އަހަރެންގެ ވާހަކަ (ފަންސަތިރީސްވަނަ ބައި)
ނޫރުގެ ސުކޫލާއި ހަމައަށް ނުދެވެނީސް ގަޑި ޖެހިއްޖެއެވެ. އޭރު އަހަރުމެންނަށް ތިބެވުނީ ސުކޫލާއި ވަރަށް ކައިރީގައެވެ. އެހިސާބަށް ދެވުނުއިރު ކުދިންތައް ނިކުންނަންފަށައިފިއެވެ. ދުއްވާ އެއްޗެހި ދުއްވަމުންދާތީ އަހަރުމެން ތިބީ މަގު ހުރަސް ނުކުރެވިފައެވެ. ދުވެފައި ބޭރަށް ނުކުތް ނޫރުއަށް ދޮންބެ ފެނުމުން އެމޫނުމަތިން އުފާވެރިކަން ފެނުނެވެ. އޭނަ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް މަންމަ އޭނަ އަތުގައި ހިފެހެއްޓިއެވެ. ގަދަދައްކާލަމުން ނޫރު ދުއްވައިގަތީ މަގާއި ދިމާލަށެވެ. މަންމައާއި ދޮންބެ އެދިމާލަށް ދުއްވައިގަތެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ލޮރީއެއްއައީ އެވަގުތެވެ. އޭތީގެ ފުރޮޅުތައް ކެހުނުއަޑާއިއެކު ފެނުނީ މުޅިތަނަށް ބުރައިގެންދިޔަ ލޭތަކެވެ.
“ނޫން..” ލެއިން ކަޅިވަމުންދިޔަ ހަށިގަނޑު ފެނުމުން އަޑުނެތްތަނަށް ހަޅޭއްލަވައިގަންނަމުން އެދިމާލަށް ދުއްވައިގަނެވުނެވެ. އެހެން އެއްވެސްކަމަކަށް އެވަގުތު ހެޔެއްނެތެވެ.
“ޝުހާދު..” މަންމަގެ ވޭނީ ހަޅޭކުގެ އަޑު ގުގުމައިގެންދިޔައެވެ. ދޮންބެގެ ހޭހުސްވެފައިވާ ހަށިގަނޑުގައި ހިފައިގަންނަމުން މަންމަ ރޯންފެށިއެވެ. ކުޑަ ކުޑަ ނޫރު އެއްވެސް ހަރަކާތެއްނެތި ދޮންބެކައިރީގައި އިނެވެ.
“ހޮސްޕިޓަލަށް ދަމާ ހިނގާ އަވަހަށް..” ލޮރީ ދުއްވަން އިނީ މެދު އުމުރެއްގެ މީހެކެވެ. ދޮންބެ އުފުލާލައިގެން ގެންގޮސް ލޮރީއަށް އަރުވައިދިނީ އޭނައެވެ. ދޮންބެގެ ބޯ އޮތީ އަހަރެންގެ އުނގުމަތީގައެވެ. ބޮލާއި މޫނުގެ ބޮޑުބައެއްވަނީ ޒަޚަމުވެފައެވެ. ނޫރު ގަޔާލާ ބޮޑިކޮށްލައިގެން މަންމަ އިނެވެ.
އެކަން އެހިނގީ ކިހާ އަވަހަށް ހެއްޔެވެ؟ ލޮރީ އައިއިރު މަގުމަތީގައި ހުރީ މަންމައެވެ. ދޮންބެ މަންމަ އަތުގައި ހިފައިގަންނަމުން އެއްފަރާތްކުރިއިރު އޭނައަށް ހުރެވުނީ މަގުމެދުގައެވެ. ދުއްވަންއިން މީހާއަށް ކޮންޓުރޯލު ނުކުރެވި ދޮންބެއާއި އަމާޒުވީއެވެ. ހުރިހާ ކަމެއް ލޯމަތީގައި ހިނގިއިރު އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރެވުނީ ކީއްވެހެއްޔެވެ؟
“ދޮންބޭ..” ހަރަކާތްތައް މަޑުވަމުންދާ ވަރަކަށް ހިތަށް ބިރުވެރިކަންވަންނަމުންދިޔައެވެ.
“ޝި.. ޝިމާލް.. ނޫ ނޫރުއަށް އޭނަގެ ބައްޕައަކީ ކާކުކަން އެނގުނަ ނުދެއްޗޭ.. އެކަން ސިއްރު ކުރާތި..” އުދަނގުލުން އެދުލުން ބޭރުވީ އެލަފުޒުތަކެވެ. އެހެންވެދާނެ ހެއްޔެވެ؟ މުޅި އުމުރަށް ނޫރުއަށް ހަޤީޤަތް ސިއްރުކުރެވިފައި ބޭއްވިދާނެ ހެއްޔެވެ؟
” އަހަރެން ނެތަސް ޝިމާލް ނޫރުއަށް ބަލާތި…” ދޮންބެ އެކަހަލަ ވާހަކަ އެދައްކަނީ ކީއްވެހެއްޔެވެ؟ އަހަންނަށް ނޫރުގެ ހުރިހާކަމެއް ބެލިދާނެބާއެވެ؟ އެހާ ބޮޑު ޒިންމާއެއް އުފުލޭނެ ބާއެވެ؟
“ދޮންބެއަށް ނުވާނެ އެއްވެސް ކަމެއް.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ..” ބޮލުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. އޭރު ހޮސްޕިޓަލު ކައިރި ކުރަނީއެވެ. ދޮންބެ އެދަށްލައިގެން ގެންގޮސް އެމެޖެންސީގައި ފަރުވާދޭންފެށިއެވެ. މަންމަގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުންދާއިރު ނޫރު އެއްވެސް ހަރަކާތެއްނެތި ބުދެއްހެން ހުއްޓެވެ. އެންމެ ކަރުނަތިއްކެއްވެސް އެލޮލަކުން ނުފެނެވެ.
“އައި އެމް ސޮރީ.. ދަ ޕޭޝަންޓު އިޒް ނޯ މޯރ..” ޑޮކްޓަރ ކޮޓަރިން ނިކުމެ އަހަރެންގެ ކޮޑުގައި އަތްބާއްވާލިއެވެ. ކަކުލުހުޅުން ވާގިދޫވެގެން ހުރިތަނަން ވެއްޓުނެވެ. މުޅި ދުނިޔެވެސް ހުއްޓުނު ކަހަލައެވެ. ނޫނެކެވެ. ދޮންބެ އަހަރުމެން އެންމެން ދޫކޮށްފައެއް ނުދާނެއެވެ. އެންމެންގެ ހިތްވަރުކަމުގައިވި އާއިލާގެ ބައްޕައެއް އަހަރުމެންނާ އެހެން ވަތްކެއްނުވާނެއެވެ. ދޮންބެ ވަކިވެއްޖިއްޔާ އަހަރުމެންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކުޑަ ކުޑަ ނޫރު ޔަތީމުވާނެއެވެ. އެކުއްޖާފުޅު ބަލާނީ ކިހިނެއް ހެއްޔެވެ؟ ދޮންބެއާއިނުލާ އެންމެ ސިކުންތަކުވެސް އެ މައުސޫމުކުއްޖާފުޅަށް ނޫޅެވޭނެއެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ އާއިލާއަށް ވާނީ ކިހިނެއް ހެއްޔެވެ؟
“ތިއްތީ ކިހިނެއްވީ؟ ކޮބާ ދޮންބެ؟” ޝިއުޒް އަހަރެންގެ ގައިގާ ހިފާ ތަޅުވައިގަތެވެ. އޭނައަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލެވުނެވެ. އެވަގުތު އޭނަ ދެލޯމަރާލިއެވެ. އެއާއެކު އޭނަގެ ދެލޮލުންވެސް ކަރުނަތައް ސައިލެހެން އޮހިގަތެވެ. އާއިލާގެ މީހުންނާއި ރައްޓެހިން އަންނަމުންދެއެވެ. އެންމެންވެސް ހިތްވަރުދެމުންދިޔައެވެ. ކިތަންމެ ހިތްވަރެއް ދިނަސް ލިބިފައިވާ ލިބިފައިވާ ހިތާމަތަކެއް ލުޔެއްނުވާނެއެވެ. އެންމެ ލޯބިވާ ދޮންބެއެއް އަލަކުން ނާންނާނެއެވެ.
” ޝިމާލް ހިތްވަރުކުރޭ.. އެންމެންނަށް ހިތްވަރުދީ އެންމެން ބަލަހައްޓަން މިހާރު ހުރި މީހަކީ ތީ.. ޝުހާދު މިއާއިލާ ބެލިހެން މިހާރު ބަލަން ހުރީ ޝިމާލް.. މަންމަގެ ހުރިހާކަމަކާއި ނޫރުގެ ހުރިހާ ޒިންމާއެއް މިހާރުވަނީ ޝިމާލްގެ ކޮޑުގައި އެޅިފަ.. ކިތަންމެ ރޮއެ ހިތާމައެއް ކުރިޔަސް މަރުވެފައިވާ މީހަކު އެނބުރި އައުމެއްނުވޭ.. އަހަރުމެން ޖެހޭނީ އެކަން ޤަބޫލުކުރަން.. އެމީހުންނާނުލާ ދިރިއުޅެން ދަސްކުރަން.. ހިތްވަރުކޮށްފަ ތެދުވޭ..” އަދްހަމްގެ މަންމަގެ ބަސްތަކުން އަހަރެންގެ ހިތް އިތުރަށް މާޔޫސްކުރުވިއެވެ. އެމަންމަގެ ކޮޑުގައި ބޯއަޅާލަމުން ރޮއިގަނެވުނީ ކުޑަކުއްޖެއް ފަދައިންނެވެ.
“އަހަރެން ކިހިނެއް؟ އާއިލާގެ ހުރިހާ ޒިންމާއެއް ނަގާނީ؟ ކިހިނެއް ދޮންބެއާއިނުލާ އުޅޭނީ؟ ކިހިނެއް ނޫރު..” ދޮންބެގެ އެންމެފަހުގެ އެދުމަކަށްވީ ނޫރު ރަނގަޅަށް ބެލެހެއްޓުމެވެ. އަހަރެންނަށް އެހާ ބޮޑު މަސްއޫލިއްޔަތެއް އުފުލޭނެ ހެއްޔެވެ؟ އަހަރެންގެ ފަރާތުން ނޫރުއަށް ބައްޕައެއްގެ ލޯބި ދެވިދާނެ ހެއްޔެވެ؟
” ކީއްވެ ނުކުރެވެންވީ؟ މަސައްކަތްކުރީމަ ވާނެ.. އެއީ މިހާރު ޝިމާލްގެ ޒިންމާއެއް.. ޝުހާދުއަށްޓަކައިވެސް ހުރިހާ ކަމެއް ޝިމާލްޖެހޭނެ ބަލަހައްޓަން..” އަދްހަމްގެ މަންމަ އެތައް ވަރަކަށް ނަސޭހަތްދިނެވެ. އަހަރެންނަށް ވިސްނައިދޭން އެތައް ވާހަކައެއް ދެއްކިއެވެ. އަހަރެން ތެދުވެގެން ބަރު ފިޔަވަޅުތަކެއް އަޅަމުން މަންމައާއި ދިމާލަށް ހިގައިގަތީމެވެ. އެމަންމަގެ ގާތުގައި އިށީނީމެވެ.
“މަންމާ..” މަންމަގެ އަތްތިލައިގައިގާ ހިފާލީމެވެ.
“ޝުހާދު އެދިޔައީ.. އެދަރިއެއް ދެން ނާންނާނެ.. ކޮންމެ ދުވަހަކު އެތައް ފަހަރަކު މަރުވުމަށްވުރެ އޭނައަށް މާ ފަސޭހަވާނެ..” މަންމަގެ ބަސްތައް އިވުމުން ހިފަހައްޓައިލައިގެންހުރި ކަރުނަތައް އޮހިގަތެވެ.
“މަންމާ ކެތްކޮށްބަލަ.. ކޮންމެ މީހަކުވެސް އެމީހެއްގެ އަޖަލު ޖެހުމުން ދާނެ.. އަހަރުމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ.. ކޮންމެ މީހަކުވެސް އެމީހަކު ނިމެންހުރި ގޮތަކަށް ނިމިގެންދާނެ .. މިހާރު ދޮންބެއަށް އެންމެ ބޭނުންވާނީ އަހަރުމެންގެ ހެޔޮ ދުޢާތައް.. މަންމާ އެދަރިފުޅަށް ދުޢާކުރޭ..” މަންމަގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލައިދިނީމެވެ. ނަމަވެސް ދަރިއެއްގެ ކުއްލިވަކިވުމަކީ މަޔެއްގެ ހިތަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. މަންމަ ގޮވައިގެން އަހަރެން ތެދުވީމެވެ. ބޮޑުވެފައިހުރި ފިރިހެނަކަށްވިޔަސް މިއަދު ކެތްކޮށްލައިގެންހުރުންވީ އުދަނގޫކަމަކަށެވެ. ލޮލަށް ކަރުނަތައް ޖަމާވެ އޮހެމުންދަނީ ހިތަށް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުންނެވެ.
” ޝިމާލް ހިނަވަން ގެންދަންވީ އަވަހަށް.. އެހެންނޫނީ މާބޮޑަށް ލަސްވެދާނެ.. މިހާރުވެސް މާބޮޑަށް ބްލީޑްވެފަ ހުރީ..” އަދްހަމް އަހަރެން ކައިރިއަށް ހުއްޓުނެވެ. ބޯޖަހާލަމުން އޭނައާއިއެކީ ހިގައިގަތީމެވެ. ދޮންބެގެ ހިނެއުމުގެ ކަންތައްތައް ކުރިއަށްދަނީއެވެ. އަހަރެންނަށް ހުރެވުނީ އެއްވެސް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. ދޮންބެ ލޮރީގެ ދަށުގައިވާ މަންޒަރު ލޯމައްޗަށް ފެންނަނީއެވެ. ލެއިން ތަތްތެޅިފައިވާ ބޮލާއި މޫނު ހިތަށް ސިފަވަނީއެވެ. ދޮންބެ ސަލާމަތްކުރަން އެއްވެސް ކަމެއް ނުކުރެވުމުން އަމިއްލަ ނަފުސުދެކެވެސް ރުޅި އަައެވެ.
އެންމެ ތުއްތު ތުއްތުއިރުގެ ހަނދާންތައް އާވާންފެށިއެވެ. ދޮންބެއާއި ޝިއުޒްއާއެކީ ހޭދަކޮށްފައިވާ އެކި އެކި ވަގުތުތަކުގެ ހަނދާން އާލާވަމުންދިޔައެވެ. އަހަރުމެންނަށްޓަކާ ކޮށްދީފައިވާ ކަންތައްތަކަކީ ދުލަކުން ޤަލަމަކުން ބަޔާންކޮށްދެވޭނެވަރުގެ ކަންތައްތަކެއްނޫނެވެ. ނުހަނު ޅައުމުރުންފެށިގެން ދޮންބެގެ ދިރިހުރުމުގެެ މަޤުސަދަށް ހެދީ އަހަރުމެން ތިންބެއިންނެވެ. އަހަރުމެންނަށް ހުރިހާ ކަމެއް ފުއްދައިދޭން ރެޔާއި ދުވާލުއެއްކޮށްގެން މަސައްކަތްކުރިއެވެ. އަހަރުމެން ތެރެއިން ކުއްޖަކަށް ކުޑަ ކުޑަ އަނިޔާވެސް ވިޔަސް ދޮންބެ ހީވާނީ އެހެންކަމެއް ހެންނެވެ. އަހަރެންނަށްޓަކާ ދޮންބެ ނުނިދާ އަރާމެއްނެތި ހޭދަކޮށްފައިވާ ރޭތައް ހަނދާނަން އާދެއެވެ. އަހަރުމެންގެ އުފަލަށްޓަކައި އޭނަ ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ބައްޕައެއް ފަދައިން ހުރިހާ ޒިންމާއެއް އަމިއްލައަށް ބޮލުގައި އަޅައިގެން ހުރިހާ ކަމެއްވެސް ފުރިހަމައަށް ކޮށްދިނެވެ. އެއްވެސްކަމެއް ހަނދާންކޮށްދޭކަށް ނުޖެހެއެވެ. ކަމެއް ނުކޮށްދީގެން ޝަކުވާ ކުރާކަށް ނުޖެހެއެވެ. ދަރިންދެކެ ލޯބިވާ ބައްޕައަކުވެސް އެހާ ޒިންމާދާރުވާނެކަމެއް ނޭނގެއެވެ.
“ދޮންބެ..” ޝިއުޒް ރޮމުން އަހަރެންގެ ގައިގާ ހިފައިގަތެވެ. އެއާއެކު އަހަރެންގެ ލޮލުންވެސް ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. މިފަދަ ދުވަހެއް އަތުވެދާނެކަމަށް އުންމީދުކުރާނީވެސް ކާކުހެއްޔެވެ؟ އަހަރުމެން އެންމެން އުޅުނީ ކިހާ އުފަލުން ހެއްޔެވެ؟
” ހިނަވާ ނިމިއްޖެ.. ” އަދްހަމްގެ އަޑަށް ދެލޯ ފޮހެލެވޭތޯބެލީމެވެ. ކިތަންމެ ނޫންކަމަށް ހެދިޔަސް އޭނަގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. އޭނަވެސް ދެކެމުންއައީ އަމިއްލަ ބޭބެއެއްފަދައިންނެވެ. އެންމެފަހު ފަހަރަށް ދޮންބެގެ މޫނު ދެކިލުމަށް އަހަރެންވަނީމެވެ.
” ދޮންބޭ އަހަރެންނަށް މާފުކުރާށެވެ! ފަހަރެއްގައިވެސް އަހަރުމެންނަށްޓަކައި ކޮށްދިން ކަންތައްތަކުގެ ބަދަލެއް އަދައެއް ނުކުރެވޭނެއެވެ. އަހަރެންނަށް ދޮންބެއަށްޓަކައި އެއްވެސް ކަމެއް ކޮށެއްނުދެވުނެވެ. އުފާވެރި ދިރިއުޅުމަކަށް ދޮންބެ ދެކެމުންއައި ހުވަފެންތަކެއް ފުރިހަމަކޮށެއްނުދެވުނެވެ. ހުރިހާ ކަމަކަށް މާފުކޮށްދެއްޗެވެ.” އެމޫނަށް ބަލާލުމާއެކީ ހިތް ބުނަމުންދިޔައެވެ.
ފަހަތުގައި ހުރި މީހާ ކޮޑުގައި ޖަހާލުމުން އަހަރެން ނިކުތީ ސިއްރުން އެމޫނަށް ބަލާލަމުންނެވެ. ކަށުނަމާދަށްފަހު ވަޅުލުމުގެ ކަންތައްތައް ކުރިއަށްދިޔައެވެ. މަންމަމެން ގޮވައިގެން ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ. ގެއަށްވަދެވުމާއެކީ އެންމެންވެސް ބެލީ އެކަނިވެލެވޭތޯއެވެ.
” ނޫރު ކޮބާ؟” އަހަރެމެންގެ ފަހަތުން ވަތް އަދްހަމްގެ މަންމަ ސުވާލު އަމާޒުވީ ކިއާރާއަށެވެ. އެއްވެސް މީހަކަށް ނޫރު ފެނުނުކަމަކަށް ނުވިއެވެ. ހުރިހާ އެންމެންވެގެން ނޫރު ހޯދަންފެށިއެވެ. ކިއާރާގެ ހަޅޭކުގެ އަޑަށް އެންމެން ޓެރަހާއިދިމާލަށް ދުއްވައިގަތެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. އޭރު ނޫރު ހުރީ ޓެރަހުގެ ރެއިލިން ދަގަނޑުގެ މައްޗަށް ކޮޅަށް އަރައެވެ. ކިއާރާ އޭނަ ތިރީގައި ބެހެއްޓުމަށްފަހު މެޔާލާބޮޑިކޮށްލިއެވެ.
” މަންމާ..” އެމައުސޫމު އަޑުން ގޮވާލިއެވެ. ބަލަން ތިބި އެންމެންނަށް އަސަރުކުރާނެއެވެ. ބަލާލާ ކޮންމެ މީހެއްގެ ހިތް އެކުއްޖާއަށްޓަކައި ހަމްދަރުދީއިން ފުރޭނެއެވެ. މައިވަންތަ ލޯތްބަށް އެކުއްޖާފުޅު ބޭނުންވެފައިވާ މިންވަރު އެންމެންނަށްވެސް ފެންނާނެއެވެ. ކިއާރާ އޭނަ އުރާލައިގެން ނިކުތެވެ. ކިއާރާ އައިފަހުން ނޫރުގެ ހުރިހާކަމެއް ބަލަހައްޓަމުންގެންދަނީ އޭނައެވެ. ބައެއް ފަހަރު ބޭއިޙްތިޔާރުގައި ކިއާރާއަށް “މަންމަ”ގެ ނަމުގައި އޭނައަށް މުޙާތަބުކުރެވެއެވެ. ކިއާރާވެސް މާބޮޑުކަމަކަށް ނުހަދައި “ދަރިފުޅު”ގެ ނަމުން ގޮވާގަދައެވެ. އެހެންކަމުން އެދެމެދުގައިވަނީ ގާތްގުޅުމެއް އުފެދިފައެވެ. ނޫރު ކިއާރާއާއިއެކު އެތެރެއަށްވަނުމުން އަހަރުމެންވެސް އެތެރެއަށްވަނީމެވެ.
އަހަރެން ހުރީ މަންމަ ގާތުގައެވެ. އެމަންމަގެ ލޮލުން އޮހެމުންދާ ކަރުނައަކަށް ނިމުމެއްނައެވެ. ކާއެއްޗެއް ދޭންޖެހުނީވެސް އެތައްވަރަކަށް އާދޭސްކޮށްގެންނެވެ. މަންމަ ނިދުމުން އަހަރެން ބެލްކަންޏަށް ނިކުތީމެވެ. ކޮންމެ ތާކުން ދޮންބެގެ ހަނދާން އާލާވަމުންދެއެވެ. ގޭތެރޭގައިވާ ކޮންމެ އެއްޗެއް ގުޅިފައިވަނީ ދޮންބެއާއެވެ. ނަމަވެސް މިއަދު އެއީ ހަމައެކަނި ދޮންބެގެ ނިޝާންތަކެއްކަމުގައި ވިއެވެ.
“ދޮންބޭ ކީއްވެ ތިދިޔައީ؟ އަހަރުމެންނަށް ވާނެ ގޮތް ވިސްނޭތަ؟ މަންމަ.. މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދޮންބެ ބެލެހެއްޓިހެން މަންމަގެ ހުރިހާ ކަމެއް އަހަރެންނަށް ބެލެހެއްޓޭނެ ހެއްޔެވެ؟ މަންމައަށް ދޮންބެގެ އަޅާލުމާއި ލޯބި ބޭނުންވާނެވަރު ވިސްނާނުލެވޭ ހެއްޔެވެ؟ ނޫރުއަށް ބައްޕަގެ ލޯބި ދޭނީ ކިހިނެއް ހެއްޔެވެ؟ އެދަރިފުޅަށް ހާދަ އަސަރެއްކުރާނެއެވެ. އަހަރުމެން އެންމެން ތިއްބަސް އޭނައަށް ބޭނުންވަނީ އޭނަގެ ލޯބިވާ “ޑެޑީ” އެވެ. އެފަކީރަށް ހާދަ ނިކަމެތި ހާލެއް ޖެހޭނެއެވެ. ނުހަނު ތުއްތު އުމުރުގައި އެތައްކަމެއް ތަޙައްމަލު ކުރަން ޖެހިއްޖެއެވެ. އެކަމަކު އެހުރިހާ ކަމެއްގައި އެހީތެރިވާން އޭނަގެ ބައްޕަ ހުއްޓެވެ. މިހާރު.. ދެން އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދޮންބެ އޭނަ ބަލަމުންއައިހެން އެއްވެސް މީހަކަށް ބެލޭނެކަމެއް ނޭނގެއެވެ. ކިއާރާއާއި ޝާލީ އިންތިހާ ލޯބިން އޭނަ ބެލެހެއްޓިޔަސް ބައްޕައެއްގެ ލޯބިން މަހުރޫމުވާނެއެވެ.” ދޮންބެގެ ތަސްވީރަށް ބަލާލަމުން ހިތާހިތުން ބުނެލެވުނެވެ. ލޮލަށް ޖަމާވަމުން ގިނަވަމުން އައި ކަރުނަތައް ހިމޭންކަމާއެކު އޮހެމުންދިޔައެވެ. އަހަރެން އެބަޔެއްދެކެ އެންމެ ލޯބިވާ މީހުން އަހަރެންނާ ވަކިވެގެން ދިޔައީ ކީއްވެހެއްޔެވެ؟ އެންމެ ބޭނުންވާ ލޯބިން އަބަދުވެސް މަޙުރޫމުމިވަނީ ކީއްވެހެއްޔެވެ؟ އަހަރެންނަށް މިގޮތަށް ދިމާމިވަނީ ކީއްވެހެއްޔެވެ؟
ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދިޔައެވެ. ނަމަވެސް އަހަރުމެންގެ ހިތުން ދޮންބެގެ ހަނދާންތަކެއް ފަޑެއްނުވެއެވެ. މަންމަވެސް މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. ފުރަތަމަ ދުވަސްކޮޅު ދޮންބެމަތިން އަބަދު ހަނދާންކޮށް ރުއިންނޫންކަމެއް ނުކުރެއެވެ. ނަމަވެސް އެންމެންގެ މަސައްކަތުން އެކަންކަމާއި ދުރުވެ ކުރީގެ ދިރިއުޅުމަށް އައުމަށް މަސައްކަތްކުރިއެވެ. ކިއާރާގެ އާއިލާއާއި އަދްހަމްގެ އާއިލާއާއި ރައްޓެހިންގެ ފަރާތުން ހީވެސްނުކުރާހާ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންއައެވެ.
އެދުވަހުގެ ފަހުން ނޫރުގެ މިޒާޖު ބަދަލުވިއެވެ. އަބަދުވެސް ހުންނަނީ ގަބުވެފައި ހުންނަ ގޮތަށެވެ. މީހަކު ވާހަކައެއް ދެއްކިޔަސް އެއްވެސް ސަމާލުކަމެއްނުދީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުންނަހެންހީވެއެވެ. އެންމެން މަސައްކަތްކުރަމުންދިޔައީ ނޫރުގެ އުފާވެރިކަން އަނބުރާ ގެނެވޭތޯއެވެ. ނަމަވެސް އޭނަގެ ކިބަޔަކުން ތަފާތެއް ނުފެނެއެވެ. ކިޔެވުމަށް އޭނަ ދެމުން އަންނަ ސަމާލުކަން ކުޑަވެ ކަންތައްތައް ފަސޭހައިން ހަނދާންނެތެއްފެށިއެވެ. ކިއާރާއާއި ޝިއުޒް ހުރިހާ ވަގުތެއްހެން ހުސްކޮށްލަނީ ނޫރުއަށްޓަކައެވެ. ނަމަވެސް އެކުއްޖާ އެވަނީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއްކޮށްފައެވެ. މިވަގުތު އޭނައަށް ބޭނުންވަނީ ޑޮކްޓަރެއްގެ އެހީތެރިކަމެވެ.
” އޭނަ އެވަނީ ވަރަށް ބޮޑު ޝޮކެއްގަ.. އަޅުގަނޑުމެން ބޮޑު މީހަކަށްވެސް މިފަދަކަމެއް ދިމާވީމަ ޝޮކެއް ލިބޭނެ.. އެއީ އަދި ވަރަށް ތުއްތު ކުއްޖެއް އެހެންވީމަ މާބޮޑަށްވެސް އަސަރުކުރާނެ.. ޚާއްސަކޮށް އޭނަ އެންމެ ގާތްކޮށް އުޅުނު އޭނަދެކެ އެންމެ ލޯބިވާ ބައްޕަ އޭނަގެ ކުރިމަތީގައި ނިމިދިޔުމަކީ ހަޤީޤަތުގައިވެސް ވަރަށް އަސަރުކުރާނެ ކަމެއް.. މިވަގުތު އޭނައަށް ބޭނުންވަނީ އެންމެންގެ ލޯތްބާއި އޯގާތެރިކަން.. އެކަނިވިޔަނުދީ އަބަދުވެސް ކޮންމެވެސް ކަމެއްގަ މަސްޢޫލުވިޔަދީ.. އޭރުން ވިސްނުންތަކާއި ދުރަށް ދެވޭނީ.. އަބަދުވެސް އޭނައާއި ވާހަކަދައްކައިގެން އޭނަގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން މަސައްކަތްކުރަން ޖެހޭ.. ވަގުތު ނަގާނެ އޭނަ ހަމައަކަށް އެޅެން.. ވީހާވެސް ބޮޑަށް އޭނައަށް އަސަރުނުކުރާނެ ގޮތް ބަލައިގެން ހުރިހާ ކަމެއްވެސް ކުރުން މުޙިއްމު.. ކުރިން އޭނަ ޝައުޤުވެރިވި ކަންކަން މިސާލަކަށް މޫދަށްދާން ނޫނީ ހިނގާލަންދާން ޝައުޤުވެރިކަން ހުންނަ ކުއްޖެއްވިއްޔާ އެކަންކަން ކުރެވިދާނެ.. ނޫނީ މާޙައުލުވެސް ބަދަލުކުރެވިދާނެ..” ޑޮކްޓަރ ނޫރު ބެލުމަށްފަހު ކިޔައިދިނެވެ.
“މަށަށް ފެންނަނީ ކުޑަދުވަސްކޮޅަކަށް ރަށަށް ޖައްސާލަން..” ނިދިފައި އޮތް ނޫރުގެ ބޮލުގައި ފިރުމާލަމުން ޝިއުޒް ބުނެލިއެވެ.
” ތިއްތިއަކަށް ނުފެނޭ އަދި ރަށަށް ދާކަން.. ރަށަށް ދިޔަޔަސް އޭނައަށް ހަނދާންވާނީ ބައްޕައާއެކީ ހޭދަކުރި ވަގުތުތައް..” އަހަރެން ބަލާލީ ޑޮކްޓަރގެ މޫނަށެވެ.
“ޝިމާލް އެބުނީ ދޮގެއްނޫން.. އެހަނދާންތައް އާވާތަނަކަށް ގޮސްގެން އޭނަ އިތުރަށް ގޯސްވުމަކީވެސް ވެދާނެކަމެއް.. އަޅުގަނޑަށް ފެންނަނީ މުޅިން އާ މާޙައުލަކަށް އޭނަ ގެންދަން.. އާ ކަންތައްތަކެއް ތަޖުރިބާ ކުރެވުނީމަވެސް ކުރީގެ ކަންތައްތަކުގެ މަތިން ހަނދާން ނެތެއް ފަސޭހަވާނެ.. އެއީ އަދި ވަރަށް ތުއްތު ކުއްޖެއް.. ކޮންމެ ގޮތަކަށްވެސް އަދި އޭނަގެ ދިރިއުޅުން ބަދަލުކުރެވިދާނެ.. އެކަމަކު ވިސްނަންޖެހޭނެ މިއީ އެހާ ފަސޭހަކަމެއްނޫން.. ވަގުތު ނަގާނެ ކަމެއްކަން..” ޑޮކްޓަރ ދާންވެގެން ތެދުވިއެވެ. ޑޮކްޓަރ ގޮވައިގެން ދޮރާއިހަމައަށް ދިޔައިރު އަދްހަމް އެތެރެއަށް ވަންނަންއައެވެ. އޭނަގެ ފަހަތުން ނިޒާމުއާއި ހުސެންވެސް ތިއްބެވެ.
“ނޫންއަށް ދޭންވެެގެން އެއްޗެއްވެސް ހިފައިގެން މިއައީ..” އަދްހަމް އޭނަގެ އަތުގައި އޮތް ކޮތަޅު ދައްކާލިއެވެ. ނިޒާމު އަހަރެންގެ ކޮޑަށް އަތްވައްޓާލަމުން އެތެރެއަށްވަނެވެ.
” ޑޮކްޓަރ ފިރުޝާން ދޯ އެއީ.. ކީކޭތަ ބުނީ؟” ހުސެން އިށީންނަމުން އަހާލިއެވެ.
“މާޙައުލު ބަދަލުކުރަން ފެންނަ ވާހަކަ ބުނީ..” އަހަރެން ސޯފާއަށް ވެއްޓިގަތީމެވެ.
“ހިނގާބަލަ އަހަރުމެން ރަށަށް ޖައްސާލަން.. ގެވެސް އެހެރީ ހުސްކޮށް.. އެންމެން ދިޔަޔަސް އުދަނގުލެއް ނުވާނެ..” އަދްހަމް ވާހަކަދެއްކިއެވެ.
“އިޒް ކީކޭ ބުނަނީ؟” އަހަރެން ޝިއުޒްއަށް ބަލާލީމެވެ.
” މަށަށް ފެންނަނީ ދާން.. އެހެން ހުރިހާ ކަމަކަށްވުރެ މިވަގުތު އަހަރުމެންނަށް މުޙިއްމީ ނޫން.. ދޮންބެއަށްޓަކައިވެސް..” އޭނަގެ ދެލޮލަށް ރަތްކަންވެރިވިއެވެ.
” މަންމައާއިވެސް ވާހަކަދައްކަންޖެހޭނެ އަދި.. އެންމެން ގޮވައިގެން ދާން ބޭނުމީ.. އޭރުން ނޫންވެސް ހިތްހަމަޖެހެނީ..” ޚުދު އަހަރެންވެސް އެއްވެސް މީހަކު އެކަނިވެރިވާކަށް ނޭދެމެވެ. އަދްހަމްމެން ގާތު ކުޑައިރުކޮޅަކު ވާހަކަދައްކާލަން އިނުމަށްފަހު މަންމަކައިރިއަށްވަނީމެވެ. އަދްހަމްމެންގެ ރަށަށް ދާ ވާހަކަ ދެއްކުމުން މަންމަވެސް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.
ހަފްތާއެއްގެ ފަހުން އަދްހަމްމެންގެ ރަށަށް އާދެވުނެވެ. ހުދު ދޮންވެލިގަނޑާއި ސާފު މޫދެއް ލިބިފައިވާ ރީތި ރަށެކެވެ. ކުޅިތަކާއި ހިތްގައިމު ތުނޑިއެއް ލިބިފައިވާ ޤުދުރަތީ ރީތި މަންޒަރުތައް ފުރިފައިވާ ތަފާތު މާޙައުލެކެވެ. މޫދު ފެނުމުން އެތައް ދުވަސްތަކެއްފަހުން ނޫރުގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.
“ޑެޑީ..” އަހަރެން ހުރީ ބިއްލޫރިކޮޅެއްހާ ސާފު މޫދަށް ބަލަހައްޓައިގެންނެވެ..
(ނުނިމޭ)
1226 Comments
Comments are closed.
Where is shaaly?
Shaaly vx ebaulhey hama 😉
Haadha kurey
Alhe kuru tha? dhn part dhigukoh genesdevey thw balaanan In Shaa Allah
V asaru kohfi mipart kiyaafa… This ix 1 of my fav story…. whn nxt part??
Thnkss for the lovely comment Iynum.. Next part vx avaha genes dheveythw balaanan In Shaa Allah
Alhey kihineh thihedhy angel…V dheravejje….This is ma fav story…Waitin for nxt part…avas koh kollahcheyy ingeyy….
Thankss Lalla.. In Shaa Allah soon
rovijje hama mi lart kiyaafa .. mihaaru laifa in pic varah obi ingey .. shimaal and noon dhw .. alhey shaayal nd shimaal ingey hulhuvaany .. hama habeys .. love u angel ☺
part*
gulhuvaany *-
Thankss aff.. Love you too :*
nice…
Thankss sabeeha
vvvv reethi….
koba shaaly….
Thankss rosy..
Wow mihaaru oi hisaabu v nice…looking out for the next part… 🙂
Thankss Rafa
Mi part kiyafa varah dhera vehje… varah reethi.
Waitin for the next part. Avahah up kohlahchey. ?
Thankss Love
???????????????????????
<3
Wow finally my fav story up vejje.. 😀 Mi part kiyaafa hama rangalhah vs rovijje… Ekm vvvvv salhi. Next part kn dhuvahakun up kohdheyny??
Thankss RY
Alhey varah reethi mi bai ves. Hama rovey
V v v reethi asaru gadha vaahaka ehkan faahaga kohlan
Alhe haadha reethi vaahaka ekay