Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (ހަވަނަ ބައި)

Ifaau
October 27, 2016
4 Mins Read
58 Views
11 Comments

ދެވަނަ ބުރިއާއިހަމައިން ތާޝާގެ ބައްޕަ ވަނީ އަހަރެންގެ އެޕާޓްމަންޓް ކުރިމައްޗަށް ހުންނަ ބަޔަށެވެ. “މިރޭ ދަންވަރު މިގެޔަށް ވަންނަ ހިޔާލުތަ މިހާރު ތި ކުރަނީ؟” އަހަރެން ތާޝާގެ ބައްޕަ ލެއްޕި ދޮރާ ދިމަޔަށް ބަލަން ހުރުމުން އިޔާޒް ބުނެލިއެވެ. “މިގޭގަ އެކަމަކު އުޅެނީ އެއްކަލަ އިލްޔާސް އެއްނު…” އަހަރެންގެ ހިތް އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ. “ކިހިނެއްވެފަ ތި ހުންނަނީ؟” އަހަރެން އެބައިގެ ދޮރާ ދިމާލަށް ބަލަން ހުރުމުން އިޔާޒް އަނެއްކާވެސް އަހައިލިއެވެ. އަހަރެން ބަހެއް ނުބުނެ ވަނީ އަހަރެންގެ އެޕާޓްމެންޓަށެއެވެ. ބަހެއް ނުބުނެ އަހަރެން ކޮޓަރިތެރޭ ދެކޮޅުން ދެކޮޅަށް ހިނގަންފެށީމެވެ.
“މާޒް.. މިތާ އިށީންދެފަ ތި ވިސްނާ އެއްޗެއް ބުނެބަލަ..” އެނދުގައި އަތް ޖަހާލަމުން އިޔާޒް އަނެއްކާވެސް ބުނެލިއެވެ. އަހަރެން މިހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ތާޝާ އެބައިގައި ވެއްޖެ ނަމަ އަހަރެން މިހާރުވެސް ބޭނުމީ ތާޝާ އެގެއިން ނެރޭށެވެ. ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތަށް ދުލާ ހަމަޔަށް ގެންނަން ނޭގިފައި އަހަރެން ދެކޮޅުން ދެކޮޅަށް ހިނގަންފެށީމެވެ.
“މާޒް.. ބްރޯ މަގޭ ވެޑިން ބޯމަތިވެފަ ހުއްޓަ އިތުރުކަމަކާ ކުރިމަތިނުލާތި ޕްލީޒް..” އިޔާޒް މިފަހަރު ވާހަކަ ދެއްކީ ވަރަށް ހިތްހަމަނުޖެހިފައެވެ. މާދަމާއާއި އޭގެ އަނެއް ދުވަހުވެސް އަހަރެން އުޅެންޖެހޭނީ ވަރަށް އަވަދިނެތިއެވެ. އިޔާޒްގެ ކައިވެނީގެ ކަންތައްތަކުގައި އަހަރެން ނޫޅެއްޖެނަމަ އިޔާޒް ވަރަށް ހިތްހަމަ ނުޖެހޭނެކަން އަހަރެންނަށް އިގެއެވެ. “މާޒް.. ބުނަންވެއްޖެއެއްނު ދެން..” އިޔާޒް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އިޔާ އިލްޔާސް އެއީ ކުރިންވެސް ހަމަ ޅަ ކުއްޖަކާ އިނދެގެން އެކުއްޖާގެ ނުރުހުމުގަ އެކުއްޖާޔަށް ޖިންސީ އަނިޔާ ކުރި މީހެކޭ.. އަދި ނުވިތާކަށް އޭނަ ބުނާގޮތަށް ކަމެއް ނުކޮށްފިނަމަ އެވަރަށް އަނިޔާވެސް ކުރާނެ.. އެންމެ ފަހުން އެކުއްޖާއަށް ކެތް ނުވެގެން ދަންޖެހިގެން މަރުވީ..” މިހެން ބުނެ ނިމުންއިރު އަހަރެން އިނީ ތުރުތުރު އަޅައިގަނެފައެވެ. މުޅި މީހާ ވަނީ ދާހިތްލާފައެވެ. “އޭގެ މާނައަކީ ތާޝާވެސް..” އިޔާޒް ދެލޯ ބޮޑުކޮށްލާފައި ބުނެލަން އުޅުން ޖުމްލަ އަހަރެން މެދުކަނޑާލީމެވެ. “ނޫން.. ތާޝާއެއްނޫން.. ތާޝާ އަކަށް އެއްވެސް ކަމެއްވިޔަކަ ނުދޭނަން.. ފުރަތަމަ ބަލަންވީ މިވާގޮތެއް.. ތާޝާ ވީތަނެއް ބަލަން އަހަރެމެންނަށް ޖެހޭނީ އެގޭ ތެރެޔަށް ވަންނަން..”
“މޮޔަވީތަ؟ ބަސްޓް ވިއްޔާ ކީއްކުރާނީ؟” އިޔާޒް ބިރުގަތީ މީހަކަށް އެނގިދާނެތީއެވެ. ނަމަވެސް އަހަރެން ބޭނުންވަނީ ތާޝާ ވީތަނެއް ހޯދާށެވެ. ތާޝާގެ ހުރިހާ ކަމެއް އިނގޭށެވެ. ތާޝާގެ ކަރުނަތަށް އަހަރެންގެ ދެއަތުން ފުހެދޭށެވެ.

“ހިނގާ މިރޭ އެގެޔަށް ވަންނަން” އަހަރެން ބުނެލީމެވެ. “ބޭޑް އައިޑިއާ” ބޯ ހޫރާލަމުން އިޔާޒް ބުނެލިއެވެ. “ދެން އިތުރު ގޮތެއް؟” އަހަރެން އަހާލީމެވެ. “ހިނގާ ކޮންމެސް އެޗެކޭ ކިޔާފަ އެގެޔަށް ވަންނަން. ލައިކް އޭނަ ނުފެންނާތީ ހާލު ބަލާލާށޭ ކިޔާފަ..” އިޔާޒް ބުނިގޮތާ އަހަރެން އެއްބަސްވީމެވެ. “އެކަމަކު ތާޝާގެ ބައްޕަ އުޅެންޏާ ކަޑައޭ.. މަ އިނގޭނެ އޭނަޔަށް..” ކުއްލިޔަކަށް ހަނދާންވެގެން އަހަރެން ބުނެލީމެވެ. ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް އިޔާޒް ބުނެލިއެވެ. މީހެއްގެ އެހީތެރިކަން ލިބެން ފެށުމުން އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ތާޝާ އަހަރެންނާއި އެއް ފުރާޅެއްގެ ދަށުން އުޅެންޏާ އަހަރެންނަށް ތާޝާ ހުރި ހިސާބަކަށް ވާސިލްވާން މާ އުނދަގުލެއްވެސް ނުވާނެއެވެ.

އެރޭގެ ވަގުތެވެ. ގަޑިން 9 ޖެހީއެވެ. އަހަރެން ގޭގެ ސޯފާގައި ޓީވީ އަޅުވައިގެން އިނީ އިޔާޒް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޓީވީ އަޅުވައިގެން އިނަސް އަހަރެންގެ ހިޔާލުތަކަށް ވަނީ ތާޝާގެ އެޖާދުވީ މޫނު ވެރިވެގަނެފައެވެ. އަޖައިބެއް ކަހަލަ ކުއްޖެކެވެ. އަހަރެންނާ ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް އެމޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ބިރުވެރިކަމެވެ. ރުހުމުގެލޮލުން އަހަރެންނަށް ބަލައިލީވެސް ފެނުނު ހުވަފެނަކުންނެވެ. ނަމަވެސް އަހަރެންގެ މުޅި ހިތް ކޮންޓްރޯލް ކުރަމުން މި އަންނަނީ އެ އާދަޔާ ހިލާފު ކުއްޖާއެވެ. އެންމެ ފަހަރަކުވެސް އެ މޫނުމަތިން ހިނިތުންވުމެއް އަހަރެން ނުދެކެމެވެ. ނަމަވެސް ހިނިތުންވުމުން ކިހާ ރީތިވާނެކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ހިޔާލީ ދުނިޔޭގައި އެ ހިނިތުންވުން އަހަރެންނަށް ސިފަކުރެވެނީ ވަރަށްވެސް ފުރިހަމަޔަށެވެ. ނަމަވެސް ހަމަލޮލުން އެ ހިނިތުންވުން ފެންނަ ދުވަހަކު އަހަރެން އުފަލުން ގިރިގެން ފައިބާނެކަން ޔަގީނެވެ.
“މާޒޫ..” އަހަރެން ސިއްސައިގެން ދިޔައީ އިޔާޒް އައިސް އަހަރެންގެ ކޮނޑުގައި ޖަހާލީމައެވެ. “މޮޔަވީތަ؟ އެކަނި އިނދެގެން ކީއްވެ ތި ހެނީ؟” އިޔާޒް ވާހަކަ ދެއްކި އިރުވެސް އަހަރެންނަށް އިނީ ހެވިފައެވެ. “މިވިސްނަނީ ތާޝާ ހީލީމަ ކިހާ ލޯބިވާނެހޭ..” ސޯފާއިން ތެދުވަމުން އަހަރެން ބުނެލީމެވެ. “ސާބަސް.. އެހާވެސް ރީތި ކުއްޖެއްތަ އެއީ..” މިފަހަރު އިޔާޒް ހުރީ ވަރަށް ސީރިއަސް މޫޑަކުއެވެ. “އަހަރެންނަށް ފެނުން އެންމެ ރީތީ ކުއްޖާ..” ކާގެ ތެރެއަށް ވަދެ ފެންތައްޓެއް އަޅަމުން އަހަރެން އިއްވާލީމެވެ. “އަސްވާއަށް ވުރެވެސް ރީތި؟” އަހަރެން އެންމެފަހުން ރުޅިވި ކުއްޖާގެ ނަން ބުނަމުން އިޔާޒް އަނެއްކާވެސް އަހާލިއެވެ. “ކިހާ ދެރަކަމެއް.. އާނ އެކޭ ކައިލީ ޖެނާ އަށްވުރެވެސް ރީތި..” އަހަރެން ސަމާސާ ކޮށްލީމެވެ. ވާހަކާގައި ތިބެގެން އަހަރެމެން ގެއިން ނިކުތީމެވެ. އިލްޔާސް އުޅޭ ފަޅީގެ ދޮރުމަތީ އަހަރެމެން މަޑުކޮށްލައިގެން ތިބީ ހަދަންވީގޮތެއް ނޭންގިފައެވެ. “އަދިވެސް ވަގުތު އެބައޮތް.. ހިނގާ ދާން..” އަހަރެންގެ އަތުގައި ހިފަމުން އިޔާޒް ބުނެލިއެވެ. “އުނހު..” މިހެން ބުނުމަށްފަހު ގޭގެ ބެލްއަށް އަހަރެން ފިތާލީމެވެ. އިރުކޮޅަކުން އައިސް ދޮރު ހުޅުވީ އިލްޔާސްއެވެ.
“ކީއްކުރާ ކުދިންނެއް؟” އަހަރެމެން ފެނުމުން އިލްޔާސް ކުޑަކޮށް ހައިރާންވިއެވެ. މިގޭގެ ހުރިހާ ބަޔަކު އުޅޭ މީހުންވެސް އިލްޔާސް ދެކެ ވަރަށް ރުޅިއާދެއެވެ. ރުޅިއަންނަނީ މީހާގެ އަމަލުތައް ހުންނަ ގޮތުންނެވެ. މީހާގެ ވަހުޝީ ކަމުންނެވެ. ނަމަވެސް އަހަރެންގެ މަންމަ ގަދަޔަށް ކައްކާ ދުވަސްދުވަހު ގޭގެ ހުރިހާ ބަޔަކަށް ކާއެއްޗެހި ބަހާއިރު އިލްޔާސްއަށްވެސް ދޭނެއެވެ. އަހަރެންގެ މަންމައާއި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް ދުވަހަކުވެސް އަހަރެން ވާހަކަ ދައްކާ ހަދައެއް ނޫޅެމެވެ. “މީ.. މަންމަ ބުނި އިލްޔާސްބެ ކުޑަކޮށް ބަލިވެ އުޅޭ ވާހަކަ.. އެހެންވެ ހާލު ބަލާލަން މިއައީ..” ބުނާނެ އެއްޗެއް ނޭންގިގެން އަހަރެން ބުނެލީމެވެ. އެއިރު އިޔާޒް އަނގަމަތީ އަތް އަޅައިގެންހުރެ ހީލި މަންޒަރު އަހަރެން ދެކުނީމެވެ. “ބަލިވެޔޭ.. ތިވާނީ މަންމައަށް އޮޅުނީ ކަމަށް.. ބޭބެ ބައްޔެއްނޫން..” ގޭގެ ދޮރު އެކީ ހުޅުވާލަމުން އިލްޔާސް ބުނެލިއެވެ. ދެން ކިޔާނެ އެއްޗެއް ނޭންގިފައި އަހަރެން ހުރީމެވެ. ގޭ ތެރެޔަށް އަހަރެން ނަޒަރު ހިންގަންފެށީ ތާޝާގެ ހިލަމެއްވޭތޯއެވެ. “މަންމަގެ ތައްޓެއް އިންނާނެ ކުރީ ދުވަހަކު ކޮންމެވެސް ފޮނި އެއްޗެއް އަޅައިގެން ގެނަ.. އެ ހިފައިގެން ދާން ވަދޭ އެތެރެޔަށް..” މިވީ އަދި މާ ރަގަޅަށެވެ. އިލްޔާސް މިހެން ބުނެލުމުން އަހަރެން ވަރަށް އުފަލުން އެގޭ ތެރެޔަށް ވަނީމެވެ. ސިޓިންގ ރޫމުގައި ހުރީ ޓީވީ އަޅުވައި ފަންކާވެސް ޖަހާފައެވެ. ހީވާގޮތުން އިލްޔާސް އެއިނީ ޓީވީ ބަލާށެވެ. ގޭތެރޭ ހުރި ދެ ކޮޓަރީގެ ތެރެއިން އެއް ކޮޓަރީގައި ހުރީ ފަންކާއާއި ބޮކި ވެސް ދިއްލާފައެވެ. އަހަރެން އެމަންޒަރު އަތުގެ އިޝާރާތުން އިޔާޒްއަށް ދައްކާލީމެވެ. އެކޮޓަރީގައި ލައްޕާފައި ހުރި ދޮރު ދަށުން ފޭދިފައި ހުރި އަލިން މީހަކު ހިނގާފައި އުޅޭކަން އެނގެއެވެ. އަހަރެމެން އެދިމަޔަށް ބަލަން ތިއްބައި އިލްޔާސް ތަށި ހިފައިގެން އައިސް އަހަރެންގެ އަތަށް ތަށި ދިއްކޮށްލިއެވެ. “މިގޭގަ އުޅެނީ ބޭބެ އެކަނިތަ؟” ތަށީގައި ހިފަމުން ތެޅިތެޅި އޮތް ހިތަކާއި އެކީ އަހަރެން އަހާލީމެވެ. “ނޫނޭ.. މިގޭގަ އުޅޭނެ ބޭބެޔަށް ކައްކާފަ ބޭބެގެ ކަންތައްތައް ކޮށްލަން ކުއްޖެއް.. ހަފްތާއެއްމިވީ އެކުއްޖާ އުޅޭތާ..” ކުޑަކޮށް ހީލަމުން އިލްޔާސް ބުނެލި ޖުމްލައިން އަހަރެންގެ މޭ ކަރާލިއެވެ. ދެން އަހަރެން ކިޔާނީވެސް ކީކޭ ހެއްޔެވެ. “އެހެންވީމަ އަހަރެމެންނަށް މި އިވުނީ ގޯސްކޮށް ދޯ.. ބޭބެ ބަލި ކަމަށް ހީކޮށް ހާލު ބަލާލަން މިއައީ އަސްލު..” މިފަހަރު ވާހަކަ ދެއްކީ އިޔާޒްއެވެ. “ހާދަ ރަނގަޅޭ ތިކުދިން އައިކަންވެސް.. މިދޭތެރެއިން ވަރަށް ބަލިކޮށް އުޅުނީމޭ.. އެހެންވެދެން ރާއްޖެތެރެއިން މަސައްކަތް ކުރެވޭ ކަހަލަ ކުއްޖަކު ގެނައީވެސް.. ބޭބެޔަށް އެކަނި ގޭތެރޭ ކަންތައްތައް ނުވާތީ..”އިލްޔާސް އަނެއްކާވެސް ވާހަކަ ގިނަކޮށްލިއެވެ.

އިލްޔާސް ފެށި ވާހަކައިން އެގޭތެރޭ ވާހަކަދައްކަން ވަގުތުކޮޅެއް ހޭދަވާނެ ސުރުޚީ އެއް އަހަރެމެންނަށް ލިބުނެވެ. އިލްޔާސްގެ ބަލީގެ ވާހަކަ ފަށައިގެންގޮސް އެކި ކަހަލަ ވާހަކަތައް ކިޔައިދޭން ފެށުމުން އަހަރެމެން ދެން ގޮސް ހަމަޖެހިލީ އެގޭ ސޯފާގައެވެ. ޓީވީ ބަހައްޓާފައި ހުރި ރެކާއި ޖެހިގެން ހުރި ކޮޓަރީގައި އެއުޅެނީ އިލްޔާސް ދެންމެބުނި ކުއްޖާކަން ޔަގީނެވެ. ނަމަވެސް އެކޮޓަރީގައި އެއުޅެނީ އަހަރެންގެ ދެލޯ ދެކިލަން ބޭނުންވާ ތާޝާ ހެއްޔެވެ.
ގަޑިން 10 ޖަހާ ބޮޑުވެއްޖެއެވެ. އިލްޔާސްގެ ވާހަކަގޯނި ހުސްވާގޮތެއް ނުވިއެވެ. ހީވަނީ ދުވަސްވީ ރަޙްމަތްތެރިންތަކަކާއި ބައްދަލުވެގެން އުޅޭހެންނެވެ. މިވީހާއިރު އެންމެ ފަހަރަކުވެސް އެކޮޓަރީގެ ދޮރެއް ނުހުޅުވެއެވެ. ބޮކި ދިއްލާފައި ހުރުމުން އެމީހަކު ހޭލާ އުޅޭކަން އިނގެއެވެ. އަހަރެން މާވަރަކަށް އެކޮޓަރިއާއި ދިމާލަށް ބަލަން ފެށުމުން އިލްޔާސްއަށް އެކަން ފާހަގަވިއެވެ. “އެކޮޓަރިއަށް މާވަރަކަށް ތި ބަލަނީ ކީއްވެގެން؟ ކަމެއް ގޯސްވީތަ އަނެއްކާ؟” އިލްޔާސް ސީދާ އަހަރެންގެ ލޮލަށް ބަލަން އިނދެފައި އަހާލިއެވެ. “ނުނޭ.. މީހަކު އުޅޭހެން ހީވީމަ ބަލާލެވުނީ..” އާދައިގެ ގޮތަކަށް އަހަރެން ބުނެލީމެވެ. “އެތާ އުޅޭނީ ކުރިން އަހަރެން ބުނި ކުއްޖާ.. އޭނަ ނުނިދާނެ ފަތިސް ނުވަނީހެއް..” އިލްޔާސް މިހެން ބުނުމުން އިޔާޒްވެސް ހައިރާންވެގެން އިލްޔާސްގެ މޫނަށް ބަލާލިއެވެ. “އެ ކިހިނެއް އިނގެނީ އޭނަ ނުނިދާ ކަމެއް؟” ހައިރާން ކަންމަތީ އިޔާޒް އަހާލިއެވެ. ” އޭނަ ބައްޕަ އޭނަ ގެންނަމުންވެސް ބުނި ނުނިދާނެޔޭ.. ދެން އަހަރެން ދަންވަރަށް އެހެން ހޭލާ އުޅޭއިރު ކޮޓަރި ދިއްލާފަ ހުރީމަ އިނގޭދެން ހޭލާ އުޅޭކަން..” ވަރަށް ހަމަޖެހިގެން އިލްޔާސް ޖަވާބު ދިނެވެ. މިހާރު އަހަރެން އެންމެ ބަލަން ބޭނުމީ އެކޮޓަރީގައި އުޅޭ މީހެކެވެ. މިހާރުވެސް ހިތް ބުންމުންދަނީ އެކޮޓަރިޔަށް ގޮސް ވަންނާށެވެ. އިލްޔާސް ދެންމެ ދެއްކި ވާހަކައިގައި ވެސް އަހަރެންނަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއް އެބަހުއްޓެވެ. އެކުއްޖަކު ނުނިދާ ހޭލާ އުޅެންވީ ކީއްވެގެން ހެއްޔެވެ. އަހަރެންގެ ހިތް އުދާސްވެގެން ވިރެން އުޅޭހެންވެސް އަހަރެންނަށް ހީވެޔެވެ. އެހާވެސް ނުތަނަވަސްކަން ބޮޑެވެ. އެވަގުތު އިޔާޒްގެ ފޯނު ރިންގުވާ އަޑު އިވުނެވެ. “އާނ މިދަނީ..” މިހެން ބުނުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. “މާޔާ އެގުޅީ.. ބަލާ އަންނާށޯ ރައްޓެހި ކުއްޖެއްގެ ގޭގަޔޯ..” އިޔާޒް ކައިވެނި ކުރަން އުޅޭ ކުއްޖާ ގުޅުމުން އަހަރެންނަށްވެސް މަޖުބޫރުވީ ދެން އެގެއިން ނިކުންނާށެވެ. “އޯކޭ.. ދަނީ އިނގޭ އިލްޔާސްބޭ.. ދެން އަނެއްކާވެސް އެހެން ފަހަރަކުން އަންނާނަން…” މިހެން ބުނެފައި ސޯފާއިން ތެދުވެގެން ދާން އުނބުރެލި ވަގުތު ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވޭ އަޑަށް އަހަރެން ފަހަތަށް އެނބުރެލީމެވެ. (ނުނިމޭ)

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އިންތިޒާރެއްގެ ނިމުން (1)

Next

ލޯބިން ލޯބިވާއޭ…. (2)

Next
October 27, 2016

ލޯބިން ލޯބިވާއޭ…. (2)

Previews
October 27, 2016

އިންތިޒާރެއްގެ ނިމުން (1)

11 Comments

  1. Saba says:
    October 27, 2016 at 11:38 pm

    Wow.. Mi part kiyaaliiru heevee hama ilyasbe men geythereyga hurveun hen.. Ehaa ves furihama maasha allah ❤

    1. Ifaau says:
      October 28, 2016 at 1:03 am

      Thank you saba❤

  2. a says:
    October 27, 2016 at 11:46 pm

    v.nice this part waiting for next part

  3. a says:
    October 27, 2016 at 11:47 pm

    i think ilyasbege gega e ulheny thaashaa hen

    1. Ifaau says:
      October 28, 2016 at 1:05 am

      Let’s see what happens in the next part?

  4. Qeen says:
    October 28, 2016 at 12:05 am

    Aan dho saba hamaheevanee ilyaas aai vaahaka dhakan thibevunuhen maheekuree masah egadheegahurevunee egey thereykamah vvvv reethi next part avaskohdhevva

    1. Ifaau says:
      October 28, 2016 at 1:06 am

      Haha thank you Qeen. Next part will be uploaded soon.?

  5. shaai says:
    October 28, 2016 at 1:13 am

    wow…… alhe thaashaa….. ah dhera gotheh nahadhahche. alhey…. avahah upload kohdhehche….

  6. yaana says:
    October 28, 2016 at 5:14 pm

    vvvvvv reethi vaahakaeh mives next part kobaa

  7. yaana says:
    October 28, 2016 at 5:16 pm

    Kuriyah dhaavarakah ebareethivey

  8. Sssss says:
    November 21, 2018 at 8:51 pm

    Wow v reethi ???

Comments are closed.

All Right Reserved!