އަޔާޒްމެންގެ ޚަބަރެއް ނުވާތީ ރިޔާޝާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޝިފާން ފުރާ ވާހަކަ ބުނީއްސުރެ ރިޔާޝާއަކަށް ހަމައެއް ނުޖެހެވެއެވެ. ޝިފާން ދިޔުމުން އަޔާޒްގެ ޚަބަރެއް ލިބޭނެ ގޮތެއް ނޯންނާނެތީއެވެ. ޝިފާން ގޮސްފައި ގުޅާނެކަމަށް ބުނި ނަމަވެސް އަދި ޚަބަރެއް ނުވާތީ ރިޔާޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަހިނގާ ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކި ޖެހި އަޑަށް ސިހުނެވެ. މިވަގުތު އެއައީ ކާކުބާވައޭ ހިތަށްއެރިއެވެ. އޭނާ ހައިރާންވެ ހުރެ ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރު އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
ކުރިމަތީގައި އެހުރީ އަމީނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ރިޔާޝާއަށް ހިނިތުންވެލާފައި ފޮށި ހިފައިގެން އަމީނާ އެތެރެއަށް ހިނގައިގަތެވެ. “މަންމާ! ގެނޭ އަހަރެން އަތަށް.” “ނޫނޭ. މަންމަ މި ވައްދާލަފާނަން.” ހިތްހެޔޮކަމާއެކު އަމީނާ އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންވެފައި ހުރެވުނީ، އޭނާގެ ބައްޕަ ނިޔާވި ފަހުން މިނޫނީ ދުވަހަކުވެސް އެހާ އޯގާތެރިކޮށް އަމީނާ އޭނާއާއި ވާހަކަދައްކާފައި ނުވާތީއެވެ. “ދަރިފުޅާ ރިޔާޝާ.” އަމީނާގެ އަޑަށް ރިޔާޝާ ސިހިފައި ބަލާލިއެވެ. “ކީއްވެފަ ތިތާ ތި ހުންނަނީ؟ އާދޭ އެތެރެއަށް.” އަމީނާގެ ބަސްމަގު ހުރިގޮތުން ރިޔާޝާއަށް އުފަލުން ރޮވުނެވެ.
“ދަރިފުޅާ! ރޮނީތަ؟” އަމީނާ އަހާލިއެވެ. ރިޔާޝާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލާފައި ދެލޯ ފޮހެލިއެވެ. އަދި ގޮސް އަމީނާގެ ކުރިމައްޗަށް ހުއްޓުނެވެ. “އަދި އެއްފަހަރު ގޮވާލަބަލަ.” “ދަރިފުޅާ!” އަމީނާ އެހެން ބުނަމުން ރިޔާޝާ ގައިގައި އޮޅުލައިގަތެވެ. ދެން ދުވަހަކުވެސް ދުރުކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. އަމީނާގެ ދުލުން ދަރިފުޅާއޭ ކިޔާފައި އޭނާއަށް ގޮވާލާނެ ދުވަހަކަށް ރިޔާޝާ ކިހާ އިންތިޒާރެއް ކޮށްފި ހެއްޔެވެ؟ އެކުރި ދިގު އިންތިޒާރު ކިހާ ފޮނި ހެއްޔެވެ؟ އެންމެފަހުން އޭނާ ކުރި ދިގު އިންތިޒާރުގެ ނިމުން މިވަނީ އައިސްފައެވެ.
“ދަރިފުޅާ! މަންމައަށް މާފްކުރޭ! މަންމައަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. އެކަމާ މަންމަ މިހާރު ވަރަށް ދެރަވޭ. މަންމައަށް މިހާރު ވިސްނިއްޖެ. މަންމައަށް މާފްކުރޭ!” އަމީނާ ރޮމުން ވާހަކަދެއްކިއެވެ. “ނޫން މަންމާ. ތިހެން ނުބުނޭ. ދުވަހަކުވެސް މަންމަ އަހަރެން ކައިރިން މާފަށް އެދޭކަށް ނުޖެހޭނެ. އަހަރެން އަބަދުވެސް މަންމައަށް މާފްކުރަން. އަހަރެން މަންމައަށް އަބަދުވެސް ހިތްހެޔޮ.” ރިޔާޝާއަށްވެސް ރޮވިއްޖެއެވެ. އަދި އަމީނާ ގަޔާއި ދުރުކޮށްލަމުން އެދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދިނެވެ.
“މަންމާ! ކޮބާ ބައްޕަ؟ ނާދޭތަ؟” ރިޔާޝާ އެންމެފަހުން ރަޝީދުގެ ވާހަކަ އެހިއެވެ. “އާނ. ބައްޕަ މާބޮޑު މަސައްކަތެއްގަ އުޅޭތީ އާދެވޭ ގޮތް ނުވީ. އެކަމު އަންނާނެ މާގިނަ ދުވަހެއްނުވެ.” އަމީނާ ބުނެލިއެވެ. “އަހަރެން މަންމަ މަތިން ވަރަށް ހަނދާންވި. ވަރަށް ދުޢާވެސް ކުރިން މަންމަ އެނބުރި އާދޭތޯ.” ރިޔާޝާ އުފަލުން އިނދެ ބުނެލިއެވެ. “ދަރިފުޅުގެ ތި ދުޢާ މާތް ﷲ އިޖާބަކުރައްވައިފި. މަންމައަށްވެސް ހަމަ ދަރިފުޅު ދެކޭ ހިތުން ކެތްނުވެގެން މިއައީ.” އަމީނާވެސް ހިނިތުންވެލާފައި ބުނެލިއެވެ.
**********
ތިން ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވުނު އަޑަށް އަޔާޒާއި ޝިފާނަށް ސަމާލުވެލެވުނެވެ. “ޑޮކްޓަރ” “މަރުޙަބާ.” ﷲގެ ހެޔޮ ރަޙުމަތާއިއެކު ވަހީދުގެ އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރ ބުނެލި ވަގުތަކީ އަޔާޒްގެ ހަޔާތުގައިވެސް ލިބުނު އެންމެ އުފާވެރި ޚަބަރެވެ. އެތައް ފަހަރަކު ﷲއަށް ޙަމްދު ކުރަމުން އޭނާ ޝުކުރުގެ ސަޖިދައެއްވެސް ޖެހިއެވެ. އޭނާއަށް ޝިފާންގެ ގައިގައި ބައްދައިގަނެވުނެވެ. އޭނާ ޝިފާންއަށްވެސް ޝުކުރު އަދާކުރިއެވެ.
ވަހީދު އައިސީޔޫއަށް ބަދަލުކުރުމުން އޭނާ އަރާނެ އިރަކަށް އަޔާޒާއި ޝިފާން އިންތިޒާރު ކުރަން ފެށިއެވެ. “ތޭންކްސް ބްރޯ.” އަޔާޒް ޝިފާނަށް ޝުކުރު އަދާކުރިއެވެ. “އަޔާ! ދެން އޯކޭ އޭ. މީ ޝުކުރު އަދާކުރާވަރުގެ ކަމެއް ނޫނެއްނު. ބެސްޓް ފްރެންޑޭ ކިޔަނީ ކަމަކުއޭ. މީ ހަމަ އަހަރެން އަމިއްލަ ކަމެއްގެ ގޮތުގަ ކުރި ކަމެއް.” ޝިފާން އަޔާޒްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. “އޯކޭ އޯކޭ. ތެންކިއު.” އަޔާޒް ބުނެލިއެވެ. “އަނެއްކާ.” ޝިފާން އަޔާޒްގެ ކަންފަތުގައި ހިފާލިއެވެ. “އޯހ. ސޮރީ ސޮރީ.” އަޔާޒް އަވަސްއަވަހަށް ބުންޏެވެ. “ނޯ ސޮރީ ނޯ ތެންކިއު. އޯކޭ.” “އޯކޭ.” ކަންފަތުގައި އަތް އުނގުޅާލަމުން އަޔާޒް ބުނެލީ ހިނިތުންވެލާފައެވެ.
“ޝިފާން ދެން ދާންވީނު ރޫމަށް. ރެސްޓް ކޮށްލަން. ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ.” އަޔާޒް ޝިފާނާއި ދިމާއަށް ހީލާފައި ބުނެލިއެވެ. “ނޫނޭ. އަހަރެން އެހާ ވަރުބައްޔެއް ނޫނޭ. އަސްލު އަޔާ ކަންނޭނގެ ދާންވީ. އަޔާ މިހާރު ކޮންއިރެއް މިތާ ހުންނަތާ.” ޝިފާން ބުނެލިއެވެ. “ނޫނޭ. އިހަށް ޝިފާން ދޭ ރެސްޓް ކޮށްލާފަ އަންނަން. މިހާރު އެހެރަ މެންދަމު 12 ޖަހަނީ. އަހަރެން މަޑުކޮށްލާނަން. ޝިފާން އައިމަ އަހަރެން ދާނީ. އޯކޭ.” “މައްސަލައެއް ނެތް. ކަމެއް ދިމާވެއްޖެއްޔާ އަހަންނަށް އަންގާލާތި.” އަޔާޒް ކިޔާ ވަރުން އެންމެފަހުން ޝިފާން ގެއަށް ދިޔައީ ދާހިތަކުން ނޫނެވެ. އޭނާ އަޔާޒް އެކަނި އެތާ ބައިންދާފައި ދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އަޔާޒް ގޮތް ދޫނުކުރާނެކަން އެނގޭތީ ދިޔައީއެވެ.
ޝިފާން ދިޔުމުން އަޔާޒް އައިސީޔޫއަށް ވަނެވެ. ވަހީދު ހޭ އަރާނެ ވަކި އިރެއް ނޭނގުނު ނަމަވެސް، އޮޕަރޭޝަން ކާމިޔާބުވުމުން ހޭއަރާނެކަމުގެ އުންމީދު ބޮޑުކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން އަޔާޒް އިންތިޒާރު ކުރަމުން ދިޔައީ އެވަގުތަކަށެވެ. ވަހީދު އޮތް އެނދު ކައިރީ ގޮނޑިއެއްގައި އިށީނދެލައިގެން، އަޔާޒް އިނީ ވަހީދުގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހިތާހިތުން ދުޢާ ކުރަމުން ދިޔައީ ވަހީދު އަވަހަށް ހޭއަރާތޯއެވެ. އޭނާ އެހެން އިންދާ ތާއްޔާ ޖެހެން ފެށިއެވެ. އެހެންކަމުން އޭނާ ވަހީދާއި ދިމާއަށް މޫނު އަނބުރާލައި އެނދުގައި ބޯ އަޅާލައިގެން އޮތެވެ. އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
**********
“ދަރިފުޅާ! ކޮންއިރަކުން ނިދަނީ؟” އަމީނާ ރިޔާޝާ ސިޓިންގްރޫމްގައި އިންތަން ފެނިގެން އަހާލިއެވެ. “އިރުކޮޅަކުން މިދަނީ.” ރިޔާޝާ އެހެން ބުނުމުން އަމީނާ އައިސް ރިޔާޝާ ކައިރީގައި ސޯފާގައި އިށީނދެލިއެވެ. “ދަރިފުޅާ! މަންމައަށް ހާދަ ހީވެޔޭ ދަރިފުޅު ކަމަކާ ކަންބޮޑުވެގެން އުޅޭހެން. އަޅެ މީ ދޮގެއްތަ؟” ސީދާ ރިޔާޝާގެ މޫނަށް ބަލަން އިނދެފައި އަމީނާ ކޮށްލި ސުވާލުން ރިޔާޝާ ހިމޭންވިއެވެ. ދޭނެ ޖަވާބަކާއި ދޭތެރޭ އޭނާ ވިސްނާލިއެވެ. ތެދަށް ބުނަންވީބާވައެވެ؟ އަނެއްކާ އެކަމާ އަމީނާ ރުހޭނެބާވައެވެ؟ އެންމެފަހުން ތެދަށް ބުނަން ރިޔާޝާ ނިންމިއެވެ. އޭނާ އަމީނާއަށް އެވާހަކަތައް ކިޔައިދިނެވެ.
“ދަރިފުޅާ! ތިކަމާ އެހާ ބޮޑަށް ނުވިސްނާ. އެވާނީ މާ ބުރަވީމަ އަދި ޚަބަރެއް ނުވެވިގެން އުޅެނީ ކަމަށް. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ. ދެން ދޭ އަވަހަށް ނިދާލެވޭތޯ.” އަމީނާ ރިޔާޝާގެ ބޮލުގައި ފިރުމާލާފައި ބުނެލިއެވެ. ރިޔާޝާ އަމީނާއަށް ހިނިތުންވެލާފައި ކޮޓަރިއަށް ވަނެވެ. ކޮންމެވެސް މީހަކާއި އެވާހަކަ ހިއްސާކޮށްލެވުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް އޭނާއަށް ޢައިޝާ ނެތުމުގެ ފަޅުކަންވެސް އިހުސާސްކުރެވުނެވެ.
ރިޔާޝާ އަޔާޒްދެކެ ލޯބިވާ ވާހަކަ ބުނި ދުވަހުން ފެށިގެން ޢައިޝާއަށް ބަދަލެއް އައިސްފިއެވެ. ޢައިޝާ އެދުވަހުގެ ފަހުން އަދި އެގެއަށް ނާދެއެވެ. އެގެއަށް ނާންނަ ތާނގައި ގުޅާވެސް ނުލައެވެ. ރިޔާޝާއާއިއެކު ބޭރަށް ދާން ބުނާ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކައެވެ. ނަމަވެސް އެކަމުގެ ސަބަބަކީ ރިޔާޝާ ދެއްކި ވާހަކަތައް ކަމެއް ރިޔާޝާގެ ހިތަކަށް ނާރައެވެ. ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ ޢައިޝާ ދުވަހަކުވެސް ރިޔާޝާ ގާތުގައި އޭނާއަށް އަޔާޒް ކަމުދާ ވާހަކަ ބުނެފައެއް ނުވޭ ވިއްޔާއެވެ.
**********
އަޔާޒަށް ސިހިފައި ހޭލެވުނީ އޭނާގެ ބޮލުގައި އެއްޗެއް އުޅޭހެން ހީވެގެންނެވެ. އޭނާ އަވަސްއަވަހަށް ބޯ ފޮޅާލިއެވެ. ނަމަވެސް އެވަގުތު ހިތަށްއެރި އެއްޗަކުން އޭނާ އަވަސްއަވަހަށް ވަހީދާއި ދިމާއަށް ބަލާލިއެވެ. އޭރު ވަހީދު އޮތީ އޭނާއަށް ބަލަހައްޓައިގެން ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އެދެލޮލުން ވަރުބަލިކަން ފެނުނުއިރު އުފާވެރިކަމުގެ ކަރުނަ އައިސްފައި ހުއްޓެވެ. އަޔާޒަށް ވީގޮތެއްވެސް ނޭނގުނެވެ. އުފަލުން ދެތިން ފަހަރު ޙަމްދު އެޅިއެވެ. “ބައްޕާ!” އުފާވެރިކަމާއެކު ވަހީދުގެ ގައިގައި ބައްދާލިއެވެ. އޭރު އެދެލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ނީރާލައިފިއެވެ.
އަޔާޒް އަވަސްވެގަތީ ޑޮކްޓަރަށް އެޚަބަރު ދޭށެވެ. ދަންވަރުގެ އެ ހަމަހިމޭން މާހައުލުގައި އޭނާ އަވަސްއަވަހަށް ޑޮކްޓަރުގެ ކެބިންއާއި ދިމާއަށް ދުއްވައިގަތެވެ. އޭރު ޑޮކްޓަރ އިނީ ފައިލްތަކެއް ހިފައިގެންނެވެ. އޭނާ ދޮރު ހުޅުވާލި އަޑަށް ސިހިފައި ޑޮކްޓަރ ބަލާލިއެވެ. އަދި އޭނާ ވަހީދު ހޭއެރި ވާހަކަ ބުނުމުން ޑޮކްޓަރ ބަލަން އިން ފައިލް ލައްޕާލާފައި އަވަސްއަވަހަށް އައިސީޔޫއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ގޮސް ވަންއިރު ވަހީދު އޮތީ ސީލިންގއާއި ދިމާއަށް ބަލާށެވެ. ދޮރު ހުޅުވާލި އަޑަށް ދޮރާއި ދިމާއަށް ބަލާލާފައި ހީލިއެވެ.
“މަރުޙަބާ! ﷲގެ އިރާދަފުޅާއެކު އެއްވެސް މައްސަލައެއް ނެތް.” ޑޮކްޓަރ ހިނިތުންވެލާފައި ބުނެލިއެވެ. އަދި އަރާމުކުރުމަށް ބުނެފައި ހިނގައިގަތުމުން އަޔާޒް ވަހީދާއި ކައިރިވެލިއެވެ. ވަހީދު އަޔާޒްގެ އަތުގައި ހިފާލާފައި ބަލާލި ގޮތުން ވަހީދު އެއްޗެކޭ ބުނަން އުޅެނީކަން އަޔާޒަށް އެނގުނެވެ. އެހެންކަމުން އަޔާޒް ސަމާލުވެލިއެވެ. “ދަރިފުޅާ! ކޮބާ މަންމަ؟” އުނދަގުލުން ވަހީދު ކޮށްލި ސުވާލުން އަޔާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ވަހީދަށް ފެނުނެވެ. ވަގުތުން އޭނާގެ ހިތް ޝައްކުތަކުން ފުރުނެވެ.
“ދަރިފުޅާ!” “ބައްޕާ! މަންމަ ވީ ޝިފާންއާއެކު ގެއަށް ގޮސް. މަންމަ ވަރަށް ވަރުބަލިވެފައި ހުރީމަ އަހަރެން ބުނީ މަންމަ ދާށޭ ގެއަށް އަރާމުކޮށްލަން. އަހަރެން މިރޭ މިތާ މަޑުކުރާނަމޭ.” އަޔާޒް އެހެން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ވަހީދަށް އެނގުނެވެ. “ހަމަ ތެދަށްތަ ތިބުނީ؟” “އާނ. ކީއްވެ ބައްޕައަށް ދޮގު ހަދަންވީ؟ ހެނދުނު ޝިފާންއާއިއެކު މަންމަ އަންނާނެ. އައިމަ އަހަރެން ދާނީ ގެއަށް. ދެން ބައްޕަ އަރާމުކޮށްލާ. ޑޮކްޓަރުވެސް އެދިޔައީ އަރާމުކުރަން ބުނެފަ.” އަޔާޒް ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. ވަހީދު އިތުރު ވާހަކައެއް ނުދައްކާ ލޯ މަރާލީ ވަރުބަލިކަން އިހުސާސް ކުރެވޭތީއެވެ.
ވަހީދަށް ނިދުނުކަން ޔަޤީންވުމުން އަޔާޒް ބޭރަށް ނުކުމެލިއެވެ. އަދި ޝިފާންއަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލިތަނާ ޝިފާން ފޯނު ނެގިއެވެ. “ހަލޯ އަޔާ! ކިހިނެއްވީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟” ޝިފާން ހާސްވެފައި ވާހަކަދެއްކިއެވެ. “ނޫން. އިރާދަކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު. ބައްޕަ ހޭއަރައިފި.” އަޔާޒް ދިން އުފާވެރި ޚަބަރުން ޝިފާންއަށް “އަލްޙަމްދު ﷲ” އޭ ބުނެވުނެވެ. “އަހަރެން އެބަ ދަން.” ޝިފާން އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަދި އަވަސްއަވަހަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް ދިޔައެވެ.
“މަރުޙަބާ!” އަޔާޒް ފެނުމާއެކު ޝިފާން އޭނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “މިހާރު އެއްވެސް އެއްޗެއް ކައިފިންތަ؟” ޝިފާން އަހާލިއެވެ. “ނޫން. ވަރަށް ހައިވެއްޖެ. ހިނގާ ކެންޓީނަށް ސައިބޯން.” އަޔާޒް ބަނޑުހައިވެފައި ހުރިވަރުން ބުނެލިއެވެ. “އާނ ހިނގާ. އަހަރެންވެސް ވަރަށް ބަނޑުހައި.” ޝިފާންވެސް އެއްބަސްވިއެވެ. “ޝިފާން! ރިޔާއަށް އަންގާލިންތަ؟” ސައިބޯން ތިބެފައި އަޔާޒް ބުނެލިއެވެ. ޙަޤީޤަތުގައި އުޅެން ޖެހުނު ގޮތުން އެދެމީހުންވެސް ތިބީ ރިޔާޝާގެ މަތިން ހަނދާން ނެތިފައެވެ.
“އޯހ ނޯ. ތެދެކޭ ދޯ؟ މަ އަންނަމުން ބުނީމޭ އޭނަ ކައިރީ މިކޮޅަށް އައިއްސަ ގުޅާނަމޭ. އެކަމު ވަހީދުބެ މާ ސީރިއަސްވީމަ އެހެން ކަމެއްގެ މަތިން ހަނދާނެއްވެސް ނެތް. އޭނަ މިހާރު ހުންނާނީ ވަރަށް ކަންބޮޑުވެފަ.” ޝިފާން ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. “ދެން އެކަމާ އެހާ ކަންބޮޑުނުވޭ. ހެނދުނު ގުޅާލާނީ. އޭނައަށް އަންޑަސްޓޭންޑް ވާނެ.” ޝިފާން އަޔާޒް ކަންބޮޑުވެފައި އިނުމުން ހިތްހަމަޖައްސައިދިނުމަށް ބުންޏެވެ. އަޔާޒްވެސް ބޯޖަހާލީ އެވާހަކައަށް އެއްބަސްވުމުގެ ގޮތުންނެވެ.
“ކޮންކަމަކާ ތި ވިސްނަނީ؟” އަޔާޒް ވިސްނުމެއްގައި އިންނާތީ ޝިފާން އަހާލިއެވެ. “މި ވިސްނަނީ ބައްޕައަށް ދޭނެ ޖަވާބަކާ ދޭތެރޭ. ބައްޕަ ފުރަތަމަވެސް އެހީ މަންމަގެ ވާހަކަ.” އަޔާޒް ދެރަވެފައި އިނދެ ބުނެލިއެވެ. “ދެން އަޔާ ކީކޭ ބުނީ؟” “އަހަރެން ބުނިން ހެނދުނު އަންނާނެޔޭ. ޝިފާންއާއެކު ގެއަށް ގޮހޭ ވީ.” އަޔާޒް އޮޅުންފިލުވައިދިނެވެ. “ތިކަމާ ޖެހޭނީ ކޮންމެވެސް އެހެން ގޮތެއް ހަދަން. ކޮންމެ ގޮތެއް ވިޔަސް ހަސީނާއްތަގެ ޙަޤީޤަތް އަދި ކިޔައިދީގެން ނުވާނެ.” ޝިފާންވެސް ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. “ހިނގާ ސައި ބޮއިގެން ހަސީނާއްތަ ކައިރިއަށް ގޮސްލަން.” ޝިފާން ބުނެލިއެވެ. “އާނ.”
“މަންމާ!” އަޔާޒް ޝިފާންއާއިއެކު ގޮސް ވަންއިރު ހަސީނާ އެނދުގައި އިށިނދެލައިގެން އިންދާ ފެނުމުން ގޮވާލިއެވެ. “ދަރިފުޅާ! ޝިފާން.” ހަސީނާ ގޮވާލުމުން އަޔާޒަށް ޝިފާނަށް ބަލާލިއެވެ. އޭނާގެ ހިތުގައި އާވެގަތް އުންމީދުތަކަކުން ހިނިތުންވެލެވުނެވެ. “މަންމާ! މިހާރު ކިހިނެއް؟” އަޔާޒް އަހާލިއެވެ. “މަންމަ ރަނގަޅޭ. ކޮބާ ބައްޕަ؟ ކޮން އިރަކުން ބައްޕަ ކައިރިއަށް މަންމަ ގެންދާނީ؟” ހަސީނާ އާދޭހުގެ ރާގަކަށް ވާހަކަދެއްކިއެވެ. “ހެނދުނު ގެންދާނަން.” އަޔާޒް ހަސީނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
**********
އަމީނާ ކޮޓަރިން ނުކުތް ވަގުތު ފޯނު ރިންގުވީ އަޑު އިވުނެވެ. އޭރު އަދި ރިޔާޝާއެއް ނުނިކުމެއެވެ. އަމީނާ ގޮސް ފޯނު ނެގީ އެހާ ހެނދުނާ ގުޅީ ކާކުތޯ ބެލުމަށެވެ. “ކޮން ބޭފުޅެއްތޯ؟” ޝިފާން އަދަބުވެރިކަމާއެކު އެހީ އެއީ ރިޔާޝާ ނޫންކަން އެނގުމުންނެވެ. “ތީ ކާކު؟” އަމީނާ އެހިއެވެ. “ޝިފާން.” “ކޮން ޝިފާނެއް؟” އަމީނާ އެހެން އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މީ ރިޔާޝާގެ އެކުވެރިއެއް. ތީ ރިޔާޝާގެ މަންމަތޯ؟” ޝިފާން ހަމަޖެހިލާފައި ބުނެލިއެވެ. “އާނ. ކިހިނެއްވީ؟” އަމީނާގެ ރާގު ހުރިގޮތުން ޝިފާން އަވަހަށް ފޯނު ބާއްވަން ގަސްތުކުރިއެވެ. “ރިޔާޝާ ނުކުތީމަ…” “މަންމާ!” ދޮރު ހުޅުވާލާފައި ރިޔާޝާ ނުކުތީ އެވަގުތުއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






salhi…
ޝުކުރިއްޔާ
Wow..vrh salhi..
ޝުކުރިއްޔާ
vaa eh nuvaa eh neyge mi part ge baeh hisaabu thakuga
u r ryt
ޝުކުރިއްޔާ! އެކަމު ވާނުވާ ނޭނގުނީ ކޮން ހިސާބަކުންކަން ބުނެލަދީފިއްޔާ ވަރަށް ރަނގަޅު… އޭރުން ވީގޮތް ބުނެލަދެވޭނީވެސް
alhey irada kureviyaa ayaage dad rangalhu veje dhw….ekam i dnt like riyaage mom vaahak dekigothe….ehen ve deraveje….anyways…riya n ayaa durunukurachey….
ޝުކުރިއްޔާ ތިޔަ ދެއްވާ ސަޕޯޓަށް
ur wc saandy
V salhi
ޝުކުރިއްޔާ
Waiting for next part story warah salhi
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 9ވަނަ ބައި ގެނެސްދޭނަން
u v buxy tha….
އާނ ރަފް… މިދުވަސްކޮޅު ވަރަށް ބިޒީކޮށް މިއުޅެނީ… އެހެންވެ ތަންކޮޅެއް ލަސްވަނީ