އަހަރެންގެ ވާހަކަ (އަށާވީސްވަނަ ބައި)
ތަންކޮޅަކަށް ދެވޭވަރުވީ ކިރިޔާއެވެ. ތުނިތުނިކޮށް ވާރޭ ވެހެންފެށިއެވެ. ކުދި ވާރޭގެ ތިކިތަކުން އަހަރެން ތެތްމަމުންދިޔުންވީ މަޖާކަމަކަށެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން އަހަރެން ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް އަހަރެން ހިނގައިގަތީމެވެ. މިފަހަރުވެސް ހުއްޓެން މަޖުބޫރުވީ މީހަކު ފަހަތުން އަންނަކަން އެނގިގެންނެވެ. ފަހަތް އެނބުރިލާއިރު މީހަކު ނުހުރެއެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު އަހަރެންނަށް ފާރަލަމުންދާކަށް ޔަޤީންވިއެވެ. ކާކު ހެއްޔެވެ؟ އިސްމާއިލް ޤާޒީގެ ކަމެއް ހެއްޔެވެ؟ ނޫނީ..
“އޭތް ކީއްވެ ހިނގާފަ؟” ސައިކަލެއްގައި އައިސް މަޑުކޮށްލީ އަދްހަމްއެވެ.
“ސައިކު ސްޓާޓްނުވީ..” އަހަރެން ބުނީމެވެ.
“ގުޅާލިނަމަ.. ހިނގާ ގެންގޮސް ދޭނަން..” އޭނަގެ ޖުމްލަ ނިމެންވާއިރަށް އަހަރެން ސައިކަލަށް އެރީމެވެ.
“މިހެން ތުނި ތުނިކޮށް ވާރޭ ވެހޭއިރު ކިހާ ރޮމް ހިނގާލާފަ ދާން..” ސަމާސާއަކަށް ހަދާފައި އަހަރެން ބުނީމެވެ.
“ހޫމް އެކީގަ ހިގާނެ ރީތި އަންހެންކުއްޖެއް ލިބެނިކޮށް މާބޮޑަށްވެސް ރޮމްވާނެ..” ހިނިގަނޑެއް ޖަހާލަމުން އޭނާ ބުންޏެވެ. އޭނަ ސައިކަލު މަޑުކުރީ ކެފޭއެއްގެ ކައިރިއަށެވެ.
“ހިނގާބަލަ ވަރަށް މުޙިއްމު ވާހަކައެއް ދައްކަންވެފައި އެބައޮތް..” ސައިކަލު ޕާރކްކޮށްފައި އޭނަ ބުނެލިއެވެ.
“ނުބުންޏަސް މަށަށްވެސް އެނގިއްޖެ ކަމެއްވެއްޖެކަން..” އޭނަގެ މިޒާޖަށް އައިސްފައިވާ ބަދަލު އަހަރެންނަށް ފާހަގަކުރެވުނެވެ.
“އޭނ ބަލާބަލަ ރީތީ ދޯ؟” ފޯނުން އަންހެންކުއްޖެއްގެ ފޮޓޯ ދައްކާލަމުން އޭނަ އަހާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނައަށް ކަމުދާ ކަހަލަ އަންހެންކުއްޖަކާދިމާވީއެވެ. އެކުއްޖާއާއި ދިމާވި ގޮތުގެ ވާހަކަ އޭނަ ކިޔާދިނެވެ. އެތައް ދުވަހަކަށް ފަހު މަޖާކުރެވުނެވެ. އަދްހަމުގެ މަޖާ ވާހަކަތަކުގެ ސަބަބުން ހުރިހާ ހިތާމަތަކެއް މަތިން ހަނދާންނެތުނެވެ. ކޮފީ ނިންމާލާފައި އޭނަ ސައިކަލުގައި އަހަރެން ގެއަށް ގެންގޮސްދިނެވެ.
އެތެރެއަށްވަތްއިރު ގޭތެރޭގައި ރަސްކަންކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. ލައިޓަތައް ޖައްސާލުމުން އަލިވެގެންދިޔައިރު ސޯފާގައި އިން މަންމަ ފެނުނެވެ.
“މަންމާ…” ހައިރާންވިވަރުން ގޮވާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. މަންމަ ބަލީ ހެއްޔެވެ؟ މަންމައަށް ކަމެއްވެއްޖިއްޔާ އަހަރެން މަރުވެދާނެއެވެ.
“ކިހިނެއްވީ މަންމާ؟ ތަނަކަށް ތަދުވަނީތަ؟ ކަމެއްވީތަ؟” މަންމަ ގާތުގައި އިށީނދެ އެދެއަތުގައި ހިފާލީމެވެ.
“މަންމައަކަށް އެއްވެސް ކަމެއް ނުވޭ.. ހަމަ ހިތްބިރު ގަންނަވަރުން ނުނިދިގެން މިއުޅެނީ.. ހީވަނީ ވަރަށް ބޮޑު ކަމެއް ވާން އުޅޭހެން..” އަނެއްކާ ޝާލީއަށް ނުރައްކަލެއް އޮތީ ހެއްޔެވެ؟ ދުރުގައިހުރީ އޭނަކަމަށްވުމުން އެންމެ ފުރަތަމަވެސް ވިސްނާލެވުނީ ޝާލީއާއި ދޭތެރޭގައެވެ.
“އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. މަންމަ މާބޮޑަށް ވިސްނާތީއޭ ބިރުގަންނަނީ.. މަށަށް ހީވަނީ ޝާލް ދުރުގަ ހުންނާތީ މަންމަ އޭނައާއި ދޭތެރޭ ވިސްނަނީހެން.. ނޫރު ޗުއްޓީވީމަ ދޮންބެ ގާތު ބުނާނަން މަންމައާއި ނޫރު ގޮވައިގެން މެލޭއަށް ދާށޭ..” އަހަރެން ބޭނުންވީ މަންމަގެ ހިތްހަމަ ޖައްސައިދޭށެވެ.
“މަންމައަށް ހަމައެކަނި ވިސްނެނީ ޝާލްއާއި ދޭތެރޭއަކު ނޫނޭ.. މަންމަގެ ހުރިހާ ދަރިންނާ ދޭތެރޭވެސް މަންމައަށް ވިސްނޭ.. ތިއިން ކޮންމެ ކުއްޖަކަށް ކަމެއްވިޔަސް މަންމަ ހަމަ ވަރަށް ދެރަވާނެ..” މަންމަގެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ.
“އަހަންނަށް އިނގޭ މަންމާ.. މަންމަގެ ހެޔޮ ދުޢާތައް އަހަރުމެންނާއެކީ ވާނަމަ ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” މަންމަގެ އުނގުގައި އަހަރެން ބޯއަޅާލީމެވެ. މަންމަގެ އޯގާވެރި ފިރުމުންތަކުން އަހަރެންގެ ދެލޮލަށް ނިދި ސަވާރުވީ ކޮންއިރަކުކަމެއްވެސް ނޭނގުނެވެ.
“ތިއްތީ..” ޝިއުޒްގެ އަޑު ދާދި ގާތުން އިވުނެވެ. ދެލޯ އުނގުޅާލަމުން އަހަރެން ބޯހިއްލާ ބަލާލީމެވެ. އެސްފިޔަތައް ލޮލުގައި ތަތްވެފައި ހުރުމުން މަންޒަރުތައް ފެންނަނީ ފުސްކޮށެވެ.
“ކީއްވެ ސޯފާގަ ތިއޮތީ؟” ޝިއުޒް ހުރީ އަހަރެންނާއި ދާދި ގާތުގައެވެ.
“ފަތިސް ވީތަ؟” އޭނަ ނަމާދަށް ތައްޔާރުވެގެން ހުރުމުން އަހަރެން އަހާލީމެވެ.
“އުހުނހު.. ދެގަޑި ބައި ވީ.. ” އާދައިގެ މަތިން އޭނަ ދަމުނަމާދަށް ހޭލައިގެން އުޅެނީއެވެ.
“ވަރަށް ލަހުން އާދެވުނީ.. މަންމައާއި ވާހަކަ ދައްކަން އިނދެފަ ނޭނގެ ނިދުނުއިރެއް..” މޯޅިއަކަށް ދެމިލަމުން ތެދުވީމެވެ. ލޮލުގައި ނިދީގެ އަސަރު ހުރުމުން ކޮޓަރިއާއި ހަމައަށް ދެވުނީ ލަހުންނެވެ. އެނދަށް ވެއްޓި ގަންނައިރަށް ދެލޯމަރާލެވިއްޖެއެވެ.
އާދައިގެމަތިން ފަތިސްނަމާދުގެ ބަންގީގެ އަޑަށް އަހަރެންނަށް ހޭލެވުނެވެ. ފެންވަރާލައިގެން ކޮޓަރިން ނިކުތްއިރު ޝިއުޒްވެސް ބޭރުގައި ޤުރުޢާން ކިޔަވަންއިނެވެ. އަހަރުމެން ހަތަރުކުދިން ތެރެއިންވެސް ދީނީ ކަންތައްތަކަށް އެންމެ ބޮޑަށް ސަމާލުކަން ދެނީ އޭނައެވެ. އުމުރުން ދިހަ އަހަރުންފެށިގެން އޭނަ ނަމާދެއް ނާޅައެވެ. ސުންނަތް ރޯދައާއިބެހޭ ގޮތުން އެނގުނީއްސުރެ ސުންނަތް ރޯދަ ހިފައެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ދަމުނަމާދަކަށް ފަރުވާކުޑައެއް ނުކުރެއެވެ. އޭނައަށް އެހާ ގިނަ ކަންތައްތައް ދަސްވީ ކާކުގެ ފަރާތުން ހެއްޔެވެ؟ އޭނަގެ ކިބައިގައި އެވަނީ ކާކުގެ ސިފަތަކެއް ހެއްޔެވެ؟
ދެމީހުން މިސްކިތުން ފައިބައިގެން އައީ އެކީގައެވެ. މަންމަ މެލޭއަށް ފޮނުވާ ވާހަކަ ބުނުމުން އޭނަ އެކަމަށް ތާއީދުކުރިއެވެ.
“ތިއްތިއަކަށް ފާހަގައެއް ނުކުރެވޭތަ ދޮންބެވަރަށް ހިކިއްޖެހެނެއް.. ޑޮކްޓަރަށް ދައްކާލަންވީ ކަންނޭނގެ..” މަސައްކަތުގެ ސަބަބުން ދޮންބެއާއިވެސް ވާހަކަ ދައްކާ ނުލެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
“މަންމަވެސް ބުނި ކެއުމާ ވަރަށް ދުރޭ.. ވަގުތު ހުންނަ ގޮތުން ދޮންބެއާއިވެސް ދިމައެއްނުވޭ..” ގިނަ ފަހަރަށް އަހަރުމެންނަށް ފަރުވާކުޑަ ކުރެވެނީ އަހަރުމެންދެކެ އެމީހުން އެންމެ ލޯބިވާ މީހުންނާ ދޭތެރޭގައެވެ.
” މަވެސް ދާންވީ ދޯ ދޮންބެމެން ގޮވައިގެން..” އާއިލާއަށްޓަކައި ކޮންމެ ކަމަކަށް ޝިއުޒް ހުންނަނީ ތައްޔާރަށެވެ.
“މިފަހަރު ތިއްތި ދާނީ.. އިޒް ކޮންމެ ފަހަރަކު ކިއާ އެކަނި ބަހައްޓާފަ ދިޔައީމަ އޭނަ ކިހާ އެކަނިވާނެ..” އަހަރެންވެސް އާއިލާއަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދޭންވާނެއެއްނު ހެއްޔެވެ؟
“ހޫމް..” އެތެރެއަށް ވަތްއިރު މަންމައާއި ކިއާރާ ބަދިގޭގައި އުޅެއެވެ. ނޫރު ބަދިގެތެރޭގައި ދުވެދުވެ އުޅެއެވެ.
“ޝިމްބޭ ކޮންތާކު ތިއުޅެނީ؟؟” ނޫރު އައިސް ފައިގައި އޮޅުލައިގަތެވެ.
“ހޭ މައި ލިޓްލް ގާރލް މިސް މީ ދޯ..” ނޫރު އުރާލަމުން އަހަރެން ބުނީމެވެ. ކުޑަކުދިންނަކީ ކިހާ މައުސޫމު ބައެއް ހެއްޔެވެ؟
“ކޮބާތަ ޑެޑީ؟” އަހަރެން ފަހަތުގައި ހުރި ޝިއުޒް އެހިއެވެ. ނޫރު އިޝާރާތްކުރީ ކޮޓަރިއާއި ދިމާލަށެވެ. ޝިއުޒްއަތަށް ނޫރުދީފައި އަހަރެން ވަނީ ކޮޓަރިއަށެވެ.
“ދޮންބޭ..” އެނދުމަތީގައި އިސްޖަހާލައިގެން އިން ދޮންބެ ފެނުމުން ގޮވާލީމެވެ. ޝިއުޒް ބުނިހެން އެހަށިގަނޑު މިހާރުވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. ދެލޯ ހީވަނީ ވަޅުވަދެފަ ވާހެންނެވެ. ލޮލުގެ ވަށައިގެން ކަޅު ވެފައި ހުއްޓެވެ.
“ދޮންބެ ބަލީތަ؟” ދޮންބެގެ ސިފަ ފެނުމުންވެސް ހިތަށް އަސަރުކޮށްފިއެވެ.
“މަށަށް ކަމެއް ވެއްޖެތަ؟ ނުވޭ އެއްވެސް ކަމެއް.. އެއްވެސް މީހަކު މަށާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް..” ވާހަކަ ދައްކަމުން ދިޔައިރު އެދެތުންފަތުގައި މަޑުމަޑު ތުރުތުރެއްވިއެވެ.
“ދޮންބޭ.. އަހަރުމެން ގާތުގަ ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް.. ނުބުނެ ހިތުގަ ފޮރުވައިގެން އިނަކަސް އަހަރުމެންނަކަށް ނޭނގޭނު..” ދޮންބެގެ ކޮޑުގައި ހިފާލަމުން ބުނީމެވެ.
“އަހަންނަކަށް ނޭނގެ ކިޔާނެ އެއްޗެއް.. ދިރިއުޅުންމަތިން މުޅިން ފޫހިވެއްޖެ މިހާރު.. އަހަރެން ދިރި ހުރީ އަހަރެންގެ ދަރިފުޅަށްޓަކައި.. އެކަމަކު މިހާރު.. ޝިމާލް ނޫރު އެއީ އަހަރެންގެ ދަރިއެއްނޫން..” އެދެލޮލުން ވެއްޓުނު ކަރުނަތިކި އައިސްޖެހުނީ އަހަރެންގެ އަތުގައެވެ.
“ކިހިނެއް ކިހިނެއް ދޮންބެއަށް އެނގުނީ؟” ދޮންބެ ހާދަ ދެރަވާނެއެވެ.
“ޑީ އެން އޭ ހެދީ..” އެހިސާބަށް ދާން ޖެހުނީ ކޮންމެވެސް ސަބަބަކާހުރެކަން ޔަޤީނެވެ. ހަމަކުއްލިއަކަށް ދޮންބެގެ ސިކުނޑިއަކަށް އެޙިޔާލެއް ނާންނާނެކަން އަހަރެންނަށް އިނގެއެވެ.
“ޑެޑީ..” ނޫރު އެތެރެއަށް ވަދެގެން އައިސް ދޮންބެގެ އުނގުތެރެއަށްވަނެވެ. ނަމަވެސް ދޮންބެ ހަމަ އަޅާވެސްނުލާ އިން ގޮތަށް އިނީއެވެ. ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް ނޫރުގެ ކުށެއްނެތޭ ދޮންބެ ގާތުގައި ބުނަން އަހަރެން ބޭނުންވިއެވެ. ނަމަވެސް ނޫރުގެ ކުރިމަތީގައި އެވާހަކަ ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ.
އިރުކޮަޅަކުން ފެނުނީ ދޮންބެ ނޫރު ދުރަށް ކޮށްޕާލިތަނެވެ. ނޫރު އައިސް ޖެހުނީ ޑްރެސިން ޓޭބަލްގެ ކަނެއްގައެވެ. އަވަސް އަވަހަށް ގޮސް އޭނަ ނެގިއިރު ނިތްކުރިމަތިން ލޭއާދެއެވެ. އެމައުސޫމު ރުއިމުގެ އަޑުއިވެމުންދިޔައެވެ. ނޫރު އުރާލައިގެން އަހަރެން ބޭރަށް ނިކުތީމެވެ.
“ކިހިނެއްވީ؟” މަންމައާއި ކިއާރާ ދުވެފައި އައެވެ.
“މަންމާ އޭނަ ނިތްކުރިމަތި ފެޅިފަ އިނީ.. ބޭސް އަޅަން ޖެހޭނީ..” އަހަރެން އުޅުނީ ނޫރު މަންމަ އަތަށް ދޭށެވެ. ނަމަވެސް ނޫރު އޮތީ ބާރަށް އަހަރެންގެ ކަނދުރާގައި ދެއަތުން ހިފަހައްޓައިގެންނެވެ. އޭނަގެ ރުއިން ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ހަލާުވެފައި ހުރި ތަން ސާފުކޮށް ބޭސް އަޅާ ނިމުނުއިރު އޭނައަށް އޮތީ ނިދިފައެވެ. އޭރުވެސް ދެލޮލުގައި ކަރުނަތައް ފުރިފައި ހުއްޓެވެ.
ޑިއުޓީއަށް ދާން ތައްޔާރުވަމުން ދިޔައިރުވެސް ވިސްނެމުންދިޔައީ ދޮންބެއާއި ދޭތެރޭގައެވެ. މިޒާޖަށްވެސް ހާދަ ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މިހުރިހާ ކަމެއް ކުއްލިއަކަށް ދިމާވީ ކީއްވެ ހެއްޔެވެ؟ ނޫނީ އަހަރުމެންނަށް ފާހަގަ ނުކުރެވުނީ ހެއްޔެވެ؟ ތައްޔާރުވެލައިގެން ނިކުތްއިރު ޝިއުޒްވެސް އޮފީހަށް ދާން ނިކުންނަނީއެވެ.
“އިޒް ލަސްނުވަންޏާ ތިއްތި ވައްޓާލަދީބަލަ..” އަވަހަށް ބޫޓަށް އަރަމުންބުނީމެވެ. ޝިއުޒް ބޯޖަހާލަމުން ފޯން ކަންފަތުގައި ޖައްސާލިއެވެ. ދިޔަ މަގުމަތީގައި ދޮންބެ ކަންތައްކުރި ގޮތުގެ ވާހަކަ ކިޔައިދިނީމެވެ.
“އަސްލު ދޮންބެގެ ސިކުނޑިއަށް ނައީ ކަންތައް ކުރަންވީ ގޮތެއް.. އެކަހަލަ ވާހަކައެއް ވީމަ އަހަރުމެން ގާތު ދައްކަން ލަދުގަންނަނީ.” ޝިއުޒް އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ.
“ކިއާ ކައިރީގަ ބުނައްޗޭ ނޫންއަށް ބަލައްޗޭ..” ސައިކަލުން ފައިބަމުން އަހަރެން ބުނީމެވެ. މިއަދު ހިނގާދިޔަ ކަންތަކުގެ ސަބަބުންވެސް އެޅަހިތުގައި ކޫރުންތަކެއް އެޅިފައި ނުވާނެކަމެއް ނޭނގެއެވެ. ވިސްނުމުގެ ތެރެއަށް ގޮސް ގެއްލި ހުރެގެން އެތެރެއަށްވަނީމެވެ.
“ސަރ އެގާރަ ޖަހާއިރު ޕްރެސް ކޮންފަރެސް..” އެތެރެއަށް ވަނުމާއެކީ އީވާ ބުނެލިއެވެ.
“އެންމެ ރަނގަޅު ހުރިހާ އެއްޗެއް ރެޑީތަ؟ އަދި އެއްފަހަރު ޗެކްކޮށްލާތި..” ސިކުނޑީގައިވާ ޙިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު މަސައްކަތަށް ސަމާލުކަން ދިނީމެވެ.
“އޯކޭ ސަރ..” ހަވާލުކުރެވުނު މަސައްކަތައިގެން އީވާ ކުރިއަށް ދިޔައެވެ. އެންމެން އެމީހަކާއި ހަވާލުކުރެވުނު މަސައްކަތައިގެން އުޅުނުއިރު އަހަރެންނަށް އިނދެވުނީ ވިސްނާށެވެ. ހުރިހާ ދިމާލަކަށް ވިސްނުން ދަތުރުކުރަމުން ދިޔައެވެ. ދޮންބެއާއި ނޫރުއާއި ދޭތެރޭ އެއްފަހަރު ވިސްނާލެވޭއިރު އަނެއްފަހަރު ޝާޔަލްއާއި ދިމާލަށް ވިސްނުން ދަތުރުކުރެއެވެ. ހިތާއި ސިކުނޑީގައިވަނީ ބޮޑު ހައިޖާންގަނޑެއް އުފެދިފައެވެ.
“ފައިލް ސަރ..” މާނިއުގެ އަޑުވެސް އިވުނީ ހުވަފެނެއްގައި އޮންނައިރު އިވޭފަދަ ގޮތަށެވެ. ނުވިސްނާހުރެ ފައިލްގައި ހިފުނު ގޮތުން ފައިލް ވެއްޓުނެއެވެ. އެއަޑަށް އަމިއްލައަށް ވެސް ސިހުނެވެ.
” މާބޮޑަށް ނާރވަސް ވަނީ ދޯ..” ސަރ އައިސް އަހަރެންގެ ކޮޑުގައި ޖަހާލިއެވެ.
“ނޫނޭ.. ދެއަރ އިޒް ސަމްތިން އެލްސް..” އަހަރެން މަޑުމަޑުން ބުނީމެވެ.
“އޯކޭ ބީ ރެޑީ ގައިސް.. އަހަރެން ޓެންގަ އަންނާނަން..” ފަހަތުން އައުމަށް އިޝާރާތް ކުރަމުން ސަރ ހިގައިގަތެވެ. އަހަރެން ސަރގެ ފަހަތުން ހިގައިގަތީމެވެ.
“އިށީނދެބަލަ..” ސަރ ކެބިންއަށް ވަދެ ގޮނޑީގައި އިށީނެވެ. ކުރިމަތީގައިހުރި ގޮނޑީގައި އަހަރެން އިށީނީމެވެ.
“އަހަރެންނަށް އިނގޭ ޝިމާލް ދިރިއުޅުމުގަ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިވެ ވަރަށް ގިނަ ކަންތައްތަކެއް ތަޙައްމަލުކޮށްފަ ވާކަން.. އެކަމަކުވެސް އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މަސައްކަތުގެ ތެރެއަށް ވެއްދުމަކީ ރަނގަޅު ގޮތެއްނޫން… ޕާސަނަލް ލައިފްއާއި ޕްރެފެޝަނަލް ލައިފް ވަކިން ގެންގުޅެން ޖެހޭނީ.. އަހަރުމެންނަށް ވަޒީފާގެ ވާހަކަ ފެމެލީތެރޭގަ ޑިސްކަސް ނުކުރެވޭހެން ވަޒީފާގަ މަސައްކަތުގަ އުޅޭއިރު ފެމެލީ ކަންކަމާ ދުރަށް ދިއުން މުހިއްމު.. އަހަންނަކީވެސް ބައްޕައެއް.. އަހަރެންގެ ދެދަރިންނާ ދޭތެރޭ އަބަދުވެސް ވިސްނޭ.. އެކަމަކު އޭގެ ސަބަބުން އަހަރެންގެ ވަޒީފާގެ މަތިން، އަހަރެންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނު.. އާފް ޓަރ އޯލް އެމީހުންނަށްޓަކައި ދޯ އަހަރުމެން ރެޔާއި ދުވާލު މަސައްކަތް މި ކުރަނީ..” ސަރ ވާހަކަ ދައްކާ ނިމެންދެން އަހަރެންނަށް އިނދެވުނީ އިސްޖަހާލައިގެންނެވެ.
” އަހަރެން މިބުނަނީ ޝިމާލްގެ މަސައްކަތް ގޯސް ވާހަކަ އެއްނޫން.. އަހަރެން ވަރަށް ހިތްހަމަޖެހޭ ޝިމާލްގެ މަސައްކަތާ ދޭތެރޭގަ.. ކަމެއް ހަވާލު ކުރެވިއްޖިއްޔާ އެ މަސައްކަތެއް ނިމުނީމަ ނޫނީ ޝިމާލްއަށް ހަމަ ނޭވާއެއް ނުލެވޭ.. އައި ލައިކް އިޓް.. ތިކަހަލަ މަސައްކަތަށް ޤާބިލު މުވައްޒިފަކު އަބަދު ވިސްނުމުގަ ހުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން.. އަހަރެންގެ މަސައްކަތެއް އަހަރެންގެ ދަށުން މަސައްކަތްކުރާ މުވައްޒިފުންނަށް ނަސޭހަތް ދިނުމާއި ހަނދާންކޮށްދިނުން..” ސަރ އަކީ އަބަދުވެސް އަހަރެންނަށް ބައްޕައެއް ފަދައިން ހެޔޮ ނަސޭޙަތްދޭ މީހެކެވެ. ދައްކަމުންދިޔަ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލުން ފިޔަވައި އިތުރުކަމެއް ކުރާކަށް އަހަރެންނަކަށް ނޭނގުނެވެ.
“ގަޑި ޖެހެނީ ހިނގާ ދަމާ..” ސަރ ނިކުންނަންދެން އަހަރެން މަޑުކޮށްލީމެވެ. މަޑުމަޑުން ހިނގައިގަތީ ސަރ ދެއްކި ވާހަކަ ތަކަށް ފުންކޮށް ވިސްނަމުންނެވެ. އަހަރެންފަދައިން ހަމަ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ތަފާތު އެތައް ކަންތައްތަކާއި ކުރިމަތިވާނެއެވެ. އެމީހުންވެސް ހަމަ އެހުރިހާ ކަންކަން އެއްފަރާތް ކުރުމަށްފަހު މަސައްކަތައިގެން އެއޮއް ކުރިއަށްދަނީނޫންހެއްޔެވެ؟
ވަރަށް އޮމާންކަމާއެކީ ޕްރެސް ކޮންފަރެސް ނިންމާލެވުނެވެ. ނޫސްވެރިންނާއި ޙިއްސާކުރަން ހަމަޖެހިފައިވާ މަޢުލޫމާތުތައް ދީ އެމީހުން ކުރިމަތި ކުރި އެތައް ސުވާލުތަކަށް ޖަވާބު ދެވުނެވެ. ބޮލުން އެތައް ބުރައެއް ލުއިވި ކަހަލައެވެ.
“ވަރަށް މުހިއްމު މަޢުލޫމާތު ތަކެއް ލިބިއްޖެ ސަރ” ޕްރެސް ކޮންފަރެސް ނިންމާލާފައި އައިސް ވަތްތަނާ އަޙްސަނު ބުނެލިއެވެ. ފައިލްގައި ހިފާލުމަށްފަހު އަހަރެން ބަލާލީމެވެ. ހޯދަން ބޭނުންވެގެން އުޅޭ މުޙިއްމު މަޢުލޫމާތުތަކެއް މިއަދު ލިބިއްޖެއެވެ.
“ތެންކިއު އަޙްސަން..” އުފާވިވަރުން އަހަރެންނަށް ހިނިތުންވެލެވުނެވެ. އިރާދަކުރެއްވިއްޔާ ޝާޔަންއަށް އަނިޔާވެރިވި މީހަކަށް ހައްޤު އަދަބުދޭކަށް މާގިނަ ދުވަހެއް ދެން ނެތެވެ. އަހަރެން އަވަސްވެގަތީ ސަރއާއި އެވާހަކަ ޙިއްސާކުރުމަށެވެ. ސަރގެ ކެބިންއަށް ނިކުންނައިރަށް ޒައިކްގެ ކޯލެއް ލިބިއްޖެއެވެ. އޭނަ އާއި ބައްދަލުކުރުމަށް ދިޔުމަށެވެ. ދާންވީ ތަނާއި ގަޑި ހަމަޖެއްސީ އަހަރެންނެވެ. ޒައިކް ދައްކަން އެއުޅެނީ އަނެއްކާ ކޮން ވާހަކައެއް ހެއްޔެވެ؟ ބުނެފައިވާ ގަޑިއަށް އަހަރެން އާރޓިފިޝަލް ބީޗަށް ދިޔައީމެވެ. އޭރު ޒައިކް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.
“އަހަންނަކަށް ނޭނގެ މިވާހަކަ ޝިމާލް ގާތު ދެއްކުމަކީ ރަނގަޅު ކަމެއްކަމެއްވެސް ނޫނީ ނޫންކަމެއްވެސް.. ހިތް ބުނަނީ ޝިމާލްއަށް މިކަން އެނގުން މުޙިއްމޭ..” އޭނަ ބުނަން އެއުޅެނީ ކީކޭ ހެއްޔެވެ؟
“ބުނެބަލަ!” އަހަރެންގެ ހިތްނުތަނަވަސްވަމުން ދަނީއެވެ.
“އަހަރެން ކުރިން ބުނެފަވާނެ އެއްވެސް މީހަކަށް އަހަރެން ޝައްކެއް ނުކުރަމޭ.. އެކަމަކު އެއީ ތެދެއް ނޫން.. އަހަންނަށް ޝައްކުކުރެވޭ މީހަކު އެބަހުރި..” އޭނަ ބުނަން ޖެހިލުންއެވަނީ ކީއްވެހެއްޔެވެ؟ އަނެއްކާ އެމީހަކީ އަހަރެން ހެއްޔެވެ؟
“ކުށްކުރީ ކޮންމެ މީހަކަށްވެސް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދެވެންޖެހޭނެ..” ނިތްކުރިމަތިން ދާތައް ފޮހެލަމުން ހަމަޖެހިލުމަށް މަސައްކަތްކުރީމެވެ.
“އެއީ އެމީހަކު ދެކެ ޝިމާލް އެންމެ ލޯބިވާ މީހަކަށްވިޔަސް ހެޔޮތަ؟ ޝިމާލްއަށް ކެރޭނެތަ އަދަބުދޭން..” ޒައިކް އަހަރެންގެ މޫނަށް ބަލާލިއެވެ.
“ޒައިކް ބުނެބަލަ އެއީ ކާކުކަން..” ތަންކޮޅެއް ބާރަށް ބުނީމެވެ.
“އެއީ ޝުހާދު..” ދެކަކުލުން ބާރުދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ޒައިކް މޮޔަވީ ހެއްޔެވެ؟ ޝާޔަން ވަކިވުމުން އޭނަގެ ސިކުނޑިއަށް މާބޮޑަށް އަސަރުކުރީ ކަންނޭނގެއެވެ. ދޮންބެއާއި ޝާޔަންއާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟
“ޒައިކްއަށް އިނގޭތަ ތިކިޔޭ އެއްޗެއް؟ ހަމަ ހޭގަތަ ތިހިރީ؟ ދޮންބެ މިކަމުގެ ތެރެއަށް ވަންނަންވީ ކީއްވެ؟ އަހަންނަށް ހީވަނީ ޒައިކް ނަފްސާނީ ޑޮކްޓަރަކަށް ދައްކަންވީހެން..” ޒައިކް ދައްކާ މޮޔަ ވާހަކަތައް އަޑުއަހަން ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން ހިގައިގަތީ އޭނައާއި ދުރަށް ދިއުމަށެވެ.
“ބިކޯޒް ނޫރު އިޒް މައި ޑޯޓަރ..” ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓާލެވުނީ ޒައިކްގެ ޖުމްލަ ހޮނު ގުގުރިއެއްހެން ކަންފަތުގައި ޖެހުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



ވާހަކަ އަޕްކުރެވޭލެއް ލަސްކަމަށްޓަކައި ވާހަކައަށް އިންތިޒާރު ކުރާ ހުރިހާ ކުދިންގެ ކިބައިން މާފަށް އެދެން.. ހުރިހާ ކުދިންނަށް އަންޖަލްގެ ފަރާތުން ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރަން،،
It’s okay. But thankolheh avaha up kohdhen yamun warah best waane… eid mubarik
Eid mubaarak to u tooo…v slahi hisabakuneynu thi ninmaaly..nxt prt avaha up kohlahchey..v nice mi stry ?
varah obi.. Happy Eid ANJEL & All ☺☺
Anjal thibuni ragalhah kuda kn.las up kuraalen ekam dhen ummeedhu kurah avahah up kuraane kamah. Adhi bunah tha mi vahaka aky aharen v v saug verikamaa eku kiyamun dhaa vaahaka eh mi vahaka v v reethi.
Alhe Shuhaadhu ah nuhdhaba… v visney beybe akah vefa shaayan maraaleemayoa…
Nice story
Nic story
V salhi. Eid mubarak too all.
Oh my…. speechless mio v gothakun.. waiting..
Speechless.. Hama aslu vx shimal ge dhnbe tha shaayan maraaly.. So sad.. Next part ah waiting 🙂
V reethi. Eidmubaarak
Vara reethi. Eid mubaarak. Dhen vaane gothakaa medhu visnaalan ves neygey haa reethi. Thank u ehaa reethi vaahaka up kuraathi.
Nice story. When will u upload next part. Waiting for it
mee hama hageegatheh thrr.?? unbelievable.. avahah up kohdhehcheyy