“މިރޭ ތީގެން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ.. އާސީންއަކަށްވެސް.. އަދި އައިރްގެ އެކުވެރި.. ރީހާންއަކަށްވެސް.. ރީހާންގެ ދުވަސް ދުއްވާލާފައި އަހަރެން ޖައިޝް، އާސީންގެ ދޮންބެގެ ދުވަސް ވެސް ދުއްވާލާނަން.. އަދި ރަށަށް ދިޔަ އާސީންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮވެސް މަރާލާނަން.. އަހަރެންގެ ހިތުގައި ޖެއްސުން އެއީ އާސީންއަށް މިދުނިޔެމަތީގައި ކުރެވުނު އެންމެ ބޮޑު އެއް ކުށް.. އެކަން ހަނދާންކުރާތި” އެހެން ބުނެ ކުއްލިއަކަށް ބަންޝީލް ގެއްލުނެވެ. ނޫނެކެވެ. ގެއްލުނީކީ ނޫނެކެވެ. ދުންކޮޅަކަށް ބަދަލުވިއެވެ.
މަޑުމަޑުން އެދުންކޮޅު އަހަރެންގެ ކައިރިއަށް އަންނަން ފެށިއެވެ. އަހަރެންނަށް ގުޑިވެސް ނުލެވުނެވެ. އެދުންކޮޅު އައިސް އަހަރެންގެ ލޮލު ތެރެއަށް ވަނެވެ. އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނީ ދެލޮލަށް ނެގި ދިލައަކުންނެވެ. ކުއްލިއަކަށް އަހަރެންގެ ބޮލުގައި ރިއްސައިގަތެވެ. ހީވީ ބޯ ފަޅާލާފައި ބޮލުގެ ނާށިގަނޑާއި އެކު ސިކުނޑިވެސް ބޭރަށް ނިކުންހެންނެވެ. ހަށިގަނޑުގައި ހުރި ހުރިހާ ގުނަވަންތަކެއްގައި ހީވީ އެތެރެއިން ވަޅި އެޅިހެންނެވެ. “ބަންޝީލް” ރީހާންގެ އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. އަހަރެންގެ ބާރުގައެއް ނޫނެވެ. އެވަގުތު ރީހާން އަހަރެންނަށް ފެނިގެން ދިޔައެވެ. “ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ.. އަހަރެން އެހާ ފަސޭހައިން ބަލި ކުރެވޭނެ ކަމަށްތަ” އަޑު ނިކުތީ އަހަރެންގެ ކަރު ބުޑުންނެވެ. އެކަމަކު އެއީ އަހަރެންގެ އަޑެއް ނޫންކަން އަހަރެންނަށް އެނގުނެވެ. އިވުނީ ތިން ހަތަރުމީހުން އެއްފަހަރާ ވާހަކަ ދެއްކުމުން ހުންނަ ކަހަލަ އަޑެއް ކަން އަހަރެންނަށް ޔަގީނެވެ. “އަހަރެން ބަންޝީލްއަށް ފުރުސަތެއް ދޭން ބޭނުން.. ބަންޝީލްއަކީ އާސީންއަށް ގޯސް މީހެއް ނޫން.. އެކަމަކު އަހަރެންނަށް ބަންޝީލް އާސީން ކައިރީގައި ބެހެއްޓޭކަށް ނެތް.. އެހެންކަމުން އަހަރެންގެ ބާރުގެ ބޭނުން ކުރުމަށް މަޖްބޫރު ނުކުރޭ.. އަވަހަށް އާސީން ދޫކޮށްލާ” ރީހާންގެ އަޑު އިވިގެން ދިޔައެވެ.
“ހެހެހެ.. ރީހާން ތިހެން ތި ބުނަނީ މަރު އައިސް ކުރިމަތީގައި ހުއްޓުނީމަތަ.. މީގެ ކުރިން އަހަރެންހާ ގޯސް ޖިންނިއެއް ހުންނަކަމަކަށް ނުވޭ..” އަހަރެންގެ އަނގައިން ބަންޝީލް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ވަމުން ދިޔަ ހުރިހާ ކަމެއް ރަނގަޅަށް ފެންނަމުން ދިޔައެވެ. “އަހަރެން މި ބުނީ އާސީންއަށް ރަނގަޅު ޖިންނިއެކޭ ތިއީ.. އެހެން މީހުންނަށް ރަނގަޅެކޭ ނުބުނަން..” ތުންތަޅުވަމުން ދިޔަ ރީހާން ވާހަކަ ދެއްކިއެވެ. “އަހަރެން ބަންޝީލްއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން.. އެހެންވީމަ އަހަރެން ބަންޝީލްއަށް ދެގޮތެއް ހުށަހަޅާނަން.. އޭގެން ކޮންމެވެސް އެއްގޮތެއް ހިޔާރު ކުރޭ” ރީހާން ބުނެލިއެވެ. ބަންޝީލް އެއްވެސް އެއްޗެއް ނުބުންޏެވެ. އަހަރެންގެ ހަށިގަނޑަށް ފާޑެއްގެ ވާންކަމެއް އައި ކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ފުރަތަމަ ގޮތަކީ…އާސީންގެ ހަށިގަނޑު ނިކުމެ، އޭނަ ދޫކޮށްލާފަ ދިއުން.. އަދި ދުވަހަކުވެސް އޭނައާއި ކައިރިނުވުމަށް ހުވާ ކުރުން..” ރީހާން އަތުން ފާޑެއްގެ އެއްޗެއް އަލިފާން ގަނޑަށް ވައްޓާލަމުން ބުނެލިއެވެ. އެވަގުތު ހީވީ އަހަރެންގެ ބަނޑުގައި ދޮންދަގަނޑު ޖެއްސި ހެންނެވެ. ބަނޑުން ދިލަ ނަގައިގެން ދިޔައެވެ. “އަހަރުމެންނަކީ އިންސާނުން ކުރާ ކަހަލަ ހުވާ ކުރާ ބައެއް ނޫން.. އަހަރުމެން ހުވައެއް ކޮށްފިނަމަ އެކަމުގައި ދެމިތިބޭނަން” ބަންޝީލް ބުނެލިއެވެ. “އެކަން އަހަރެންނަށްވެސް އެނގޭ.. އެހެންވެ ދޯ މިބުނީ ހުވާ ކުރާށޭ.. ދެން ދެވަނަ ގޮތް.. ދެވަނަ ގޮތަކީ.. އިސްލާމްވުން.. އަދި މުސްލިމް ޖިންނިންގެ ތެރެއިން މީހަކަށް ވުން” ރީހާން ބުނެލިއެވެ.
“އަހަރެން ތީގެން އެއްވެސް ގޮތެއް ގަބޫލު ނުކޮށްފިއްޔާ” ބަންޝީލްގެ ބަރު އަޑު އަހަރެންގެ ކަރުބުޑުން ނިކުތެވެ. “އެހެންވެއްޖެނަމަ މާތްﷲގެ އިރާދަފުޅުން މިރޭ އަހަރެން ކަލޭ މަރާލާނަން” ރީހާން ބުނެލިއެވެ. އެއަޑުގައި ވަނީ ޔަގީންކަމެވެ. މިއީ އޭނަ އެތައް ފަހަރެއްގައި ކޮށްފައި ހުރި ކަމެއް ކަހަލައެވެ. “މިރޭ މަރުވަނީ ކާކުކަން އެނގިދާނެ” ކުއްލިއަކަށް ވައިގަދަވާން ފެށިއެވެ. ރީހާން ދުނިޔެ މައްޗަށް ބަލާލަމުން އޭނަ ހިފަހައްޓައިގެން އިން ފޮތް ލައްޕާލިއެވެ. އަދި އަތުން އަލިފާން ގަނޑަށް އެއްޗެއް އަޅާލިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގެ މެދުން ހީވީ ބިންދައިގެން ދިޔަ ހެންނެވެ. ކުއްލިއަކަށް މެދު އުފުލިގެން ދިޔައެވެ. ދެވަނަ ފަހަރަށް ރީހާން އަތުން އަލިފާންގަނޑަށް އެއްޗެއް އޮއްސާލިއެވެ. އޭރުވެސް އޭނަ ދިޔައީ ތުންތަޅުވަމުންނެވެ. މިފަހަރު މެދު އުފުލުނު ގޮތަށް ހުރީއެވެ. ބަންޝީލް އަހަރެންގެ ހަށިގަނޑުގައި ވޭނުގައި ތެޅެމުން ދިޔަ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އޭނަގެ ސަބަބުން އަހަރެންގެ ގުނަވަންތަކުގައި ހީވަނީ ވަޅި އަޅަމުން ދިޔަ ހެންނެވެ. އަހަރެންގެ އަނގައިން ލޭ ރަހަ ލާން ފެށިއެވެ. ބޯކޮޅާއި ފައިގެ ކޮޅު އެކަނި ޖެހޭ ގޮތަށް އަހަރެން އޮތީ އަހަރެންގެ ހަށިގަނޑުގެ މެދު އުފުއްލައިގެންކަން އަހަރެންނަށް އެނގެއެވެ. އެކަން ހުއްޓުވާކަށް އަހަރެންނަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
“ބަންޝީލް” އަހަރެންގެ ކަންފަތަށް ކުއްލިއަކަށް އިވިގެން ދިޔައީ އައިރްގެ އަޑެވެ. އަހަރެންގެ ބާރު ނެތި އެއަޑު އައި ދިމާލަށް ބޯ އަބުރާލެވުނެވެ. އައިރް ހުރީ އަހަރެންނާއި ތަންކޮޅެއް ދުރުގައެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އައިރްގެ ކައިރިން މަޑުމަޑު އަލިކަމެއް ފާޅުވަމުން ދިޔައެވެ. އައިރް ފެނުމާއި އެކު ކުއްލިއަކަށް އަހަރެންގެ ހަށިގަނޑު ވެއްޓުނެވެ. ހީވީ މައިބަދަ ބިންދައިގެން ދިޔަ ހެންނެވެ. އަނގައިން ލޭ އަންނަމުން ދިޔަ ކަން އަހަރެންނަށް އެނގެއެވެ. “ރޯމިއޯ ޓު ދަ ރެސްކިއު” ބަންޝީލް ބުނެލިއެވެ. އެވަގުތު އައިރްގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. “ބަންޝީލް ބުނަމެއްނުން.. ބަންޝީލް އަހަރެންނަށް ވުރެއް މާ ބާރުގަދައޭ.. މިރޭ.. މިވަގުތު.. އަހަރުމެން ދެމީހުން ތެރެއިން ބާރުގަދައީ ކާކުތޯ ބަލަމާ..” އައިރްގެ އަޑުގައިވެސް ކޮންމެވެސް ވަރަކަށް ބަރުކަމެއް ހުރިކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ތީގެން އަހަރެންނަށް ލިބޭނެ ކަމަކީ ކޮބާ.. އަހަރެންނަށް ޔަގީނޭ އަހަރެންކަން ބާރުގަދައީ” ބަންޝީލް ވާހަކަ ދެއްކިއެވެ. “އެހެން ވިއްޔާ އަހަރެންނާއި ކުރިމަތިލާން ބިރުން ތިއުޅެނީ ކީއްވެ.. ތިހާ ޔަގީންކަން އޮވެއްޖެނަމަ އަހަރެންނާއި ކުރިމަތިލާންވީނުން.. އޭރުން ބަންޝީލްއަށް އާސީން އެއްކޮށް ލިބޭނެ..” އައިރް ބުނެލިއެވެ. އައިރްއަށް ހީވަނީ އަހަރެން މިއީ ވިއްކަން ހުރި އެއްޗެއް ކަމަށް ހެއްޔެވެ. ބޭނުން މީހަކަށް އަހަރެން އެއްކޮށް ދޭން އެއުޅެނީ.. ބަންޝީލްގެ ސަބަބުން އަހަރެންނަށް ވަމުން ދިޔަ އަނިޔާ އަކީ ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ އަނިޔާ ތަކެވެ. ނަމަވެސް އައިރް ކޮންމެ ފަހަރަކު އައިސް އަހަރެންގެ ހިތައް އަރާ ޗިސްކޮށްލާފަ ދަނީ ކީއްވެ ހެއްޔެވެ.
މަޑުމަޑުން އަހަރެންގެ ހަށިގަނޑަށް ލުއިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. ބޮލަށް އަރާފައިވާ ބާރުގަނޑު މަޑުމަޑުން ކެނޑެމުން ދިޔައެވެ. ހަށިފުރާ ހަމަޖެހިލައިގެން ނޭވާއެއް ލުމަށް މަސައްކަތް ކުރެވުނީ ހަށިގަނޑު ތެރެއަށް ވަތް ދުންކޮޅު ފައިގެ ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލީގެ ދޭތެރެއިން ނިކުތުމުންނެވެ. ނަމަވެސް ނޭވާއެއްލާންވެސް އަހަރެންނަށް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. ހަށިގަނޑުގައި ނުރިހޭކަ އެންމެ ތަންކޮޅެއްވެސް ނެތެވެ. އަނގައިންނާއި ނޭފަތުންވެސް ލޭ އަންނަމުން ދިޔައި ކިހާ ބައިވަރެއްކަން އަހަރެންނަށް އިހްސާސް ކުރެވުނީ އެވަގުތުއެވެ. “ބަންޝީލް ކޮބާ” ރީހާންގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ހިތްވަރުކޮށްފައި ބަންޝީލް ހުރި ދިމާލަށް ބޯ އަބުރާލީމެވެ. އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. ދެލޮލުން ކަރުނަތައް އޮހެރިގަތެވެ. “މިރޭ އައިރްވެސް ސަލާމަތެއް ނުވާނެ” ކުރިން ހުރި ބިރުވެރިސިފާގައި ބަންޝީލް އައިރްގެ ކުރިމަތީގައި ހުއްޓެވެ. އައިރްގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ވަދާއުގެ ސަލާމް ކުރާ ކަހަލަ ބަލާލުމެވެ. އަދި ކުއްލިއަކަށް އައިރް ބަންޝީލްއާއި ދިމާލަށް ދުއްވައިގަތެވެ. ބަންޝީލްވެސް ބަލާކަށް ނުހުރެ އައިރް އާއި ދިމާލަށް ދުއްވައިގަތެވެ. ދެމީހުންގޮސް އޮޅުލައިގަތް ވަގުތު ހީވީ އެތަނަށް ބިންހެލުމެއް އައި ހެންނެވެ. މުޅިތަން ގުޑައިގެން ދިޔައެވެ. ވަގުތު ބަލާފައި ރީހާން އަތުން އަލިފާން ގަނޑަށް އެއްޗެއް އޮއްސާލިއެވެ. އޭރު އައިރް ހުރީ ރަނގަޅަށް ބަންޝީލްގެ ގައިގައި ބައްދައިގަނެގެން ހިފައިގަނެގެންނެވެ. ރީހާން އަޅާލި އެއްޗެހި އަލިފާންގަނޑުގައި ޖެހުމާއި އެކު އައިރްއާއި ބަންޝީލް ކުއްލިއަކަށް ގޮވައިގެން ދިޔައި ބޮމެއް ގޮވައިގެން ދިޔަ ހެންނެވެ. އަރައިގެން ދިޔަ އަލިގަނޑުގެ ސަބަބުން އެތަނުގެ ތިބި އެންމެންނަށްވެސް މަޖްބޫރުވީ ދެލޯ މަރާށެވެ. އަހަރެންނަށްވެސް ދެލޯ މަރާލެވުނެވެ. އެހާ ހިސާބުން އަހަރެންނަށް ވީނުވީއެއް ނޭނގުނެވެ.
އަހަރެންނަށް ދެލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ލޯ މައްޗަށް ވާ ގޮތަށް ހުރި ލައިޓް އާއި ހެދި އަހަރެންނަށް ދެލޯ އެހާ ބޮޑަކަށް ނުހުޅުވުނެވެ. އަނެއްކާވެސް މަރާލެވުނީ ލޮލަށް އުދަގޫވިވަރުންނެވެ. “އާސީން ހޭ އަރައިފި” ޖައިޝްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. މަޑުމަޑުން އަނެއްކާވެސް ދެލޯ ހުޅުވާލީމެވެ. އޭރު ޖައިޝް އައިސް އަހަރެންގެ އެއްފަރާތުގައި މަޑުކޮށްލަނީއެވެ. ޖައިޝްއާއި ޖެހިގެން ދޮންބެވެސް އައިސް މަޑުކޮށްލިއެވެ. ނަރުހެއް އައިސް އަނެއް ފަރާތުން މަޑުކޮށްލާ، އަހަރެންގެ އަތުގެ ވިންދު ބަލާލިއެވެ. އަދި ލައިޓްއަކުން ދެލޯ ރަނގަޅަށް ބަލާލިއެވެ. “ކިހިނެއްތަ މިހާރު” ނަރުސް ސުވާލުކޮށްލިއެވެ. އަހަރެން ކުޑަ ހިނިތުންވުމެއް ރައްދުކޮށްލީމެވެ. ކުރިން އަހަރެންގެ ހަށިގަނޑުގެ އެތެރެއަށް ވަމުން ދިޔަ ތަދުވަނީ ކޮންމެވެސް ވަރަކަށް ކެނޑިފައެވެ. ނަމަވެސް ބޮލަށް އަދިވެސް ހުރީ ބަރުވެފައެވެ. އަހަރެންގެ އަތަށްވަނީ އައިވީއެއް ގުޅާފައެވެ.ނަރުސް އިތުރު ގޮތަކަށް ބެލުމަށްފަހު ކުޑަކޮށް އެތަނުން ދުރައް ޖެހިލިއެވެ. “ކިހިނެއްތަ ކޮއްކޮ” ލޯތްބާއި އެކު ދޮންބެ އަހަރެންގެ ބޮލުގައި ފިރުމާލީ ނަރުސް ކުރިން ހުރި ދިމާލުގައި ހުއްޓެލަމުންނެވެ. އަހަރެން ހިނިތުންވެލީމެވެ. “ކިހިނެއްތަވީ.. ކިހިނެއް އަހަރެން މިތަނަށް ގެނެވުނީ.. ކޮންއިރަކު” އަހަރެން ސުވާލު ކުރީމެވެ. “އެހަށް ކޮއްކޮ ރަނގަޅުވޭތޯ ބަލާ.. ފަހުންވެސް ސުވާލުގެ ޖަވާބު ލިބިދާނެ” ދޮންބެ ބުނެލިއެވެ.
ޑޮކްޓަރު އައިސް އަހަރެން ރަނގަޅަށް ބެލިއެވެ. ޑޮކްޓަރ ދެއްކި ވާހަކައިން އެގުނު ގޮތުގައި އަހަރެން ހޮސްޕިޓަލްއަށް ގެނެވުނީ އަނގައިންނާއި ނޭފަތުން ލޭ އަންނާތީއެވެ. ނަމަވެސް ގެނައިތާ މާގިނައިރެއް ނުވެ އަމިއްލައަށް ނޭފަތުންނާއި އަނގައިން އަންނަމުން ދިޔަ ލޭތައް ހުއްޓުނީއެވެ. އެލޭ އައީ ކީއްވެ ކަމެއް އަދި ކުއްލިއަކަށް ހުއްޓުނީ ކީއްވެކަމެއްވެސް އެމީހުންނަކަށް ނޭނގުނެވެ. ގެންނައިރު މީހާގެ ހަކަތަ ދަށްކަމުން އައިވީއެއް ގުޅީއެވެ. އައިވީ ހުސްވުމުން އަހަރެން ގެއަށް ދޫކޮށްލީ އިތުރަށް ބާއްވައިގެން އެމީހުން ބަލާނެ އެއްޗެއް ނެތީމައެވެ. އަހަރެން ގެއަށް އައިއިރު ގެ ކައިރީގައި ރީހާން މަޑުކޮށްލައިގެން ހުއްޓެވެ. ރީހާންގެ ފަހަތުން އަހަރެން ގެއަށް ވަތް އިރު އޭނަ ހުރީ ތުންތަޅުވާލަ ތަޅުވާލާއެވެ. އަހަރެން ސިޓިންރޫމްގައި އިށީނުމުން ޖައިޝް އަހަރެންގެ ކައިރީގައި އިށީނެވެ. ދޮންބެ ކައްކާތަނާއި ދިމާލަށެވެ. ރީހާން ސިޓިންރޫމްގެ ހަތަރު ކަނުގައި ހުއްޓި ހުރެގެން ކޮންމެވެސް އެއްޗެއް ކިޔަވާފައި ހަމްދު އެޅިތަން ފެނުނެވެ. އަދި ދޮންބެ އާއި ވާހަކަ ދައްކާފައި ގޭގައި ހުރި ކޮޓަރި ތަކަށްވެސް ވަނެވެ. އަހަރެންނަށް ހީވަނީ އެތަނަށް ވަދެފައިވެސް އޭނަ ކުރާނީ އެކަންތައް ހެންނެވެ. “ކޮބާ މިހާރު ކިހިނެއްވާނީ” ރީހާން ނިކުމެގެން އައިސް ސިޓިންރޫމްގައި މަޑުކޮށްލުމުން ޖައިޝް ބުނެލިއެވެ. “ބަންޝީލްގެ އެއްވެސް އުދަގުލެއް ދެން އިރާދަކުރެއްވިއްޔަކާ ނުވާނެ..” ރީހާން ޔަގީންކަމާއި އެކު ބުނެލިއެވެ. އެވަގުތު ދޮންބެ ހަތަރުކޮފީތަށި ހިފައިގެން އައިސް އިށީދެލިއެވެ. “އަސްލު ކިހިނެއްތަ ވީ” އަހަރެން އަހާލީމެވެ. “ކޮއްކޮ ކޮންކަމެއް ހަނދާންހުރީ” ދޮންބެ ސުވާލުކޮށްލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީ އެއްވެސް ކަމެއް ހަނދާނެއް ނެތޭ ބުނެލާފަދަ ގޮތަކަށެވެ.
ރީހާން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނީ އަހަރެން ބުނި ބަސް ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. “އަހަރެން މިވަގުތު ގޮސްލާނަން.. އާ. އެކަމަކު އަހަރެން އަދި އާސީންއަށް އާ ތަވީދެއް ދޭނަން.. ޖައިޝްއަށްވެސް.. އެއީ އެކަހަލަ ކަމެއް ދިމާވެފަ ހުރީމަ ކުޑަ ދުވަސްކޮޅަކަށް އަޅާލަން.. ފަހުން އަހަރެން ހަވާލުކޮށްލާނަން އިނގޭ” ރީހާން ތެދުވަމުން ބުނެލިއެވެ. “ދެން އެންމެވެސް ނިދާލެވޭތޯ ބަލަމާ.. މިހާރު ނުނިދާ އުޅޭތާ އެއްދުވަސް ވީ” ރީހާން ތެދުވެ ހިގައިގަންނަމުން ބުނެލިއެވެ. ދޮންބެ ރީހާންއާއި ސަލާމް ކޮށްލަމުން އޭނައާއި އެކު ދޮރާއި ހަމައަށް ދިޔައެވެ. “އަހަރެންވެސް ދާންވީ ކަންނޭނގެ ދެން.. ގެއަށް ގޮސް ކުޑަކޮށް ރެސްޓް ކޮށްލަން.. އަދި އެބަޖެހޭ ކޭސް އާއި ބެހޭގޮތުން ވާހަކަ ދައްކާލަން އަހްޝަމްއާއި ބައްދަލު ކޮށްލަންވެސް” ޖައިޝް އެހެން ބުނެލުމުން އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “އަހްޝަމް ނޭނގޭތަ.. އަހަރެންގެ ލޯޔަރު” ޖައިޝް ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. “ސާބަސް.. އަހަރެން ހަނދާން އެބަ ހުއްޓޭ” އަހަރެން ހެމުން ބުނެލީމެވެ. “ގުޑް.. އަބަދުވެސް ތިހެން ހެވިފަ ހުންނާތީ.. ދަނީ އިނގޭ.. އަންނާނަން އަދި ފަހުން” ޖައިޝް ނިކުންނަން ދަމުން ބުނެލިއެވެ. ދޮންބެއާއި ސަލާމްކޮށްފައި ޖައިޝްވެސް ނިކުމެގެން ދިޔައެވެ.
އަހަރެންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ގޮސް އަރާމް ކޮށްލާށެވެ. އެހެންކަމުން އަހަރެންވެސް ތެދުވީމެވެ. “ކޮޓަރިއަށް ދަނީތަ” ދޮންބެ އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. އަހަރެން ހިނިތުންވެލަމުން ބޯޖަހާލީމެވެ. އަދި މަޑުމަޑުން ހިގައިގަތީމެވެ. “ކޮއްކޯ” ދޮންބެ އަހަރެންނަށް ގޮވާލީ ހިގައިގަތީމައެވެ. އަހަރެން ހުއްޓިފައި ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ” އަސްލަށް ބުނެބަލަ.. ކޮއްކޮ އެއްވެސް ކަމެއް ހަނދާން ނެތްތަ” ދޮންބެ އަހާލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ފަޑު ހިނިތުންވުމެއް ރައްދުކޮށްލަމުން އަހަރެން އެބުރި ހިގައިގަތީ ދެވަނަ ފަހަރަށް ދޮންބެ އަށް ދޮގު ހަދަން ބޭނުން ނުވާތީއެވެ. އިތުރަށް ދޮންބެއެއް އަހަރެން ނުހުއްޓުވައެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕި ތަނުން ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް އޮހިގަތެވެ. ދެލޯ މަރާ ބާރުކޮށްލެވުނެވެ.
އެވަގުތު ލޮލުގެ ކުރިމަތީގައި އައިރް އާއި ބަންޝީލް ދެމީހުން ގޮސް ޖެހުނުތައް ފެނިގެން ދިޔައެވެ. އަދި އެވަގުތު އަރައިގެން ދިޔަ އަލިގަނޑު ފެނިގެން ދިޔައެވެ. އަހަރެންނަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނެވެ. ހިތްމަތީގައި އަތް އަޅާލެވުނުއިރު އަހަރެންނަށް ދޮރުގައި ބުރަކަށި ޖައްސައިގެން އިށީދެވިއްޖެއެވެ. “ޕްލީޒް.. ނޫން.. އައިރް.. އާދެބަލަ.. ޕްލީޒް” އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. އެތައް އިރަކު އަހަރެންނަށް އެހެން ރޯން އިދެވުނެވެ. އައިރް އާއި ބަންޝީލްއަށް އެވީ ކިހިނެއް ހެއްޔެވެ. އަބަދުވެސް އަހަރެންގެ ހިތައް އައިރްގެ ނަން އެރުމުން އެތަނަކަށް އޭނަ އާދެއެވެ. މިރޭ އޭނަ ނައިސް އެޅެނީ ކީއްވެ ހެއްޔެވެ. ނޫނެކެވެ. އޭނަ އަހަރެން ދޫކޮށްފައެއް ނުދާނެއެވެ. އޭނައަށް އެހެން ހަނދާކަށް ނުކެރޭނެއެވެ.
އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އޭރު އަހަރެން އޮތީ ދޮރުކައިރީގައި ކުރުގެޅިލައިގެން އޮންނަ ގޮތަށް ނިދިފައެވެ. އަހަރެންނަށް ކުއްލިއަކަށް ތެދުވެވުނެވެ. ދޮރުގައި ޓަކި ޖަހަމުން އޭރު ދޮންބެ އަހަރެންނަށް ގޮވަމުން ދިޔަ އަޑުއިވުނެވެ. އަހަރެން އަވަސްކަމާއި އެކު ތެދުވެ މޫނު ރީތިކޮށްލަމުން އިސްތަށުގަނޑާއި ހެދުން ރީތިކޮށްލަމުން ދޮރު ހުޅުވީމެވެ. “އެބަ އުޅެންދޯ.. ދޮންބެ ކިރިޔާ ހާސްވެގެން ހަލާކު ނުވީ” ދޮންބެ މައިނޭވާއެއް ލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “މެންދުރު ބަންގި ގޮވަނީ.. އެހެންވެ މި ގޮވީ” ދޮންބެ ބުނެލިއެވެ. އަހަރެން ގަޑި ބަލާލީމެވެ. އަދި ދޮންބެއަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ޖައިޝް ގުޅި.. ކޮއްކޮ ފޯނު ނުނަގައިގެންނޯ ބުނީ..” ދޮންބެ ބުނެލިއެވެ. “އާ.. އަހަރެންނަށް ނިދުނީ” އަހަރެން ބުނެލީމެވެ. “އަވަސްކޮށްގެން ކާން އާދޭ” ދޮންބެ އެހެން ބުނެލުމަށްފަހު އެތަނުން ދިޔައެވެ. އަހަރެން ދޮރު ލައްޕާލުމަށްފަހު ތަންކޮޅެއް ދުރުގައި އޮތް ދަބަސް ނަގާ އޭގެ ތެރެއިން ފޯނު ނެގީމެވެ. އޭރު ޖައިޝް ތިންފަހަރު ގުޅާފައި އިނެވެ. ފޯނު ބޭއްވުމަށްފަހު ފާހާނައަށް ވަދެ ރީތިވެލައިގެން ނިކުމެ އަހަރެން ނަމާދު ކޮށްލީމެވެ. އެތައް ދުވަހެއް ފަހުން އަހަރެންނަށް ނަމާދުކޮށްލުމުން ލިބޭ ހިތްހަމަޖެހުން އެވަގުތު ލިބިގެން ދިޔައެވެ.
ނަމާދުކޮށްލައިގެން ނިކުން އިރު ދޮންބެ ހުރީ ނޫޑްލްސް ކައްކާށެވެ. އަހަރެންވެސް ދޮންބެއާއި އެކު ކެއްކުމުގައި ބައިވެރިވީމެވެ. ދެމީހުންގެ ދޭތެރޭގައި ކުޑަކޮށް ނަމަވެސް ބީރައްޓެހިކަމެއް ވަނީ އޭރު އުފެދިފައެވެ. ދޮންބެ ނުބުނިކަމުގައި ވިޔަސް ބައިވަރު ސުވާލުގެ ޖަވާބު ދޮންބެ ބޭނުންވާކަން އަހަރެންނަށް އެނގުނެވެ. އެކަމަކު އެހުރިހާ ސުވާލުގެ ޖަވާބެއް އަހަރެންނަށް ނުދެވޭނެއެވެ. އަހަރެންގެ އެހާ ހިތްވަރެއް ނެތެވެ. “އަނެއްކާވެސް ޖައިޝް ގުޅައިފި.. ކޮއްކޮ ފޯނު ކޮންތާކު ބާއްވައިގެން ތަ ތިއުޅެނީ” ދޮންބެއަށް ފޯނެއް އައުމުން އެއަށް ޖަވާބު ދީ ނިންމުމަށްފަހު ބުނެލިއެވެ. “ކޮޓަރީގައި.. ކީކޯ ބުނީ” އަހަރެން ކުރަން ހުރި މަސައްކަތް ކުރަމުން ވާހަކަ ދެއްކީމެވެ. “ވަރަށް މުހިއްމު ކަމަކުއޯ.. އަހްޝަމް މެންގެއަށް އާދެވިދާނެހޯ” ދޮންބެ ބުނެލިއެވެ. “ކައިގެންދާނީ” އަހަރެން ހުރީ ބަނޑުހައިވެފައެވެ. އެހެންކަމުން ކެއުން އެއީ އެންމެ މުހިއްމު ކަމެއްކަމުގައި ދެކުނީމެވެ. ދޮންބެއާއި ދެމީހުން ކާން ތިބިއިރު އެހާ ގިނަ ވާހަކައެއް ނުދައްކަމެވެ. ނަމަވެސް ދޮންބެ އޮފީހަށް ނިކުންނަނީ ކޮންއިރަކުންތޯ އަހަރެން އެހީމެވެ. އެއީ އަހަރެންނަށް މިކަންތަކެއް ޖެހުމުން ދޮންބެ އަހަރެން ކައިރީގައި ހުރި ޗުއްޓީއެއް ނަގައިގެންނެވެ. މިހާރު އަހަރެން ރަނގަޅުވުމުން ދެން އޮފީހަށް ނުނިކުމެ ހުރުމުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ. ދޮންބެ އަހަރެންނާއި އެއްބަސް ވިކަމުގައި ވިޔަސް އަހަރެން ގޭގައި އެކަނި އިންނާކަށް ދޮންބެ ބޭނުމެއް ނުވެއެވެ. އެހެންކަމުން ޖައިޝްއާއި ވާހަކަ ދައްކާފައި އަހަރެންވެސް އަހަރެންގެ ވަޒީފާއަށް ނިކުންނަން އެއްބަސް ވީމެވެ.
އަހަރެން ހަމަޖެހިލައިގެން އަހްޝަމް މެންގެއަށް ދިއުމަށް ނިކުތީމެވެ. އަހަރެން އެގެއަށް ގެންގޮސްދީފާނަމޭ ދޮންބެ ބުންޏެވެ. އެކަމަކު އަހަރެން ބޭނުންވީ އެކަނި ދާށެވެ. ސައިކަލް ދުއްވާލާ މީހާގެ ބޯ ހަމަޖައްސާލާށެވެ. އަހްޝަމްމެންގެއަށް ދިޔައިރު ޖައިޝްއާއި އަހްޝަމްތިބީ އަހްޝަމްގެ އޮފީސް މަސައްކަތް ކުރާ ކޮޓަރީގައެވެ. “ކޮބާ ކިހިނެއްތަ އާސީން” އަހްޝަމް އެހެން އަހާލީ އޭނައަށް ހުރިހާ އެއްޗެއް އެނގެއޭ ބުނެލާ ފަދަ ގޮތަކަށެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “މާބޮޑު ކޮންކަމެއްވީ.. ވާހަކަ ދައްކަން ބޭނުންވީ” އަހަރެން އެތަނަށް ހުއްޓުމުން ޖައިޝް އެތަނުގެ ހުރި ގޮޑިއެއް އަހަރެން ކައިރިއަށް ޖައްސާލުމުން އަހަރެން އިށީނީމެވެ. އެވަގުތު އަހްޝަމް ހަވާލުކޮށްލީ ފައިލްއެކެވެ. އަހަރެން އެފައިލް ހުޅުވާލީމެވެ. އެވަގުތު އަހަރެން ހައިރާންވެގެން ދިޔައެވެ.
“ކިހިނެއް.. ކޮން އިރަކު” އަހަރެން ހައިރާން ކަމާއި އެކު އެ ފޮޓޯތައް ހާވަމުން އަހާލީމެވެ. “ރޭގައި” ޖައިޝް ބުނެލިއެވެ. “އެކަމަކު… ހާދަ އަނިޔާވެރިކޮށް..” އަހަރެންނަށް ބުނެވުނެވެ. ވާނީވެސް އެހެންތާއެވެ. އެ ފޮޓޯތަކަކީ ނާސިރު އޭނަގެ ގޮޅީގައި އަނިޔާވެރި ގޮތަކަށް މާރާލާފައި އޮތްވާ ނަގާފައިވާ ފޮޓޯތަކެވެ. “ކާކު ކުރި ކަމެއް މީ” ފޮޓޯތަކާއި އެކު ފައިލް މޭޒުމަތީގައި ބާއްވަމުން އަހަރެން ޖައިޝްއާއި ސުވާލު ކުރީމެވެ. އެވަގުތު ޖައިޝް ބުމަ އަރުވާލިއެވެ. “ނޫން.. އެކަމަކު ރޭގައި” “ރޭގައި އިރާކޮޅުގެ ކަމެއް ތީ.. ބަންޝީލް އެކޮޅަށް ދިއުމުގެ ކުރިން ދިޔައީ އޭނަގެ ސާހިބު މީހާގެ ދުވަސް ދުއްވާލާފައި.. އެއްވެސް އެއްޗެއް ނެތް ފެންނާކަށް.. އެތަނުގައި ހުރި ސީސީޓީ ކެމެރާއަކުންވެސް.. މީހުންނަށް އަޑު އިވުނީ ނާސިރު ހަޅޭލަވާ އަޑޯ.. ގޮސް ބެލި އިރު ކޮށްލާފައި އޮތް ވަރޯ ތިއީ” ޖައިޝް ކިޔައިދިނެވެ. އަހަރެން އިސްޖަހާލީމެވެ. އެއްއިރަކުވެސް އަހަރެންނަކީ ނާސިރުގެ ‘ފޭން’ އެއް ނޫނެކެވެ. އެކަމަކު އޭނަ އެގޮތަށް މަރުވެގެން ދާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. ބަންޝީލް އޭނަ މަރާލީ ކީއްވެ ހެއްޔެވެ. އަބަދާއި އަބަދު ނާސިރު ހުންނަނީ އޭނަގެ ރައްކަލަށް ކޮންމެވެސް އެއްޗެއް ކިޔަވާލާ ކިޔަވާލައެވެ. ދެން އެހާ ފަސޭހައިން އެކަން ކުރީ ކިހިނެއް ހެއްޔެވެ.
“ދެން ކިހިނެއް ކޭސް ވާނީ” އަހަރެން އަހްޝަމްއާއި ސުވާލު ކުރީމެވެ. “ޑޯންޓް ވޮރީ އެބައުޓް އިޓް.. އަހަރުމެންނަށް ވަނީ ރަނގަޅު ކޭސްއެއް އޯޕެން ކުރެވިފައި.. ނާސިރުގެ ދަރިފުޅުގެ ނަން ކްލިއަރ ކުރެވިއްޖެ.. އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ގާޒީ ވަނީ ނަޝްފާ އަމިއްލައަށް މަރު ނުވާކަމަށް ނިއްމާ.. އޭނަ މަރާލުމުގައި ލަތީފްގެ ދަރިފުޅު ހުމާމް އާއި ދެންތިބި ކުދިންވެސް ޝާމިލް ވާކަމަށް ނިއްމާފައި.. ލަތީފްގެ ކޭސް އަދިވެސް ކުރިއަށް ދާ ގޮތަށް ނިއްމާފައިވަނީ.. އޭނައަށް ލޯޔަރެއް ހޯދުމުގެ ބާރުވެސް ދީފައި އޮތީ.. އެވީޑިއޯ އެދުވަހުގައި ކޯޓުގައި ދެއްކި.. ލަތީފް އެއްވެސް އެއްޗެއް ނުބުނޭ އެވީޑިއޯ އަކަށް..” އަހްޝަމް ވާހަކަ ދެއްކިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެންމެ ފަހުން އަހަރެން ނާސިރުއަށް ވެވިފައިވާ ވައުދުވެސް ފުއްދިއްޖެއެވެ. ނަޝްފާގެ ގާތިލުން އެވަނީ ކޯޓު މެދުވެރިކޮށް ހޯދިފައެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހްޝަމް ތި ކޮށްދިން ހުރިހާ ކަމަކަށް” އަހަރެން ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކީމެވެ. “ސާބަސް.. މިއީ ދެން އެވަރު ކަމެއް ނޫންތާ.. އެހެން ނޫނަސް ޖައިޝްގެ އެކުވެރިއަކީ އަހަރެންގެ ވެސް އެކުވެރިއެއް.. އެކަމަކު އަދި އެއް ވާހަކަ.. ލަތީފްގެ ކޭސްގައި އަހަރެން އާސީން ގެންދަން ޖެހޭނެ.. އަދި ކޯޓުގައި އެރޭގައި ވީ ހުރިހާ ކަމެއް އަމިއްލައަށް ކިޔައިދޭންވާނެ.. އަދި މިކޭސް ނިމެންދެން ތި ދެމީހުންވެސް ވަރަށް ވިސްނަން ވާނެ.. ލަތީފްއަކީ ވަރަށް ގިނަ ބާރު ތަކެއް އޮންނަ މީހެއް.. ނުވިސްނާ ހުއްޓާ ކޮންމެ ފަދަ ކަމެއްވެސް ވެދާނެ” އަހްޝަމް ބުނެލިއެވެ.
އަހަރެންނަށް ލަތީފްގެ ބިރުވެރިކަން ވަނީ ފެނިފައެވެ. އަލުން މީހަކު އެވާހަކަތައް ކިޔައިދޭކަށް ނުޖެހޭނެއެވެ. ” ހިނގާ އަހަރެން ދާނަން އާސީންގެ ސައިކަލާއި ހަމައަށް” ޖައިޝް އެހެން ބުނެލުމުން އަހަރެން ހިނިތުންވެލަމުން ތެދުވީމެވެ. ޖައިޝްގެ ފަހަތުން އަހަރެން އެގެއިން ބޭރަށް ނިކުތީމެވެ. “އާސީން..” އަހަރެން ސައިކަލަށް އެރުމުން ޖައިޝް ގޮވާލިއެވެ. “އައި ހޯޕް ވީ އާ އޯކޭ..” ޖައިޝް ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. އޭނަ އެބުނީ ކޮން ވާހަކައެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ހިނިތުންވެލަމުން އިސްޖަހާލީމެވެ. “އިފް ޔޫ ޑޯންޓް މައިންޑް.. އަހަރެން ތިގެއަށް ދާން ބޭނުން” އަހަރެން ހިނިތުންވެލުމުން ޖައިޝް އަނެއްކާވެސް ބުނެލިއެވެ. “އަހަރެން ވެއިޓް ކުރާނަން” ހިނިތުންވެލަމުން އަހަރެން އެހެން ބުނެލަމުން ސައިކަލް ދުއްވާލީމެވެ.
ތެދައް ބުނަނީނަމަ ޖައިޝްއަކީވެސް ގޯސް މީހެއް ނޫނެކެވެ. އެކަމަކު އަހަރެންނަށް އޭނަދެކެ ލޯތްބެއް ނުވެވޭނެއެވެ. އަހަރެން ލޯބިވީ އައިރް ދެކެއެވެ. އެއްވެސް ކޮންޑިޝަންއަކާއި ނުލާ ވެވުނު ލޯތްބެކެވެ. އޭނަގެ ފަރާތުން ހަމައެކަނި އަހަރެން ބޭނުންވި އެއްޗަކީ އޭނަގެ ލޯތްބެވެ. އަޅާލުމެވެ. އިތުރު އެއްޗެއް ބޭނުމެއް ނޫނެކެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އެވަގުރު އަނެއްކާވެސް ލޯ ކުރިމަތީގައި އައިރްއާއި ބަންޝީލް ޖެހިގަތް ވަގުތު އެރި އަލި ގަނޑު ސިފަ ވެގެން ދިޔައެވެ. ވަގުތުން ދުއްވަން އިން ސައިކަލްގެ ބުރެކި ޖައްސާލެވުނެވެ. އަނެއްކާ އައިރްއަށް ކަމެއް ވީބާއެވެ. އަހަރެން ފޯނު ނަގާ އައިރްގެ ފޯނަށް ގުޅާލީމެވެ. ފޯނު އޮތީ ނިއްވާލާފައި ކަމުގައި ބުންޏެވެ. އަހަރެން އަނެއްކާވެސް އެނަންބަރަށް ގުޅާލީމެވެ. ކިޔަމުން ދިޔައީ އެކެއްޗެކެވެ. އަހަރެން ދެލޯ ކަރުނުން ފުރިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެވަގުތު ސިއްސައިގެން ދިޔައީ ފަހަތުން ބަރުގަނޑު އަޅަންފެށީމައެވެ. ސިހިފައި ފަހަތް ބަލާލެވުނު އިރު މަގު އޮތީ ބްލޮކް ވެފައެވެ. އަހަރެންނަށް އިދެވުނީ މަގު މެދުގައެވެ. އެވަރުވެސް އަހަރެންނަށް ނުވިސްނުނީއެވެ. އަވަހަށް ސައިކަލް ސްޓާޓް ކޮށްލަމުން ދުއްވާލީމެވެ.
ބޭނުންވީ ހިތައް ހަމަޖެހުމެއް ހޯދާށެވެ. އެކަމަކު އެކަން ވާންއޮތީ އެންމެ އަޑެއް އިވެގެންނެވެ. ނަމަވެސް އެއަޑުގެ ވެރިޔާގެ ފޯނު އެއޮތީ ނިއްވާލާފައެވެ. އޭނައާއި ބައްދަލު ވާނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ސައިކަލު ދުއްވަމުން އަހަރެން މަޑުކޮށްލީ މީހުން ރާޅާ އަޅާ ސަރަހައްދުގައެވެ. ސައިކަލުން ފައިބާ އަހަރެން އަނެއްކާވެސް އައިރްއަށް ގުޅީމެވެ. ކިޔަމުން ދިޔައީ އެއްވާހަކައެވެ. “ޕްލީޒް އައިރް.. އާދެބަލަ އަހަރެން ކައިރިއަށް” އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި އެތަނުގައި އުޅުނު އެންމެންނަށް ސިއްރުން އަވަހަށް ފުހެލީމެވެ. ހިތައް ތަދުވަމުން ދިޔައެވެ. ނޭވާލާން އުދަގޫވަމުން ދިޔައެވެ. ލަގޮނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ހިތްދިރުވާލީމެވެ. ކިތައްމެ ކެތްކުރި ނަމަވެސް އަހަރެންނަށްވެސް ކެތްވާނީ ވަކި ވަރަކަށެވެ.
“ބަންޝީލް.. ކޮބާތަ ކަލޭ” ރުޅި އާދެވުނީ ކުއްލިއަކަށެވެ. މިއީ ހުސް އެނުލަފާ ޖިންނި ގަނޑުގެ ސަބަބުން ވާކަންތަކޭ ހިތައް އެރިއެވެ. އޭނައާއި ހެދި އަހަރެންގެ ހިތައް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ކިތައްމެ ބޭނުންނުވިޔަސް އެނުލަފާ ޖިންނިގަނޑާއި އަހަރެން ވާހަކަ ދައްކަން ބޭނުންވެއެވެ. އައިރްއަށް ކަމެއްވީ ކަމަށްވާނަމަ އެކަމެއް ބަންޝީލްއަށް އެނގޭނެއެވެ. އޭނަ އަހަރެންގެ އައިރްއަށް ކޮންމެވެސް ކަމެއް ކޮށްފިއެވެ. އެކަމަކު.. އަހަރެން ބަންޝީލްގެ ނަން ހިތައް އެރުވުމުން ބަންޝީލްއެއްވެސް އެތަނަކަށް ނައެވެ. އެއީ ކީއްވެ ހެއްޔެވެ. އެދެމީހުން ކޮބާ ހެއްޔެވެ. އަނެއްކާ ބަންޝީލް އައިރްއަށް ކަމެއް ކުރީ ހެއްޔެވެ. އެވަގުތު އަނެއްކާވެސް އެދެމީހުން ޖެހުނު ވަގުތު ނިކުން އަލިގަނޑު އަހަރެންގެ ލޯމަތީގައި ސިފަވެގެން ދިޔައެވެ. ހީވީ ކުއްލިއަކަށް ބޮމެއް ގޮވިހެންނެވެ. އެކަމަކު ބޮޑު ދެއަލިގަނޑަކުންނެވެ.
އަހަރެން ސައިކަލަށް އަރާ ދުއްވާލީމެވެ. އަހަރެން ބޭނުންވީ ހިތުގައި އުފެދެމުން ދިޔަ ސުވާލު ތަކަށް ޖަވާބު ހޯދާށެވެ. އެކަމަކު ޖަވާބު ލިބުމުގެ ބަދަލުގައި އަނެއްކާވެސް އެތައް ސުވާލެއްވެސް އުފެދިދާނެއެވެ. އެކަމަކުވެސް ހެވެ. އަހަރެން މިސްރާބު ޖެހީ އައިރްގެ ގެއާއި ދިމާލަށެވެ. ދެފަހަރެއްގެ މަތިން އަހަރެންނަށް ވަނީ އެގެއަށްވެސް ދެވިފައެވެ. އެއްފަހަރަކީ ނާސިރުއާއި ވާހަކަ ދައްކަންވެގެން ދިޔަ ފަހަރެވެ. އަނެއް ފަހަރަކީ ބަންޝީލްގެ ބާރުދަށުގައި އަހަރެން ހުރި ފަހަރެއްގައެވެ. އަހަރެން ސައިކަލް އެގޭ ދޮށުގައި ޕާކް ކޮށްލުމަށްފަހު އަހަރެން ދޮރު ކައިރިއަށް ހުއްޓެލީމެވެ. އައިރް ގޭގައި އުޅޭނެ ބާއެވެ. ނޫނީ.. އަހަރެން ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. ކިތައްމެ ހާސްވި ނަަމަވެސް އަހަރެން މަޑުމަޑުން މީހާ ހަމައަކަށް އެޅުވޭތީ ބަލަމުން ދިޔައީމެވެ. އަހަރެން ދެވަނަ ފަހަރަށް ދޮރުގައި ޓަކި ޖަހާލީމެވެ. މިފަހަރު ކުރިއަށްވުރެއް ބާރަށެވެ. މީހާ ހަމަޖެހުމައްޓަކައި އަތުން މޫނު ފުހެލީމެވެ. އަދި މުޅި ސަރަހައްދަށް ނަޒަރު ހިންގާލީމެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވިގެން ދިޔައެވެ. އަވަސްކަމާއި އެކު އަހަރެން ދޮރާއި ދިމާލަށް ބަލާލީމެވެ.
ދޮރުމަތީގައި ހުރި ރީހާން ފެނުމުން އަހަރެން މާޔޫސްވިއެވެ. ހިތް ރޮއިގަތެވެ. އަހަރެން އުއްމީދު ކުރީ ދޮރުހުޅުވާނީ އައިރް ކަމަށެވެ. އެކަމަކު.. “އާސީން.. ކިހިނެއްވީ.. ކަމަކުތަ.. އާދޭ.. އެތެރެއަށް އާދޭ” ރީހާން ހިނިތުންވެލަމުން އަހަރެން ވަންނަން އެއްފަރާތަކަށް ޖެހިލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވުމެއް ރައްދުކޮށްލަމުން އެތެރެއަށް ވަނީމެވެ. “ކަމަކުތަ އާސީން.. އަނެއްކާ ހުރިހާ ކަމެއް އޯކޭތަ..” ރީހާން އަހާލިއެވެ. “އާ… އަސްލު.. އަހަރެން.. ރީހާން.. އައިރް” އަހަރެންނަށް ވާހަކަ ދައްކަންވެސް އުދަގޫ ވެގެން ދިޔައެވެ. “އަސްލު ރަނގަޅު ދަޑިވަޅަކުއޭ ތިއާދެވުނީ.. އަހަރެން މިއުޅެނީ މިރޭ ފަތިހު ފުރާ އެއްޗަކުން ރަށަށް ދާން.. އަހަރެން ކުރަން އައި ކަންތައް ނިމުނީމަ.. ދެން އިތުރަށް އަހަރެން ހުންނަންވީ ކީއްކުރަންދޯ.. އެހެންވީމަ ނަސީބެކޭ އާސީންއަށް އާދެވުނުކަން.. އަހަރެން އާސީންއަށާއި ޖައިޝްއަށް ހަވާލު ކުރަންވެފަ އޮތް ތަވީދު އެބަ އޮތް.. މަޑުކޮށްލާ އިނގޭ.. އެބަ އަންނަން” ރީހާން އަވަސްކަމާއި އެކު އެހެން ބުނެލުމަށްފަހު އެތަނުން ދުރައް ހިގައިގަތެވެ. އަހަރެން ހިންދިރުވާލީމެވެ. އެގެއަކުން އައިރް އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އަނެއްކާ އައިރް ކޮޓަރީގައި ނުނިކުންނަން އިނީ ހެއްޔެވެ. އަހަރެން މަޑުމަޑުން އައިރްގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ.
ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. ދެފަރާތް ބަލާލުމަށްފަހު އަހަރެން ދޮރުގެ ތަޅުގައި ހިފާލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ދޮރު ހުޅުވާލިއިރު ކޮޓަރީގައި ވަނީ މަޑު ފެހިކުލައެއްގެ ބޮކި ދިއްލާފައެވެ. ކޮޓަރީގެ އެތެރޭގައިވަނީ އެކަނިވެރިކަމެވެ. އެއްވެސް މީހަކު އެކޮޓަރީގައި ފެންނާކަށް ނެތެވެ. “އާސީން” ސިހިގެން ދިޔައީ ރީހާންގެ އަޑެވެ. އަވަސްއަވަހަށް ރީހާންއާއި ދިމާލަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަން ހުރީ ހަމްދަރުދީގެ އަސަރެވެ. ފަޑު ހިނިތުންވުމަކާއި އެކު އޭނަ އަހަރެން ކައިރިއައެވެ. “މިއޮތީ.. މިއީ އާސީންއަށް.. މިއީ ޖައިޝްއަށް.. ހަނދާންކޮށް ޖައިޝްއަށް ދޭތި.. އަދި އަހަރެން ހިތައްއެރީ އާސީންގެ ފެމެލީއަށްވެސް އެއްޗެއް ހަދާދޭނީއޭ ހަށިރައްކަލަކަށް.. މިއޮތީ” ތިން ހުދުފޮތިކޮޅު އަހަރެންގެ އަތައް ލައިދެމުން ރީހާން ވާހަކަ ދެއްކިއެވެ. އަދި ރީދޫ ކުލައިގެ އޭފޯ ސިޓީ އުރައެއް އަހަރެންގެ އަތައް ދިއްކޮށްލިއެވެ. “މިއީ އާސީންއަށް.. އައިރް ބުނީ މީތި އާސީންއަށް ދެއްޗޯ” ރީހާން ބުނެލިއެވެ. އަހަރެން ރީހާންގެ މޫނަށް ބަލާލީމެވެ. އަދި ފަޑު ހިނިތުންވުމަކާއި އެކު ރީހާންއަށް ޝުކުރު އަދާ ކުރީމެވެ. އަދި އަވަސްކަމާއި އެކު އެތަނުން ނިކުމެ ސައިކަލަށް އަރާ ދުއްވާލީމެވެ.
ސައިކަލުގައި ބާރު ދުވެއްޔެއްގައި އަހަރެން ގެއަށް ދިޔައީމެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަންޑުލީމެވެ. އަދި އަވަހަށް ސިޓީ އުރަނެގީމެވެ. އަނެއްކާ މިސިޓީ އުރާގައި ވަނީ ކޮން އެއްޗެއް ހެއްޔެވެ. އެނދުގައި އިށީދެ ހަމަޖެހިލަމުން އަވަސްކަމާއި އެކު ސިޓީ އުރަ ކަނޑާލީމެވެ. އޭގައި ވަނީ ފަތްޖަހާލެވިފައިވާ ގަނޑެކެވެ. އަހަރެން އެގަނޑު ނަގާ ބަލާލީމެވެ. “ހޭ އާސީން.. ކިހިނެއްތަ.. އަހަރެންނަށް އެނގޭ އާސީންގެ ހިތުގައި ބައިވަރު ސުވާލު ހުންނާނެކަން.. އެކަމަކު.. އާސީން.. އައި އޭމް ސޯ ސޮރީ.. އަހަރެންނަށް އާސީންގެ ހިތުގައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު މިކަހަލަ ލިޔުމަކުން ނުދެވޭނެތީ.. އެކަމަކު އެހެން ގޮތެއްވެސް ނެތް..” އައިރްގެ ލިޔުންކޮޅުގެ ފުރަތަމަ ތަންކޮޅު އަހަރެން ކިޔާލީމެވެ. މިއީ ކޮންކަމެއް ހެއްޔެވެ. މިއީ އިންސާފެއް ހެއްޔެވެ. އަހަރެންގެ ހިތުގައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ނުދެވެންޏާމު އޭނަ މި ލިޔުން ލިޔަންވީ ކީއްވެ ހެއްޔެވެ.
“އާސީން ހިތައްއަރާނެ ކީއްވެ ބާއޭ.. އަހަރެން އާސީންއާއި ދުރުގައި އުޅުނީ.. ކީއްވެ ބާއޭ އާސީން ގޮވީމަ އަހަރެން އެއަށް އިޖާބަ ނުދިނީ.. އަސްލު ތެދައް ބުނާނަމަ އަހަރެންގެ އަތުގައި އާސީން ހިތްހަމަޖެހޭނެ ކަހަލަ ޖަވާބެއް ނެތް.. އަހަރެން ހިތަށް އެރީ އާސީން އާއި ދުރުގައި އުޅުމުން ބަންޝީލްގެ ފަރާތުން އާސީންއަށް ވަމުންދިޔަ އުދަގޫ ކޮންމެވެސް ވަރަކަށް ހުއްޓޭނެކަމަށް.. އާސީން.. އާސީން ހީކުރީ ރަނގަޅަށް.. ލަތީފް ގެއަށް ދިޔަރޭ.. އަހަރެން އާސީން ގޮވުމުން ނުދިޔައީ ގަސްދުގައި.. އަހަރެން ހުރީ އާސީންއަށް ވަމުންދިޔަ ހުރިހާ ކަމެއް ފެންނަހާ ކައިރީގައި.. އެކަމަކު.. އަހަރެންނަށް އޭރުވެސް އެނގޭ ބަންޝީލް އާސީން އެހާ ބޭނުންވާ ކަމަށް ވާނަމަ އާސީންއަށް ދެރައެއް ލިބެންދެން ނުހުންނާނެކަން.. އެހެންވެ.. ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރިގޮތަށް.. އާސީންއަށް ކަމެއް ވުމުގެ ކުރިން ބަންޝީލް ލަތީފް ހުއްޓުވި..” އައިރް އެއީ ކިހާ އަމިއްލަ އެދުން ބޮޑު މީހެކޭ އަހަރެން ވަގުތުން ހިތައް އެރިއެވެ. އޭނަ އަމިއްލަ އެޖެންޑާއަކަށް އަހަރެން ބޭނުން ކުރަމުން ދިޔައީއޭ އަހަރެންގެ ހިތަށް އެރިއެވެ.
“އާސީން.. އަހަރެން ބުނިހެން އާސީން ހިތްހަމަޖެހޭކަހަލަ އުޒުރެއް އަހަރެން ނެތް.. އަދި ދޮގެއް ހަދައިގެން އަހަރެން ބޭނުމެއް ނުވޭ އާސީން ހިތްހަމަޖައްސައިދޭކަށްވެސް.. އަހަރެންނަށް އެނގޭ ފަހުން އަހަރެންނާއި ދޭތެރޭގައި އާސީންގެ ހިތުގައި އެތައް ސުވާލެއް އުފެދުނުކަން.. އަހަރެންނާއި ދޭތެރޭގައި ޝައްކު އުފައްދަން ބަންޝީލް މަސައްކަތް ކުރިކަންވެސް އަހަރެންނަށް އެނގޭ.. އެކަމަކު އަހަރެން ބޭނުން ނުވީ އާސީންގެ ޝައްކުތައް ފިލުވައިދޭން އާސީން.. އަހަރެން އުއްމީދު ކުރަނީ އާސީން އަހަރެންނަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރާނެކަމަށް..” އެއީ އަހަރެން ބޭނުންވި ޖަވާބެއް ނޫނެކެވެ. އަހަރެން އުއްމީދު ކުރީ މިއަށްވުރެއް ބޮޑަށް އައިރް އަހަރެންނަށް ކިޔައިދޭނެ ކަމަށެވެ. އެކަމަކު..
“އާސީން.. އަހަރެން އާސީންއަށް އެއްވެސް އިރެއްގައި ދޮގެއް ނުހަދަން.. އަހަރެންނާއި ބެހޭގޮތުންވެސް އަދި އެހެން ކަމަކާއި ގުޅޭ ގޮތުންވެސް.. އަހަރެންގެ މަންމައަކީ އިންސާނެއް.. އެންމެ ކުޑައިރުއްސުރެއް އަހަރެން ގެންގުޅުނީ މަންމަގެ އާއިލާއިން.. އެމީހުން އަހަރެން ބެލެހެއްޓީ ވަރަށް ރައްކާތެރިކަމާއި އެކު.. އެންމެ ކުޑައިރުއްސުރެއް އަހަރެންނަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެއްކަން އަހަރެންނަށް އެނގޭ.. އެހެން މީހުންނަށް ނުކުރެވޭ އެތައް ކަމެއް ކުރެވޭކަން އަހަރެންނަށް އެނގޭ.. އެކަމަކު އަހަރެން ވަކި ހިސާބަކުން އެހުރިހާ ކަމެއް ކުރުން ހުއްޓާލީ.. ސަބަބަކީ އަހަރެން ބެލެހެއްޓި މީހާ ބުނެފައިއޮތީ އަހަރެންގެ ބާރުތަކުގެ ބޭނުން ކުރާނަމަ އަހަރެންގެ ބައްޕަގެ ފަރާތުން އަހަރެންނަށް ވާރުތަ ކޮށްފައި ހުރި ބާރުތައް ގަދަވެ، އިންސާނުންގެ ތެރޭގައި އަހަރެންނަށް ނޫޅެވިދާނެއޭ.. އަދި ޖިންނިއަކަށް މުޅިން ބަދަލުވެދާނެއޭ.. އަހަރެން އެއްއިރެއްގައިވެސް އެހެން ވާކަށް ބޭނުމެއް ނޫން.. އަހަރެން ބޭނުންވީ އަހަރެންނަށް އެހީވި އަހަރެންގެ މަންމަގެ އާއިލާއަށް އެހީވުމުގައި އަބަދުވެސް ހުންނަން.. އެހެންކަމުން އަހަރެންގެ ބާރުތައް އަހަރެންގެ ހަށިގަނޑުގެ އެންމެ ފުނުގައި ވަޅުލިން.. ދުވަހަކުވެސް އޭގެން ބާރެއްގެ ބޭނުން ނުކުރާނެކަމަށް އަމިއްލައަށް ކަނޑައަޅާ ވައުދުވިން.. އެކަމަކު އާސީން.. އާސީންއާއި ބައްދަލުވި ފަހުން އަހަރެންނަށް އާސީންގެ ދިރިއުޅުން މާ މުހިއްމުވެއްޖެ.. އަހަރެންގެ ހުރިހާ ކަމަކަށްވުރެއް އާސީން މުހިއްމު.. އަދި އަމުދުން ޝައިތާނީ ބާރަކުން އާސީންއަށް ފޯރުވަމުންދިޔަ އުދަގޫތަކުން އާސީން ސަލާމަތް ކުރަން އަހަރެން ކޮންމެހެން ބޭނުންވި” އަހަރެން އައިރްގެ އެ ލިޔުން ކުޑައިރުކޮޅަކަށް ކިޔުން ހުއްޓާލީމެވެ. އައިރްއަށް އަހަރެން އެހާ މުހިއްމު ނަމަ އޭނަ އަހަރެން ދޫކޮށްލާފައި އެދިޔައީ ކީއްވެ ހެއްޔެވެ.
“އާސީން.. އަހަރެން އެންމެ ފުރަތަމަވެސް މަސައްކަތް ކުރީ ބަންޝީލްއާއި ވާހަކަ ދައްކައިގެން އާސީން އެކަމުން ސަލާމަތްވޭތޯ.. އެހެކަމުން އެކަން ކުރުމަށްޓަކައި އަހަރެން މުހައްމަދުފުޅުބެގެ އެހީ ހޯދިން.. ހަނދާން އެބަހުރިދޯ މުހައްމަދުފުޅުބެ.. އެއީ އާސީންގެ ބައްޕަ އެންމެ ފުރަތަމަ އާސީންއަށް ފަންޑިތަ ހެދުމައްޓަކައި އެހީ ހޯދި ފަރާތް.. މުހައްމަދުފުޅުބެއަށް އަހަރެންގެ ހުރިހާ ހަގީގަތެއް އެގޭނެ.. އެންމެ ފުރަތަމަ އެގެއަށް ދިޔަ ދުވަހުވެސް މުހައްމަދުފުޅުބެއަށް އަހަރެންނަކީ ކާކުކަން އެނގުނު.. އަހަރެން ބެލި ބެލުމުން ވަރަށް ގިނަ ކަންތައް އެގުނު.. އަހަރެންނާއި ބަންޝީލްއާއި ހުރި އެއްގޮތް ކަންތައްތަކާއި އެއްގޮތް ނޫން ކަންތައް.. އަހަރެން ބެލި ބެލުމުން އެގުނު ގޮތުން ބަންޝީލްއަކީ އަހަރެންގެ ބައްޕަގެ އާއިލާގެ ޖިންނިއެއްގެ އެހީގައި އުފެދިފައިވާ އެއްޗެއްކަން.. ނާސިރު އޭނަގެ ކަންތައްތަކުގައި ފުރަތަމަ ބޭނުންކުރީ އަހަރެންގެ ބައްޕަގެ އާއިލާގެ ޖިންނިތަކުގެ ތެރެއިން އެއްޗެއްގެ އެހީ.. އޭގެ ފަހުގައި އޭނަ ބަންޝީލް ބޭނުންކުރަން ފެށީ.. އަސްލު މުހައްމަދުފުޅުބެ ހޯދި ހޯދުމުން އެގުނު ގޮތުން އަހަރެންނަކީވެސް ކަނޑުގެ ޖިންނީގެ ނަސްލުގެ މީހެއް.. އަހަރެންގެ ބައްޕައަކީ ކަނޑުގެ ޖިންނިއެއް.. އެހެންކަމުން އަހަރުމެންގެ އެހާ އެއްގޮތް ކަންތައްތަކެއް ހުރީ..” އައިރްގެ އެލިޔުން ކިޔަމުން ވަރަކަށް އަހަރެންނަށް އައިރް ކުރިމަތިން ސިފަވަމުން ދިޔަ ކަހަލައެވެ.
“ބަންޝީލް ބޭނުމެއް ނުވޭ އޭނަގެ ހަގީގަތް އެއްވެސް މީހަކަށް އެނގޭކަން.. އެހެންވެ.. މުހައްމަދުފުޅުބެ މަރާލީ.. އަހަރެންގެ ކުރިމަތީގައި.. އެކަމަކު އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވުނު.. އަހަރެންގެ ބާރުގެ ބޭނުން ކޮށްގެން އޭރު މުހައްމަދުފުޅުބެ ދިޔައީ ބަންޝީލްއާއި ބެހޭގޮތުން މައުލޫމާތު ހޯދަމުން.. އެހެންކަމުން ބަންޝީލް އައިއިރު އަހަރެން ހުރީ ވަރަށް ވީކް ވެފައި.. އެހެންވެ އަހަރެންނަށް މުހައްމަދުފުޅުބެއެއް ސަލާމަތެއް ނުކުރެވުނު.. އެހެން ނަމަވެސް އަހަރެން އާސީންގެ އާއިލާއަށް ގެއްލުމެއް ލިބުނަކަ ނުދެން.. އާސީންގެ ކޮއްކޮއަށް ބަންޝީލް ބާރުފޯރުވީ އަހަރެން އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން.. މުހައްމަދުފުޅުބެ ފަހުން އަހަރެން ހުރިހާ މަސައްކަތެއް ކުރީ ތިއާއިލާ ސަލާމަތް ކުރެވޭތޯ.. އެހެންވެ އަހަރެން ރީހާން ގެންނައީ.. ރީހާން އަކީ އަހަރެންގެ ކުޑައިރުގެ އެކުވެރިއެއް.. މަންމަގެ ފަރާތުން އަހަރެންގެ ކަޒިންއެއް.. އޭނައަކީ މަންމަގެ ބައްޕަގެ ފަރާތުން ހުރިހާ ވައްތަރެއްގެ ސިހުރާއި ހާހޫރައިގެ އިތުރުން ފަންޑީތަ ދަސްކޮށްފައިވާ މީހެއް.. އަހަރެން ރީހާންއާއި ބައްދަލު ކުރުމަށް މެސެޖް ފޮނުވިއިރުވެސް އަހަރެންނަށް އެނގޭ އަހަރެންނަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަން ފެށިކަން.. އާސީން ކައިރިއަށް ދިއުމަށްޓަކައި އަހަރެން ބާރުގެ ބޭނުން ކުރަން ފެށުމުން އަހަރެންގެ ބާރުތައް ވަރުގަދަވާންފެށި.. ނޭނގޭ އެތައް ބާރެއް އަހަރެންގެ ހަށިގަނޑު ތެރޭގައި ފޮރުވިފައިވާކަން އެނގިގެން ދިޔަ.. ރީހާން އައިއިރު އަހަރެންނަކީ ހަމައެކަނި ނަމެއްގައި ހުރި އިންސާނެއް.. އަހަރެންނަށް އާސީންއާއި އެހާ ކައިރިނުވެވެނީ އެހެންވެ..” އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެން ފުހެލީމެވެ. އައިރް އެހުރިހާ ވާހަކައެއް ނުބުނީ ކީއްވެ ހެއްޔެވެ. އެހެން ބުނި ނަމަ އަހަރެންނަށް އައިރްއާއި ދުރައްދާން އެގުނީސްތާއެވެ.
“ރީހާންއަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިދިނުމުން އޭނަ ތިގޭ މީހުންނާއި ވާހަކަ ދެއްކި.. ބަންޝީލްގެ ފަރާތުން އޭރުވެސް މިކަން ފަސޭހަ ނުވާނެކަން އެނގުނު.. އަދި އޭރު ބަންޝީލްއަށް އޮތީ އަހަރެންނާއި ބަންޝީލްއަކީ ކޮންމެވެސް ހިސާބަކުން ތިމާގެ މީހުންކަން އެނގިފައި.. ރީހާން ބެލި ބެލުމުން އެނގުނު ގޮތުގައި އަހަރެންނާއި ބަންޝީލްގެ ބާރުތަކަކީ ވަރަށް ތަފާތު ބާރުތަކެއް.. ކުރުގޮތަކަށް ބުނާނަމަ.. އޭނައަކީ އަލިފާންކަމުގައި ވާނަމަ އަހަރެންނަކީ ފެން.. އޭނައަކީ އަދިރި ކަމުގައި ވާނަމަ އަހަރެންނަކީ އަލި.. ދެމީހުންގެ ބާރު އެހާ ވެސް ތަފާތު.. އޭނައާއި ކުރިމަތިލާން އަހަރެން ބޭނުންނަމަ އަހަރެންގެ ބާރުތަކުގެ ބޭނުން އަހަރެން ކުރަންޖެހޭނެކަން އަހަރެންނަށް އެނގޭ.. އެހެންކަމުން ރީހާންގެ އެހީގައި އަހަރެންގެ ބާރުތަކުގެ ބޭނުން ކުރަންފެށިން.. އެބާރުތައް ބާރުގަދަކޮށް ބަންޝީލް ބަލިކުރެވޭނެ ހުރިހާ ގޮތަކަށް އަހަރެން މަސައްކަތް ފެށިން.. ރީހާން ކިޔަވަން ފެށުމުން ބަންޝީލް އައި ނަމަވެސް އޭނަ އާސީންއާއި ދުރުކުރާކަށް އެއްވެސް ފަސޭހައެއް ނުވާނެކަން އަހަރެންނަށް އެނގޭ.. އަދި އޭނަ އާސީންއާއި ދުރުކުރަން ކުރާ މަސައްކަތުގައި ރީހާންއަށް ގެއްލުންވެ އާސީންގެ ފުރާނައަށްވެސް ގެއްލުން ވެދާނެކަން އަހަރެންނަށް އެނގޭ.. އެހެންކަމުން.. އެއްވެސް މީހަކަށް ގެއްލުން ނުވާނެގޮތް އަހަރެން ހަދަންޖެހުނީ.. އާސީން.. އަހަރެން ކުރިން މިވާހަކަތައް ނުބުނީ އާސީން މިކަމަށް އެއްބަސް ނުވާނެތީ.. އަހަރެން ބަދަލުވަމުން އައި ވާހަކަ ނުބުނީ އަހަރެން އާސީންއަށް ދެރައެއް ދޭން ބޭނުން ނުވާތީ.. އާސީންއަށް ދެރައެއް ދޭވަރަށް ވުރެއް ބޮޑަށް އަހަރެން އާސީންދެކެ ލޯބިވޭ.. އެހެންވެ އަހަރެންނަށް މަޖްބޫރުވީ ބަންޝީލް ގޮވައިގެން އަހަރެންގެ ދުނިޔެއަށް، އަހަރެންގެ ބައްޕަގެ ދުނިޔެއަށް ދާން” އެހާ ހިސާބަށް ދިޔައިރު ކިޔަން އިން ގަނޑު ތެމެން ފެށިއެވެ.
“އަހަރެންނާއި ބަންޝީލް ބަދަލުވާ ވަގުތު އާސީންއަށް ފެންނާނީ ބޮޑު އަލިގަނޑެއްގެ ސިފައިގައި.. އެއީ އަހަރެންގެ ބާރު ބަންޝީލްގެ ބާރުތެރެއަށް ވަންނާނެތީ.. ދެމީހުން އެއްހަށިގަނޑަކަށް ވާތީ.. އެހާ ގިނަ ބާރުތަކެއް އެއްހަށިގަނޑެއްގައި ހިފެހެއްޓުމަކީ ވާނެ ކަމެއް ނޫން.. އެހެންވީމަ ވަގުތުން ބޮމެއް ގޮވާހެން ގޮވައިގެންދާނެ.. އާސީން.. އަހަރެންނަށް ޔަގީނެއްނޫން.. އަހަރެން މިކަމުން ސަލާމަތުން އެބުރި އަންނާނެހެންނެއް.. އަހަރެން ސަލާމަތްވި ނަމަވެސް އަހަރެން ހުންނާނީ އިންސާނެއްގެ ސިފައެއްގައެއް ނޫން.. އަހަރެންނަށް އަހަރެން ހުންނާނެ ސިފައެއްވެސް ނޭނގޭ.. އަހަރެންނަށް އެނގޭ އެއްޗަކީ އަހަރެން ސަލާމަތްވެއްޖެނަމަ އަބަދުވެސް އަހަރެން އާސީންއަށް ބަލާނަންކަން.. އާސީންއާއި އާސީންގެ އާއިލާގެ ރައްކަލަށް އަހަރެން ހުރިހާ ކަމެއް ކުރާނަންކަން.. ރީހާން އާސީންއަށް ދޭ ތަވީދު އަޅައިގެން އުޅޭތި.. ބަންޝީލްގެ އުދަގުލެއް ނުވިޔަސް ފުރަތަމަ ދުވަސްކޮޅު އެހެން ޖިންނިތަކުގެ ޝިކާރައަކަށް ވެދާނެތީ.. އެންޑް އާސީން.. ތިއީ އެކަނިވެރިއެކޭ ނުވިސްނާތި.. އާސީންގެ ލޯބިވާނެ އާއިލާއެއް ލޯބިވާނެ ދޮންބެއެއް އެބަހުރި.. އަދި ޖައިޝް އާސިން ދެކެ ވަރަށް ލޯބިވޭ.. އޭނައަކީ އަސްލު ރަނގަޅު މީހެއް.. އެކަމާއި ކުޑަކޮށް ވިސްނާނެ ކަމަށް އަހަރެން އުއްމީދު ކުރަން.. އާސީންގެ މަސައްކަތުން މިއަދު މަރްޔަމް ނަޝްފާއަށް އިންސާފް ލިބިއްޖެ.. އަދި އޭނަގެ ގާތިލުންނަކީ ކޮބާކަން އެގިއްޖެ.. މިރާއްޖެއަކީ ކިތައްމެ ކުޑަތަނެއް ނަމަވެސް އާސީންމެން ކަހަލަ ކުދިންގެ އެހީ ބޭނުންވާ ކިތައްމެ ބަޔަކު އެބަ އުޅޭ.. އިންސާފް ބޭނުންވާ ކިތައްމެ ބައެއް އެބަ އުޅޭ.. އާސީންގެ ރަނގަޅު ޓީމްއެއް އެބަ އޮތް.. ތި ޓީމްއަށް ނުކުރެވޭނެ ކަމެއް ނެތް” އަހަރެންނަށް ގިސްލެވެން ފެށިއެވެ.
މަޑުމަޑުން އަހަރެން އެލިޔުން ގެނެސް މޭގައި ޖައްސާލީމެވެ. އައިރް އެންމެންނާއި ދޭތެރޭގައި ވިސްނިއިރު އޭނަގެ އަމިއްލަ ނަފްސާއި ދޭތެރެއަކު އެންމެ ފަހަރަކުވެސް ނުވިސްނައެވެ. އަހަރެންނަށްޓަކައި އޭނަ އެވީ ކިހާބޮޑު ޤުރުބާނީއެއް ހެއްޔެވެ. އަހަރެން އަނެއްކާވެސް އެލިޔުން ހުޅުވާލީމެވެ. “އަހަރެން ދިއުމުގެ ކުރިން ފަހުގެ އެހީގެ ގޮތުން މި އެހީ ގަބޫލުކޮށްލާ.. އަބަދުވެސް ކައިރީގައި ހުންނާނެ އައިރް” އެ ލިޔުމުގައި އެންމެ ފަހު ފޮޅުވަތުގައި އެހެން ލިޔެފައި އޮތެވެ. އަހަރެން ސިޓީއުރަ ހުޅުވާފައި ބަލާލިއިރު އޭގައި ޕެންޑްރައިވް އޮތެވެ. އަހަރެން އެޕެންޑްރައިވް އަވަސްކަމާއި އެކު ގޮސް ލެޕްޓޮޕްއަށް ޖަހާލީމެވެ. އޭގެ އިނީ އެންމެ ފޯލްޑަރ އެކެވެ. އަހަރެން އަވަސްކަމާއި އެކު ހުޅުވާލީމެވެ. އޭގައި ހުރި އަދްލީގެ ކޭސްއާއި ބެހޭގޮތުން ޕޮލިހުން މިހުރިހާ ދުވަހު ކޮށްފާ ހުރި މަސައްކަތެވެ. އޭގައި ދެތިން މީހެއްގެ ފޮޓޯއެއް އިނެވެ. އެއީ އަދްލީ އަހަރެންނަށް މައުލޫމާތުތައް ހޯދައިދިން ދުވަހު އިތުރަށް ދިން ދެމީހުންގެ ފޮޓޯއެވެ. އެމީހުންނަކީ ބޮޑު ގޭންގްއަކަށް ނިސްބަތްވާ މީހުންނެވެ. އަދި އެއީ މިނިސްޓަރ ލަތީފް އާއި އެކު ވަރަށް ގިނައިން ފެންނަ ދެމީހުންނެވެ. އެއީ އަދްލީގެ މަރުގެ ކަންތައްތަކުގައި ޕޮލިހުން ސަސްޕެކްޓް ކުރާ މީހާއެވެ. އަހަރެން މަޑުމަޑުން ދެލޯ މަރާލީމެވެ. އައިރްއަށް ހިތުގެ އަޑިން ޝުކުރުއަދާ ކުރެވުނެވެ.
އެދުވަހުގެ ވަގުތުތައް ނިމި އާދުވަހަކަށް އިރުއެރީ އާހިތްވަރެއް އަހަރެންނަށް ދެމުންނެވެ. އާޒުމްތަކަކާއި އެކުގައެވެ. ގަޑިން ހެނދުނު އަށެއް ޖެހިއިރު އަހަރެންގެ ގްރޫޕްގެ މީހުން، އަހަރެންގެ ދޮންބެ އާއި ޖައިޝްގެ އިތުރުން އަހްޝަމް މެން ތިބީ އަހަރެންގެ ގޭ ސިޓިންރޫމްގައެވެ. އަހަރެން އަދްލީގެ ކޭސްގެ ހުރިހާއެއްޗެއް އެމީހުންނާއި ހިއްސާ ކުރީމެވެ. “އަހަރެން އަދްލީއަށް އިންސާފް ހޯދައިދޭން ބޭނުން.. އެކަމަކު މިއީ އަހަރެން އެކަނި ކުރެވޭނެކަމެއް ނޫން. އަހަރެންނަށް ތި މީހުންގެ އެހީ ބޭނުންވޭ” އަހަރެން ސޯފާގައި އިށީނަމުން ބުނެލީމެވެ. “ކޮއްކޮ ބޭނުންވާ ކޮންމެ ކަމެއް ދޮންބެ ކޮށްދޭނަން” ދޮންބެ ބުނެލިއެވެ. “އަހަރެން އަބަދުވެސް އާސީންއަށް އެހީވާނަން” ޖައިޝް ވާހަކަ ދެއްކިއެވެ. “އެނގޭތަ އެއީ ކޮންބައެއްކަން.. މާލޭގައި އޮތް އެންމެ ބޮޑު ގޭންގް މީހުން އެއީ.. އެއީ ނުރައްކާތެރި ބައެއް… ސަރުކާރުގެ އެތައް ބަޔަކާއި ގުޅުން އޮންނަ ބައެއް.. އޮފްކޯޒް.. އައި ވިލް ހެލްޕް ޔޫ” އަހްޝަމް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ.
އިންސާފްއެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެކެވެ. އަދި އެއީ ގިނަފަހަރަށް އެކަނި އުޅެގެން ވާނެ ކަމެއްވެސް ނޫނެކެވެ. އެހެނޭ ކިޔާފައި އެކަމުގައި ފަހަތަށް ޖެހެވޭކަށްވެސް ނެތެވެ. މިއީ ކޮންމެ ރައްޔިތެއްގެވެސް ވާޖިބެކެވެ. ކަމެއް ދިމާވާ ހިސާބަކުން އެމީހެއްގެ އަމިއްލަ ޒިންމާ އުފަލަންޖެހޭނެއެވެ. މުޖުތަމައުއެއް އުފެދެނީ އެންމެ މީހެއް އެކަނި ވެގެންނެއް ނޫނެކެވެ. އެކަމަކު އެންމެން ކުރާ މަސައްކަތުންނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަމާ ހިގާށެވެ. އިންސާފް ނުލިބިފާތިބި މީހުންނަށް އިންސާފް ހޯދައިދޭން މަސައްކަތް ކުރަން ހިނގާށެވެ.
މިއީ ހަމައެކަނި ފުލުހުންގެ މަސައްކަތެއްވެސް ނޫނެކެވެ. މިއީ އާދައިގެ ދެރަ އާއްމު މީހާގެވެސް މަސައްކަތެކެވެ. މިއީ ބޮޑު އޮފީހުގައި އޭސީ ދަށުގައި ބޮޑު ގޮޑީގައި އިންނަ މީހާގެވެސް މަސައްކަތެވެ. ޝަރީއަތް ކުރަން ތިއްބަވާ އިއްޒަތްތެރި ގާޒީންގެވެސް މަސައްކަތެވެ. މިއީ ހަބަރުތައް ހަދަމުން އަންނަ މީޑީއާގެ ވެސް މަސައްކަތެކެވެ. ފުޓްބޯޅައާއި އެކި ކުޅިވަރުތައްކުޅޭ މީހުންގެވެސް މަސައްކަތެކެވެ. މިއީ ތި ކިޔުންތެރިޔާގެވެސް މަސައްކަތެކެވެ. މިއީ އަހަރެންގެވެސް މަސައްކަތެވެ. އެންމެން އަތް ގުޅާލައިފިނަމަ މި ކުޑަ މުޖުތަމައުގައި މިއީ ނުވާނެ ކަމެއް ނޫނެކެވެ. އުދަގޫ ކަމެކެވެ. އެކަމަކު މުހިއްމު ކަމެވެ.
ނިމުނީ
46 Comments!
Comments are closed.




mi vaahaka ah hurihaa kiyun theringe faraathun libunu tharuheebah varah bodah shukuriyya 🙂 hurihaa kiyuntherin nah mibaives kamudhaane kamah heekuran 🙂
V.v.vv.v.salhi…. ekm airu dhw
thnks v bodah shaayan 🙂
Hats off to you writter. Thafaathu molhu creative story eh mee
thnks dear bodu koh 🙂
Fantasy alhe nimmaaleetha???vara furihama..adhiwess mikahala vaahaka e gge inthixaaruga mihuree
thnks dear 🙂 iraadha kureviyya aa vaahaka eh genes dheynan igey 🙂
v nice nimun
thnks dear 🙂
v nice
thnks dear 🙂
Alhe airu alun genainama… ?
asluve dho Airu nethuneema varah dheravi
dhooo .. aslu ves .. fantasy ves v dhera vi airu dhiya eema 🙁 thnks v bodah dear 🙂
Ekamm insaaf hoadhan eheetherivaan airu kahala jinnin ne noollheyey..this life is not a fairytale.We want justice..but in reality no jinns are there to help with it.Only it happened in this story.Because this story is fantasy and not reality.It will be way too much nice if writers write some real true stories instead of fantasy fairytale nuisances.And writing/reading fantasy stories is not acceptable in the islam religion.
Konme meyhakuves masaykay kureyma insaaf libeyne.. konmehen jinnin beynun nukuriyas.. mi storie nimunu thanuga liyefa hurhi ehchis visnaalaafa kiyaalaa eyrah visneyne eh bunaa ehcheh.. mi storie ga inna gotha insaf nulibunas libeytho masaykay kureveyne dho..
ragalhu vaahaka eh hageegah 🙂 me ee fantasy story eh .. fantasyge konme vaahaka akyves fantasy story eh 🙂 ekam konme vaahaka eh ninmaafa evaahaka in msg eh dheyveytho masakkai kuran … ehen kamun konme vaahaka akun ves msg eh libeytho kiyun therin try kuraane kamah heekuran 🙂
v v v reethi.
nimaalamu thidhiny v furihama mesgei
adhi mikahala ehei vaahaka eh kiyaala libeynekama v umeedhukura.
thnks dear a lot 🙂 aa vaahaka eh liyeveytho try kuran eba 🙂
Miee leem v kiyaahithun kee vaahakaeh.. v v reethi adhi ehaa creative mi story.. fantasyge ithuru vaahaka akah v inthizaarukuran…?☺
thnks leem dear bodu koh 🙂
Mi vaahaka varah reethi ekam vaahakaige ninun ehaa kamaku nudhey nishu mi vaahaka abadhu ves kiyany kiyaa hithun unmeedhu kuran mi kahala reethi vaahaka eh adhi kiyaalan libeyne kamah
thnks nishu 🙂 thihaa lobi comment eh koh leema v happy vejje 🙂
The message in the end is awesome.. You rock fantasy.. I read your gaathil story too and it was awesome too… Looking forward for your next story..
thnks xu dear bodu koh 🙂 thi lobi comment ah 🙂
v reethi ekamaku nimun ehaa kamu nudhanee . fantacy ge aa story akah v inthizaaru kuran …………….
thnks dear 🙂 aa vaahaka eh liyeveytho v try kuran 🙂
Varah reethi ninmun.. shykuriyya
thnks dear bodu koh 🙂
Alhey airu hurinama dhww..
E dhemeehun maaa gulheyne.. ♡♡
Hehhe.. luv this story…
thnks dear 🙂 ya airu will be perfect for aaseen 🙂
awwwnñn….? adhi ariu aannnaaneye..heheh n he ll look after aasin…n later aasin will tie de knot with jaish n thr ll get kid…n his name will b airu so that airu remains in aasin’s life….N they lived happily ever after…☺☺☺ THE END
yusss <3
hehehe thnks ken dear 🙂 thts realy nice 🙂 thnks for the lovely comment 🙂
mi waru fenwaru story eh adi nudeken….ekam Aair diyaama sakarai
thnks dear v bodah 🙂
vv reethi…. ithuru vaahakaeh kiyaalan lineynetha? Fantasy!!!!
thnks dear bodu koh 🙂 ya iraadha kureviyya v avahah vaahaka eh genes dheynan igey 🙂
Hitha araa esfiya sitege vaahakatha rate kureveygothe inna namey.eyrun twinkle twinkle little star eh ves dheveyne dho⭐⭐⭐⭐⭐story is nice..but what happened in the story is not real.Maybe I like hageegee story that’s why.It’s good to write real stories happened in real people’s lives.Like that we can progress a lot.?
thnks dear 🙂 v ufaa vejje thihaa lobi comment eh koh leema 🙂 fantasy try kuraana real story eh genes dheveytho 🙂
wow! v reethi..
thnks dear 🙂
vv reethi..hope ehen story eh fennane kamah 🙂
Airr.. ???
hi. When are you planning to post a new story? U know it’ll be a hit if you get these printed. I like your old crime stories a lot. Im sure lot of people would buy
Airu dhiyaama v kada… Alhe insaaneh ge gothuga huri nama