ދެރަ ގޮތެއް ނުވުމަށް ހިތާހިތުން ދުޢާކުރަމުން އޭނާ ބައްޕައަށް ގުޅާލިއެވެ.
ދެފަހަރަކު ގުޅާލުމުންވެސް ފޯނު ނުނެގުމުން އަޔާޒް އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ތިންވަނަ ފަހަރަށް ގުޅައިގެން ގޮސް ރިންގް ކެނޑެން އުޅެނިކޮށް ފޯނު ނެގިއެވެ. “ހަލޯ.” ހާސްވެފައިހުރެ އަޔާޒް ބުނެލިއެވެ. “ދަރިފުޅާ! ހަމަ މާދަމާ މިކޮޅަށް އާދޭ. ބައްޕަގެ ހާލު ވަރަށް ސީރިއަސް.” ރޮވިފައިވާ އަޑަކުން އޭނާގެ މަންމަ ހަސީނާ ބުނެލި ވާހަކައިން އަޔާޒަށް ލިބުނީ ޝޮކެކެވެ. “ކީކޭ؟ ބައްޕައަށް ކިހިނެއްވީ؟” ހާސްވެފައި އަޔާޒް އަހާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. “އެކްސިޑެންޓެއްވީ. މާދަމާ ފުރައިގެން އާދޭ. އައިމަ މަންމަ ހުރިހާ ވާހަކައެއް ކިޔައިދޭނަން.” ހަސީނާއަށް ވާހަކަދައްކަން އުނދަގޫވުމުން ބުނެލިއެވެ. “އާނ މަންމާ. އަހަރެން ހަމަ މާދަމާ ތިކޮޅަށް ދާނަން.” އަޔާޒް އެހެން ބުނެފައި އަވަހަށް ފޯނު ބޭއްވިއެވެ. ލިބުނު ހިތާމަވެރި ޚަބަރަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ.
ޓިކެޓްގެ ކަންތައްތައް ހަމަޖައްސަން އަޔާޒް އަވަސްވެގަތެވެ. އޭނާގެ އެކި ރައްޓެހިންނަށް ގުޅައިގެން ކުރި މަސައްކަތުން ދާދި ފަސޭހައިން ސިންގަޕޫރަށް ދިޔުމަށް ޓިކެޓް ހަމަޖެހުނެވެ. ދެން އޭނާ އަވަހަށް ގުޅީ ޝިފާނަށެވެ. ދެފަހަރަކު ގުޅާލިއިރަށް ޝިފާން ފޯނު ނެގިއެވެ. “އަޔާ! މިއޮއް ދަންވަރު؟ ކިހިނެއްވީ؟” ޝިފާން ނިދި އަޑަކުން ވާހަކަދެއްކިއެވެ. އަޔާޒް ކަންވީގޮތް އޮޅުންފިލުވައިދިނުމުން ޝިފާނަށްވެސްވީ ހަމަ އަޔާޒަށް ވީގޮތެވެ. ވަގުތުން އޭނާގެ ނިދި ފިލިއެވެ. އޭނާވެސް އަޔާޒާއެކު ދާން ބޭނުންވިއެވެ. “އަޔާ! އަހަރެންވެސް ދާނަން.” “ނޫނޭ. ޝިފާން ދިޔައިމަ ޝިފާންގެ ބައްޕައަށް ކިހާ ދަތިވާނެ.” ޝިފާންގެ މަންމަގެ ބަލި ހާލަތުގެހުރިގޮތުން، އޭނާގެ ބައްޕަ ގަދަވެ ސަލާމަތުން ހުރިނަމަވެސް އޭނާ ދާކަށް އަޔާޒް އެއްބަހެއްނުވިއެވެ.
“ޝިފާން! މާދަމާ ރިޔާއަށް މިކަން އަންގާލަދެއްޗޭ.” އަޔާޒް ބުނެލިއެވެ. “އާނ. އިރާދަކުރެއްވިއްޔާ މާދަމާ އަހަރެން ތިކަން ކޮށްދޭނަން.” ޝިފާން އަޔާޒްގެ ހިތްހަމަޖައްސައިދީފައި ފޯނު ބޭއްވީ ހިތްވަރު ދެމުންނެވެ. ހެނދުނު 7ގެ ފްލައިޓުން އަޔާޒް ސިންގަޕޫރަށް ފުރިއެވެ. އަޔާޒަށް އެއާޕޯޓުން ނުކުތްއިރު އޭނާގެ އިންތިޒާރުގައި އޭނާގެ އާއިލީ ކާރު އޮތެވެ. އޭނާ އެރުމާއެކު ޑްރައިވަރު ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހިއެވެ. މާ ގިނައިރެއްނުވެ ކާރު އައިސް ހޮސްޕިޓަލުގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު، އަޔާޒް އަވަސްއަވަހަށް ކާރުން ފައިބައި ދުވެފައި އެތެރެއަށް ވަނެވެ.
**********
ހެނދުނު ރިޔާޝާ ހޭލީއްސުރެ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭހެން ހީވަނީއެވެ. ލޯ ތޮޅޭވަރުންވެސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. މީހުން ބުނާތީ އޭނާވެސް އަޑު އަައެވެ. ލޯ ތޮޅެންޏާ އެއުޅެނީ ކޮންމެވެސް ބޮޑުކަމެއް ވާންވެގެންނެވެ. އެއީ ތެދެއް ކަމަކަށް އޭނާ ޤަބޫލެއްނުކުރެއެވެ. އޭނާ ލޯތޮޅުން ރަނގަޅުވޭތޯ ތާފަނާ ފެނުން ބޮނޑިތާންކޮށް، އެކި ގޮތްގޮތަށް މަސައްކަތްް ކޮށްވެސް ރަނގަޅެއްނުވިއެވެެ. ލޮލާއި ކުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އޭނާ އެމަސައްކަތް ހުއްޓާލިއެވެ. އަޔާޒްގެ ޚަބަރެއް ނުވާތީ، ޚިޔާލުތަކުންް އިތުރަށް ހިތް ނުތަނަވަސްކުރަމުން ދިޔައެވެ. އަނެއްކާ އަޔާޒަށް ކަމެއް ވީބާވައޭ ހިތަށް އަރަމުންދިޔައެވެ. އެންމެފަހުން އޭނާ ގޮސް އަޔާޒަށް ގުޅިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ބުނީ ފޯނު ނިވާލާފައި ކަމަށެވެ.
ލިބުނު މާޔޫސްކަމުގައި ރިޔާޝާ ފޯނު ބޭއްވިތަނާ ފޯނު ރިންގުވިއެވެ. އަވަސްއަވަހަށް ފޯނު ނެގީ އަޔާޒަށް ވެދާނެކަމުގައި ހީކުރަމުންނެވެ. ނަމަވެސް ފޯނު ނެގުމާއެކު އިވުނީ ޝިފާންގެ އަޑެވެ. “ހަލޯ ޝިފާން! އަޔާ ކޮބާ؟ އަޔާ ރަނގަޅުތަ؟ އަޔާ ފޯނު ނިއްވާލާފަ އޮތީ؟” ރިޔާޝާ ހާސްކަމާއެކު ސުވާލުތައް ފަތިފައްޗަށް އަމުނާލިއެވެ. “ރިޔާ! ހަމަޖެހިބަލަ. އަޔާ ރަނގަޅޭ.” ޝިފާން ބުނެލިއެވެ. “އަލްޙަމްދުﷲ. އެކަމަކު ކީއްވެ އަޔާ ފޯނު ނިއްވާލައިގެން އެއުޅެނީ.” ރިޔާޝާ އޭނާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “އެވާހަކަ ބުނަންވެގެން މިގުޅީ. އަޔާގެ ބައްޕަ އެކްސިޑެންޓްވެގެން، އަޔާގެ މަންމަ ގުޅީމަ އެމަޖެންސީއެއްގައި ސިންގަޕޫރަށް ގޮއްސި މިއަދު 7ގެ ފްލައިޓުން.” ޝިފާން އޮޅުންފިލުވައިދިނެވެ.
“އެހެންތަ؟ ވަރަށް ސީރިއަސްތަ؟” ހާސްވިވަރުން ރިޔާޝާއަށް އެހެން އަހާލެވުނީވެސް ތަންކޮޅެއް އަވަހަށެވެ. “އާނ. އެކަމަކު އަދި މާބޮޑު އެއްޗެއް ނޭނގޭ. އަދި އަޔާއަކާ ގުޅޭ ގޮތެއްނުވޭ. އަހަރެންނަށް އެނގޭ ވަރަކަށްް ރިޔާއަށް އަންގަމުން ދާނަން. އިނގޭ. އެހާ ހާސްނުވައްޗޭ. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ.” ރިޔާޝާގެެ ހިތްހަމަޖައްސައިދީފައި ޝިފާން ފޯނު ބޭއްވިއެވެެ. އަޔާޒްގެ އާއިލާ ދުޅަހެޔޮ ސިއްޙަތެއްގައި ލެއްވުމަށް އެދި ރިޔާޝާ ހިތާހިތުން ދުޢާކުރިއެވެ.
**********
އަޔާޒް ދުވެފައި މިސްރާބުޖެހީ އައިސީޔޫއާއިި ދިމާއަށެވެ. އޭރު އޭނާގެ މަންމަ އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި ރޯން އިނެވެ. އޭނާ ފެނުމާއެކު ހަސީނާ ދުވެފައިކަހަލަ ގޮތަކަށް އައިސް އޭނާގެ ގައިގައި ބައްދައިގަތެވެ. “ދަރިފުޅާ! ބައްޕަ…” ހަސީނާއަކަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ ހަށިގަނޑުން މަޑުމަޑުން ވަރު ދޫވަމުންްދިޔައެވެ. އަޔާޒް އަވަހަށް ހަސީނާ ގޮނޑިއެއްގައި ބޭންދިއެވެ. އަދި އަވަސްއަވަހަށް ގޮސް އައިސީޔޫގެ ތެރެއަށް ވަނެވެ.
އަޔާޒަށް އޭނާގެ ބައްޕަ ވަހީދުގެ ހަށިގަނޑު ފެނުމުން ހުއްޓެވުނެވެ. އެމަންޒަރު އޭނާއަށް ފެނުނީ ހީކުރި ވަރަށްވުރެެވެސްް ބިރުވެރިކޮށެވެ. ވަހީދުގެ އެތަންމިތަނަަށް ހޮޅި ގުޅާފައިވާތަން ފެނުމުން ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އަނގައަށް ހޮޅި ގުޅާފައިވާއިރު ވަހީދު ފެންނަނީ އެއްވެސް ދިރުމެއް ނެތްފަދަ ގޮތަކަށެވެ. އަޔާޒްގެ ފައިގެ ދަށްފުށުން އަރައިގެން ހީބިހިގަނޑު މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރުގެ އަސަރެއް ކުރުމުންނެވެ. އެއީ ދުވަހަކުވެސް އޭނާ ފެންނާނެކަމަށް ހީކުރި މަންޒަރެއް ނޫނެވެ. އޭނާ އަވަހަށް އެތަނުން ނުކުތީ އިތުރަށް އެތާނގައި މަޑުކުރަން ކެތްނުވުމުންނެވެ.
ޑޮކްޓަރުން ވަހީދާއި ދޭތެރޭގައި އަދި ވަކި އެއްޗެއް ނުބުނިނަމަވެސް އުންމީދު ކުޑަކަން އެނގެއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދާ މާޔޫސްކަން އަޔާޒަށް ބިރުވެރި ސިގްނަލްތައް ދެމުންދިޔައެވެެ. ބޮލަށް ލިބުނު ގެއްލުމުގައިި އެތެރެއަށް ލޭ އެޅެމުންދާކަމަށް ބުނަމުން އެކަން ކޮންޓްރޯލުކުރެވޭތޯ މަސައްކަތްކުރާކަމަށް ބުންޏެވެ. އޮޕަރޭޝަނެއް ކުރަން ޖެހޭނެކަމަށް ބުނި ނަމަވެސް އަދި އޮޕަރޭޝަން ނުކުރެވިގެން އުޅޭ ސަބަބެއްވެސް ނުބުނެއެވެ. އަޔާޒަކަށް މާގިނައިން ސުވާލު ކުރާކަށްވެސްް ނުކެރުނެވެ. އޭނާއާއި ހަސީނާ އެކަނި ހުއްޓާ ދެރަ ޚަބަރެއް ލިބިއްޖެނަމަ އޭނާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. އަޔާޒް ހީިކުރި ވަރަށްވުރެ އޭނާ މާ ފިނޑިއެވެ. ކޮންމެވެސް ނޭދެވޭ ޚަބަރެއް ލިބިދާނެތީ މާބޮޑަށްް ހިތް ތެޅެނީއެވެ.
އަޔާޒް ޝިފާންއަށް ގުޅާފައި އެދުނީ އަވަހަށް ސިންގަޕޫރަށް އައިސްދިނުމަށެވެ. ފައިސާގެ ހުރިހާ ކަމެއް އޭނާ ހަމަޖައްސާނެކަމަށް އޭނާ ބުންޏެވެ. ޝިފާން އެއާޕޯޓުން ނުކުތްއިރު އަޔާޒް ފޮނުވައިގެން އެމީހުންގެ ކާރު އޮތީ އައިހެވެ. އޭނާ ގެއަށްވެސް ނުގޮސް ދިޔައީ ހޮސްޕިޓަލަށެވެ. އަޔާޒަށް އޭނާގެ އެހީ ބޭނުންވާނެވަރު އޭނާއަށް ވަޒަންކޮށްލެވުނެވެ. އޭނާ ޑްރައިވަރާއެކު އަޔާޒްމެން ތިބި ތަނަށް ދިޔައެވެ. އޭރު އަޔާޒް އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އިނީ ކަންބޮޑުވެފައެވެ. ރޯލަރޯލައެވެ. ޑްރައިވަރާއެކު ލަގެޖްތައް އަޔާޒްމެން ގެއަށް ފޮނުވާލާފައި ޝިފާން އަޔާޒްމެންނާއި ދިމާއަށް މިސްރާބުޖެހިއެވެ.
“އަޔާ!” ޝިފާންގެ އަޑަށް އަޔާޒް ބަލާލިއެވެ. ޝިފާން ފެނުމާއެކު ތެދުވެ އޭނާ ގައިގައި ބައްދައިގަނެގެން ރޯން ފެށިއެވެ. “އަޔާ!” ޝިފާން އަޔާޒްގެ ބުރަކަށީގައި ފިރުމަމުން ގޮވާލިއެވެ. އަދި އަޔާޒް ގޮވައިގެން އެތަނުން ދުރަށް ޖެހިލިއެވެ. “އަޔާ! ނުރޮއި. ހިތްވަރު ކުރަންވާނެ. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ. އަޔާ ތިހެން ރޮންޏާ އަޔާގެ މަންމައަށް ކިހިނެއްވާނީ؟ އަޔާގެ މަންމައަށް ހިތަވަރުދޭން ހުރި މީހަކީވެސް ހަމަ އަޔާއެއްނު. އަހަރެންވެސް މިހާރު މި އައީއެއްނު. އަވަހަށް ހުއްޓާލާ.” ޝިފާން އަޔާޒަށް ވިސްނައިދިނެވެ. ޝިފާން އެތައް ވާހަކައެއް ދެއްކި ފަހުން އަޔާޒް ހަމައަކަށް އެޅުނެވެ.
“ހިނގާ.” އަޔާޒް ހަމައަކަށް އެޅުމުން ޝިފާން އޭނާ ގޮވައިގެން ހަސީނާ އިން ދިމާއަށް ދިޔައެވެ. އެވަގުތު ޑޮކްޓަރ އަންނަ ތަން ފެނިގެން އަޔާޒާއި ޝިފާން ޑޮކްޓަރާއި ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. “ޑޮކްޓަރ. އަޅުގަނޑުގެ ބައްޕަ.” “ބައްޕަ އަވަހަށް އޮޕަރޭޝަނަށް ވައްދަންވީ. އެހެންނޫނީ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް.” ޑޮކްޓަރ ބުނުއްވިއެވެ. އެމޫނުމަތިން ފެނުނު ހާސްކަމަކުން އަޔާޒްގެ ބުއްދި ފިލާދިޔަ ކަހަލައެވެ. “ޑޮކްޓަރ. އަޅުގަނޑުގެ ބައްޕަ ސަލާމަތް ކޮށްދެއްވާ.” އަޔާޒް މޮޔައެއް ފަދައިން ޑޮކްޓަރގެ ފައިބުޑަށް ވެއްޓިގަތެވެ.
“އަޔާ!” ޝިފާން އަޔާޒްގެ ކޮނޑުގައި ހިފާ ނެގިއެވެ. އެކުވެރިޔާގެ ހާލު ފެނުމުން އޭނާއަށްވެސް އަސަރުކުރިއެވެ. “ބައްލަވާ. ޕޭޝަންޓް ވަރަށް ކްރިޓިކަލް. ވަގުތު ވަރަށް ކުޑަ. އަވަސްކުރައްވާ.” ޑޮކްޓަރު ހާސްވެފައި ބުނުއްވިއެވެ. “ދުޢާކުރައްވާ. ބަލިތަކަށް ޝިފާ ދެއްވާނީ މާތް ﷲ. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން. ލަސްވާ ކޮންމެ މިނެޓަކީވެސް ޕޭޝަންޓަށް ރިސްކަކަށް ވާނީ. އެހެންވީމަ އަވަހަށް އޮޕަރޭޝަން ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަވާ.” ޑޮކްޓަރ އެހެން ބުނުއްވުމުން ޝިފާން އަވަސްވެގަތީ އަޔާޒް ގޮވައިގެން ފޯމުތަކުގައި ސޮއިކުރަން ދިޔުމަށެވެ.
ފޯމުތަކުގައި ސޮއިކޮށް ނިންމާފައި އަޔާޒާއި ޝިފާން ދިޔައީ ހަސީނާ ގާތަށެވެ. ހަސީނާގެ ހަރަކާތް ހުއްޓި ގަބުވެފައި އިންތަން ފެނި އަޔާޒްގެ މެއަށް ނުބައި ގޮތްތަކެއް ވެގެންދިޔައެވެ. އަޔާޒް ޝިފާންނަށް ބަލާލިއިރު ޝިފާންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހާސްކަމެވެ. “މަންމާ! މަންމާ!” އަޔާޒް ހަސީނާއަށް ގޮވާލިއެވެ. “ދައްތާ! މަންމާ! ދައްތާ!” އަޔާޒާއި ޝިފާން ހަސީނާގެ ގައިގައި ހިފާ ތަޅުވައިގަތުމުންވެސް ހަސީނާއަކަށް ހޭވެރިކަމެއް ނުވިއެވެ. ވަގުތުން ހަސީނާ އަވަސް ފަރުވާދޭ ބަޔަށް ގެންދެވުނެވެ.
ޑޮކްޓަރ ބުނުއްވީ ކުއްލިއަކަށް މި ދިމާވި ބޮޑު ކަންތައްގަނޑުގެ ސަބަބުން ހަސީނާއަށް ޝޮކެއް ޖެހުނީ ކަމަށެވެ. ޑޮކްޓަރ ބުނުއްވީ ކުއްލިއަކަށްވެސް ރަނގަޅުވެދާނެ ކަމަށެވެ. ނޫނީ ރަނގަޅުވާން ދުވަސް ނަގާނެ ކަމަށެވެ. ބޭހަކުން ރަނގަޅު ނުވާނެކަމަށާއި އެކަން ރަނގަޅުވާނީ ކޮންމެވެސް ކަހަލަ ޝޮކެއް ލިބިގެން ކަމަށެވެ. އޯގާތެރިކަމާއި އަޅާލުން ރަނގަޅުވުމަށް ބާރުދޭނެ ކަމަށްވެސް ޑޮކްޓަރ ބުނުއްވިއެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި ހަސީނާ ނިންދެވުމުން ޝިފާން ދިޔައީ އޮޕަރޭޝަން ތިއޭޓަރ ކައިރިއަށެވެ. ވަގުތުގެ ގޮތުން އަޔާޒް އެކަނިކޮށްލުން ރަނގަޅު ނުވާނެތީއެވެ.
“ޝިފާން! ކުއްލިއަކަށް ކިހިނެއް މިވީ؟” އަޔާޒް ރޮވިފައިވާ އަޑަކުން ބުންޏެވެ. “އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ.” ޝިފާން އަޔާޒްގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ނަރުސް ކުއްޖާ ނުކުމެގެން އަންނަ ތަން ފެނިފައި ޝިފާންއާއި އަޔާޒަށް ކޮޅަށް ތެދުވެވުނެވެ. އަދި އަޔާޒް ގޮވައިގެން އައިސީޔޫގެ ތެރެއަށް ވަނެވެ. އައިސީޔޫއަކީ އެކަކަށްވުރެ ގިނަ މީހުންނަށް ވަދެވޭ ތަނެއްނޫނެވެ. ނަމަވެސް އެމީހުންނަށް އަޔާޒްގެ ހާލަތު ވިސްނުނީ ކަންނޭނގެއެވެ. އެހެންކަމުން އެމީހުން ޝިފާންއަށް ވަނުމުގެ ހުއްދަ ދިނެވެ.
“ބައްލަވާ. ޕޭޝަންޓްގެ ހާލަތު ވަރަށް ނާޒުކު. އޮޕަރޭޝަން ކުރުން ލަސްވެއްޖެއްޔާ…” “ކީއްވެތަ ލަސްވަނީ؟ ކީއްވެތަ ނުކުރެވެންވީ؟ ކިހާ ވަރެއް ބޭނުންވަނީ؟ ކޮންކަމެއް ނުވަނީ؟” އަޔާޒް ހާސްވިވަރުން އަވަސްއަވަހަށް އެހުނެވެ. “ބޭނުންވަނީ އޭ ނެގެޓިވް ލޭ. 3 ޕޮއިންޓް ލޭ އެޅިގެން އޮޕަރޭޝަނަކަށް ދެވެން އަންނަނީވެސް. އަޅުގަނޑުމެންނަށް ލިބުނީ 1 ޕޮއިންޓް ލޭ. ބްލަޑް ބޭންކްގަ ހުރި އެއްވެސް ލެއެއް ޕޭޝަންޓަކާ ނުގުޅުނު.” ޑޮކްޓަރ ބުނުއްވިއެވެ. “ދެން މި ހުރިހާއިރު ކީއްވެ ނާންގާ ތިތިބީ؟ ކަލޭމެން ބޭނުންވަނީ ބައްޕަ މަރާލަން ދޯ؟” އަޔާޒްގެ ހާސްކަމުގެ މައްޗަށް ރުޅި ވެރިވެގަތެވެ.
“އަޔާ!” ޝިފާން އަޔާޒް ހުއްޓުވިއެވެ. އޭނާއާއި އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުންނަށްވެސް އަޔާޒްގެ ހާލަތު ވިސްނެއެވެ. “މާފްކުރައްވާ.” އަޔާޒް ބުނެލިއެވެ. “ބައްލަވާ. އަޅުގަނޑު ގައިގައި ހުންނަނީ އޭ ނެގެޓިވް ލޭ. އަޅުގަނޑު ލޭ ދޭން ތައްޔާރު.” ޝިފާން އެހެން ބުނެލުމުން ނަރުސް ކުއްޖާ ޝިފާން ގޮވައިގެން ދިޔައެވެ. ދަމުން ޝިފާން އަޔާޒަށް ބަލާލާފައި ބޯޖަހާލީ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލާފަދަ ގޮތަކަށެވެ.
ޝިފާން ލޭ ދީފައި އައުމުން އަޔާޒް ކިހިނެއްތޯ އަހާލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނެލީ ހިނިތުންވެލާފައެވެ. “ޑޮކްޓަރ ބުނުއްވީ އަދިވެސް ލޭ ބޭނުންވެދާނެ ކަމަށް. އެހެންވީމަ ޑޯނަރ އެއް ހޯދާލާފަ ބެހެއްޓުން ބުއްދިވެރި.” ނަރސް ކުއްޖާ އެހެން ބުނެލުމަށްފަހު އައިސީޔޫގެ ތެރެއަށް ވަނެވެ. އިރުކޮޅެއްގެ ތެރޭގައި ވަހީދު އޮޕަރޭޝަނަށް ވައްދައިފިއެވެ. އޭނާ އޮޕަރޭޝަނަށް ވެއްދި ހިސާބުން އަޔާޒާއި ޝިފާން ތިބީ ނޭވާ ހިފަހައްޓާލައިގެން ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ.
**********
އަޔާޒްމެންގެ ޚަބަރެއް ނުވާތީ ރިޔާޝާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޝިފާން ފުރާ ވާހަކަ ބުނީއްސުރެ ރިޔާޝާއަކަށް ހަމައެއް ނުޖެހެވެއެވެ. ޝިފާން ދިޔުމުން އަޔާޒްގެ ޚަބަރެއް ލިބޭނެ ގޮތެއް ނޯންނާނެތީއެވެ. ޝިފާން ގޮސްފައި ގުޅާނެކަމަށް ބުނި ނަމަވެސް އަދި ޚަބަރެއް ނުވާތީ ރިޔާޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަހިނގާ ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކި ޖެހި އަޑަށް ސިހުނެވެ. މިވަގުތު އެއައީ ކާކުބާވައޭ ހިތަށްއެރިއެވެ. އޭނާ ހައިރާންވެ ހުރެ ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރު އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.






kaaku baa e aee ??/ story varah rerthi .. ekam short dhw .. dhn faharakun dhigu kohladhehchey ingey
ޝުކުރިއްޔާ! 8ވަނަ ބައިގައި އިނގޭނެ އެއައީ ކާކުކަން… އިރާދަކުރެއްވިއްޔާ 8ވަނަ ބައި ދިގުކޮށްލާނަން
Varah salhi. Kihinehbaa e v. Thanx
ޝުކުރިއްޔާ! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އިނގޭނެ އެ ވީގޮތެއް
Wow waahaka warah rythi next part warah awahah up kohdhehchey waiting for next part
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 8ވަނަ ބައި ގެނެސްދޭނަން
I think that’s her mother
V nice mi story…
ޝުކުރިއްޔާ! 8ވަނަ ބައި ކިޔާލީމަ އެނގިދާނެ އެއައީ ކާކުކަން
mi part ves v nice….riyaa and ayaa duru nukurachhey ingey….
ޝުކުރިއްޔާ
Warah hiy gaimu kiaa hithun indha e nimuny
ޝުކުރިއްޔާ
varah reethi.dhen vaanee kihinebvaa?e aee kaakubaa?next part avas kollaathi.waiting
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 8ވަނަ ބައި ގެނެސްދޭނަން
asluves vvvvv rythi. raf bunihen e 2 kudhin dhuru nukohlachey saandy
ޝުކުރިއްޔާ
kon irak up kohlanee hadha lasvanee
އިރާދަކުރެއްވިއްޔާ މާދަމާ… ކުޑަ މައްސަލައެއް ދިމާވެގެން ލަސްވީ
vth rythi story..next part avas kohlaathi…
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 8ވަނަ ބައި ގެނެސްދޭނަން
konirakun 8th vana bai up kuraanii..
އިރާދަކުރެއްވިއްޔާ މާދަމާ 8ވަނަ ބައި ގެނެސްދޭނަން… ކުޑަ މައްސަލައެއް ދިމާވެގެން ލަސްވީ
Varah rythi story eh avavah up kohddyy
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 8ވަނަ ބައި ގެނެސްދޭނަން