ނޭނގޭހެ ހާދަ ލޯބިވޭ 20
“މީރާ، ދުވަހަކުވެސް މީރާ އެއްވެސް ކަމެއް އަހަންނަށް ތިގޮތަށް ޕްރޫވް ކޮށްދޭކަށް ނުޖެހޭނެ. އެކަން ހަނދާން ކުރައްޗޭ… ކިތަންމެ ބޭނުމަސް، ކިތަންމެ އިންތިޒާރު ކުރަން ޖެހުނަސް މީރާ އަހަރެންގެ މީހަކަށް ވަންދެން އަހަރެން މަޑު ކުރާނަން. އިނގޭ!” މީރާގެ މޫނުގައި ދެއަތުން ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން ޔަމާން ބުންޏެވެ.
މީރާ ބޯ ޖަހާލިއެވެ.
“ދެން ދޭ ޗޭންޖް ކުރަން… އެހެން ބުންޏަސް އަހަންނަށް ފެންނަ ހިސާބުގަ ތިހެން ހުންނަންޏާ ހިޔާލު ބަދަލު ވެދާނެ… އަހަންނަކީވެސް އިންސާނެއް” ހިނިއައިސްފައި ސަމާސާ ރާގަކަށް ޔަމާން ބުނެލިއެވެ.
“މިރޭ ބަލާލެވިދާނެއެއްނު ޔަމާންއަށް ކެތް ކުރެވެނީ ކިހާ ވަރަކަށް ކަން؟” އަނެއްކާވެސް ޔަމާންގެ މޭގައި ބޯ ޖައްސާލަމުން މީރާ ބުންޏެވެ.
“ގޯ މީރާ!” ޔަމާން ބުނެލިއެވެ. އެއާ އެކު ހެމުން މީރާ ރޯބްގައި ގޮށްޖަހާލާފައި ކޮޓަރިން ނިކުތެވެ.
“މީރާ…” މީރާ ނިކުމެ ދޮރު ލައްޕާލުމުން އަކުރުތަކަށް ދަމާލަމުން ޔަމާން މީރާގެ ނަން ކިޔާލިއެވެ. އެއާއެކު ހިތުގައި ހަރުލާފައި ވި މީރާގެ އެ ތަފާތު ސޫރަ ފޮހެލުމަށް ދެ ފަރާތަށް ބޯ ހަލުވާލަމުން ލޯމަރާލިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ޔަމާންއަށް މީރާ އެހަދަނީ ކޮން ކަހަލަ ޖާދުލެއްތޯ ހިތާހިތާ ސުވާލު ކުރަމުން ޔަމާން ކޮޓަރިން ނިކުމެގެން ގޮސް އައިސްއަލަމާރިން ފެންފުޅިއެއް ނަގާ ފިނިފެން ތައްޓެއް ބޯލިއެވެ.
އެދުވަހު މީރާ އޮފީހުން ނިކުތުމުން މީރާގެ ފަހަތުން ކަހަލަ ގޮތަކަށް ރާހިލްވެސް ދިޔައީ ގެޔަށެވެ. އެރޭވެސް ރާހިލް ގެޔަކުން ނުނިކުމެއެވެ. މީރާ އެ ދުވަހު ބުނި ކޮންމެ ބަހެއް ރާހިލްގެ ސިކުނޑީގައި ހަރުލާފައި ވެއެވެ. ހަމަ އެއާއެކު މީރާ އެދުވަހު ބުނި ކޮންމެވެސް އެއްޗެއް ރާހިލްއަށް ނަގައި ނުގަނެވުނު ކަމުގެ އިހުސާސްވެސް ކުރެވެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ރާހިލްގެ ހަނދާނުން ކައްސާލައިގެން ގޮސްފައިވާ ފަދަ އިހުސާސެކެވެ.
އެރޭ ރާހިލްއަކަށް ނުނިދުނެވެ. ކޮނޑުމައްޗާ ބުރަކަށީގައި ރިއްސާފައި ހުރި އިރު އެ ރިހުމަށް ވުރެ ބޮޑަށް ރާހިލްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ މީރާގެ ހަނދާނެވެ. އަދިވެސް ރާހިލްގެ ބުރަކަށިން މީރާގެ އަތްތިލައިގެ ބީހުން އިހުސާސް ކުރެވޭ ކަހަލައެވެ. ލޯ މަރާލާ އިރަށް އެދުވަހު މީރާ ހުރި ގޮތް ސިފަވަމުން ދިޔައެވެ. ކުރީގެ ހަނދާންތައް އޭގެ ކުރިން ދުވަހަކުވެސް ރާހިލްގެ ހިތަށް އުނދަގޫ ނުކުރާ ވަރަށް އެރޭ ކުރަމުން ދިޔައެވެ. އަމިއްލަ އަތުން އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލެވުނު ގޮތް ހަނދާން ވެ، ރާހިލްގެ ހިތަށް ތަދު ކުރަމުން ދިޔައެވެ.
ކުރީރޭ ނުނިދުމުންނާ އެކު ބުރަކަށީގައި ރިއްސާވަރުން ރާހިލް އަނެއް ދުވަހު އޮފީހަކަށް ނުދެއެވެ. މީރާ އޮފީހަށް ގޮސްފައި ރާހިލް ނާންނަ ކަން އެނގުމުން ހިތްހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު މީރާ ހުރީ ރާހިލްއާ ކުރިމަތިލާން ބޭނުން ނުވެފައެވެ.
އެ ހަފްތާގެ ބާކީ ތިން ދުވަހުވެސް ރާހިލް އޮފީހަކަށް ނުދެއެވެ. ރާހިލް ނެތުމުން ބައެއް ކަންތައް ކުރަން އުނދަގޫ ވި ނަމަވެސް މީރާއަށް ހިތާހިތުން އެކަމަށް ޝުކުރުވެސް ކުރެވުނެވެ. އޮފީހުގެ އެހެން ކުދިންނަށް ހީކުރެވުނީ ރާހިލް އޮފީހަށް ނާންނަނީ އެ ދުވަހުގެ އެކްސިޑެންޓްގެ ސަބަބުން ކަމުގައެވެ. މީރާއާ ރާހިލްގެ މެދުގައި ހިނގި އެއްވެސް ކަމެއް އެހެން މީހަކަށް ނޭނގެއެވެ.
އެހެން ނަމަވެސް ހަގީގަތުގައި ރާހިލް އޮފީހަށް ނުގޮސް ހުރީ މީރާގެ ކުރިމައްޗަށް ނާރަން ވެގެންނެވެ. އެ ތިން ދުވަހުވެސް ރާހިލް މަލާކްއާ ބައްދަލު ކުރީ މަލާކްގެ ސްކޫލް ކައިރިންނެވެ. މަލާކް ސްކޫލަށް ލާން ދާނީ ތާނިޔާ ކަން އެނގޭތީއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، ނުދާން ހުރި ނަމަވެސް ރާހިލްއަށް އޮފީހަށް ދާން ޖެހުނީ ރާހިލް ހަވާލުވެ ހުރި ޕްރޮޖެކްޓާ ބެހޭ މުހިންމު ބައްދަލުވުމެއްގެ ސަބަބުންނެވެ. ސީދާ މީޓިންގްއަށް ދާން ބޭނުންވި ނަމަވެސް ރާހިލް އޮފީހަށް ދިޔައީ އެއާ ބެހޭ މުހިންމު ލިޔުންތަކެއް އޮފީހުގައި ހުރުމުންނެވެ.
ޕަރްސްގައި އިން ފޮޓޯއަށް ބަލަން އިން މީރާ، އަސްލަމް ގުޅުމުން ފޯން ނަގާފައި ވާހަކަ ދައްކަމުން ވަތްގަނޑުން ކޮންމެވެސް އެއްޗެއް ހޯދަން އުޅުނެވެ. ނަމަވެސް އެ ހޯދާ އެއްޗެއް ނުފެނުމުން ފޯން ބާއްވާފައި ރާހިލްގެ ކެބިންއަށް ވަނީ އެ ލިޔުމެއް ކެބިންތެރޭ ހުރި ފައިލްތަކުގެ ތެރޭގައި އޮތްތޯ ބަލާށެވެ. އޭރު ޕަރސް ހުޅުވާފައި އޮތް ގޮތަށް މީރާގެ މޭޒުމަތީ އޮތެވެ.
ރާހިލް އޮފީހަށް އައިސް ވަނީ އެވަގުތުއެވެ. މީރާ ރާހިލްގެ ކެބިންގައި ހުތިކަން ނޭނގި ރާހިލް ވަންނަން ދަނިކޮށް މަޑުކޮށްލެވުނީ މީރާގެ މޭޒުމަތީ އޮތް ޕަރސް ފެނިފައެވެ. މޭޒާ ކައިރިވެލާފައި ރާހިލް އެ ޕަރސްއަށް ކައިރިން ބަލާލީ އޭގައި އިން މަލާކްގެ ފޮޓޯ ފެނުމުންނެވެ. އެފޮޓޯގައި ތިބި ދެކުދިން ފެނުމުން ރާހިލް ޕަރސް ނަގާ މޫނާ ކައިރި ކޮށްލަމުން ރަނގަޅަށް ބަލާލިއެވެ.
މީރާ ކެބިންއިން ނިކުތީ އެވަގުތުއެވެ. ރާހިލް ފެނުމުން އިރުކޮޅަކަށް ފިޔަވަޅު ލަސްވި ނަމަވެސް މީރާގެ ޕަރސް ރާހިލްގެ އަތުގައި އޮއްވާ ފެނުމުން މީރާގެ ހިތުގެ ތެޅުން ބާރު ވެގެން ދިޔައެވެ. ދެފަޔަށް ބާރު ލާފައި އައިސް މީރާ ރާހިލްގެ އަތުން ޕަރސް ޖަހައިގަތެވެ. އަދި އަވަސް އަވަހަށް ދަބަސް ހިފައިގެން އެތަނުން ދިޔައެވެ.
ހައިރާން ވެފައި ރާހިލްއަށް މީރާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. މީރާގެ އެއްޗެއްގައި ރާހިލް އަތް ޖައްސާލުމަށްވެސް މީރާ ނުރުހޭނެކަން ރާހިލްއަށް އެނގެއެވެ. ނަމަވެސް މީރާ އައިސް ޕަރސް އަތުލި ގޮތުން ރާހިލް ހައިރާންވިއެވެ.
އިރުކޮޅަކު އެހެން ހުރެފައި އޮފީހަށް އައި ބޭނުން ހަނދާން ވުމުން އަތުކުރީގައި އޮތް ގަޑިއަށްބަލާލާފައި ރާހިލް ގޮސް ކެބިންއަށް ވަނީ އެ ފޮޓޯއާ މެދު ވިސްނަމުންނެވެ. އެކަމާ ވިސްނަން ފެށުމުން އަނެއްކާވެސް ރާހިލްއަށް ކުރިން ކުރެވުނު އިހުސާސް ކުރެވުނެވެ. ކޮންމެވެސް މުހިންމު ކަމެއް ރާހިލްގެ ހަނދާނުން ކައްސާލާފައި ވާ ހެން ހީވާން ފެށިއެވެ.
އެވަގުތަށް އެ ޚިޔާލުތަކާ ދުރުވެލުމަށް ދެފަރާތަށް ބޯ ހަލުވާލަމުން ރާހިލް ކެބިންގެ ދޮރު ހުޅުވާލާފައި ވަނެވެ. އެތެރެއަށް ވަދެވުމާއެކު ރާހިލްއަށް ހުއްޓިލެވުނީ އެންމެ ފަހުން އެތަނަށް ވަން ދުވަހުގެ ހަނދާން ވުމުންނެވެ. އެދުވަހު ރާހިލްއާ މީރާގެ މެދުގައި ހިނގި ކޮންމެ ކަމެއް ވަކިވަކިން ރާހިލްގެ ހަނދާނަށް އަންނަމުން ދިޔައެވެ.
އެއާއެކު ރާހިލްއަށް ހަނދާން ނުވެގެން އުޅުނު ކަންތައްވެސް ހަނދާންވިއެވެ. ލަސްލަހުން ފިލްމެއްގެ މަންޒަރުތަކެއް ހެން ރާހިލް ހަނދާން ވަމުން ދިޔައީ މީރާ ދެއްކި ވާހަކައެވެ.
“މަނާލް…” ރޮވިފައި ހުރެ މީރާގެ ދުލުން ރާހިލްއަށް ކިރިޔާ އަޑު އިވޭހާ މަޑުން އެނަން ބުނެވުނު އިރު މީރާގެ އަޑުގައިވި ރިހުން ރާހިލްއަށްވެސް އިހުސާސް ކުރެވުނެވެ.
“ކޮން ކަމަކަށްތަ ރާހިލް އަހަރެން ކައިރިން މާފަށް ތި އެދެނީ؟ އަހަންނަށް ރާހިލް ހެދި ގޮތުންތަ؟ އެކަމާ ރާހިލް ދެރަވާތީތަ؟ ނޫނީ ނޭނގިގެން ވިޔަސް އަހަންނަށް ރާހިލްގެ ދަރިން ލިބުނީތީ އެކަމާތަ؟ ރާހިލް ރޭވި ގޮތާ ހިލާފަށް އެކަން ވީމަތަ؟ އަހަރެން ގަސްތަކު ނޫނޭ ރާހިލްގެ ދަރިންނަށް ބަލިވެ އިނީކީ…”
އެދުވަހު މީރާ އެންމެ ފަހުން ދެއްކި ވާހަކަ ރާހިލް ލަފްޒުން ލަފްޒަށް ހަނދާން ކުރިއެވެ. އެވަރަށް ބުނެފައި މީރާ ކުއްލިއަކަށް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ރާހިލްއާ ދިމާއަށް ބަލާލީ ބިރުން ހުރެއެވެ. ހީވީ ބުނެގެން ނުވާނެ އެއްޗެއް މީރާއަށް ބުނެވުނު ހެންނެވެ.
ހިތަށް އައި ޚިޔާލާއެކު ކުރެވުނު އިހުސާސުން ރާހިލްއަށް ހީވީ ރާހިލްގެ މޭގައި ބާރު ހުރި ހަތަކުން ޖަހާލިހެންނެވެ. ހިތުގެ ތެޅުން ލަސްވެގެން ދިޔުމާއެކު ރާހިލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ނޭވާލާން އުނދަގޫ ވުމުން ރާހިލްއަށް އެއް އަތުން މޭގައި ފިރުމާލެވުނެވެ. މުޅި ގައިން ވާގި ދޫވިހެން ހީވުމުން ރާހިލް ދެއަތުން މޭޒުގައި ހިފަހައްޓާލިއެވެ.
“މަނާލް… މަނާލް… މަލާކް، މަނާލް…” ރާހިލްއަށް މަޑުމަޑުން ކިޔާލެވުނެވެ.
އެފޮޓޯގައި އެވަނީ މަނާލްއާ މަލާކްއެވެ. ރާހިލްއާ މީރާގެ ދެކުދިންނެވެ. އެއްމާބަނޑު ދެކުދިންނެވެ. އެއީ އެކުދިންނަށް ގާތްގަނޑަކަށް ތިން އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ.
މަނާލްގެ ޚިޔާލާއެކު ވިއްސާރަވިލާގަނޑެއް ފަދަ ކަޅު އަނދިރިކަމެއް ރާހިލްގެ ހިތަށް ވެރިވާން އުޅުނެވެ. ހިތަށް އަންނަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ދޭން އުޅޭ ކަހަލައެވެ. ނަމަވެސް ރާހިލް އެ އަނދިރިކަން ހިތާ ސިކުނޑިއަށް ވެރިވިޔަ ނުދީ ދެކުދިންގެ ޚިޔާލުން ހިތަށް އުފާވެރިކަން ގެންނަން މަސައްކަތް ކުރިއެވެ.
މީރާ މަނާލްގެ ވާހަކަ ރާހިލް ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް ރާހިލްއަށް އަމިއްލައަށް އެނގެން ދެން ހުރީ ހެއްޔެވެ؟ އަދިވެސް ރާހިލް ކަންތައް ކުރި ގޮތުގެ ބަދަލު ހިފަނީ ހެއްޔެވެ؟
އެދަރިފުޅާ ބައްދަލު ކުރާ ހިތުން ރާހިލްގެ ހިތް ތެޅިފޮޅިގަތެވެ. އެއާއެކު އަނެއްކާވެސް އެ އަނދިރިކަން ރާހިލްގެ ހިތަށް ވެރިވެގަންނަން އުޅުނެވެ. ކޮންމެވެސް ކަމެއް ރާހިލްއަށް އަންގައިދޭން އުޅޭ ފަދައެވެ.
ނަމަވެސް އެފަދަ އެއްވެސް ޚިޔާލެއް ހިތަށް ގެންނަން ރާހިލް ދެކޮޅު ހެދިއެވެ. ފޯން ނަގާ މީރާގެ ނަމްބަރު ހޯދަމުން ރާހިލް ކެބިންއިން ނިކުންނަން ދިޔައެވެ. މީޓިންގް މަތިން ހަނދާން ވީ އެވަގުތުއެވެ. ރާހިލް އަނެއްކާވެސް ވަދެ ފޯނުން އަސްލަމްއަށް ގުޅާލިއެވެ.
“އަސްލަމް… ވަރަށް ބޮޑު ކަމެއް ޖެހިގެން މިއުޅެނީ، މިއަދުގެ މީޓިންގް ކެންސަލް ކޮށްދެވިދާނެތަ؟ އަހަންނަށް އެ މީޓިންގް އެޓެންޑް ކުރެވޭކަށް ނެތް. ވެދާނެތަ؟” އަސްލަމް ފޯން ނެގުމާއެކު އަވަސްއަވަހަށް ރާހިލް ވާހަކަ ދެއްކިއެވެ. ރާހިލްގެ އަޑުގައިވި ހާސްކަން ފާހަގަ ކުރެވި އަސްލަމް ވަގުތުން އެއްބަސްވިއެވެ.
ކެބިން އިން ނިކުމެގެން ރާހިލް ގޮސް ރިސެޕްޝަން ކައިރީ މަޑުކޮށްލިއެވެ.
“މީރާ ކޮބާ؟” ރާހިލް އެހިއެވެ.
“ގެޔަށް ދިޔައީ” ބަސްމާ ޖަވާބު ދީ ނުނިމެނީސް ރާހިލް ފޯނުން މީރާގެ ނަމްބަރަށް ގުޅައިގެން ބޭރަށް ނިކުތެވެ.
ފަސް ފަހަރު ގުޅިއިރުވެސް މީރާ ފޯނެއް ނުނެގިއެވެ. އެންމެ ފަހުން ރާހިލް ސައިކަލުގައި މީރާމެން ގެޔާ ދިމާއަށް ދުއްވާލިއެވެ.
މީރާ ގެޔަށް ވަން ތަނުން ރާހިލްގެ ފޯނެއް އައުމުން މީރާ ޖަވާބެއް ނުދިނެވެ. އޭގެ ފަހުން ހަތަރު ފަހަރު ގުޅުމުންވެސް މީރާ ފޯނެއް ނުނަގައެވެ. ގެޔަށް އައި އިރު މީރާ ހުރީ ކޮންމެވެސް ކަމަކާ ހާސް ވެފައިކަން މީރާ ފެނުނު އިރަށް ތާނިޔާއަށް އެނގުނެވެ. ނަމަވެސް ތާނިޔާ ސުވާލު ކުރުމުން މީރާ ޖަވާބެއް ނުދީ ގޮސް ވަނީ ކޮޓަރިއަށެވެ. ތާނިޔާ ޔަމާންގެ ކޮޓަރިއަށް ވަދެ އެވާހަކަ ބުނުމުން ޔަމާން ނިކުމެ މީރާގެ ކޮޓަރި ތަޅުގައި ހިފާލި އިރު ތަޅުލާފައި ހުރުމުން މީރާއަށް ގޮވާލިއެވެ.
ކޮޓަރިއަށް ވަން ގޮތަށް ފޯން ސައިލެންޓަށް ލާފައި މީރާ އެނދުގައި އިށީނެވެ. ކަން ބޮޑުވެ ހާސްވެފައި ހުރި ވަރުން ތާނިޔާއާ ޔަމާން ގޮވާއަޑުވެސް މީރާއަށް ނީވެއެވެ.
“މީރާ… ދޮރު ހުޅުވަބަލަ…” ޔަމާން ދޮރުގައި ބާރަށް ދެފަހަރަކު ޖަހާފައި ގޮވާލި އަޑާއެކު މީރާ ސިއްސައިގެން ދިޔައެވެ. އެނދުން ފައިބައިގެން ގޮސް މީރާ ދޮރު ހުޅުވާލި އިރަށް ޔަމާން އެތެރެއަށް ވަނެވެ.
“ތިހެން އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިގެން އިނީމަ އެހެން މީހުން ހާސްވާނެ ކަމެއް މީރާއަކަށް ނޭނގޭތަ؟” ޔަމާން އެހިއެވެ.
މީރާ ޖަވާބެއް ނުދީ އަނެއްކާވެސް ގޮސް އެނދުގައި އިށީނދެ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. މީރާ ހާސްވެފައިވާ ވަރު އެކަމުން ޔަމާންއަށް ވިސްނުނެވެ. ބޭރުގައި ހުރި ތާނިޔާއަށް ބޯ ޖަހާލާފައި ޔަމާން ގޮސް މީރާ ކައިރީ އިށީނދެ މީރާގެ އަތުގައި ހިފާލިއެވެ.
“ކިހިނެއް ވީ؟” ޔަމާން އަހާލިއެވެ.
“މަނާލް…” މީރާއަށް ބުނެވުނީ މަނާލްގެ ނަމެވެ.
“މަނާލްއޭ…؟ މަނާލް ކިހިނެއް ވީ؟” ނުވިސްނިފައި ޔަމާން އަހާލިއެވެ.
ޖަވާބެއް ނުދީ އިން މީރާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި މީރާގެ ކޯތާފަތުން ތިރިއަށް ރޮނގެއްހެން ފޭބިއެވެ.
“މީރާ…” ޔަމާން އިތުރަށް ސުވާލު ނުކޮށް މީރާ ގެނެސް ޔަމާންގެ މޭގައި ޖައްސާލީ މަނާލް މަތިން މީރާ މާބޮޑަށް ހަނދާން ވަނީއޭ ހިތަށް އެރުމުންނެވެ. އެވަގުތު ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ.
ރާހިލް މީރާމެންގޭ ދޮރުމަތީ އިރުކޮޅަކު ހުރެފައި ބެލް ޖަހާލިއެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވާލީ ތާނިޔާއެވެ.
ކުރިމަތިން ރާހިލް ފެނުމުން ބުނާނެ އެއްޗެއް ނުވިސްނިފައި ތާނިޔާ ރާހިލްއާ ދިމާއަށް ބަލަން ހުއްޓެވެ.
“މީރާ އެބައުޅޭތަ؟” ރާހިލް އަހާލިއެވެ.
ތާނިޔާ ބޯ ޖަހާލިއެވެ. ނަމަވެސް މީރާއަށް ގޮވާކަށްވެސް އަދި ރާހިލް އެތެރެއަށް ވައްދާކަށްވެސް ނޫޅުނެވެ.
“އަހަރެން ވަންނަންތަ؟” ރާހިލް އަހާލިއެވެ.
ތާނިޔާއަށް އާނއެކޭ ބުނާކަށް ނުކެރުނެވެ. ހަދާނެ ގޮތެއް ނުވިސްނުމުން ތާނިޔާ ޔަމާންއަށް ގޮވާލިއެވެ.
ތާނިޔާ ގޮވާލި އަޑު އިވުމުން ޔަމާން މީރާ ގާތު އެބަ އަންނަން ކަމަށް ބުނެފައި ނިކުތެވެ.
“ރާހިލް…؟” ރާހިލް ފެނުމުން ޔަމާންއަށް ބުނެވުނެވެ. އެއަޑަށް ކޮޓަރީގައި އިން މީރާ ނިކުތެވެ.
ދޮރުގައި ހިފާ ބޮޑަށް ހުޅުވާލާފައި ރާހިލް އެތެރެއަށް ވަނީ މީރާ ފެނުމުންނެވެ.
“ކީއްކުރަން ރާހިލް ތިއައީ؟ މިގަޑީގަ މަލާ ގެއަކު ނޫޅޭކަން އެނގެއެއްނު؟” މީރާ އެހިއެވެ.
“އަހަރެން ގުޅީމަ މީރާ ފޯން ނުނެގީމަ މިއައީ” ރާހިލް ބުންޏެވެ.
“ކީއްކުރަން ގުޅީ؟” މަޑުމަޑުން ޓީވީ ކައިރީ ހުރި ރެކާ ދިމާއަށް ދަމުން މީރާ އެހިއެވެ.
“މީރާ އަދިވެސް އަހަރެންނަށް ހުރިހާ އެއްޗެއް ކިޔާދޭކަށް ނުވޭތަ؟ އަހަންނަށް އަދިވެސް ހުރިހާ ކަމެއް އެނގޭކަށް ނުވޭތަ؟ އަހަރެން ގަބޫލު ކުރަން އަހަންނަކީ ރަނގަޅު މީހެއް ނޫން ކަން، އަހަންނަށް މީރާގެ މާފު ހައްގެއް ނޫންކަންވެސް ގަބޫލު ކުރަން. އަހަރެން ކަންތައް ކުރި ގޮތުން މީރާއަށް އަހަންނަށް މާފެއް ނުކުރެވޭނެ، އެކަން ގަބޫލު ކުރަން… އެކަމަކު މުޅި އުމުރަށްވެސް އަހަރެން އަނދިރީގަ ބަހައްޓަންތަ މީރާ ތިއުޅެނީ؟” ރާހިލް ވާހަކަ ދައްކަމުން އައިސް މީރާ ކުރިމައްޗަށް ހުއްޓުނެވެ.
އެވަގުތު މީރާ ރެކްމަތިން ދެ ފޮޓޯ ފްރޭމް ބަންޑުން ބާއްވާލިއެވެ.
ރާހިލްގެ ވާހަކައިންނާ، މީރާ ފްރޭމްތައް ބަންޑުން ބޭއްވުމުން ވެގެން އުޅޭ ގޮތް ޔަމާންއާ ތާނިޔާއަށް ވިސްނުނެވެ. އެވަގުތު އެދެމީހުންގެ ހިތުގައިވެސް ރާހިލްއާ މެދު ހަމްދަރުދީ އުފެދުނެވެ. އެދެމީހުންނަށްވެސް މަސައްކަތް ކުރެވުނީ ރާހިލްއަށް އެކަން ސިއްރު ކުރުމަށެވެ.
“އެންމެ ރަނގަޅު ވާނީ ރާހިލް މިގޭން ނިކުތިއްޔާ. ރާހިލްއަށް މީރާ އަންގަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ނޭނގި އޮތް ކަމެއް ވިއްޔާ ރާހިލްއަށް އެނގެން ނުޖެހޭތީ ނޭނގި އޮންނާނީ” ޔަމާން ބުންޏެވެ. ރާހިލްއަށް މަނާލްގެ ވާހަކަ އެނގެން ޖެހޭ ކަމަށް ގަބޫލު ކުރި ނަމަވެސް ކުއްލިއަކަށް އެކަން އަންގާކަށް ޔަމާން ބޭނުމެއް ނޫނެވެ.
ތާނިޔާ ގޮސް ރެކްމަތިން އެދެފްރޭމް ނަގައިގެން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ރާހިލް ތާނިޔާގެ އަތުގައި އޮތް ފްރޭމްގައި ހިފާލިއެވެ.
“ރާހިލް…!” މީރާއަށް ބުނެވުނެވެ.
“އަހަންނަށް އެނގޭ އެއީ މަލާކްއާ މަނާލްގެ ފޮޓޯއެއް ކަން… މީރާގެ ޕަރސްގަވެސް އިނީ އެދެކުދިންގެ ފޮޓޯއެއްނު؟ ކުރީ ދުވަހު މީރާ ބުނީ އެ ނަން… މަނާލް… އަހަންނަށް އެނގިއްޖެއޭ މީރާ ވިހެއީ އެއްމާބަނޑު ދެކުދިން ކަން” ރާހިލް ބުންޏެވެ.
ތާނިޔާ، ރާހިލް ހިފަހައްޓައިގެން ހުރި ފްރޭމްއިން ދޫކޮށްލިއެވެ. ރާހިލް ފްރޭމްގައި އިން ފޮޓޯއަށް ބަލާލިއެވެ. އެކަކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.
“މިހާރު ފޮޓޯ ފެނިއްޖެއެއްނު؟ ދެން ރާހިލް ދޭ” ރާހިލްގެ އަތުގައި އޮތް ފްރޭމް ނަގާ އަލުން ރެކްމަތީ ބަހައްޓަމުން މީރާ ބުންޏެވެ.
“ޕްލީޒް މީރާ… އަހަރެންގެވެސް ކުދިންނޭ އެއީ. މަލާ ހެން އަހަރެން ބޭނުން މަނާލްވެސް ދެކެލަން، އަހަންނަކަށް މަނާލްއެއް ނުދައްކާނަންތަ؟ އެކުއްޖާއަށް އޭނަގެ ބައްޕައާ ބައްދަލެއް ނުވެވޭނެތަ؟” ރާހިލް އާދޭސް ކުރާ ފަދައިން ބުނެލިއެވެ.
މީރާއަކަށް އިތުރަކަށް ކަރުނައެއް ނުހިފެހެއްޓުނެވެ. ރޮވެން ފެށުމުން މީރާ ދެއަތް މޫނުގައި އަޅާލިއެވެ. ކައިރީގައި ހުރި ތާނިޔާ ފެންކަޅިވަފއި ހުރެ މީރާގެ ކޮނޑުގައި ހިފާލިއެވެ.
“ރާހިލް…” ޔަމާން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރާހިލް ޔަމާން ބުނާ އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ.
“އަހަންނަށް އެނގޭ އެކުދިންނަށް ބައްޕައެއް ގޮތުގަ ފެނިފަ ހުރީ ޔަމާން ކަން، އަދި މިއަދުވެސް އެ ކުދިން ބައްޕައެއް ގޮތުގަ ގަބޫލު ކުރާނީ ޔަމާން ކަން، އެކަމަކުވެސް އަހަންނަށް އެކުދިންގެ މައްޗަށް އެއްވެސް ހައްގެއް ނެތީތަ؟” ރާހިލް އަހާލިއެވެ.
އެކަކުވެސް ޖަވާބެއް ނުދިނެވެ. ރާހިލް ފަހަރަކު މީޙެއްގެ މޫނަށް ބަލާލާފައި ފުން ނޭވައެއް ލިއެވެ.
“އެންމެ ރަނގަޅު… އެހެންނާވެސް މަލާ ކައިރިއަށް އަންނަ ގަޑީގަ މިއަދުވެސް އަހަރެން އަންނާނަން، ހީކުރަން އެ ގަޑީގަ އަހަންނަށް މަނާލްއާވެސް ބައްދަލު ވާނެ ކަމަށް” ހިތަށް ވަންނަމުން ދިޔަ ޚިޔާލުތަކާ ދުރުވާން މަސައްކަތް ކުރަމުން ރާހިލް އެހެން ބުނެފައި ދޮރާ ދިމާއަށް ދާން ފެށީ މީރާ ރެކްމަތީ ބެހެއްޓި ފޮޓޯ ފްރޭމް ހިފައިގެންނެވެ.
“ރާހިލް މަނާލް ދެކެން ބޭނުމިއްޔާ ތި ފޮޓޯއަށް ބަލައިގެން މަނާލް ދަސްކުރޭ…” ރާހިލް ގޮސް ދޮރާ ހަމަވިތަނާ މީރާ ބުންޏެވެ.
“މީރާ—” ރާހިލް އެނބުރިފައި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރާހިލްއަށް އެ ފުރުސަތެއް މީރާ ނުދިނެވެ.
“އެ ނޫން ގޮތަކަށް ދެން ރާހިލްއަކަށް މަނާލްއެއް ނުފެންނާނެ… އެކުދިންނަށް ތިން އަހަރުގަ ރާހިލްގެ ދޮށީ ދަރިފުޅު އެކްސިޑެންޓެއް ވެގެން މަރުވެއްޖެ… އޭނައެއް ދެން ދުވަހަކުވެސް ރާހިލްއަކަށް ނުފެންނާނެ… ރާހިލްއަށް ނުވެސް ފެނި މަނާލް ހިނގައްޖެ… އޭނަ މަރުވެއްޖެ… އޭނައެއް ދެން ނާންނާނެ… ނުފެންނާނެ…” ބާރަށް ހަޅޭއް ލަވައިގަތް ގޮތަށް ދެއަތުން މޫނު ނިވާ ކޮށްލަމުން މީރާ ބާރަށް ރޯންފެށިއެވެ.
އެއަޑު އިވުމުން ގަބޫލު ނުކުރެވިފައި ރާހިލް ބަލަހައްޓައިގެން ހުއްޓެވެ. ދެފައިން ވާގި ދޫވެގެން ރާހިލްއަށް ކަކޫ މައްޗަށް ތިރިވެވުނެވެ. އިސްޖަހާލެވުނު ވަގުތު އަތުގައި އޮތް ފްރޭމްގައި ތިބި ދެކުދިން ފެނުމުން ރާހިލްއަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރެއް ނެތިއެވެ.
މަނާލްގެ ހަނދާން ވުމުން ތާނިޔާއަށްވެސް ރޮވުނެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ތާނިޔާ މީރާގެ ބޮލުގައި ފިރުމާލިއެވެ.
މީރާ ރޮމުން އެކަންތައް ވީ ގޮތް ހަނދާން ކުރަން ފެށިއެވެ. ޔަމާންވެސް އެ ހަނދާން ވުމުން ލޮލުން ކަރުނަ އައެވެ. މީރާއެކޭ އެއްގޮތަށް ޔަމާންވެސް ހަނދާން ކުރަމުން ދިޔައެވެ. މީރާ ބަނޑުބޮޑުކަން އެނގުނު ދުވަހުން ފެށިގެން އެ ހުރިހާ ކަމެއް ހިނގި ގޮތް ދެމީހުންނަށްވެސް ކުރިމަތިން ފެންނަމުން ދާކަހަލައެވެ.
ނުނިމޭ
5827 Comments
Comments are closed.
ސަލާމް ހުރިހާ ކުދިން… މީނީ ވިހި ވަނަ ބައި… ކަމުދާނެ ކަމަށް ހީކުރަން… 21 ވަނަ ބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން އިންޝާﷲ…
ނޭވާ ހިފަހައްޓައިގެން އިނދެ މިވާހަކައިގެ މިބައި މިކީ ހާދަ ކުރޭ ތަން ކޮޅެއް ދިގުކޮން ދެން އަންނަ ބައި ގެނެސް ދިބަ އިނގޭ
Me first dhw v rewthi ☺
Vvv reethi
Vvv reethi
V salhi
Wow…hama rovihje..v.reethi mibaives..v.thafaathu storyeh…vvvvvv nice..keep it up??
Keevetha ehdhuvas vattaafa gennany… Btw v salhi.. Waiting……… ?
Rovihje.. heebihi ves nagaafi mulhi gaan. Mashaa Allah.. haadha reehchey ehaa furihama. Khonme thankolhe Kiyamun dhiya iru Lola sifa vamun dhiya. Ehaa ves furihama. Pls thankolhe dhigu koh dhen genna episode eh genesla dhechey.
Salhi noonas ragalhudhen mivaru ves
vara reeethi…ur the best 🙂
Meera n raahil gulhuvabala pls
masha allah…marsha u r a grt writer…past ge baei annan dhw eulhenee…m v v curious to knw wat happend????
varah reethi.. varah dhera ves vejje story kiyaafa.. missed ma dad
hama rovihjje… v v salhi…..
Wow masha allah v rythi v furihama thankolheh kury storygenesdheyleh meeraa aa raahil gulheyne hen v hyvey widhaad aa yamaan dhw n waitin 4 the stry
Heyonuvaane raahil nd meera gulhuvaa.. Dhn yamaan r vidhaadh…mi prt nimun iru fenkalhivefa iny… Hiyy haru veemaa kanneynge nurovuny.. 😛
Wow…v v nice?
Haadha reechchey vaahaka. Buraasfatheege inthizaaruga keh madhuvefa.
Masha Allah cute love story ?
Waiting for the next part
I luv u Raahil, V loabi mi bai ves
V v v reeethi..
salhi
WOW….V V NICE
Vvvvvvvvvvvv reethii…
Thnx all… v happy vejje kudhin like vaathy… i know hurihaa kudhinnah kamu nugosfaane kan… ppl like different things dho.. n yes dhen annaany past anekkaaves.. past aima like nuvaa kudhin kairy bunelan beynun vany past nais v goiy mulhin saafeh nuvaaneyey… like the story of manaal.. n how myra n yamaan came into a relationship… so tomorrow part 21.. insha allah.. thnx again
Kobaa tha next avas kohfeeba pls pls pls