ކާމިޔާބު އަންހެނާ 8
ކާމިޔާބު އަންހެނާ 8
ހޮސްޕިޓަލުން ހީނާއައިސޫޔޫއިން އެހެންތަނަކަށް ބަދަލްކުރިއެވެ. މާ ރައްކާތެރި ތަނަކަށެވެ. ޙާއްސަ ސެކިޔުރިޓީއެއްވެސް ހީނާއަށް ލާފަދިނެވެ.
ހޮސްޕިޓަލްގެ ހުއްދަޔާއެކު އެމީހުން ކެމެރާތަށް ހޮސްޕިޓަލްގެ އެކި ސަރަހައްދުގައި ހަރު ކުރިއެވެ.
ހުރިހާ ނޫހެއްގެ ފުރަތަމަ ގަނޑުގައި ހީނާގެ ފޮޓޯ ޗާޕުވަމުން އިތުރު ޙަބަރުތަކާއެކު ދިޔައެވެ. ރާއްޖޭގެ އާއި ލަންކާގަ ގިނަ ނޫސްވެރިން އެހޮސްޕިޓަލަށް ގުޅާ މައުލޫމާތު ހޯދަމުން ދިޔައެވެ.
ނޭވާލެވުނަސް އަދިވެސް ހީނާ އޮތީ ކޯމާގައެވެ. ޑޮކްޓަރުން އުންމީދު ކުރާގޮތުގައި ކުރިއަށް އޮތް ދެދުވަސް ތެރޭ ހީނާ އިންޕުރޫވް ވާންޖެހޭނެއެވެ.
“އަހަރެން އަބަދުވެސް ބޭނުން ހީނާގެ ފޮޓޯ މިގޮތަށް ނޫހަށް ލިބެން އެކަމަކު މިހާލަތަކު ނޫން” ދެރަވެފަ އުލްފަތު ޔާސިރު ކާރީ ބުނެލިއެވެ. ޔާސިރުވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ހަތަރު ނޫސް މިހާރުވެސް އެމީހުންގެ އަތުގައި ހީނާއާއި ބެހޭގޮތުން ލިޔެފައި އެބަހުއްޓެވެ. އެމަކަމު ހުސް ހީނާގެ ބަލިވުމުގެ ހިތާމަވެރި ހާދިސާ އެވެ.
“އާނ ތެދު ވާހަކައެއް. އަހަރެންވެސް ބޭނުމެއް ނޫން މަމްގެ މިހާރުގެ ހާލުގެ ވާހަކަ ނޫހުގެ ފަލަ ސުރުޙީއަކަށް ވެގެންދާކަށް” ވަރަށް ދެރަވެފަ ޒުންނޫންވެސް ބުނެލިއެވެ.
އެމީހުން ހެނދުނުގެ ސަޔަށް އިންސާފުކުރަން ތިބިއިރު އެއިން އެކަކުވެސް ސައިބޯހިތް ނުވާކަހަލައެވެ. އެއްވެސް ކާއެއްޗެއްގަ އެމީހުން އަތެއް ނުލައެވެ. ހަމައެކަނި އުލްފަތު އެއްޗިހި ކާރިކޮށް ދެމުން ދިނެވެ. އެކަމަކު އެމީހުންގެ ޝައުގެއް ނެތެވެ.
ހުރިހާ މީހުން އެއްކޮށް ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރާއި ތަފާތު ވާހަކަތަށް ފަހަރަކު މީހަކު ދެއްކިއެވެ. އެހެނަސް ނަތީޖާއަކީ ހަމަ އެކައްޗެކެވެ. އަދިވެސް ހީނާ އޮތީ ގަދަ ނިދީގައެވެ. އޭނާ އާއި މެދު އެހެންބަޔަކު ހާސްވާ ކަމެއް އޭނާއަށް ނުމެއެނގެއެވެ.
އެމީހުން ހޮޓަލަށްވެސް އައީ އެކީގައެވެ. ޙާއްސަކޮށް އުލްފަތު ކުދިވެރިން ކާރީ ވަރަށް ގާތުގަ އުޅެއެވެ. ނިދުމުގެ ކުރިން މަންމަޔާ ބެހޭ އެތަށް ވާހަކައެއް އެމީހުންނަށް ޓީވީން ފެނެއެވެ. ޓީ.ވީ ޗެނެލް ތަކުން އެހެންއެއްޗެއް ނުދައްކައެވެ. ހީނާގެ ޑޮކިޔުމަންޓަރީއެވެ. ހީނާގެ ލަވަތަކާއި ފިލްމުތަކެވެ. މީހުން ހީނާއާއި ބެހޭގޮތުން ބުނެފައިވާ ވާހަކަ ތަކެވެ. ކޮންމެ މީހަކުވެސް ހީނާދެކެ ވަރަށް ލޯބިވާކަން ދޭހަވެއެވެ. ކުޑަކުދިންނާ މުސްކުޅިންނެވެ ޒުވާނުންނާއި އަންހެންވެރިންނެވެ. ކޮންމެ މީހަކުވެސް ހީނާއަށް ހެޔޮދުޢާ ކުރަމުން ދިޔައެވެ.
އެމީހުންގެ ކަންތައްވަރަށް ކާރިން ބަލަމުން ދިޔަ މީހަކު ހުއްޓެވެ. ކޮންމެ ދުވަހަކު ހުރިހާ ނޫހަކުން ހީނާއާއި ބެހޭގޮތުން ދައްކާ ވާހަކަތަށް އޭނާވެސް ދިރާސާ ކުރެއެވެ. ހީނާގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު އޭނާގެ އަތް ތުރުތުރު އަޅަމުންދިޔައެވެ. އެ ތަސްވީރު ތަކަކީ އޭނާއަށް ވަރަށް ފަރިތަ ތަންތަނުގަ ހީނާނަގާފައިވާތަސްވީރު ތަކެކެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އެފޮޓޯގައިވާ ހީނާގެ ފޮޓޯ ފޭދުނެވެ. ހަމަ އޭނާގެ ހަޔާތުންވެސް ހީނާ ފޭޑް ވަމުން ދިޔަހެންނެވެ. މިއީ ކޮންފަދަ އިމްތިހާނެއްބާވައެވެ. އޭނާ ޑޮކްޓަރުންނަށް ގުޅާ ހީނާގެ ވާހަކަ އެހިއެވެ. އެދެވޭ ޖަވާބެއް ނުލިބުމުން އޭނާ ހޮސްޕިޓަލަށް ދިޔައެވެ.
އޭނާއަކީ އިސްކޮޅުން ދިގު ރީތި ފުރިހަމަ ފިރިހެންވަންތަކަން ހުރި ފިރިހެނެކެވެ. އޭނާގެ ބޮލުގެ ނުރަބަލާފަ އޭނާއަކީ އުމުރުން ދުވަސްވެފަ ހުރި މީހެއްކަން އެނގެއެވެ. އެކަމަކުވެސް އޭނާގެ ޒުވާން ހަށިގަނޑާއި ރީތިކަން އަދިވެސް ވަރަށް ފުރިހަމަ ކަން ދޭހަވެއެވެ. ހަމަ ގައިމު އޭނާގެ ބޯކަޅުކޮށް ހުރިއިރު އަދި އޭނާ މާ ރީތި ވާނެ ކަން އެނގެއެވެ.
އޭނާގެ ފުންދެލޮލަށް ބަލާފައި އޭނާއަކީ ވަރަށް ވިސްނުން ތޫނު ހައިބަތު ހުރި މީހެއްކަން އެނގެއެވެ. އެހެންނުވާންވީ ކީއްވެތޯއެވެ. އޭނާއަކީ އެއްޒަމާނެއްގައި އައްޑޫ ސިޓީ ގެ މޭޔަރ ކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ނަމަކީ މުހައްމަދު މަތީނެވެ.
ކޯޓު ފަޓުލޫންގައި ހުރިއިރު އޭނާގެ ހައިބަތު ސާފުކޮށް އެނގެއެވެ. ކާރު ހައިވޭގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން އިނދެ އޭނާ ދުވަހުގެ ނޫސް ކިޔަމުންދިޔައެވެ. އޭގެ ކޮންމެ އަކުރަކުން އޭނާގެ ހިތް ޒަޚަމް ކުރުވަމުން ދާކަހަލައެވެ. ވާނީ އެހެން ނޫންހެއްޔެވެ. އޭނާ ކިޔަމުން އެގެންދަނީ ހީނާއާއި ބެހޭގޮތުން ނޫހުގައި ލިޔެފައި ވާ ކޮލަމް ތަކެވެ. ޒަމާންތަކެއްވަންދެން ހީނާ ނަވަލޯކާ ހޮސްޕިޓަލްގައި ކާކުކަންވެސް ނޭނގި އޮތްވާހަކައެވެ. މިހާރު ހީނާ އޮތީ ފުން ނިއްޖެއްގެ ތެރޭގައި އެވެ. ކޯމާއެއްގައެވެ. ސިއްހަތު އެހާ ދެރައެވެ. ޑޮކްޓަރުންވަނީ ހީނާއާއި މެދު އުންމީދު ކަނޑާލާފައެވެ. ނޭވާވެސް ލަމުންދިޔައީ ރެސްޕިރޭޓަރެއްގެ އެހީގައެވެ. އޭނާގެ ހަޔާތުގައި ހީނާއާއި އެކު ހޭދަވީ ދުވަސްތައް އޭނާގެ ހަނދާނަށް އަންނަމުންދިޔައެވެ. އެއީ މީގެ 15 އަހަރު ކުރީގެ ހަނދާންތަކެވެ. ފޮނި މާޒީއެކޭވެސް ބުނެވިދާނެއެވެ. އެހެނަސް އެމާޒީގެ ސޮފްހާތައް ލައްޕާލީ ކޮންގޮތަކަށް ބާވައެވެ. އޭނާ ހީނާއާއި ވާހަކަވެސް ނުދައްކާތާ އަހަރުތަކެއް ވެދާނެއެވެ.
18 އަހަރު ކުރީގަ ހީނާ ވަލީދު އަކީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާގެ ފުރާނައެވެ. ދެމީހުންނަކީ އެކަކު އަނެކަކަށްޓަކާ އުފަންވެފަތިބި ބައެއްކަހަލައެވެ. އޭނާގެ ކުދިން ކުޑައިރު އަބަދުވެސް އެމީހުން އެކުގައި އުޅުނެވެ. އެކުދިންވެސް އޭނާގެ މަތިން ހަނދާންވާނެ ތޯއްޗެކެވެ.
މަތީނު ނަވަލޯކާ ހޮސްޕިޓަލުގައި އޭނާގެ ކާރު ޕާކު ކުރިއެވެ. ލޮބީއަށް ދިޔައިރުވެސް އޭނާ ތުރު ތުރު އަޅަމުންދިޔައެވެ.
ހީނާ އާއި ބެހޭގޮތުން ސުވާލު ކުރުމުން އެމީހުން އެއްވެސް ޖަވާބެއް ނުދިނެވެ. އަދި ހީނާގެ ޙަބަރު ދިނުން މަނާކޮށްފަ ވާކަން އެނގުނެވެ. ޕަޕަރާޒީންގެ އުނދަގޫ ބޮޑީއޭ ކިޔާފައެވެ. އޭނާ ހޮސްޕިޓަލްގެ އިސްފަރާތަކާ ގުޅާދޭތޯ ސުވާލުކުރިއެވެ. އެހެނަސް ކައުންޓަރުގައި އިންކުއްޖާ އެއްވެސް އަލިމަގެއް ނުދެއްކުމުން އޭނާގެ ކޯޓުގެ ޖީބުން އޭނާގެ ކާޑު ނަގާ އެކުއްޖާއަށް ދައްކާލިއެވެ. އެކުއްޖާ ހައިރާންވެފައި އޭނާއަށް ބަލާލިއެވެ. ކުރިމަތީ މިހިރީ ކިހާ ފެންވަރެއްގެ މީހެއްކަން އެނގުމުން އެކުއްޖާ ޖެހިލުންވިއެވެ. އަދި ހޮސްޕިޓަލުގަ ހީނާގެ ކަންތަކާ އުޅުއްވާ ޑޮކްޓަރުގެ ނަމްބަރ ވަގުތުން ގުޅާލާފައި ސިންގަޅަބުން ހުރިހާ ވާހަކައެއް ދެއްކިއެވެ. ހިނދުކޮޅެއްނުވެ އެޑޮކްޓަރ މަތީން ކާރިޔަށް އައެވެ.
“އަޅުގަނޑުމެން ކޮންކަމެއްތޯ ތިބޭފުޅާއަށްކޮށްދޭންވީ؟” ޑޮކްޓަރ މަތީން ކާރިޔަށް އައިސް ސަލާމް ކޮށްލަމުން އަހާލިއެވެ.
” އަޅުގަނޑުގެ ވަރަށް ޒަމާންވީ ރައްޓެއްސެއް ހީނާއަކީ ނޫހުން އޭނާގެ ޙަބަރު ފެނުމުން އަވަހަށް މިއައީ. އެކަމަކު އަޅުގަޑުވެސް އޭނާ ދެކެން އައިކަން ޕުރެސް މީހުންނަށް އެނގެން ބޭނުންނުވާތީ ސީދާ ކަލާއާއި ބައްދަލު ކޮށްފަ ވާހަކަ ދައްކަން ބޭނުންވީ. އަސްލު އޭނާ އާއި އަޅުގަނޑު މެންނަކީ ޢާއިލީ ރައްޓިހިން”
“ތިބޭފުޅާއަށް އަޅުގަނޑުމެން އެހީވެދެއްވިދާނެ ވަޑައިގަންނަވާ އަޅުގަނޑު ދައްކާނަން ހީނާ ބާއްވާފަ ވާ ރޫމް. އަސްލު މިނޫސްވެރިންނާ ފޮޓޯގުރާފަރުންގެ އުނދަގޫ ބޮޑުވެގެން މައުލޫމާތު ދިނުން މަނާކޮށްފަ ވާނީ”
“އިހަށް ބައްލަވާ އެތަނުގަ މިވަގުތު ތިބީ ކޮންބައެއްތޯ؟ އަޅުގަނޑު ބޭނުމެއްނޫން މާ މީހުން ގިނައިއްޔާ މިވަގުތު ބައްދަލު ކުރަން ކަމަކާ ނުލާ ބޮޑު ވާހަކަ ގަޑެއް ފެތުރިދާނެ” މަތީން ޑޮކްޓަރ ހުއްޓުވާފަ ބުނެލިއެވެ.
“އަޅުގަނޑު ބަލާލާފަ އަންނާނަން ވެއިޓިން ރޫމުގަ މަޑުކޮށްލައްވާ” ޑޮކްޓަރ މިހެންބުނެފަ އެރޫމަށް ވަނެވެ. ހިނދު ކޮޅެއްގެ ތެރޭ ޑޮކްޓަރ އައެވެ.
“މިވަގުތު ހީނާގެ އާއިލާގެ ބައެއް މެމްބަރުން އެބަތިބި..ބޭނުންވަނީ މިހާރު ބައްދަލު ކުރަންތޯ ނޫނީ ވެއިޓިން ރޫމްގަ މަޑުކޮށްލާނީތޯ؟”
“އަޅުގަނޑު މަޑުކޮށްލާނީ، މީހުން މަދުވީމާ ހަމަ އެކަނި ހީނާއާއި ބައްދަލު ކުރަން މިއަދު ބޭނުމީ” މަތީން ގޮނޑީގަ ހަމަޖެހިލަމުން ބުނެލިއެވެ.
“ފިނިހިއްޕެވުމެއް ފޮނުވަންތޯ؟” ޑޮކްޓަރ ސުވާލު ކޮށްލިއެވެ.
“ނޫން ޝުކުރީއްޔާ އަޅުގަނޑު ހަމަ ނޫސް ކިޔާލާނީ މިކަންތައް ވީ އަޅުގަނޑަށް ލިބުނު ޝޮކެއްކަހަލަ ކަމަކަށް ޤަބޫލެއްވެސް ނުކުރެވުނު” މަތީން އެތަނުން ކުރީގެ ނޫހެއް ނަގައިގެން ބުނެލިއެވެ.
“އަޅުގަނޑުމެންނަށްވެސް ހަމަ ތިފަދަ ޙާއްސަކޮށް ކާކުކަން ނޭނގި ދެހަފްތާމިހޮސްޕިޓަލްގަ ހީނާ އޮތުންމިވެސް ކިހާ އަޖާއިބު ކަމެއް” ޑޮކްޓަރު ބުނެލިއެވެ.
“އޭނާގެ ހާލު ކުރިޔަށްވުރެ ރަނގަޅުތޯ މިހާރު” މަތީން އަހާލިއެވެ.
“މިހާރު މާއަވަސް ބުނަން ރަނގަޅޭ ގައިމުވެސް ކުރިޔަށްވުރެ ރަނގަޅުވޭތޯ މިބަލަނީ. އަދިވެސް އޮތީ ކޯމާގަ އެކަމަކު މިހާރު އަމިއްލަޔަށް ނޭވާއެބަލާ މިއީ ރަނގަޅު ފާލެއް އެކަމަކު އަދިވެސް ރިސްކު ވަރަށް ބޮޑު. މިތަނުން ނަރުސް ކާރި ބުނީމާ ކަންތަށް ކޮށްދޭނެ އަޅުގަނޑު ދެންގޮސްބަލަނީ އިނގޭތޯ”
ޑޮކްޓަރ މަތީންގެ ހުއްދަ ހޯދައިގެން އެތަނުން ދިޔައެވެ. މަތީން އަކީ ކުރިން ރާއްޖޭގެ ޕާލަމަންޓު ގެ ވެސް އިސް މަގާމެއް އަދާކުރެއްވި ބޭކަލެކެވެ. އެހެންވެ ގިނަ މީހުން އޭނާ ދަންނާނެއެވެ. ނަރުސް ކުއްޖާ އިތުރު ނޫސްތައް އޭނާއަށް ގެނެސްދިނެވެ.
ހީނާ އެހޮސްޕިޓަލްގައި އެހާ ދުވަހު އޮތްކަން ނޭނގުނީތި މަތީން ވަރަށް ދެރަވިއެވެ. ނޫހުގެ ކޮންމެ ސޮފްހާއަކުން އިތުރު މައުލޫމާތު މަތީނަށް ލިބުނެވެ.
އުލްފަތު އާއި ޒުންނޫން އަދި ތާނިޔާ އާއި ޔާސިރު ހަމަ ހީނާ ކާރިން ދުރަށްވެސް ގޮސްނުލާ އިށީދެގެން ތިއްބެވެ. ކޯމާ ގެ ހީނާ އޮތަސް އެމީހުން ހީނާއާއި ވާހަކަ ދައްކަމުން ދިޔައެވެ.
ތާނިޔާ އޭނާގެ މަންމަގެ ނިންމަތީ ބޮސްދިނެވެ.
“މަމް އަހަރެމެން ބޭނުމީ މަންމަ އަވަހަށް ހޭލަން.. ޕުލީސް މަމް” މިހެންބުނެފަ ގަދަޔަށް ރޮމުން ތާނިޔާ އުލްފަތުގެ ގައިގާ އޮޅުލައިގަތެވެ..
މަމް އަހަރެމެން ބޭނުމީ މަންމަ އަވަހަށް ހޭލަން.. ޕުލީސް މަމް” މިހެންބުނެފަ ގަދަޔަށް ރޮމުން ތާނިޔާ އުލްފަތުގެ ގައިގާ އޮޅުލައިގަތެވެ.. އުލްފަތު ތާނިޔާ ގޮވައިގެންގޮސް ފެންބޯންދިނެވެ އަދި ހުއްޓުވަން މަސައްކަތް ކުރިއެވެ.
ޒުންނޫން ހުރީ ވަރަށް ހިތްވަރުގަދަ ކޮށްގެންނެވެ. އެކަމަކު ތާނިޔާއަށް ވީގޮތްފެނިފަ ހުއްޓުން އެރިއެވެ. އަދި ގިސްލާފަ ރޯންފެށިއެވެ. މޫނުގަ އަތް އަޅާފައެވެ. ޔާސިރު އޭނާގެ ފުރަގަހުން ގޮސް އޭނާގެ ގައިގާ ހިފެހެއްޓިއެވެ.އަދި ކޯމާގަ އޮތް ހީނާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ޑޮކްޓަރުން ބުނާގޮތުން ހީނާ އަށް އަޑުއިވޭނެއެވެ. ހަމައެކަނި ހަރަކާތް ނުކުރެވޭނީއެވެ. ވާހަކަ ގިނައިން ދެއްކިވަރަކަށް ރަނގަޅުވުން އެކަށީގެން ވެއެވެ. ކުދިންނާ ޔާސިރު އަދި އުލްފަތު މާޔޫސްވެފަތިއްބެވެ.
އުލްފަތު ހީނާގެ ކާރީ އިށީނެވެ. ޔާސިރު ތެދުވެގެންދިޔައީ މާޔޫސް ވެގެންނެވެ.
” ހީނާ ތިޔައީ ދެން ކޮންގޮތެއް..ހީނާ ލިޔަން ފަށާފައިވާ ފޮތެއްވެސް އެބައޮތެއްނު ތިގޮތަށް ލޯމަރާއިގެން އޮތީމާ އެފޮތް ލިޔެވޭތަ؟ އަޅުގަޑަށް އެކަނި އެފޮތުގަ ނުނިމި ހުރި ބައެއް ބައިތަކެއް ނުނިންމޭނެ ސޯ ޕުލީސް ވޭކް އަޕް. ކުދިންނާ ޔާސިރުވެސް މިހިރީ ލަންކާ އަށް އައިސް ރަނގަޅު ޗުއްޓިއެއްވެސް ހޭދަކުރެވޭނީ ހީނާ ހޭލައިގެންނުދޯ.. އެހެންވީމާ ބަހަނާ ދައްކާނެ ކަމެއްނެތް ތެދުވަންވީ.ތާނިޔާގެ އާ އިސްތަށިގަނޑުގެ ސުޓައިލް ފެނުނަސް މިހާރު ހީނާ ހެވޭނެ. ވަރަކަށް ބާޒާރުވެސް ކޮށްފިޔޯ ބިލްކޮބާތޯ އަޅުގަނޑު ކާރިން ނައަހާތި ހުރިހާ ބިލެއް ތިތަނުން ތެދުވާއިރަށް އަތަށް އަޅާނަން. އަޅުގަނޑުގެ މުސާރައިން އެންބެ އަނާއެއްވެސް ކަޑައިގެން ނުވާނެ”
އުލްފަތުގެ މިވާހަކަޔަށް ހުރިހާ އެންމެން ހުނެވެ. ދެންވެސް ހީނާގެ އެއްވެސް އިށާރާތެއް ނެތެވެ. މާޔޫސްވެފަ ތިންމީހުން ހީނާގެ އެނދުގެ ކާރީ ތިއްބެވެ. އަޅުގަޑަށް ހީވަނީ އެންމެން ހޮޓަލަށް ދާންވީހެން. ޔާސިރުވެސް މާބޮޑަށް ވަރުބަލިވެފަ ހުންނަ ވައްތަރު އަޅުގަނޑަށް ޖަހާ އެބަ ކުދިންވެސް ރަނގަޅަށް ނުވެސް ކައި. ތާނިޔާގެ ރުއިން ހުއްޓާނުލެވޭ. ޒުންނޫން ވެސް ހަމަ އެފަދަ. އަޅުގަޑަށް ހީވަނީ ރަނގަޅު ކާތަކަށް ގޮސް ހުރިހާ މީހުން ސަޅިކޮށް ކާލައިގެން އަންނަންވީހެން. ގައިމު ކަމެއް އޮތީޔާ ހޮސްޕިޓަލުން އަޅުގަނޑުމެންގެ ނަމްބަރުތަކަށް ގުޅާނެ..”
ޔާސިރު އުލްފަތު ބުނިވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯހަލުވާލިއެވެ.
“އަޅުގަނޑު ދާކަށް ބޭނުމެއް ނޫން” ތާނިޔާ ގިސްލަމުން ބުނެލިއެވެ.
“ކޮއްކޯ ތިޔައީ ރަނގަޅުގޮތެއްނޫން. މިތާތިބެގެން ރުއީމާ މަންމަޔަށްވެސް އުނދަގޫވާނެ ހިނގާ ދާން.. ކުޑަކޮށް ފުރެޝް ވެލައިގެން އަނެއްކާ އަންނާނީ. މަންމަވެސް ބޭނުންވާނީ އަހަރުން ދެމީހުން ގަދަފަދަ ކޮށް ތިބުން ނޫންތަ؟ ”
ޒުންނޫން ތާނިޔާގައިގާ ބައްދާލަމުން ހިތްވަރު ދިނެވެ.
އުލްފަތު އެމީހުންނަށް ތަފާތު ޕޮރުގުރާމް ތައް ހަދާދިނެވެ. ހޮޓަލުގެ ސުވިންމިންޕޫލްގަ ފަތާލަން ދިޔުމަށްވެސް އެމީހުން ރާވާލިއެވެ. އެންމެ ފަހުން ވަރަށް ވާހަކަ ދައްކައިގެން ހުރިހާ މީހުން އެތަނުން ނިކުތެވެ. ނަރުސް ކާރީ ދަމޭ ބުނެލާފައެވެ.
އެމީހުންދަންދެކަ އިންތިޒާރު ކުރި މަތީން އަށް އެމީހުން އެންމެން ނިކުމެގެން ދިޔަތަން ފެނުނެވެ. މަތީން އަށް އެއިން އެކަކުވެސް ނުމެ އެނގެއެވެ. އެއީ ދެއަންހެނުންނާ ދެފިރިހެނުން ނެވެ. އެމީހުން ދިޔުމަށް ފަހު މަތީން އެކޮޓަރި ކާރިޔަށް އައެވެ. އެއްވެސް މީހަކު އެތަނަށް ވަންނަން ހުއްދަ ނެތްކަން މަތީން އަށް އެނގެއެވެ.. އެކަމަކު މަތީން އަށް އޮތީ މަތިން ހުއްދަ ލިބިފައެވެ. ނަރުސް ކުއްޖާ މަތީން ވަންނަން ތަންދިނެވެ.
މަތީން ހީނާއަށް ބަލަހަށްޓައިގެން އިރުތަކެއްވަންދެން ކޮޅަށް ހުއްޓެވެ. އޭނާ ހިތައްއެރީ ދެންމެ ދެންމެ ހީނާ ލޯހުޅުވަފާނެއޭއެވެ. އަދިވެސް ހީނާ ހާދަ ރިއްޗެވެ. މޫނުގައި ހުރި އެކްސިޑެންޓުން ލިބުނު މާކްތަކުންވެސް ހީނާގެ ރީތިކަމަށް އިތުރު ފުރިހަކަމެއް ގެނެސް ދިންކަހަލައެވެ. ޢުމުރުން ދުވަސްވީކަމެއް އެއްގޮތަކަށްވެސް ނޭނެގެއެވެ. މިހާރު އޮތީ އޭނާގެ ބޮލުންބައެއްގައި ބެންޑޭޖް އޮޅާފައެވެ. ތާނިޔާ ވަނީ އޭނާގެ އިސްތަށިގަނޑު ފުނާއަޅާ ރީތި ކޮށްފައެވެ.
މަތީން ހީނާގެ އެނދު ކާރީ ހުރި ގޮނޑީގައި އިށީދެލިއެވެ. އަދި އޭނާގެ އަމިއްލަ މޫނުގައި އަތް އަޅާ ކުޑަކުއްޖެއްހެން ރޯންފެށިއެވެ. މާޒީގެ ހަނދާންތަކުން އޭނާގެ ލޯފުރިގެން އައީއެވެ. ހީނާއަކީ އެއްޒަމާނެއްގައި އޭނާގެ ލޯބިވެރިޔާއެވެ. ބޭވަފާތެރިވެވުނީ އޭނާއަށެވެ. އެއީ އޭނާގެ ހިތި މާޒީ އެވެ. ހީނާވެސް ވަނީ މަތީން އާއި މެދު ހިތްހަމަ ނުޖެހިފަ ކަންނޭގެއެވެ. ފާއިތުވެދިޔަ 15 އަހަރު އެދެމީހުން ވާހަކަ ނުދައްކަ އެވެ. ކިތަންމެ ދުރަށް ދެމީހުން ދިޔަޔަސް އެމީހުންގެ ލޯބި ހުއްޓެވެ. އަދިވެސް މަތީން ލޯބިވަނީ ހީނާ ދެކެއެވެ. އެކަމަކު ހިތްވަރު ކުރަން ނުކެރުނީ އެވެ. ހީނާ ކޮބާތޯ ބަލަން ނުދެވުނީ އެވެ. މިއަދު ހީނާއާއި ދިމާވިއިރު ހީނާ މިއޮތީ ވާހަކަ ނުދެއްކޭ ހާލަތުގައެވެ. މީހުން ވަކިނުވާ ހާލަތުގައެވެ.
ޔާސިރު އާއި ކުދިން ލަންކާއަށް އައިފަހުންވެސް ފަސް ދުވަސް ވީއެވެ. ހީނާގެ ކޮންޑިޝަން ހުރިގޮތުގެ ވާހަކަ ދެއްކުމަށް ޔާސިރު، ހީނާގެ ކަންތައް ބަލަމުން ދިޔަ ޑޮކްޓަރުންގެ ޓީމަކަށް ބައްދަލު ވުމަކަށް ގޮވިއެވެ. އެބައްދަލު ވުމަށް ތާނިޔާ އާއި ޒުންނޫން އާއި އުލްފަތުވެސް ގެނައެވެ. ހީނާގެ މަޢުލޫމާތު ޑޮކްޓަރުން ވަރަށް ފުރިހަމަޔަށް ކިޔާދިނެވެ. ހުރިހާ ރިޕޯޓް ތަކެއްވެސް ޑޮކްޓަރުން ޔާސިރުއަށް ދެއްކިއެވެ. ތާނިޔާ ރޮމުން ގެންދިޔައެވެ. ޒުންނޫން ތާނިޔާގެ ގައިގާ ހިފަހައްޓާލައިގެން އެކޮޓަރީގެ އެއްފަރާތުގައި އިނެވެ. ޔާސިރު ކަރުނަ ފޮހެ ފޮހެ އިނެވެ. އުލްފަތު އޭނާގެ ކަރުނަ ފޮހެލަމުން ތެދުވިއެވެ. އަދި ފުން ނޭވާއެއްލިއެވެ.
އަދިވެސް ހީނާ ވަނީ ކޯމާގައެވެ. ހަމަ އެކަނި ބަދަލު ވީކަމަކީ ހީނާ ރެސްޕިރޭޓަރާ ނުލާ ނޭވާ ލާން ފެށުމެވެ. މިނޫން އެއްވެސް ބަދަލެއް ނާދެއެވެ.
ހީނާ ހޭނައަރާ އޮވެ މަރުވެދާނެ ކަމުގެ ބިރުވެސް އިންތިހާއަށް އޮތެވެ. ހީނާގެ ހުރިހާ ޑޮކްޓަރުންތައް ވެސް އޭނާއަށް ވަރަށް ރަނގަޅެވެ. އެމީހުން ބުނާގޮތުން ގިނަ ދުވަސްތައް ކޯމާގައި ދާކަމަށްވާނަމަ ހީނާގެ ސިކުނޑީގެ މައްސަލަ ދިމާވުން ގާތެވެ. މެޑިކަލީ ކުރެވޭނެ އެއްވެސް ކަމެއް ނެތްކަހަލަ އެވެ. ﷲ އަށް ދުޢާ ކުރުން ނޫންގޮތެއް އެމީހުންނަށް މިއަދު ނެތެވެ.
ޑޮކްޓަރުން ބުނިގޮތުން ބައެއް މީހުން އަހަރު ތަކެއްފަހުންވެސް ކޯމާއިން ހޭއަރައިގެން ރަނގަޅުވެއެވެ.
އުލްފަތު ތެދުވެގެން ކުދިން ކާރިޔަށް އައެވެ. ތާނިޔާ ރޮމުން ރޮމުން އުލްފަތު އަށް ބަލާލިއެވެ. ޔާސިރު އާއި ޒުންނޫން ވެސް އުލްފަތުއަށް ބަލާލިއެވެ. ޑޮކްޓަރުން ހިމޭންކަމާއެކު އެކޮޓަރިން ނިކުމެގެން ދިޔައެވެ.
“ބުނަންތަ ވާހަކައެއް. ހީނާއަކީ އެހާ ހިމޭން ކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން ކެތް ކުރެވޭނެ މީހެއް ނޫން. ތިޔަ ހުރިހާ މީހުންނަށް އޭނާގެ އެޓިޓިޔުޑް އަދާތަށް އެނގޭނެ މާދަމަޔަކު އަނެއްދުވަހަކު ތެދުވެ އަހަރެމެން އެންމެންނަށް ޖޯކް ޖަހާނެ.”
އުލްފަތުގެ މިވާހަކައަށް ހުރިހާ އެންމެން ހައިރާންވެ އުލްފަތުއަށް ބަލަމުން ދިޔައެވެ. ތިޔަ ކިޔަނީ ކީކޭ ހޭ ކިޔާ ކަހަލަ ގޮތަކަށެވެ.
“ހުރިހާ މީހުން މިއަދު ބުރަކާ ދިޔުން ކިހިނެއްވާނެ؟” އުލްފަތު އަނެއްކާވެސް ޙިޔާލެއް ދިނެވެ.
“ކޮންތާކަށް؟” ތާނިޔާ ގިސްލުމަކާއެކު އަހާލިއެވެ.
“ހިނގާ ޝޮޕިން ބުރެއް އަޅާލަން ލަންކާ އަށް އައިފަހުންވެސް ޝޮޕިންނުކުރެވުނު. ހޮސްޕިޓަލްގަ ދެކޮޅަށް ދުއްވަން ހަދައިގެން ނޫންތަ ތާނީ” އުލްފަތުގެ މިވާހަކައަށް ތާނިޔާ އެއްބަސް ވެލިއެވެ.
“އަހަރެންދާނީ އެމް ސީ އަށް ފިލްމެއް ބަލާލަން އެކަމަކު މަމް އެހާލުގަ އޮތްވާ ޝޮޕިން ކޮށް ފިލްމަށް ދެވޭތަ އުލްފަތު ދައްތާ” ޒުންނޫން ބުނެލިއެވެ.
“އަސްލު ހީނާވެސް ބޭނުމެއް ނުވާނެ އަހަރެމެން އެންމެން ފޫހިވެފަ ހޮސްޕިޓަލްގަ އިށީދެ ތިބޭކަށް.. އެހެންވެ ހަމަ ރަނގަޅު ޕޮރުގުރާމުތަށް ޝެޑިޔުލް ކުރަންވީ” އެންމެ ފަހުން ޔާސިރުވެސް އެއްބަސްވިއެވެ.
“ހަމައެއާއެކު ހީނާ އެކަނި ބާއްވާފަ އެންމެން ދިޔުންވެސް ރަނގޅެއްނުވާނެ”
އަނެއްކާވެސް ޔާސިރު ބުނެލިއެވެ.
ހީނާ ކާރީ ހޮސްޕިޓަލްގަ މަޑުކުރާނީ އަޅުގަނޑު ކުދިވެރިންނާ ޔާސިރު ޕޮރިގުރާމް އޮތްގޮތަށް ، ތަނިޔާ ޝޮޕިންއަށް ޔާސިރު އާއި އެކު ދެން އެންމެން ފިލްމަށް އެމްސީއަށް އަދި އޭގެ ފަހުން ރަނގަޅު މޫޑާއެކު ހަވީރު ހޮސްޕިޓަލަށް އެހެންނޫންތޯ؟”
“އެކަމަކު މަންމަ އެހާލުގަ އޮތްވާ އުލްފަތު ދައްތަ އެކަނި މަމް ކާރީ އިންނާނީ ކިހިނެއް؟ އަނެއްކާ ޒުންނޫން ބުނެލިއެވެ
“އަސްތާ އަޅުގަނޑަކީ އަބަދު މަމްގެ ހިޔަނި ހެން މަމްގެ ކާރީ ހުރިމީހާނު އެހެންވީމާ ތިކުދިން ހާސްނުވޭ އަވަހަށް ގޮސް މޫޑް ރަނގަޅު ކޮށްލާއިގެން ހަވީރު އާދޭ”
“އެކަމަކު އަޅުގަނޑުމެން އެންމެން ބޭރުގަ ތިއްބާ މަމް ހޭއެރިޔަސް ހޮސްޕީޓަލުން ގުޅާނެނު ތާނިޔާ ވަނީ އެންމެންގެ ނަމްބަރުތައް އެމީހުންނަށް ދީފަ” ޔާސިރު ބުނެލިއެވެ
އެދެކުދިންވެސް އުލްފަތު ދެކެ ވަރަށް ލޯބިވެއެވެ. ކުޑައިރުއްސުރެ އެމީހުން ގެންގުޅުނީ އުލްފަތު އެވެ. ހަނދާން ހުންނަން ފެށީއްސުރެ އުލްފަތުއަކީ މަންމަގެ ކާރީ މަސައްކަތް ކުރާ ވަފާތެރި ހާދިމެކެވެ.އެހެންވެ އެހުރިހާމީހުންވެސް އުލްފަތު ދެކެ ވަރަށް ލޯބިވެއެވެ.
އުލްފަތު އައިސް ހީނާ ކާރީ އިށީނެވެ. އަދި ނަރުސް ކުއްޖެއްވެސް ހީނާ ކާރީ ހުއްޓެވެ. އުލްފަތު އޭނާ އާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް އެ ނަރުސް ކުއްޖާ އަށް އިނގިރޭސި ނޭނގެއެވެ. އުލްފަތުއަކީ ލަންކާ މީހަކަސް އުލްފަތުއަށް ސިންހަލަ ނޭނގެއެވެ. އުލްފަތު ވާހަކަ ދައްކަނީ ތަމަޅަ ބަހުންނެވެ. އުލްފަތު ހީނާގެ ކާރީ އިށީނެވެ. އަދި ނަރުސް ކުއްޖާއަށް ބަލާލިއެވެ. ނަރުސް ކުއްޖާވެސް ހީލާފަ އުލްފަތަށް ބަލާލިއެވެ. އެހެނަސް އެއަންހެން ކުއްޖާއަށް ވާހަކަ ދައްކަން ނުމެއެނގެ އެވެ. އެވަގުތު އުލްފަތު ހީނާއާއި ވާހަކަ ދައްކަން ފެށިއެވެ.
” އޭއި ކިޑޯ.. މިހާރު ތިޔަތަނުން ތެދުވާ ގަޑި ޖެހިއްޖެ..ކަލޭގެ ހުރިހާ ޑޮކްޓަރުންވެސް ކަލޭދެކެ ފޫހިވެއްޖެ.. ބޭސްތައް ދީދީ ނަން ހުސްކޮށް ހުރިހާ ބޭސްތައް ވެސް ހުސްވެއްޖެ..ކަލެއަށް ރަނގަޅު މެނިކިޔުލް އެބަބޭނުންވޭ..ކަލޭގެ އިސްތަށިގަނޑު ހީވަނީ ދޫނި ހާއްޔެއްހެން.. ބުނަންތަ ރަނގަޅު ވާހަކައެއް.ޢިދު ދުވަހު ކަލޭ ނުތެދުވެއްޖެއްޔާ ކަލެއަށްވާ ކުކުޅާއި ބޮނޑިބަތް ހިފައިގެން އަހަރެން އަންނާނީ ހޮސްޕިޓަލަށް .ހުރިހާ މީޑިޔާ މީހުން ކުރިމަތީ ކާން ބޭނުން ނޫނީޔާ މިހާރު ތެދުވޭ..ކަލޭ ނެތި އަހަރެންގެ މުޅި ދުވަސް ވަނީ ބޭކާރުވެފައި ހީނާ… ތިޔައީ ދެން ކޮންގޮތެއް.. ކަލޭ މިތަނަށް އައީ ފޮތް ލިޔުމަށް ހުވާކޮށްގެން އެކަމަކު ކަލޭ ތިޔަތަނަށް ވެޑުވިފައި އޮވެގެން ފޮތް ލިޔެވޭތަ؟. އަނެއްކާ ކަލޭތިހާ ހަނު ހިމޭނުން އޮންނަ މީހެއް ވެސް ނޫނެއްނު އެހެންނޫނަސް ކަލެއަކާ ތިޔަގޮތަކާ ނުވެސް ނުގެޅޭ ހީނާ ޕުލީސް ….” ވާހަކަ ދައްކަމުން ދައްކަމުންގޮސް އުލްފަތަށް ރޮވެންފެށުނެވެ. ކަރުނަ ޔާއެކު އަނެއްކާ ވެސް އުލްފަތު ހީނާ އާއި ވާހަކަ ދައްކަމުން ދިޔައެވެ.
” ކުދިންވެސް ކަލޭ ގެ ތިޔަ ކަންތަކުން ދެރަވެ ރޮއި ހަދާ.. ކަލޭ ހުރިހާ މީހުން ފޫހިކުރުވާފި..ހީނާ ތެދުވޭ..ތިޔަ ސްލީޕިންބިޔުޓީ ޗެޕްޓަރ ނިންމާލާފައި ތެދުވަން އުޅޭ.ކަލޭ ތިޔަތާ އޮވެ މުސްކުޅި ވުމުން މާކަ ރީއްޗެއް ނޫން..” އުލްފަތު ކަރުނަ ފޮހެލަމުން ހީނާގެ އެނދުގައި ބޯއަޅާލިއެވެ. ހީނާގެ އެއްވެސް ގުޑުމެއް ހަރަކާތެއް ނެތެވެ. އުލްފަތު އިތުރަށްވެސް ވަރަށް ގިނަ ވާހަކަ ހީނާ ދެއްކިއެވެ. މޫސުމާ ބެހޭގޮތުން ވާހަކަދެއްކިއެވެ. ތާނިޔާގެ ޝޮޕިން ވާހަކަ މަޖާވެފައި ދެއްކިއެވެ.
“ހިނާ އަހަރެން ކަލެއް ދިން އޮފްދުވަސްތައް ނިމިއްޖެ މާދަމަޔަކީ އަހަރުން އެންމެން ވަރަށް ބިޒީކޮށް ޢީދު ދުވަހަށް ތައްޔާރު ކުރަން ޖެހޭނެ.. މީހުންގެ އެތަށް ސިޓީ އެއް ޖަވާބު ނުދެވި. ފަރިވާއިން ކަލޭގެ ފިލްމުސުކުރިޕްޓު ހިފައިގެން އައުމުން ކަލެއާއި ބެހޭގޮތުން ބަހަނާ ދައްކާ ދައްކާ ވަރުބަލި ވެއްޖެ..އަދިވެސް އަހަރެން ނުބުނަން ކަލޭ މިތަނުގާ އަރާމު ކުރާވާހަކަ.. އެކަމަކު މިހާރު މުޅި ދުނިޔެއައް އެނގިއްޖެ ހީނާ ތިޔަތަނުގަ ނިދާފަ އޮތްކަން އަހަރެން މިދަނީ ކުދިންބަލާ ހޮޓަލަށް އިނގޭ.. ” މޮޔައެއްހެން އުލްފަތު ވާހަކަ ދައްކަމުން ދިޔައެވެ.
ނަރުސް ކުއްޖާ ހިމޭން ކަމާއެކު ހީނާގެ އެނދު ކާރީ ކޮންމެވެސް ކަމެއް ކުރަމުން އުލްފަތުގެ އަށް ބަލަމުން ދިޔައެވެ. ކިޔާ އެއްޗެއް ނޭނގުނަސް އުލްފަތުގެ ވާހަކައިންނާ އަދި އުލްފަތު ރުއިމުން އޭނާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.
“އަންހެން ކުއްޖާ .. ޗުއްޓީ ނިމުނީ މިއަދަކީ ތިޔަގޮތަށް ގަބުރެއްހެން މިތަނުގަ ކަލޭ އޮންނަ ފަހު ދުވަސް ކަމަށް ހަދާ..ކަލޭ ތެދުވެ ކަލޭގެ ފޮތުގެ ސޮޕްހާތަށް ނިންމަން އެބަޖެހޭ ..އަހަރެން ކަލޭގެ ފޮތުގެ ކަންތަކެއް ކަލެއަށް ކޮށެއްނުދޭނަން. ކަލެއަށް ހޮސްޕިޓަލްގެ ހުދުހެދުން ރީތިވީކަން މަށަށް ޔަޤީން..ދެން ތެދުވޭ ހީނާ”
އެތަނުގަ ހުރި ނަރުސް ކުއްޖާ ވެސް ޑިޔުޓީ ނިންމާލާފަ ދާން ހިނގައިގަންނަމުން ހީލާފަ އުލްފަތު ކާރީ ދަނީއޭ ބުނަމުން އެތަނުން ދިޔައީއެވެ. އެވަގުތު އޭނާގެ ބަދަލުގަ އެހެންނަރުސް ކުއްޖަކު އެތަނަށް އައެވެ.
ހައެއްޖެހިތަނާ އުލްފަތު ތެދުވިއެވެ. އަދި ނަރުސް ކުއްޖާ ކާރީ ދަނީއޭ ބުނެލާފަ ހޮސްޕިޓަލުން ނުކުމެ ކާރަށް އެރާފަ ކާރުގެ ފަހަތު ސީޓްގައި ލެނގިލިއެވެ…އޭނާއަށް ހޮޓަލަށް ދެވުނު އިރު ފޮޓޯ ނަގާމީހުންނާ ތަފާތު ނޫސްވެރިން އެތާ ކާރީ ތިއްބެވެ..
އެހެންމީހުންވެސް އުލްފަތު ހޮޓަލަށް އަންނަންދެން އެތަނުގަ ތިއްބެވެ.
އެހެންމީހުންވެސް އުލްފަތު ހޮޓަލަށް އަންނަންދެން އެތަނުގައި ތިއްބެވެ. އެމީހުން ހީނާ ނުލިބިއްޖެއްޔާ ހީނާގެ ކުދިންގެ އިންޓަވިއު ނަމަވެސް ލިބޭތޯ މަސައްކަތް ކުރާނެއެވެ. މިޢީދަކީ އެމީހުންނަށް އުފާވެރި ޢީދަކަށް ހެދޭތޯ އުލްފަތު މަސައްކަތް ކުރާނެއެވެ. އުލްފަތު މިހާރުވެސް އޮތީ ކުޑަ ހަފްލާއެއް ހިލްޓަންގައި އޮގަނައިޒް ކޮށްފައެވެ. ތަފާތު ފޮނި ކާއެއްޗެތި އޭނާ އޯޑަރު ކުރިއެވެ. ބައެއްފޮނި ކާތަކެތި ހޯދަންވެސް އެހިސާބުން އުނދަގޫވާނެއެވެ. ޢީދުގެ އެހަފްލާއަށް އުލްފަތު އޭނާގެ ލޯބިވެރިޔާއަށްވެސް ދަޢުވަތު ދިނެވެ. މާޝްމެލޯ ކަހަލަ ފޮނި ކާތަކެތިވެސް އޭނާއަށް އެހަފްލާއަށް ފޮނުވަދިނީ އޭނާގެ ލޯބިވެރިޔާ އަސްލަމް އެވެ. އަސްލަމަކީ ރިސޯޓެއްގައި ޕޭސްޓްރީ ގައި މަސައްކަތް ކުރާ ޝެފެކެވެ. ފަސޭހަކަމާއެކު ފޮނި ކާތަކެތި އޭނާއަށް ލިބެއެވެ. އަސްލަމް ވެސް ހީނާއަށް ވަރަށް ރަނގަޅެވެ. ހީނާއަށް ހެޔޮ ދުޢާކުރެއެވެ. ކޮންމެ ދުވަހަކު ގުޅާ ހީނާގެ ހާލު ބަލާ ހަދައެވެ. އުލްފަތު އާއި އޭނާ ދައްކާ ގިނަވާހަކަ ތަކަކީ މުޅިންވެސް ހީނާގެ ވާހަކައެވެ.
އުލްފަތު އޭނާގެ ވަޒީފާދެކެ ވަރަށް ލޯބިވާކަން އަސްލަމް އަށް އެނގެއެވެ. އެހެންވެ ކައިވެނީގެ ވާހަކަ އަސްލަމް އުލްފަތު ކާރީ ނުދައްކައެވެ. ހީނާދެކެ އުލްފަތުވާ ލޯބި ވަރަށް ރަނގަޅަށް އަސްލަމް އަށް އެނގެއެވެ. ކައިވެންޏަށް އުލްފަތު އަމިއްލަޔަށް ތައްޔާރުވެގެން ބުނަންދެން އެ މައުޟޫއަކީ އެމީހުން ނަގާ މައުޟޫއެއް ނޫނެވެ.
އުލްފަތު ރޫމަށް އައިސް އެންމެންނާ ބައްދަލު ކުރިއެވެ. ހުރިހާ އެންމެންތިބީ ރަނގަޅު މޫޑެއްގައި ކަން އޭނާއަށް އެނގުނެވެ. އެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރީ އެންމެން އެއްކޮށެވެ. އެތާނގެ އެންމެ ބޮޑު ރެސްޓޯރެންޓުންނެވެ. މުޅި ދުވަހުވެސް ކުދިންނާ ޔާސިރު ވަރަށް ގިނަ ކަންތައް ކުރިއެވެ. އަމުދުން މިހާރު މިޑިނަރ އިންވެސް އެމީހުން ވަރަށް އުފާވިއެވެ. އުލްފަތު އޮތީ ތަފާތު ޕޮރުގުރާމްތައް ހަދާފައެވެ. ތާނިޔާ އަށް މަސާޖަކާއި މެނިކިޔުލް އެޕޮއިންޓްމަންޓެއްވެސް ހަދާފައި އޮތެވެ. ތާނިޔާ ލިބުނު ރަނުގެ ފުރުސަތު ގައި އޭނާ ރަނގަޅަށް ޝޮޕިން ކުރިއެވެ. ހައެއްކަ ފައިވާންވެސް ގަތެވެ. އަދި އޮޑެލް އިން އަގުބޮޑު ދެތިން ހެދުން ވެސް ގަތެވެ. އަދި ހީނާއަށް ވެސް ހެދުން ގަތެވެ. ޒުންނޫން ޝޮޕިން ކުރުމަށް ވަރަށް ފޫހިވެއެވެ. އެކަމަކު އޭނާ ތާނިޔާ އާއި އެކު ހުރިހާ ވަގުތެއް ހޭދަ ކުރިއެވެ. އަދި އޭނާއަށްވެސް ދެތިން ޓީ. ޝާރޓް ގަތެވެ. ޔާސިރުވެސް އޭނާއަށް ހެދުން ގަތެވެ، ޖީންސަކާއި ދެތިން ގަމީހެވެ. އަދި އެމީހުން އެއްކޮށް މޫދަށްވެސް ދިޔައެވެ. ހަވީރު އުލްފަތު އައިއިރު އެމީހުންތިބީ ވަރަށް ތާޒާ ވެލައިގެން ރަނގަޅު މޫޑްގައެވެ. އަދި އުލްފަތުއަށް އެމީހުން ޝުކުރު އަދާކުރިއެވެ. އެމީހުން ހޮސްޕިޓަލްގެ ޙަބަރުވެސް ބަލާލިއެވެ. ނަރުސްކުދިން ބުނީ އިތުރު ބަދަލެއް ނައަންނަ ކަމަށެވެ. އެންމެން އެރޭ ނިދާލަންދިޔައީ ހިތްހަމަ ޖެހުމާއެކުގައެވެ.
އުލްފަތުގެ ފޯނު ރިންގު އަޑުއިވުމާއެކު އޭނާ ފުންމާފައި ތެދުވިއެވެ.. ހޮސްޕިޓަލުން ކަމަށް ހީކޮށެވެ. އެއީ ޔާސިރުގެ ފޯނުކޯލެކެވެ. ހެނދުނު ހެނދުނާ ހޮސްޕިޓަލުން ގުޅީއެވެ. ހޮސްޕިޓަލުން ގުޅީ ޔާސިރުގެ ނަމްބަރަށެވެ. ޔާސިރު، އުލްފަތު އަށް ގުޅުމަށް ފަހު ފޯނު ހިފަހަށްޓައިގެން ފޯނުން ވާހަކަ ނުދެއްކިގެން އުޅުނެވެ. އޭނާއަށް ރޮވެނީއެވެ.
“އުލްފަތު … އުލްފަތު… ހީނާ..ލޯހުޅުވާފި. އެކަމަކު އަދި ވާހަކަ ނުދެއްކޭ..އޭނާ ޑޮކްޓަރާ ދިމާލަށް ބަލާލިޔޯ އަދި ….”
“ޔާ ﷲ …ޔާ ﷲ ހަމަ ރަގަޅަށްތަ..” އުލްފަތު ޔާސިރުގެ ވާހަކަ މެދުކަނޑާލާފައި ބުނެވުނީ މިހެންނެވެ.
“އަޅުގަނޑު މިދަނީ ދާން.. އަންނާނަންތޯ އަޅުގަނޑާއެކު.. ކުދިވެރިން އަދި ތިބީ ނިދާފައި” އުލްފަތު ގިސްލަމުން ވާހަކަ ދެއްކިއެވެ.
“އަހަރެން އަދި ކުދިންނަށް ގުޅާފައި ބޭނުމެއްނޫން ބުނަން، އަހަރެން އަމިއްލަޔަށް ގޮސް ބަލާފައި އެކުދިން ގެންދާނީ އެކުދިންނަށް އުންމީދެއް ދޭކަށް ނުވާނެ.”
ހީނާ ލޯ ހުޅުވާއިގެން ދޮރު ހުޅުވުމާއެކު ދޮރާދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނާގެ ލޮލުގައި އެތައް ސުވާލެއް އުފެދިފައި ހުރި ކަހަލައެވެ. ނުވެސްދަންނަ ބަޔާކާ ދިމާލަށް ބަލާ ކަހަލަ ގޮތަކަށް އޭނާގެ ހަރަކާތުން ދޭހަވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Thiya kuraa hiyvarah saabas dhn…?