Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 3

ShaiShy Level 310 Stories100 Comments500 Comments
October 10, 2016 8 Mins Read
6 Comments

ގޭތެރަށް ވަދެގެން އައި ހައްވަ އަށް މިކްޔާ ހުރިގޮތް ފެނިފަ ހިނިތުން ވެވުނެވެ. މިކްޔާ އަކީ ޝަމާންގެ ހަޔާތުގެ ބައިވެރިއަކަށް
ވުމަށް އެންމެ އެކަށޭނެ ކުއްޖާ އެވެ. މިކްޔާގެ އެހުންނަ މަޑުމއިތިރި ކަމާހިތްތިރިކަމުގެ ސަބަބުން ހައްވަ އޭނަދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. މިކްޔާ ކައިރިއަށް ޖެހިލަމުން ހައްވަ ކަރުކެހިލި އެވެ. މިއަޑަށް ސިއްސައިގެން ގޮސް މިކްޔާ އަށް ތެޅިގަނެވުނެވެ. އަދިކުރިމަތީގައި ހުރި ހައްވަ ފެނިފަ ލަދުން އިސްޖަހާލެވުނީ އޭނާ އަށް ހުރެވުނު ގޮތް ހިތައް އެރުމުންނެވެ. ދެވަނަ ސިކުންތުގައި ދުވަފައިކަހަލަގެ ގޮތަކަށް ބަދިގެއަށް ވަނީ ހައްވަގެ ސުވާލުތަކާ ކުރިމަތި ނުލާން ވެގެނެވެ. އެހެން ނަމަވެސް މިކްޔާ އަށް ނޭނގުނުކަމަކީ އޭނާގެ ހިތުގައިވާި ލޯބި ހައްވަ އަށް ސިއްރުކުރެވިފައި ނެތްކަމެވެ.
މިކްޔާ އަތްމަތި އަވަސް ކޮއްލާފަ އުޅޭތަން ފެނިފަ ހައްވަ އަށް އަނގަ މަޑުން ލައިގެން ނުހުރެވުނެވެ.” މިއަދު ކީއްވެ މާ އަވަސް އަރުވާލަިގެންތިއުޅުނީ؟” ހައްވަ ސުވަލުކޮއްލި އިރުގަ މިކްޔާ ހުރީ ކާންހަދާ ނިންމާލުމަށްފަހު އަތް ދޮންނަން ޒިންކު ކައިރީގައެވެ. “މި..މި..މިހާރު މާލަސްވީމަ މަންމަ ހޯދާނެ…އެހެންވެ…” އެހުރި ގޮތައް ހުރެ މިކްޔާ ބުނެލި އެވެ. ނަމަވެސް ހައްވަ އަށް ވެގެން އުޅޭގޮތް އެނގެއެވެ.
މިކްޔާ ބޭނުންވީ ޝަމާން ކާން ވަނުމުގެ ކުރިން އަވަހާ އެގެއިން ނިކުމެގެން ދިޔުމެވެ. އެހެންކަމުން އަވަސް ކޮށްލައިގެން ނިކުންނަން ވެގެން ހިނގައިގަތްތަނާ ޓައިލްސް މަތީގައި ހުރި ފެންކޮޅަކަށް އެރުމާއެކީގައި ކައްސާލައިގެން ގޮސް ވެއްޓިއްޖެއެވެ. އެވަގުތު ކާގެ އަށް ވަތް ޝަމާން އަށް މި މަންޒަރު ފެނި ހިނި އަންނަ ގޮތް ވިޔަސް ކޮންޓްރޯލް ކޮށްލައިގެން ހުރީ ކާފަ ކައިރީގަ ހުރުމުންނެވެ.ދާދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހިނގާދިޔަ ކަންތަކުން މިކްޔާ އިނީ ކުޑަވަރެއްގެ ޝޮކެއްގައެވެ. އޭނާ ވެއްޓެމުން ދިޔަ ވަގުތު ކާގެ އަށް ވަތް ޝަމާން ފެނުމުން ލޯމަރާލެވުނީ އެ މަންޒަރު އެނާ އެންމެ ފެންނަން ނެދޭ މީހާ އަށް ފެނުމުން އެކަމާ ލަދުން ނެވެ. ” އަހާނ….! ދަރިފުޅަށް ތަދުވިތަ ؟” ހައްވަ އަވަސް ވެލީ މިކްޔާ އަށް އެހި ވުމަށެވެ. އޭރު މިކްޔާ އިނީ ވެއްޓުނު ގޮތަކުން ފަޔައް ތަދުވެފައެވެ. “ޝަމާން އާދެބަލަ މިކޮޅަ……” ހައްވަ އަށް މިހެން ނުބުނެވިގެން އުޅެނިކޮށް މިކްޔާ ފުންމައިގެން ތެދު ކާގެއިން ނިކުމެގެންގެން ހިނގައްޖެއެވެ. ޝަމާން ހުރީ މި އަންހެން ކުއްޖާ އުޅޭގޮތުން ނުހަނު މަޖާ ވެފައެވެ.
****
ވަރަށް މަޖާ މާހައުލެއްގަ ކެއުމުގެ ކަންތައް ކުރި އަށް ދިޔައިރުގަ ޝަމާން އިނީ ނުހަނު ހިތް ހަމަ ޖެހިފަ އެވެ. އަދި ކެއުމުގެ ތެރެއިން އޭނަ ކާފަޔާ ކޮށްލި ސމާސާ ކިޔަދެމުން ގެންދިޔއިރުގަ ތިން މީހުންގެ މޫނުމަތިންވެސް ފެންނަނީ އުފަވެރިކަމެވެ. ކާފަ އަށް ޝަމާން ފާހަގަ ކުރަން ނޭނގުނަސް މާމަ އަށް އިނގޭނެ ކަން މާކުރިންވެސް އެނގުނެވެ. ސަބަބކީ ވަރަށް ފަހުން މާމަ ޑޮކްޓަރަށް ދައްކަން މާލެ އައި އިރުގަ ޝަމާން ފެނިފައި ވުމުންނެވެ. ނަމަވެސް ކާފަ އާއި ދިމާ އެވީ 4 އަހަރު ފަހުންނެވެ. ކެއުމުގެ ތެރެއިން ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ޝަމާން އެނގުނު ގޮތުގައި މިކްޔާ އަކީ އޭނަގެ މާމަ އާއި ކާފަ އަށް އެހީތެރިވުމަށް އަންނަ ކުއްޖެކެވެ.
****
ގެއަށް އައިގޮތަށް މިކްޔާ ކޮޓަރި ތަޅުލައިގެން އެނދުމަތީ ގައި އިނީ އޭނާ އަތުގައި އޮތް ފޮޓޯ އަކަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެއީ ސްކޫލްގައި ގްރޭޑް 8 ގަ އުޅުނުއިރުގައި ނަގާފައި އިން ގްރޫޕް ފޮޓޯއެކެވެ.މިކްޔާގެ ކަޅި ހުރީ ޝަމާން އަށް ހުއްޓިފައެވެ. އޭރުގަ ހިކިކޮށް ކުރުކޮށް ހުރި ކުއްޖާ އާއި މިއަދު ފެނުނު ޝަމާން ހާދަ ތަފާތެވެ. އިސްކޮޅުން ދިގުވެލާފަ ގައިގަ މަސް ތައް އެތުރިފަ ހުރި ގޮތުންވެސް ގަވައިދުން ކަސްރަތު ކުރާ ކަން ބަލާލި ކޮންމެ މީހަކަށް އިނގޭނެއެވެ. އަދި ހިތްގައިމު ގޮތަކަށް ކޮށާލެވިފައިވާ ތުނބުޅީގެ ސަބަބުން ހުންނަނީ ވަރަށް ސްމާޓް ކޮށެވެ. ޝަމާން އަކީ މިކްޔާގެ ހިތް ހަދިޔާކޮށްފައިވާ ހަމަ އެކަނި ފަރާތެވެ. ނަމަވެސް އެކަން އިނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ.މާޒީގެ ފުން ޚިޔާލަށް ގެނބިގެން ދަނިކޮށް ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ދޮރުގައި މީހަކު ތަޅާ އަޑަށެވެ.
ޓައް!…ޓައް!……”އޭތް! ކަމަނާ މި ދޮރު ހުޅުވަބަލަ….މިހާރު ކޮންއިރެއް މީއްޗަކަށް މަ ގޮވާތާ..” އެ އަޑު އިވުމާއެކީ މިކްޔާ އަތުގަ އޮތް ފޮޓޯ ބާލީސް ދަށަށް ލުމަށްފަހު ފުންމައިގެން ގޮސް ދޮރު ހުޅުވި އިރުގަ ހުރީ ބިރުން ހަލާކު ވާވަރުވެފައެވެ. ދޮރު ކުރިމަތީގައި ހުރި ޝަކިލާގެ މޫނު ފެނިފަ މިކްޔާ އަށް ފަހަތަށް ޖެހިލެވުނީ ބިރުން ހުރި ވަރުންނެވެ. “ސާބަސް އިނގޭ! މަ ހަމަ އެވަރަށް ނުދާށޭ ބުނީމަވެސް ކީއްކުރަންތަ މާ ވަރަކަށް އެ ގެ އަށް ދަނީ….އެ ހައްވަ އަކީ އަމިއްލަ އަށް ނޫޅެވޭ ވަރުގެ މުސްކުޅިއެއް ނޫނޭ…”
“މަ..މަ..މަންމާ..އަޅުގަނޑު”………. ” ކޮން މަ މަ އެއް ކިޔާކަށް…އިރުއޮއްސުމުގެ ކުރިން ދާވެފަ ހުރި އެއްޗެހި ނުދޮވެފިއްޔާ މިރޭ ކާން ނުލިބޭނެ…މަ އެބަޖެހޭ މިރޭ ޕާޓީ އަކަށް ދާން….އަވަސް ކުރާތި…!” ޝަކީލާ ރުޅިވެރި ނަޒަރަކުން މިކްޔާ އަށް ބަލާލުމަށްފަހު އެތަނުން ދިޔައީ ޕާޓީ އަށް ދާން ރަނގަޅު ހެދުމެއް ހޯދުމަށެވެ. ފެންކަޅިވެފައިވާހާލުގަ މިކްޔާ އަވަސްވެގަތީ އެއްޗެހި ދޮވުމަށެވެ. ޝަކީލާއަކީ އޭނާގެ ދޮންމަންމަ އަށް ވިޔަސް މިކްޔާ ދެކެނީ ހަމަ އުފަން މަންމަ އެއް ގޮތަށެވެ.
**
އެއްޗެހި ދޮވެ ނިންމާލުމަށްފަހު މިކްޔާ ގޯތި ތެރޭގަ އިން ޖޯލިފަތީގަ އޮށޯވެލީ ވެފައިހުރި ވަރުބަލި ކަމުންނެވެ. އޭރު ދުނިޔެމަތީގަ ވަނީ ރަތްވިލާގެ އަލި ކަމެވެ. އެހެން އޮތުމަށްފަހު ބުރުގާ ނެގީ ހޫނު އަރާ ވަރުންނެވެ. ހަމަ އެވަގުތު ޝަމާން ގެތެރެއިން ނިކުތީ މަޤްރިބް ނަމާދަށް ދިއުމުގެ ކުރިން ނިދި ފިލުވާލުމަށެވެ. އޭނާގެ ނަޒަރު ވަނީ އެގެއާ ޖެހިގެން ހުރި ގޭގެ ޖޯލިފަތީގައި އޮތް އަންހެން ކުއްޖާ އަށެވެ. އެދެގެ ގުޅިފަ ހުރި ފާރަކީ އެހާ އުސްކޮށް ރާނާފައި ހުރި ތަނެއް ނޫން ކަމުން އެ އަންހެން ކުއްޖާ ވަރަށް ރީތިކޮށް ފެނެއެވެ. ނަމަވެސް އެ ކުއްޖާއ އޮތް ގޮތުން ހަމަ އެކަނި ފެންނަނީ މޫނުގެ އެއްފަޅިއެވެ. ޝަމާން އެހުރި ގޮތަށް އެދިމާއަށް ބަލަހައްޓައިގެން ހުރީ އެއީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ހިތުގައި އޮތް ވަރުންނެވެ.
ކުޑައިރުކޮޅަކު އެހެން އޮތުމަށް ފަހު މިކްޔާ ތެދުވީ އިރު އޮއްސުމުގެ ކުރިން ފެން ވަރާލުމަށެވެ. ތެދުވަމުން އޭނާގެ އިސްތަށި ގަނޑުގަ ހިފާފަ މައްޗަށް ހިއްލާލީ ވޫލުކޮޅުން އައްސާލުމަށެވެ. މީހަކުބަލާހެން ހީވާތީވެ އަނެއްފަރާތަށް އެނބުރިލި އިރުގަ ފެނުނު މީހެއްގެ ސަބަބުން އިސްތަށިގަނޑުން އަތް ދޫވެ ދެލޯ ބޮޑު ކޮށްލެވުނީ ހައިރާންވީ ވަރުންނެވެ. މިކްޔާ އާ ދިމާއަށް ބަލަހަށްޓައިގެން ޝަމާން ހުރީ އެ ކުއްޖާ ކޮންމެވެސް ތާކުން ފެނުނު ހަނދާނެއް ވުމުންނެވެ. މިކްޔާ އަކީ އެހާ ދޮން ކުއްޖަކަށް ނުވިނަމަވެސް ވަރަށް ރީތި ކުއްޖެކެވެ. އުނަގަނޑާ ހަމައަށް ދިގުކޮށް އޮތް ރާޅުބާނި އިސްތަށި ގަނޑާ އެންމެ ގުޅެނީ ގުދުރަތުން ލިބިފައިވާ އައިބުކަމެއް ނެތް އެ ވަށް މޫނުކޮޅެވެ. ކުޑަކޮށް ޗަބީ ކޮށް ހުރެފަ އިސްކޮޅުން ކުރުވީމަ އުމުރަށް ވުރެ ހަގު ކަމަށް ދައްކައެވެ.
މިކްޔާ އަވަސް ހަރަކާތަކާ އެކު ބުރުގާ ބޮލަށް މަހާލުމަށްފަހު ޝަމާން އާއި ދިމާއަށް ބަލާލުމަށް ފަހު ދުވެފައި އެތެރެއަށް ވަނީ ލަދުންނެވެ.އެވަގުތު އެކުއްޖަކީ ކާކުކަން ޝަމާން އަށް އެނގުނެވެ. އަދި ހިތާހިތުން”މިކީ މައުސް” އޭ ބުނެލުމަށް ފަހު ހިނިތުންވެލަމުން އެތެރެއަށް ވަނީ ނަމާދަށް ދިއުމަށެވެ.
އެދުވަހުގެފަހުން މިކްޔާ އާއި ޝަމާން އެތައް ފަހަރަކު ދިމާވެއެވެ. އަދި އެގެޔަށް އައިސް މާމަ މެންނަށް އެހީވެދީ އުޅޭތަން ފެނުމުން ޝަމާން އަބަދުވެސް މިކްޔާ އަށް ޝުކުރު އަދާ ކުރެއެވެ.ނަމަވެސް މިކްޔާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. ކިތައްމެ ގިނަ ވާހަކައެއް ދައްކަންބޭނުން ވިޔަސް މިކްޔާ އަށް ވާހަކަ ދައްކާކަށް ނުކެރެއެވެ.
ރަށަށް އައިސް 2 ފާއިތުވީއިރުގަ ޝަމާން ވަނީ ގިނަ އެކުވެރިންތަކެއް ހޯދާފަ އެވެ. އެއީ ކޮންމެ ދުވަހެއްގަ ޔޫތް ސެންޓަރަށް ކުޅެން ގޮއްސަ ރަހުމަތްތެރިވާ ކުދިންނެވެ. ބަކުރާއި އާރިފް އަކީ ޝަމާން އާ ވަރަށް ގުޅާލައިގެން އުޅޭ ދެމީހުންނެވެ. އުމުރުގެ ގޮތުން ޝަމާން އަށް ވުރެ 4 އަހަރު ބޮޑަސް އެމީހުން އަބަދުވެސް އުޅެނީ ޝަމާން އާއި އެއްފުރާ ކުދިންނާ އެކީގައެވެ. މިގޮތުން އެކުވެރިންތެރޭގައި ތަފާތު މަޖާ އެތަށް ކަމެއް ކުރެވެއެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ޝަމާން އާއި އާރިފް އާ ދެމެދު ބެޓް ކުރެވުނީ މިކްޔާ ހާސިލް ކުރުމަށެވެ. ކުރަން ބޭނުން ނޫން ކަމެއް ވިޔަސް ޝަމާން އެއްބަސްވި އެކަން ކުރުމަށެވެ. ނަމަވެސް އޭނަ އަށް ނޭނގުނު ކަމަކީ ފަރުދާގެ ފުރަގަހުގަ ނުރައްކާތެރި ރޭވުމެއް ރާވަމުންދާ ކަމެވެ.
***
ޝަމާން އެތައް ގޮތަކުން މިކްޔާ އާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މިކްޔާ އަބަދުވެސް ހިމޭންކަން އިޚްތިޔާރު ކުރަނީ އޭނާގެ ހިތުގެ ހާލަތު ދުލާ ހަމަ އަށް އައިސް ދާނެ ކަމަށްޓަކައެވެ. ދުވަސްތައް މާޒީއާ އެކުވަމުންގޮސް މަސް ދުވަސްވީއިރުވެސް ޝަމާން ކުރަމުން އައި ކަންތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން މަޔޫސްވި ވަގުތު އާރިފް މެންގެ ބަހައް ހެއްލިގެން މަގުމަތިންވެސް މިކްޔާ އާ ވާހަކަ ދެއްކޭތޯ ވަރަށް ބެލިއެވެ. ގިނަ ދުވަސްވީ ވަރަކަށް ޝަމާންގެ ހިތުގަ މިކްޔާ ކާމިޔާބު ކުރުމުގެ ރޫހް އިތުރަށް އާލާވުން ނޫން ކަމެއް ނުވެއެވެ. ނޭނގި ނަމަވެސް މިކްޔާގެ ސޫރަ ޝަމާންގެ ހިތުގަ ކުރެހިފައި ވަނީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ގޮތަކަށެވެ. ބެޓެއް ކުރެވުނަސް އޭނާ މިކްޔާ ހާސިލް ކުރަން ބޭނުން ވަނީ ކޮންމެހެން އެކަން ކާމިޔާބު ކުރާކަށް ނޫނެވެ.
މަގުމަތިންވެސް ޝަމާން ދިމާކުރަން ފެށުމުން މިކްޔާ ނިންމީ ވާހަކަ ދެއްކުމަށެވެ. އެކަމުން އޭނާ އަށް ލިބޭނެ ގެއްލުމެއްވެސް ނެތެވެ. ނަމަވެސް ފަސް ޖެހެވެނީ ޝަމާން އެގެންގުޅޭ އެކުވެރިންގެ ސަބަބުންނެވެ. އާރިފް ގެ މޫނުމަތިން އެފެންނަ ހިނިތުންވުމަކީ އޭނާ އަށް ދޭ އިންޒާރެއް ފަދައެވެ. މިކަމާ މިކްޔާ ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ.
*****
އިރު އޮއްސޭ މަންޒަރަށް ބަލަން އިން ޝަމާންގެ ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ މިކްޔާގެ ހިޔާލުތަކެވެ. މިހާރު ރަށަށް އައިތާ 2 މަސް ވީ އިރުވެސް މިކްޔާގެ ފަރާތުން އެއްވެސް ކަހަލަގެ އިޝާރާތެއް ނުލިބެއެވެ. މާމަމެން ކައިރި އަށްވެސް އަންނަނީ އޭނާ ގޭގަ ނޫޅޭ ވަގުތު ތަކުގައެވެ. އެހެން ކަމުން މަގުމަތިން ދިމާކުރުން ނޫން އިތުރުގޮތެއް ނެތެވެ.
***
“އަޅެ އަހަރެން ހާދަ ގޯހޭ…ޝަމާން އެވަރަށް ވާހަކަ ދައްކާއިރުގަވެސް އަހަރެން ހަމަ……..ކީކޭބާ އޭނަ ހިތައް އަރާނީ” މިކްޔާގެ ހިތާ ސިކުނޑި އަރާރުންވަނީ ޝަމާންގެ ކަންތަކުގަ ގޮތެއް ނުނިންމިގެން އުޅޭތީވެއެވެ. އިރުއޮއްސޭ މަންޒަރު ބެލުމަކީ މިކްޔާގެ އާދައެކެވެ. އެހެންކަމުން މިއަދުވެސް އަތިރިމައްޗައް ނިކުމެލީ ހިތައް ހަމަ ޖެހުމެއް ލިބޭތޯ އެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަނީ ހާސް ކަމެއްގެ ތެރޭގައެވެ.
“ކިތައްމެ ބޭނުމަސް އަހަރެންނަށް ނެތް ޝަމާން އާ އެކުވެރިކަން ބަދަހި ކުރެވޭކަށް…އާރިފްމެން އޭނަ އާއި ގުޅާލައިގެން އެއުޅެނީ
ރަނގަޅު ނިޔަތެއްގައެއް ނޫން” މިކްޔާގެ ސިކުނޑި އޭނާ އިންޒާރެއް ދިންފަދައެވެ. މިފަދަ މަސްހުނި ހިޔާލުތަކެއްގެ ތެރޭގައި އިންދަ މީހަކު އައިސް މިކްޔާ ކައިރީގައި އިށީނުމުން ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ.އެއީ ޝަމާންކަން އެނގުމުން ގެއަށްދިއުމަށް ހިނގަތީ އޭނާގެ ސުވަލުތަކަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. އެވަގުތު މިކްޔާގެ ފިޔަވަޅުތައް ގަނޑުވީ ޝަމާން އޭނާ އަތުގައި ހިފުމުންނެވެ.
“ކަންތައް ބޮޑު ކުރަން ބޭނުން ނުވަންޏާ މިތާ އިށީނދޭ…” ކިތަންމެ މަޑުން ޝަމާން އެހެން ބުންޏަސް އެ އަޑުގައިވި ރުޅިވެރިކަމުން މިކްޔާ އަވަހާ އިށީނީ ވަގުތުގެ ގޮތުން އެތާ މީހުން ގިނަވެފައި އެފަދަ ކަމެއް ހިނގަން އަހަރެން ބޭނުން ނުވީމައެވެ.
މިކްޔާ އިނީ ޝަމާން އާއި އެހާ ކައިރީގައި އިންނަން ޖެހުމުން ހިތް އަވަސް ވެފައެވެ. ނަމަވެސް ޝަމާންގެ ހިތުގައި އެވަގުތު ހުރީ ހުސް ޝަކުވާއެވެ.އެކަމަކުވެސް ދުލާހަމައަށް ގެނައުންވީ އުނދަގު ކަމަކަށެވެ. އެހެންކަމުން ބަހެއް ނުބުނެ އިނީ ފަށާނެ ގޮތެއް ނޭނގުމުންނެވެ.
“ކީއްވެތަ އަހަރެންނާ ވަހަކަ ނުދައްކަނީ؟” ހިމޭން ކަމުގެ ސިކުންތު ކޮޅަކަށް ފަހު ޝަމާން ސުވަލުކޮށްލި އެވެ. އެ ސުވާލުގެ ޖަވާބުގައި މިކްޔާ ބުނާއެއްޗެއް ނޭނގިފައި އިނެވެ.
“މީ އަހަރެން އެއްގޮތަކަށްވެސް އުޅެން ބޭނުންވާ ގޮތެއް ނޫން…އެކަމަކު މިކްޔާ އަހަރެންނަށް މަޖުބޫރު ކުރުވަނީ..” މިކްޔާ އިނީ އޭނާގެ ނަން ޝަމާންގެ ދުލުން އިވުނުމީ ފުރަތަ ފަހަރު ކަމަށް ވެފައި އޭނަ އާއި ދިމާ ކުރާއިރުގަ ނަން އަހަނީ ކީއްވެބާއޭ އަމިއްލަ ހިތާސުވާލުކޮއްލުމުގައެވެ. އެވަގުތު ޝަމާންގެ މޫނަށް ބަލާލި އިރުގަ އެމޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. މިކަމުގެ ސަބަބުން މިކްޔާ ވަރަށް ދެރަވި އެވެ.
“އަހަރެން..މި..މި..ނޭނގެ…. އަސްލު މަންމަ އެހާ ހިތް ހަމަ އެތް ނުޖެހޭނެ ފިރިހެން ކުދިންނާ ވާހަކަ ދައްކާކަށް..” އެވަގުތު ހިތައް އެރި އެއްޗެއް މިކްޔާ ބުނެލީ ޝަމާންގެ ސުވާލަށް ކޮންމެސް ޖަވާބެއްދިނުމުގެ ބޭނުމުގައެވެ. ކަންފަތަށް އިވުނު އަޑު ޔަޤީން ކޮށްލުމަށް ޝަމާން ބަލައިލީ ކައިރީގައި އިން މިކްޔާ އަށެވެ. ދެމީހުން ހަތަރުކަޅި ބައްދަލުވި ވަގުތު ތިބެވުނީ އެކަކު އަނެކެއްގެ ލޮލުން ދޭހަޥާ ކަންތައްތައް ދިރަސާކުރުމަށެވެ.
ލޮލުން އެކިވާހަކަ ދައްކަމުން ދިޔައިރުގަ ދޫ އޮތީ ހިމޭންކަން އިހްތިޔާރު ކޮށްގެންނެވެ. އެތައް އިރަކު ދެމީހުންނަށް އެގޮތަ ތިބެވުނީ ދައްކަންވެފަ ހުރި ވާހަކަތައް ގިނަކަމުންނެވެ. އެގޮތަށް ތިއްބައި ދެމީހުން ސިއްސައިގެން ދިޔައީ ބަންޤީ އަޑަށެވެ. މިކްޔާ ލަދުން އިސްޖަޙައިލީ ކުރެވުނު ކަންތައް ހިތައް އެރުމުންނެވެ. ޝަމާން އަށް މިކްޔާގެ އެ ލަދުވެތި އަދާ ފެނިފަ ހިނިތުންވެލެވުނީ އެއީ އޭނާ އަށްލިބުނު ފެހި ސިގްނަލެއް ކަމުންނެވެ. އެވަގުތު ދެމީހުންވެސް މާގިނަ ވާހަކަ ނުދައްކާ ތެދުވީ ގެއަށްދިއުމަށެވެ. އޭރުގަ މިކްޔާގެ ހިތް އުފަލުން ނަށަނީ ހިތުގެ ވެރިޔާ އާއެކީގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކޮށްލެވުމުންނެވެ. ޝަމާންގެ ވެސް އުފާވެރިކަމުގެ ކޮޅެއް ނެތެވެ.މީ އޭނާ އުއްމީދުކުރި ކަމެއް ނޫނެވެ.މިގޮތަށްކަންތައް ވުމުން އޭނާގެ އިންތިޒާރަށް ނިމުމެއް އަންނަން އުޅޭކަހަލަ އިހްސާސް ތަކެއް ކުރެވެމުން ދިޔަ އެވެ. އެވަގުތު އޭނާ ވިސްނަމުންދިޔައީ އެގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތަކާ މެދުގައެވެ.
އެވަގުތު އެތާހުރި ގަހެއްގެ ނިވަލުގަ ފިލާ ތިބި އާރިފް އާއި ބަކުރުގެ މޫނުމަތީގައި ވަނީ އިންތިހާ އަށް ރުޅިވެރި ކަމެވެ.
“ކޮބާ މަ ބުނީމެންނު…އެހެންވެޔޭ މަ ކައޭ ކައިރީގައި އަންނަން ބުނީވެސް” ބަކުރު މިހެން ބުނި އިރުގަވެސް އާރިފް ގެ ކަޅި އަމާޒު ވެފައި ހުރީ މިކްޔާ އަށެވެ. އޭނާގެ ހިތުގަ އުތުރި އަރަމުންދާ އަލިފާނަށް ޕެޓްރޯލު އަޅަމުންދަނީ މިކްޔާގެ އެ ހިނިތުން ވުމެވެ. ހީވާ ގޮތުން މިކްޔާ އާއި ޝަމާން އެދަނީ ކޮންވެސް ވާހަކަ ތަކެއް ދައްކަމުންނެވެ.މިކަމުގެ ސަބަބުން އާރިފް ގެ ރުޅިގަނޑު އިތުރުވުންނޫން ކަމެއް ނުވިއެވެ. ޝަމާން އާއި ބެޓް ކުރި ކުރުމަކީ ވެސް އޭނާގެ ކުޅިގަނޑުގެ ބައެކެވެ. ލާރި އަކީ އޭނާ އަށް މުހިންމު އެއްޗެއް ނޫނެވެ. އޭނާގެ މަޤްސަދަކީ މިކްޔާގެ ބަރްބާދީ އެވެ. މިކަމުގެ ހަޤީގަތް އިނގޭނީ ހަމަ އެކަނި ބަކުރަށެވެ. އޭނާ ގެ އެހީ އަށް އާރިފް އެދުނީ ބަކުރު އެކަމަށް އެއްބަސް ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންނެވެ. އާރިފް ބަކުރު ކައިރީގައި ކޮންމެވެސް އެއްޗެއް ބުނެލުމަށްފަހު އެތަނުން ދިޔައީ ހިތުގައި ވަރުގަދަ ކަމެއް ރާވާލަމުންނެވެ.
***
މިކްޔާ ގެޔައް ދިޔައިރުގަ ދޮރުމަތީގައި މަންމަ ހުރި ގޮތް ފެނިފަ ބިރުވެރި ކަމުގެ ބާންޏެއް ހިތުގަ ދުވެލިއެވެ. މަންމަގެ ހަރަކާތް ތަކުން ކޮންމެވެސް މީހަކު ހޯދަނީހެން ހީވިއެވެ. އެވަގުތު ޝަމާން ގެއަށް އައި މަގުމަތީގައި މިސްކިތައް އެރިކަން އެޢީ މިކްޔާގެ ނަސީބެވެ.
މަންމަގެ ސުވާލަކާ ކުރިމަތި ނުވެ ގެއަށް ވަދެވުމުން މިކްޔާ ހުރީ ވަރަށް ހިތް ހަމަ ޖެހިފައެވެ. ގެއަށްވަދެ ނަމާދު ކޮށްލައިގެން ނިކުމެ ގޭތެރެ ކުޑަކޮށް ތަރުތީބު ކޮށްލުމަށް ފަހުގަ ކޮޓަރިއަށްވަދެ މިކްޔާ އެނދުގައި އޮށޯވެލުމަށްފަހު ކުއްލި އަކަށް ކަމެއް ހަނދާންވުމުން އެނދުމަތިން ތެދުވެ ފޯނު ބަލައިލީ ވަރަށް އުފަލުންނެވެ.
” ހުއް..ނެތް މެސެޖް އެއްގެ ހިސާބުވެސް….މިހާރު ދެން މިވީ ކިހާ އިރެއް…ގުޅާނަމޭ ބުނެފަ….” މިކްޔާ ފޯނާ ދިމާ އަށް އެއްޗެހި ކިޔަމުން ގެންދިޔައީ ޝަމާން ގުޅާނަމޭ ބުނެފަ އޮތީމައެވެ. އޭރު ގެއަށް އައި މަގުމަތީގައި ޝަމާން އެވަރަށް ބުނުމުން ނަމްބަރު ދިނީ އިތުރަށް އޭނާ މާޔޫސް ކޮށްނުލަންވެގެންނެވެ. އަދި އެކަމަކީ މިކްޔާވެސް ވަރަށް ބޭނުން ވެފަ ހުރި ކަމަކަށް ވެފައި ދެން އިތުރަށް އަމިއްލަ އިހްސާސް ތަކާ ހަނގުރާމަ ކުރުމަށްްެ އޭނާގެ ހިތް ނުކުޅެދިފައި ވުމުންނެވެ.
**
ސިޓިންރޫމްގަ ސޯފާގަ ޝަކީލާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ ދެކެމުން އައި ހުވެފެން ވިއްސި ވިހާލި ވާން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފެށުމުން އެކަމަށް އަވަސް ހައްލެއް ހޯދުމަށް އޭނާ ވަނީ އަތުކުރި އޮޅާލާފައެވެ. މިއަދު ހަވީރު އޭނާއަށް މިކްޔާ ކައިރީގައި ފިރިހެނަކު އިންތަން ފެނުމާ އެކީ އޭނާގެ މޫޑު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އެވަގުތު އޭނާ އަށް ކާކުކަން ބަލައިލާނެ ފުރުސަތެއް ނުލިބުމުން އަވަހާ ގެއަށް އައީ ވެސް އެމީހަކު ފެނިދާނެ ކަމުގެ އުއްމީދުގައެވެ.
“އެއީ ކާކުތަ؟ މަ ވަރަށް ދަންނަ ކުއްޖެއްހެން ވެސް ހީވި….މޫނު ނުފެނުނު ކަމުން ދެރައީ…އެހެން ނޫންނަމަތާ އާރިފް ގޮތަށް އޭނަ ވެސް މަގުން އެއް ކައިރި ކޮށްލާނީ” ޝަކީލާ ވިސްނާ ވިސްނާ ވެސް އެމީހަކި ކާކުކަމެއް ނޭނގުނެވެ. ދެން މި ވީ ގޮތުން އަނެއްކާވެސް މިކްޔާ އަށް ފާރަލުން ނޫން ގޮތެއް ނެތެވެ.
**
ކޮޓަރީގައި ދެކޮޅު ދެކޮޅަށް މިކްޔާ ހިނގާލަ ހިނގާލަ ހުއްޓަ ފޯނު ރިންގް ވުމާ އެކު އަވަހަށް ނަގާފަ ކަންފަތުގަ ޖެހީ ކާކުތޯ ބަލާވެސް ނުލައެވެ.
“ހެލޯ މަގޭ ދޫންޔާ..ދެން ނެތޭ މާ ގިނަ ދުވަހެއް މަގޭ މިލްކަކަށް ފުއްގަނޑު ވާނެ..ލޯބި ބުނެބަ ކޮންތާކަށްތަ ހަނީމޫނަށް ދާނީ..؟” އެއިވުނު ބަރު އަޑުން މިކްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެއީ ހަމަ އެ އަޑެވެ. ބިރުން ގޮސް ހަރަކާތެއް ކުރަން ނޭނގިފަ މިކޔާ ހުއްޓާ އެމީހަކު އަނެއްކާ ވާހަކަ ދައްކަން ފެއްޓިއެވެ.
“ދޫނި މަ ދާނަން ވަރަށް އަވަހާ..18 ވާކަށް ދެން ނެތެއްނު ދުވަހެއް..ދޫނި ގައިގަ ބައް……..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލުމަށްފަހު އޮފް ކޮށްލީ ރުޅި ގަދަވީ ވަރުންނެވެ.
“ކީކޭ ހިތައް އަރައިގެން އުޅޭ މީހާ ގަނޑެއްތަ؟ ޔަޤީނޭ ބޮޑު މުސްކުޅިގަނޑެއްކަން …އަޑުންވެސް ހީވަނީ ހަމަ އެހެން” އެނދުމަތިގައި އިށީނދގެންެ އިނދެ މިކްޔާ ފުންކޮށް ނެވާ ލަމުން ދިޔައީ ރުޅިގަނޑު މައިތިރި ކުރުމުގެ ބޭނުމުގައެވެ.
އެހެން އިންދަ މަންމަ ކޮޓރިއަށް ވަދެގެން އައިރު މޫނުމަތީގައި ހުރި ކުލަވަރުތަކުން ކަމެއް ގޯސް ވެއްޖެކަން މިކްޔާ އަށް އެނގުނެވެ..” އަނެއްކާ ޝަމާންގެ ކަންތައް މަންމަ އަށް އެނގުނީބާ؟” މިކްޔާ ބިރުގަތީ މަންމަ އަށް އެކަން އެނގިދާނެތީ އެވެ.
“ކީއްވެތަ ތި ފޯނު ނިއްވާލީ؟” ޝަކީލާ އޭނަގެ ޒީލަގަދަ އަޑުން ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. މިކްޔާ ހުރީ މަންމަ ކުރި ސުވާލުން ހައިރާންވެ ދެލޯ ބޮޑުވެފައެވެ……………………

Share Article

Follow Me Written By

ShaiShy

Level 310 Stories100 Comments500 Comments

Other Articles

Previous

ހިނިތުންވުމުން 6

Next

ލޯބިވަން ޔާރާ އޭ 13

Next
October 10, 2016

ލޯބިވަން ޔާރާ އޭ 13

Previews
October 10, 2016

ހިނިތުންވުމުން 6

6 Comments!

  1. aik says:
    October 10, 2016 at 1:59 pm

    Reethi..

  2. Mai says:
    October 10, 2016 at 2:11 pm

    Reethi. …….

  3. xala says:
    October 10, 2016 at 2:24 pm

    wowww. adhivex dhigu koh dhybaaaaaaa.

  4. kayashandy says:
    October 10, 2016 at 3:07 pm

    thank u all….

  5. inaya says:
    October 10, 2016 at 3:24 pm

    salhi story eh

  6. Samsam says:
    October 11, 2016 at 1:20 pm

    Vrh salhi…dhn alhe kihinehbaa vaany..mikya ge mamma hoadhaafa huri meeha dhw aee

Comments are closed.


All Right Reserved!