ކިޔުންތެރިންނަށް : (މިވާހަކައަކީ މީގެ ކުރިން އިތުރު ސައިޓްތަކަށް އަޕްކޮށް ”ދާސްތާން” ނަމުގައި ޕަބްލިޝްކޮށްފައިވާ ކުރުވާހަކަ ފޮތެއްގައި ޗާޕްކޮށްފައިވާ ވާހަކައެއް،  އަދި މިވާހަކައަކީ ހިންދީ ފިލްމަކުން ނަގާފައިވާ ޕްލޮޓަކަށް އެހެންނަމަވެސް ދިވެހި އަންހެންކުއްޖެއްގެ ދިރިއުޅުމުގައި ހިގާފައިވާ ހަގީގީ ހާދިސާތަކެއް އެކުލަވައިލައިގެން ލިޔެފައިވާ ވާހަކައެއް)

ދުވަހަކީ އެދުވަހަކަށް އަހަރެން އެންމެ އިންތިޒާރު ކުރިދުވަހެވެ. 10 އަހަރުގެ ދިގު އިންތިޒާރަށް ނިމުން އައި ދުވަހެވެ. އަހަރެންގެ އަލަތު ލޯބިވެރިޔާ އަރްހަމްގެ ހިތުގައި އަހަންނަށްޓަކައި އުފެދިފައިވާ ފުން ލޯބި ބަޔާން ކުރިދުވަހެވެ. އެދުވަހުގެ ކުރިން އޭނާ އެހެން ނުބުނަނީކީ ނޫނެވެ. އެކަމަކު އެދުވަހު އޭނާ އެފާޅުކުރި ލޯބިވެތި ބަސްތަކުން އަހަންނަށް ތެދުވެރިކަން ހާމަވެގެންދިޔައެވެ. އެދުވަހު އަހަންނަށް ހަގީގީ ލޯތްބަކީ ކޮބައިކަން ހާމަވެގެން ދިޔައެވެ. އޭނަ ފާޅުކުރި  ބަސްތަކުން އަސަރާއި ވޭން އިހުސާސް ކުރެވިގެންދިޔައެވެ.

އަހަންނަށް ކިޔަނީ އަފާޝާއެވެ. މީހުން ލޯބިން ކިޔާ އުޅެނީ އަފާއެވެ. އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ތިބި ދެ އަންހެން ދަރިންގެ ތެރެއިން ދޮށީދަރިއެވެ. ބައްޕަ ނިޔާވީ އަހަރެންގެ އުމުރުން 8 އަހަރުގައެވެ. އަހަރެންގެ ޢާއިލާގައި އަހަންނަށްވުރެ ދޮށީ ބޭބެއެއް ވެސް ހުރެއެވެ. މަންމަ އަހަރުމެން ގެންގުޅެ ބޮޑު ކުރީ މަޔަކަށް ދެވޭނެ އެންމެ ބޮޑަކަށް ލޯބި ދީގެންނެވެ. އަހަރެންގެ ހިތުގެ އެންމެ އަޑިން މަންމައަށް ޝުކުރުއަދާކުރަމެވެ. އެކަމަކު ހަމައެކަނި ޝުކުރުއަދާކުރުމުން ނިމުނީކީ ނޫންކަން އަހަންނަށް އެނގެއެވެ. މިއަދު އެކަން ވިސްނުނުއިރު މިވަނީ މާލަސްވެފައެވެ. ބުރަ މަސައްކަތާއެކު މަންމަ އަހަރުމެން ތިން ބެއިންނަށް ކިޔަވައިދެމުން ދިޔައީ މާލޭގައި ކިޔެވެން ހުރި އެންމެ ރަނގަޅު ފެންވަރުގައެވެ. ޓިއުޝަނާއި އެނޫނަސް ކިޔެވުމަށް ބޭނުންވާހުރިހާ ފުރުޞަތެއް ފަހިކޮށްދީގެންނެވެ.

އެއީ 2004 ވަނަ އަހަރެވެ. އޭރު އަހަރެން ކިޔަވަމުން ދިޔައީ އަމީނިއްޔާ ސްކޫލް ގްރޭޑް 8ގައެވެ. އުމުރަކީ އެންމެ 14 އަހަރެވެ. ގާނޫނީގޮތުން ނަމަ އަހަންނަކީ އޭރު ކުޑަކުއްޖެކެވެ. އެކަން އެދުވަސްވަރު ވިސްނުނު ނަމައޭ ހިތަށް އަރައެވެ. އެއްފުރާގެ އެހެން ކުދިންހެން އަހަރެން ވެސް ލޯބިވެރިޔަކު ގެންގުޅުމަށް އެންމެ ފުރަތަމަ ޝައުގުވެރިކަންއުފެދުނީ އެ އުމުރުގައެވެ. ކުދިންގެ ފޮތްތަކުގައި ފިރިހެންކުދިންގެ ނަން ލިޔެފައި ހުންނަތަން ފެނުމުން އަހަރެން ވެސް އެ ރޮމޭންޓިކް ލައިފް ބޭނުންވާން ފެށިއެވެ. ބާރތްޑޭ ސަޕްރައިޒްތަކާއި އެނިވާރސަރީ ގިފްޓްތަކަށް ހިތް އެދެން ފެށިއެވެ. މާކަ ގިނަ ދުވަހެއްނުވެ އެ ހުވަފެނުގައި ކުލަޖެހެން ފެށިއެވެ. އެއީ އަހަރެންގެ ހިތުގެ ހިނގުން އަވަސްކޮށްދިން ހަމައެކަނި އިންސާނާއޭ ބުނުމަކީ އެންމެ ފުރިހަމަ ގޮތެވެ. އަރްހަމަކީ އޭނާއަށް އޭނާގެ މަންމައާއި ބައްޕަ  ދީފައިވާ ނަންކަމުގައިވީ ނަމަވެސް އެނަން އޭރު ވެސް އޭނާ ވަނީ ހަނދާންނެތިފައެވެ. އަރްހަމްގެ އުމުރުން އޭރު 16 އަހަރެވެ. އެކަމަކު އޭނާގެ އުޅުން އެއަށްވުރެ 7 އަހަރު ދޮށީ ކުއްޖެއްގެ އުޅުމަކާ އެއްވެސް ތަފާތެއް ނެތެވެ. އެއީ އޭރު މާލެތެރޭގައި އުފެދެން ފަށާފައިވާ ގޭންގުތަކުން އެއް ގޭންގްގެ ދާދާއެވެ. އޭނާގެ ނަން މަޝްހޫރުވެފައި އޮތީ އަރޫގެ ނަމުންނެވެ. ފެންނަފެނުމަށް އޭނާއަކީ އެގޭންގްގެ އެހެން މީހުންނާ އަޅާކިޔޭނެ މީހެއް ވެސް ނޫނެވެ. އެއަށްވުރެ ވެސް އޭނާ ފުރިހަމައެވެ. އަހަންނަށް އެންމެ ފުރަތަމަ އޭނާ ދިމާވީ ކްލާސްކުދިންތަކަކާއެކު ދިޔަ ސަޕްރައިސް ޕާރޓީއަކުންނެވެ. ޖަހަމުންދިޔަ ޑީޖޭ ލަވަތަކަށް ފައިހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އަރޫ އަހަރެންގެ ލޮލުގައި އަޅައިގަތީ އެރެއެވެ. އަހަރެންގެ ނަޒަރު އޭނާގެ ކިބައިން ނުނެއްޓެނީސް އޭނާ އަހަންނަށް ބަލައިލިއެވެ. އެލޮލުގައި ވަނީ ޖާދުވީ ތޫނު ބެލުމެކެވެ. އެބެލުމުން ވެސް އަހަރެންގެ ހުރިހައި ސަބްޖެކްޓް ފޮތްތަކުގެ 500 ސަފްހާ ވެސް އޭނާގެ ނަން ލިޔެ ހުސްކުރެވިދާނެކަން އަހަންނަށް އެނގިގެން ދިޔައެވެ. އަހަރެންގެ 14 އަހަރުގެ އެކުޑަހިތަށް ނުވާ ގޮތެއް އޭރަކު ނެތެވެ. ގިނަ އިރުތަކެއްނުވެ އަރޫ އަހަންނާ އަރާ ހަމަކުރިއެވެ.

”ހެއި…ހައުޒް ޔޫ” ސްޓައިލްގައި އޭނާ އަހާލިއެވެ. އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނާގެ ފުރަތަމަ ބަހުން މޫނުމަތި އުޖާލާވެގެން ދިޔައެވެ. އުމުރުދުވަހު އެއުޖާލާ ކަމުގައި ހޭދަކުރަން ހިތް ބޭނުންވިއެވެ.

”ހެއި…ޑުއިން ފައިން” އަތްތިލަ ހިއްލައިލާ ލަދުރަކި ކަމާއެކު ހިނިތުންވެލާފައި އަހަރެން ޖަވާބުދިނީމެވެ. އޭރުވެސް ދެއަތުން ދާ ނުހިކެއެވެ. ގާތުގައި ތިބި ހުރިހާ ކުދިން ވެސް ތިބީ ޑާންސް ފްލޯރގައިކަމަށް ވާތީ އަހަންނާ ބައިވެރިވާނެ މީހަކު ވެސް ނެތެވެ.

”ކިހިނެއްވީ ނަށަން ވެސް އަރާނުލާ” އަހަރެން ކައިރީ ހުރި މޭޒު މަތިން ކޯކްތަށްޓެއް ނަގައި އެއިން އެތިފޮދެއް ބޯލަމުން އަހާލިއެވެ. އަހަރެން ކިތަންމެ ބޭނުންވި ނަމަވެސް އިސްނަގައި އޭނާގެ މޫނަށް ބަލައިލާކަށް ވެސް ނުކެރުނެވެ.

”ކަމެއްނުވޭ، އެކުގައި ނަށާނެ މީހަކުނެތީމަ” ލަދު ކަނޑާލާފައި ބުނީމެވެ. އަހަރެންގެ ރައްޓެހިންނަށް ވެސް އަރުހަމްގެ ރީތިކަން ކަމުގޮސްގެން އޭރު އެވާހަކަދެއްކިއެވެ. ބޭނުންވީ އެރީތިކަމަކީ އަހަރެންގެ ހައްގެއްކަން އެންގުމަށެވެ. އިތުރު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.

”މިހާއިރުވަންދެން ބަލަން ނުހުރެ އަރޫއާއެކީ ނަށާލަން އެރިނަމަ” އަހަރެންގެ އަތުގައި ހިފައި ޑާންސް ފްލޯރއާ ދިމާއަށް ހިނގައިގަތެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޯބީގެ އިހުސާސް އެނގެންފެށިކަހަލައެވެ. ފިލްމުތަކުން ފެންނަމުންދިޔަ “ރޮމޭންސް” ސިފަވާން ފެށިއެވެ. އެ ޕާރޓީގައި އެކުގައި އެ ނަށާލިނެށުމުން އެކަކު އަނެކަކަށް ތަޢާރަފްވެވި އިތުރު ބައްދަލުވުންތަކަކަށް މަގުފަހިވެގެންދިޔައެވެ. އޭރު އަހަންނަށް ނޭގޭ އެއްޗަކީ އަރްހަމަކީ ކާކު ކަމެވެ. އޭނާގެ ނަމަކީ ޒުވާނުން ވެސް ބިރުން ސިހިގެން ދާ ނަމެއްކަމެވެ. އެކަމަކު އެންމެ ފުރަތަމަ އެކަން އެނގުނު ނަމަ އަހަންނަށް އޭނާގެ ލޯބީގައި ދީވާނާ ނުވެވި ސަލާމަތްވެވުނީސްބާއޭ އަދިވެސް ހިތަށް އަރައެވެ. ސަލާމަތްވި ނަމަ މިހާރު މިއުޅޭ ދިރިއުޅުން އަހަންނަށް ލިބޭނެބާއޭ ހިތަށްއަރައެވެ.

އެރެއަށްފަހު އަހަރެންގެ ރޭދުވާ ބަދަލުވެގެން ދިޔައެވެ. ހެދުން އެޅުމުގެ ވައްޓަފާޅި މުޅިންހެން ބަދަލުކޮށްލީމެވެ. ސްކޫލް ފޮތްތަކަކީ ހަމައެކަނި އަރޫގެ ނަން އެކި ފޮންޓުތަކުން ލިޔަން ހުރި އެއްޗިއްސަށް ވެގެންދިޔައެވެ. ޓިއުޝަން ގަޑިތަކަކީ އަރޫއާއެކު ހޭދަކުރާ އެކަހެރި ވަގުތުތަކެވެ. މަންމައަށް ރޭކާލާފާނެތީ ހިތްބިރުގަތެވެ. ނަމަވެސް އަރޫދެކެ އަހަރެންނަށް ވެވެން ފެށި ލޯބި މާ ވަރުގަދައެވެ. އަރޫއާއެކު ހޭދަވި ފުރަތަމަ 5 މަސްދުވަހަކީ ހުވަފެނެއް ކަހަލަ ދުވަސްތަކެކެވެ. އަރޫގެ ހުރިހާ ވަގުތެއް އަހަރެންނަށް އޭނާ ހުސްކުރިއެވެ. އޭރު ވަނީ ދެމީހުންނަށް ގައިގޯޅިވެވެން ފަށާފައެވެ. އެހާ ޅައުމުރުގައި އަޅަން ނުޖެހޭ އެތައް ކަތި ފިޔަވަޅެއް އޭރު އެޅިއްޖެއެވެ. އުމުރު ދުވަހު މަންމަދިން ނަސޭހަތަކީ ދުވަހަކު އަޑުއިވިފައިނުވާ އެއްޗެއް ކަހަލައެވެ.

އެއީ ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުމެންގެ ގުޅުމަށް 6 މަސް ފުރުނު ރެއެވެ. އެރެއަކީ އަރޫގެ ޢާއިލާ މީހުންނާ ބައްދަލުކުރުމަށް އޭނާ އެދިފައި އޮތް ރެއެވެ. އަރޫގެ ޢާއިލާއަކީ ތަހުޒީބު، ޒަމާނަށް ފެތޭ ޢާއިލާއެކެވެ. އެމީހުން ދެކޭގޮތުގައި ޅައުމުރަކީ 11 ނުވަތަ 12 އަހަރެވެ. އެކަން އަރޫގެ އުޅުމުން ވެސް އަހަންނަށް ފާހަގަވަމުން ދިޔައެވެ. 16 އަހަރުވީއިރު އޭނާއަކީ ދުންފަތުގެ އެކުވެރިއެކެވެ. ސްކޫލަކީ އޭނާ ދާންޖެހޭތަނެއް ކަމެއް ހަނދާނެއް ނުހުރެއެވެ. އެކަން އަހަންނަށް އޭރު އެނގެންވަނީ ފަށާފައެވެ. ކޮންމެއަކަސް އެރެއަކީ ހުކުރު ދުވަހެއްގެރޭ ކަމުން ޓިއުޝަނެއްވެސް ނެތެވެ. މަންމަ ގާތު ބުނާނެ މޮޅު ދޮގެއް ވިސްނައިލުމަށްފަހު ސްކޫލް ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށް ދަނީ ކަމަށް ބުނެ ނުކުތީމެވެ. ވިސްނޭ މީހެއްނަމަ އަހަރެން އެބުނީ ދޮގެއްކަން އެނގޭވަރުވާނެއެވެ. އެކަމަކު މަންމަ އަހަންނަށް ކުރަމުންދިޔަ އިތުބާރު މާބޮޑެވެ. އެވަރު އަހަރެންގެ ޅަ ސިކުނޑިއަށް ނުވިސްނުނީއެވެ. އަރޫގެ މަންމައާއި ކޮއްކޮމެން އަހަންނާ ވަރަށް ގަޔާވިއެވެ. ޢާއިލާ މީހުންނާއެކު ރޭގަނޑުގެ ކެއުން ނިންމުމަށްފަހު އަރޫ އަހަރެން ގެންދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ހާސްވާންފެށިއެވެ. އިތުރަށް އެޅިދާނެ ކަތި ފިޔަވަޅަކާ މެދު ވިސްނައިލާފައެވެ. ތަފާތު ވާހަކަތައް ދެއްކުމުގައި އަރޫގެ އުނގުތެރޭގައި ގަޑިއެއްހާއިރު ހޭދަވިއެވެ. އޭނާއަކީ އަޖައިބެއް ފަދަ ޒުވާނެކޭ އަހަރެން ހިތަށްއެރިއެވެ. ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނެންފެށުނެވެ. ގެއަށް ދިއުމަށް ނުކުތީ 11 ޖެހުމުންނެވެ. ނަމަވެސް ބޯކޮށް ވެހެންފެށިވާރޭގެ ސަބަބުން ދެވޭވަރު ނުވީއެވެ. އަނެއްކާ ވެސް އެނބުރި އައިސް ވަނީ އަރޫއާއެކު އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގެ އޭސީގެ ފިނިކަމާއި ވެހެމުންދިޔަ ވާރޭގެ ސަބަބުން މާހައުލުގައި ހިފައިފައިވާ ތެތްފިނިކަމުގެ ސަބަބުން ދެމީހުންނަށްމެ ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެންގެ މުޅި ހަވާނަފްސު އެރޭ އަރޫއަށް ހަދިޔާކުރެވުނެވެ. މަންމަ އަހަންނަށް ގޭގައި އިންތިޒާރުކުރާނެކަން ވެސް ހަނދާންނެތުނީއެވެ. އިޝްޤުގެ މަސްތުގައި ޖެހިފައި ތިއްބާ އަހަރެމެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަހަރެން މާބޮޑަށް ލަސްވެގެން މަންމަ ގުޅީއެވެ. އަނެއްކާ ވެސް އަހަރެން ހެދީ ދޮގެކެވެ. ވިއްސާރައިގެ ސަބަބުން ކާރެއް ނުލިބިގެން ކްލާސްކުއްޖެއްގެ ގޭގައި މަޑުކުރީކަމަށް ބުނެފައެވެ. މަންމަ އަހަންނަށް ކުރާ އިތުބާރުގެ ނާޖާއިޒް ފައިދާ ނެގީމެވެ. މުޅި އެރޭ އަހަރެން އަރޫ ގާތު އޮތްއިރު އޭނާގެ ހަށިގަނޑުގެ ހޫނުން ހީފިލަމުން ދިޔައެވެ. އެހޫނަކީ އަހަރެންގެ މުޅި ޖިސްމު ރޯފިލި ހޫނެއްކަން އޭރަކު އިހްސާސެއްނުކުރެވެއެވެ.

އަރޫއާ އަހަންނޭ ކިޔައިގެން ކްލާސްކުދިން އަޅުވާކިޔުމަކީ އަހަރެން އަމިއްލަ ނަފްސަށް އޭރު ކިހާ ފޮނިވި ކަމެއް ހެއްޔެވެ. އޭނާގެ ލޯބިވެރިޔާއަކީ އަހަރެންކަން އެހެން ކުދިންނަށް އެނގުނު ވަރަކަށް އަހަރެން ފަޚުރުވެރިވީމެވެ. ނަމަވެސް އަހަރެމެންގެ ގުޅުމަށް އަހަރު ނުވަނީސް އަހަންނަށް އަރޫއާ ބެހޭގޮތުން ކުރިން ނޭގޭ ހަގީގަތްތަކެއް އެނގުނެވެ. ބޯއީފްރެންޑެއް ހުރުމަކީ ހަމައެކަނި ލިބޭ ހިތްހަމަޖެހުމެއް ނޫންކަން ޔަގީންވިއެވެ. އެދުވަހު އަހަންނަށް އަރޫގެ އެންމެ ފޯނުކޯލެއް ވެސް ނާދެއެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ވަރަށް ހިތްވަރާއެކު އެދުވަސް ފާއިތުވަންދެން ކެތްކޮށްލީމެވެ. ނަމަވެސް އަނެއް ދުވަހަށް އެރި އިރާއެކު އަރޫމެންގެ ގެޔަށް ދިޔައީމެވެ. އަރޫގެ ފޮރުވިފައިވާ ހަގީގަތްތަކެއް އެދުވަހު އަހަންނަށް އެނގުނެވެ. އޭރު އަރޫ ހުރީ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އަރޫއަކީ މާލެތެރޭގައި އެދުވަސްވަރު ހިންގަމުންދިޔަ އެތައް މާރާމާރީއެއްގައި ހައްޔަރުކުރެވިފައިވާ މީހެއްކަމެވެ. ނަމަވެސް 18 އަހަރު ނުފުރޭތީވެ އޭނާއަށް ހުކުމް ނުކޮށް ދޫކޮށްލާފައި ހުންނަނީކަމެވެ. އެހަގީގަތްތައް އެނގުމުން އަހަރެން އަރޫއާ ދުރުވާން ނިންމީމެވެ. އޭރު ކިޔެވުންއޮތީ ބޮއްސުންލާނެވަރަކަށް ބޮއްސުންލާފައެވެ. ނަމަވެސް އައު އުންމީދަކާއެކު ކިޔެވުމާއި އަމިއްލަ ދިރިއުޅުމާ މެދު ވިސްނަން ނިންމީމެވެ. ނަމަވެސް އެގޮތުގައި އަހަންނަށް ހުރެވުނީ ދެތިންދުވަހަށެވެ. އަރޫގެ ފޯންކޯލެއް އަހަންނަށް އައެވެ. ބައްދަލުކުރުމަށް އެދި ރޮއެ އާދޭސްކުރިއެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އޭނާ ގާތަށް ދިޔައީމެވެ. އޭނާގެ އާދޭސްތަކަކަށް ފުރަގަހެއް ނުދެވުނެވެ. އޭރު އޮތީ އެޔަށްވުރެ ގާތްވެވިފައެވެ. އެހިސާބުން ގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ބޭބެއަށް އަހަރެމެންގެ ގުޅުމުގެ ޚަބަރު ލިބިއްޖެއެވެ. ބޭބެއަށް އަރޫގެ ހަގީގަތް އެނގޭތީވެ އޭނާއާ ދުރުވުމަށް ނަސޭހަތްތެރިވިއެވެ. އެކަމަކު އަރޫދެކެ އަހަރެންނަށް ވެވިފައިހުރި ލޯބީގެ ކުރިމަތީގައި ބޭބެއަކީ އޭރު އެއްވެސް މީހަކަށް ނުވިއެވެ. އަހަރެން އަރޫއާ ދުރުކުރުމަށް ބޭބެ ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދިނެވެ. އަހަރެން ހުއްޓުވުމަށް ޓަކައެވެ. ނަމަވެސް ލޯތްބަކީ މުޅި ދުނިޔެއާ ވެސް ހަނގުރާމަކުރެވޭހާ ވަރުގަދަ އެއްޗެއްކަމަށް މީހުންބުނެއެވެ. އަހަރެން ވެސް އެކަން ގަބޫލުކުރީމެވެ. މަންމަގެ އާދޭސްތަކުގައި ވެސް ކޮޅުފައިން ޖެހީމެވެ. އޭގެފަހުން  އިތުރު ދޮގުތަކެއް ހަދާކަށް ނުޖެހެއެވެ. އަރޫއާއެކު ރޭތައް ހޭދަކުރަމުން ދިޔައީ އެއްވެސް ބިރެއްނެތިއެވެ. އޭނާ ކުރަމުންދިޔަ ހުރިހާ ނުބައި އަމަލެއް އެނގިހުރެ ވެސް އަހަރެންދެކެ އޭނާ ލޯބިވާކަމަށް ގަބޫލުކުރެވޭތީވެ އެއިން އެއްކަމެއް ވެސް އަހަންނަކަށް މުހިންމެއްނުވިއެވެ. އުމުރުން 15 އަހަރުވީ އިރު އަހަރެންގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފައެވެ. އަހަރުމެންނަކީ ޝަރުޢީގޮތުން ދެމަފިރިން ކަމުގައި ނުވިނަމަވެސް އަހަރެން އުޅެމުންދިޔައީ އަނތްބެއްގެ ގޮތުގައެވެ. މަންމައާއި ދޮންބެ އެތައްގޮތަކުން އަހަރެންނަށް ވިސްނައިދިނުމަށް ކުރި މަސައްކަތްދިޔައީ ދުވަހެއް ދުވަހަކަށް ނާކާމިޔާބުވަމުންނެވެ. ނަމަވެސް އެމީހުން ވެސް އަހަރެންދެކެ ލޯބިވާތީ އަހަރެންދެކެ ރުޅިއެއް ނާދެއެވެ. ބޭނުންވީ ވިސްނައިދޭށެވެ. ކިޔެވުމަށް ބާރުއެޅިއެވެ. ކިޔެވޭތޯ އަހަރެން ވެސް މަސައްކަތްކުރީމެވެ. ނަމަވެސް އެއަހަރު ވެސް ޓެސްޓު ދުވަސްވަރު ވީ ހަނގުރާމައަކަށެވެ. އަރޫއަށް ޓަކައި މުޅި ދިރިއުޅުން ބަދަލުކޮށްލުމުގެ އަގުއޭނާ ވަޒަނެއްނުކުރިއެވެ. އަހަންނަށް އޭނާ އިތުރު ބައިވެރިން ގެންގުޅޭކަން ފަޅާއެރިއެވެ. އެއިން އެއްކަމެއްގެ ވެސް ހެއްކެއް އަހަންނަކަށް ނުލިބެއެވެ. އިވުނީ މީހުން ދެއްކި ވާހަކަތަކެވެ. އެއަށް ވެސް އަހަރެން ދިނީ ބީރުކަންފަތެވެ. އިތުބާރުކުރީ ލޯބިވާ އަރޫއަށެވެ.

އަހަރެންގެ އުމުރުން 16 އަހަރު ފުރުނުއިރު، އަހަރެން އިނީ ސްކޫލުން ވަކިވެގެންނެވެ. ކިރިޔަ ކިރިޔާ ގްރޭޑްބަދަލުވާ ކަމެވެ. ރަނގަޅަށް ފާހެއްނުވެއެވެ. އަރޫއަށް 18 އަހަރު ފުރުމުން އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކަށް ހުކުމް ތަންފީޒުކުރުމަށް އޭނާ ގެންދެވުނެވެ. 8 މައްސަލައަކަށް ހުކުމްކުރިއިރު 2އަހަރު ދުވަހު ޖަލުގައި އޭނާ ހޭދަކުރިއެވެ. އަހަރެން އޭނާގެ އިންތިޒާރުގައި ހުރީމެވެ. އޭނާ އެނބުރި އައެވެ. ނަމަވެސް އޭނާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރާބުއިމާއި މާރާމާރީއާއި ވައްކަންކުރުން ދިޔައީ އިތުރުވެގެންނެވެ. ރައްޓެހިންގެ އާދޭސްތަކާއެކު ވެސް އަހަންނަކަށް އޭނާ ދޫކޮށެއް ނުލެވުނެވެ. މަންމައާއި ބޭބެ ވެސް ނަސޭހަތްދީދީ ވަރުބަލިވެގެން އޭރު ހުއްޓާލައިފިއެވެ.

އަހަރުތައް ފާއިތުވަމުންދިޔައީ އެފަދަގޮތަކަށެވެ. އަހަރެންގެ ލޯބީގެ ހައްގުގައި އަރޫގެ ކޮންމެ ކުށަކަށް މާފުކުރަމުން ދިޔައީމެވެ. ހަމައެއާއެކު އޭނާ ކުށަކަށްފަހު ކުށެއް ކުރަމުން ދިޔައެވެ. އެތައް ބަޔަކު އޭނާގެ ސިއްރު ގުޅުންތަކުގެ ވާހަކަ ދައްކައެވެ. ފަހުންފަހުން އަހަރެންނަށް އެއީ ނީވޭއަޑަކަށް ވެގެންދިޔައެވެ. އަހަރެން ބޭނުންވީ ހަމައެކަނި އަރޫގެ އަޑުއަހާށެވެ. ވަޒީފާއަކަށް ދިއުމަކީ އަރޫ ބޭނުންކަމެއް ނޫނެވެ. އޭނާގެ މައިންބަފައިންގެ ފަރާތުން ލިބޭ ފައިސާކޮޅު އޭނާއަށް ފުދެއެވެ. އޭގެއިތުރުން ވައްކަމާއި ގާނޫނާޚިލާފު މަސައްކަތްތަކުން ވެސް އޭނާގެ ޖީބަށް ބަރުވެއެވެ. އޭގެ އިތުރުން އަހަރެން މަސައްކަތްކޮށްގެން ހޯދާ މުސާރައަކީ ވެސް އޭނާގެ މިލްކެކެވެ. އަހަރެންގެ އުމުރުން ވިހި އަހަރު ވީއިރު، ގާތް ރައްޓެހިން މީހުންނާ އިންނަށް ފެށިއެވެ. އަހަރެން ވެސް އެދުވަސް ދެކެން ބޭނުންވިއެވެ. ނަމަވެސް އަރޫއާއެކުއެވެ. އޭނާ އަމިއްލައަށް އެކަމަށް އެދެންދެން ކެތްތެރިކަމާއެކު އަހަރެން ހުރީމެވެ. ގިނަ އަހަރުތަކެއްނުވެ ރައްޓެހިންގެ ތުއްތު ތުއްތު ކުދިން ވެސް ފެންނަން ފެށިއެވެ. އަހަރެންގެ ހުވަފެންތައް ވެސް ދިޔައީ ފޮނިވަމުންނެވެ. އެކަމަކު އަހަރެން ބޭނުންވީ އަރޫގެ އިންތިޒާރުގައި ހުންނާށެވެ.

އޭރު އަހަންނާ އަރޫ ބައްދަލުވިތާ 10 އަހަރުވާން ކައިރިވެއްޖެއެވެ. އަހަރެންގެ އުމުރުން އޭރު 22 އަހަރެވެ. އެއްދުވަހެއްގެ ހެނދުނެވެ. ނިދާ ހޭލިއިރު ގާތުގައި އަރޫއެއް ނެތެވެ. ގުޅާގުޅާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން އަހަރެން އޭނާގެ ރައްޓެހިންނަށް ގުޅީމެވެ. އެމީހުން ބުނިގޮތުގައި އެވަގުތު އޭނާ ހުރީ އޭނާ ބެދިފައިވާ މައްސަލައަކުން ރެކެން ލަންކާއަށް ފުރައިގެން ދާން އެއަރޕޯޓަށް ގޮހެވެ. އަހަރެންގެ ރައްޓެއްސަކަށް ގުޅައިގެން ހަވީރު ފްލައިޓަށް ޓިކެޓް ހަމަޖެއްސީމެވެ. އޭނާއަށް ކުރިމަތިވެފައިވާ އެ ދަތި ދުވަސްތަކުގައި ގާތުގައި ހުންނަން ބޭނުން ވާތީއެވެ. ގެއަށް ގޮސް މަންމައަށް ނޭގި ހެދުންކޮޅެއް ދަބަހަށް އަޅައިގެން ލަންކާއަށް ދިއުމަށް ނުކުތީ މަންމަ ގާތުގައި ވެސް ނުބުނެއެވެ. އަރޫއާ ބެހޭ މަޢުލޫމާތެއް އެހެން މީހަކަށް ދޭން ބޭނުން ނުވާތީއެވެ. އަހަރެން ކާރުގައި އިންދާ މަންމަ ގުޅިއެވެ. ކުރީރޭ ގެއަށް ނިދަން ނާންނާތީ އެޝަކުވާ ކުރާށެވެ. އުމުރުގެ ދުވަސްތައް އެހެން ދުއްވާނުލުމަށް އެދި އާދޭސްކުރިއެވެ. އެއީ އާދައެކެވެ. މަންމައާއެކު ވަގުތު ހޭދަ ނުކުރާތީ އެކަމުގެ ޝަކުވާއެވެ. އެއީ ތެދެކެވެ. 10 ވަރަކަށް އަހަރު އަރޫއާއެކު ހޭދަވީއިރު އަހަންނާ މަންމައާ ވަރަށް ދުރުވެވިއްޖެއެވެ. އަހަރެން އެދުވަހު ހިތުގައި ޖެހުނެވެ. ވިސްނައިލެވުނެވެ. ލަންކާއަށް ދާ ވާހަކަ ތެދަށް ބުނަން ބޭނުންވިއެވެ. ނަމަވެސް ފަސްޖެހެވުނެވެ. އަހަރެން ވަރަށް އަވަހަށް މަންމަ ގާތަށް އެނބުރި އަންނާނެކަމަށް ބުނެ ފޯނުބޭއްވީމެވެ.

ލަންކާއަށް ގޮސް އަރޫއާ ބައްދަލުކުރީ އޭނާގެ ރައްޓެހިން މެދުވެރިކޮށެވެ. އޭނާ ލަންކާއަށް އައީ މީހެއްގެ މަރުގެ ތުހުމަތަށް ފިލަންށެވެ. އެއީ އޭނާގެ ކުށެއްއޮތްކަމެއް ނޫންކަމަށް އޭނާ ވަޢުދުވިއެވެ. އަދި އޭނާ އެމައްސަލައިގައި ބެދިއްޖެ ނަމަ ދުވަހަކު ވެސް ސަލާމަތްނުވާނެކަމަށް ބުންޏެވެ. އޭނާއަށް އަހަރެން އިތުބާރުކުރީމެވެ. ޢާއިލާއާ ދުރުގައި އެމީހުންނަށް އެއްވެސް ޚަބަރެއްނުވެ 10 ދުވަސް ހޭދަކުރީމެވެ. އެމީހުންގެ ހިތަށް ކުރާނެ އަސަރަކާ މެދު ނުވިސްނަމެވެ. އަރޫ ބެދުނު މައްސަލައިގެ އަސްލު ކުށްވެރިން ހައްޔަރުކުރިކަމުގެ ހަބަރާއެކު އެނބުރި މާލެއައީ އައު ހަޔާތެއްގެ ފޮނި އުއްމީދުތަކާއެކުއެވެ. ނަމަވެސް ތަޤުދީރުގެ ރޭއްވެވުމުގެ ކުޑަނަމަވެސް ހިލަމެއް ވެފައި ނެތް އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

ގެއަށް ވަނުމުން އަހަންނަށް އިޙުސާސްކުރެވުނީ ފޫނުބެއްދޭ ވަރުގެ ފަޅުކަމެކެވެ. ވީރާނާކަމެވެ. ގޭތެރެއިން މަންމަގެ  އެއްވެސް ހިލަމެއްނުވިއެވެ. ގޭގައި އުޅެނީ ހަމައެކަނި ދޮންބެ އާއި ކޮއްކޮއެވެ. އަހަރެން ފެނުމުން ކޮއްކޮ އައިސް އަހަރެންގެ ގައިގައި ބައްދައިގަނެފައި ރޯންފެށިއެވެ. މަންމަ މިދުނިޔެ ދޫކޮށް ދާއިމީ ގޮވައްޗަށް ދަތުރުކޮށްފިކަމުގެ ހިތި ޚަބަރު އަހަންނަށް ދިނެވެ. އަހަރެންނަށް ހީވީ މުޅި ދުނިޔެ އަނދިރިވިހެނެވެ. ހަށިގަނޑުގެ ބާރުކެނޑި މީހާ ބިންމައްޗަށް ތިރިވެވުނެވެ. ހިތުގެ ތެޅުންއަވަސްވިއެވެ. އެއީ ދޮގު ޚަބަރަކަށް ވުމަށް އެދި ހިތް ރޯންފެށިއެވެ. ނަމަވެސް އެއީ ތެދެކެވެ. އަހަރެންގެ ހަބަރެއްނުވުމުން ލިބުނު ހިތާމަތަކަށް ކެތްނުކުރެވި އެންމެފަހުން މަންމައަށް ޖެހުނު ހާރޓް އެޓޭކެއްގައި އަހަރުމެންނާ މަންމަ ވަކިވެގެން ދިޔައީއެވެ. އަހަރެންނާ ގުޅޭނެގޮތެއް ނެތުމުން އެޚަބަރު އަހަންނާ ހިސާބަށް ނުފޯރީއެވެ.

ދުވަހުގެ ހަވީރުވީ އިރު އަރޫގެ 100 އަށް ވުރެ ގިނަ މިސްކޯލް އަހަރެންގެ ފޯނަށް އައެވެ. އެ ފޯނަށް ޖަވާބުދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. 10 އަހަރުވީ އެ ބާރުގަދަ ލޯބި މިއަދު އަހަންނަށް އެއްވެސް އެޗަކަށް ނުވިއެވެ. އެލޯބީގެ ބަދަލުގައި އަހަންނަށް ލިބުނު އެއްޗެއްނެތީތީއެވެ. އަހަންނަށް ޓަކައި އުމުރު ދުވަސް ހޭދަކުރި މައިމީހާ ދުނިޔެ އަޅާ ދިޔައީ ވެސް އަހަންނަށް ފެނިނުލައެވެ. އަރޫގެ އާދޭސްތަކަށް އެހުރިހާ އަހަރަކު އަހަރެންގެ ހިތްލެނބުނެވެ.

އަހަރެންގެ ސިކުނޑީގެ އޮއިވަރު ގަދަވިއެވެ. ގޮތެއް ނިންމަން އުނދަގޫވިއެވެ. އެންމެފަހުން އެފަހަރު ވެސް ކެތެއް ނުވިއެވެ. އަހަރެން އަރޫއާ ބައްދަލުކުރީ އެރޭ 11 ޖެހިއިރެވެ. އާރޓިފިޝަލް ބީޗުގައެވެ. އެއީ އަހަރެން ހިތްހަމަޖެހޭ މާހައުލެކެވެ. އަރޫއާ މައްސަލައެއް ޖެހިއްޖެނަމަ އަހަރެން ގޮސް އިންނަނީ އެތަނުގެ ގޮނޑިއެއްގައެވެ. އެހެން ލޯބިވެރިންގެ ލޯބީގެ ވަގުތުތަކުގައި ބައިވެރިވެލާ ހިތްހަމަޖައްސާލަނީއެވެ. އަހަންނަށް އަރޫއާއެކު ދުވަހަކު ވެސް އެކަހަލަ ވަގުތުކޮޅެއް ހޭދަކުރެވިފައެއް ނުވެއެވެ. ގިނަވަގުތަކީ އޭނާގެ ކޮޓަރީގައި އޭނާގެ ހަށިގަނޑުގައި އަޅާ ރަޖާގަނޑެއް ފަދައިން ހޭދަވި ވަގުތުތަކެވެ. އަރޫ ބުނި ގަޑީގައި އޭނާ އަހަންނާ ބައްދަލުކުރިއެވެ. އަހަރެންގެ މަންމަގެ މަރުގެ ޚަބަރު އޭނާއަށް އެޢާއިލާ މީހުންގެ ފަރާތުން އޮތީ ލިބިފައެވެ. ނަމަވެސް އަރޫގެ ސަލާމަތަށް ޓަކައި އޭނާގެ އެކުވެރިން އެކަން ސިއްރުކުރީއެވެ. އަރޫ ހުރީ ފެންކަޅިވެފައެވެ. އެފަހަރު އެމޫނުމަތި ހުރީ މިލާ މޯޅިވެފައެވެ. ހަމަ ރަނގަޅަށް ވެސް އޭނާ ހުރީ ހިތުގައި ޖެހިފައެވެ. އޭނާއަށް ޓަކައި އަހަރެން ވަމުން ދިޔަ ގުރުބާނީތަކުގެ ބަދަލުގައި އަހަންނަށް ލިބުނު ހިތްދަތިކަމުގެ ސަބަބުންނެވެ. އޭނާއަށް އެރޭ ހުރީ ވިސްނިފައި ކަހަލައެވެ. އަހަރެންވީ ލޯބީގެ އަގު ވަޒަންކުރިއެވެ. ކުރެވުނު ހުރިހާ ކުށަކަށް މަޢާފަށް އެދުނެވެ. ހުރިހާ ކުށަކަށް އެއްބަސްވިއެވެ. އަދި ދުވަހަކު ވެސް އެފަދަ ކުށެއް ތަކުރާރު ނުކުރާނެކަމަށް ވަޢުދުވިއެވެ. އަހަރެންގާތު އޭނާއާ ކައިވެނި ކުރުމަށް އެދުނެވެ. އެއީ 10 އަހަރުދުވަހު އަހަރެން އިންތިޒާރުކުރި އެބުނާ ލޯތްބެވެ. ނަމަވެސް އަރޫއެކޭ އެއްފަދައިން އަހަރެންގެ ހިތް ވަނީ ބަދަލުވެފައެވެ. އެހިތުން އަރޫގެ އެކަރުނައަކަށް ހިތްހެވެއްނުވެވުނެވެ. އަހަރެން އޭނާއަށް މަޢާފެއްނުކުރަމެވެ.

”އަރޫއަށް އެނގިއްޖެދޯ އަފާ އަރޫދެކެ ލޯބިވީވަރު، އެކަމަކު އަރޫއަށް އެނގޭތަ އެލޯތްބަކަށް ޓަކައި އަފާއަށް ސެކްރިފައިޒް ކުރަން ޖެހުނުހާ އެއްޗެއް، ތި ލޯތްބެއްގެ އަވާގައިޖެހިގެން އަފާގެ މުޅި ލައިފް މިއޮތީ ހަލާކުވެފަކަން އަރޫއަށް އެނގޭތަ؟ އަފާގެ ހުރިހާ ކުށަކަށް މަޢާފްކޮށް އަފާގެ ހިތުގައި ނުޖައްސަންވެގެން އަރޫއާ އެކީ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލައިގެން ހިތާމަތަކަށް ކެތްކޮށްލައިގެން އަފާގެ މަންމަ ވެސް އިނީ… މިއަދު އެ ހިތާމަތަކަށް ކެތްނުވެ މަންމަ އެވަނީ އަހަރުމެންނާ އަބަދުގެ އަބަދަށް ވަކިވެފައި. އެ މަންމަގެ މޫނު ދެކިލާނެ ޗާންސެއް ވެސް އަފާއަކަށް ތި އަރޫދެކެވީ ލޯތްބަކާ ހެދި ނުލިބުނު، އެނގޭތަ….މިވީހާ ދުވަހު ހެދި ކޮންމެ ގޮތެއް ހެދިގެން މިހުންނަނީ ހަމަ މީހުން އެބުނާ ލޯތްބެއްގައި ދީވާނާ ވެވުނީމަ، އެކަމަކު އަރޫއަށް އެނގޭތަ އަސްލު ލޯތްބަކީ ކޮބައިކަން؟ ލޯތްބަކީ އަފާ މަންމަ އަފާދެކެ އެވީ ލޯބި، މިއަދު އަފާއަކަށް އަރޫގެ ތި ލޯތްބެއް މުހިންމެއްނޫން، މިއަދު އަފާ މިނިންމާ ނިންމުމަކީ އަފާ ކަހަލަ މިގޮތަށް މުޅި ހަޔާތުގެ އެންމެ އަގުހުރި ދުވަސްތައް ވަކި މީހަކަށް ޓަކައި ބޭކާރުގޮތުގައި ހޭދަކުރަމުންދާ ހުރިހާ ޒުވާނުންނަށް ޓަކައި ނިންމާ ނިންމުމެއް، ލޯތްބަކީ ތިމާ ބަނޑުއަޅާ ވިހޭ މައިމީހާދެކެ ވާލޯބި، ލޯބިވާން އެނގޭމީހެއްވިއްޔާ ފުރަތަމަ މައިންބަފައިންގެ ލޯބީގެ އަގުވަޒަންކުރާނެ، އެމީހުން ކިޔަވައިދޭން އެއުފުލާ ބުރައިގެ އަގުވަޒަން ކުރާނެ، އެއަށްފަހު ތިމާދެކެ ލޯބިވެ އަމިއްލަ މީހާ މީހަކަށް ހަދާނެ، އޭރުންތާ މީހަކަށް ތިމާ ކަމުދާނީވެސް…އެއީ އަފާގެ މަންމަބުނާ އެއްޗެއް، މިއަދު އެމަންމައެއް ނެތް، މިއަދު މިވަނީ ވަގުތު ފާއިތުވެފަ، އެދުވަސްތަކެއް ދެނެއް ނާންނާނެ…ކިޔެވުމުގެ ރަން އުމުރެއް ނުގެނެވޭނެ، އެކަމަކު އަދިވެސް ލަހެއްނުވޭ، އަފާއެއް ދެނެއް ތި އަރޫގެ ލޯތްބެއް ބޭނުމެއް ނޫން” އަހަރެން ގިސްލަގިސްލައި ރުއީމެވެ. އަހަރެން އެރޭ އަރޫގެ ލޯތްބަށް ފުރަގަސްދިނީމެވެ.

އަރޫ އަދިވެސް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. މިއަދު މިހިތަކު އަރޫއަށް ޓަކައި ކުޑަ ވެސް ޖާގައެއްނެތެވެ. މިއަދު އަހަރެން މިހިރީ މަންމަ ބޭނުންވިފަދަ ހަރުދަނާ މީހަކަށްވެފައެވެ. ޑިގްރީއެއް އަތަށްއެރި އިރު އުމުރުން މިވަނީ 28 އަހަރު ވެފައެވެ. ހުރިހާ އެކުވެރިންހެން މީހުންނާ އިނދެ ދަރިން ލިބި އުޅެމުން މިދަނީ އުފާވެރި ދިރިއުޅުމެކެވެ. އަހަންނަށް ވިސްނުނުލެއް ލަސްވި ނަމަވެސް ހިތްވަރު އެލުވައެއްނުލަމެވެ. އަރޫއަށްވުރެ މާފުރިހަމަ ބައިވެރިޔަކު ވެސް މިއަދު އަހަރެންގެ އަތުގައިވަނީ ހިފާފައެވެ. ހަޔާތުގައި ބާކީ އޮތް ހުރިހާ ސަފްހާއެއް އެމީހަކަށްޓަކާ ހުސްކޮށްލެވޭވަރު ހަރުދަނާ ވަފާތެރި އަނތްބަކީމެވެ.

ނިމުނީ

7

6 Comments

 1. Shaai

  August 7, 2016 at 3:37 am

  Wow nice story

 2. sabeeha

  August 7, 2016 at 9:25 am

  nice story

 3. Elena

  August 7, 2016 at 11:57 am

  Vvvv nice

 4. soabi

  August 7, 2016 at 3:22 pm

  Wow v salhi very interested ???

 5. Nashwa

  August 16, 2016 at 12:42 pm

  Alhey IQ falsafaa vaahaka genes dheeba dhw dhn

 6. Liyaa

  March 21, 2020 at 10:15 am

  Nice

Comments are closed.