ކާމިޔާބު އަންހެނާ 7
ކާމިޔާބު އަންހެނާ 7
މިއަދު ހީނާއެވަނީ ހޮސްޕިޓަލްގައި މަރާ ހަނގުރާމަ ކުރާމީހެއްގެ ގޮތުގައެވެ. އެވެސް މިއޮތްހާ ދުވަހު ގޮތްނޭނގޭ މީހެއްގެ ގޮތުންނެވެ.
“މިއީ މަގޭ ވައިފް…” ޔާސިރު ނަރުސްކުއްޖާއަށް ބަލާލާފައި ބުނެލިއެވެ.
“އައިމް ސޮރީ..އަހަރުންމެންނަށް މީނާ ހަމަ ނޭނގުނީ..”
ޑޮކްޓަރ ޔާސިރުގެ ބުރަކަށީގައި ފިރުމާމާލަމުން ބުނެލިއެވެ.
“މީނާގެ އެއްވެސް ޑޮކިޔުމެއްޓެއްނެތް..މީކާކުކަން އެނގޭ އެއްވެސް ލިޔުމެއް ނުލިބުނު..މޫނުވެސް ހުރީ މާބޮޑަށް އަނދާފައި އެހެން ވުމުން ކަންނޭނގެ އަސްލު ކާކުކަން ނޭނގުނީ”
“އާނ އަހަރެއްނަށް އެނގޭ އޭނާގެ ޕާސްޕޯޓާއި ދަބަސް ބާއްވާފަ ނިކުތީ .. ބައެއްފަހަރު އެގޮތަށް އޭނާ ދޭ.. އަހަރެން އޭނާ ކާރީ އަބަދުވެސް ބުނަން ކޮންމެވެސް އައިޑީކާރޑް ހިފައިގެން ބޭރަށް ދާއިރު ދާށޭ އެންމެ ބޮޑު ކަންތަށް މިދިމާވިއިރު އެތައް ޒަމާނެއްވަންދެން މިއޮތީ ކާކުކަން ނޭގިފަ.. އެކަމަކު މިއީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފިލްމްސުޓާރެއް..”
ޔާސިރު ބެދިފައިވާ އަޑަކުން ޑޮކްޓަރ އާއި ވާހަކަދައްކަމުން ދިޔައެވެ.
“ހަމަ ރަނގަޅަށްތަ؟؛… ޑޮކްޓަރ ހައިރާންވެފަ އަހާލިއެވެ. މީނާ ގެ އަސްލު ނަމަކީ ކޮބާ..”
“ޑޮކްޓަރ މިއީ ހީނާ ވަލީދު މުޅިރާއްޖެއަށް މަޝްހޫރު ފިލްމްސުޓާރެއް. ތިންފަހަރު މަތިން އެންމެ މޮޅު އެވޯޑު ހާސިލް ކޮށްފައިވާ ސުޓާރެއް… އެކަމަކު އަހަރެން ބޭނުމެއްނޫން މިކަންތައް މީޑިޔާ މީހުންނަށް އެނގޭކަށް.. ކަމަކާ ނުލާ އެމީހުން މިވާހަކަ ނޫހުގައި ޖަހާފާނެ.. ދުރުގައި ތިބި އަހަރެމެންގެ ކުދިންނަށް މިކަމުން ފުންއަސަރެއް ކުރާނެ، އެހެންވެ އަދި މީކާކުކަން ސިއްރު ކޮށްދިނުން އެދެން.. އަހަރެންބޭނުމީ އަހަރެމެންގެ ކުދިންނަށް އަހަރެންގެ ފަރާތުން މިހަބަރު ލިބުން ނޫހުގެ ފަރާތުން ނުވަތަ ޓީވީ އަކުން ނޫން..”
ޔާސިރު ކަރުނަ ފޮހެލަމުން ޑޮކްޓަރ ގެ އަތުގައި ހިފާފައި ބުނެލިއެވެ.
” ޔަގީނެއްނު.. ތިކަންތައް ވާނީ މުޅިން ސިއްރު ކޮށްފަ..”
ކާރީގައި ތިބި ނަރުންވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
” ހީނާގެ ނަމުގެ ބަދަލުގައި އަހަރެން ބޭނުމީ މިސިޒް ޔާސިރު ޖެހުން އޭރުން ގިނަމީހުންނަށް ނޭނގޭނެ”
ޔާސިރު ޑޮކްޓަރ ކާރިން އެދުނެވެ. ކޮންމެވެސް ޒަމާނެއްގައި އެނަމަކީ ހީނާ ބޭނުން ކުރި ނަމެއްވީއްޔާއެވެ. ރާމިޒް އާއި ކައިވެނި ކުރިޔަސް އޭނާ ދުވަހަކުވެސް މިސިޒް ރާމިޒް އޭ ކިޔާފައި ބޭނުމެއް ނުކުރެއެވެ.
މިހާރު އެއްވެސް އެއްޗެއް ވިސްނޭވަރެއް އޭނާގެ ސިކުނޑީގައި ނެތެވެ. އެހެންވީމާ ނަމަކުން ވަކި ވާނީ ކޮންކަމެއްބާއެވެ. ޔާސިރު ފުންކޮށް ނޭވާލިއެވެ.
“އަދިވެސް އަހަރުމެންނަށް ނޭނގޭ އޭނާގެ ސިކުނޑީގެ އިންޖަރީ ހުރީ ކިހާވަރަކަށް ކަމެއް، ހީވާގޮތުން ފާއިތުވި ދެގަޑިއެއްހާއިރު ތެރޭ ކުޑަކޮށް ރަނގަޅުހެން ލަފާކުރެވޭ ސިކުނޑިއާ ގުޅިފައިވާ ތަނުން އެބަދުޅަކަން ކުޑަވާހެންހީވޭ ސުކޭންއިން ދައްކާ. އެކަމަކު އަދި އެއްޗެކޭ ބުނަން މާއަވަސް، ކޮންމެ ގޮތެއްވިޔަސް ކޯމާއިން ހޭލެވުނީމަ އެނގޭނީ އަސްލުވެފައިވާ އެތެރޭގެ އިންޖަރީތަށް”
ޑޮކްޓަރ ޔާސިރުއަށް ހީނާގެ ފައިލް ދައްކަމުން ކިޔާދިނެވެ.
ޔާސިރު ހީނާ ކާރީ އިށީދެގެން އިނދެ ވިސްނަމުންދިޔައެވެ. ކުދިން ކާރީ ބުނާނީ ކީކޭބާވައެވެ. އެކުދިން ތިބީ އިންޑިޔާގައެވެ. މިހާލުގައި ހީނާ އޮވެ ނިޔާވެއްޖެއްޔާ އަދި މާހިތާމަވެރިއެވެ. ޔާސިރު މޫނުގައި އަތްއަޅާފައި ހިމޭންކަމާއެކު ރޮމުން ދިޔައެވެ.
“ޔާﷲ ހީނާއަށް ޝިފާ ދެއްވާނދޭ…”
ޑޮކްޓަރުންނާ ދެނަރުހުން އަދިވެސް މަސައްކަތް އެކުރަމުންދަނީ ހީނާ ކޯމާއިން ހޭލައްވާށެވެ. އަދި ނޭވާލައްވާށެވެ.
“އަހަރެމެންނަށް އިތުރަށް ކުރެވޭނީ ކޮންކަމެއް ޑޮކްޓަރ” މާޔޫސްވެފައިވާ އަޑަކުން ޔާސިރު އަހާލިއެވެ.
“މިއީ ކާކުކަން ކޮންތާކު މީހެއްކަން ނޭނގޭ އިރުވެސް އަހަރެމެން ކަންތައް ކޮށްފައިވާނީ އަހަރެމެންނަށް ވީއެންމެ ރަނގަޅަށް، ދެންއޮތީ ކަލޭމެންގެ އަތްމަތީގައި ﷲއަށް ދުޢާ ކުރޭ.. މީނާ ސަލާމަތްވުން އެއީ މުޢުޖިޒާތަކަށްވުރެ ކުޑަކަމެއްނޫން. އެހާވެސް އޭނާއަށް އެއޮތީ ބޮޑުވަރުވެފަ”
“އިތުރު ސާޖަރީއެއް އިންނާނެތަ ދެންކުރަން؟” ޔާސިރު ހީނާގެ ބޮލުގައި ފިރުމާލަމުން ޑޮކްޓަރ ކުރެން އަހާލިއެވެ.
“އަހަރެންނަށް ހީވަނީ ކޯމާއިން ހޭލެވެންދެން އެއްޗެކޭ ބުނުން ރަނގަޅެއް ނޫންހެން. މިކޮޅުންވެސް ދެމުން މިގެންދަނީ އެންމެ ރަނގަޅު ފަރުވާ ދުނިޔޭގެ ކޮންމެ ތާކަށް ދިޔަނަމަވެސް މިހާލަތުގައި ހެދޭނެ މާގިނަގޮތްތަކެއް ނުހުންނާނެ އެކަމަކު ކަލޭމެން ބޭނުންކަމަށްވާނަމަ ލަންކާ ހޮސްޕިޓަލް އެބަހުރި. ޓުރާންސްފަރ ކުރެވިދާނެ. ”
ހިލްޓަންހޮޓެލް މެނޭޖަރ އޮތީ ޔާސިރު ކާރީ ނަވަލޯކާގެ ޙިދުމަތްތަކުގެ ވާހަކަ ދައްކާފައެވެ، އަސްލުވެސް ހީނާއަށް އެތަނުން މިހާރުވެސް އަދި ކުރިންވެސް ލިބެމުންދިޔައީ އެންމެ ރަނގަޅު ފަރުވާއެވެ.
” އަހަރެން މިދަނީ ހޮޓަލަށްދާން ކުދިންނަށްވެސް ގުޅާފައި އެއްޗެކޭ ބުނެވޭނީ އަހަރެންނާ ގުޅޭނެ ހިލްޓަން ރޫމް 228 އިންވެސް އަދި މޮބައިލް ނަންބަރުންވެސް. ކިރިޔާ ބަދަލެއް އަޔަސް އަންގަވަންވާނެ”
ނަރުސް ކުދިން ޔާސިރުގެ ނަމްބަރ ހީނާގެ ފައިލްގައި ލިޔެލިއެވެ. އަދި ފައިލްގެ ނަމުގައި މިސިޒް ޔާސިރު ޖަހާލިއެވެ.
“މިކަންތަށް މީޑީޔާ އަށް ނޭގޭނެ އިތުބާރު ކުރައްވާތި” ހިނިތުންވެލާފައި ޑޮކްޓަރ ޔާސިރު އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ
“މިހާތަނަށްވެސް ތިޔަބޭފުޅުން ކުރެއްވި ކަންތަކަށް އަޅުގަނޑު ޝުކުރުވެރިވަން. ” ޔާސިރު ލޯފޮހެލަމުން ބުނެލިއެވެ.
ޔާސިރު ހީނާއާއި ދިމާލަށް އެނބުރުނެވެ. ނަރުސްކުދިން އެއްފަރާތަކަށް ޖެހިލިއެވެ. ޔާސިރު ހީނާގެ މޫނާއި އޭނާގެ މޫނު ކާރިކޮށްފައި ނިންމަތީގައި ބޮސްދިނެވެ.
“ހީނާ… އައި ލަވްޔޫ… ތާނިޔާ އާއި ޒުންނުވެސް ހީނާދެކެ ވަރަށް ލޯބިވޭ… ޕުލީސް ވޭކްއަޕް…މަގޭ..ހީނާ”
އޭނާ އާއި ހީނާގެ ހަޔާތުގެ ހިތްދަތި ދުވަސްތައް އޭނާވަނީ ހަނދާންނައްތާލާފައެވެ. މިހާރު އޭނާ ހަނދާނަށް އަންނަމުންދަނީ ލޯބިން އެމީހުން އުޅުނު ދުވަސްތަކެވެ. އަދި އެދެމީހުން ބައްދަލުވިޔަސް ދުވަހަކުވެސް ވެދިޔަ ދުވަސްތަކުގެ ގޯސްވާހަކައެއް އެމީހުންނުދައްކައެވެ. އަބަދުވެސް އެދެމީހުން ދައްކާފައިވާނީ ވެދިޔަ އުފާވެރި ދުވަސްތަކުގެ ވާހަކައެވެ. ހީނާއަކީ ކިހާ ވަފާތެރި ލޯބިވެތި އަންބެއް ހެއްޔެވެ. މިއަދު އޭނާ އެދަނީ އޭނާގެ އަމިއްލަ މަރާ ހަނގުރާމަ ކުރަމުންނެވެ. ޔާސިރު ހިތާމަޔާ އެކު ފުންނޭވާއެއްލިޔެވެ. އޭނާ މިއަދު ހިއްވަރުގަދަ ކުރަން ޖެހޭނެއެވެ. ދެކުދިންނާ ހީނާއަށްޓަކާވެސް މެއެވެ. ޔާސިރު ގޮނޑިން ތެދުވިއެވެ، ހޮސްޕިޓަލުން ނިކުމެގެން މަޑުމަޑުން ހިނގަމުން ދިޔައެވެ. ހިމަފޮދު ވާރޭ ވެހެމުންދިޔަކަމެއްވެސް އޭނާއަށް ނޭނގުނު ކަހަލައެވެ. އޮޓޯތައް އޭނާ ކާރިޔަށް މަޑުކުރަމުން ދިޔައެވެ. އެހެނަސް އޭނާ އަޅައެއްނުލައެވެ. ވާރެޔާ ތެމިފޯވެގެން އެންމެފަހުން އޭނާ އޮޓޯއަކަށް އެރިއެވެ. ޑުރއިވަރު ކާރީ ހިލްޓަން އަށް ދާންބުނެފައި އޭނާ ލޯމަރާލިއެވެ. ތެދެކެވެ. މިއީ އޭނާގެ ޙަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޙާއްސަކޮށް ހީނާއަށް އެހެންދިމާވުން އޭނާމުޅިން ބަލިކޮށްލިއެވެ. ތާނިޔާ އާއި ޒުންނޫން ކާރީ އޭނާ ބުނަންވީ ކީކޭ ބާވައެވެ. ފަށާނީ ކީކޭ ކިޔާފައި ބާވައެވެ. އޭނާ ފޯނު އަތަށް ނަގާފައި އުލްފަތުގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އުލްފަތު އެންމެ ފުރަތަމަ ރިންގާ އެކު ފޯނަށް ޖަވާބު ދިނެވެ. ހީވާގޮތުން އުލްފަތު ހުރީ ފޯނު ހިފަހައްޓައިގެންނެވެ. ޔާސިރު ގުޅުން ލަސްވެގެން އޭނާހުރީވެސް ކަންބޮޑުވެފައެވެ.
“ހޮސްޕިޓަލުގައި އޮތީ ކާކުތޯ؟ ހީނާގެ އެއްވެސް ޙަބަރެއްވެއްޖެތޯ؟” އުލްފަތު ފޯނު ނެގިގޮތަށް ނަގާފާ ހަލޯ އޭވެސް ނުބުނެ އެތައް ސުވާލުތަކެއް އެއްފަހަރާ ޔާސިރު އާއި ކުރިއެވެ.
“ހޮސްޕިޓަލްގައި އޮތީ… އޮތީ…. ހީނާ..” ޔާސިރު ފިސްވެފައިވާ އަޑަކުން ބުނެލިއެވެ.
“ސުބުހާﷲ ކިހިނެއްތޯ އޭނާގެ ޙާލު” އުލްފަތު ރޮމުން ވާހަކަދެއްކިއެވެ.
“ރަނގަޅެއްނޫން… ނޭވާވެސް ލަނީ ރެސްޕިރޭޓަރ ބޭނުން ކޮށްގެން… ކިރިޔާ ދުނިޔޭގައި އޮތްކަން. ބޮލަށްލިބުނު ގެއްލުމުގެ ސަބަބުން ކޯމާއަށް ދިޔަގޮތަށް…. އަދި ހޭވެސް ނާރާ.. ޑޮކްޓަރުން ބުނަނީ ކޯމާއިން ހޭލެވެންދެން އިތުރު އެއްޗެކޭ ބުނަންދަތިކަމަށް އެތެރެހަށްޓަށް ލިބިފަވާގެއްލުން އަދި ބުނާން ނޭނގޭ ކަމަށްވެސް ޑޮކްޓަރ ބުނި..”
“އަޅުގަނޑު މާދަމާގެ އެންމެ ފުރަތަމަ ފުލައިޓުން އަންނާނަން…ކުދިންނަށް ގުޅައިފިންތޯ؟”
“ނޫން ..އަހަރެން އަދި ކުދިންނަށް ނުގުޅަން. ހޮޓަލަށް ދާމަގުމަތީ މިހިރީ މިހާރު ހޮޓަލަށް ގޮސް ގުޅާލާނަން.”
“އަޅުގަނޑު ހުންނާނީ ހީނާގެ ކޮޓަރީގައި ދެހަފްތާއަށް ޕައިސާވެސް މާކުރިން އޮންނާނީ ދައްކާފަ ”
“އަހަރެންވަކި ރޫމެއް ހިފާފަވާނީ އަދި ކުދިންނަށް ރޫމެއް ހޯދާނަން އެތަނުން ހަމަ.. އަހަރެންނަށް އެނގޭ މިއީ އަހަރެމެން ކޮންމެ ބަޔަކަށް ހިތްދަތި އުނދަގޫ ވަގުތެއްކަން އެކަމަކު ހިތްވަރާއެކު މިމަރުހަލާގައި ވެސް ފޭސް ކުރަންޖެހޭނީ”
ޔާސިރު ފުންނާވާއެއްލަމުން މިހެންބުނެލާފައި ފޯނު ބޭއްވިއެވެ.
“ސީ ޔޫ ޓުމޯރޯ” މިހެން ބުނެލާފައި އުލްފަތުވެސް ފޯނު ކަނޑާލިއެވެ.
އަސްލު އުލްފަތު މިހާރު އަޔަސް ކުރެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ. މިވަގުތު ހީނާއަށް ބޭނުންވަނީ އެސިސްޓެއްނޫނެވެ. ހެޔޮދުޢާ އެވެ. އުލްފަތުއަކީ ހީނާގެ އެސިސްޓެންޓަކަށްވުރެ ގާތް އެކުވެރިއެކެވެ.
ޔާސިރު އޭނާގެ އޮފީހަށް ގުޅިއެވެ. އަދި އޭނާގެ ކުރިޔަށް އޮތް ހަފްތާގެ ހުރިހާ އެޕޮއިންޓުތައް ކެންސަލް ކުރިއެވެ. ލަންކާގައި އޭނާ ވާނީ އަދި ކިހާދުވަހެއް ކަމެއް ޙުދު އޭނާއަށްވެސް ނޭނގެއެވެ.
“ހިޔެއްނުވޭ އަވަހަށް އަހަރެންނަށް އާދެވޭނެ ހެން އެހެންވެ މިއަންގާލީ”
“އެހެންވެއްޖެއްޔާ ހޮސްޕިޓަލްގައި އޮތީ ހީނާތޯ؟”
ޔާސިރުގެ ސެކްރެޓަރީ އަހާލިއެވެ. އޭނާއަކީ ވެސް ހީނާގެ ވަރަށް ބޮޑު ފޭނެކެވެ.
“ހޫނ.. އެއީ ހީނާ އަދި ވަރަށް ހާލުދެރަވެސްމެ.. އަހަރެން ކުދިންނަށް ގުޅާފައި މިކޮޅަށް ގެންނާނީ އެކަމަކު މިވާހަކަ އަދި މީޑިޔާ އާއި ހިއްސާ ނުކުރާތި”
ޔާސިރު ކަރުނަވީ އަޑަކުން ބުނެލިއެވެ.
“ވަރަށް ދެރަވެއްޖެ.. ސަރ މިކޮޅު ކަންތަކާ ފިކުރު ނުކުރައްވާ އަޅުގަނޑު ހުރިހާ އެއްޗެއް ދުވަހުން ދުވަހަށް މެއިލް ކުރާނަން”
“ތެންކިޔު ” މިހެންކިޔާލާފައި އޭނާ ފޯނު ކަނޑާލިއެވެ. އޭނާއަށް ހިލްޓަން ހޮޓަލް އާދެވުނީ ގަޑިއެއް ހާއިރުންނެވެ.
ހިލްޓަން އިން އެންމެ ފުރަތަމަ އޭނާއާއި ބައްދަލު ކުރީ ފޯނުން އޭނާއާއި ވާހަކަ ދެއްކި މެނޭޖަރ އެވެ. އޭނާ ހުރީ ވަރަށް ސާދާ ކޮށް ޔުނިފޯރމް އަޅައިގެންނެވެ. އަދި ޔާސިރު އަށް އޭނާ ދިން ވެލްކަމް ވެސް ވަރަށް ޙާއްސަ އެވެ. އެންމެ ފުރަތަމަ ވަގުތުވެސް އޭނާ ޔާސިރު އަށް ގުރީޓް ކުރީ ޔާސިރުގެ ނަން ބޭނުންކޮށްގެންނެވެ. ޔާސިރު ހިލްޓަން އައި މީއީ ފުރަތަމަ ފަހަރެވެ. އެކަމަކު އެތަނުން އެއްވެސް ބީރައްޓެހިކަމެއް އޭނާއަށް ޢިހްސާސެއް ނުވެއެވެ. ކޮންމެ މީހެއްވެސް ވަރަށް ފަރިތައެވެ.
“އެއީ ހީނާ ދޮގެއްތޯ؟”
މެނޭޖަރ އަހާލިއެވެ
“ލައްބަ އެއީ ހީނާ .. ވަރަށް ބޮޑުވަރުވެފައި އޮތީވެސް”
“އަޅުގަނޑުމެންގެ ތިންވަނަ ފްލޯ އެއްކޮށް ހުންނާނީ ފެމިލީ މީހުން ތިބޭގޮތަށް ހަދާފައި އެކޮޅު ރެޑީވެސް ކޮށްފައި ހުންނާނީ”
ޔާސިރު މެނޭޖަރާއި އެކު ފުރަތަމަ ފުލޯޔަށް ދިޔައެވެ. އެދިޔަ މަގުމަތީ މެނޭޖަރ ޔާސިރުއަށް ހީނާގެ ރޫމް ދައްކާލިއެވެ. އެރޫމާއި ދިމާލަށް ބަލާލާނެ ހިތްވަރެއްވެސް ޔާސިރުގެ ނެތެވެ. އޭނާ ކުރިޔަށް ދިޔައެވެ. ހިމޭން ކަމާއެކުގައެވެ. އޭނާގެ ކޮޓަރިއަށް ވަނުމާއެކު ގޮނޑިމައްޗަށް އޭނާ ދެމުނެވެ.
“ކާން އެއްވެސް އެއްޗެއް ބޭނުންފުޅުތޯ؟ ދޮރު ހުޅުވާލަމުން މެނޭޖަރ އަހާލިއެވެ ބޭނުން ނޫނޭ ބުނާގޮތަށް ޔާސިރު ބޯހަލުވާލަމުން ލޯމަރާލިއެވެ. މެނޭޖަރ ދޮރުލައްޕާލާމުން ހިނގައްޖެއެވެ. ޔާސިރު ހަމައެގޮތަށް އިރިކޮޅެއްވަންދެން އޮވެލާފައި ބޯހިއްލާ މޭޒް މަތީގައިވާ ފޯނަށް ބަލާލިއެވެ. މިހާރު އޭނާ ޒުންނޫން އާއި ތާނިޔާއަށް ގުޅަންވީއެވެ. އެމީހުންނަށް އަންގަން މުހިންމެވެ. ކިތަންމެ އެމީހުން ދެރަވިޔަސް ކުރާނެކަމެއްނެތެވެ.
އެމީހުންނަށް އާދެވެންވެސް ހީނާ ދުނިޔޭގައި އޮތުމާމެދު ޝައްކެވެ. އެންމެ ކުރިން ޒުންނޫރު އަށް އޭނާގުޅާނީއެވެ. ތާނިޔާ އަށް އަންގާނީ އޭގެ ފަހުންނެވެ
“ހަލޯ.. ޒުންނު .. ބައްޕަ މިހިރީ ލަންކާގަ”
“އެހެންތަ ކޮންއިރަކު ލަންކާ އަށް ދިޔައީ..ލަންކާ ބިޒްނަސް ކިހިނެއްތޯ؟ ބައްޕާ.. ކުރީ ދުވަހު މެނޭޖަރަށް އަޅުގަނޑު ގުޅީމޭ ޝިޕްމެންޓެއްގެ މައްސަލަ އޮތީމާ..ގުޅީވެސް އެކަމަކު އޭނާ އެކަންތަށް އޯކޭ ކޮއްލި.. ބައްޕަ ކިހާދުވަހެއް ވާނެތޯ ތިކޮޅުގަ ވަރަށް ފަހުން ލަންކާގަ ހުރެފަ އަޅުގަނޑު މިއަދު އިންޑިޔާއަށް މިއައީވެސް”
ޒުންނޫން ގެ މަސައްކަތާ ހިތްވަރުގަދަކަން ޔާސިރު އަށް އެނގެއެވެ. ބިޒްނަސް ހުރިހާ ކަމެއްގައި ޒުންނޫން އަކީ އެއްވަނަ އެވެ.
“ތިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ އެކުން ބައްޕަ…..ޒުންނޫން….” ޔާސިރުއަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. އެވާހަކަ ފަށަންވީގޮތެއް އޭނާގެ ވިސްނުމަށް ނައެވެ. އަނެއްކޮޅުން ޒުންނޫން ހާސްކަމާއެކު ހަލޯ ހަލޯ ގޮވަމުން ދިޔައެވެ. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އޭނާއަށް އިހްސާސްވިއެވެ.
“ބައްޕަ ލަންކާގަ ކީއްތޯ ތިކުރައްވަނީ އަނެއްކާ ކިހިނެއްތޯވީ؟”
“ހީނާ… އެކްސިޑެންޓެއްވެފަ ވަރަށް ހާލުދެރަ މިވަގުތު ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ..އޮތީ”
” އޯ މައި ގޯޑް ބައްޕާ. މަންމަ ރަނގަޅުތަ ލަންކާގަ މީގެ ދެހަފްތާކުރިން ބޮމެއްގޮވި އެދުވަސްކޮޅު އަޅުގަނޑު ބިޒްނަސް ކަމެއްގަ ލަންކާގަ ހުރިން އިންޑިޔާއަށް މިއައީ މިއަދުގެ ފުލައިޓުން”
“ބައްޕަ އަށްވެސް ތިބޮމުގެ ހާދިސާގެ ޙަބަރު ލިބުނީ މީގެ ހަތަރު ވަރަކަށް ގަޑި ކުރިން ދެން މަންމަ ކޮބާތޯ ބަލާލިއިރު މަންމަ ވެސް ލަންކާގަ ކަން އެނގުނީމާ ވަރަށް ކަންބޮޑުވި އެވެސް މަންމަ އެކަނި ލަންކާ އަށް ދިޔައީ ބޮމުގެ ހާދިސާ ދުވަހަކީ މަންމަ ލަންކާއަށް ދިޔަ ދުވަސް އަދި އެވަގުތު މަންމަވީ އެބޮންގޮވި ހާދިސާ ހިނގިތާ ކާރީ..ކަމަށް ވަނީ ކާކު ކަން ނޭނގި މިއޮތްހާދުވަހު މަންމަ ހޮސްޕިޓަލްގަ އޮތީ.. މިއަދު ބައްޕަ މިކޮޅަށް އައިމަ އެނގުނީ”
މިޙަބަރުވީ ޒުންނާންގެ ކުރިމަތީ ގަނޑުވަރެއް ފުނޑު ފުނޑުވި ކަހަލަ ޙަބަރަކަށެވެ.
” މަންމަ ރަނގަޅުވާނެތަ …” ރޮމުން ރޮމުން ޒުންނޫން އަހާލިއެވެ.
“އުއްމީދު ކުރަން ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން ވަރަށް މަސައްކަތް އެބަކޮށްދެއްވާ. މިވަގުތުވެސް ނޭވާ ލަނީ ރެސްޕީރޭޓަރީ މެޝިންގެ އެހީގަ”
ޔާސިރު ބޭނުމެއް ނޫން ޒުންނު އަށް ޝޮކެއް ލިބޭކަށް އެހެންވެ ހުރިހާ ވާހަކައެއް އޭނާ ކިޔާދިނީއެވެ.
” ބައްޕަ ތާނިޔާ ކާރީ ބުނެފިންތަ؟ އަހަރެން މިވަގުތު މިހިރީ ޕޮންޑިޗަރީގަ މާދަމާ ދާނަން ލަންކާއަށް ޓުރިވެންޑުރަމަށް ނުގޮސް ހީވާގޮތުން ފުލައިޓެއް ލިބޭނީ ހަވީރުގަ ކަންނޭނގެ”
” އަހަރެން އެންމެ ކުރިން މިގުޅީ ޒުންނޫން އަށް ދެން މިގުޅަނީ ތާނިޔާއަށް އެމަންޖެއަށް އަންގާވާނެނުދޯ”
“ލައްބަ އަޅުގަނޑު ތާނިޔާ އަށްވެސް ޓިކެޓް އޮންލައިންކޮށް ބުކް ކުރާނަން. އޭރުން ޓިކެޓް ކޮޕީއެއް ޕުރިންޓް ކޮށްގެން އޭނާއަށް މާދަމާ އެއަރޕޯޓަށް ދެވިދާނެ.”
“ސީ ޔޫ ސޫން ސަން”
“ސީ ޔޫ ސޫން ބައްޕާ” މިހެންބުނެފަ ދެމީހުންވެސް ފޯނު ބޭއްވިއެވެ.
ދެން ޔާސިރު ގުޅީ ތާނިޔާ އަށެވެ. ތާނިޔާ ފޯނުނެގީ އިރުކޮޅަކަށް ރިންގުވި ފަހުންނެވެ. ތާނިޔާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ.
” ހަލޯ… ތާނިޔާ..”
” ހަލޯ ބައްޕާ…” ނިދިއަޑަކުން ތާނިޔާ ޖަވާބު ދިނެވެ.
“ދަރިފުޅު ނިދާފަތަ އޮތީ. އައިމް ސޮރީ …”
“ނޫން ބައްޕާ މިހެލެވުނީޔޭ. ދޮންބެވެސް ނެތީމަ ނިދިފަ އޮވެވުނީ ދޮންބެވީ ޕޮންޑިޗަރީގަޔޯ މިރޭ ގުޅާފަ ބުނި”
ޔާސިރު ހުރިހާ ވާހަކައެއް ތާނިޔާ ކާރީވެސް ބުނެދިނެވެ. ތާނިޔާ ރޯންފެށިގޮތަށް ރުއިން ހުއްޓާނުލިއެވެ.
“ބައްޕާ އަޅުގަޑު މިވަގުތު އަންނަން ބޭނުން. ދޮންބެ އަންނަންދެން މަޑެއް ނުކުރެވޭނެ…މިވަގުތުން ވަގުތަށް މަންމަ ބަލަން ބޭނުން.”
ތާނިޔާ ރޮމުން ރޮމުން ބުނަމުން ދިޔައެވެ.
ޔާސިރު ތާނިޔާ އަށް ޓިކެޓެއް އޮންލައިންކޮށް ބުކްކުރިއެވެ. ޒުންނޫން އަށް އާދެވެނީ ޖެހިގެން އައިދުވަހުއެވެ. އެއީމިވަގުތު ޒުންނޫން ހުރީ ޕޮންޑިޗަރީގައި ކަމަށްވުމުން އެތަނުން ޑައިރެކްޓު ފުލައިޓް ނެތީމައެވެ.ނަމަވެސް ފަސޭހަ ކަމާއެކު ތާނިޔާއަށް އާދެވުނެވެ.
ތާނިޔާ އަށް ލަންކާއަށް އޭދެވުނީ މެންދުރު ގަޑީގައެވެ. ޔާސިރު އޭނާ ބަލާ އެއަރޕޯޓަށް ދިޔައެވެ. ބައްޕަ ގައިގާ ބައްދާލައިގެން އެހާވަރަށް އޭނާ ރުއިއެވެ. ކާރިން ދިޔަ މީހުންވެސް އެދެމީހުންނަށް ބަލަމުން ދިޔައެވެ. ޔާސިރުގެ ލޮލުންވެސް ކަރުނަ ފައިބަމުންދިޔައެވެ.
ދެމީހުން އެއްކޮށްދިޔައީ ހޮސްޕިޓަލަށެވެ. މަންމަ އޮތް ހާލު ފެނުނީމާ ތާނިޔާ އަޑުގަދަކޮށް ރޯންފެށިއެވެ. ހަމަ އެވަގުތުތު ޔާސިރު ތާނިޔާ އެތަނުން ބޭރަށް ގެންދިޔައެވެ. އެންމެ ފަހުން އެތަނުގަވެސް އޭނާ ނުބަހަށްޓާ ގޮވައިގެން ޔާސިރު އައީ ހޮޓަލަށެވެ.
އެންމެ ފަހުން ތާނިޔާ ކޮޓަރިއަށް ލާފަ ޔާސިރު އައީ ހޮސްޕިޓަލަށެވެ. ތާނިޔާ ރޮއި ރޮއި އޮއްވާ ނިދުނީއެވެ. އޭރު އިރުއޮއްސިއްޖެއެވެ.
ރޭގަޑު ވެފަ ހުއްޓާ ޔާސިރު ހޮޓަލަށް އައެވެ. އޭރު ތާނިޔާ ގޮތަކަށް ހަމައަކަށް އެޅިއްޖެއެވެ. ޔާސިރު އޭނާ އޭނާގެ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ހެދުންވެސް ބަދަލުނުކޮށް ނުވެސް ކައި އޭނާއަށް ނިދުނީ ކުރީދުވަހު ދަތުރު ކުރަން ލީ ކޯޓު ފަޓުލޫނާވެސް އެކުގައެވެ. ހެނދުނު އޭނާއަށް ހޭލުވުނީ ހައެއްވެސް ޖަހާބޮޑުވިފަހުންނެވެ. ވަގުތުން އޭނާ ތެދުވެ ފެންވަރާ ތާޒާވެލިއެވެ. އެވަގުތަކީ ތާނިޔާވެސް ހޭލައިގެން ބައްޕަ ހޯދަން އެކޮޓަރިއަށް ވަންނަގުތެވެ. ތާނިޔާގެ ލޯވެސް ހުރީ ދުޅަވެ އަރާފައެވެ.މުޅި ރޭ އޭނާ ނުނިދާ ރުއީކަން ސާފުކޮށް އެނގެއެވެ. ތާނިޔާގެ ހާލުފެނުމުން ޔާސިރު ވަކިންބޮޑަށް ދެރަވިއެވެ.
ޒުންނޫން އާދެވުނީ ހެދުނު 10 ޖަހަން އުޅެނިކޮށެވެ. ތާނިޔާ އާއި ޔާސިރު އޭނާ ބަލާ އެއަރޕޯޓަށް ދިޔައެވެ.
ތިންމީހުން އެއްކޮށް ނާސްތާކުރީ އެއަރޕޯޓުގަ ހުރި ހޮޓަލަކުންނެވެ. ޒުންނޫންވެސް ވަރަކަށް ރޮއިފަ ހުރިކަން އޭނާގެ ލޮލުންނާ މޫނުން ދޭހަވެއެވެ. ތުނބުޅިވެސް ނުބާލާހުރިކަން ދޭހަވެއެވެ.
އުލްފަތު އަންނަންދެން އެމީހުން ހޮޓަލުގަ މަޑުކުރިއެވެ. ޔާސިރު އުލްފަތުއަށް ސޭންޑުވިޗް އޯޑަރ ކުރިއެވެ. ސައިކަންތަށް ނިމިގެން ހަތަރު މީހުން އެއްކޮށް ދިޔައީ ހޮސްޕިޓަލަށެވެ.
ޒުންނޫން ހުރީ އެންމެންގެ ތެރޭ ނުރޯންވަރަށް ހިތް ގަދަ ކޮށްލައިގެންނެވެ. އެކަމަކު މަންމަ އޮތް ހާލުފެނުމުން ކަޑާލާފަ ވެއްޓުނު ރުކެއްހެން ޒުންނޫން ރޮމުން މަންމަގެ އެނދުކާރިޔަށް ބިންމައްޗަށް ތިރިވިއެވެ. ތާނިޔާވެސް ރޮމުން ރޮމުން އުލްފަތުގެ ގައިގާ ތައްވެގެން މަންމަޔަށް ބަލަމުން ދިޔައެވެ. އެންމެ ފަހުން އެހަތަރުމީހން އެތަނުން ނިކުންނަން ޖެހުނެވެ. ވޭނީ ކަރުނަޔާއެކުގައެވެ. ކުޑަކޮށްވެސް އެމީހުން ހިތްހަމަޖެހުނީ ޑޮކްޓަރ އައިސް ހީނާގެ ހާލު ކުޑަކޮށް ރަނގަޅުވަމުންދާ ވާހަކަ ބުނީމައެވެ.
މިހާރު ރެސްޕިރޭޓަރާ ނުލާ ހީނާއަށް ނޭވާލެވެއެވެ. ޔާސިރު ވަރަށް ހިތްވަރު ކުރަމުންދިޔައެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު ކުދިން ކުރިމަތީ އޭނާ ފިނޑިވެގެން ނުވާނެއެވެ. ކުދިންނަށްވެސް ހުރި ހިތްވަރަކީ އޭނާއެވެ. ދެކުދިންގެ ގެގައިގާ ހިފަހައްޓައިގެން ވެއިޓިން ރޫމްގަ އެމިހުންތިއްބެވެ.
އުލްފަތު ބޭނުންވީ ހީނާ ކާރީ ހުންނާށެވެ. ކުދިންވެސް ބޭނުންވީ އެގޮތެވެ. ހީނާ ނުފެންނަ ހިސާބަށްދާކަށް މިއަދު އެމީހުން އެކަކުވެސް ޤަބޫލެއް ނޫނެވެ. ޔާސިރު އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެމީހުންގެ ދުޢާއަކީ ހީނާ އޭނާގެ އަމިއްލަ ގޮތުގަ ނޭވާލުމެވެ.
ރޭގަޑު ކާގަޑި ޖެހުމުން އުލްފަތު ކެންޓީނަށް ގޮސް އެންމެންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. އެމީހުން ކެއުމުގެ އެއްވެސް ޙިޔާލެއްނެތެވެ. ލަންޗު ވެސް އެމީހުން ނުނަގައެވެ.ހީނާ ކާރީ ތިބީއެވެ. ޔާސިރުގެ ބަދަލުގަ މިއަދު އުލްފަތު އެކަންތަށް ވިސްނިގެން ކެއުން ތައްޔާރުކުރި ހުށިޔާރު ކަމުން ޔާސިރު ޝުކުރުވެރި ނަޒަރަކުން އުލްފަތުއަށް ބަލާލިއެވެ. ކެއުމަށް އެމީހުން އިށީނެއްކަމަކު ދެކުދިންވެސް ކާއެއްޗިއްސަށް ބަލާވެސް ނުލައެވެ. އުލްފަތު ތާނިޔާގެ އަނގައިގާ ކާއެއްޗިތި ލައްވަމުން ދިޔައެވެ. ލޯބިވާ މަންމަ އެއް ހެންނެވެ. އުލްފަތުގެ ކޮނޑުގައި ބޯއަޅައިގެން ތާނިޔާ ރޮމުން ދިޔައެވެ. ޒުންނޫންވެސް ކެއީ ވަރަށް މަދުންނެވެ. ޔާސިރުވެސް ހަމައެފަދައެވެ. އުލްފަތު އެދެމީހުނަށްވެސް ހިތްވަރުދީ ކާންތަށި ކާރި ކޮށްދީ ހެދިއެވެ. ޔާސިރު އުލްފަތުގެ މިއަދާގެ ސަބަބުން ވަރަށް ހިތްހަމަޖެހުނެވެ.މަންމައެއްހެން އަބަދުވެސް އުލްފަތު އެމީހުންގެ ކުދިންގެ ކަންތައް ކުރެއެވެ. އެކުދިން ކުޑައިރުވެސް އުލްފަތު ހަމަ އެހެންހަދައެވެ. އަދި މިއަދު އެކުވެރިޔެއްހެން ވެސް ކަންތައް ކޮށްދެނީ އުލްފަތެވެ.
ކާރުގައި އެމީހުން ހޮޓަލަށްދިޔައެވެ. ހޮޓަލަށް ދިޔަމަގުމަތީ، ހަތަރު މީހުންވެސް ތިބީ ވަރަށް ހިމޭންކޮންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙިޔާލީ ދުނިޔެއެއްގައެވެ. ހީނާއާއި އެއްކޮށް އެމީހުން ވޭތުކުރި ދުވަސްތަކުގެ ހަނދާންތަކުގައެވެ. ޑޮކްޓަރ އެމީހުންނަށް ހީނާގެ ކޮންޑިޝަން ވަރަށް ރަނގަޅަށް ކިޔާދިނެވެ. ތާނިޔާ ކާރުގެ ބިއްލޫރި ތިރިކޮށްލާފަ ބޭރު ބަލަންފެށިއެވެ. އަދި ހިމޭންކަމާއެކު ރޮމުންދިޔައެވެ. ޒުންނޫން ތާނިޔާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އޭނާވެސް ދިޔައީ ހިމޭންކަމާއެކު ރޮމުންނެވެ. ކާރުގެ ކުރީސީޓްގައި ޑުރައިވަރާ ޖެހިގެން އިނީ ޔާސިރުއެވެ އޭނާގެ ލޮލުންވެސް ކަރުނަ ފައިބަމުންދިއައެވެ. އުލްފަތު ފަހަތު ސީޓްގައި ކުދިންނާއެކު އިން އިރު އޭނާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.
“މަންމަ ރަނގަޅުވާނެ ކޮއްކޯ ހުއްޓާލާ…”
ޒުންނޫން ތާނިޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ތާނިޔާ އެނބުރިލާފަ ޒުންނޫން ގައިގަ ބައްދާލިއެވެ. އެމީހުންގެ އުފާވެރިކަން ގެއްލިފައިވާކަހަލަ އެވެ. އެމީހުންގެ މަންމަޔަކީ އެމީހުންގެ ދިރިއުޅުމުގެ ހުރި ހިތްވަރެވެ. ކޮންމެ މަރުހަލާއެއްގަ މަންމަ އެމީހުނާ އެކުވެއެވެ. މަންމަޔާ ނުލާ ހަޔާތުގަ އެއްވެސް އުފަލެއް ނެތްކަހަލަ އެވެ. އެރޭވެސް އެމީހުން ހޭދަ ކުރި ގޮތެއްވެސް ނޭނގެއެވެ.
ހެނދުނު ހެނދުނާ އެމީހުން ހޮސްޕިޓަލަށް އައެވެ.
“ކުދިންނޭ މޮމް ރަނގަޅުވާނެ…ތިކުދިން ދުޢާ ކުރަންވީ ހަމަ”
ޔާސިރު ތާނިޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ހޮސްޕިޓަލަށް ވަންނަމުން ޔާސިރު ތާނިޔާ ކާރީ ބުނެލިއެވެ.
“އެކަމަކު މަންމަ ރަނގަޅު ނުވެއްޖެއްޔާ ކިހިނެއްވާނެ…؟”
“ކޮންމެ ގޮތެއްވިޔަސް މަމް އަނެއްކާ ރެސްޕިރޭޓަރާ ގުޅައިގެން ނޭވާލައްވަން ޑޮކް އެބަ މަސައްކަތް ކުރޭ”
ތާނިޔާ އަށް ހީނާއާއި ބެހޭގޮތުން އެއްވެސް އުއްމީދެއް ނެތްކަހަލައެވެ. ރެސްޕިރޭޓަރު ނައްޓާލާކަށް ތާނިޔާ ބޭނުމެއްނޫނެވެ.
ރެސްޕިރޭޓަރު ގައި ހީނާ އޮންނަ އިރު މަންޒަރު އެއްގޮތަކަށްވެސް ބަލާކަށް ކުޅަދާނައެއް ނޫނެވެ.
ޑޮކްޓަރ ހިނދުކޮޅެއްގެ ތެރޭ އެރޫމަށް ވަނެވެ. އަދި ހީނާގެ އެންމެ ފަހުގެ ރިޕޯޓް ކިޔާދިނެވެ. ނަރުސް އައިސް ހީނާގެ ނޭފަތުގައި ލައްވާފަވާ ޓޭޕް ނައްޓުވާލިއެވެ. މިހާރު ހީނާއަށް ނޭވާލެވެނީ އަނގައިގައި ލައްފަވާ ޓިޔުބަކުންނެވެ. ރެސްޕިރޭޓަރ ނައްޓާލުމާއެކު މުޅި ތަނަށް ހީމޭންކަމެއް އައެވެ. ހުރިހާ މީހުން ހީނާއަށް ބަލަމުން ދިޔައެވެ. ޑޮކްޓަރާއި ނަރުސް އެކަކު އަނެކަކާދިމާލަށް ބަލާލިއެވެ. ޔަގީންކަމެއް ނެތްގޮތުގައެވެ.
” އަދިވެސް ހީނާއަމިއްލަ އަށް ނޭވާނުލާކަހަލަ”
ޑޮކްޓަރ މިހެންބުނުމުން ތާނިޔާ ބައްޕަ ގައިގައި އޮޅުލައިގަނެފައި ރޯންފެށިއެވެ. ޒުންނޫންވެސް ހަމައެގޮތަށް ފަހަތުން ބައްޕަގައިގަ ބައްދާފައި ރޯންފެށިއެވެ. ޔާސިރުގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. އިންސާނަކު ކެއްކުރާނީ ކިހާވަރަކަށް ހެއްޔެވެ. އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ. ދެކުދިންހެން އޭނާވެސް ރޮމުން ގެންދިޔައެވެ. ހަމައެކަނި ހަމަޖެހޭމީހަކަށް ހުރީ އުލްފަތުއެވެ. އޭނާ ކަރުނަޔާއެކު ރޮމުން އެމީހުން މަސަލަސް ކުރަމުންދިޔައެވެ. ހިނދު ކޮޅަކުން ތާނިޔާ އުލްފަތުގައި ހިފަހަށްޓައިގެން ރޮމުންދިޔައެވެ. ޒުންނޫން އޭނާގެ ބައްޕަ ގައިގަ ހިފަހައްޓައިގެންނެވެ. މިމަންޒަރު ފެނުނު މީހަކު ހިތްފަޅައިގެންދާހާވެއެވެ.
“ހީނާ އެބަ ކުޑަކޮށް ރެސްޕޮންޑު ކުރޭ… ބަލާބަލަ މިހާރު އެއޮތް ނޭވާލަނީ.. މިއީ ކުރިއެރުމެއް”
ޑޮކްޓަރ އެމީހުންނާ ދިމާލަށް އެނބުރިފައި ބުނެލިއެވެ. އެންމެންގެ މޫނު އަލިވެގެންދިޔައެވެ. ކޮންމެ މީހަކުވެސް ކިޔާލީ އަލްހަމްދު ލިއްލާހި އޭ އެވެ.
“ޑޮކްޓަރ ދެން ކިހިނެއްއޮތީ ހީނާ ކަންތައް؟”
ކޮންމެވެސް ގޮތަކުން މީޑިޔާއަށްވެސް ހީނާ ހޮސްޕިޓަލްގައި އޮތްކަން އެނގި ނޫހުގެ ފަލަ ސުރުޙީއަށް ހީނާވެގެން ދިއައެވެ. ވާހަކަ ފެތުރުން ހާދަ އަވަހެވެ. ހީވީ ހިކިފަންތަކެއްގައި އަލިފާން ޖެހިހެންނެވެ. ހިނދު ކޮޅެއްގެ ތެރޭ ޕަޕަރަޒީންތަށް ނަވަލޯކާ ހޮސްޕިޓަލް ވަށާލިއެވެ. ހީނާގެ އެއްވެސް ޙަބަރެއް ލިބޭތޯއެވެ. ފޮޓޯގުރާފަރުންތައްވެސް ނަވަލޯކާގެ އެތައް މިތަނުން ތިލަވިއެވެ.
ހޮސްޕިޓަލުން ހީނާ އައިސީޔޫއިން އެހެންތަނަކަށް ބަދަލްކުރިއެވެ. ސިއްރިޔާތުގައި އެވެ. މާ ރައްކާތެރި ތަނަކަށެވެ
ނުނިމޭ
22 Comments
Comments are closed.
Reethi v v furihama …….BT v v ???????rovifa
V rythi v furihama