
އަހަރެންގެ ވާހަކަ (ނަވާވީސްވަނަ ބައި)
“ބިކޯޒް ނޫރު އިޒް މައި ޑޯޓަރ..” ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓާލެވުނީ ޒައިކްގެ ޖުމްލަ ހޮނު ގުގުރިއެއްހެން ކަންފަތުގައި ޖެހުމުންނެވެ. ނޫރު ޒައިކްގެ ދަރިއަކަށް ވާންވީ ކީއްވެހެއްޔެވެ؟
“ވަޓް؟؟” އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. މީރާއާއި ޒައިކްގެ ގުޅުމެއް އޮތީ ހެއްޔެވެ؟ އޭނަ ޝާޔަންއަށް ބޭވަފާތެރިވީ ހެއްޔެވެ؟
“މީގެ ފަސްވަރަކަށް އަހަރުކުރިން އަހަރެން މަސައްކަތްކުރީ ހަނިމާދޫ ޕޮލިސްޓޭޝަނުގަ.. އޭރު މީރާއާއި ދިމާވީ.. މީރާއާއި ދިމާވެ ގުޅުންބަދަހިވެގެން ދިޔައިރު އަހަންނަކަށް ނޭނގެ އެއީ މީހެއްގެ އަނތްބެއް ކަމެއް.. މީރާވެސް ދުވަހަކުވެސް ނުބުނޭ އޭނަ އުޅެނީ މީހަކާ އިނދެގެންނޭ.. މީހެއްގެ އަނތްބެއްކަން އެނގުނުނަމަ ދުވަހަކުވެސް އެފަދަ ނަޒަރުން ނުވެސް ބަލާނަން.. ވަޒީފާއަށް ހުރަސްއެޅިދާނެތީ އަހަރުމެންގެ ގުޅުން ރައްޓެހިންނަށްވެސް އަހަރެން ސިއްރުކުރީ.. މީރާ އަހަރެން ގާތުން އާދޭސްކޮށްގެން ކުރި ކަމެއް އެއީ… ޝިމާލްއަށްވެސް ވިސްނޭނެ އަންހެނަކު އެހާ ވަރަށް އާދޭސްކުރީމަ ވާނެ ގޮތް.. އޭނަ ބޭނުންވެގެން ވީކަމެއް އެއީ.. އަހަންނަކަށް ފަހަރެއްގައިވެސް އެނގިފައެއްނެތް މީރާއަކީ ކޮންކަހަލަ އަންހެނެއް ކަމެއް.. އަހަންނަށް ލޯބިވެވުނީ އޭނަގެ ބޭރުފުށުގެ ރީތި ސިފަ ދެކެ.. އޭގެ ފަހުން އަހަރެންނަށް އެނގުނީ އޭނަ އުޅެނީ މީހަކާ އިނދެގެންކަންވެސް.. ވަރަށް ދެރަވި އޭނަދެކެ އެހާ ލޯބިވާ ފިރިއެއް ހުއްޓާ އެފަދަ ގޮތަށް އުޅޭތީ.. ކައިވެއްޏެއް ބަރުބާދުވެގެން ދާން ނޭދޭތީ އަހަރެން އޭނަ އާއި ދުރުވީ.. އޭގެ ފަހުން އެހެން ރަށަކަށް ބަދަލުވީ..” އަހަރެން އިނީ އޭނަ ދައްކަމުންދިޔަ ވާހަކަތައް ކަނުލާ އަޑުއަހާށެވެ.
“ދެން ކިހިނެއް އެނގެނީ އެއީ ޒައިކްގެ ދަރިއެއްކަމެއް.. އެތައް މީހުންނަކާއެކީ އޭނަ ގުޅުން ބޭއްވިއިރު އޭގެ ތެރެއިން ކާކުގެ ދަރިއެއް ކަމެއް ކިހިނެއް އެނގެނީ..” އަހަންނަށް ނުވިސްނުން އެއްޗެއް އަހާލީމެވެ.
” ޝާންއާއި ދިމާވެ ކައިވެއްޏަށް އެރަށަށް ދިޔަތަނުން އަނެއްކާވެސް މީރާއާއި ދިމާވީ.. އޭނަ އަހަރެންނާއި ބައްދަލުކޮށްފަ ބުނީ ނޫރު އެއީ އަހަރެންގެ ދަރިއެކޭ.. އަހަރެން ކިހިނެއް ޤަބޫލުކުރާނީ؟ އެކަހަލަ އަންހެނަކު ދައްކާ ވާހަކައިގެ ދޮގު ތެދު ކިހިނެއް އެނގޭނީ… އަހަރެން ކަމުގެ ހަޤީޤަތް ބަލަން ބޭނުންވާތީ ޝާންއާއި މެރީކޮށްގެން މާލެއައިއިރު އަހަރެންއައީ ޑީއެންއޭއަށް ބޭނުންވާނެ ސާންޕަލު ހިފައިގެން.. މީރާއަކަށްވެސް ނޭނގޭނެ އެކަމެއް.. ޑީއެންއޭ ރިޕޯރޓްތައް ލިބުނުއިރު އަހަރެންނަށްވެސް އެނގުނީ އެއީ ތެދެއްކަން.. ނޫރުއަކީ އަހަރެންގެ ދަރިއެއްކަން.. އަހަރެން މީރާއާއި ބައްދަލުކުރަން ހަނިމާދޫއަށްވެސް ދިޔައިން.. އެކަމަކު އޭރު ޝުހާދު ކައިރިން ވަރިވެގެން އޭނަ ރަށަށް ގޮސްސި.. ” އޭނަ ނިތްކުރިމަތިން ދާތިކިތައް ފޮހެލިއެވެ.
“ޝާޔަންއަށް އިނގޭތަ އެކަން؟” ޝާޔަންގެ މަރުގެ ފަހަތުގައިވާ ސަބަބަކީ އެއީ ހެއްޔެވެ؟
“ކައިވެނީގެ ކުރިން އަހަރެން ޝާންއަށް ކިޔާދިނިން މީރާގެ ވާހަކަ.. އެކަމަކު އެއީ ކޮން އަންހެނެއް ކަމެއް ނުބުނަން.. ޕާރޓީތެރެއިން ޝިމާލްއާއި ޝާންގެ އަކީ އެކުވެރިންކަން އެނގުނީ.. އެހެންވެ އެވާހަކަ ކިޔައީދިގެން އަހަރެން ބޭނުންނުވީ ތިދެމީހުންގެ އެކުވެރިކަމަށް ބުރޫއަރަން… ޝިމާލްގެ ސެޝަންތައް ނަގަނިކޮށް ޝާންއަށް މީރާގެ ޙަޤީޤަތް އެނގުނީ އެހެންވެ އޭނަ އެކަން ހުއްޓާލީ.. ޝިއުޒްގެ ކައިވެނީގެ ހަފްލާއަށްވެސް އޭނަ ދާން ބޭނުންނުވީ ޝުހާދުއާއި ކުރިމަތިލާން ޖެހޭނެތީ.. އެކަމަކު އަހަރެން ނުބުނަން ނޫރުގެ ވާހަކައެއް.. އެވާހަކަ އެނގިއްޖިއްޔާ ޝާންވެސް އަހަރެން ދޫކޮށްފަ ހިގައިދާނެތީ އަހަރެން ބިރުގަތީ..” ޝާޔަން ހަމަ އެހާވަރަށް އަހަރެންނަށާއި އަހަރެންގެ އާއިލާއަށް ނަފްރަތުކުރަނީ ހެއްޔެވެ؟
“ޝީ ހޭޓް މީ އެންޑް މައި ފެމެލީ..” މަޑުމަޑުން ބުނެލެވުނެވެ. ޝާޔަން އަހަރެންނާއި ދުރުވަމުންދިޔަ ގޮތް ހަނދާނަށް އަންނަންފެށިއެވެ. ޝިއުޒްގެ ކައިވެނީގެ ދައުވަތުދިނުމަށް ދިޔަ ދުވަހު އޭނަގެ މޫނުގެ ކުލަފަޑުވެފައިވާ މަންޒަރު މިހާރުވެސް ފެންނަކަހަލައެވެ. ޝާޔަލްއާއި ބައްދަލުކުރަން އެގެއަށް ދާއިރު އޭނާގެ މާޔޫސްވެފައިވާ މޫނު ފެންނަ ހަނދާންވިއެވެ. އަހަރުމެންގެ ގުޅުން ބަދަލުވެގެން ދިޔައީ އެކަމުގެ ހަޤީޤަތް އޭނައަށް އެނގުމުން ކަންނޭނގެއެވެ. އޭނަ އަހަރެންނަށް ނަފްރަތުކުރަންފެށީއެވެ.
“ނޫން.. އޭނައެއްވެސް މީހަކަށް ނަފްރަތެއް ނުކުރޭ.. އޭނަ ޝުހާދުއާއި ކުރިމަތިލާން ލަދުގަންނަނީ..” މާޒީވެ ގޮސްފައިވާ ކަމަކަށް ދޮންބެ ބަދަލު ހިފާފާނެބާއެވެ؟ ޒައިކްގެ ކިބައިން ބަދަލު ހިފުމަށް ޝާޔަން މަރާލަން ދޮންބެއަށް ކެރޭނެ ހެއްޔެވެ؟ އެފަދަ ކަމެއް ހަމަ ކޮށްފާނެ ހެއްޔެވެ؟ ހެނދުނު ނޫރު ދުރަށް ކޮށްޕާލިގޮތް ހަނދާންވެ ތެޅިގަނެވުނެވެ.
“ޒައިކްގެ ފަރާތުންތަ މިކަން ދޮންބެއަށް އެނގުނީ؟” މިހުރިހާކަމެއް ވެގެންދިޔައިރު އެންމެ ފަހަރަކު ނަމަވެސް އަހަރެންނާއި ވާހަކަ ދެއްކިނަމައެވެ. ހިތުގައިވާ އުދާސްތަކާއި ޝަކުވާތައް ބަންޑުންކުރިނަމައެވެ.
“ޝުހާދަށް ހަޤީޤަތް އެނގުނީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގެ.. ވެދާނެ މީރާ ބުނީކަމަށްވެސް.. ޝުހާދުއަށް ނޫރުގެ ބައްޕައަކީ އަހަރެންކަން އެނގުނީމަ އައި އަހަރެންނާ ބައްދަލުކުރަން.. ވަރަށް ރޯންވެސް ރުއި.. އެންމެ ފަހުން ރުޅިގަދަވެގެން ދުވަހަކު ހިތުން ނުފިލާނެވަރުގެ އަނިޔާއެއް ދޭނަމޭ ބުނެފަ ދިޔައީ.. އޭގެ އަނެއް ދުވަހު އަހަރެން ސިންގަޕޯއަށް ފުރީ.. އެނބުރި ނާދެވިގެން އުޅެނިކޮށް ޝާންއަށް އަނިޔާކޮށްފަ އެއްލާލާފަ އޮއްވާ ފެނުނީ..” ޒައިކް ދެލޯ ފޮހެލިއެވެ. އެއީ ތެދެކަށްވާނަމަ މިހުރިހާ ދުވަހު އެކަން ސިއްރުކޮށްފައި ބޭއްވީ ކީއްވެހެއްޔެވެ؟ ޝާޔަންގެ ޤާތިލު ހޯދަން ޒައިކް ބޭނުންނުވަނީ ހެއްޔެވެ؟ ނޫނީ ޙަޤީޤަތް އެނގިހުރެވެސް އެކަންކުރި މީހާ ހިޔާމަތްކުރަނީ ހެއްޔެވެ؟
“ދެން މިހުރިހާ ދުވަހު ޒައިކް ކީއްވެ ތިކަން ސިއްރުކޮށްފަ ބޭއްވީ؟ ކީއްވެ ކުރިން ނުކިޔާ ދިނީ؟” އަހަރެން އޭނަގެ ކުރިމައްޗަށް އެރީމެވެ.
“ކުށްކުރި މީހަކު ހޯދާ އަދަބުވެސް ދެވިދާނެ.. އެކަމަކު އަހަންނަކަށް އަހަރެންގެ ޝާންއެއް ނުލިބޭނެ ދެން.. އެލޯބި ލޯބި އޯގާތެރި ފިރުމުންތަކާއި ދިން ލޯބި އަލަކުން ނުލިބޭނެ.. އެއުފާވެރި ދުވަސްތަކެއް އަލުން ޢިއާދައެއްވެސް ނުކުރެވޭނެ…” ހިތްދަތި ގޮތަކަށް ހިނިތުންވެލައިގެން އިނދެ އޭނަ އަނެއްކާވެސް ލޯ ފޮހެލިއެވެ.
“އެކަމަކު ޒައިކް ޖެހޭނެ ދެންމެ ތިކިޔާދިން ހުރިހާ ވާހަކައެއް އޮފީހަށް ގޮސް ކިޔާދޭން.. މިހާރު އަހަރެން ބޭނުންވަނީވެސް..” ހިތް ފުޑުފުޑުވެގެން ދިޔަޔަސް ކެތްތެރިވެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވެވޭތޯބެލީމެވެ.
“އެންމެ ރަނގަޅު.. އަހަރެން ދާނަން” ދެލޯ ފޮހެލަމުން އޭނަ ތެދުވެގެން ގޮސް ސައިކަލަށް އެރިއެވެ. އަހަރެންނަށް ހުރިތަނަށް ތިރިވެވުނީ ޒައިކްގޮސް އޮބާލުމުންނެވެ. އަހަރެންނަށް މިޖެހުނީ އަހަރެން މިހާހިސާބަށް ގެނެސްދިން މީހާ ހައްޔަރުކުރާށެވެ. އެދެއަތުން އޯގާވި ދެއަތުގައި ބިޑިއަޅުވާށެވެ.
“ޝިމާލްއެވެ. ޒައިކް އެދެއްކީ ޙަޤީޤަތެއްކަން އަދި އެނގެނީ ކިހިނެއް ހެއްޔެވެ؟ އިންޒާރުދިނަސް އެކަންކުރީ ދޮންބެއަށް ނުވުމަކީވެސް އެކަށީގެންވާ ކަމެއް ނޫންހެއްޔެވެ؟ ޒައިކްވެސް ކަނޑައެޅިގެން އެކަންކުރީ ދޮންބެއެކޭ ނުބުނޭ ނޫންހެއްޔެވެ؟ އޭނަވެސް އެބުނީ ހަމައެކަނި ޝައްކުކުރެވޭ ވާހަކައެވެ. ކަމުގެ ހަޤީޤަތަކީ ކޮބައިކަން ހޯދުމަކީ ޝިމާލްގެ މަސައްކަތެކެވެ. ތެދުވާށެވެ. މާޔޫސްނުވެ އުންމީދުކަނޑާނުލާށެވެ..” ހީވީ އަހަރެންގެ ހިތުން އަޑުއައީހެންނެވެ. ދެލޯ ފޮހެލަމުން ތެދުވިއިރު ހިތް ރޮމުންދިޔައެވެ. ސައިކަލާއި ހަމައަށް ދިޔުމަށް ފިޔަވަޅުތައް އެޅެމުންދިޔައީ ލަސްލަހުންނެވެ.
“މާނިއު.. ޒައިކް އައީމަ އޭނަގެ ބަޔާން ނަގާފަ ހައްޔަރުކުރަން ޖެހޭ މީހަކު ހައްޔަރުކުރަން މާނިއުއާއި ހަވާލުމިކުރަނީ.. ވީހާވެސް އަވަހަކަށް މިކަން ކުރަންޖެހޭނެ..” ކިތަންމެ ދެރަވިޔަސް ބޭރުފުށުން ހަރުކަށިކަން ދެއްކީމެވެ.
“ކާކު ހައްޔަރުކުރަންވީ؟” މާނިއުއަށް އެއްވެސް އެއްޗެއް ނުވިސްނޭފަދައިން އަހާލިއެވެ.
“ޝުހާދު އިބްރާހީމް..” ގޭގެ އެޑްރެސްއާއެކީ ކިޔާލަދިނީމެވެ. އޭރު އަޙްސަންއާއެކީ ޒައިކް އެތެރެއަށް ވަދެގެން އާދެއެވެ. މާނިއުއަށް އިޝާރާތްކޮށްލުމާއެކީ އޭނަ ޒައިކް ގޮވައިގެން ހިގައިގަތެވެ. އަހަރެންނަށް ހުރެވުނީ ދެފަރާތަށް ހިނގާލަ ހިނގާލައެވެ.
“ސަރ ޒައިކްގެ ބަޔާން.. ބަޔާނުގައިވާ ގޮތަށް ޝުހާދު އިބްރާހީމް ހައްޔަރުކޮށް އޭނައާއި ސުވާލުކުރަން ޖެހޭނެ..” ތުރުތުރު އަޅަމުންދިޔަ އަތުން ފައިލްގައި ހިފާލީމެވެ.
“މާނިއުއާއި އަޙްސަނު ދޭ..” އިރުކޮޅެއްވީއިރުވެސް މާނިއު ހުރިތަނުން ގުޑާވެސްނުލާ އަހަރެންގެ މޫނަށް ހައިރާންކަމާއެކު ބަލަހައްޓައިގެން ހުއްޓެވެ.
“މާނިއު ގޯ..” އަޑުގައިހުރި ބާރެއްލާފައި އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭނަ ސިހިފައި ހިނގައްޖެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލީމެވެ. ދެލޯމަރާބާރުކޮށްލުމާއެކީ ނޫރުގެ މަޢުސޫމު މޫނު ސިފަވިއެވެ. ދޮންބެއަށް ކަމެއް ވެއްޖެނަމަ އެ ތުއްތު ފުރާނައަށްވާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ދަރިއަކަށްނުވިޔަސް ދޮންބެ އޭނަ ބަލާބޮޑުކުރަމުން އެދަނީ އަމިއްލަ ދަރިއަކުވެސް ބަލާނެހާ ލޯބިންނެވެ. ނޫރުއަށް ފަހަރެއްގައިވިޔަސް ކަމެއް އުނިވިޔަކައެއް ނުދެއެވެ. މީރާއާއި ވަކިވިފަހުން މަންމަގެ ލޯބިވެސް އެފަކީރަށް ދެމުންއެދަނީ ދޮންބެއެވެ. މިހުރިހާކަމެއްގެ ފަހަތުގައިވަނީ ދޮންބެކަމަށްވާނަމަ އެކުއްޖާފުޅަށް ހާދަ ނިކަމެތި ޙާލެއްޖެހޭނެއެވެ. ތުއްތު ތުއްތު ކުއްޖެއް ޔަތީމުވެގެންދާނެއެވެ.
މަންމަ.. މަންމައަށްވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ލޯބިވާ ދަރިފުޅުގެ އަނދިރި ފަރާތް އެނގުމުން އެނިކަމެތި މަންމައަށް ހާދަ ހިތާމައެއް ލިބޭނެއެވެ. އަބަދުވެސް މަންމައަށް ހިތްވަރުދީ ހުރިހާ ކަމެއްގައި އެއްބާރުލުންދިން ދަރިފުޅު ތޭރިތަކުން ވަށާލައިފިނަމަ އެ މަންމައަށް ހާދަ އަސަރެއްކުރާނެއެވެ. ދިރިއުޅުމުގެ ބޮޑުބައި މަންމަ ހޭދަކޮށްފައިވަނީ ހިތާމައާއި ހިތްދަތިކަމުގައެވެ. އަނެއްކާ އަނެއް ހިތާމައެއް އެފަކީރު އުފުލާނީ ކިހިނެއް ހެއްޔެވެ؟ ދަރިންނަށްޓަކާ ކުރި ފޮނި އުންމީދުތައް ފުޑުފުޑުވެގެންދާނެއެވެ.
ދެލޯ ހުޅުވާލީ ފޯންގެ ރިންގުގެ އަޑަށެވެ. ގުޅަނީ ޝިއުޒްއެވެ. ދޮންބެ ހައްޔަރުކުރީ ކަންނޭނގެއެވެ. ފޯނަށް ޖަވާބުދޭނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ރިންގުވަމުން ގޮސް ފޯން ކެނޑުނުއިރުވެސް ބަލަހައްޓައިގެން އިނދެވުނީއެވެ. ފޯން ކެނޑޭއިރަށް އަނެއްކާވެސް ޝިއުޒް ގުޅިއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އެމީހުންނަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. އެމީހުންގެ ސުވާލުތަކުގެ ޖަވާބެއް އަހަންނަކަށް ނުދެވޭނެއެވެ.
“އީވާ ފޯން ނަގާފަ ބުނެދީ އަހަރެން އިނީ މީޓިންގައޭ..” އެތެރެއަށްވަދެގެން އައި އީވާ ގާތު ބުނެލީމެވެ. ދޮގު ހަދަން ބޭނުންނުވިޔަސް ތެދު ހާމަކުރެވޭކަށްނެތެވެ.
“އައްސަލާމަލައިކުމް.. ޝިމާލް ސަރ މިވަގުތު އިނީ މީޓިންގަ.. އެއްވެސް މެސެޖެއް އޮތިއްޔާ ބުނުއްވާ އަޅުގަނޑު ރައްދުކޮށްދޭނަން..” އީވާ މަޑުކޮށްގެންހުރީ އެކޮޅުގެ ޖަވާބަކަށް ކަންނޭނގެއެވެ. އެންމެ ރަނގަޅޭ ބުނެފައި އޭނަ ފޯން ބޭއްވިއެވެ.
“ވީހާވެސް އަވަހަކަށް ސަރ އެކޮޅަށް ގުޅަން އެދުނީ..” އަހަރެން ޝުކުރު އަދާކުރުމުން އޭނަ މަސައްކަތަށް އެނބުރުނެވެ.
“ސަރ ހީއިޒް ހިއަރ..” އަހްސަނު އައިސްވަނެވެ.
“އޯކޭ.. މާނިއު ބަޔާން ނަގާނީ..” ދޮންބެ ފެންނަ ހިސާބަށްވެސް ދާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. އަނެއްކާވެސް ޝިއުޒް ގުޅިއެވެ. މިފަހަރު ފޯންނަގަން އަހަރެން ބޭނުންވިއެވެ.
“ހަލޯ ތިއްތީ ހާދަ ވަރަކަށް ގުޅައިފީމޭ.. ދޮންބެ ގެންގޮސްސި.. އެނގޭތަ؟” އޭނަގެ އަޑުގައިހުރީ އިންތިގާ ދަރަޖައިގެ ކަންބޮޑުވުމެވެ.
“އާން.. ބަލަމުންދާ ކޭސްއަކަށް ޝައްކު ކުރެވޭތީ.. އިޒް ކަންބޮޑުނުވޭ ބަޔާން ނަގަން ހަމައެކަނި..” ލޯމަރާލަމުން ނިތްކުރީގައި އަތްޖައްސާލެވުނެވެ.
“އެކަމަކު ދޮންބެ ކީއްވެ؟ ދޮންބެ ކީއްކުރީ؟ ކޮންކަހަލަ ކޭސްއެއްގަ؟” އެއްފަހަރާ ސުވާލުތައް އަމުނާލިއެވެ.
“އިޒް އިޒް.. އައި އެމް ސޮރީ.. އެކަމަކު މިވަގުތު އަހަންނަކަށް ނެތް އެއްވެސް ކަމެއް ކިޔާދެވޭކަށް.. ޕްލީޒް އަންޑަސްޓޭންޑް..” އާދޭސްކުރާފަދައިން އަހަރެން ބުނީމެވެ.
“ހޫމް.. އޯކޭ.. އަހަންނަށް އިނގޭ ތިއްތި ހުއްޓާ ދޮންބެއަށް އެއްވެސް ކަމެއް ނުވާނެކަން..” ދޮންބެއާއި ދެކޮޅަށް ހެކި ފެނިއްޖެނަމަ އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން އޭނައަށް ވިސްނާދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަތް ޤާޤޫނުން ބަދެވިފައިވާކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ޤާނޫނުގެ ކުރިމަތީގައި އަހަރުމެންނަށް އެންމެން ހަމަހަމަވާނެކަން އެނގުނަސް އެފަދަ ޙާލަތެއް އަތުވެއްޖެނަމަ އަމަލުކުރަން އުދަނގޫވާނެކަން އެމީހުންނަކަށް ނުވިސްނޭނެއެވެ. އެއްވެސް ޖަވާބެއްނުދީ ފޯން ކަނޑާލެވުނީ އެހެންވެއެވެ.
“ސަރ އޭނަ ދޫކޮށްލައިފިން..” މޭޒުގައި ބޯޖައްސާލައިގެން އިންދާ މާނިއު އައިސްވަނެވެ.
“އެއީ؟” އެކަމުން އަހަރެންވީ އުފަލެއް ނޫނީ ދެރަކަމެއް ނުވިސްނުނެވެ. މިހާރުވަމުންމިދާ އެއްވެސްކަމެއް އަހަރެންނަކަށް ނުވިސްނެއެވެ.
“އޭނަ އެއްބަސްވި ޒައިކްއަށް އިންޒާރުދިން ކަމަށް.. އެކަމަކު ޝާޔަންއަށް އަނިޔާކުރިކަމަކަށް އެއްބަހެއް ނުވި.. ޒައިކްއަށް ހަމަލާދިންކަމަކަށްވެސް އެއްބަހެއްނުވޭ.. ސަރ އޭނަ އެކަހަލަ ކަމެއް ކޮށްފަވާނަމަ ކޮންމެވެސް މީހަކާ ގުޅިގެން އެކަން ކޮށްފަވާނީ.. މިހާރު އޭނަގެ ފޯން ރެކޯރޑްތައްވެސް ހޯދަން ބުނެފަވާނީ.. އޭނަގެ ފޯން ކޯލުތައްވެސް ޓްރޭސް ކުރަމުން މިދަނީ..” އެއްފަހަރާ ހުރިހާ އެއްޗެއް އޭނަ ކިޔައިދިނެވެ.
“އެންމެ ރަނގަޅު..” މާނިއު ދިއްކޮށްލި ގަނޑުތަކުގައި ހިފާލަމުން އަހަރެން އެއަށް އަވަސް ނަޒަރެއް ދިނީމެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ކަންތައްތައް މިވަނީ ފުށުއަރާފައެވެ. ޤަބޫލުކުރާނީ ކާކުގެ ވާހަކައެއްކަމެއްވެސް މިހާރަކު ނުވިސްނެވެ. ހުރިހާ ކަމަކަށް ފުންކޮށް ވިސްނާލުމުން އެނގުނީ ދޮންބެއަށް ބަދަލުތައް އަންނަންފެށީ ޝާޔަން އެޙާލުގައި ވަނިކޮށް ފެނުނު ފަހުން ކަމެވެ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް މީހާގެ މިޒާޖު ބަދަލުވަމުން ދިޔައެވެ.
ދުވަހެއްގެ ކޮޅުންވެސް އެމީހަކާއި ދޭތެރޭ މިފަދަ ކުށްހީއެއްވެސް ކޮށްފައި ނުވާ މީހަކަށް ޝައްކުގެ ނަޒަރުން ބަލަން ޖެހުމަކީ ހާދަ އުދަނގޫކަމެކެވެ. މިހާރު މިޖެހުނީ ދޮންބެގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާށެވެ. އޭނަގެ ފޯންކޯލުތައް އަޑުއަހާށެވެ. މަޑުމަޑުން މަސައްކަތައިގެން ކުރިއަށްދިޔަ ނަމަވެސް ހިޔާލާއި ވިސްނުންްވަނީ އެހެން ދިމާލަކަށް ގޮސް ހުއްޓިފައެވެ. ފޯންގެ ރިންގުގެ އަޑުވެސް ކަންފަތާއި ހަމައަށް ނުފޯރިއެވެ. ދިއްލެމުންދިޔަ ފޯން މާނިއު އިޝާރާތުން ދައްކާލިއެވެ.
“ހަލޯ.. ޝިމާ ޝިމާލް..” ޝާޔަލްގެ އަޑުއައީ ކެނޑި ކެނޑިގެންނެވެ. އިރުކޮޅަކުން ފޯން ކެނޑިއްޖެއެވެ. އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ.
“ޝިމާލް އާދެބަލަ..” ސަރ ގޮވާލުމުން އަހަރެން އަވަސްވީ އެދިމާލަށް ދިއުމަށެވެ. ސަރގެ ފަހަތުން އެތެރެއަށްވަތްއިރު ސަރގެ އިތުރުން ސީނިޔަރ ދެބޭފުޅުންވެސް ތިއްބެއެވެ. މަޝްވަރާކުރެވެމުންދިޔައީ މުހިއްމު ކަންތައްތަކާއި ބެހޭ ގޮތުން ކަމަށްވުމުން ދެކެވެމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދޭން މަޖުބޫރުވިއެވެ. މުޙިއްމު ބައެއް ކަންތައްތައް ނޯޓުކުރުމާއި ބައެއް ކަންކަމަށް ލަފާދޭން ޖެހުމުން ވިސްނުން އެދިމާލަށް ގެންދަންޖެހުނެވެ. ވަގުތުދިޔަ ގޮތެއްވެސް ނޭނގުނެވެ.
ރޭގަނޑުގެ އަނދިރިކަން މުޅިދުނިޔެއަށް ފެތުރިގެންދިޔައެވެ. ވަރުބަލިކަން އިހްސާސްކުރެވެމުންދިޔަ ނަމަވެސް ޑިއުޓީ ނިމެން އަދި ވަގުތު އެބައޮތެވެ.
“ސަރ ޝާޔަލް އިޒް މިސިން..” ބަނަވެފައިވާ މޫނަކައިގެން އެތެރެއަށް ވަދެގެން އައި އަޙްސަނު ބުނެލިއެވެ. މޮޔަ އަންހެންކުއްޖާ އެންމެފަހުން ލަންކާއަށް ދިޔައީ ހެއްޔެވެ؟ ކުޑަ ދުވަސްކޮޅަކަށްވެސް އޭނައަށް ކެތްކޮށްނުލެވުނީ ހެއްޔެވެ؟
“ކިހާއިރަކުން ފެށިގެން؟” ފޯނަށް ބަލާލަމުން އޭނަ ގުޅާފައިން ގަނޑިއަށް ބަލާލީމެވެ.
” މިއަދު ތިނަކުން ފަހުން ފެށިގެން..” އަޙްސަނު ބުނެދިނެވެ.
“ލަންކާއަށް ފުރި ހުރިހާ ފްލައިޓްތަކެއްގެ ޕަސިންޖަރ ލިސްޓްތައް ޗެކްކޮށްލާ އަވަސް..” ޝާޔަލްގެ ނަންބަރަށް ގުޅުމުން ދިރާގުގެ ވޮއިސްމެއިލް އަޑު އިވެމުންދިޔައެވެ. ރުޅިގަދަވިވަރުން ދެއަތްމުއްކަވާލެވުނެވެ. އެހާވަރަށް ވިސްނާދިނުމުން އެކުއްޖާއަށް އެއްޗެއް އެނގުނުކަމަކަށް ނުހެދިއެވެ. ދެން ފެނިޖިއްޔާ ހަނދާންހުންނަވަރުގެ ފިލާވަޅެއް ދޭނަމެވެ.
“މާނިއު ޝާޔަލްގެ ފޯން ލޮކޭޝަން ބެލިންތަ؟” ރުޅިގަނޑު މައިތިރިކުރެވޭތޯ މަސައްކަތްކުރީމެވެ.
“ސަރ އޭނަ ފޯންގެ އެންމެ ފަހުގެ ލޮކޭޝަންއަކަށްވީ ހުޅުމާލެފެރީ ޓާރމިނަލް..”ސްކްރީނަށް ބަލަހައްޓައިގެން އިނދެ އޭނަ ބުނެދިނެވެ. އަނެއްކާ ޝާޔަލް ނުރައްކަލެއްގެ ތެރޭގައިވަނީ ހެއްޔެވެ؟ ޝާޔަންއަށްފަހު އެމީހެއްގެ ޓާގެޓަށްވީ ޝާޔަލް ހެއްޔެވެ؟
“ސަރ ތިނެއްގެ ފަހުން ލަންކާއަށް ފުރި އެއްވެސް ފްލައިޓެއްގެ ޕަސެންޖަރ ލިސްޓުގައި ޝާޔަލްގެ ނަމެއްނެތް..” އަހްސަނުގެ މަސައްކަތްތައްވެސް އަވަހެވެ.
“ސަރ އައި ތިކް ޝީ އިޒް ކިޑްނެޕްޑް..” އަހަރެންނާއި ދިމާލަށް އެނބުރެމުން މާނިއު ބުންޏެވެ. އެހެންވެދާނެއެވެ. ޝާޔަލް އަހަރެންނަށް ގުޅީ މުޙިއްމުކަމެއްގެ ވާހަކަ ބުނަން ކަންނޭނގެއެވެ. ފަހަރެއްގައި ޝާޔަންގެ ކޭސްއާއިބެހޭ މުޙިއްމުކަމެއް އޭނައަށް އެނގިފައި އޮވެދާނެއެވެ. އަނެއްކާ ޝާޔަން ދިޔަމަގުން އޭނަވެސް.. ނޫން ނޫނެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެހެންވިޔަކަ ނުދޭނަމެވެ. ޝާޔަންއަށްވި ވައުދަށްޓަކާވެސް އަހަރެން ޝާޔަލް ސަލާމަތްކުރާނަމެވެ.
ޝާޔަލްގެ ކާފަގެ ކަމެއްނޫންބާއެވެ؟ ޒައިކްއާއި ކައިވެނިކުރަން އެއްބަސްނުވުމުން ބިރު ދައްކައިގެން އެކަން ކުރަން އުޅެނީ ކަމަށްވެސް ވެދާނެއެވެ.
“އެހެންވީއިރު ޝާޔަލްވާނީ ހުޅުމާލޭގައިކަމަށް ވެދާނެ…” އީވާ ކުރިއަށްޖެހިލިއެވެ.
“އަހަރެންގެ ހިތް ބުނަނީ އޭނަވާނީ ހުޅުމާލެއަކު ނޫނޭ.. ފަހަރެއްގަ މާލޭގަ ނޫނީ އެހެންތަނެއްގައިވެސް ވެދާނެ.. އެމީހުން ވަރަށް މަސައްކަތްކުރާނެ އަހަރުމެން ކޮންފިއުޒްކުރެވޭތޯ..” އަހަރެންނަށް ފެންނަގޮތް ހާމަކުރީމެވެ. މުޅިމާލެތެރެއާއި މާލެ ކައިރި ރަށްތައް ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވިޔަސް ޝާޔަލް ސަލާމަތުން ހުއްޓާ ހޯދުމަކީ އަހަރެމެންގެ ޒިންމާއެކެވެ.
(ނުނިމޭ)
10 Comments!
Comments are closed.
އިރާދަކުރެއްވިއްޔާ ތިރީސްވަނަ ބައި ދިގުކޮށް ގެނެސްދޭނަން… ފޫހިކަމެއްނެތި ވާހަކަ ކިޔަމުންދާ ހުރިހާ ކުދިންނަށް ޝުކުރިއްޔާ.. ގުޑް ނައިޓް
Gud night angel….30 vana bai upkohleveyne dhuvaheh bunedheeba plxxxxxxx….v v v v reeeeethi mi vaahaka….kei therikan kolhun lanee mi….
Thank u Mysterious Angel. Nice.
v nice mi part ves
Nice 🙂
Haadha reehchey mi part ves. V kiyaahithun mi kiyanee mivaahaka.
Vvv.reethi .avaha upkodhee. Maalasvaneel
varah reethi.meehama maldives ga hingi kameh tha
Nice
Vara nice vaahaka eh Mysterious Angel. Dhen mi vaahakai ge anne bai up vaany kon dhuvaha kun baa?