Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 11, 2016 7 Mins Read
17 Comments

ވާހަކަ ދައްކާ ނިމުނު އިރުވެސް މީރާ އިނީ މަލާކް ގައިގައި ބައްދާލައިގެންނެވެ.

“ސޮރީ މީރާ، އެނގޭ މިވާހަކަ ދެއްކީމަ މީރާ ދެރަވާނެ ކަން، އެކަމަކު މަލާކްގެ—” މީރާގެ އަތުގައި ފިރުމާލަމުން ތާނިޔާ ދައްކަން އުޅުނު ވާހަކަ މީރާ މެދު ކަނޑާލިއެވެ.

“ކުރިންވެސް އަހަރެންގެ ފެމިލީއަކީ ތީ… ތާނީގެ މަންމައާ ބައްޕަ އެއީ އަހަރެންގެވެސް މަންމައާ ބައްޕަ… މަލާކްގެ ފެމިލީއަކީވެސް ތީ… އަހަރެން ބޭނުން ހުރިހާ އެއްޗެއް ތި ފެމިލީ އިން އަހަންނަށް ލިބޭ… އިތުރު އެއްޗެއް އަހަންނެއްވެސް އަދި މަލާއެއްވެސް ބޭނުމެއް ނުވޭ… ސޯ ޕްލީޒް ތާނީ، ދެން ތިވާހަކަ ނުދައްކާ” ތާނިޔާގެ އަތުގައި ހިފާ ފިތާލާފައި މީރާ ލޮލުން އައި ކަރުނަ ފޮހެލިއެވެ. ތާނިޔާ ބޯޖަހާލީ މީރާގެ އެދުމަށް އެއްބަސް ވުމުގެ ގޮތުންނެވެ.

ވަޒީފާގައި އުޅޭ ވަގުތު މީރާއަށް ވެގެން ދިޔައީ ހިތާ ސިކުނޑީގައިވާ ޚިޔާލުތަކާ ދުރަށް ދެވޭ ވަގުތުތަކަކަށެވެ. ފުރަތަމަ ތިން ދުވަހު މީރާއަށް ޖެހުނީ ހަމައެކަނި މަސައްކަތް ދަސް ކުރާށެވެ. އެއީ ކުރާ ހިތްވާ ކަމަކަށް ވާތީ އެކަން މީރާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ޑިޕާޓްމެންޓްގެ ބޮޑުމީހާ އޮފީހަށް ނުނިކުންނާތީ އޮފީހުގެ އެހެން މުވައްޒަފުންނާއެކު ހޭދަކޮށްލާނެ ވަގުތުވެސް މީރާއަށް ލިބެއެވެ.

އޮފީހަށް ދާން ފެށިތާ ތިންވަނައަށް ވީ ދުވަހު މީރާއަށް ލިބުނު ހަބަރަކީ މީރާގެ ބޮސް ބަލިވެގެން ސިންގަޕޫރަށް ދިޔަ ހަބަރެވެ. އެކަމާ މީރާ ކަންބޮޑެއް ނުވެއެވެ. މީރާއާ ނާއިޒް މަސައްކަތް ކުރާ ޑިޕާޓްމެންޓްގެ ބޮޑު މީހާ ނެތް ނަމަވެސް މަސައްކަތް ކުރަން އުނދަގޫ ނުވާތީއެވެ. އަދި އެފަރާތާ އަދި މީރާ ބައްދަލު ވެފައިވެސް ނުވާތީއެވެ.

ނަމަވެސް ސިކުންތުކޮޅަކަށް މީރާގެ ހިތް ހުއްޓުނު ވަގުތެއް އެދުވަހު އައެވެ. އެއީ ސައިގަޑިއެވެ. ސައި ކޮޓަރީގައި ސައިބޯން ތިބި ގިނަ މީހުން ދަމުން ގޮސް އޭރު ތިބީ ތަންކޮޅެއް ލަހުން އާދެވުނު މީރާއާ ހަސްނާއާ ލުބްނާގެ އިތުރުން ނާއިޒްއާ ސަލަފްއެވެ.

“އަޅެ، އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟” ވިސްނުމެއްގައި އިނދެފައި އަހާލާހެން ހަސްނާ އަހާލިއެވެ.

“ބުނެބަލަ” ލުބްނާ ހަސްނާއަށް ބަލާލިއެވެ.

“އަހަރެން ހިތަށް އަރަނީ ސަރއަށް ކިހިނެއް ބާއޭ ވީ… ވަރަށް ބަލި ވެގެން ނޫނީ ސަރ ދުވަހަކުވެސް އޮފީހަށް ނައިސް ނުދާނެ، މިފަހަރު އަދި ސިންގަޕޫރަށް އެދިޔައީ… ހަމަ ހިތަށް އަރަނީ ސަރއަށް ކިހިނެއް ވީބާއޭ އަނެއްކާ…” ހަސްނާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

ސައި ބޮއެ ނިމިގެން ނާއިޒްއާ އެކީ ތެދުވި ސަލަފް އެވަގުތު އެތިން އަންހެން ކުދިންނަށް ބަލާލިއެވެ.

“ސަރ އަބަދުވެސް އުޅެއެއްނު ބެކްބޯންގެ ކޮންމެސް މައްސަލައެއްގަ؟ ފްރައިޑޭ ނައިޓްގަ ސައިކަލުން ވެއްޓިގެން ބުރަކަށީގަ މާބޮޑަށް ރިއްސާތީ އެހެންވެ އެ ދިޔައީ. އަހަންނަށްވެސް އެނގުނީ ރޭގަ، ރާހިލްސަރގެ ކޮއްކޮ ފެނިގެން އަހާލީމަ އޭނަ ބުނީ” ސަލަފް ބުންޏެވެ.

އެވަގުތު ސަލަފްގެ ޖުމްލަ އަޑު އަހާފައި މީރާ ކުއްލިއަކަށް ކޮށިއެރިއެވެ. ލުބްނާ މީރާގެ ބުރަކަށީގައި ދެފަހަރަކު ޖަހާލިއެވެ. ސަލަފްވެސް މީރާއަށް ބަލާލާފައި ނާއިޒްއާ އެކީ ނިކުތެވެ.

“ކިހިނެއް ތިވީ؟” ހަސްނާ އަހާލިއެވެ.

“ރާހިލްސަރއޭ؟” ވާހަކަ ދެއްކޭ ވަރު ވުމުން މީރާ އަހާލިއެވެ. އޭރުވެސް މީރާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ.

“އާނ، ރާހިލް ސަރ. އަދި ކިރިޔާ ދޯ މީރާއަށް ސަރގެ ނަން އެނގުނީ؟” ލުބްނާ އަހާލިއެވެ.

“ކިހިނެއް… ކިހިނެއް ހުންނަނީ؟” މީރާ އަވަސް އަވަހަށް އަހާލިއެވެ.

އެވަގުތު ލުބްނާއާ ހަސްނާ އެކަކު އަނެކަކަށް ބަލާލިއެވެ. މީރާއަށް ނުފެންނާނެ ހެން ލުބްނާ އެއްލޯ މަރާލާފައި ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ސަރ ދޯ…! އޭޖް ހީވަނީ ފިފްޓީސް ގަހެން އުޅޭނީ، ދެން… އެހާ ދިގެއް ނުވާނެ… ކަޅުވާނެ، ބޯވެސް ހުންނާނީ ބުޅިކޮށް…” ލުބްނާ ކިޔާދިނެވެ.

ހިފަހައްޓައިގެން އިން ނޭވާ މީރާއަށް ދޫކޮށްލެވުނެވެ. އަވަސްވެފައިވާ ހިތުގެ ތެޅުން މަޑުމަޑުން ހަމައަކަށް އެޅުނެވެ. އަވަސްއަވަހަށް ކޮފީތަށި ހުސްކޮށްލާފައި މީރާ ސައިކޮޓަރިން ނިކުމެގެން ގޮސް މޭޒު ކައިރީ އިށީނެވެ. އަދި ދަބަހުން ޕަރސް ނަގާ އޭގައި އިން ފޮޓޯއަކަށް ބަލަން ފެށިއެވެ.

“ކީއްވެ ލުބްނާ މީރާއަށް ދޮގު ހެދީ؟ އެއޮއް ސަޅި ރާހިލް ސަރގެ އިމޭޖް މީރާއަށް މުސްކުޅިއެއް ގޮތަށް ކީއްވެ ތި ކިޔާދިނީ؟” މީރާ ދިޔުމުން ހަސްނާ ލުބްނާއާ ސުވާލު ކޮށްލިއެވެ.

“އެއީ މީރާއަށް ސަޕްރައިޒް އެއް ދޭން ވެގެން. އޭރުން ރާހިލް ސަރ އަންނަ ދުވަހު މީރާއަށް ފެންނާނީ ނުލާހިކު ހޭންޑްސަމް މީހެއް، މީރާ ހީވެސް ނުކުރާނެ އެއީ ރާހިލް ސަރ ކަމަކަށް. އެދުވަހަކުން މީރާ ރިއެކްޓް ކުރާ ގޮތެއް ބަލާލަން އަހަރެން ބޭނުން ވަނީ” ލުބްނާ ވާހަކަ ދެއްކީ ހިނިއައިސްފައި އިނދެއެވެ.

“ސާބަސް!” ހަސްނާއަށްވެސް އެސަމާސާ ކަމުދިޔައެވެ.

“ހަސްނާއަށް އެނގޭތަ؟ އަހަރެން ހިތަށް އަރަނީ ރާހިލް ސަރ އާ މީރާ ވަރަށް ގުޅޭނެޔޭ” ވިސްނާލަމުން ލުބްނާ ބުނެލިއެވެ.

“ލުބްނާ ހިތަށް އަރާ އެއްޗެހި ދޯ! އަހަންނަށް ހިއެއް ނުވޭ ސަރއަށް މީރާ ކަމުދާނެ ހެނެއް. ރާހިލް ސަރގެ ސައިކަލު ފަހަތުން މީރާ ކަހަލަ ކުދިންނެއް ނުފެންނާނެ. އެހެން ނޫނަސް އަހަންނަށް އެދެމީހުންނެއް އެހާ ނުގުޅޭ” ހަސްނާގެ ޚިޔާލު ލުބްނާއާ ތަފާތެވެ.

“ކިހިނެއް ނުގުޅޭ ވާހަކަ ތިބުނީ” ލުބްނާ އަހާލިއެވެ.

“ދެން… ބަލާބަލަ ސަރ ކިހާ ދިގު؟ ސަރ ކައިރީގަ ހުންނަ އިރު މީރާ ހީވާނީ ކުޑަކުއްޖެއް ހެން… ސަރގެ ކޮނޑާ ހަމައަށް ކިރިޔާ މީރާގެ ބޯ އަރާނީ” ހަސްނާއަށް އެވާހަކަ ވަރަށް ކަމުދިޔައެވެ.

“ހައިޓް އެއީ މައްސަލައެއް ނޫނޭ، ދެ މީހުންގެ މިޒާޖު ވަރަށް މެޗް ވާނެ، ފްރެންޑްލީ، މީހުންނާ ގުޅޭ، ނުލާހިކު އޯޕަން…” އެހިސާބުން ހަސްނާ ލުބްނާގެ ވާހަކަ މެދު ކަނޑާލިއެވެ.

“ސަރ އެހާ ފްރެންޑްލީ، އެހާ އޯޕަން އިރު ކީއްވެ އަދިވެސް މެރީ ނުކޮށް އެހުންނަނީ؟ މީރާ… މީރާގެ އެއްވެސް ޕަރޒަނަލް ކަމެއް އަހަރުމެންނަށް އެނގޭތަ؟ ދެން އޭނަ ކިހިނެއް އޯޕަން ވާހަކަ ތިބުނީ؟ ފްރެންޑްލީ ކަން ގަބޫލު ކުރަން، އެކަމަކު…” ހަސްނާ ބޭނުންވީ އެސުވާލުތަކުގެ ޖަވާބެވެ.

“ދެން ސާބަސް! ދިމާ ވިތާ ވީކެއް ނުވާއިރު ހަސްނާ ކިޔާދޭނަންތަ ހަސްނާގެ ޕަރޒަނަލް ހުރިހާ ވާހަކައެއް؟ އަހަރުމެންނާ އެކީ ގިނަ ދުވަސް ވެލީމަ މީރާ ކިޔާދޭނެ… ދެން ސަރ، އެއީ ފިރިހެނެކޭ، އަދި މެރީ ނުކޮށްގެން ލަސް ވެއްޖެތަ؟” ލުބްނާ އަހާލިއެވެ.

“ލަހެއް ނޫންތަ؟ މިދިޔަ ޖުލައިގަ ސަރއަށް އެވީ ތަރޓީ ޓޫ އިޔަރސް” ހަސްނާ ބުންޏެވެ.

“ވެދާނެއެއްނު ސަރ މެރީ ކުރަން ބޭނުންވާ ކުއްޖަކާ އަދި ދިމާ ނުވަނީ ކަމަށް؟” ލުބްނާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“ދެން އެންމެ ރަނގަޅު. ސަރގެ ވާހަކަ ހުއްޓާލާ. ލުބްނާއަށް އެނގޭތަ؟ މީރާގެ ކުއްޖެއް ހުރޭ” ހަސްނާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

“އެހެންތަ؟ ކިހިނެއް ހަސްނާއަށް އެނގުނީ؟” އެއީ ލުބްނާއަށް އާހަބަރެކެވެ.

“އިއްޔެ ފޯނެއް އައިސްގެން ދަރިފުޅާއޭ ކިޔާފަ ކޮންމެސް ވާހަކައެއް މީރާ ދެއްކި އަޑު އަހަންނަށް އިވުނީ. އަހާލަން އުޅެފަވެސް މީރާ އަމިއްލައަށް ނުބުނާތީ އަހާކަށް ނުކެރުނު” ހަސްނާ ޖަވާބު ދިނެވެ.

“އަޅާނުލާ. ވަގުތު ޖެހުނީމަ އޭނަ އަމިއްލައަށް ބުނާނެ އަދި. ހިނގާ ދާން، މާލަސްވެސް ވެއްޖެ، މިހެން ގޮސިޕް ކުރަން ތިއްބާ ޒަކީ ސަރ ނޫނީ އަސްލަމް ސަރ އަހަރުމެން ހޯދަން އުޅެފިއްޔާ އޮންނާނީ ހުރިހާ ކަމެއް ވެފަ” ލުބްނާ ތެދުވަމުން ބުންޏެވެ. ހަސްނާވެސް ލުބްނާގެ ފަހަތުން ނިކުތެވެ.

މާލޭގައި މަހެއްހާ ދުވަސް ވީއިރު މަލާކްވެސް މާލެއަށް ހޭނުނެވެ. ކަންކަމާ ބޮޑާ ހޭކުން ހުއްޓާލާ މަލާކްގެ މިޒާޖު ކުރިންވެސް ހުންނަ މަޖާ ލޯބި ގޮތަށް ބަދަލު ވާން ފެށިއެވެ. މީރާވެސް މަގުމަތިން ފެންނަ ކޮންމެ މީހެއްގެ މޫނަށް ބެލުމުގެ އާދަ ދޫވިއެވެ. ވަޒީފާގައި ހަމަޖެހިލާ މާލޭގެ މާހައުލަށް އާދަ ވާން ފެށިއެވެ. ޝިހާދްއާ ތާނިޔާއާ ޒައިކްއާ އެކު ޝިހާދްގެ އާއިލާގެ އެހީގައި އެކުވެރިން ގިނަވާން ފެށިއެވެ.

މީރާއަށް ފުރަތަމަ މުސާރަ ލިބުނު ދުވަހެވެ. މީރާ ބޭނުންވީ ގެޔަށް ދާއިރު މަލާކްއާ އަދި ގޭ އެހެން ކޮންމެ މީހަކަށްވެސް ކޮންމެވެސް ހަދިޔާއެއް ގަނެގެން ދާށެވެ. އޮފީސް ގަޑި ނިމެން ކައިރިވެފައި ހުއްޓާ މީރާ އެވާހަކަ ދެއްކީ ހަސްނާއާ ލުބްނާއާ ބަސްމާ ގާތުގައެވެ.

“އެންމެ ގިނަ ވައްތަރުގެ އެއްޗެހި އެންމެ ކައިރިން ގަންނަން ލިބޭނީ ކިހާ ހިސާބަކުން؟” މީރާ އަހާލިއެވެ.

“ކިހިނެއްވީ؟ މިއަދު މާބޮޑު ޝޮޕިންގް ލިސްޓެއް އޮތީތަ؟” ދެތިން ފިހާރައެއްގެ ނަން ބުނެފައި ބަސްމާ އަހާލިއެވެ.

“ނޫނޭ، ހިތަށް އެރީ ދަރިފުޅަށާ ގޭ އެހެން މީހުންނަށްވެސް ކޮންމެސް އެއްޗެއް ގަނެގެން ދާން، ފަސްޓް ސެލެރީ ލިބުނީމަ އެންމެންނަށް ހަދިޔާ ދޭން ވާނެއެއްނު؟” މީރާ ބުންޏެވެ.

“ދަރިފުޅޭ؟ މީރާގެ ކުއްޖެއް ހުރޭތަ؟ މެރިޑްތަ؟” ބަސްމާ އަހާލިއެވެ. ހަސްނާ ލުބްނާއަށް ބަލާލާފައި އެއްލޯ މަރާލިއެވެ.

“އާނ، އަންހެން ކުއްޖެއް އެބަހުރި އަހަރެންގެ، މަލާކް” ހީލާފައި މީރާ ބަސްމާ ކުރި ދެސުވާލުން ފުރަތަމަ ސުވާލުގެ ޖަވާބު ދިނެވެ.

“ހަޒް ކޮބާ؟ މިހާ ދުވަސް ވީއިރުވެސް ނުވެސް ފެނޭ، ދޭތެރެއަކުން މީރާ ބަލާ އަންނަނީވެސް ޅިޔަންބެ… ކޮން އިރަކުން ދެން އަހަރުމެންނަށް މީރާގެ ފެމިލީ ފެންނާނީ؟” ހަސްނާ އަހާލިއެވެ.

“ބޭނުން ދުވަހަކުން ހަސްނާމެން އަހަރުމެން ގެޔަށް އަންނަންވީ، އޭރުން ފެމިލީއާ މީޓް ވާނެ، އެކަމު އަދި މިކޮޅުގަ ތިބީ ފެމިލީގެ އެއްބައި، އެންމެން ހަމަ ވާނީ އަދި ދުވަސްކޮޅެއް ފަހުން… ދެން ތާނީ އެއީ ސިސްއޭ ބުންޏަސް އަސްލު ސިސްއެއް ނޫން، އެއީ… އަސްލު އަހަރެންގެ އުމުރުން ދިހަ އަހަރުން ފެށިގެން އަހަރެން ގެންގުޅުނީ ތާނީގެ މަންމައާ ބައްޕަ، އެމީހުންގެ އަމިއްލަ ދަރިއެއް ހެން، އެހެންވެ ތާނީއަކީ ސިސްއޭ މިބުނަނީ، އަސްލުގަ އެއީ އަހަރެންގެ ބެސްޓް ފްރެންޑް. ދެން އަވަހަށް ދުވަހެއް ސެޓްކޮށްލާފަ ގެޔަށް އާދޭ، އޭރުން މިކޮޅުގަ ތިބި މީހުންނާ މީޓް ކޮށްދޭނަން” މީރާ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔާދީފައި މީރާމެން ގެޔަށް އައުމަށް ރައްޓެހިންނަށް ދައުވަތު ދިނެވެ.

އެފަހަރުވެސް ފިރިމީހާއާ ބެހޭ ގޮތުން ކުރި ސުވާލަށް މީރާ ގަސްތުގައި ޖަވާބު ނުދިނީއެވެ. އެކަން ހަސްނާމެންނަށް ފާހަގަ ކުރެވުނު ނަމަވެސް އިތުރު ސުވާލެއް ނުކުރީ މީރާ އެވާހަކަ ދައްކަން ބޭނުން ނުވާކަން ވިސްނުމުންނެވެ.

ދުވަހަކީ ހަފްތާގެ ފަހު ދުވަސް ކަމުން މީރާމެންނަށް ނިކުމެވޭ ވަރުވީ އެހެން ދުވަސްދުވަހަށް ވުރެން ތަންކޮޅެއް ލަހުންނެވެ. އޮފީސް ނިމުމުގެ ކުރިން އަސްލަމް އައިސް ރާހިލް ބޭހަށް ފަހު ރާއްޖެ އައި ވާހަކައާ އާދީއްތަ ދުވަހުން އޮފީހަށް ނިކުންނާނެ ވާހަކަ މީރާ ގާތު ބުންޏެވެ.

އެދުވަހު މީރާއަށް ގެޔަށް ދެވުނީ ފަސްގަޑި ބައިވާން އުޅެނިކޮށެވެ. ގޭ ކޮންމެ މީހަކަށްވެސް ކޮންމެވެސް އެއްޗެއް ގަނެގެން ދިޔުމުން ތާނިޔާ ޝަކުވާ ކުރީ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތަކެއް މީރާ ކުރުމުންނެވެ.

“އެނގެޔޭ ކޮންމެހެން އެއްޗެހިތަކެއް ގަންނަން ނުޖެހޭކަން، އެކަމަކު މީ އަހަރެން ހަމަ ދޭހިތުން ދޭ އެއްޗެކޭ، ދެން ޝަކުވާ ނުކޮށް ހިފާބަލަ…” ޝިހާދްއަށް ގަތް ގަމީހާ، ތާނިޔާއަށް ގަތް ފޮތިގަނޑާ، ޒައިކްގެ ގަމީހާ ޖީންސް ތާނިޔާ އަތަށް ދެމުން މީރާ ބުންޏެވެ.

“މަންމީ، މަލާއަށް ކޮބާ؟” މީރާގެ އުނގުގައި އިން މަލާކް އެވަގުތު އަހާލިއެވެ.

“މިއޮތީނު މަންމަގެ ދޫނިގެ ހަދިޔާ” ކޮތަޅުން މަލާކްގެ ހެދުން ނަގާ މަލާކްގެ ގައިގައި ޖައްސާލަމުން މީރާ ބުންޏެވެ.

އާދީއްތަ ދުވަހު މީރާ ބޭނުންވީ ތަންކޮޅެއް އަވަހަށް އޮފީހަށް ދާށެވެ. ކުރީ ދުވަހު ލުބްނާ، ރާހިލްސަރ ދިހަވަރަކަށް މިނަޓް ކުރިން އޮފީހަށް އަންނަ ވާހަކަޔާ، އެއީ ވަގުތަށް ވަރަށް ސަމާލުވާ މީހެއް ކަމަށް ބުނެފައި ވާތީ މީރާ ބޭނުންވީ ސަރއާ ފުރަތަމަ ބައްދަލުވާ ދުވަހު ތަންކޮޅެއް ކުރިން ގޮސް އެކެބިން ތަރުތީބު ކޮށްލާ މީރާގެ މޭޒުވެސް ސާފުކޮށްލާށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެދުވަހު ފުރަތަމަ ފަހަރަށް މީރާ ގަޑި ޖެހުނެވެ.

އަށްގަޑި ބައިވީ އިރަށް މީރާ ގެއިން ނިކުންނަން އުޅެނިކޮށް މީރާއާ ސަލާން ކޮށްލަން ވެގެން ދުވެފައި އައި މަލާކް ކައްސާލައިގެން ވެއްޓުނު ގޮތުން މުށިތައް މަތީ ބޯޖެހި މަލާކް ރޯން ފެށިއެވެ. މީރާ އަވަހަށް ގޮސް މަލާކް ނަގާ އުރާލިއެވެ. ޒައިކްއަށް ކާންދޭން އިން ތާނިޔާވެސް ޒައިކް އުރާލައިގެން އައެވެ.

“އައިސް އަޅާލަނިކޮށް ރަނގަޅު ވެދާނެ” މަލާކްގެ ނިތްކުރިމަތީގައި އެއްފަރާތުން ދުޅަވެ ރަތްވެފައި ހުރި ހިސާބު ފެނުމުން ތާނިޔާ ބުންޏެވެ. އަދި އެތެރެއަށް ވަނުމަށް މީރާ ގާތު ބުނެފައި ޒައިކް ސޯފާގައި ބައިންދާފައި އައިސް ކިއުބް ޓްރޭ ހިފައިގެން އައިސް ދެތިން ކިއުބް ނައްޓާލާފައި މީރާ އަތަށް ދިނެވެ.

“މަލާއަށް ކިހިނެއް ވީ؟” މަލާކް ރޯއަޑަށް ކޮޓަރީގައި ހުރި ޝިހާދްވެސް ނިކުމެ އަހާލިއެވެ.

“ވެއްޓުނީ” ތާނިޔާ ކުރު ޖަވާބެއް ދިނެވެ.

މަލާކް ރުއިން ހުއްޓާލާ ހަމަޖެހިލުމުން މީރާއަށް އޮފީހަށް ދާން ނިކުމެވުނު އިރު ވަރަށް ލަސްވެއްޖެއެވެ. މީރާ ގެންގޮސްދޭން މަޑުކޮށްގެން ހުރި ޝިހާދްވެސް ދިޔައީ ޝިހާދް ގަޑި ޖެހިދާނެތީ މީރާ ދާށޭ ކިޔަން ފެށުމުންނެވެ. ހިނގުނު އެންމެ ބާރަށް ހިނގާފައި މީރާއަށް އޮފީހަށް ދެވުނު އިރު ނުވަގަޑި ހަތަރު މިނަޓް ހިނގައިފިއެވެ.

“ކީއްވެ ލަސްވީ މީރާ؟ އަހަރެން ހީކުރީ މީރާ މިއަދު އަދި އަވަހަށް އަންނާނެ ކަމަށް” މީރާ ފެނުމާއެކު ހަސްނާ އަހާލިއެވެ.

“އަވަހަށް އަންނަން އުޅުނީމޭ، އެކަމު އަހަރެން ނިކުންނަން އުޅެނިކޮށް މަލާ ވެއްޓިގެން ލަސްވީ” މީރާ ވީގޮތް ކިޔާދިނެވެ.

“އަޅޭ، ކަމެއް ވިތަ؟ ކޮންތަނަކަށް ތަދުވީ؟” ހަސްނާއަށް އަހާލެވުނެވެ.

“ނިތްކުރި ޖެހުނީ، އެކަމަކު މިހާރު ރަނގަޅު” މީރާ ޖަވާބުދިނެވެ.

“އެހެންތަ؟ އާނ… ދެން އަވަހަށް ދޭ، ރާހިލްސަރ މިހާރު ދެފަހަރު އަހައިފި އާ ޕީއޭ ކޮބާތޯ؟” ހަސްނާ އެވަގުތު ރިންގްވި ފޯން ނަގަމުން މީރާއަށް ބުންޏެވެ.

ހާސްވެފައި ހުރެ މީރާ އަވަސްއަވަހަށް މޭޒު ކައިރިއަށް ގޮސް ދަބަސް ބާއްވާފައި “ސީއޭއޯ” ޖަހާފައި އިން ކެބިންގެ ދޮރުމަތީ އިރުކޮޅަކު ހުއްޓި ހުރެފައި އެކެބިންގެ އެތެރެ ނުފެންނަ ބިއްލޫރިގަނޑާ މޫނު ކައިރި ކޮށްލިއެވެ. ނަމަވެސް އެތެރެއިން އެއްޗެއް ނުފެނުމުން ފަހަތަށް ޖެހިލާ ޓަކި ޖަހާލާފައި ދޮރު ހުޅުވާލަން އުޅެނިކޮށް ފަހަތުން ލުބްނާ ގޮވާލިއެވެ.

“މިފައިލް ގެނެސްދޭށޭ ދެންމެ ސަރ ބުނީމަ މިއައީ، ހިނގާ” މީރާއާ އަރާ ހަމަވުމުން ލުބްނާ ބުންޏެވެ. އަދި ދޮރު ހުޅުވާލާފައި މީރާއަށް ވުރެ ކުރިން އެތެރެއަށް ވަނެވެ.

“ރާހިލް ސަރ، މިއޮތީ ފައިލް” މޭޒުމަތީ ފައިލް ބާއްވަމުން ލުބްނާ އެހެން ބުނުމުން ރާހިލް ބޯޖަހާލަމުން ކިޔަން އިން ލިޔުންތައް އެފަރާތަށް ޖައްސާލާފައި ލުބްނާ ގެނައި ފައިލް ހުޅުވާލިއެވެ.

“ސަރ، މީ ސަރގެ ނިއު ޕީއޭ، މީރާ” ލުބްނާގެ ފަހަތުގައި ހުރި މީރާގެ އަތުގައި ހިފާ ކުރިއަށް ގެންނަމުން ލުބްނާ ރާހިލްއަށް މީރާ ތައާރަފް ކޮށްދިނެވެ. އަދި އިސްޖަހާލާފައި އެދެމީހުންނަށް ނުފެންނާނެހެން ހީލާފައި އަވަހަށް އެތަނުން ނިކުތީ ރާހިލް ފެނުމުން މީރާ ހައިރާން ވާނެކަން އެނގޭތީއެވެ. އެދުވަހު ހަސްނާއާ ލުބްނާ މީރާއަށް ރާހިލް ސިފަކޮށްދިން ގޮތާ އަސްލު ރާހިލް ތަފާތުވުމުން މީރާ ހަދާނެ ގޮތެއް ބަލާލަން އެތާ ހުންނަ ހިތް ވީ ނަމަވެސް އެވަގުތު ލުބްނާ ބޭރަށް ނިކުތީ އެދެމީހުންނަށް ވީ ގޮތަކާ ބެހޭ ގޮތުން މީރާއާ ފަހުން ސުވާލު ކުރުމަށް ނިންމައިގެންނެވެ.

ނަމަވެސް މީރާއާ ރާހިލްއަށް އެކަކު އަނެކަކު ފެނުމުން އެދެމީހުންނަށް ވީ ލުބްނާއާ ހަސްނާ ހީކުރި ގޮތެއް ނޫނެވެ.

އަހަރުތަކަކަށް ފަހު ހީވެސް ނުކުރާ ގޮތަކަށް ބައްދަލު ވުމުން މީރާއާ ރާހިލްއަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

“މީރާ…؟” މިނަޓެއްހާ އިރު ފަހުން ލޮލަށް ފެންނަ ފެނުމާމެދު ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ރާހިލް ގޮވާލީ ގޮނޑިން ތެދުވެފައެވެ.

ދެންވެސް މީރާއަށް އެއްޗެއް ނުބުނެވުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ.

“މީރާ… މީރާ… އަހަރެން…” ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކުއްލިއަކަށް އެގޮތަށް ބައްދަލު ވުމުން ބުނާނެ އެއްޗެއް ރާހިލްއަކަށް ނުވިސްނުނެވެ.

މީރާއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނީ އަދިވެސް ރާހިލްއަށް ބަލަން ހުރެއެވެ.

“މީރާ…” ރާހިލް އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ދައްކަން ބޭނުން އެތައް ވާހަކައެއް ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައިރުވެސް މީރާގެ ނަން ފިޔަވާ އިތުރު އެއްވެސް ބަހެއް ރާހިލްގެ ދުލާ ހަމައަކަށް ނައެވެ.

ރާހިލް މީރާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު މީރާ އަނެއް ފަރާތަށް އެނބުރި އެކެބިންއިން ނިކުމެގެން ގޮސް މޭޒު ކައިރީ އިށީނެވެ.

ހައަހަރު ކުރީގެ ހަނދާންތައް އެވަގުތު މީރާ ވަށާލިއެވެ. ފުރަތަމަ ރާހިލްއާ ދިމާވި ގޮތުން ފެށިގެން ރާހިލްއާ ވަކިވާން ޖެހުނު ހިތްދަތި ދުވަހެވެ. މީރާ ރުއި ރުއިމެވެ. ނަމަވެސް ވާން ހުރި ގޮތަށް ކަންތައް ވެ ނިމުނީއެވެ. ރާހިލް މީރާއާ ވަކިވީއެވެ. މީރާގެ ދިރިއުޅުމާ ދުރަށް ދިޔައީއެވެ.

ރާހިލްގެ ވަކިވުމަށް ފަހު މީރާގެ ދިރިއުޅުން ހުއްޓުނު ކަހަލައެވެ. އެތައް ދުވަހެއް ވަންދެން މީރާ ރޮއެ ހިތާމަ ކުރިއެވެ. ރާހިލް އެނބުރި އާދޭތޯ ދުޢާކުރިއެވެ. ނަމަވެސް މާޔޫސްކަމާ ހިތްދަތިކަން ފިޔަވާ އިތުރު އެއްޗެއް މީރާއަކަށް ނުލިބުނެވެ.

އެހަނދާންތަކާއެކު މީރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފެށިއެވެ. މީރާ ނުރޯން މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު ނުވުމުން އެންމެ ފަހުން މޫނުގައި އަތްއަޅާފައި ރޯންފެށިއެވެ. މީރާ އިންނަނީ އެހެން މޭޒުތަކާ ނިވާވެފައި ވާ ހިސާބެއްގައި ކަމުން އެމަންޒަރު އެހެން މީހަކަށް ނުފެނެއެވެ.

އިރުކޮޅަކު ރޯން އިނދެފައި މީރާ މޫނު ފޮހެލިއެވެ. ދަބަސް ހިފައިގެން ގޮސް މީރާ ލުބްނާގެ މޭޒު ކައިރީ މަޑުކޮށްލިއެވެ. އެވަގުތު ފޯނެއްގައި އިން ލުބްނާ މީރާގެ ރަތްވެފައިވާ ލޮލާ، ތެމިފައިވާ އެސްފިޔަތަކާ، ކަރުނައިގެ އަސަރު ނުފިލާ ހުރި މޫނަށް ބަލާލާފައި އަވަހަށް ފޯން ބޭއްވިއެވެ.

“މީރާ، ކިހިނެއްވީ؟” ލުބްނާ ތެދުވެފައި މީރާގެ ކޮނޑުގައި ހިފާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދައްތަ

Next

އާވާރާކަން (ތިންވަނަބައި)

Next
August 11, 2016

އާވާރާކަން (ތިންވަނަބައި)

Previews
August 11, 2016

ދައްތަ

17 Comments!

  1. Mar Sha Marsha says:
    August 11, 2016 at 10:45 am

    ސަލާމް ހުރިހާ ކުދިން… ދެވަނަ ބައި ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ… ތިންވަނަ ބައި އިރާދަ ކުރެއްވިއްޔާ އާދީއްތަ ދުވަހުން ގެނެސްދޭނަން..

  2. sabeeha says:
    August 11, 2016 at 11:00 am

    vv nice story…

  3. Saadhu says:
    August 11, 2016 at 11:01 am

    Hama vvv reethi

  4. Laara says:
    August 11, 2016 at 11:17 am

    Story v salhi

  5. Mishfau says:
    August 11, 2016 at 11:20 am

    V reethi, nimunu iruves neygunu,. Ehaa kiyaa hithun indhaa nimunee. Waiting for the next part.

  6. Loom says:
    August 11, 2016 at 11:22 am

    Wow… Interesting 🙂

  7. Azu says:
    August 11, 2016 at 11:40 am

    Wow…..haadha reehchey…waiting for next part…avahah up kohdhehchey…..

  8. Nis says:
    August 11, 2016 at 11:55 am

    vvvV.Reethi

  9. Hooo says:
    August 11, 2016 at 1:31 pm

    Varah reethie.

  10. miny says:
    August 11, 2016 at 1:39 pm

    varah salhi. waiting for the next episode

  11. aff says:
    August 11, 2016 at 2:04 pm

    reethi..

  12. ninaa says:
    August 11, 2016 at 2:11 pm

    Varah reethi. Waiting for the next part.

  13. RaM says:
    August 11, 2016 at 2:20 pm

    V salhi

  14. Abraaau says:
    August 11, 2016 at 3:01 pm

    Ehcheh nei thaaku mives ok

  15. ninaa says:
    August 11, 2016 at 3:46 pm

    V reethi . waiting for the next part

  16. dhona says:
    August 12, 2016 at 5:59 am

    hdjob Marsha Derlin

  17. Mar Sha Marsha says:
    August 14, 2016 at 10:39 am

    Thnx alll.. part 3 itukolhakun up vaane.. ?

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 3←


All Right Reserved!