އަޔާޒް ގޮސް ރިޔާޝާގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. ފިކުރެއް ޚިޔާލެއްނެތި ހިނގަމުންދިޔަ ރިޔާޝާ ސިހުނުވަރުން އަތުގައި އޮތް ކޮތަޅުވެސް އަތުން ދޫނުވީ ކިރިޔާއެވެ. ލާނެތް ގޮތަކަށް ހީލައިގެން ސައިކަލުގައި އިން އަޔާޒް ފެނުމުން ތުން އަނބުރާލާފައި ދާން ހިނގައިގަތްއިރު، މިރޭގެ ހަތަރެސްކަން ހަމަވީއޭ އޭނާގެ ހިތަށް އެރިއެވެ.
ރިޔާޝާގެ މިހަރަކާތް އަޔާޒަށްވީ ވަރަށް މަޖާ ކަމަކަށެވެ. އެހެންކަމުން އޭނާ ސައިކަލު ބަހައްޓާފައި ހިނގާފައި ގޮސް ރިޔާޝާއާ އަރާ ހަމަކުރިއެވެ. މީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ ތާކުން އަންހެނަކު ފެންނައިރަށް ފަހަތު އަޅުވާލަންޖެހޭ ހެއްޔެވެ؟ މިފިރިހެނުންނަށް އޮންނަ ކަމަކީ މިއީ ހެއްޔެވެ؟ ރިޔާޝާ ހިތާހިތުން އަޔާޒާއި ދިމާއަށް އެތިވަރު ގޮވަމުން ދިޔައެވެ.
ރިޔާޝާ ހިނގުން ބާރުކޮށްލާއިރަށް އަޔާޒްވެސް ހިނގުން ބާރުކޮށްލައެވެ. މިކަމުން ރިޔާޝާއަށް އުނދަގޫވަމުން ދިޔައެވެ. މަގު ހިނގާ މީހުން އެދެމީހުންނަށް ބަލަމުންދާހެން އޭނާއަށް ހީވިއެވެ. “މަގު އޮޅުނީތަ؟” ނުރުހިފައި ރިޔާޝާ އެހިއެވެ. ހިތްހަމަނުޖެހިފައި ހުރިވަރުން އޭނާއަށް އެހުނީވެސް ތަންކޮޅެއް ބާރަށެވެ. “އުހުނ. ނޯޅޭ.” އަޔާޒް ހައިރާންވި ނަމަވެސް ހަމަޖެހިލަމުން ބުނެލިއެވެ. މުއްސަނދިވެފައި ރީތި ސިފައެއް ލިބުނަކަސް އެހާ ބޮޑާވާންޖެހޭ ހެއްޔެވެ؟ ލަދުގެ ކަންފުޅެއްވެސް ނެތީއެވެ. އަޔާޒާއި ދިމާއަށް ހިތާހިތުން އެއްޗެހި ކިޔަމުން ރިޔާޝާ އަނެއްކާވެސް ހިނގައިގަތީ އަވަހަށް ގެއަށް ދެވޭތޯއެވެ.
“ފަހަތުން ތި ހިނގަނީ ކީއްވެ؟ މީހުން އެބަ ބަލައޭ.” ރިޔާޝާއަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލުކުރެވެނީ ކިރިޔާއެވެ. އަދި މިވަރުގެ ކަމަކާ ދިމައެއްނުވެޔޭ ރިޔާޝާގެ ހިތަށް އެރިއެވެ. “ކަމެއްނުވޭ. ހަމަ ހިނގަނީ. އަހަރެން އެބަ ރިޔާޝާގެ ފަހަތުން ހިނގާތަ؟” އަޔާޒް ހަމަޖެހިލާފައި ޖަވާބު ދޭގޮތުން ހީވަނީ މާމޮޅު ކަމެއް ކުރެވޭހެންނެވެ. އޭނާ ބޭނުންވަނީ ރިޔާޝާއަށް ޖެއްސުންކޮށް ރުޅިއަރުވާލާށެވެ. އޭނާއަށް އެކަން ކާމިޔާބުވަމުން ދިޔަވެސްމެއެވެ. “މަގޭ ފަހަތުން ނުހިނގަންޏާ ކީއްވެތަ މަށާ ދުރުން ނުހިނގެންވީ؟ ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފަހަތުން އަންނަންވެގެން.” ރުޅިވެރިކަމާއެކު ރިޔާޝާ ބުންޏެވެ. “އެންމެ ރަނގަޅު. ހަމަ ރިޔާޝާއާއެކު ހިނގާލާ ހިތުން.” އަޔާޒް ބުނެލިއެވެ.
“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަދިވެސް އަޔާޒް ހިތްހަމަޖެހޭވަރު ނުވަނީތަ؟ ބޭނުމެއް ހިފާ ހިތްވަނީތަ؟ ނޫނީ ހިތްހަމަޖައްސާލާ ހިތްވަނީތަ؟ ކީއްވެތަ ބުނަން ނުކެރިގެން ތިއުޅެނީ؟ އެހެން ކަންތައްތައް ކުރަން ކެރޭހެން އަޔާޒްގެ ހިތްހަމަޖައްސާލަދޭށޭވެސް ބުނަން ކެރެންޖެހޭނެއެއްނު.” މަގުންދާ މީހަކަށް ބެލުމެއްނެތި ރިޔާޝާ ހަޅޭއްލަވައިގަތެވެ. އަޔާޒަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާއަށް މަޑުމަޑުން ރިޔާޝާއަށް ގޮވާލެވުނެވެ.
“މިހާރު އަހަންނަށް ދިރިއުޅެން އުނދަގޫވެއްޖޭ. މި ބޮޑު މާލެއިން ކަލެއަށް މަ ނޫން އަންހެނަކު ނުފެނުނީތަ ފަހަތުން ދުވަން؟ ކަލޭމެން މުއްސަނދިން ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެމެން ނިކަމެތިންނަށް ވީމަ ބޭނުންހާ ގޮތެއް ހެދިދާނެޔޭތަ؟ ނުހެދޭނެ.” ރިޔާޝާގެ ރުޅިވެރި ބަސްތައް ތުނޑު ތޫނު ކަށިތަކެއް ފަދައިން އަޔާޒްގެ ހިތަށް ހެރުނެވެ.
އަޔާޒަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޙަޤީޤަތުގައި އޭނާއަށް ބުނާނެ އެއްޗެއް ނުވެސް އެނގުނީއެވެ. ބުނާނެ އެއްޗެއް ނޭނގި، އަޔާޒްގެ ބަސް ހުއްޓުނު މިއީ ފުރަތަމަ ފަހަރެވެ. މިނޫނީ ދުވަހަކުވެސް އޭނާ މިހާ ފާޅުކަންބޮޑު ގޮތެއްގައި ފަޟީޙަތެއްނުވެއެވެ. އަދި އެއީވެސް ނިކަމެތި އަންހެންކުއްޖެއްގެ އަތުންނެވެ. އޭނާ ލަދުންހުރެ އައިކޮޅަށް ހިނގައިގަތްއިރު، މަގުންދާ މީހުން ކުޅިބަލަން މަޑުކޮށްގެން ތިއްބެވެ. ރިޔާޝާ ތުން އަނބުރާލާފައި ގެއާއި ދިމާއަށް ދުއްވައިގަތީ މީހުންގެ ލޯތަކުން ސަލާމަތްވުމަށެވެ.
ގެއަށް ވަދެވުމާއެކު ދޮރު ތަޅުލާފައި ރިޔާޝާ ދޮރުފަތުގައި ލެނގިލައިގެން އެތައް އިރަކު ހުއްޓެވެ. މޭގައި އަތް އަޅާލައިގެން ހުރީ މީހާ ހަމައަކަށް އެޅިލުމަށެވެ. މީހާ ހަމައަކަށް އެޅުމުން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ދެންމެ ހިނގައިދިޔަ ޙާދިސާއިން އޭނާ ހުރީ ނުހަނު ލަދުގަނެފައެވެ. މަގުމަތީގައި އެފަދަ ގޮތަކަށް އުޅެވުނީތީއެވެ. ނަމަވެސް އެއީ ކަންނުވެ ނުދާނެ ގޮތެކެވެ. އަޔާޒްމެންގެ ގޯނާތަކާއި މަލާމާތްތަކަށް އޭނާ ލައްކަ ދުވަހު ކެތްކޮށްފިއެވެ. އިންސާނުންނަށް ކެތްވެސްވާނީ ވަކި ވަރަކަށެވެ. އެންމެފަހުން ރިޔާޝާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ.
އަޔާޒް ގެއަށް އައިއިރު އޭނާގެ މުޅި ދިރިއުޅުންވަނީ ބަދަލުވެފައެވެ. އޭނާއަށް ފުރަތަމަ ފަހަރަށް ދިރިއުޅުމާއި ދޭތެރޭ ފުންކޮށް ވިސްނާލެވުނެވެ. އޭނާއަށް އަދި މިއުޅެވެނީ ރަނގަޅަށް ނޫންކަން ވިސްނުނެވެ. މީހުންނަށް ޖެއްސުންކުރުމާއި ސަމާސާއާއި އުފަލާއި މަޖަލަކީ އަދި ދިރިއުޅުމެއްނޫނެވެ. ހިތާމައާއި ހިތްދަތިކަމަކީވެސް ދިރިއުޅުމުގެ ރަހައެކެވެ. މުދަލާއި ފައިސާއަކީ ހުރިހާ އެއްޗެއްނޫނެވެ. ނިކަމެތި ފަޤީރުންނަކީވެސް ހަމަ މުއްސަނދިންނެކޭ އެއްފަދަ ބައެކެވެ. ހަމައެކަނި ތަފާތަކީ މުއްސަނދިންނާއި ފަޤީރުންނާއި ދޭތެރޭ މީހުން ދެކޭގޮތެވެ. އެކަން އަޔާޒަށް ވިސްނުނީ އަދި ކިރިޔާއެވެ.
އަޔާޒަށް ފުރަތަމަ ފަހަރަށް ރިޔާޝާއާއި ދޭތެރޭވެސް ވިސްނާލެވުނެވެ. އެ ނިކަމެތި އަންހެންކުއްޖާއާ ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނީ ކިހާ ގޯސްކޮށް ހެއްޔެވެ؟ ކުލާސް ކުދިންގެ ކުރިމަތީގައި ރިޔާޝާ ލަދުގަންނަވާލެވުނީ ކިތައް ދުވަހުކަމެއް ނޭނގެއެވެ. ނުކުރާ ކަންތައްތަކުގެ މަތިއަޅުވައި ކުލާހުން ބޭރަށްލެވުނީ ކިތައް ދުވަހު ހެއްޔެވެ؟ އެއީ އާރެއް ބާރެއްނެތް ނިކަމެތި އަންހެންކުއްޖެއްކަން އިހުސާސްވާނެ ކިތަންމެ ކަމެއް ކުރެވުނެވެ.
ކުލާހުގައި ފާޑުފާޑު އެއްޗެހިކިޔާ ހިތުގައި ޖައްސާ ރޮއްވާލެވުނު އަދަދެއް ނޭނގެއެވެ. ރިޔާޝާ އޭނާއާއި ދިމާއަށް އެއެއްޗެހިކީ ހަމަ ކިޔަންވެގެންނޭ އަޔާޒްގެ ހިތަށް އެރިއެވެ. އެރޭ އަޔާޒަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. އޭނާގެ ހުރިހާ ޚިޔާލެއް ގުޅިފައިވަނީ ރިޔާޝާއާއެވެ. މީހަކަށް ދެރައެއް ދެވުނުކަމުގެ އިހުސާސް، ފުރަތަމަ ފަހަރަށް އަޔާޒަށް ކުރެވުނެވެ. އޭނާ ރިޔާޝާ ގާތުން މާފަށް އެދެން ޢަޒުމުކަނޑައެޅިއެވެ.
ޖެހިގެން އައިރޭ އަޔާޒް ކުލާހަށް ދިޔައީ ރިޔާޝާ ގާތުން މާފަށް އެދުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެރޭ ރިޔާޝާ ކުލާހަކަށް ނާދެއެވެ. އެހެންކަމުން އަޔާޒަށް އެރޭ އޭނާގެ މަޤުސަދު ހާސިލެއް ނުކުރެވުނެވެ. އަޔާޒްގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ ރިޔާޝާ ބަލިވީބާވައެވެ. ނޫނީ އޭނާއާއިހެދި އުނދަގޫވެގެން ކުލާހަށް ނައީބާވައެވެ. ނޫނެކެވެ. ރިޔާޝާއަކީ އެހާ ފަސޭހައިން ކަންކަމުން އަތް ދޫކޮށްލާނެ ކުއްޖެއް ނޫނެވެ. އެވާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވީކަމަށެވެ.
ރިޔާޝާއަކީ ކެރޭ ކުއްޖެއްކަން އޭނާ އެވަނީ ސާބިތުކޮށްދީފައެވެ. އެހެން ނޫންނަމަ އަޔާޒާއި ދިމާއަށް އެގޮތަކަށް އެއްޗިއްސެއް ނުކީހެވެ. މިވީހާ ތަނަށް ދުވަހަކުވެސް، އަންހެންކުއްޖަކަށް އަޔާޒާއި ދިމާއަށް ބާރަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އަދި އަޔާޒަށްވެސް މީހެއްގެ ކުރިމަތީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓޭކަށް ނުޖެހެއެވެ. ނަމަވެސް ރިޔާޝާ އެހުރިހާ ކަމެއް ބަދަލުކޮށްލައިފިއެވެ.
އެހަފްތާގައި ރިޔާޝާ ކުލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާޝާ ކުލާހުން ކެނޑުނީބާވައޭ އަޔާޒްގެ ހިތަށް އެރިއެވެ. ނޫނެކެވެ. އެހެންނަމަ ރިޔާޝާގެ ނަން ހާޒިރީގައެއް ނޯންނާނެއެވެ. ރިޔާޝާއާއި ދޭތެރޭ ވިސްނޭވަރުން ޚުދު އަޔާޒްވެސް ހައިރާންވިއެވެ. އެރޭގެ އެ ޙާދިސާއަށްފަހު އަޔާޒްގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ކުލާހުގައި ނެގިމަޑުވެ ވިސްނުމެއްގައި އިނދެވެން ފެށިއެވެ. އެކުވެރިޔާގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލު، ޝިފާން ފާހަގަކުރިއެވެ. ޝިފާނަށް ޙަޤީޤަތް އޮޅުވާލުމަށް އަޔާޒް ބޭކާރު މަސައްކަތްތަކެއް ކުރިއެވެ. އެންމެފަހުން އޭނާ ޝިފާންއާއި އެވާހަކަތައް ހިއްސާކުރިއެވެ.
“ނާހަމަ ތެދެއް؟ އެހެންވިއްޔާ ތީ ހާދަ ގަދަ މަންޖެއެކޭ ދޯ؟” ޝިފާން އިނީ ޤަބޫލުކުރަން ދަތިވެފައެވެ. “އާނ. ތިބުނީ ހެޔޮކޮށް. އެއީ ހަމަ ވަރަށް ގަދަ މަންޖެއެއް. އޭނަ މަ ހެޔޮ މަގަށް އަޅުވައިފިވިއްޔަ.” އަޔާޒް މާނަވީ ގޮތަކަށް ހިނިތުންވެލިއެވެ. “ހޫމްހޫމް. ތިހިރީ ހަމަ ރަނގަޅަށް ހިތްކިޔާފަ. އަވަހަށް އޭނަ ކައިރީ ބުނަންއުޅޭ. ތިހެން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގެންފާނެ.” ޝިފާން އަޔާޒާއި ދިމާކުރިއެވެ. “ސާބަހޭ! މީ އެކަހަލަ ކަމެއް ނޫނޭ. މަމިއުޅެނީ އޭނަ ކައިރިން މާފަށް އެދެންވެގެން އޭނައާ ދިމާނުވެގެން. އަޅެ މަށަށް އެހީއެއް ވެދީބަލަ.” އަޔާޒް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“ހޫނ. ދެން އެންމެ ރަނގަޅޭ. އޮޅިގެންވެސް އެއްބަސްނުވާތި. ނުބުންޏަކަސް މަށަށް އިނގެޔޭ ތިއުޅެނީ އޭނައަށް ހިތްކިޔައިގެންކަން. މީހެއް ކައިރިން މާފަށް އެދޭކަށް ތިވަރަކަށް ނުވިސްނާނެ. ދެން މަ ބަލާނަން ތިކަމުގަ ކޮންމެވެސް ގޮތެއް ހަދައިދެވޭތޯ. އޯކޭއެއްނު. އެކަމަކު ޔަޤީންކަމެއް ނުދެވޭނެ އިނގޭ. ދެން މަ ދިޔައީއޭ. ފަހުން ދިމާކުރާނަން.” ޝިފާން ދިމާކޮށްކޮށްފައި ދިޔުމުން އަޔާޒް ފުން ނޭވައެއްލިއެވެ. އެވާހަކަ މީހަކާއި ހިއްސާކޮށްލެވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުކަން އަޔާޒަށް އިހުސާސްކުރެވުނެވެ.
ޝިފާން އެކުވެރިޔާއަށްޓަކައި ކުރި ބުރަ މަސައްކަތުން ރިޔާޝާ އުޅޭ ގޭގެ ނަން ހޯދުނީ އޭގެ ދެދުވަސް ފަހުންނެވެ. ޝިފާން އެގޭ ފޯނު ނަންބަރު ހޯދައިގެން އައިސް އަޔާޒަށް ދިނުމުން، އޭނާ ޝިފާންގެ ކޮނޑުގައި ޖަހާލާފައި ދެތިން ފަހަރަށް ޝުކުރު އަދާކުރިއެވެ. އަޔާޒަށް ވީގޮތް ފެނިފައި ޝިފާން ގާތަށް އައީ ލާނެތް ހިންޏެކެވެ. އަޔާޒް އަވަސްއަވަހަށް ރިޔާޝާގެ ގެއަށް ގުޅިއެވެ. “އައްސަލާމް ޢަލައިކުމް! ރިޔާޝާ އެބަ އުޅުއްވާތޯ؟” “ވަޢަލައިކުމުއް ސަލާމް! ކޮން ރިޔާޝާއެއް؟ މިގެއަކު ތިނަން ކިޔާ މީހަކު ނޫޅޭ.” ފޯނު ނެގި އަންހެންކުއްޖާ ބުނެލިއެވެ. ވަގުތުން އަޔާޒްގެ މޫޑް ބަދަލުވިއެވެ. ޝިފާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ހިނިގަނޑު އެތެރެއަށް ހިންދާލަމުން ޝިފާން އައިސް އަޔާޒްގެ ކޮނޑަށް އަތް ވައްޓާލިއެވެ.
“ކިހިނެއްވީ؟” ޝިފާން އަހާލިއެވެ. “ރިޔާޝާ ކިޔާ މީހަކު އެގެއަކު ނޫޅެޔޯ. ދެން ކިހިނެއް ހަދާނީ؟” އަޔާޒް މާޔޫސްވެފައި އަހާލިއެވެ. “ހަދާނެ ގޮތަކީ؟ ހަދާނެ ގޮތަކީ އޭނަ މަތިން ހަނދާން ނައްތާލާފަ އެހެން ކުއްޖަކު ހޯދާނީ.” ޝިފާން ލާނެތް ގޮތަކަށް ހީނފައި އިނދެ އެހެން ބުނެލުމުން އަޔާޒް ވަރަށް ހިތްހަމަނުޖެހުނެވެ. “ޝިފާން! މަޖަލެއްނޫނޭ.” ޝިފާން ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ތީ އަޅެ އެކުވެރިއެއްތަ ނޫނީ ދުޝްމަނެއްތަ؟ އާނ އެހެންޏަ. މަ މިހާ ކަންބޮޑުވެގެން އުޅޭއިރު ތިހުންނަނީ މަލާމާތްކުރަން.” އަޔާޒް ރުޅިއައިސްފައި ބުނެލިއެވެ.
“އަޔާ! އިހަށް އައިސް މިތާ އިށީނދެ ހަމަޖެހިބަލަ.” އަޔާޒް ރުޅިއައުމުން ޝިފާން ކަންބޮޑުވިއެވެ. އަޔާޒަކީ ރުޅިއައިސްފިނަމަ ރުޅި ކޮންޓްރޯލުކުރެވޭ މީހެއް ނޫންކަން ޝިފާނަށް އެނގެއެވެ. “ހަމަޖެހެވޭތަ؟ ތިކަމަކާހެދި މިހާރު ނިދެނީކީވެސް ނޫނޭ. އޭނަ ކައިރިން މާފަށް ނޭދެވެނީސް މަށަކަށް ހަމައެއް ނުޖެހެވޭނެ. އެނގިއްޖެތަ؟” އަޔާޒް ރުޅިއައިސްފައި ބުންޏެވެ.
“މިހާރު ނުނިދޭ ހިސާބަށްވެސް ދިޔައީތަ؟” ޝިފާން އެހެން ބުނުމުން އަޔާޒް ލޯ އަޅާލިއެވެ. “ސޮރީ ސޮރީ. އަސްލު މަށަށް ހެވުނީ އެހެން ކަމަކާއޭ.” “އެހެންނުވާނެ. ހަމަ މަށަށް މަލާމާތްކޮށްފަ ހުނީ.” އަޔާޒް ޝިފާންއާއި ދިމާއަށް ފާޑަކަށް ބަލާލާފައި ބުނެލިއެވެ.
(ނުނިމޭ)
3637 Comments
Comments are closed.
waitiinggggg …v reethi vaahaka
Dhoooo
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ 3ވަނަ ވައި މާދަމާ ގެނެސްދޭނަން
ސޮރީ! 3ވަނަ ބައި
Kurin ky vaahaka eh hen hyvey but vvv rythi and vv majaaa????????? plx avahah up kuraathi luved it
ޝުކުރިއްޔާ! މިވާހަކަ މީގެ ކުރިން އެއްވެސް ސައިޓެއްގައި އާންމުކޮށްފައެއް ނުވާނެ… އިރާދަކުރެއްވިއްޔާ މާދަމާ 3ވަނަ ބައި ގެނެސްދޭނަން
Kurin ky vaahaka eh hen hyvey but vvv rythi and vv majaaa????????? plx avahah up kuraathi luved it
V reethi vaahaka ….waitiinggggg
Dhwwww
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 3ވަނަ ބައި ގެނެސްދޭނަން
vaahaka akahvure mioh comment thakah reply kuremeh vaki dhera? girl,boy,women n men…?? btw vaahaka vvvvvv salhi..vvv majaa vs me.. avahah up kohdhechee..
ހެހެހެ ދޯ… ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 3ވަނަ ބައި ގެނެސްދޭނަން
?????? comment names aslu vx haadha majaley
Heii saandy.. Nice story.. Keep up your hard work.. Waiting for next part..
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 3ވަނަ ބައި ގެނެސްދޭނަން
Writer gadha hedhiyas adhi mi 2part mee hama dhivehi film “ethoofaani rey” ge copy eh.. hama e dialogues hama ehn adhi evanivx.. baeh seen thah ithuru vefa hurikan.
ޝުކުރިއްޔާ ވާހަކަ ކިޔާލީމަ
V nice
ޝުކުރިއްޔާ ސޮނާލީ
Copy eh dho miee
kithahfaharutha saandy ebuny copy eh nooney.. she ge kanfathuga hifan v basnaahanyaa 😛
ޝުކުރިއްޔާ ޝީވެސް ހީވެސް ވާހަކަ ކިޔާލީތީ
Hmmmm janna…magey mioh haa iru miulhunii e filmge name handhaan nethigen ….yes me hana ethoofaani rey….
Anyways aeee reethi filmeh…
Keep it up…
ޝުކުރިއްޔާ ނިޒް ވާހަކަ ކިޔާލީތީ
Adhi kuriyah dhaagoii v rythi ….keep it up. .Saandy
ޝުކުރިއްޔާ
vvv reethi.next part kiyaalan libeyne iregge inthizaarugaa mihaaru mi jurevenee.keep it up.
ޝުކުރިއްޔާ! 3ވަނަ ބައި އަޕްކޮށްލާފަ އިންނާނީ
Mi partuves vvv reethi
Anebaaves avas kodhechey….
ޝުކުރިއްޔާ
v reethi
ޝުކުރިއްޔާ
V reethi
ޝުކުރިއްޔާ
Adhi mi kiyanfeshy..vaahaka heevey vvv reethi vaane hen
ޝުކުރިއްޔާ
hooon reechey cha vhk