ތާޝާ (ފަސްވަނަ ބައި)
“އާހް.. ހަޔާތުގަ ފެނުން އެންމެ ލޯބި ކުއްޖާ.. ތާޝާ ކޮންތާކު ތިއުޅެނީ؟؟” ތާޝާގެ ހިޔާލުތަކުގައި އޮއްވައި އަހަރެންނަށް ނިދުން އިރެއްވެސް ނޭންގުނެވެ. ދެން އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. “މާޒް ތެދުވޭ 9 ޖަހަނީ.. 11 ޖަހާއިރު ފުރަންޖެހޭ!” ވަގުތު ހިނގާލެއް ހާދަ އަވަހެވެ. އަހަރެން ތެދުވެގެން ފެންވަރައިގެން ދިޔައީ ސައިބޯށެވެ. ސައިބޮއިގެން ދެން އަހަރެން ދިޔައީ އިނާޝާމެން ގެޔަށެވެ. އަހަރެން ދިޔައިރު އިނާޝާ އުޅުނީ އެގޭތެރޭގައި ހައްދާފައި ހުރި ގަސްތަކަށް ފެންދޭށެވެ. އަހަރެން ދޮރުމަތީ ހުރިތަން ފެނުމުން އިނާޝާ ކުޑަކޮށް ހައިރާންވިޔެވެ. އެއީ އަހަރެން އެގޮތަށް އޭނަ ހޯދަން ނުދާތީ ކަމަށްވެސް ވެދާނެއެވެ. އަހަރެން ފެނުމުން ގެންގުޅުން ހޮޅި ބިންމަތީ ބޭއްވުމަށްފަހު އިސްކުރު ބަންދުކޮށްލިއެވެ. އަދި އަހަރެން ކައިރިޔަށް އައިސް ހުއްޓުނެވެ. “އައްދެ ހާދަ ހެނދުނަކާ.. ހަމަ ކެތް ނުވެގެން ދޯ!” އިނާޝާ ފެށީ އަހަރެންނާ ދިމާކުރާށެވެ. އެއީ އަބަދުވެސް އޭނަގެ އާދައެވެ.
“ނޫނޭ.. އަހަރެން މިއަދު ފުރަން މިއުޅެނީ..” އަހަރެން ވަރަށް ދެރަވެލާފައި ބުނީމެވެ. އެއިރު އަހަރެމެން ތިބީ އެގޭ ޖޯލީގައި އިށީންދެއެވެ. “އެ ކީއްވެ ކުއްލިޔަކަށް ދާން ތި އުޅެނީ؟” އަހަރެން ފުރާ ވާހަކަ ބުނުމުން އިނާޝާވެސް ހައިރާންވިއެވެ. “ކަޒިން އެއްގެ ވެޑިންއެއް އޮތީމަ އަވަހަށް ދާންޖެހުނީ.. އަހަރެން ދާ ހިތެއްވެސް ނެތް..” އަހަރެން ފޯނާ ކުޅެލަމުން ބުނެލީމެވެ. “ދެން؟” ދެން ހަދަންވީގޮތެއް ނޭންގިގެން އިނާޝާ އަހާލިއެވެ. “އިނާޝާ ވީއެއްނު ކޮންމެވެސް ވަގުތަކުން އެގެޔަށް ދާން؟” އަހަރެން ބޭނުންވާ ގޮތް ބުނެލީމެވެ. “އަހަރެން އެކަނި؟” އިނާޝާ ގެ މޫނުމަތިން އަހަރެންނަށް ބިރުވެރިކަމެއް ފެނުނެވެ. “ފްރެންޑަކާއެކީ ވިޔަސް.. ޕްލީޒް..” އަހަރެން އާދޭސް ކުރާ ރާގަކަށް ބުނެލުމުން އިނާޝާ ނުތަނަވަސްކަންމަތީ ނަމަވެސް ދާނެ ކަމަށް ބުންޏެވެ.
ހިތާ ދެކޮޅަށް އަހަރެން މާލެ ދާން ފުރީމެވެ. ތާޝާ އަހަރެންނަށް ފެންނާނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ. ނަމަވެސް ތާޝާ ހުރި ހިސާބަކަށް ވާސިލްވުމަށް އަހަރެން އަޒުމް ކަނޑައެޅީމެވެ. ތާޝާގެ އެންމެ ފެނިލުމަކަށް އަހަރެން މިހުރީ ކޮންމެ ފަދަ ގުރުބާނީ އެއްވެސް ދޭން ތައްޔާރަށެވެ. ހަޔާތުގައި ހިނގި އެންމެ އާދަޔާ ހިލާފު އަދި އެންމެ ހަނދާނުން ނުފޮހެވޭ ކަންތައްތައް ހިތުގައި ފޮރުވަމުން އަހަރެން މާލެ ފުރީ ހިތް ރޮއްވާލަމުންނެވެ.
އެދުވަހު ހަވީރު ވާއިރަށް އަހަރެންނަށް މާލެ އާދެވެއްޖެއެވެ. ގެޔަށް ދިޔަ ގޮތަށް އަހަރެން އޮތީ ކޮޓަރިންވެސް ނިކުންނަ ހިތް ނުވެފަޔެވެ. މަންމަވެސް ސައިބޯން އަންނާށޭ ކިޔާތާ ކިތަންމެ އިރެއްވެއްޖެއެވެ. ހަވީރު 5 ޖެހުމުން އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ދޮރާ ދިމާލަށް ދާން އުޅެފައި އަނެއްކާ އައިސް އެނދުގައި އިށީނީ ކަމެއް ހަދާން ވެގެންނެވެ. އަހަރެން މިއުޅެނީ ރަށަކު ނޫނެވެ. އަހަރެން ގޮނޑުދޮށަށް ދާނީވެސް ކިހިނެއް ހެއްޔެވެ. ކޮންމެ ދުވަހުގެ އާދައެއްކަމުން މިއަދުވެސް އަހަރެންގެ ހިތް ގޮނޑުދޮށަށް ދާން ބޭނުންވީ ހިތަށް ހާދަވަރެއް ވެފައި ހުރީމައި ހެއްޔެވެ. އަމިއްލަ މޮޔަކަމާއި މެދު އަހަރެންނަށް މަލާމާތް ކޮށްލެވުނެވެ. އެވަގުތުވެސް އަހަރެންގެ ފޯނުން ނަގާފައި ހުރި ތާޝާގެ އެޖާދޫވީ ތަސްވީރުތަކަށް ބަލަން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވާ އަޑަށް އަހަރެން އަވަސްވެގަތީ އިނާޝާއަށް ގުޅާލާށެވެ. ފޯނު ނަގައި ހަޔެއްކަ ފަހަރު ގުޅީމައިވެސް އިނާޝާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އަހަރެން ވަރަށް މާޔޫސްވިއެވެ. މޫޑް އޮފްވީ އަހަރެންނަށްވެސް ނޭންގިއެވެ. ކުއްލިޔަކަށް އެނދަށް ވެއްޓިގަނެވުނެވެ.
އަހަރެންނަށް ކުއްލިޔަކަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އެއްލޯ ހުޅުވާލާފައި ގުޅަނީ ކާކުތޯ ބަލައިލިއިރު ގުޅަނީ އިޔާޒެވެ. “ހަލޯ” އަހަރެން ނިދި އަޑުން ވާހަކަ ދެއްކީމެވެ. “ނިދަނީތަ؟.. އާދޭ ކޮފީއަކަށް ދާން..” އިޔާޒް ގުޅުމުން ފެންވަރާލައިގެން އަހަރެން ދިޔައީ އެގޭ ދޮށަށެވެ. އޭރު އަހަރެންގެ އިންތިޒާރިގައި އިޔާޒް އެގޭ ދޮރުމަތީ ފޯނާ ކުޅެލަން ހުއްޓެވެ. “މާޒް ކައެ ހާދަ ކަޅޭ!” އަހަރެންގެ ސައިކަލު ފަހަތަށް އަރަމުން އިޔާޒް ބުނެލިއެވެ. “އަހަރެން ކަޅުކަމެއް ކިހިނެއް އިނގެނީ މި ދިއްލާފަހުރި އޮރެންޖު ބޮކިން؟” ސައިކަލު ދުއްވާލަމުން އަހަރެން ބުނެލީމެވެ. “މަށަށް ހަމަ އިގުނީ..” އިޔާޒް އިއްވާލިއެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު ކެފޭޔަށް ވަންނާން އުޅެނިކޮށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އިނާޝާގެ ފޯނެއްކަމުން އަހަރެން ކެފޭ ތެރެޔަށް ނުވަދެ މަޑުކޮށްލުމުން އިޔާޒްވެސް އަހަރެން ނިމެންދެން މަޑުކޮށްލިއެވެ. “ނުދަންތަ މިއަދު؟” އަހަރެން ހިތް އަވަސްވެފައި ހުރިވަރުން ފުރަތަމަވެސް އަހާލެވުނީ އެހެންނެވެ. “އާނ.. މިއަދު ކުޑަކޮށް ބިޒީ ވެގެން.. ސޮރީ މާދަން ދާނަން..” އިނާޝާގެ ޖަވާބުން އަހަރެން އަނެއްކާވެސް މާޔޫސް ކޮށްލިއެވެ. އަހަރެންނަށް މާދަން ގުޅުމަށް ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. އާދައިގެ މަތިން ކޮފީއަށް ގޮސް އަހަރެމެން ތިބީ ފޯނަށް ގެއްލި ހުސްވެފަޔެވެ. ރަށުގެ ކަންތައްތައް ކުޑަގޮތަކަށް އަހާލުމަށްފަހު އިޔާޒް ވެސް އިނީ ފޯނަށް ގެއްލި ހުސްވެފަޔެވެ. އަހަރެމެން ނޫނަސް ކައިރި އެހެން މޭޒު ތަކުގައި ތިބި ގިނަ މީހުން ތިބީ ފޯނާ ކުޅޭށެވެ. އަހަރެންގެ މޫޑު އޮފްވެފައި ހުރުމުން ރުޅި އައިސްގެން ފޯނު މޭޒު މައްޗަށް ޖެހުނެވެ. އިޔާޒް ދިޔައީ ސިއްސައިގެންނެވެ.
“ކިހިނެއްވީ؟” ހައިރާންވެގެން އިޔާޒް އަހާލިއެވެ. “ނޭންގެ މަށަކަށް..” ދެއަތް ދެއަތާ ޖޯޑުކޮށްލަމުން އަހަރެން ދުރުބަލަން ފެށީމެވެ. “ކިހިނެއް ތި ވަނީ؟ ދެންމެ ގުޅީ ބިޓެއްތަ؟” އަހަރެންނަށް ވާ ގޮތުން އިޔާޒް އިނީ ވާނުވާގަޔެވެ. “އަހަރެންނަކަށް ވެސް ނޭންގެޔޭ ވާގޮތެއް..” ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށްފަހު އަނެއްކާވެސް އަހަރެން ބުނެލީމެވެ.
“އަޖައިބެއްނު މީ ދެން.. މާޒް އަށް ވާ ގޮތެއް ދެން އިނގޭނީ އިޔޮއްދާ މީހާއަށްތަ؟” ޖެހިގެން ހުރި މޭޒުން ތެދުވެގެން ދިޔަ މީހާއަށް އިޝާރާތް ކުރަމުން އިޔާޒް ބުންޏެވެ. އަހަރެން އެދިމަޔަށް ބަލާލީމެވެ. އޭރު އެމީހާ އިތުރު ދެމީހަކާ އެކީ ނިކުމެގެން ދަނީއެވެ. ހިނގުމުގައި އަހަރެން ދަންނަ ވައްތަރެއް ހުއްޓެވެ. ނަމަވެސް ތަނުގެ ގޮތުން މާ ބޮޑަށް އަޅާނުލީއެވެ. “މާޒޫ.. ކީއްވެ މޫޑު އޮފްވެފަ ތި އިންނަނީ؟ ކަމެއްވީތަ އަނެއްކާ؟ އަހަރެން ކައިރީ ބުނީމަޔެއްނު އަހަރެންނަށް ހެލްޕެއް ވެވޭނީވެސް..” އިޔާޒް ގެ ސުވާލުތައް ކުރީ ހައްތަހާ ގިނައެވެ.
“އަހަރެން މިއުޅެނީ ތާޝާ ނުފެނިގެން..” އަހަރެން މިހެން ބުނުމުން އިޔާޒް ކުޑަކޮށް ލޯ ހަނި ކޮށްލާފައި އަހަރެންނާ ދިމާލަށް ބަލަން އިނެވެ. “އެއީ ރަށުގަ ހުރި އިރު އެއްދުވަހު މިސްޓީރިއަސް ގާލް އޭ ކިޔާފައި ސްނެޕް ކުރި ކުއްޖާތަ؟” އަހަރެން ތަންކޮޅެއްކުރިން ކުރި ސްނެޕްއެއްގެ ވާހަކަ ހަނދާން ކޮށްލަމުން އިޔާޒް ބުނެލިއެވެ. އަހަރެން ވަގުތުން ބޯޖަހާލީމެވެ. “ފަހަރިތަ އެއީ؟” މިފަހަރު އިޔާޒް އިނީ ވަރަށް މަޖާވެފައެވެ. “ދެންމެ އެގުޅީ އޭނަތަ؟” އަނެއްކާވެސް އިޔާޒް އަހާލިއެވެ. “ކިހާ ދެރަކަމެއް.. އަހަރެން މިއުޅެނީ އޭނަ ވީތަނެއް ނޭންގިގެން.. އެއްޗެއް ބުނާއިރަށް މޮޔަ ނުގޮވަބަލަ..” އަހަރެން މިހެން ބުނުމުން ދެން އެއީ ކާކުތޯ އިޔާޒް އަހަންފެށިއެވެ. ދެން މިހާ ހިސާބަށް ކިޔެވިފައި ހުރުމުން އަހަރެން ތާޝާގެ ވާހަކަ ފަށައިގެން ނިމެންދެން ކިޔައިދިނީމެވެ. “ދެން ބުނެބަލަ ތިމަންނަ އެ ނުދަންނަ ކުއްޖާ ދެކެ ލޯބި ވަނީ އޭ!” ވާހަކަ އެހުމަށްފަހު ފުރަތަމަ ވެސް އިޔާޒް ބުނެލީ މިހެންނެވެ. އަހަރެން ކައިރިޔަށް ކުޑަކޮށް ހިނިވެސް އަޔެވެ. މީހަކު ކިތަންމެ ހާސްވެގެން ކުރާނެ ކަމެއް ނެތިގެން އުޅުނަސް ސަމާސާއެއް ކޮށްލެވޭތޯ އިޔާޒް ބަލާނެއެވެ.
“ބޮލުގަ ޖަހަންވީތަ؟ އަހަރެންގެ ހިތުގަ ފީލިންގްސް ނެތް ނަމަ އަހަރެން އެވަރަކުން އޭނަ ހޯދަން އުޅެންވީ ކީއްވެގެންތަ؟” އިޔާޒް ގެ މޮޔަ ވާހަކަ އަހާފައި އަހަރެން އަނެއްކާވެސް ބުނެލީމެވެ. “އޯކޭ.. ދެން މާޒް އޭނަ ހޯދަނީ ކިހިނެއް؟ އަސްލު ވާހަކައެއް ބުނަންތަ؟” އިޔާޒް އަހާލިއެވެ. “ދެން އިނާޝާގެ ހަބަރެއްވީމަ ހަދާނެ ގޮތެއް އިނގޭނީ.. ހޫން ކީކޭ ކިޔަން ތިއުޅެނީ މިހާރު؟” އަހަރެން ސުވާލު ކޮށްލީމެވެ. “މަބުނީ.. އަސްލު ދެން އޭނަ ހޯދަން އުޅޭނެ ކަމެއް ނެތެއްނު.. ދެން އެކަން އެނިމުނީނު..” އިޔާޒް މިހެން ބުނުމުން އަހަރެން ކުޑަކޮށް ރުޅިއަންނަ ގޮތްވިޔެވެ.
“ކައެ މީހަކާ ނީންދެ ކައެ ބިޓު މަށަށް ދޭންވީނު؟” އަހަރެން މިފަހަރު ރުޅިން ނަމަވެސް ކޮށްލީ ޖެއްސުމެކެވެ. “ހެހެ.. ދެން މަ ބިޓު ނުދޭނެއެއްނެ ކައެއަކަށް.. ދައްކާ މޮޔަ ވާހަކަ އިނދެގެން..” އިޔާޒް ފާޑަކަށް ހީގަންނަމުން ބުނެލިއެވެ. “އެހެންވީމަޔޭ މިބުނީ.. ކައެވެސް މޮޔަ ވާހަކަ ނުދައްކާށޭ.. ތާޝާ ހޯދަން އަހަރެންނަށް ކުރެވުނުހާ ކަމެއް ކުރާނަން.. މީހަކާ އިންނަންވެސް އިގުނީ މިހަފްތާ ވިއްޔަ. އެހެންނޫންނަމަ އަހަރެން މާލެ އައީހީ ކޮންމެވެސް ވަރެއް ކޮށްގެން..” ފޯއް ފޮއްޗެއް އަނގަޔަށްލަމުން އަހަރެން ބުނެލީމެވެ.
“މަ އިންނާނެ ދުވަހެއް އިގޭނީ މަށަށޭ..” ބިލް ދައްކާފައި ގޮނޑިން ތެދުވަމުން އިޔާޒް ބުނެލިއެވެ. “މަ ހޯދާނެ މީހަކާ ކުރާނެ ކަމެއްވެސް އިނގޭނީ މަށަށޭ..” އަހަރެން ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “ހޫން ދެން ހުއްޓާލާ..” އިޔާޒްއަށް ކެތް ނުވެގެން އެންމެ ފަހުން ބުނެލިއެވެ. މިކަހަލަ ސަކަ ވާހަކަ ތަކެއްގައި ތިބެގެން އަހަރެމެން މާލޭގެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި ދުއްވަމުން ދިޔައީމެވެ. ކުއްލިޔަކަށް އަހަރެންނަށް ސައިކަލުގެ ބުރަކި ޖެއްސުނީ ދުރުން ހިނގާފައި އައި ފިރިހެން މީހާ ފެނުމުންނެވެ. “މިހާރު ކޮން އަޖައިބެއް ފެނުނީ؟ މަގު މެދުގަ ސައިކު މަޑުކުރީ ކީއްވެޔޯ؟” އަހަރެން ކުއްލިޔަކަށް ސައިކަލް ހުއްޓުމުން އިޔާޒް ބުނެލިއެވެ. “އޭ.. އެހެރީ އޭނަ..” އަހަރެން މިހެން ބުނުމަށް ފަހު ސައިކަލް އަނބުރާލީމެވެ. އެމީހާއެރީ ކާރަކަށެވެ. އެހިސާބުން އަހަރެން ދުއްވަންފެށީ އެކާރުގެ ފަހަތުންނެވެ. “ބުރޯ! ކޮން މޮޔައެއް ތި ގޮވަނީ؟ ކާކު ފަހަތުން ތި ދުއްވަނީ؟” އިޔާޒް ވާނުވާ ނޭންގިގެން އަހާލިއެވެ. “އެއީ ތާޝާގެ ބައްޕައޭ!” އަހަރެންނަށް ނޭވާ ހިފަހައްޓާލައިފައި ބުނެލެވުނެވެ. އަހަރެންގެ ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތައް ޚުދު އަހަރެންނަށްވެސް ބުނެދޭން ނޭންގުނެވެ. ތާޝާގެ ބައްޕަ ފެނުމުން އަހަރެންގެ ފަނޑުވެފައިވާ އުއްމީދުތަކުގައި ކުލަޖެހޭން އުޅޭ ކަމުގެ ފެހި ސިގްނަލެއް ލިބިގެންދިޔައެވެ.
ފަރުވާތެރިކަމާއެކު އަހަރެން ދިޔައީ ތާޝާގެ ބައްޕައެރި ކާރަށް ފާރަ ލަމުންނެވެ. ކާރުގެ މިސްރާބު ހުރީ އަހަރެންގެ ގެ ހުންނަ މަގަށެވެ. އަހަރެން ހައިރާންވީ ކާރުގޮސް އަހަރެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލުމުންނެވެ. “އޭ މާޒް.. ކާރު ފަހަތުން އަޅުވާފަ ގެޔަށް ތި އައީ ކީއްވެގެން؟” އަހަރެން ގެ ކައިރީ ސައިކަލް ޕާކް ކޮށްލުމުން އިޔާޒް އަހާލިއެވެ. “ކާރު އެ އޮތީ ގޭ ދޮށުގަޔޭ!” އަހަރެން މިހެން ބުނެ ނިމުންއިރު ތާޝާގެ ބައްޕަ ކާރުން ފައިބައިގެން ގެޔަށް ވަންނަނީއެވެ. އަހަރެންވެސް ފަހަތުން ވަދެގެން ސިޑިން އަރަންފެށީމެވެ. ދެވަނަ ބުރިއާއިހަމައިން ތާޝާގެ ބައްޕަ ވަނީ އަހަރެންގެ އެޕާޓްމަންޓް ކުރިމައްޗަށް ހުންނަ ބަޔަށެވެ. “މިރޭ ދަންވަރު މިގެޔަށް ވަންނަ ހިޔާލުތަ މިހާރު ތި ކުރަނީ؟” އަހަރެން ތާޝާގެ ބައްޕަ ލެއްޕި ދޮރާ ދިމަޔަށް ބަލަން ހުރުމުން އިޔާޒް ބުނެލިއެވެ. “މިގޭގަ އެކަމަކު އުޅެނީ އެއްކަލަ އިލްޔާސް އެއްނު…” އަހަރެންގެ ހިތް އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ.
(ނުނިމޭ)
145 Comments
Comments are closed.
Mi ves vvv reethi vaahakaeh
Wow v salhi
Haada kurey. ple thankolheh digukoh genes deebala. Vv reethi
v nice. bt thankolheh dhigu kohlaa nama. waiting for next part
vv reethi