ނޭނގޭހެ ހާދަ ލޯބިވޭ 21
މީރާ ރޮމުން އެކަންތައް ވީ ގޮތް ހަނދާން ކުރަން ފެށިއެވެ. ޔަމާންވެސް އެ ހަނދާން ވުމުން ލޮލުން ކަރުނަ އައެވެ. މީރާއެކޭ އެއްގޮތަށް ޔަމާންވެސް ހަނދާން ކުރަމުން ދިޔައެވެ. މީރާ ބަނޑުބޮޑުކަން އެނގުނު ދުވަހުން ފެށިގެން އެ ހުރިހާ ކަމެއް ހިނގި ގޮތް ދެމީހުންނަށްވެސް ކުރިމަތިން ފެންނަމުން ދާކަހަލައެވެ.
*******
ބަލިވެ އިންކަން އެނގުނު ފަހުން މީރާ ސިއްޙަތަށް ބަލަން ފެށިއެވެ. ކާހިތް ނުވި ނަމަވެސް ކޮންމެ ފަހަރަކުވެސް ކެވޭތޯ ބަލައެވެ. ބޭކާރު ޚިޔާލުތައް ނުކޮށް ރާހިލްއާ މެދު ނުވިސްނާ އުޅެވޭތޯ ބެލިއެވެ. ނަމަވެސް ރާހިލްގެ ހަނދާން މީރާގެ ހިތަކުން އެންމެ އިރުކޮޅަކަށްވެސް ނުފިލައެވެ.
ގޭމީހުންވެސް މީރާ އެކަނި ވިޔަނުދީ ވޭތޯ ބަލައެވެ. މީރާ ދެރަވެފައި އިންހެން ހީވާ ނަމަ ތާނިޔާ ކޮންމެވެސް އެއްޗެއް ކިޔައިގެން މީރާ ހެއްވާލެވޭތޯ ބަލައެވެ.
ޔަމާންވެސް ކައިރީގައި ނުހުރި ނަމަވެސް ފޯން ކޮށްގެން މީރާގެ ހާލު ބަލާ މީރާއާ ވާހަކަ ދައްކައެވެ. އެކަކުވެސް ޔަމާން ކައިރީ މީރާ ބަނޑުބޮޑު ވާހަކައެއް ނުބުނެއެވެ. މީރާ އެދުނީ ޔަމާން އަނެއްކާވެސް އައުމުން އެވާހަކަ ބުނާށެވެ. ނަމަވެސް އެފަހަރު ޔަމާންއަށް އިންޑިޔާއަށް ނައިސް ލަސްކޮށްލަން ޖެހުނީ ވިޔަފާރީގައި ދިމާވި ކުޑަ މައްސަލައެއްގެ ސަބަބުންނެވެ. އެހެންނާ މަހަކު އެއް ފަހަރު މަންމަމެން ކައިރިއަށް ދާ ޔަމާންއަށް އެފަހަރު އިންޑިޔާއަށް ދެވުނީ ތިންމަސް ފަހުންނެވެ.
ތާނިޔާ ކޮލެޖަށް ދިޔުމުން މީރާ ފޫހި ވެފައި އޮތް ދުވަހެކެވެ. ނަދީމާވެސް އެދުވަހު ދިޔައީ ޝަފީގު ބަލިވެ އުޅޭތީ ޑޮކްޓަރަށް ދައްކާލާށެވެ. ޝައިލާ މީރާ ކައިރީ އިނދެފައި ދިހައެއް ޖަހަން އުޅެނިކޮށް ކައްކަން ދިޔުމުން މީރާ ފޯން ނަގާ ޔަމާންއަށް ގުޅާލިއެވެ.
ފޯން ރިންގް ވުމުން ޔަމާން ފޯނަށް ބަލާލާފައި އަވަހަށް ފޯން ނެގީ މީރާ ގުޅުމުންނެވެ.
“މީރާ…” ޔަމާން ގޮވާލިއެވެ.
“ބިޒީ ވަގުތެއްތަ؟” މީރާ އަހާލިއެވެ.
“މީރާއާ ވާހަކަ ނުދެއްކޭހާ ބިޒީއެއް ނޫން. ކަމަކުތަ ތި ގުޅީ؟” ޔަމާން އަހާލިއެވެ. އެއާއެކު މޭޒުގެ އަނެއް ފަރާތުގައި އިން ޝަރަފް ކުރަން އިން މަސައްކަތް ހުއްޓާލާފައި ޔަމާންއަށް ސަމާލުކަން ދިނެވެ.
“ކަމަކު ނޫން… ހަމަ ގުޅާލީ. ފޫހި ވެގެން މިއުޅެނީ” މީރާ ބުންޏެވެ.
“ތާނީ ކޮލެޖްގަ ދޯ؟ މަންމަމެންވެސް ނެތީތަ؟” ޔަމާން އަހާލިއެވެ.
“މަންމަ ވީ ބައްޕަ ކުޑަކޮށް ބަލިވެ އުޅޭތީ ދައްކާލަން ވެގެން ހޮސްޕިޓަލަށް ގޮސް، ދެން އެ ތާނީގަނޑު ނެތިއްޔާ ފޫހި ވާނެއެއްނު؟ ކޮން އިރަކުން ޔަމާން ދެން އަންނާނީ؟ އަދިވެސް ތި ކަންތައް ހައްލު ނުވޭތަ؟” މީރާ އެހިއެވެ.
“ދެން ވަރަށް އަވަހަށް ދެވިދާނެ… އެކަމަކު މީރާ ބުނެފިއްޔާ އެއަށްވުރެވެސް އަވަސް ކޮށްލެވިދާނެ” ޔަމާން އައުން ލަސްވެގެން މީރާ އެވާހަކަ ބުނުމުން ޔަމާންއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
“ނޫނޭ… އަހަރެން ނޫޅެން ޔަމާންގެ ބިޒީ ޝެޑިއުލްއަށް ބޭނުން ނެތް ބަދަލުތަކެއް ގެންނާކަށް. އެވަރުގެ ބޮޑު ކަމެއް އަދި ނުވޭ. ކަމެއް ވިޔަސް ޔަމާން އައީމަ އެނގޭނެއެއްނު؟ އެހެން ނޫނަސް އަހަންނަށް އެނގޭ ދެން އެހާ ގިނަ ދުވަހަކު ޔަމާންއަށް ނައިސް ނުހުރެވޭނެ ކަން. މިހާރުވެސް މަންމަ ޝަކުވާ ކުރަން ފަށައިފި ޔަމާން ނައިސް ލަސް ވެގެން. ދެން މާލަސް ކޮށްފިއްޔާ މަންމަ ދާނެ ކަންނޭނގެ ޔަމާން ބަލާ” މީރާ ސަމާސާ ރާގަކަށް ވާހަކަ ދެއްކިއެވެ. އަދި ބަނޑުގައި ފިރުމާލީ އެވާހަކަ ޔަމާން ކައިރީ ބުނާހިތްވީ ވަރުންނެވެ. ނަމަވެސް ފޯނުން ނުބުނެ މަޑުކޮށްލީ ޔަމާން އައުމުން ބުނަން ވެގެންނެވެ.
“މީރާ… އާރ ޔޫ އޯކޭ؟ މި ބުނީ…” ކުރަން އުޅުނު ސުވާލު ނުކޮށް ޔަމާން ދޫކޮށްލިއެވެ.
“އާނ، އަހަރެން ރަނގަޅު… ޔަމާންއަށް ފެނުނީމަ އެނގޭނެ… އަހަރެން ބުނީމެއްނު ދެން އެދުވަސް ހަނދާން ކޮށްފަ އަހަންނެއް ނުރޯނަމޭ؟ އައިމް އޯކޭ” ޔަމާން އަހަން އުޅުނީ ކީކޭ ކަން ވިސްނިގެން މީރާ ޖަވާބު ދިނެވެ.
“އަހަރެން ހިތްހަމަ ޖެހޭނީ މީރާ ފެނުނީމަ” ޔަމާން ބުންޏެވެ.
“ދެން ތިހާ ވަރަށް އަހަންނާ މެދު ނުވިސްނަބަލަ، މިތާ އެބަތިބި ޔަމާންގެ މަންމައާ ބައްޕައާ ކޮއްކޮއާ އަހަރެން ބަލަން، އެމީހުންނަށް ޓްރަސްޓް ކޮށްބަލަ… ހުރިހާ ކަމެއްވެސް އޯކޭ އޭ” މީރާ ބުނެލިއެވެ.
“އޯކޭ އެހެން ވިއްޔާ. ގަބޫލު ކޮށްފިން” ޔަމާން ހީލަމުން ބުންޏެވެ.
“އަސްލު އެބަ އޮތް ވާހަކައެއް ބުނަން… އެކަމު އަހަރެން ބޭނުމީ ޔަމާން އަހަރެން ކުރިމަތީ ހުއްޓާ އެވާހަކަ ބުނަން” މީރާ އެންމެ ފަހުން ބުނެލިއެވެ.
“ފޯނަކުން ނުބުނެވޭނެތަ؟” މީރާ ބުނަން އުޅޭނީ ކީކޭ ބާއޭ ހިތަށް އަރަމުން ޔަމާން އަހާލިއެވެ.
“ފޯނުންވެސް ބުނެވިދާނެ، އެކަމަކު މިބުނީނު އަސްލު ފޯނަކުން ނޫނޭ ބުނަން ބޭނުމީ” މީރާ ބަނޑުގައި ފިރުމާލިއެވެ.
“އެހެން ވިއްޔާ މަޑު ކުރޭ ނުބުނެ، ބަލާނަން ވީހާވެސް އަވަހަކަށް ދެވޭތޯ، އިނގޭ…” މީރާ ބުނަން އުޅޭ ވާހަކައެއް އަޑު އަހާހިތުން ހިތް ތެޅެން ފެށި ނަމަވެސް ހިތަށް ވިސްނައިދެމުން ޔަމާން ބުންޏެވެ.
“އެންމެ ރަނގަޅު… ކޮބާ ޝަރަފް؟ ރަނގަޅުތަ؟ ސަލާން ބުނައްޗޭ” މީރާ ވާހަކ ބަދަލު ކޮށްލަމުން އަހާލިއެވެ.
“ރަނގަޅު. ޝަރަފް، މީރާ ސަލާން ބުނި” ކުރިމަތީ އިން ޝަރަފްއަށް ޔަމާން ބުންޏެވެ.
“ޔަމާން، ދެން ބާއްވަނީ އިނގޭ” މީރާ ބުންޏެވެ.
“އާނ… ޓޭކް ކެއަރ މީރާ” ޔަމާން ބުންޏެވެ.
“ޔޫ ޝުޑް ޓެލް ހަރ… ޔަމާން، ބުނެބަލަ… ނުބުނެ ހުރީމަ ނޯ ޕޮއިންޓް. ޓެލް ހަރ އައު ޔޫ ފީލް…” ޔަމާން ފޯން ބޭއްވުމުން ޝަރަފް ބުނެލިއެވެ.
“އަދި މާ އަވަސް” ޔަމާން ބުންޏެވެ.
“ނޫން، ޔޫ ހެވް ވެއިޓެޑް ލޯންގް އިނަފް… ޖަސްޓް ޓެލް ހަރ… ދިސް ޓައިމް ޔޫ ހެވް ޓު ލެޓް ހަރ ނޯ ހައު ޔޫ ފީލް… ޖަސްޓް ޓެލް ހަރ ދެޓް ޔޫ ލަވް ހަރ… ދެޓް ޔޫ ހެވް ލަވްޑް ހަރ އޯލް ދިސް ޓައިމް، އޯލް ދީސް އިޔަރސް” ޝަރަފް ބާރު އެޅީއެވެ.
“އެކަމަކު އޭރުން… އިޓްސް ޓޫ ސޫން ޝަރަފް… އޭނަ ޑިވޯސް ވިތާ އަދި ހަތަރުމަސްވެސް ނުވޭ” ޔަމާންއަށް އެއްބަހެއް ނުވެނުނެވެ.
“ހަމަ އެކަނި ބުނާނީ، ދެން ޝީ ވިލް ތިންކް ދޯ؟” ޝަރަފް ދޫކޮށްލާކަށް ގަސްތެއް ނުކުރެއެވެ.
“ވިސްނާނަން ތިކަމާ” ޔަމާން ބުނެލިއެވެ.
“އަބަދުވެސް ވިސްނަނީނު؟ އަހަރެން ދެކުނިން މި ހުރިހާ ދުވަހު ޔަމާން އުޅުނު ގޮތް… މިފަހަރު ބުނަން ވާނެ” ޝަރަފް އެދުނީ އެކުވެރިޔާގެ އުފަލަށެވެ.
“އައި ވިލް ތިންކް އެބައުޓް އިޓް ޝަރަފް… ޕްރޮމިސް” ހީލަމުން ޔަމާން އެހެން ބުނެފައި މަސައްކަތަށް އެނބުރުނެވެ.
އޭގެ ފަހުންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝަރަފް އެގޮތަށް ޔަމާންއާ ވާހަކަ ދައްކައެވެ. މީރާއަށް ޔަމާންގެ ހިތުގެ ހާލު އަންގައިދިނުމަށް ނަސޭހަތް ދެއެވެ. އިތުރަށް އެކަން ސިއްރު ނުކުރުމަށް ބުނެއެވެ.
މީރާއާ ފޯނުން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޔަމާންގެ ހިތްވެސް އެކަން މީރާއަށް އެންގުމަށް ބުނަމުން ދިޔައެވެ. އެންމެ ފަހުން ޔަމާން ގޮތެއް ނިންމިއެވެ. ޔަމާން މީރާ ދެކެ ލޯބިވާ ވާހަކަ މިފަހަރު ގޮސް މީރާ ކައިރީ ބުނާނީއެވެ. ޔަމާންގެ ލޯތްބާ މެދު ވިސްނަން މީރާއަށް ފުރުސަތު ދޭނީއެވެ. މީރާގެ ހަޔާތުގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު ޔަމާންއަށް ދިނުމަށް އެދޭނީއެވެ. މީރާ ވިސްނަން ބޭނުން ނަމަ ޔަމާން މީރާ ބޭނުން ވަރަކަށް ވިސްނަން ވަގުތު ދޭނީއެވެ.
އެ ނިންމުމާ އެކު ޔަމާން އިންޑިޔާއަށް ދާން ތައްޔާރު ވިއެވެ.
ބޮޑުވަމުން އަންނަ ބަނޑާއެކު މީރާ ސިޑިން ތިރިއަށް ފޭބީ މަޑުމަޑުންނެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ސަމާލުވެ ހުރެއެވެ. ސިޑީގެ މެދާ ހަމައަށް ފޭބުނު ތަނާ ބެލް ޖެހި އަޑި އިވުމުން މީރާ ފިޔަވަޅުތައް ތަންކޮޅެއް އަވަސް ކޮށްލީ ތާނިޔާ އައީ ކަމަށް ހީކޮށްފައެވެ.
ނަދީމާ ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރި ޔަމާން ފެނުމުން އުފަލުން ހިނިތުންވެލަމުން ޔަމާންގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ. އަދި ކޮޓަރީގައި ހުރި ޝަފީގުއަށް ބާރަށް ގޮވާލިއެވެ.
މީރާއަށް ތިރިއަށް ފޭބުނު އިރު ޝަފީގު ކޮޓަރިން ނިކުންނަނީއެވެ. އޭރ ނަދީމާގެ އަތުގައި ހިފައިގެން ޔަމާން ވަންނަނީއެވެ. ނަދީމާއާ ވާހަކަ ދައްކަމުން ޔަމާން ސިޑިއާ ދިމާއަށް ބަލާލި ވަގުތު މީރާ ފެނުމާއެކު ޔަމާންގެ ވާހަކަ މެދު ކެނޑުނެވެ. ހައިރާން ވީ ވަރުން އަނގަ ހުޅުވިފައި ޔަމާންއަށް މީރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
މީރާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. ކުއްލިއަކަށް ޔަމާން ފެނުމުން މީރާވެސް ހުރީ ހައިރާން ވެފައެވެ. ނަމަވެސް ހަމަޖެހިލަމުން މީރާ ޔަމާން ކައިރިއަށް ދާން ހިނގައިގަތެވެ.
“ޔަމާން…” މީރާ ގޮވާލިއެވެ. ނަމަވެސް ދެންވެސް ޔަމާން މީރާއާ ދިމާއަށް ބަލަން ހުރީއެވެ.
ޔަމާންއަށް ވީ ގޮތް ފެނިފައި ނަދީމާއާ ޝަފީގު އެކަކު އަނެކަކަށް ބަލާލިއެވެ. މީރާ ފެނުމުން މީރާ ބަލިވެ އިންކަން ޔަމާންއަށް އެނގިއްޖެކަން ޔަމާން ހުރި ގޮތުން އެދެމީހުންނަށް އެނގުނެވެ. އަދި އެކަމުން ޔަމާންގެ ހިތަށް ކުރާނެ އަސަރުވެސް އެމީހުންނަށް އެނގުނެވެ. ނަމަވެސް ޔަމާން ކައިރީ އެދެމީހުން އެ ވާހަކަ ނުބުނީ މީރާގެ އެދުމަށެވެ. ޔަމާން ކައިރީ ބުނާނީ މީރާ އަމިއްލައަށް ކަމަށް މީރާ ބުނުމުން އެގޮތަށް މީރާއަށް ދޫކޮށްލީއެވެ. ނަމަވެސް އެ ވަގުތު ޔަމާންއަށް ވެފައި ހުރި ގޮތް ފެނުމުން ކުރިން ބުނެވުނު ނަމައޭ ނަދީމާގެ ހިތަށް އެރިއެވެ.
“ދަރިފުޅާ…” ނަދީމާ ޔަމާންގެ އަތުގައި ހިފާ ތަޅުވާލަމުން ގޮވާލީ މީރާ ގޮވާލުމުން ޔަމާން ޖަވާބެއް ނުދީ ބަލަން ހުރި ގޮތުން ފަސްހޖެހިފައި މީރާ ހުއްޓުމުންނެވެ.
ޔަމާން މަންމަގެ މޫނަށް ބަލާލިއެވެ. އެ ލޮލުން ނަދީމާއަށް ފެނުނީ ޔަމާންއަށް ކޮށްފައިވާ އަސަރެވެ.
ޔަމާން މީރާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.
“ޔޫ އާރ ޕްރެގްނަންޓް!” ޔަމާން މީރާގެ ބަނޑަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
ޔަމާން އެހެން ބުނެލި ގޮތުން މީރާއަށް ނަދީމާއާ ދިމާއަށް ބަލާލެވުނެވެ. ޔަމާން ރުޅި އައިސްފައި ހުރިހެން މީރާއަށް ހީވުމުންނެވެ.
“ޔަމާން… އަހަރެން—” މީރާ އެއްޗެއް ބުަންނ އުޅުނެވެ. ނަމަވެސް ޔަމާން ވާހަކަ ދައްކަން ފެށުމުން މީރާ ހުއްޓާލިއެވެ.
“މިއަދު އަހަންނަށް އެނގިއްޖެ އަހަންނަކީ މީރާގެ ލައިފްގަ އެއްވެސް މީހެއް ނޫން ކަން. ވިސްނިއްޖެ އަސްލު މީރާ އަހަރެން ފްރެންޑެއް ގޮތުގަވެސް ނުދެކޭ ކަން. މީރާ މެރީ ކުރީ އަހަންނަށް އަންގާ ނުލާ، އެ ދުވަހު ނާދެވުނު ނަމަ ޑިވޯސް ވީކަމެއްވެސް ނޭނގޭނެ. ދަރިއަކު ލިބެން އުޅޭ އިރުވެސް އަހަރެންނާ އެވާހަކަ ޝެއަރ ކޮށްލުން މީރާއަށް މުހިންމު ކަމަކަށް ނުވި… މިވީ ތިން މަސް ތެރޭ މަދުވާނެ ފޯން ނުކުރާ ދުވަހެއް، އެކަމަކު މީރާއަށް ބުނެނުލެވުނު ތި ވާހަކައެއް” މީރާއާ ދެފޫޓެއްހާ ދުރަށް ހުއްޓިފައި ދައްކަމުން އައި ވާހަކަ ޔަމާން ނިންމާލީ މީރާގެ މަނޑާ ދިމާއަށް އަތް ދިއްކޮށްލަމުންނެވެ.
“ޔަމާން، އަހަރެން ބުނީމެއްނު ޔަމާން އައިމަ ބުނާނަމޭ—” މީރާ އަނެއްކާވެސް ބުނަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ޔަމާން މީރާ ބުނި އެއްޗެއް އަޑެއް ނޭހިއެވެ.
“ކީކޭތަ ބުނީ؟ ބުނިންތަ ޔަމާންއޭ، އަހަރެން ބަނޑުބޮޑޭ؟ އަހަރެން ހަނދާނެއް ނުވޭ މީރާ އެހެން ބުނި ކަމެއް…” ޔަމާން ބުނެލިއެވެ.
“ޔަމާން ޕްލީޒް…” ޔަމާން ރުޅިއައިސްފައި ހުރި ވަރުން މީރާއަށް ރޮވެން އުޅުނެވެ.
“ޕްލީޒް… އަހަރެން ބޭނުމެއް ނޫން މީރާ ދައްކާ ބަހަނާތައް އަޑު އަހާކަށް… އަހަންނަށް އެނގޭ، ހަނދާން އެބަހުރި ވާހަކައެއް ބުނަން ބޭނުމޭ، އަހަރެން އައިމައޭ ބުނާނީ ބުނި ކަން… އެކަމަކު މިވަރުގެ ކަމެއްގެ ވާހަކަ ބުނަން ޖެހޭނެއެއްނު؟ މީރާއަކަށް ނޭނގޭތަ ރާހިލްގެ ދަރިއަކަށް މީރާ ބަލިވެ އިން ކަން މިހެން ކުއްލިއަކަށް އެނގުނީމަ އަހަރެން—” އެވަރަށް ބުނެފައި ޔަމާން މަޑުކޮށްލިއެވެ. އިސްޖަހާލަމުން ފުން ނޭވައެއް ލާފައި އެނބުރި މަންމައާ ބައްޕައަށް ބަލާލިއެވެ.
ޔަމާންގެ ނަޒަރުގައި ވި ޝަކުވާ ފެނުމުން ނަދީމާއާ ޝަފީގުވެސް އެއްޗެއް ނުބުނެ ތިބީއެވެ.
“މަންމައަށްވެސް ނުބުނެވުނުތަ އަހަރެން ކައިރީ؟ އަދިވެސް މަންމައަށް އަހަރެން ނޭނގެނީތަ؟ އަހަންނަށް މަންމަ ކައިރީ ނުބުނެވެނީތަ؟ ޔަމާންއަށް މަންމައާ ސުވާލުކޮށްލެވުނީ ހިތުގައި ޝަކުވާ ގިނަވުމުންނެވެ.
“ޔަމާން، އަހަރެން ބުނެގެން މަންމަމެން ޔަމާން ކައިރީ ނުބުނީ…” އެވަގުތު މީރާ ބުންޏެވެ.
ޔަމާން އަނެއްކާވެސް މީރާއާ ދިމާއަށް އެނބުރުނެވެ.
“ކީއްވެ؟ މިގޭގަ ހިނގާ އެއްވެސް ކަމެއް އަހަންނަށް ނާންގަން މީރާ ބޭނުންވާ ސަބަބެއް އެބަ އޮތްތަ؟” ޔަމާން އަހާލިއެވެ.
“ކީއްވެތަ ޔަމާން ތިހާ ރުޅި އައީ؟” މީރާއަށް އަހާލެވުނެވެ.
“އަހަރެން ރުޅި އަންނަނީ މީރާ އަހަންނަށް ކަންތައްތައް ސިއްރު ކުރާތީ… ޔޫ ޑޯންޓް ކެއަރ އެބައުޓް މައި ފީލިންގްސް! އަހަންނަށް މިހާ ދުވަސް ވީ އިރު އެކަން ނޭނގުނީތީވެސް ހައިރާން ވޭ… މީހަކާ އިން އިރު ނުބުނެ، ބަލިވެ އިންކަން އެނގުނީމަވެސް ނުބުނެ… އަހަރެން ނައިސް އަދި ދެތިން މަސް ވީ ނަމަ ވިހައިގެންވެސް ނުބުނާނެ ދޯ؟” ޔަމާން ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރަމުން އަހާލިއެވެ.
“ޔަމާން، އަހަރެން ބުނަން ވެގެންނޭ އުޅުނީ… ޔަމާން މިފަހަރު ލަހުން އައިމަ—”
“ބުނަން ބޭނުން ނަމަ ބުނެވުނީސް… ބޭނުން ނުވާތީ ނުބުނީ…” ޔަމާން ބުނެލިއެވެ.
މީރާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ރޮވެން ފެށުމުން އިސްޖަހައިގެން ހުއްޓެވެ.
“ވަޓް އަ ފްރެންޑް ޔޫ އާރ، މީރާ…” ޔަމާން މަޑުމަޑުން ބުނެލިއެވެ.
ޔަމާން ބުނެލި އެ ޖުމަލައިގައިވި ހިތާމައާއި ރުޅި މީރާއަށް އިހުސާސްކުރެވުނެވެ. ރޮވިފައި ހުރެ މީރާ ޔަމާންއަށް ބަލާލިއެވެ. ނަމަވެސް ޔަމާން އެނބުރި އަނެއްކާވެސް ބަލާލީ މަންމައާ ބައްޕައަށެވެ. ހިތުގައި ވި ހުރިހާ އެއްޗެއް މަންމައާ ބައްޕައަށް ކިޔާދީފައި ވާ އިރު ޔަމާންއަށް އެ ވަގުތު ކުރެވެމުން ދިޔަ އިހުސާސް އެދެމީހުންނަށް ސިއްރެއް ނުވެއެވެ. އެވަގުތު އެދެމީހުންވެސް ޔަމާންގެ ކުރިމަތީގައި ވާނީ ކުށްވެރިންނަށް ކަން ނަދީމާއާ ޝަފީގުއަށް އެނގެއެވެ. އެއްޗެއް ބުނަން ބޭނުން ވި ނަމަވެސް މީރާގރ ކުރިމަތީގައި އެއްޗެއް ނުބުނެ ދެ މީހުން ތިބީއެވެ.
ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލީ ގެޔަށް އައިސް ވަން ތާނިޔާއެވެ. ޔަމާން ފެނުމުން ދޮންބޭއޭ ކިޔާ ހަޅޭއް ލަވައިގަނެފައި ތާނިޔާ ދުވެފައި ޔަމާންއާ ދިމާއަށް އައިސް ޔަމާން ކައިރިއަށް ހުއްޓުމާއެކު މަޑުޖެހިލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލުމާއެކު ޔަމާންގެ ކުރިމަތީ ހުރި ތާނިޔާއަށް އިސްޖަހާލެވުނެވެ.
“ކިހިނެއްވީ؟ ތާނީވެސް ނުޖެހެއެއްނު އަހަރެން ކައިރީ ބުނާކަށް؟ އަހަރެން ހިތަށް އަރާ އެހާ ވަރުން ފޯނުކޮށްގެން ވާހަކަ ދައްކަނީ ކީއްކުރަން ބާއޭ…” ޔަމާން ބުނެލިއެވެ.
“ޔަމާން، އަހަރެން ބުނަން ވެގެން އުޅުނީ، އެކަމަކު އަހަރެން ބޭނުން ވީ ޔަމާން އައީމަ ބުނަން… އެކަމަކު މި ފަހަރު ޔަމާން އެހާ ދުވަސްކޮށްފަ އައީމަ… އެއީ އެހެން މީހެއްގެ ކުށެއް ނޫން… އަހަރެންނާ ހެދި ޔަމާން މަންމަމެން ދެކެ ރުޅި ނާދެބަލަ… ޕްލީޒް…” މީރާ އެންމެ ދެރަވީ މީރާގެ ސަބަބުން އެހެން މީހުން ދެކެ ޔަމާން ރުޅި އައުމުންނެވެ.
ނަމަވެސް ޔަމާން ހުރީ މީރާ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާ ގޮތަކަށް ނޫނެވެ. ޔަމާންގެ ހިތަށް ވަނީ އެއަށް ވުރެ ބޮޑަށް އަސަރު ކޮށްފައެވެ. ހިތާ ހަނގުރާމަ ކޮށްކޮށް ވަރުބަލި ވެގެން އެންމެ ފަހުން ހިތުގެ އަޑު އަހާފައި، އެހާ ދުވަސް ވަންދެން ކުރި އިންތިޒާރު ނިމުމަކަށް ގެނެސް ޔަމާން މީރާ ދެކެ ލޯބިވާ ވާހަކަ ބުނަން ނިންމައިގެން އައި އިރު ޔަމާންއަށް ފެނުނީ މީރާގެ ބޮޑު ވާން ފަށާފައިވާ ބަނޑެވެ. މީރާއާ ރާހިލްގެ ކައިވެނީގެ މޭވާއެވެ. އެދެމީހުންގެ ލޯބީގެ ނިޝާނެވެ. ޔަމާންއަށް ދެންވެސް މީރާ ލިބެން ނެތް ކަމުގެ ހެއްކެވެ.
މީރާ ބަލިވެ އިންކަން ކުރިން ޔަމާންއަށް އެނގުނު ނަމަ އެފަދަ ހުވަފެނެއް އަލުން ޔަމާން ނުދެކުނީހެވެ. ހިތް އެދުނު ނަމަވެސް ހިތަށް ވިސްނައިދިނީހެވެ. އެކަހަލަ އުންމީދެއް ނުކުރީހެވެ.
“ސްޓޮޕް އިޓް މީރާ! އެކަކު ދައްކާ ވާހަކައެއްވެސް އަޑު އަހާކަށް ބޭނުމެއް ނޫން. މީރާ ތީ ތާނީގެ ބެސްޓް ފްރެންޑަށް ވީތީ އަހަރެންގެވެސް ފްރެންޑެއް ކަމުގަ އަހަންނަށް ހީކުރެވުނީ… އެކަމަކު މިހާރު ވިސްނިއްޖެ އެހެން ނޫން ކަން އެކަން އޮތީ، އަހަރެން މީ މީރާގެ ފްރެންޑެއް ނޫން، ސޯ މީރާ ނުޖެހޭ އަހަންނަށް އެއްވެސް އެކްސްޕްލެނޭޝަންއެއް ދޭކަށް… ތީ މީރާގެ ލައިފް، އެހެން ވީމަ މީރާގެ ލައިފްގެ ކަންތައް ޝެއަރ ކުރާނެ މީހުންވެސް އެނގޭނީ މީރާއަށް… އައި ގެޓް ދެޓް… އަލާނުލާ ދެން…” ޔަމާން ބުންޏެވެ. އަދި އެތަނުން ދާން އެނބުރުނެވެ.
“ނޫން ޔަމާން… ތިހެންނެއް ނޫން…” ރުއިމުގެ ތެރޭން މީރާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ޔަމާން އެންމެ ފަހުން އެނބުރުނު ގޮތަށް ހަޅޭއް ލަވައިގަތެވެ.
“އައި ޑޯންޓް ކެއަރ މީރާ! އައި ޖަސްޓް ޑޯންޓް ކެއަރ! އަހަރެން ދެން ބޭނުމެއް ނޫން މީރާއާ ވާހަކަ ދައްކާކަށް… ތި އަޑު އަހާކަށްވެސް ބޭނުމެއް ނޫން… ތި މޫނު ދެކޭކަށްވެސް ބޭނުމެއް ނޫން” ހިތަށް ލިބިފައިވާ އަނިޔާ ރުޅީގެ ސިފައިގައި ޔަމާންއަށް ބޭރުކޮށްލެވުނެވެ. އެ ބަސްތައް ދުލުން ބޭރު ވުމާއެކު ޔަމާންއަށް ލޯމަރާލެވުނެވެ. ކެތްނުވާ ވަރުގެ ހަމަލާއެއް ފަދައިން މެއަށް އަރައިގެން އައި ތޫނު ތަދެއްގެ އިހުސާސް ޔަމާންއަށް ކުރެވުނީ އެބަސްތަކުން މީރާގެ ހިތަށް ތަދުވާނެ ކަން އެނގޭތީއެވެ.
“ދޮންބޭ!” ތާނިޔާއަށް ބުނެވުނެވެ.
ޔަމާން އެބުނި އެއްޗެއް އަޑު އިވުމުން ސިކުންތަކަށް މީރާގެ ރުއިން ހުއްޓުނެވެ. އިރުކޮޅަކަށް ޔަމާންއަށް ބަލަން ހުރެފައި އެ ބަސްތައް ހިތާ ސިކުނޑިއަށް ނަގައިގަނެވުމުން މީރާއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. ރުއިމުގެ އަޑު ނީއްވަން ވެގެން މީރާ އަނގަމަތީ އަތް އަލާލަމުން އެނބުރި ސިޑިން މައްޗަށް އަރަން ފެށިއެވެ.
“ޔަމާން… ތިކަހަލަ އެއްޗެއް ބުނަންވެސް ނުވާނެ… އޭނަ އިން ހާލު ޔަމާންއަށް އެނގޭ އިރުވެސް…” ޔަމާން އެހެން ބުނުމުން ހިތްހަމަ ނުޖެހުނު ވަރުން ނަދީމާއަށް ބުނެވުނެވެ.
ދެވުނު އެންމެ ބާރަށް މައްޗަށް ދާން އުޅުނު މީރާ، ފައި އެޅުނު ގޮތަކުން އަރިއަޅާލިއެވެ. ރެއިލިންގް ގައި ހިފަން އަތް ދިއްކޮށްލި ނަމަވެސް ނުހިފުނެވެ.
“މަންމާ…” ވެއްޓެން ދިޔައިރު މީރާއަށް ބާރަށް ގޮވާލެވުނެވެ.
އެއަޑަށް އެންމެންނަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ އަނގައިން މީރާގެ ނަން ބޭރުވެފައި އެންމެން އެ ދިމާއަށް ދުއްވައިގަތް އިރު ޔަމާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ފުރޮޅެމުން މީރާ ތިރިއަށް ވެއްޓުނު މަންޒަރު ޔަމާންއަށް ފެނުނީ ލަސްލަހުންނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ޔަމާން ހުއްޓާ އެހެން މީހުން މީރާ ކައިރިއަށް ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، މީނީ 21 ވަނަ ބައި، ކަމުދާނެ ކަމަށް ހީކުރަން، 22 އާދީއްތަ ދުވަހުން ގެނެސްދޭނަން އިންޝާﷲ
wow….. haadha reechey
V reethi
Yey me first
ohhh…marsha…haadha hiythelheye…dn thihen nuvaanu kanthah kuraakah…i think doc ah dhiyaeema ingeynee twin eikan dhw…hahah…???
Very nice…but hadha kurey
Nice
Vvv nice. Ehenve dho manaal maru v
manaal maruvee 3 or 4 yrs ga ga…accident eiga maruvi vaahaka buni dhw kurin part eiga
Ehenve eh noonehnu…. manaal maru v 3yrs ga
Wow nice story
Manaal maru vee thin aharuga
Alhe keehve tha ehaa kuraa koh genes thi dhenee ??
Mi part v fooohi Rahil nulheythyve
Wow it was awersome.i luv u r storys
Meeraa aa yamaan aa gulhenee
Mi part ehaa reecheh noon . Maa bodah konme faharaku past dhigu kuranee . Manaal maruvi accident genesdhin nama maa ragalhu . Eyge kureege pregnency ge hurihaa kameh nugenesdhinas . Adhi onaane enu yamaan propose kongen meera rulhi ai gothaa fahun accept kuri bai ves . Past ah vure present ga raahil n meera ge bai bodah reethi. Pls next week ekoh past nugenesdhechey .
marshaa liyaa vahakah eh hen hiyye nuvey..mi vahaka marshaa liyaa ehhen vahaka thakaa alhaabalairu eh haa reeche noon..hageegatha mi bunnani mi ahugadha marshaa ge ehmeh shauguveri nuvevunu vahakah..
u cnt make all happy..n knmehen nujehey readers beynun gothah kanthah vaakah..mibuny some ppl will like meera n raahil while de others support for meeraa n yamaan..so its impossible to make 2 things hapn in this story..n past ge vaahaka ves aslu v important vaane..dn ebai kiyan beynu nuvaa kudhin skip kohlaa..cux past ge bai nethiyyaa story nimeyiruga baei kudhin hithuga hunnaane javaabu nulibey suvaaluthakei..so i blv past has to b here…n yeah if u wnt make it short dn surely u cn…but its an important part of this story..
thks marsha ?✌ keep going de way u r..but dnt chng de plot for de sake of readers..u must write ur own choices..❤❤
past ga beykaaru bai v gina. misaalakah sharaf kairy meera salaan buni vahaka konmehen nuliyunas ok vees. dhn manaal maruvi accident hingi goi liyan ulhuny dhw. dhn konhaa beykaaru baithakeh. marsha liyaa ehen vahakathakaai balaafa mi vahakaiga varah beykaaru bai varah gina
Raahil noolheythee v foohi thi yamaan akaa hedhi v foohi
Thnx all… mi vaahaka marsha liyuny mikamun brk eh nagaafa nuliye almost 3 yrs koffa.. so maybe konmes varakah touch gellifa kanneynge hury… dhen aneh kamaky mi story aky ehen gothakah liyefa in story eh… start vefa mi othy medhu thereyn.. ei meera yamaan n raahil ge flash backs in past ga vefa huri kanthah anna gothah.. so this is v diffetent from my other works… so dhen past nugenes nuvaane.. sorry to disappoint some.. i ll try to make this khiyaalu as short as possible… n i hope readers will continue to b with me till the end.. so lets see wat hpns dho..
Wow. Varah rythi