑުބާއީ އަށާއި ބެންގްކޮކް އަށް ޒިޔާރަތް ކުރާނެ އެކަމަކު ބޮޑަށް ދިރިއުޅުން ބިނާވެފަ އޮތީ އެކަނި އުޅެން”
ޔާސިރު ހިމޭންކަމާއެކު ކުދިންގެ ވާހަކަ ލަސްލަހުން ހީނާއަށް ކިޔާދިނެވެ. އެމީހުން ވާހަކައިގަ ތިއްބާ އުލްފަތު އެތަނުން ދިޔަކަމެއްވެސް އެމީހުންނަށް ނޭނގުނެވެ.
“އަހަރެން ދިރި އުޅުނީ ކޮންތާކު؟ އަހަރެންމެން ދިރިއުޅެނީ އެކުގަތަ؟”
ހީނާ ސުވާލު ކޮށްލިއެވެ.
“ހީނާ ދިރިއުޅެނީ މާލޭގައި އެކަމަކު އަހަރެން ނާ އެކުގައެއް ނޫން. އަހަރެންގެ ވެސް އަމިއްލަ ގެއެއް އެބަހުރި އަހަރެން އުޅެނީ އެކަނި”
“ކީއްވެ އަހަރެންނާ އެކު ނޫޅެނީ.. އަހަރުން ދެމީހުން މިހާރު މެރިޑްއެއް ނޫންތަ؟
” އާނ އަހަރެމެން މިހާރު މެރިޑް އެއް ނޫން އެހެންވެގެން ވަކިން އުޅެނީ.. މިހާރު އަހަރެމެން ވަކިވި ފަހުންވެސް 18 ވަރަކަށް އަހަރު ވެއްޖެ.” ޔާސިރުގެ މިޖުމްލަ އަށް ފަހު ޔާސިރު ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ހީނާ ގެއްލިފައި އިނެވެ. އޭނާގެ ސިކުނޑީގައި އޮތީ އެންމެ ސުވާލެކެވެ “ކީއްވެހެއްޔެވެ؟” މިސުވާލުގެ ޖަވާބު އޭނާ އެއްގޮތުން ނުވީއްޔާ އަނެއްގޮތަކުންވެސް ބޭނުމެވެ. އޭނާ މިއަދު ވަނީ ޚުދު އޭނާ އަކީ ކާކު ކަން ނޭނގިފައެވެ. އޭނާ ބޭނުންވަނީ ކުރީގެ އޭނާއާއި ބެހޭ ހުރިހާ ވާހަކަތަކެވެ.
“އަހަރެން ބޭނުން އަހަރެންގެ އަސްލަކީ ކޮބައިކަން ދެނެގަންނަން.. އެއްވެސް އެއްޗެއް އަހަރެން ހަނދާނެއްނެތް” ހީނާ އެނބުރިލާފައި ޔާސިރު އާއި މުޙާތަބު ކުރަމުން ބުނެލިއެވެ.
“ތިޔައީ ވަރަށް ދިގު ވާހަކަ ތަކެއް.. ވަގުތު ކޮޅެއް ނަގާނެ ހީނާ ތިޔަ ހުރިހާ އެއްޗެއް ހަނދާން ކުރަންވެސް..” ޔާސިރު މިހެން ބުނިވަގުތު އުލްފަތުވެސް އެކޮޓަރިއަށް ވެނެވެ. އެދެމީހުންވެސް ރާމިޒްގެ ވާހަކައެއް ނުދައްކައެވެ. އެމީހުން ގަބޫލް ކުރާގޮތުން އެއްފަހަރާ ހުރިހާ އެއްޗެއް އަދި ހީނާގެ ސިކުނޑިޔަށް ވަނުން އުނދަގޫވާނެއެވެ. މަޑު މަޑުން ގޮސް ހުރިހާ އެއްޗެއް ހީނާއަށް އޭނާ ކިޔާދޭނީއެވެ.
ޔާސިރު ޢީދާ ބެހޭގޮތުންވެސް ހީނާއަށް ކިޔާދިނެވެ. އަދި ހޮޓަލުގަ މިރޭ ޕާރޓީ ބާއްވަން އުޅޭވާހަކަ ވެސް ބުނެލިއެވެ.
“އަހަރެން ވަރަށް އުފާވޭ މިޢީދު ދުވަހު ހީނާ އަހަރެމެންނާ އެކު ވަގުތު ހޭދަ ކުރެވޭނެތީ” ޔާސިރު ހީނާއާއި ކާރިވެލަމުން ބުނެލިއެވެ. އެވަގުތު އަނެއްކާ އުލްފަތު ބޭރަށް ނިކުންނަން ދޮރާދިމާލަށް ހިގާގަތެވެ.
“އުލްފަތު މަޑުކުރޭ…” ހީނާ އަވަހަށް ބުނެލިއެވެ. ހީނާ ބޭނުންވީ އުލްފަތު އެނާ އާއި އެކު ހުރުމަށެވެ.
” އަހަރެން ވަރަށް އުފާވޭ.. ތިޔަ ދެމީހުން އެކުގަ ތިބީމާ އެހެންވެ ވަގުތު ކޮޅެއް ދޭންބޭނުމީ”
ޔާސިރުގެ ހިތުގައި ހީނާދެކެ ވާލޯބި އުލްފަތު އަށް ވަރަށް ރަނގަޅަށް އެނގެއެވެ. އިރުކޮޅެއް ވަންދެން އެތިންމީހުން ތަފާތު މައުޒޫތަކަށް ވާހަކަ ދެއްކިއެވެ. މިކަމުން ހީނާއަށް ގިނަ ބަސްތަށް ދަސްވިއެވެ. އެވަގުތު ޑޮކްޓަރާއި ނަރުސް ދެކުދިން އެތަނަށް އައިސް ހީނާގެ ބޭސް އަޅާގަޑި ޖެހުނީ ކަމަށް ބުންޏެވެ.
“އަހަރެމެން މިދަނީ ހޮޓަލަށް ކުދިންވެރިންނާ އެކު މިރޭގެ ކެއުމަށް.. ހީނާ އަރާމުގަ ނިދާލާ އަހަރުމެން އަންނާނަން މާދަމާ” އުލްފަތު ހީނާގެ އެނދު ރަނގަޅު ކުރަމުން ބުނެލިއެވެ.
” އަހަރެން ވަރަށް އުފާވާނެ މިރޭ ހީނާއަށްވެސް އަހަރުމެންނާ އެކު ދެވޭނެ ނަމަ އެކަމަކު …”
“ކޮން ނަމެއްކިޔާ ހޮޓަލަކަށްތަ ތިދަނީ؟”
ހީނާ އަހާލިއެވެ.
“ހިލްޓަން ހޮޓެލް.. އެހޮޓަލަކީ ހީނާވެސް ލަންކާއަށް އައިސިއްޔާ އަބަދު ހުންނަ ހޮޓާ.”
އުލްފަތު ޖަބާބު ދިނެވެ.
“އެމީހުން ހާދަ ރަނގަޅޭ މިރޭ އަހަރުމެންނަށް ވަރަށް ރަނގަޅު ޑިނާއެއް ތައްޔާރު ކުރިވާހަކަ މެނޭޖަރ ގުޅާފަ ބުނި” ޔާސިރު ބުނެލިއެވެ.
“ހޫން ކިހާރަނގަޅު.. އެކަމަކު އެންމެ ދެރައީ ތިޔަތަނެއްވެސް އަހަރެންނަށް ނޭނގޭ. އަދި އަހަރެންނަކީ ކާކު ކަމެއްވެސް އަހަރެންނަށް ނޭނގޭ…ތިޔަ ދެމީހުންނާ ބެހޭގޮތުން ވެސް އެއްވެސް އެއްޗެއް އަހަރެންގެ ހަނދާނަކަށް ނާނދޭ.. ތިޔަ ދެމީހުންވެސް އަހަރެން ނަށް މުޅިން އެއްކޮށް ބީރައްޓެހިން…އަހަރެން އީދަކާ ބެހޭގޮތުންވެސް އެއްވެސް އެއްޗެއް ހަނދާނެއް ނުވޭ..” ހީނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ ލޮލުގައި ބުނަންނޭނގޭ ހިތްދަތި އަސަރެއް ހުއްޓެވެ.
“ހީނާ ހިތްވަރު ކުރޭ.. ކުޑަ ދުވަސްކޮޅެއްތެރޭ ހީނާ ހުރިހާ އެއްޗެއް ހަނދާންވާނެ.. އޭރަކަށް އަޅުގަނޑުމެންގެ ބޭނުމެއް ނޯންނާނެ..އެހެންވެ މިހާރު މިކިޔާދެނީ ހުރިހާ އެއްޗެއްވެސް ކޮންމެ ކަމަކަށްވެސް ވަގުތު މުހިންމު ވާނެ. ހީނާ ކުޑަކޮށް ރަނގަޅުވީމާ އަހަރެން އަމިއްލަޔަށް ހީނާ އެހޮޓަލަށް ގެންދާނަން”
ހިނިތުންވެލާފަ އުލްފަތު ބުނެލިއެވެ.
“ތިޔައީ ވައުދެއްތަ؟ އަދި ތިޔައީ ވައުދަށް ހުރުމަތްތެރިކޮށް ހިތާމީހެއްތަ؟”
ހީނާ ހިނިތުންވެލާފަ އަހާލިއެވެ.
“އަބަދުވެސް އަހަރެން އަހެރެންގެ ވައުދަށް ހުރުމަތްތެރިކޮށް ހިތަން”
އުލްފަތު ފަޙުރުވެރިކަމާއެކު ބުނެލިއެވެ.
ޔާސިރު އާއި އުލްފަތު ވަކިވުމުގެ ސަލާމް ކޮށްލާފައި ދާން ނިކުންނަމުން ހީނާކާރިޔަށް އަނެއްކާ ކާރިވެލާފައި ވާހަކަ ދައްކަންފެށިއެވެ.
“ހީނާ އަހަރުމެން ހީނާއަށް ދޭން ގެންނާނަން ކުކުޅު.. އިނގޭ ކެވޭވަރަށް ގަދަ ވާތި”
ޔާސިރު ހިނިތުންވެލާފަ ބުނެލިއެވެ.
“އުފާވެރި ޢީދު ދުވަހަކަށް އެދެން” އުލްފަތުވެސް މިހެން ކިޔާލާފައި ހީނާގެ ނިތްމައްޗަށް ބޮސްދިނެވެ.
އުލްފަތުގެ މިއާދަ ހީނާއަށްޓަކާ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ހީނާގެ ނަޒަރުގައި އުލްފަތު އަކީ އަދި ބީރައްޓެއްސެކެވެ. އެކަމަކު ހީނާއެއްވެސް އެއްޗެއް ނުބުނެއެވެ.
އެކޮޓަރީދޮރު ލައްޕާލަމުން އުލްފަތު އާއި ޔާސިރު ހިގައްޖެއެވެ.
ޢީދު ދުވަހު ހެނދުނު މަތީން ވަރަށް ފުރިހަމަޔަށް ތައްޔާރުވެލިއެވެ. އަދި ހޮސްޕިޓަލަށް ދިޔައެވެ. ފުރަތަމަ އޭނާ ނަރުސް ކުދިން ކާރިން އަހައިގެން އެއްވެސް މީހަކު ހީނާގެ ރޫމްގައި ހުރިތޯ ބަލާލިއެވެ. އޭނާއަށް ނޫހުގެ ޒަރީޔާއިން މިހާރު ހީނާ ހޭލެވިއްޖެ ކަން އެނގުނެވެ. އެގޭގެ މީހުންގެ ނަޒަރުގައި އޭނާއަކީ ހީނާގެ އެއްވެސް މީހެއް ނުނެވެ. އޭނާ ހީނާގެ ރޫމްގެ ދޮރު މަޑުމަޑުން ހުޅުވާލާފައި އޭނާ އެތެރެއަށް ބޯދިއްކޮށްލިއެވެ. އެވަގުތު ހީނާ އެނދުގައި އިށީދެ އިނދެ ފެންތައްޓެއް ބޯލަނީއެވެ. ނަރުސް ކުއްޖާ ކާރީ ހުއްޓެވެ. މަތީން ކޮންމެ ދުވަހަކު ވެސް ހީނާއަށް ޒިޔާރަތްކުރިއެވެ. އެކަމަކު ހީނާ އޮންނަނީ ނިދިފައެވެ. ހީނާ ހޭލާއިންދާ ފެނުމުން މަތީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަނެއްކާ ހީނާ މަތީންގެ މަތިން ހަނދާން ހުންނާނެބާވައެވެ. ފާއިތުވި 15 އަހަރު އެދެމީހުން އެއްވެސް ވަރަކަށް ގުޅުމެއްވެސް ނެތްވިއްޔާއެވެ.
ހީނާވެސް ދޮރު ހުޅުވާލާފައި އެވަން މީހެއްގެ މޫނަށް ބަލާލި އެވެ. ހީނާ ދަންނަ މީހެއް ނޫނެވެ. ހީނާ ހީކުރީ އެއީ އޭނާގެ ޑޮކްޓަރު ކަމަށެވެ.
“ހެލޯ ހީނާ..” މަތީން ވަރަށް ސާދާގޮތަކަށް ސަލާމް ގޮވާލިއެވެ.
“ހެލޯ.. ” ހީނާވެސް ހަމައެގޮތަށް ޖަވާބުދިނެވެ. އެކަމަކު އެއީ ކާކުކަން ހީނާއަށް ނޭނގުނެވެ. ހީނާ އެހާ ބީރައްޓެހިގޮތް ދެއްކީމާ މަތީން ވަރަށް ދެރަވިއެވެ.
“އަހަރެން ވަރަށް ބޮޑަށް ބަދަލުވެފައި ހުރީމާ ހީނާއަށް އަހަރެން ނުވެސް އެނގުނުދޯ؟ ވަރަށް ޒަމާންވެއްޖެ އަހަރުމެން ބައްދަލުނުވެވެސް”
މަތީން ކުރިޔަށް ޖެހިލާފައި އޭނާގެ އަތުގައިވާ މާބޮނޑި ނަރުސް ކުއްޖާއަތަށް ދިއްކޮއްލަމުން ހީނާކާރީ ހުރި ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ.
“އަހަރެންގެ ނަމަކީ މަތީން މުހައްމަދު މަތީން.. ” މަތީން މިހެން ބުނުމުން ހީނާ ހިނިތުންވެލިއެވެ. އެކަމަކު ހީނާއަށް އޭނާ އެނގޭކަމެއް ނުވަތަ ނޫންކަމެއް މަތީން އަށް ނޭނގުނެވެ.
“ތިޔައީ ޑޮކްޓަރެއްތަ؟” ހީނާ މަޑުމަޑުން އަހާލިއެވެ. މަތީން ނޫނެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ.
“ތިޔައީ އަހަރެންގެ އެކުވެރިއެއްތަ؟”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


vara reethi mi part