“ނޫން. އުނދަގުލެއް ނުވޭ. މިހާރު ވަރަށް ހިތްހަމަޖެހިއްޖެ އަޔާޒް މާފަށް އެދުނީމަ.” ރިޔާޝާ އިރުކޮޅަކު ވިސްނާލުމަށްފަހު ބުނެލިއެވެ. އެކަމުގެ ސަބަބުން އަޔާޒަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. “އަސްލުވެސްތަ؟ ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ތޭންކްސް.” އަޔާޒް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. “އަދި 1 ވާހަކަ. އަޔާޒް ދެން އެއްވެސް މީހަކާ އެގޮތަށް ދިމާކޮށް ނުހެދުމަކީ އަހަރެން ވަރަށް ބޮޑަށް އެދޭ އެދުމެއް.” ރިޔާޝާ ބުނެލިއެވެ. އަޔާޒް ބޯޖަހާލިއެވެ.
“އަހަރެންނަކީ ގާތް އެކުވެރިއެއް ކަމަށް ބަލާ. މިހެން ބުނާއިރުވެސް އިނގޭ ކަންތައްތައް ވެފަ އޮތްގޮތުން ރިޔާޝާއަށް އެހާ ފަސޭހައެއް ނުވާނެކަން. އެކަމަކުވެސް އަހަރެން ބޭނުން ރިޔާޝާއާ އެކުވެރިކަން ބާއްވަން.” އަޔާޒް ޖެހިލުމެއްނެތި އޭނާ އެދޭ ގޮތް ހާމަކުރިއެވެ. “އަހަރެން އެކުވެރިކަން ބާއްވަން ބިރުގަނޭ. އެއްވެސް މީހަކާ މާ ގާތްވެއްޖެނަމަ އެމީހަކު ގެއްލޭނެ. އެހެންވީމަ އަހަރެންނަށް އެކަނިވެރިކަން މާރަނގަޅު.” ރިޔާޝާ ހިނިތުންވެލިއެވެ.
“އެންމެން އެއްގޮތެއް ނުވާނެ. ރަނގަޅު ނުބައި އެނގޭނީ އެކުގަ އުޅެލީމައެއްނު. އަހަރެންނަށް ކޮންމެވެސް ޖަވާބެއްދީ.” އަޔާޒް ރިޔާޝާގެ ހިތް އަތުލެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. “އެންމެ ރަނގަޅު.” ރިޔާޝާ ބުނެލިއެވެ. “ތިބުނީ އަހަރެންނާ އެކުވެރިވާން އެއްބަހޭތަ؟” އަޔާޒް އެހެން ބުނެލުމުން ރިޔާޝާ ބޯޖަހާލިއެވެ. “ދެން ދަނީ. މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު. ގުޑް ނައިޓް.” “ގުޑް ނައިޓް.” އަޔާޒްވެސް ރައްދުގައި ބުނެލިއެވެ. އަޔާޒަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ރިޔާޝާ ގެއަށްދާން ހިނގައިގަތެވެ. ރިޔާޝާ ގޮސް އޮބާލަންދެން އަޔާޒް ބަލަހައްޓައިގެން ހުއްޓެވެ.
މަޑުމަޑުން ރިޔާޝާއާއި އަޔާޒްގެ އެކުވެރިކަން ބަދަހިވާންފެށިއެވެ. އެދެމީހުން ބައްދަލުކުރާ މަންޒިލަކަށްވީ އާޓިފިޝަލް ބީޗެވެ. އަޔާޒް މަޑުމަޑުން ރިޔާޝާގެ ދިރިއުޅުމުގެ ކަންތައްތައް އޮޅުންފިލުވަމުން ދިޔައެވެ. އަޔާޒްގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ރިޔާޝާއަށް އަޔާޒަށް އިތުބާރުކުރެވެން ފެށިއެވެ. އެހެންކަމުން އޭނާ އަޔާޒާއި އެކަންތައްތައް ހިއްސާކުރިއެވެ.
“މިހެން އިނދެ އަހަރެންގެ އެކަނިވެރިކަމާ ދޭތެރޭ ވިސްނާލީމަ ކުޑަކޮށް ހިތްހަމަޖެހޭ.” އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފައި ރިޔާޝާ ހިނިތުންވެލިއެވެ. “ދެން ރިޔާޝާގެ އެކަނިވެރިކަމާ ދޭތެރޭ ވިސްނުން ހުއްޓާލާ. އެންމެ އެކުވެރިއަކަށްވެސް ރިޔާޝާ އުފާކޮށްދެވިދާނެ.” ރިޔާޝާގެ ހިތަށްއެރީ ކީކޭ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ތެދުވެ އެއްވެސް އެއްޗެކޭ ނުބުނެ، ދާން ހިނގައިގަތެވެ. އަޔާޒް ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. “ކިހިނެއް އެވީ؟ އަޅެ އަހަރެންނަށް ގޯސް އެއްޗެއް ބުނެވިއްޖެތަ؟” އަޔާޒް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އަދި ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވާލާފައި ސައިކަލާއި ދިމާއަށް މިސްރާބުޖެހިއެވެ.
އެރޭވެސް އަޔާޒަށް ނިދޭގޮތެއް ނުވިއެވެ. ރިޔާޝާގެ ފަރާތުން މާފު ލިބުމުން ހިތްހަމަޖެހުނު ނަމަވެސް، މިރޭ ރިޔާޝާ ކުއްލިއަކަށް އެދިޔައީ ހިތްހަމަނުޖެހިގެންނޭ ހިތަށް އެރުމުން ލިބުނު ކުޑަކުޑަ ހިތްހަމަޖެހުންވެސް ފިލައިގެންދިޔައެވެ. ކުރިންރޭ ރިޔާޝާ އޭނާއާއި ދިމާއަށް އެއްޗެހި ކީފަހުން އޭނާއަށް ވަރަށް ބޮޑު ބަދަލެއް އައިސްފިއެވެ. އެރޭގެ ފަހުން އޭނާގެ ލޮލާއި ނިދިވަނީ ރުޅި ހަދާފައެވެ. މިހާރަކަށް އައިސް އޭނާއަށް ރިޔާޝާއާއި ދޭތެރޭ ވިސްނެނީ މާބޮޑަށެވެ. ރިޔާޝާގެ ޚިޔާލުގައި އޮއްވާ ނިދެނީ ފަތިސްވާ ފަހުންނެވެ.
“ކަލޭމެން ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެންނަކީ ނިކަމެތި އަންހެނަކަށްވެފައި، އަހަރެން މިހެން މަޑުމަޑުން ހުންނާތީ ކަލޭމެން ބޭނުންހާ ގޮތެއް ހެދިދާނެ ކަމަށްތަ؟ ނުހެދޭނެ.” އެރޭ ރިޔާޝާ ބުނި މިދެތިން ޖުމްލަ އަޔާޒްގެ ހަނދާނުގައި އަބަދުވެސް ހުރެއެވެ. ރިޔާޝާގެ އެ ހިތްވަރުގަދަކަމާއި ކެތްތެރިކަން އަޔާޒްގެ ހިތް ފަތަޙަކޮށްފިއެވެ. “ރިޔާޝާ! އައިމް އިން ލަވް. އައި ލަވް ޔޫ. އައި ލަވް ޔޫ.” އަޔާޒް އޭނާ ކައިރީ އޮތް ބާލީހުގައި ބައްދާލިއެވެ.
ރިޔާޝާއާއި އަޔާޒްގެ ގުޅުން ބަދަހިވަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. ދެމީހުން އެކުގައި ތަންތަނަށް ދިއުމުގެ އިތުރުން ފޯނުންވެސް ވާހަކަދައްކާ ހަދަން ފެށިއެވެ. އަޔާޒަކީ ރިޔާޝާ ހީކުރި ކަހަލަ މީހަކަށް ނުވިއެވެ. އޭނާ ހީކުރީ އަޔާޒަކީވެސް މާލެތެރޭގައި މިއުޅޭ ކަހަލަ “އެބައުޅޭ މިބައުޅޭ” މީހެއްކަމަށެވެ. ނަމަވެސް އަޔާޒާއިއެކު ގިނަ ވަގުތު ހޭދަކުރަން ފެށުމުން އޭނާގެ ކިބައިގައިހުރި ހަރުދަނާ އުސޫލުތަކެއް ރިޔާޝާއަށް ފާހަގަކުރެވުނެވެ.
ތަޢުލީމީ ގޮތުން ކުރިއަށް ދިއުމަށް ކުރާ ބުރަ މަސައްކަތުގެ އިތުރުން އަޔާޒް ދަނީ އަމިއްލަ ދިރިއުޅުމެއް ފަށަންވާއިރަށްވެސް ތައްޔާރުވަމުންނެވެ. ހުރިހާ ކަމެއް ފުރިހަމަވެފައި ހުރެވެސް، އޭނާ ބޭނުންވަނީ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރާށެވެ. އަޔާޒްގެ އެސިފަ ރިޔާޝާއަށް ވަރަށް ކަމުދިޔައެވެ. އެއީ ވަރަށް ހަރުދަނާ މީހެއްގެ ކިބައިގައި ނޫނީ ނުހުންނާނެ ސިފައެއްކަމަށް ރިޔާޝާ ޤަބޫލުކުރެއެވެ.
ރިޔާޝާއަށްވެސް އަޔާޒްގެ އެކި ކަންކަމާއި ގަޔާވެވެމުން ދިޔައެވެ. އަޔާޒްގެ ކޮންމެ ހަރަކާތަކަށްވެސް ފޫހިކަމެއްނެތި ބަލަން ހުރެވެއެވެ. އޭނާ އަޔާޒާއި ދޭތެރޭ ވިސްނާކަށް ބޭނުމެއްނޫނެވެ. ހަނދާންކުރާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެނޫން ޚިޔާލެއް ނުކުރެވެއެވެ. ހަނދާން ނައްތައެއް ނުލެވުނެވެ. އޭނާ އަޔާޒާއި ގާތްވާކަށް ބޭނުމެއްނޫނެވެ. އެކަމަކު ދުރަކުވެސް ނުހުރެވުނެވެ. އަޔާޒް އެހެން އަންހެންކުދިންނާއި ގުޅުން ބޭއްވުމުން އޭނާގެ ހިތަށް ތަދުވަނީ ކީއްވެ ހެއްޔެވެ؟ މިއީ ހަމައެކަނި އެކުވެރިކަން ހެއްޔެވެ؟ ނޫނީ އޭނާއަށް އަޔާޒްދެކެ ލޯބި ވެވުނީބާވައޭ ރިޔާޝާގެ ހިތަށް އެރިއެވެ. އެގުޅުމަށް ދޭނެ ނަމެއް ރިޔާޝާއަކަށް ނޭނގުނެވެ.
އަޔާޒް ރިޔާޝާއާއި ފޯނުން ވާހަކަދައްކަން އިނީ ސިޓިންގރޫމް ސޯފާގައެވެ. “ރިޔާ! އަހަރެން ވާހަކައެއް އަހާލަންތަ؟” އަޔާޒް އަހާލިއެވެ. “ހޫމް. އަހާބަލަ.” “ރިޔާޝާ މިހާރު ކުލާހަށް ނުދަނީ ކީއްވެ؟ ކެނޑުނީތަ؟” އަޔާޒް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ރިޔާޝާއާއި ކޮށްލިއެވެ. ރިޔާޝާ ހަމައެކަނި “ހޫމް” އަޅުވާލިއެވެ. “ކީއްވެ؟ އެއީ އަހަރެންނާ ހެދިތަ؟” އަޔާޒް މޮޅިވެރި ރާގަކަށް ބުނެލިއެވެ. “ނޫން. އަހަރެންނަށް މިހާރު ކިޔެވޭނެހާ ފައިސާ ނެތީ. ދެން އަހަރެން އިތުރަށް ކިޔަވާކަށް ނުވިސްނަން. ކިތަންމެ ވަރަކަށް ކިޔެވިޔަސް އަހަރެމެން ޖެހޭނީ މީހުންނާ އިނީމަ ހަމަ ދަރިން ބަލަން ގޭގަ ތިބެން ވިއްޔަ.” އަޔާޒަކީ މިހާރު ރިޔާޝާގެ ގާތް ރައްޓެއްސަކަށް ވާތީ އޭނާ އެއްވެސް ކަމެއް ސިއްރެއް ނުކުރިއެވެ.
**********
“މިއަދު ކޮބައިބާ އެ އަޔާޒް؟ ކޮންމެ ރެއަކު ފަތިހު ފަތިހާ މުނާޖާ ކޮނޑުއަޅައިގެން ތެދުވެ ގުޅަން ފަށާނެ. މިހާރު އެހެރަ 10 ޖަހަނީ. ޚަބަރެއްވެސްނުވޭ. ރިޔާޝާއާ ދިމާވި ފަހުން ނޭނގެ މި ވެގެންއުޅޭ ގޮތެއްވެސް. އެވަރުންވެސް އެއްބަސްވާކަށް ނޫޅެޔޭ. ދާންވެއްޖެ އެގެއަށް.” ޝިފާން އަމިއްލައަށް ވާހަކަދައްކަމުން ސައިކަލަށް އަރާ މިސްރާބުޖެހީ އަޔާޒްގެ ގެއަށް ދިއުމަށެވެ.
15 ވަރަކަށް މިނެޓު ވީއިރު ޝިފާން ހުރީ އަޔާޒްގެ ގޭ ދޮރުމަތީގައެވެ. ދޮރާށި ތަޅުނުލާ ހުރުމުން އަޔާޒް ގޭގައި އުޅެނީކަމުގައި ޝިފާން ނިންމިއެވެ. އެތެރެއަށް ވަދެ ދޮރުގައި ހިފާލިއިރު ތަޅުނުލާ ހުރުމުން ކުޑަކޮށް ހައިރާންވެސްވިއެވެ. ނަމަވެސް އަޔާޒް ގޭގައި އުޅޭއިރު ދޮރު ތަޅުލާނެ ބޭނުމެއް ނެތެއްނޫންހޭ ހިތަށްއެރިއެވެ. މިއަދަކު އޭނާއަށް މިކުރެވޭ ބޭކާރު ޚިޔާލުތަކަކުން އޭނާއަށް ކުޑަކޮށް ހެވުނުވެސްމެއެވެ.
ޝިފާން އަޔާޒަށް ގޮވަމުން ގޮސް އަޔާޒްގެ ކޮޓަރިއަށް ވަންއިރު، އަޔާޒް އޮތީ ދެފައި ކުރުކޮށްލައިގެން ނިދާފައެވެ. އޮތްގޮތުން ހީވަނީ ހީކަރުވައިގަނެފައި އޮތްހެންނެވެ. އަޔާޒް އޮތްގޮތް ފެނުމުން ޝިފާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ހުރެބަލަ ނިކަން. ނިދާ ރަހަ ފިލުވާލާނަން މިފަހަރު.” ޝިފާން ގޮސް އަޔާޒްގެ ފައިގައި ހިފެހެއްޓުމާއެކުހެން އަތް ދޫކޮށްލިއެވެ. އޭނާ އަޔާޒްގެ ކަރުދޮށާއި ނިތުގައި އަތް ޖައްސާލިއިރު ހީވަނީ ހުން ގަދަކަމުން ފިހިދާނެހެންނެވެ.
ޝިފާން އަވަސްއަވަހަށް އަޔާޒަށް ގޮވަންފެށިއެވެ. ދެތިން ފަހަރު ގޮވާލުމުންވެސް އަޔާޒަކަށް ހޭވެރިކަމެއްނުވިއެވެ. އެހެންކަމުން ޝިފާން އަވަސްއަވަހަށް މޭޒުމަތީގައިހުރި ފެން ޖަގުން ފެންފޮދެއް އުނގުޅާލަމުން ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުންވެސް އަޔާޒަށް ލޯ ހުޅުވާލެވުނީ ކުޑަކުޑަކޮށެވެ. “އަޔާ! އަޅެ މިވަރު ވީއިރު ކީއްވެ އަހަރެންނަށް އަންގާނުލީ؟ އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން.” ޝިފާން އަޔާޒް ނަގައި ރީތިކޮށްލައިގެން އަވަހަށް ދިޔައީ ހޮސްޕިޓަލަށެވެ.
ޑޮކްޓަރަށް ދެއްކުމާއެކު އަޔާޒް އެނދުމަތިކުރިއެވެ. ރާއްޖޭގައި ފާޑުފާޑުގެ ރޯގާތަކާއި ހުންތައް ގިނަ ދުވަސްވަރެއްކަމުން، އެއިން ބައްޔަކަށްވޭތޯ ޓެސްޓުކުރިއެވެ. ޝިފާން އިނީ އެފަދަ ބައްޔަކަށް ނުވޭތޯ ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބުނީ އޭގެ ދެގަޑިއިރު ފަހުންނެވެ. ޝިފާނަށް “އަލްޙަމްދު ލިﷲ” އޭ ބުނެވުނީ ސީރިއަސް އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ބުނުއްވުމުންނެވެ. އެއީ ހަމަ އާދައިގެ ހުމެއްކަމަށާއި ގަޑިންގަޑިއަށް ބޭސް ކެއުމަށް ޑޮކްޓަރު ނަސޭޙަތްތެރިވިއެވެ. އަދި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށްވެސް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ.
އަޔާޒް ހޮސްޕިޓަލުން ދޫކޮށްލީ އެރޭ 9 ޖަހަނިކޮށެވެ. އެދުވަހު ދެތިން ފަހަރު ރިޔާޝާ ގުޅިނަމަވެސް އަޔާޒް ފޯނެއް ނުނަގައެވެ. އެހެންކަމުން އޭނާ އެރޭ އެގެއަށް ދިޔައެވެ. އެވަގުތުވީ ޝިފާން އަޔާޒް ގޮވައިގެން ހޮސްޕިޓަލުން ގެއަށް އައި ވަގުތަށެވެ. “އަޔާ! ކިހިނެއްވީ؟ ބަލީތަ؟ ކީއްވެ އަހަރެންނަށް އަންގާނުލީ؟” އަޔާޒްގެ އަތުގައި އޮތް ބޭސްކޮތަޅު ފެނިފައި ރިޔާޝާ އަހާލިއެވެ. “އެހާ ބޮޑަކަށް ނޫން. މިހާރު ރަނގަޅު.” އަޔާޒް ބުނެލިއެވެ. “ތެދެއް. އެހާ ބޮޑަކަށް ނޫންދޯ؟ ވާނުވާ ނޭނގޭވަރުދޯ ވީ؟” ޝިފާން ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ. ޝިފާން އެހެން ބުނުމުން ރިޔާޝާއާއި އަޔާޒް ގާތަށްވެސް ވަރަށް ހިނިއައެވެ.
“ދެން މިތާ ތިބޭނީތަ؟ ހިނގާބަލަ އެތެރެއަށް.” އަޔާޒްގެ ފަހަތުން ޝިފާންއާއި ރިޔާޝާވެސް ވަނެވެ. “ހޫމް. ބުނެބަލަ ދެން. ކިހިނެކޭ ވީ؟” ރިޔާޝާ އަހާލިއެވެ. “އަހަރެން އައިއިރު ހުން ގަދަކަމުން ހީވަނީ ފިހިދާނެހެން. ވާނުވާއެއް ނޭނގޭ. އެވަރުންވެސް މީހަކަށް ނާންގަންވެގެން.” އަޔާޒަށްވުރެ ކުރިން ޝިފާން ވާހަކަދެއްކިއެވެ. އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
“ޝިފާން! އެހެނެއްނޫނޭ ވީ. އަހަރެންނަށް ފަތިހު ހޭލެވުނީ ހުން އައިސްގެން ހީކަރުވާވަރުން. ދެން އަވަހަށް ތެދުވެ ބޭސްކައިގެން ނަމާދުކޮށްގެން ނިދީ. ހިއެއް ނުކުރަން މިހާވަރު ވާނެކަމަކަށް. ދެން ހޭލެވުނީ ޝިފާން އައިސް ގޮވީމަ.” އަޔާޒް ބުންޏެވެ. “އޭތް. އެކަމަކު ކިހިނެއް އެތެރެއަށް ވަނީ؟” އަޔާޒް ކުއްލިއަކަށް ހަނދާންވެގެން އަހާލިއެވެ. “ވަދެވޭނެދޯ ތަޅުނުލާ ހުންނަންޏާ.” ޝިފާން ހަމަޖެހިލާފައި ބުންޏެވެ. “އެހެންތަ؟ އެހެންވީމަ ރޭގަ އަހަރެންނަށް ތަޅުނުލާތާ މި ނިދުނީ.” “ދެން މިހާރު ވާނީވެސް އެހެނެއްނު.” ޝިފާން އެހެން ބުނުމުން އަޔާޒް ޝިފާންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
“ދެން އަހަރެން ދަނީއޭ. ތި ދެ ލަވްބާޑަށް ވަގުތުކޮޅެއް ދޭންވާނެއެއްނު.” ލާނެތް ގޮތަކަށް ހީލާފައި ޝިފާން ދާން ހިނގައިގަތެވެ. “އޭތް. ކޮންތާކަށް ތިދަނީ؟” އެދެމީހުން އެކަނި ތިއްބާ ޝިފާން ދާތީ އަޔާޒް ކަންބޮޑުވިއެވެ. “ގެއަށް. މަ ނިދަންވެސް ޖެހޭނެއެއްނު.” ޝިފާން ބުނެލިއެވެ. “އުހުނ. މިރޭ ގެއަށް ދާނެކަމެއް ނެތް. މިރޭ އާދޭ މިގޭގަ އޮންނަން.” އަޔާޒްގެ ބަހަށް ޝިފާން އެގޭގައި މަޑުކުރިއެވެ.
ޝިފާން އައިސް ރިޔާޝާއަށް ބަލާލިއިރު ރިޔާޝާ އިނީ ލަދުން މަރުވާވަރުވެފައެވެ. އެމޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އެކަން އެނގޭނެއެވެ. އެދޮން މޫނަށް ޖަންބުކުލަ އަރާފައިވާއިރު އެ ތުނި ތުންފަތުގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. “އަޔާ އަޅެ ޖަންބު ކާހިތެއް ނުވޭތަ؟” ޝިފާން ބެލީ އަދިވެސް ބޮޑަށް ރިޔާޝާ ރަކިކޮށްލާށެވެ. ޝިފާން އަޔާޒަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އެއާއެކު އަޔާޒް ޝިފާންގެ އަތުގައި ވިކާލީ ލޯ އަޅާލަމުންނެވެ.
ރިޔާޝާ އިސްއުފުލާލާފައި ހީލިއެވެ. އަދި ދަނީ ކަމުގައި ބުނީ އަވަސްކަމާއެކުގައެވެ. އަދި ފަހުން އަންނާނެކަމުގައި ބުނެ ހިނގައިގަތެވެ. “އަހަރެން އިނީމަ ދޯ ތިދަނީ؟ އިހަށް އާދޭ. ތިކުރާ ކަމެއް ކުރަންދެން މަ މަޑުކޮށްލަފާނަމޭ ބޭރުގަ.” ޝިފާންގެ އަޑަށް ރިޔާޝާއަށް ހުއްޓެވުނެވެ. “ނޫން. ޝިފާން އިނަސް އަހަރެމެން ބޭނުންކަމެއް ކުރެވިދާނެއެއްނު ދޯ އަޔާ؟ އެހެންވެއެއް ނޫން މިދަނީ. މިހާރު ވަރަށް ލަސްވެއްޖެ. އަހަރެން އެއްވެސް އިރަކު އެހާ ލަސްވަންދެން ބޭރަކު ނޫޅެން. ގުޑް ނައިޓް. އަދި 1 ވާހަކަ. އަހަރެމެން ދޭތެރޭ ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނެތް.” ރިޔާޝާ އެހެން ބުނެފައި ހިނގައިގަތެވެ.
“ސާބަހޭ! އޭނަ ހީކުރާނީ ކީކޭ؟ މީނައަކަށް ނޯންނާނެ ވަކި ތަނެއް ވަކި ވަގުތެއްވެސް.” އަޔާޒް ޝިފާންގެ ގައިގައި ބޮނޑިއެއް އަޅާލާފައި ބުނެލިއެވެ. “ދެން އޭނަ ހީކުރާ އެއްޗެއް ހީކޮށްފާނެއެއްނު. އެހެންނޫނަސް އޭނަ އެހާ ގޯސްކޮށެއް ނުވިސްނާނެ. އޭނަ މިހާރު ހުންނާނީ އުފަލުން މޮޔަވާވަރުވެފަ. އަހަރެންނަށް ހަމަ ޔަޤީން އޭނަވެސް އަޔާދެކެ ލޯބިވާކަން.” ޝިފާން ހަމަޖެހިލާފައި ބުންޏެވެ. “އޭރުން މާ ސަކަރާތެއްނު. އޭނަ މޮޔަވެއްޖެއްޔާ މަށަށް…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






nice ?
ޝުކުރިއްޔާ
Coba ayaa ge family,
ޝުކުރިއްޔާ! އަޔާގެ ފެމިލީއަށް ވީގޮތެއްވެސް އަދި އިނގޭނެ
Nice one saaandyyy
ޝުކުރިއްޔާ
E thedheh koba ayaa ge family. Vahaka v reethi. Next avahah up koh dhey chey
ޝުކުރިއްޔާ! އަޔާގެ ފެމިލީއަށް ވީގޮތެއް އަދި އިނގޭނެ ކުރިއަށް ހުރި ބައިތަކުން… އިރާދަކުރެއްވިއްޔާ މާދަމާ 6ވަނަ ބައި އަޕްކޮށްލާނަން
VVVVVVV reethi……
ޝުކުރިއްޔާ
V rythi story ☺
ޝުކުރިއްޔާ
Varah salhi. Koba ba Reeshage mum mihaaru. Thank you.
ޝުކުރިއްޔާ! ރިޔާޝާގެ މަންމަ ދިޔައީ ރިޔާޝާގެ ދޮންބައްޕަގެ ރަށަކަށްނު… ކުރިއަށް ހުރި ބައިތަކުން އިނގޭނެ އަދި
Kba 6 part knirak up kuraneee
Vvvv reethi