
ނޭނގޭހެ ހާދަ ލޯބިވޭ 1
ގެޔަށް ވަން ގޮތަށް އަތުގައި އޮތް ފައިލް ކުޑަމޭޒުމަތީ ބައްވާފައި މީރާ ސޯފާއަށް ވެއްޓިގަތެވެ. ބޭނުންވި ވަޒީފާ ލިބުނު ނަމަވެސް ހިތުގައިވި ހާސްކަން އަދިވެސް ފިލައިގެން ނުދެއެވެ. ސޯފާގައި ލެނގިލައިގެން ލޯމަރާލައިގެން އޮވެ ފުންކޮށް ދެތިން ނޭވާ ލެވުމުން އެހާސްކަން ކޮންމެވެސް ކުޑަވިހެން މީރާއަށް ހީވިއެވެ. ނަމަވެސް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ކޮޓަރިން ނިކުތް މަލާކްއަށް މީރާ ފެނުމާއެކު ދުވެފައި އައިސް މީރާގެ އުނގަށް އެރިއެވެ. މަލާކްގެ ފަހަތުން ކުޑަކުޑަ ޒައިކްވެސް އައިސް މީރާ ގައިގައި ހިފައިގަތެވެ.
“މަންމި އައީތަ؟ މަލާ ބޭނުމީ ގެޔަށް ދާން، ކޮން އިރަކުން ގެޔަށް ދާނީ؟” މާލެ އައިސް މިވީ ދެ ހަފްތާ ތެރޭ، ފަސް އަހަރުގެ މަލާކް އެސުވާލު ކުރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.
“ދަރިފުޅާ، މިއޭ މިހާރު ގެޔަކީ، މީ ދޮންތަމެންނާ މަލާއާ މަންމިގެ ގެޔޭ މިހާރު” ދެކުދިން ނަގާ އުނގަށް ލަމުން ފުން ނޭވަޔަކާ އެކު މަލާކް އެސުވާލު ކުރާ ކޮންމެ ފަހަރަކު މީރާ ދޭ ޖަވާބު އަނެއްކާވެސް ދިނީ ކެތްތެރިކަމާ އެކުއެވެ.
“އައީތަ ތި؟ ކިހިނެއްވީ؟ ޖޮބް ލިބުނުތަ؟” މަލާކްއާ މީރާގެ އަޑަށް ތާނިޔާ ކޮޓަރިން ނިކުމެ އަހާލިއެވެ.
“އާނ، ޖޮބް ލިބިއްޖެ. ސަންޑޭއިން ފެށިގެން ނިކުންނަން ޖެހޭ” ހީލަމުން މީރާ ތާނިޔާއަށް ޖަވާބު ދިނެވެ.
“އޯހް… ދެން ތި ނިމުނީ! އިރާދަ ކުރެއްވިއްޔާ މިއަދު ޝިހާދްއަށްވެސް ޖޮބް ލިބޭނެ. އޭރުން ދެން ހަމަ ޖެހުނީ.” ތާނިޔާ އައިސް މީރާ ކައިރީ އިށީނެވެ.
“ހަމައެއް ނުޖެހޭނެއެއްނު؟ މަލާ އަދިވެސް ބޭނުން ވަނީ ގެޔަށް ދާން ވިއްޔަ، ދޯ ދޫނީ؟” މަލާކްގެ ބޮލުގައި ބޮސްދެމުން މީރާ ބުންޏެވެ.
“ރަނގަޅު ވެދާނެ އަދި ދުވަސްކޮޅަކުން. އެމީހުންވެސް މަންމަމެން ކިހާ މިސްވާނެ؟ މަންމަމެންވެސް އައި ނަމަ އެހާވަރުން ގެޔަށް ދާކަށް ނުކިޔާނެ ކަންނޭނގެ… ދޯ؟” ތާނިޔާ މީރާގެ އުނގުގައި އިން ޒައިކް ނަގާ އުރާލަމުން އެހެން ބުނި އިރު އެމޫނުމަތިން ތާނިޔާވެސް މަންމަމެން މަތިން ހަނދާން ވާކަން އެނގެން ހުއްޓެވެ.
“ދެރަ ނުވެބަލަ ތާނީ، ގިނަ ދުވަސްތަކެއް ނުވެ މަންމަމެންވެސް އައިސްދާނެ…” މީރާވެސް މަންމަމެން މަތިން ހަނދާން ވީ ނަމަވެސް އެކަން ސިއްރު ކޮށްލަމުން ތާނިޔާގެ އަތުގައި ހިފާލާފައި މީރާ ބުންޏެވެ. ތާނިޔާ މީރާއަށް ބަލާލާފައި ބޯޖަހާލިއެވެ. “މަންމަ ގުޅިތަ މިއަދު؟” މީރާ އަހާލިއެވެ.
“އާނ، މީރާ ދިޔަތަނާ ގުޅީ، އަހަރުމެން ނެތީމަ ފޫހިވެފަ މަންމައާ ބައްޕަވެސް… ބުނީ މަލާއާ ޒައިކް ނެތީމަ ގޭތެރެ މުޅިން ފަޅު ވެއްޖެޔޯ. އަދި ބުނި އަހަރެން އަޔަސް މީރާ މަޑުކުރި ނަމައޭވެސް. އަސްލުވެސް ވަރަށް ފޫހި ވާނެ މަންމަމެން ދޯ؟ ވަރަށް ދެރަވޭ އަންނަން ޖެހުނީމަ، އަދި އަލަށް ވިއްޔަ މަންމައާ ވަކިން އައިސް މިއުޅެނީ… އެކަމަކު ކީއް ކުރާނީ…؟ ޝިހާދްއަށް ދެން ހަމަ އެހެން ގޮތެއް ނޯންނާނެއެއްނު؟ އޭނަވެސް ބޭނުން ވާނެ ދޯ އޭނަ މަންމަ އެހާ ބަލި އިރު ކައިރީގަ ހުންނަން…؟” ތާނިޔާގެ މޫނުމަތިން ކުލަ އޮއްސުނެވެ.
“މިއަދު ނުދަންތަ ޝިހާދް މަންމަ ކައިރިއަކަށް؟” މީރާ އެހިއެވެ.
“ޝިހާދް އައިމަ ދާންވީ، ދެން ޝިހާދްވެސް އައިސްދާނެ ކަންނޭނގެ ދޯ؟ ދާންވީ އެހާ އިރަށް ފެންވަރާލަން. މީރާ ދާންވީނުން ސައި ބޯން؟ ދިޔައީވެސް އެއްޗެއް ނުކައި، ހުންނާނެ ކުޅި ރިހަ ކައްކާފަ” ތާނިޔާ ބުންޏެވެ.
“ތާނީ ދޭ އިހަށް ފެންވަރަން. ޝިހާދްވެސް އައިމަ އެންމެން އެކީ ސައި ބޯނީ. އެހާ އިރަށް ހިނގާ މިތިބަ ދެމީހުންނަށް އެއްޗެއް ދެވޭތޯ އުޅެން” މީރާ ސޯފާއިން ތެދުވަމުން ބުންޏެވެ.
“ތިދެމީހުންވެސް ކައިގެން އެތިބީ ހަމަ ދެންމެ. މީރާ ޗޭންޖް ކޮށްގެން އާދޭ، އޭރުން އަހަރެން ދާނަން ފެންވަރަން” ތާނިޔާވެސް ތެދުވެފައި ބުންޏެވެ.
“މިއަދު އަހަރެންވެސް ޝިހާދްމެން ގެޔަށް ދާނަން އިނގޭ ތާނީމެންނާ އެކީ” މީރާ ކޮޓަރިއާ ދިމާއަށް ދަމުން ބުންޏެވެ.
ޝިހާދް ގެޔަށް އައީ ބާރަ ޖަހަން އުޅެނިކޮށެވެ. ގެޔަށް ވަން އިރު ޝިހާދްގެ މޫނުމަތީގައިވި ހިނިތުންވުމުންވެސް ވަޒީފާ ލިބިއްޖެކަން ތާނިޔާއަށް އެނގުނެވެ.
އެދުވަހުގެ މެންދުރު ކެއުމަށް ފަހު ތާނިޔާއާ ޝިހާދްއާ ޒައިކްއާ އެކީ މީރާއާ މަލާކްވެސް ޝިހާދްގެ މަންމައަށް ގޮވާލަން ދިޔައެވެ. އެގޭގައި ތިބެފައި ހަތަރެއް ޖެހުމުން މީރާ މަލާކް ގޮވައިގެން ނިކުތީ އާދީއްތަ ދުވަހު އޮފީހަށް ނިކުންނަން ވާއިރަށް ބޭނުންވާނެ ބައެއް އެއްޗެހި ގަނެލުމަށެވެ.
ބާރަ އަހަރު ވަންދެން އެހެން ގައުމެއްގައި އުޅެފައި އައުމުން މީރާއަށް މާލޭގެ މަގުތައް ވަރަށް ބީރައްޓެއްސެވެ. މާލެ އައި ފަހުން މިވީ ދެހަފްތާ ތެރޭގައި މީރާއަށް ދަސްވީ ހަމައެކަނި އުޅޭ ގައިން ޝިހާދްމެން ގެޔަށް ދާށާ، ގެއިން މަޖީދީމަގަށް ނިކުންނަން އެކަންޏެވެ.
މަޖީދީމަގުން އެކިއެކި ފިހާރަތަކަށް ވަންނަމުން ދިޔައިރު މީރާއަށް މަގުމަތިން ފެންނަ މީހުންގެ މޫނަށް ބެލެނީ ގަސްތުގައެއް ނޫނެވެ. ހަ އަހަރު ކުރިން މީރާއަށް ގެއްލުނު އެސޫރަ ފެނިދާނެހެން ހީވާތީ ކޮންމެ މޫނަކަށްވެސް ބެލެނީއެވެ. ހިތުގައި ކުރެހި ބިންވަޅު ނެގިފައިވާ އެސޫރަ ހޯދުން އެއީ މަގްސަދު ނޫން ނަމަވެސް އަބަދުވެސް އެސޫރަ ދެކިލުމަށް ހިތް އެދޭތީ ހޯދެނީއެވެ.
މީރާއާ މަލާކްއަށް ގެޔަށް އާދެވުނު އިރު އޮއްސިއްޖެއެވެ. އަވަސްއަވަހަށް ނަމާދު ކޮށްލައިގެން މީރާ ބެލީ މަލާކްއަށް ކާން ދެވޭތޯއެވެ. މާލެ އައި ފަހުން މަލާކްއަށް ކާންދިނުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. ކުރީގައި އެހާ ފަސޭހަ ކަންތައްތައް މިހާރު ކުރަން މީރާއަށް އުނދަގޫ ވަނީ މަލާކް ބޮޑާ ހާކާތީއެވެ. ގެޔަށް ދާން ބޭނުން ވެގެންނާ، މާމަ ކައިރިއަށް ދާން ކިޔާފައެވެ. ކެއުމަށް ދެކޮޅު ހަދައެވެ. ނުނިދަންވެސް އެހާ ބޮޑާ ހާކައެވެ.
އުމުރުން ވީ ފަސް އަހަރުގައި އުޅުނު ތަން ބަދަލުވީކަން މަލާކްއަށް ނުވިސްނެނީއެވެ. އަބަދު “ގެޔަށް ދާން” ކިޔާ ބޮޑާހާކަނީ އެހެން ވެއެވެ.
މަލާކްއަށް ކާންދީ ނިމުނު އިރު އަށެއް ޖަހަނީއެވެ. މީރާ އިޝާ ނަމާދު ކޮށްލައިގެން މަލާކް ފެންވަރުވާފައި ނިންދަވަން އުޅެނިކޮށް ތާނިޔާ ގުޅާފައި ނުވައެއް ޖަހާ އެހާކަންހާ އިރު ގެޔަށް ދާނެ ވާހަކަ ބުންޏެވެ.
މަލާކް ނިންދަވަން ބާއްވާފައި މީރާ މަލާކް ކައިރީ އޮށޯވެގެން އޮތް އިރު އެކިއެކި ކަންކަމާ ވިސްނަމުން ދިޔައެވެ.
މީރާގެ އުމުރުން އެންމެ ދިހަ އަހަރުގައި މަންމަ ނިޔާ ވުމުން މީރާގެ ދޮންބައްޕައާއި ދޮންބައްޕަގެ ދެކުދިން މީރާއާ މެދު ކަންތައްކުރާ ގޮތް އެނގޭ ކިތަންމެ ބަޔަކު ތިބި ނަމަވެސް މީރާގެ ދިފާޢުގައި އެއްޗެއް ބުނެ ކަމެއް ކުރީ ހަމައެކަނި ތާނިޔާގެ މަންމައާއި ބައްޕައެވެ.
ފަސް އަހަރު ވަންދެން ތާނިޔާމެން ގޭ ބައެއްގައި ކުއްޔަށް އުޅެފައި އެގެ ދޫކޮށް ދިޔަތާ އަހަރެއް ފަހުން މީރާއާ ތާނިޔާ ބައްދަލުވީ ގްރޭޑް ހައެއްގައި އެއްކްލާހަކަށް ދިޔުމުންނެވެ. މީރާގެ މަންމަ ދުނިޔޭގައި ހުރި އިރު، ތާނިޔާމެން ގޭގައި މީރާމެން އުޅުނު އިރުވެސް ނައީމުއާ ނައީމުގެ ދެކުދިން މީރާއާ މެދު ކަންތައް ކުރާ ގޮތް ތާނިޔާގެ މަންމަމެންނަށް ވަނީ ފެނިފައެވެ. ތާނިޔާއާ މީރާއަކީ އެއް އުމުރުގެ ދެކުދިންނަށް ވެފައި، އެދެކުދިންނަކީ ރަހުމަތްތެރިންނަށް ވުމުން އެއްކުއްޖަކު އަނެއް ކުއްޖެއްގެ ގެޔަށް ގޮސް އުޅޭތީއާ މީރާ އެވާހަކަތައް ތާނިޔާއާ ހިއްސާ ކުރާތީ ޝަފީގުއާ ނަދީމާއަށް އެކަންތައްތައް އެނގެނީއެވެ.
ނަހާރު ނިޔާވި ކަން ތާނިޔާއަށް އެނގުނީ އެއް ކްލާހުން ދެކުދިން ދިމާވި ފަހުންނެވެ. ނައީމުއާ ފަޒީންއާ ފިޒާނާގެ ކަންތައް ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމާ، އޭގެ އިތުރުން ފަޒީން މީރާއަށް ކުރާ އުނދަގުލުގެ ވާހަކަ އެނގުމުން ތާނިޔާ އެވާހަކަ ނަދީމާ ގާތު ބުނީ އެގޯނާއިން މީރާ ސަލާމަތް ކުރުމަށް އެދޭތީއެވެ.
ފަޒީންގެ އުނދަގޫ މާބޮޑު ނުވަނީސް މީރާއަށް އެކަމުން ސަލާމަތް ވެވުނީ ތާނިޔާގެ ސަބަބުންނެވެ. ނަދީމާއާ ޝަފީގު އައިސް ފުރަތަމަ މަސައްކަތް ކުރީ ނައީމުއަށް ވިސްނައިދެވޭތޯއެވެ. މީރާއާ މެދު ރަނގަޅަށް ކަންތައް ކޮށްދިނުމަށާ، ފަޒީންގެ ކިބައިން މީރާއަށް ހިމާޔަތް ހޯދައިދިނުމަށް އެދި ޝަފީގް ވާހަކަ ދެއްކުމުން ނައީމު އައީ ރުޅިއެވެ. އެވާހަކަ ގަބޫލު ކުރުމަށްވެސް ދެކޮޅު ހެދިއެވެ. އެންމެ ފަހުން ޝަފީގުއާ ނަދީމާ ދިޔައީ މީރާ ގޮވައިގެންނެވެ. އަމިއްލަ ދަރިއެއް ފަދައިން އެ ޔަތީމު ކުއްޖާ ގެންގުޅޭނެ ކަމަށް ވަޢުދު ވަމުންނެވެ. އެކަމާ ނައީމު ދެކޮޅެއް ނަހަދައެވެ. ނައީމު ދެކުނު ގޮތުގައި އޭނަގެ ބޮލުގައި އެޅިފައި އޮތް ބުރައަކުން ސަލާމަތް ވެވުނީއެވެ.
އެއަހަރު ނިމުމާއެކީ ތާނިޔާގެ އާއިލާއާ އެކީ މީރާވެސް އިންޑިޔާއަށް ދިރިއުޅުން ބަދަލު ކުރީ ދޫކޮށްފައި ދެވޭ އެއްވެސް އެއްޗަކާމެދު ހިތުގައި އެއްވެސް ބުރައެއް ނެތިއެވެ.
ހިޔާލުތަކުގެ ތެރެއިން މީރާއަށް ނިކުމެވުނީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ނިދިފައި އޮތް މަލާކްގެ ކައިރީގައި ބާލީސްތައް އަތުރާލާފައި މީރާ ނިކުތެވެ.
ހަފްތާ ބަންދު ދެދުވަސް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އާދީއްތަ ދުވަހު ހެނދުނު މީރާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއްގެ ތެރޭ އޮއްވާ މަލާކް ގޮވާލުމުންނެވެ. ފަހުން ހަނދާން ކުރަން އުޅެއުޅެވެސް މީރާއަށް ހުވަފެނުގައި ވީގޮތެއް ހަނދާނެއް ނސުވިއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި މީރާގެ ހިތް ބިރުގަންނަން ފެށިއެވެ. ސައި ހަދަން އުޅެފައި މީރާ އެވާހަކަ ތާނިޔާ ގާތު ބުންޏެވެ.
“ތާނީ، މިއަދު ފާޑެއްގެ ގޮތެއް ވަނީ…” ރޮށި ދަމަން ހުރެފައި، މީރާއާ އެކު ރޮށި ފިހަން ހުރި ތާނިޔާއަށް ގޮވާލާފައި މީރާ ބުންޏެވެ.
“ކިހިނެއްވީ؟ އަނެއްކާ ބަލި ވީތަ؟ ހުން އައީތަ؟” ދޭފަތް ބާއްވާފައި އައިސް ތާނިޔާ މީރާގެ ނިތްކުރީގަޔާ ކަރުގައި އަތް ޖައްސާލިއެވެ.
“ނޫން… ބަލި ވީކީ ނޫން… ފާޑަކަށް ހިތް ބިރު ގަންނަނީ… ހެނދުނު ހޭލެވުނީ ފާޑެއްގެ ބިރުވެރި ހުވަފެނެއްގެ ތެރޭ އޮއްވާ މަލާ ގޮވީމަ، އެކަމު ހުވަފެނުގަ ވީ ގޮތެއް ހަނދާނެއް ނެތް… ތާނީ، މިއަދު ހިތަށް އަރަނީ އޮފީހަށް ނުދާން، ކީއްވެ ކަމެއް ނޭނގެ…” މީރާ ވާހަކަ ދެއްކި އިރު އެއަޑުގައި ހާސްކަން ވިއެވެ.
“ފުރަތަމަ ދުވަސް ވީމަ ނަރވަސް ވަނީ ދޯ؟ އެހާ ކަންބޮޑު ނުވެބަލަ…” ތާނިޔާ ހީލަމުން މީރާގެ އަތުގައި ހިފާލާފައި ބުންޏެވެ.
“އެހެން ކަންނޭނގެ ދޯ… ކޮފީއެއް ބޯލަނިކޮށް ރަނގަޅު ވެދާނެ ކަންނޭނގެ. ޒައިކް ނުހޭލާތަ؟” ހަމަޖެހިލަން މަސައްކަތް ކުރަމުން މީރާ ވާހަކަ ބަދަލު ކޮށްލިއެވެ.
“ފަތިހު ހޭލައިގެން އުޅެފަ ހަތެއް ޖަހަނިކޮށް ނިދާފަ އެބައޮތް” ތާނިޔާ ރޮށިފިހެ ނިމުމުން އުނދުން ނިއްވާލާފައި ރޮށިތަށި ހިފައިގެން ނިކުތެވެ.
މަލާކްއަށް ސައި ދީފައި މީރާ ފެންވަރައިގެން ތައްޔާރު ވެގެން ނިކުތް އިރު ޝިހާދް ސައިބޮއެގެން ތެދުވަނީއެވެ.
“މީރާ ރެޑީތަ؟ ހިނގާ ދާން، އަހަރެން މީރާ ޑްރޮޕްކޮށްލަދީފާނަން” މީރާ ފެނުމުން ޝިހާދް ބުންޏެވެ.
“ތޭންކްސް، ޝިހާދް ހާދަ ރަނގަޅޭ…” މީރާ އަނެއްކާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. އަދިވެސް އެއްފަހަރު ލޯގަނޑު ކުރިމަތީ ހުއްޓި، ލައިގެން ހުރި ކަޅުކުލައިގެ ދިގު ކުރުތާ ތިރިއަށް ދަމާލާފައި އެނދުމަތީ އޮތް ދަބަސް ހިފައިގެން ނިކުމެ ތާނިޔާ ކައިރީ އިން މަލާކް އުރާލިއެވެ.
“މަންމި އަންނަން ދެން ދޮންތަގެ ބަސް އަހައިގެން ހުންނައްޗެ އިނގޭ ދަރިފުޅާ” މަލާކްގެ މޫނުގައި ބޮސްދީފައި މީރާ ބުންޏެވެ. މަލާކް ބޯޖަހާލުމުން އަލުން ގޮނޑީގައި ބައިންދާފައި މީރާ ޝިހާދްއާ އެކީ ނިކުތެވެ.
މީރާ އޮފީހަށް ވަދެގެން އައިއިރު ކުރީ ދުވަހު ދިމާވި ހަސްނާއާ އަދި އެހެން ތިން ކުއްޖަކު ރިސެޕްޝަން ކައިރީގައި ތިއްބެވެ. އެކުދިން ފެނުމުން މީރާ ހީލާފައި މަޑުކޮށްލިއެވެ.
“މީރާ،” ހަސްނާ މީރާއަށް ގޮވާލާފައި ދެން ތިބި ތިން ކުދިން ތައާރަފް ކޮށްދިނެވެ. އަދި މީރާގެ މޭޒު ދައްކާލަން ހިނގާށޭ ބުނެފައި މީރާ ގޮވައިގެން އެތެރެއަށް ދިޔައެވެ.
ނަންބޯޑެއް ހަރުކޮށްފައި ހުރި ބިއްލޫރި ދޮރަކާ އަރާ ހަމަވުމުން ހަސްނާ މަޑުކޮށްލިއެވެ. ކެބިންގެ ބޭރުގައި ބޮޑު ހުސްޖާގައެއް އޮތް އިރު ދޮރު ކައިރީގައި ބޮޑު މޭޒެއް ހުއްޓެވެ. ކޮމްޕިއުޓަރެއް ފިޔަވާ އޭރު އެމޭޒު ހުރީ ހުހަށެވެ.
“މީ މީރާގެ މޭޒު، މީ މީރާގެ ބޮސްގެ ކެބިން” ފުރަތަމަ މޭޒަށް، ދެން ދޮރަށް އިޝާރާތް ކޮށްލަމުން ހަސްނާ ބުނެދިނެވެ. މީރާ ބޯޖަހާލާފައި ދޮރުގައި އިން ނަންބޯޑަށް ބަލާލިއެވެ. ވަކި މީހެއްގެ ނަމެއް ނެތް ނަމަވެސް “ސީއޭއޯ” އިނގިރޭސި އަކުރުން ޖަހާފައި އިނުމުން އެއީ މީރާ ވަޒީފާއަށް އެދުނު ޑިޕާޓމެންޓްގެ އެންމެ އިސް ފަރާތް ކަން މީރާއަށް އެނގުނެވެ.
“މީރާ އިށީނދޭ…” މޭޒުގެ އަނެއް ފަރާތުގައި ހުރި ހުސް ދެ ގޮނޑިން އެއްގޮނޑީގައި އިށީންނަމުން ހެވިފައި ހަސްނާ ބުންޏެވެ. މީރާ ދަބަސް މޭޒުގެ އެއްފަރާތުގައި ބަހައްޓާފައި އިށީނެވެ.
“އަސްލު ސަރ ވަރަށް ގަޑިއަށް ފަރުވާތެރި ވާނެ، އާންމުކޮށް އަންނާނެ ދިހަ ވަރަކަށް މިނަޓް ކުރިން، އެކަމަކު މިއަދު ތަންކޮޅެއް ލަސް ވެއްޖެ…” ހަސްނާ އެކުވެރި ރާގެއްގައި ވާހަކަ ދައްކަމުން ދިޔައެވެ.
“ކޮން ނަމެއްތަ ސަރއަށް ކިޔަނީ؟” މީރާ އަހާލިއެވެ.
“މީރާ ތިއުޅެނީ ސަރއަށް ނަމުން ކިޔަންތަ؟” ހެމުން ހަސްނާ އަހާލިއެވެ. ނޫނެކޭ ބުނެ މީރާވެސް ހިނިއައިސްފައި ދެފަރާތަށް ބޯހަލުވާލިއެވެ. “އަސްލު މިތަނުގަ އެންމެ ތިން މީހުންނަށް ސަރ ކިޔާނީ، އެއީ އަސްލަމް ސަރ އާ ޒަކީ ސަރ އާ—” ހަސްނާއަށް އެވަރަށް ބުނެވުނު އިރަށް މީރާގެ މޭޒުމަތީ ހުރި ފޯން ރިންގް ވިއެވެ.
“ހަލޯ؟” ހަސްނާ ފޯން ނެގިއެވެ. އަދި އެކޮޅުން ދެއްކި ވާހަކަ އަޑު އަހާފައި ހަމައެކަނި އާއެކޭ ބުނެފައި ފޯން ބޭއްވިއެވެ. “ސަރ މިއަދު ބަލި ވެގެން ނާދެވޭނެ ވާހަކަ ބުނަން ދެންމެ ގުޅީޔޯ، ކިހާ ދެރަ ދޯ؟ މީރާއާ މީރާގެ ބޮސްއާ މިއަދު ދިމާ ނުވީ ދެންމި… އަސްލު އިންޓަރވިޔު އޮތް ދުވަހުވެސް މީރާއާ މީރާގެ ކުރިން އައި ކުއްޖާއާ އެކަނި ސަރ އާ ދިމާ ނުވަނީ، ކުއްލިއަކަށް ކަމެއް ދިމާ ވެގެން އެދުވަހު ސަރ ދާން ޖެހުނީ… އެކަމަކު ދެން ދިމާ ވާނެތާ ދޯ؟ މިއަދު މީރާގެ މަސައްކަތް ބުނެދޭން އަންނާނެ ލުބްނާ” ހަސްނާ އެހެން ބުނި އިރަށް ދިގުކޮށް ދޮންކޮށް ހުރި އަންހެން ކުއްޖަކު އައިސް މީރާގެ މޭޒު ކައިރީ މަޑުކޮށްލިއެވެ.
“މީރާ؟ ހާއި، އަހަންނަކީ ލުބްނާ” ސަލާމަށް މީރާއަށް އަތް ދިއްކޮށްލަމުން އެކުވެރި ހިނިތުންވުމަކާއެކު ލުބްނާ ތައާރަފްވެލިއެވެ. މީރާވެސް ހީލަމުން ލުބްނާއާ ސަލާން ކޮށްލިއެވެ.
“މަސައްކަތްތައް ބަލާލުމުގެ ކުރިން ހިނގާ ދޯ އެކީގަ ވަރކް ކުރާ ކުދިންނާ އިންޓްރޮޑިއުސް ވެލަން؟ ނޫނީ ހަސްނާ މިހާރު އެކަން ނިންމާލައިފިންތަ؟” ލުބްނާގެ މިޒާޖުގައިވާ އެކުވެރިކަން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް މީރާ ދެނެގަތެވެ.
“ނޫނޭ، ސަރ އައުމުގެ ކުރިން މީރާއަށް މީރާގެ މޭޒާ ސަރގެ ކެބިން ދައްކާލަން އުޅުނީ، އެކަމު މިއަދު ސަރ ނާންނަންޏާ އެކަން ފަހަށް ބާއްވާފަ ހިނގާ އިންޓްރޮޑަކްޝަން ފަށަން” ހަސްނާ ގޮނޑިން ތެދުވަމުން ބުންޏެވެ. މީރާވެސް ތެދުވެ އެދެކުދިން ފަހަތުން ދިޔައެވެ.
އެއޮފީހުގައި މަސައްކަތް ކުރާ އަށާރަ މުވައްޒަފުންގެ ތެރެއިން ފަނަރަ މީހުންނާ އެދުވަހު މީރާ ބައްދަލުވިއެވެ. ވިހެއުމާ ގުޅިގެން ޗުއްޓީގައި ހުރި އަންހެން ކުއްޖަކާ، އޮފީސް ދަތުރެއްގައި ލަންކާގައި ހުރި ފިރިހެން މުވައްޒަފަކާ، އަދި މީރާގެ ޑިޕާޓްމެންޓް ހެޑް ފިޔަވާ ހުރިހާ އެންމެންނާ ބައްދަލުވެ އެކުވެރިކަން އުފެދުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ފުރަތަމަ ދުވަސް ހޭދަވީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. ހަތަރެއް ޖެހުމުން މީރާއާ ހަސްނާއާ ބަސްމާއާ ލުބްނާ އަދި ޝެރީން ބޭރަށް ނިކުތީ އެކީގައެވެ. އޭރު ތާނިޔާ ބުނެގެން މީރާ ބަލާ ޝިހާދް އައިސް ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ.
“އެއީ ހަޒްތަ؟ ނޫނީ ބޯއިފްރެންޑްތަ؟” ޝިހާދް މީރާއަށް ހަނާ އަޅާލުމުން ބަސްމާ މީރާގެ ކޮނޑުގައި ޖަހާލާފައި ސަމާސާ ރާގަކަށް އަޅާލިއެވެ.
“ނޫން ނޫން… އެއީ އަހަރެންގެ ސިސްގެ ހަޒް…” ހީގެންފައި ދެފަރާތަށް ބޯ ހަލުވަމުން ބުނެލިއެވެ.
“އެހެންތަ؟ ސޮރީ، ނޭނގޭނެއެއްނު؟ އޯކޭ ބާއި” ބަސްމާ ބުނެލިއެވެ.
ގެޔަށް ގޮސް އެދުވަސް ހޭދަވި ގޮތް މީރާ ތާނިޔާއަށް ކިޔާދިނީ ކާން ތިބެފައެވެ.
“މަނަމަ ތެދަށް ނުބުނެ އަޅާނުލާ ހުންނާނީ” ޝިހާދް ފެނުމުން ބަސްމާ ކީ އެއްޗެއް ތާނިޔާ ގާތު ބުނުމުން ހީގެންފައި ތާނިޔާ ބުންޏެވެ.
“އެއީ ކީއްވެ؟” ހެވިފައި އިނދެ މީރާ އަހާލިއެވެ.
“އޭރުންނެއްނު އޮފީހުގަ ތިއުޅޭ ފިރިހެން ކުދިން މީރާއާ ދުރުދުރުން އުޅޭނީ، އަހަންނަށް އެނގެޔޭ އޭގެން މީހަކު މީރާ ފަހަތުން އުޅެން މީރާ ބޭނުން ނުވާނެކަން” ތާނިޔާ ސަމާސާ ރާގަކަށް ބުންޏެވެ. ނަމަވެސް މީރާގެ މޫނުން އެވަގުތު ފާޅުވީ ނުތަނަވަސްކަމެވެ. އެއާއެކު ވީގޮތް ތާނިޔާއަށް ވިސްނުނެވެ.
“މީރާ…” ތާނިޔާ މީރާގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. އެއާއެކު މީރާ އުނގުގައި އިން މަލާކް ގައިގައި ބާރަށް ބައްދާލުމާއެކު ލޯމަރާލިއެވެ. ތާނިޔާ ގޮވާލި ރާގުންވެސް އޭނަ ދައްކާނީ ކޮން ވާހަކައެއްކަން މީރާއަށް އެނގޭތީއެވެ.
“އަހަރެން އަދިވެސް ބުނާނީ އޭނަ ހޯދަން ޓްރައި ކޮށްލާށޭ، މީރާ ބޭނުން ވާތީކީ ނޫނޭ، މަލާއަށް ޓަކާ… އަދި ވިސްނާލަބަލަ މީރާ. ޝިހާދް ކައިރީ ބުނެގެން ބަލާލެވިދާނެ… ހޯދިދާނެ…” ތާނިޔާ ވާހަކަ ދެއްކީ މަޑުންނެވެ. އެވާހަކައިގެ ސަބަބުން މީރާއަށް ވާނެގޮތް އެނގި ހުރެއެވެ. މީރާ ހިތްހަމަ ނުޖެހޭނެކަން، އަދި ރުޅިވެސް އައިސްދާނެކަން އެނގިހުރެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ އެއީ ކަމުގައި ތާނިޔާ ދެކޭތީއެވެ.
“ތާނީ، އަހަރެން އޭނަ ހޯދަން މަސައްކަތެއް ނުކުރަންތަ؟ ކިހާ ވަރަކަށް އަހަރެން އޭނަ ހޯދަން އުޅުނީ؟ ތާނީވެސް މަންމަމެންވެސް މަސައްކަތް ކުރިއެއްނު؟ ފެންނަން ހުރި މީހެއް ނަމަ ފެނުނީހެއްނު؟ އޭނަ ވީތަނެއް އަންގަން ބޭނުންވި ނަމަ އޭނަ އަހަންނަށް އެންގީހެއްނު؟ އަހަރެންގެ ހަބަރެއް ބަލަން ބޭނުން ވިނަމަ ބެލީހެއްނު؟ އަހަންނެއް ނޫނޭ އޭނަގެ ދިރިއުޅުމުން ދުރަށް ދިޔައީ… އަހަންނަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހަރެން ދޫކޮށްލާފަ އޭނައޭ ދިޔައީ… މިހާރު އޭގެ ފަހުން ހަ އަހަރު މިވަނީ… އަހަރެން އޭނަ މަތިން ހަނދާން ނުނެތުނަސް އޭނަ އަހަރެން މަތިން ހަނދާން ނައްތާލީމައެއްނު މިހާ ދުވަސް ވީއިރު އަހަރެން ގެ ހާލުވެސް ބަލާނުލީ؟
އޭނަ ނެތަކަސް އަހަންނަށް މި އުޅެވެނީ އެއްނު؟ މަލާވެސް މިއޮއް އުޅެނީއެއްނު؟ އޭނައަށް އަހަރެން މަރުވިޔަސް އަހަރެން އަދި އަހަރެން ދުނިޔޭގަ އެބަ ހުރީމެއްނު؟ މިހެން އުޅެނިކޮށް ދިމާ ވިއްޔާ ވީ… ނުވިއްޔާ ނުވީ… އަހަރެން ބޭނުމެއް ނޫން ދެން އޭނަ ހޯދަން މަސައްކަތް ކުރާކަށް… ފެނުނަސް، އުޅޭތަން އެނގުނަސް، ދިމާވިޔަސް ނުދާނަން ދެނެއް ހުރިހާ ވާހަކައެއް ކިޔާ ދޭކަށް.
އަހަންނަށް އެނގޭ ތާނީ އޭނަ ހޯދަން މަސައްކަތް ކުރާށޭ ތި ބުނަނީ މިތާ އުޅޭ އިރު ހޯދަން ފަސޭހަ ވާނެތީ ކަން، އެކަމަކު އަހަރެން ދެން ބޭނުމެއް ނޫން… އަހަންނަކަށް ދެން ނުވާނެ… އަހަރެން ބޭނުމީ ދެން ޕާސްޓް ދޫކޮށްލާފަ ކުރިއަށް ދާން”
ވާހަކަ ދައްކާ ނިމުނު އިރުވެސް މީރާ އިނީ މަލާކް ގައިގައި ބައްދާލައިގެންނެވެ.
ނުނިމޭ
50 Comments!
Comments are closed.
އައްސަލާމް އަލައިކުމް ހުރިހާ ކުދިން، މާޝާ ހީކުރަން މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.. މިވާހަކަ ހަފްތާއަކު ތިން ދުވަހު ގެނެސްދެވޭތޯ މާޝާ މަސައްކަތް ކުރާނަން.. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު… ކިޔާލާފަ ކޮމެންޓް ކޮށްލާނެ ކަމަށް ހީކުރަން.. ޝުކުރިއްޔާ
V reethi feshun heekuran kuriah huri baithahvs reethivaanekamah thanks marsha
Thnk u
nice…waiting for the next part…
Thnk u
Wowww it’s really nice .
Thnk u
W.salaam …feshun rythi kuriyah huribaithah vx rythi vaanekamah ummeedhu kurany …
Thnk u
i guess her CEO will b de one dat she is looking for…may b dhw…heheh…? btw nice starting n hope thr won’t b any brk until de end of it…gdluck…??✌
Hey ken.. lets c dho.. kameh dhimaa nuvanya medhu nukandaa up kuraanan insha allah.. thnx
V salhi meera hoadhan ulhey meeha eiy eyna ge boss ah kanneyge vaani. V kiyaalan faseyha English word thah. Gina nukurahchey eiy marsha ge vaahaka thakuga emme salhi.thankolhakee
Vedhaane ehenves… hehe… i will try my best.. thnx
Asluves in’gireysi basthah madhuveema kiyaalan v faseyha
Nala igey ?
Thnk u ?
varah salhi
Thnk u aru
V reethi . Waiting for the next part ?
Thnk u ninaa
V reethi…???
Thnx ?
Wow marsha nice beginning, waiting waiting for the next part. Tc
Thnx dear..
vvv interesting.
Thnx meera
intresting
Thnx
v salhi vaane hen heevanee..
Thank u
Vrh reethi!
Thnx reem
V reethi
Thnx rishh
?????its amaxin…vvvvv reethi…avahah up kurahchey….marshuuuu…… ?????
Thnx lipstick.. part 2 tomoro..
Mi vaaahaka hama habeys????????????
Thnx bad boy
V reethi keep it up
Thnx
Nice
Thnx
Oh comon. you should not have killed the curiosity of the story like this. Even I got the wild guess that the HOD will be her “lost lover” . So obvious.
But story is very refreshing. And u can still change the scenes.
Hehe.. thnx watchful mind.. i cannot change the scenes now… lets see dho… maybe he is or maybe not.. but fahun vaa goiy balamaa dho.. hope u will like how the story goes on..
Meera ge mum maruveema keeve meeraage dhnbapa hunnan v? Ethankolhu vara confuse.. but storyy vara reethi..
Meera ge mom maru vumuge kurin ehen myhakaa marry kuryma dhonbappa hunnaane ehnu dear.. hehe.. happy that u like the story… thnx..
haadah dheraveyee………………..
next story nihkunanee konirakun………………………..
Nce story
Nce story