ނޭނގޭހެ ހާދަ ލޯބިވޭ 25
އެއާއެކު މީރާއަށްވެސް ރޮވުނެވެ. ވަކިވެ ގޮސްފައިވާ ދަރިފުޅަށްޓަކާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބެ މީރާއާ ރާހިލް ރުޔެވެ. އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ.
“މީރާ… އަހަރެން ދިޔައިން ފަހުން… އަހަންނަށް ވިސްނުނީ މާފަހުން… އަހަރެން ދިޔައިން، އެކަމަކު އޭރު މީރާމެން އެހެން ތަނަކަށް ބަދަލު ވެއްޖެ… އެޑްރެސް ލިބޭތޯ މީރާގެ ކޮލެޖަށްވެސް ދިޔައިން… އެކަމަކު މީރާ ކޮލެޖުން ކެނޑުނު ކަން އެނގުނީ… ތާނީވެސް އެހެން ކޮލެޖަކަށް ޗޭންޖްވީ… އަހަރެން މަސައްކަތް ކުރިން، އަހަރެން ދިޔައިން މީރާ ހޯދަން… ގަބޫލު ކުރަން ދޯ މީރާ…؟” އިރުކޮޅަކު އެހެން ތިބެފައި ރާހިލް މީރާއާ ހަތަރުކަޅި ހަމަކޮށްލަމުން ރާހިލް ބުންޏެވެ.
ބޯ ޖަހާލާފައި ރާހިލްގެ އަތާ އަތް ވަކިކޮށްލަމުން މީރާ ތެދުވަން އުޅުނެވެ. ނަމަވެސް ރާހިލް މީރާގެ އަތުގައި އަނެއްކާވެސް ހިފެހެއްޓިއެވެ.
“ޕްލީޒް…” މީރާއަށް ބަލަން އިނދެ ރާހިލް ބުނެލީ ހަމައެކަނި އެހެންނެވެ. އިތުރު އެއްޗެއް ނުބުނި ނަމަވެސް ރާހިލް އެދުނީ ކޮން ކަމެއް ކަން މީރާއަށް ވިސްނުނެވެ.
ރާހިލް ބުނުމުން، މީރާ ހޯދަން ރާހިލް ފަހުން ދިޔަކަމާ މެދު މީރާ ޝައްކެއް ނުކުރެއެވެ. އެހެން ވިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އޭރު މީރާގެ ހިތް ކުދިކުދި ކޮށްލާފައި ރާހިލް ނުދާ ކަމަކަށް ނުވާނެއެވެ. މީރާ ރާހިލްއަށް ކުރި އިތުބާރު ނުގެއްލޭ ކަމަކަށް ނުވާނެއެވެ. އަދި އޭގެ ފަހުން ވީ އެއްވެސް ކަމެއްވެސް ބަދަލެއް ނުވާނެއެވެ.
ދެފަރާތަށް ބޯ ހަލުވާލަމުން މީރާ އަނެއްކާވެސް ރާހިލްގެ އަތުތެރޭން މީރާގެ އަތް ވަކިކޮށްލާފައި ތެދުވިއެވެ. އަދި ފަސް އެނބުރި ބަލާލުމެއް ނެތި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
އެމަންޒަރު ބަލަން ހުރި ޔަމާންއަށް، ދުލުން ބުނެވުނު ބަހަކާ ނުލާ ރާހިލްއާ މީރާގެ މެދުގައި ދެކެވުނު ވާހަކަ ވިސްނުނެވެ. މީރާގެ ހިތުގެ ހާލު އެންމެ ރަނގަޅަށް އެނގޭ ޔަމާންއަށް އެ ދުވަހު ރާހިލްގެ ހިތުގައި ވީ އެއްޗެއްވެސް ސިއްރެއް ނުވިއެވެ.
ރާހިލްގެ ލޯތްބަށް އިންކާރު ކޮށްފައި މީރާ ދިޔުމުން އިތުރަށް ހިތަށް ތަދުވެފައި އިން ރާހިލް އިސް އުފުލާ ބަލާލީ ޔަމާން އައިސް ރާހިލްގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ޔަމާން ސޯފާއާ ދިމާއަށް އަތް ދިއްކޮށްލުމުން ރާހިލް އިންތަނުން ތެދުވެގެން ގޮސް ސޯފާގައި އިށީނެވެ. ދުރުގައި ހުރި ތާނިޔާ ރާހިލްއަށް ފެންތައްޓެއް ގެނެސްދީފައި ކޮޓަރިއަށް ވަނެވެ.
“މީރާ ދުވަހަކުވެސް ރާހިލް މަތިން ހަނދާނެއް ނުނެތޭނެ، އޭނަގެ ހިތުން ރާހިލްގެ ނަން ދުވަހަކުވެސް ނުފިލާނެ. މިއަދު އަހަންނަށް އެނގިއްޖެ ރާހިލްގެ ހިތުންވެސް މީރާގެ ލޯބި ފޮހެނުލެވޭ ކަން” ސޯފާގެ އަނެއް ފަރާތުގައި އިށީނދެފައި ޔަމާން އެވަރަށް ބުނެފައި މަޑުކޮށްލީ ރާހިލް އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ރާހިލް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޔަމާންއެވެ.
“މީރާ އެދެނީ ރާހިލް އަލުން މީރާގެ ހަޔާތަށް އައުން ކަމަށް ވަންޏާ އަހަރެން މިހިރީ މީރާ ދޫކޮށްލަން ތައްޔާރަށް، މީރާގެ އުފަލަށް އެޅޭ ހުރަހަކަށް އަހަރެން ދުވަހަކުވެސް ނުވާނަން” ޔަމާން ބުންޏެވެ.
“ނޫން… މީރާ އަހަރެން ދެކެ ކުރިން ލޯބި ވިޔަސް މިހާރު އޭނަ ލޯބި ވަނީ ޔަމާން ދެކެ… މީރާ ބޭނުމެއް ނުވޭ އަހަރެންނާ އަލުން ގުޅޭކަށް” ރާހިލް ބުންޏެވެ.
“ގަބޫލު ކުރަން ތިކަން، އެކަމަކު އަހަންނަށް އެނގޭ މީރާގެ ހިތުގަ އަދިވެސް ރާހިލްގެ ނަން އެބައޮތް ކަން، ހިތުގެ ކޮންމެވެސް ހިސާބަކުން މީރާ އަދިވެސް ރާހިލް ދެކެ ލޯބި ވާކަން އެނގޭ އަހަންނަށް. މިއަދަކު ނޫން އަހަންނަށް އެކަން އެނގުނީކީ، އަބަދުވެސް އެނގޭ، އަހަރެން މީރާ ގަބޫލު ކުރީ އެކަން އެނގިހުރެ، މީރާ ދެކެ އަހަރެން ލޯބިވާތީ އަހަންނަށް އެއީ މައްސަލައެއް ނޫން… އެކަމަކު އަހަރެންގެ ވާހަކައެއް ނޫން ދައްކަން ވީ. ރާހިލްއާ މީރާގެ ވާހަކަ ދައްކަން ވީ” ޔަމާން ބުންޏެވެ.
“އޭނަ އެއްބަހެއް ނުވާނެ… ބޭނުމެއް ނުވާނެ…” މީރާ މިއަދުވެސް ރާހިލް ދެކެ ލޯބިވެދާނެ ކަމަށް ގަބޫލު ކުރަން ރާހިލްއަށް އުނދަގޫވިއެވެ.
“އަހަންނަށްވެސް އެނގޭ މީރާ އެއްބަހެއް ނުވާނެ ކަން. ރާހިލް އޭނަ ބޭނުމިއްޔާ ޖެހޭނީ މަސައްކަތް ކުރަން، އޭނައަށް ވިސްނައިދޭން، އޭނަ ރުއްސަން… އަހަންނަކަށް އެކަމުގަ ރާހިލްއަކަށް އެހީއެއް ނުވެވޭނެ… އެކަމަކު އެއްވެސް ކަމެއް ކުރުމުގެ ކުރިން ރާހިލް ފުރަތަމަ ޖެހޭނީ ރާހިލްގެ އާއިލާއަށް މިކަން އަންގަން. އެއްވެސް މީހަކު މީރާ އަދި މަލާކްއާ ދިމާއަށް އެއްވެސް އެއްޗެއް ބުނާ އަޑެއް އަހަންނަކަށް ނޭހޭނެ. އެކަހަލަ އެންމެ ލަފްޒެއް އަޑު އިވުނަސް… ރާހިލް ޖެހޭނީ މީރާ މަތިން އަދި މަލާކް މަތިންވެސް ހަނދާން ނައްތާލަން” ޔަމާން ރާހިލްއަށް އިންޒާރެއް ދެމުން ބުނެލިއެވެ.
އެނދުމަތީ ބަންޑުން އޮތް މީރާއަށް ދޮރު ހުޅުވާލި އަޑު އިވުނު ނަމަވެސް ނުތެދުވެ އޮތީ އެއީ ޔަމާން ކަމުގައި ޔަގީން ކޮށްފައެވެ. މީރާގެ ކޮޓަރިއަށް ވަން ރާހިލް، އިރުކޮޅަކު މީރާއަށް ބަލް ހުރެފައި ވަދެ އެނދުގެ މަގަތުން އިށީނެވެ.
ރާހިލް އިށީނުމާއެކު މީރާ ރާހިލްގެ ފައިމަތީ ބޯއަޅާލަމުން އުނަގަނޑުގައި އެއްއަތުން ބައްދާލިއެވެ.
“ޔަމާން، ހިނގާ ދެން އަވަހަށް މެރީ ކުރަން، އޭރުން ދެން އަހަރުމެންނަށް އަހަރުމެންގެ ލައިފްއާއިގެން ކުރިއަށް ދެވޭނީ. މަންމަމެން އައުމަށް ފަހު ދެން އެންމެ ދުވަހަކުވެސް މަޑުކުރާކަށް އަހަރެން ބޭނުމެއް ނޫން. ވީ އެންމެ އަވަހަކަށް ޔަމާންގެ މީހަކަށް އަހަރެން ހަދާ” މީރާ ވާހަކަ ދެއްކީ ޔަމާންއާއެވެ.
“މީރާ ހަމަ ޔަމާންއާތަ އިންނަން ބޭނުމީ؟” މީރާ ދެއްކި ވާހަކައިން ހިތަށް ތަދުވެފައި އިނދެ ރާހިލް އަހާލިއެވެ.
ސިހިފައި ތެދުވެ ބަލާލުމާއެކު މީރާ ބިރެއް ފެނުނުހެން ފުންމައިގެން އެނދުން ތެދުވެ ދުރުގައި ރާހިލްއާ ދިމާއށް ބަލަހައްޓައިގެން ހުއްޓެވެ.
“ބުނެބަލަ މީރާ…” ރާހިލް ބުންޏެވެ.
“ކީއްކުރަން ރާހިލް މިކޮޓަރިއަށް ތިއައީ؟ ކިހިނެއް؟” މީރާއަށް އަހާލެވުނެވެ.
“ބުނެބަލަ، ހަމަ ޔަމާންއާ އިންނަން މީރާ ބޭނުންތަ؟” ރާހިލް އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.
“އާނ، އަހަރެން ބޭނުމީ ޔަމާންއާ އިންނަން” މީރާ ބުނެލިއެވެ.
“މީރާ… ތިހެން ނުބުނޭ…” ރާހިލްއަށް ބުނެވުނެވެ.
“ދެން ކީކޭ އަހަރެން ބުނަންވީ؟” ހަށަން ބަނދެލަމުން މީރާ އަހާލިއެވެ.
ރާހިލް ތެދުވެގެން ގޮސް މީރާ ކައިރީ ހުއްޓުނެވެ.
“މީރާ، އަހަރެން މި ހަދަނީ ދޮގެއް ނޫން، އަހަރެން މިއަދު ދެރަވޭ އޭރު ކަންތައް ކުރެވުނު ގޮތުން، މީރާއަށް ކަންތައް ވީ ގޮތުން އަހަރެން ވަރަށް ދެރަވޭ، އަހަންނަށް ވެގެން ވާނަމަ އެ ހުރިހާ ކަމެއް އަހަރެން ބަދަލު ކުރާނަން. އެކަމަކު އެހެންނެއް ނުހެދޭނެ…
ގަބޫލު ކުރޭ މީރާ، ޕްލީޒް. އަހަރެން މީރާ ދެކެ ލޯބިވޭ، ވަރަށް ލޯބިވޭ. އަހަންނަށް އެކަން ވިސްނުނީ މާ ފަހުން… އަހަރެން ބުނީމަ މީރާއަށް ގަބޫލު ނުކުރެވޭނެކަންވެސް އެނގޭ، އެކަމަކު އަހަރެން ދިޔައިން ފަހުން… އަހަންނަށް މާ ބޮޑަށް ލަސްކުރެވުނީ… އޭރު ކުޑަކޮށްވެސް ހިއެއް ނުކުރަން މީރާ ބަނޑުބޮޑު ވެދާނެ ކަމަކަށް، އެހެން ވެދާނެކަން ވިސްނުނު ނަމަ އަހަރެން އެއަށް ވުރެ ބޮޑަށް މަސައްކަތް ކުރާނަން މީރާ ހޯދަން. އަހަރެން އެކުދިން ދޫކޮށެއް ނުލާނަން… އެކަމަކު…
މިއަދު އަހަރެން ބޭނުން މީރާ އަލުން އަހަރެންގެ ލައިފްއަށް ގެންނަން، އަނެއްކާ މީރާއާ އިންނަން އަހަރެން ބޭނުން. އޭރު އަހަރެންގެ ފަރާތުން ނުލިބުނު ލޯތްބާ އުފާ މީރާއަށް ދޭން ބޭނުން، މަލާކްއަށް ބައްޕައެއްގެ ލޯބި ދޭން ބޭނުން، އަހަރެންގެ ދަރިފުޅު އަހަރެން ކައިރީ ހުރެގެން ބޮޑުވާތަން ދެކެން ބޭނުން، ކޮންމެ އުފަލެއް އަދި ކޮންމެ ހިތާމައެއް މީރާއާ ހިއްސާ ކުރަން އަހަރެން ބޭނުން… އަހަންނަށް ޗާންސެއް ދީ މީރާ…”
ރާހިލް ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައިވި އާދޭސް މީރާއަށް ސާފުކޮށް އިވުނެވެ. ރާހިލް އެދައްކާ ވާހަކައަކީ ތެދުކަން ގަބޫލު ކުރެވުނެވެ. ނަމަވެސް ދެފަރާތަށް ބޯ ހަލުވާލުން ފިޔަވާ އިތުރުކަމެއް މީރާއަކަށް ނުކުރެވުނެވެ.
“މީރާ، ޕްލީޒް، އަދި ވިސްނާލާ، މަލާކްއަށް ޓަކާ އަދި ވިސްނާލާ…” ރާހިލް މީރާގެ ދެއަތްތިލައިގައި ހިފާލަމުން އާދޭހުގެ ރާގެއްގައި އެދުނެވެ.
“ނޫން ރާހިލް، އަހަރެން ކައިރީ އާދޭސް ނުކުރޭ، އަހަންނަކަށް އާއެކޭ ނުބުނެވޭނެ. އަހަންނަށް މިއަދު ޔަމާން ދޫކޮށެއް ނުލެވޭނެ. އިތުރަށް އަހަރެން ކައިރީ ތި ވާހަކަ ނުދައްކާ. ރާހިލް އެދޭ ޖަވާބެއް އަހަންނަކަށް ނުދެވޭނެ. ކިތަންމެ ވަރަކަށް އެދުނަސް ދެން އަހަރެން ރާހިލްއަކާ ނުގުޅޭނަން…
އަހަރެން ގަބޫލު ކުރަން ރާހިލް ތި ދެއްކި ވާހަކަ… އަހަރެން ހިތުގެ އަޑިން ރާހިލްއަށް މާފު ކޮށްފިން. މިހުރިހާ ދުވަހު ރާހިލްއަށް މާފު ނުކުރެވުނީ ކުރިން އަހަރެން ރާހިލް ދެކެ ލޯބި ވީ ވަރުން، ރާހިލް ކަންތައް ކުރި ގޮތުން އަހަރެން ކުރި ހިތާމައިގެ ސަބަބުން… އެކަމަކު މިހާރު އަހަރެންގެ ހިތް ރާހިލްއަށް ސާފުވެއްޖެ. އަހަންނަށް ފެނިއްޖެ މަނާލްގެ ކަންތައް އެނގުނީމަ ރާހިލްއަށް ވީގޮތް…
އަހަރެން ކުރިން ރާހިލް ދެކެ ވަރަށް ލޯބި ވީން، އެކަމަކު މިއަދު ރާހިލްއަކީ ހަމައެކަނި އަހަރެންގެ ކުދިންގެ ބައްޕަ، އަހަރެންގެ ކުރީގެ ފިރިމީހާ… އެނޫން އެއްވެސް ގުޅުމެއް މިއަދު ރާހިލްއާ އަހަރެންގެ މެދުގައެއް ނެތް…
މިއަދު އަހަރެން ލޯބި ވަނީ ޔަމާން ދެކެ… ޔަމާން ދެކެ އަހަރެންނަށް މިވަރަށް ލޯބި ނުވެވުނު ނަމަވެސް މިއަދު އަހަންނަށް ޔަމާން ދޫކޮށްލާފަ ރާހިލް ކައިރިއަކަށް ނުދެވޭނެ، ކުރިން ވީ ކަންތައް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުދާނެ… އަހަންނަށް ދެން އަލުން ރާހިލްއަށް އިތުބާރެއް ނުކުރެވޭނެ…
އަހަރެން މިއަދު ރާހިލްގެ ކުރިމަތީ މިހިރީ ޔަމާންގެ ސަބަބުން… އަހަރެންގެ ހަޔާތުގަ ޔަމާންގެ މަގާމު ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ، މަނާލްއާ މަލާކްއަކީ ޔަމާންގެ ދަރިންނަށް ނުވާ އިރުވެސް އޭނަ އެކުދިން ދެކެ ލޯބިވީ ބައްޕައަކު އުފަން ދަރިންދެކެ ވާނެ ލޯބި، މަނާލް ވަކިވި ދުވަހު ޔަމާން ރުއީ އަމިއްލަ ދަރިއަކު މަރުވެގެން ބައްޕައަކު ރޯނެ ރުއިން… އެދުވަހު އަހަރެން މަރުވީސް، އެކަމަކު މަލާކްއަށް ޓަކާ އަހަރެން ދިރިއުޅެން މަޖުބޫރު ކުރީ ޔަމާން… ރާހިލްއަކަށް ނޭނގޭނެ އެދުވަހުގެ ފަހުން އަހަރެން އުޅުނު ގޮތެއް… އެ ކަންތަކުން އަހަރެން ނެރެދިން މީހަކީ ޔަމާން…
އެދ ދުވަހަކު ނޫން ޔަމާން އަހަރެން ދެކެ ލޯބިވީކީ، މާކުރިން… އަށް އަހަރު ވެއްޖެ ޔަމާން އަހަރެން ދެކެ ލޯބިވާތާ… ހަތަރު އަހަރު ވަންދެން އަހަންނަށް ޔަމާން އިންތިޒާރު ކުރި ފަހުން އަހަރެން ޔަމާންއަށް އާނބަސް ދިނީ… އޭގެ ފަހުންވެސް ޔަމާން މަޑު ކުރީ އަހަރެން ކިޔަވަން ދެން، އަހަރެން މީހަކަށް ވަންދެން…
ރާހިލް އަހަރެން މަތިން ހަނދާން ނައްތާލާ. ދުވަސް ނަގާނެ، އެކަމަކު އެއީ ނުވާނެ ކަމެއް ނޫން. އަހަންނަށްވެސް ކާމިޔާބު ވި. ރާހިލްއަށްވެސް ވާނެ، ރާހިލް މަސައްކަތް ކުރޭ. ވިދާދް އެހީވާނެ ރާހިލްއަށް، ރާހިލް އޭނައާ ކައިވެނި ކުރޭ، ދިރިއުޅުމެއް ފަށާ، އޭނަ ދެކެ ލޯބި ވާން މަސައްކަތް ކުރޭ…
ދެން މަލާކް، އެއީ ރާހިލްގެ ދަރިއެއް. އަބަދުވެސް ރާހިލްއަށް އޭނަ ކައިރިއަށް އާދެވޭނެ،ރާހިލްއާ އެކީ ރާހިލް ބޭނުން ތަނަކަށް މަލާކް ގެންދެވޭނެ. އެކަމަކު އެއީ ރާހިލްގެ މީހުންނަށް އޭނަގެ ހަގީގަތް ކިޔާދިނުމަށް ފަހު…
ދެން ރާހިލް ދޭ. ރާހިލް ތި އެދޭ ކަންތައް އަހަންނަށް ކޮށެއް ނުދެވޭނެ… ޕްލީޒް ދޭ…” މީރާ ދައްކަން ބޭނުންވި ވާހަކަ ދައްކާފައި ރާހިލްއަށް ފުރަގަސް ދެމުން އެނދު ކައިރީ ހުއްޓުނެވެ. މީރާ އެނބުރުނީ ރާހިލް ނިކުމެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ.
މީރާ ފާހާނާއަށް ވަދެ މޫނު ދޮވެލާ ހަދައިގެން ކޮޓަރިން ނިކުތް އިރު ތާނިޔާ ސިޓިންގްރޫމްގައި އިނެވެ.
“ތާނީ، އަހަރެން މިދަނީ މަލާކް ބަލާ އިނގޭ” ބޭރަށް ނިކުންނަން ދަމުން މީރާ ތާނިޔާއަށް ބުންޏެވެ.
“ދޮންބެ ގޮއްސި” ތާނިޔާ ބުންޏެވެ.
“އެހެންތަ؟” މީރާއަށް ބުނެވުނެވެ. ވިސްނުމެއްގައި ހުރެ މީރާ ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް ހުއްޓިފައި ބަލާލީ ތާނިޔާ ގޮވާލުމުންނެވެ.
“އާދެބަލަ… އިށީނދެބަލަ” މީރާއަށް ގޮވާލާފައި މީރާ ތާނިޔާ ކައިރިއަށް އައުމުން ތާނިޔާ ބުންޏެވެ.
“ކިހިނެއްވީ؟” ވީ ގޮތެއް ނުވިސްނިފައި ތާނިޔާގެ މޫނަށް ބަލަން އިނދެ މީރާ އަހާލިއެވެ.
“އަދިވެސް އަހަންނަކީ މީރާގެ ބެސްޓް ފްރެންޑެއްނު، ދޯ؟” ތާނިޔާ އަހާލިއެވެ.
މީރާ ބޯޖަހާލިއެވެ.
“ދެން ކީއްވެ ފަހުން ފަހުން އައިސް އަހަންނަށް ހީވަނީ މީރާ އަހަންނާ ވަރަށް ދުރު ވެއްޖެ ހެން؟ ކުރިޔާ ތަފާތުކޮށް މީރާ މިހާރު އަހަންނާ ކަންތައް ޝެއަރ ނުކުރާ ހެން ހީވަނީ ކީއްވެ؟ އަހަރެން ކައިރީ ބުނެބަލަ… ކަމެއް ވީތަ؟” ތާނިޔާ އަހާލިއެވެ.
އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި މީރާ ކިޔާދޭން ފެށިއެވެ. ކުރީ ދުވަހު އޮފީސްތެރޭގައި ވީ ކަންތަކުން ފެށިގެން ރާހިލްއަށް މަނާލްއާ މަލާކްގެ ފޮޓޯ ފެނުނު ހިސާބަށް ކިޔާދިނެވެ.
“ދެން ދެންމެ ރާހިލްއާ ދެމީހުން…؟” ތާނިޔާ ސުވާލު ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.
“ދެންމެ އެއްވެސް ކަމެއް ނުވޭ، ހަމަ ވާހަކަ ދެއްކީ… ތާނީ، ރާހިލް ބުނީ… ރާހިލް މިހާރު އޭނަ އަހަރެން ދެކެ ލޯބި ވޭ… އޭނަ ބޭނުމީ އަލުން އަހަންނާ އިންނަން… ތާނީ، އޭނަ ދިޔައޭ ފަހުން އިންޑިޔާއަށް، އަހަރެން ހޯދަން… އެކަމަކު އެއީ އަހަރުމެން މޫވް ކުރި ފަހުން… މިހާރު ދެރަ ވެގެން އުޅެނީ އޭރު ކަންތައް ކުރެވުނު ގޮތުން…” ރާހިލްއާ މީރާގެ މެދުގައި އެދުވަހު ދެކެވުނު ހުރިހާ ވާހަކައެއްވެސް މީރާ ކިޔާދިނެވެ.
“ދެން…؟ އަސްލުވެސް މީރާ ބޭނުން ވާ ގޮތްތަ ތީ؟ ނޫނީ ދޮންބެ ދެރަ ވެދާނެތީތަ ތިގޮތަށް ނިންމީ؟” ތާނިޔާ އަހާލިއެވެ.
“ތާނީ ބުނެބަލަ…” މީރާ ބުންޏެވެ.
ތާނިޔާ އިރުކޮޅަކު ވިސްނަން އިނދެފައި މިރާގެ އަތުގައި ހިފާލިއެވެ.
“އަހަންނަށް އެނގިއްޖެ… އަހަރެން މިހިރީ މީރާއާ އެކީ…” ތާނިޔާ ބުނެލިއެވެ.
“ތޭންކްސް ތާނީ…” ބުނާނެ އެހެން އެއްޗެއް ނުވިސްނުމުން މީރާ ބުންޏެވެ.
“އެނީ ޓައިމް…” ހީލަމުން ތާނިޔާ މީރާ ގައިގައި ބައްދާލިއެވެ.
ދެމީހުން ތެދުވެ ޔަމާންއާ ޝިހާދް އަންނަން ވާ އިރަށް ސައި ތައްޔާރު ކުރަން ފެށިއެވެ. އެކަން ނިމުނު ތަނާ މަލާކް ގޮވައިގެން ޔަމާން އައިސް ވަނެވެ. ޔަމާންމެންގެ ފަހަތުން ކަހަލަ ގޮތަކަށް ޒައިކް ގޮވައިގެން ޝިހާދްވެސް ގެޔަށް ވަނެވެ.
އެންމެން އެކީ ސައިބޯން ތިބި އިރު ޝިހާދްއާ ތާނިޔާ ދެކުދިންނާ ސަކަރާތް ޖަހަމުން ދިޔަ ނަމަވެސް ޔަމާން މާގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެވެސް ބޮޑު ވިސްނުމެއްގައި ޔަމާން އިނުމުން މީރާއަށްވެސް އިނދެވުނީ ހިމޭންވެފައެވެ.
ޝިހާދް ސައި ބޮއެގެން ކޮޓަރިއަށް ދިޔަތަނާ ޔަމާންވެސް ކޮޓަރިއަށް ވަނެވެ.
“މީރާ، ދޭބަލަ ދޮންބެއާ ވާހަކަ ދައްކާލަން، އަހަރެން މަލާ ގެންދާނަން…” ޔަމާން ކޮޓަރިއަށް ވަނުމުން ތާނިޔާ މީރާ ކައިރީ ބުންޏެވެ.
ބޯ ޖަހާލާފައި ތާނިޔާ ދަންދެން ގޮނޑިން ނުތެދުވެ އިނދެފައި މީރާ ގޮސް ޔަމާންގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ހުޅުވައިގެން އެނދުމަތީ އިން ޔަމާން މީރާ ވަނުމުން ބަލާލިއެވެ.
“މީރާ، އާދެބަލަ… މިހިރީ ރިޔާންގެ ގްރެޖުއޭޝަން ފޮޓޯތައް ފޮނުވާފަ” އެއް އަތުން މީރާއަށް އައުމަށް އިޝާރާތް ކޮށްލަމުން ޔަމާން ބުންޏެވެ. އަދި މީރާ އައިސް އިށީނުމުން މީރާއަށް ސްކްރީން ފެންނާނެހެން ލެޕްޓޮޕް އަނބުރާލިއެވެ.
“ދެން މަންމްމެން އަންނާނެ ދޯ ވަރަށް އަވަހަށް؟” ފޮޓޯތައް ބަލަން އިނދެ މީރާ އަހާލިއެވެ.
“އާނ، ބައްޕަ ބުނީ އާދީއްތަ ދުވަހަށް ޓިކެޓް ނެގި ވާހަކަ” ޔަމާން ބުންޏެވެ.
“އެހެން ވީމަ އެކެއް، ދޭއް، ތިނެއް، ހަތަރު ދުވަސް ދޯ؟” މީރާ ގުނާލުމަށް ފަހު ބުންޏެވެ.
“ކިހިނެއްވީ؟ ހާދަ ވަރަކަށް ގުނަނީ ތި؟ މާ ބޮޑަށް މަންމަމެން މިސްވީތަ؟” ސަމާސާ ގޮތަކަށް ޔަމާން އަހާލިއެވެ.
“މިސްވެސް ވޭ… އެކަމަކު އަހަރެންގެ ހިތުގަ މިހާރު އޮތީ މަންމަމެން އައީމަ މެރީ ކުރެވޭނެތީ އެކަން” ޔަމާންގެ މޫނަށް ބަލާލަމުން މީރާ ބުންޏެވެ.
“އޯހ… އެހެންތަ؟” އާވާހަކައެއް އަޑު އިވުމުން އަހާލާ ކަހަލަ ގޮތަކަށް ޔަމާން އަހާލިއެވެ.
“ކިހިނެއްވީ؟ އަހަރެން ހީކުރީ އަހަންނަށް ވުރެ ބޮޑަށް ޔަމާން ކަމަށް ކެތް ނުކުރެވިގެން އުޅެނީ” މީރާ ބުނެލިއެވެ.
ޔަމާން އެއްޗެއް ނުބުނެ ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިނެވެ.
“ޔަމާން…؟” ޔަމާން އެއްޗެއް ނުބުނެ އިނުމުން މީރާ ގޮވާލިއެވެ.
“މިއަދު ކޮޓަރީގަ…” ސުވާލު ކުރަން އުޅެފައިވެސް ޔަމާން ހުއްޓާލިއެވެ.
ނުނިމޭ
4920 Comments
Comments are closed.
ސަލާމް ހުރިހާ ކުދިން، ވަރަށް ލަސްވެއްޖެ ދޯ؟ މިއަދު ހަމަ ވަގުތެއް ނުވެގެން ކުރިން ނުކުރެވުނީ، ޓައިޕްކޮށް ނިމުނު އިރަށް މި އަޕްކޮށްލީ… މިބައި ތަންކޮޅެއް ކުރުވާނެ، ، ްއެކަމަކު މީ ހަމަ ވީވަރު، ދެން އަންނަ ބައި ދިގުކޮށްލެވޭތޯ ބަލާނަން… ހީކުރަން ކަމުދާނެ ކަމަށް… 26 ވަނަ ބައި އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހުން ގެނެސްދޭނަން…
Nice
Salhi
Wow! Vvvv reethi. Next part tomoro plxxx
V salhi
V vvvvv reethi vv kiyaahiyvey
V inthizaaru kurin mi vaahakayah
Reethi v reethi
yamAnq aa meeraa aa gulhuvaany…….yamaaan nulaahuiku meeraa dheke loabivey
Wow fentastic keep it up waitin waitin
V nice 🙂
Raahil and meera please gulhuwaba..
Varah reethi. …
Please Yaman and Meera gulhyvahchey. …
“Miadhu kotareega” anekkaa ves inthizaaru, neyvaa hifahattaalaigenney mi innanee marsha, this is just wow. Yamaan aa ves gulhuvan beynun raahil aa ves beynun. Kaakahbaa libeynee. Waiting waiting.
Alhe plxxx coment kuraa kudhin egothah gulhuvanv kuhjeh nukiyaba.. Marsha gulhuvaany emme gd khjakaa ehnu.. Dw… Keep it ip marsha..????waitn 4 nxt part.. ?Love u
Wow… Vaahaka thigendhaa goiy v hiyy hama jehey… Vvreeethi mibaii ves… Waiting for the next
wow this is fantastic….yamaan n meera dhw gulhuvaany.plx…plx….waiting…waiting
Wow mi part v v nice yamaan aa vidhaad gulhuvaa raahil aa meeraa
yamaan and meera gulhuvyma reethi vaany.. ehn noonas thioh ulhey raahil ehfaharu dhoakaa dhyfi dhw.. story varah reethi ingey ??
Koba vaahaka Marsha plz avahah up kohbala