ހިތް ނުރޮއްވާ… (9)
ެ. “ދަރިފުޅު ބަލީތަ؟” ނަސީރު އޯގާތެރިކަމާއެކު ރިހާ ގާތު އަހާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ރިހާ ބޯހޫރުވާލިއެވެ. އަދި ރަގަޅަށް އެތަނުގައި ތިބި މީހުނަށް ބަލާލުމުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެތާ އެއިނީ ރޭގަ ރިހާ އާއި ދިމާވި ޒުވާނާއެވެ. އަނެއްކަ އޭނަ ނަސީރުގާތު އެވާހަދެއްކީ ބާއޭ ރިހާގެ ހިތަށް އެރިއެވެ.
ނަސީރު ފަރުވާތެރިކަމާއިއެކު ރިހާއަށް ބަލާލިއެވެ. ނަސީރުގެ ހިތް ބުނަމުންދިޔައެވެ. ރިހާއަށް ކޮންމެވެސް ކަމެއްވެއްޖެއެވެ. ރިހާއޮފީހަށް ދާންފެށިފަހުން ބަލިވެގެންވެސް މަދު ދުވަހަކު ނޫނީ އޮފީހަށް ނުގޮހެއް ނެތެވެ. ވީއިރު މިއަދު އެއްވެސް ކަމެއް ނުވެ އޮފީހަށް ނުގޮސް ހުރުމުގެ ސަބަބެއް ވާނެއެވެ. ނަސީރު މި ފިކުރުގައި އިންދަ ޒީޝާންގެ ކިބައިން ރިހާގެ ސަމާލުކަން ނަސީރަށް އަނބުރާލަމުން ސުވާލުކޮށްލިއެވެ. “ބައްޕަ ކަމަކުތަ އަޅުގަނޑަށް ގުޅީ؟” އެވަގުތު ނަސީރު ހިނިތުންވެލަމުން ރިހާއަށް ގުޅި ސަބަބު ކިޔައިދޭން ފެށިއެވެ. “ހޫމް… ރިހާ! މިއިނީ ޒުބޭރު، ދެން މިއިނީ ޒީޝާން، ޒުބޭރުބޭގެ އެންމެ ހަގު ދަރިފުޅު” އެ ދެ މީހުނަށް އިޝާރާތް ކޮށްލަމުން ނަސީރު ވާހަކަދެއްކިއެވެ. “ޒީޝާން ކުޑަދުވަސްކޮޅެއްވެއްޖެ މިހާރު މިގޭގަ އުޅޭތާ. އެކަމު ދަރިފުޅާ އަދި ދިމާވި ހެނެއް ހިއެއް ނުވޭ. ދެން ރިހާއަށް އެނގެއޭނުން ޒުބޭރު އެއައީ ކީއްކުރަންކަން. ޒުބޭރު ބޭނުންވަނީ ވީހާވެސް އަވަހަށް މަސައްކަތް ފަށަން، ދޯ ޒުބޭރު؟” ވާހަކައިގެ ތެރެއިން ނަސީރު ޒުބޭރަށް ދޯ ދިނެވެ. ޒުބޭރުވެސް ހިނިތުންވެލަމުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ރިހާ ގާތު އަހާލިއެވެ. “އާނ… ރިހާގެ އެއްވެސް މައްސަލައެއް އެބައޮތްތަ؟” ރިހާ އެއްވެސް މައްސަލައެއް ނެތޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯ ހޫރުވާލިއެވެ. “ގުޑް… ދެން އެހެންވިޔާ މާދަން ފަށަމާ؟” ޒުބޭރު ރިހާގެ ޖަވާބާއި ވިދިގެން ބުންޏެވެ. “ޒުބޭރުބެގެ މައްސަލައެއް ނެތިއްޔާ ހަމަ ފަށަންވީ.” މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ރިހާ ބުނެލިއެވެ. ނަމަވެސް އެއީ މަސްނޫއީ ހިނިތުންވުމެއްކަން ރިހާ އަށް ބަލަހައްޓައިން ތިބި ނަސީރަށާއި ޒީޝާނަށް ވަރަށް ރަގަޅަށް އެނގެއެވެ. އެމޫނުމަތިން ހިނތުންވުމެއް ދެކެން ނަސީރު ކިތަންމެ ބޭނުންވިނަމަވެސް އެއީ މިފަދަ މަސްނޫއީ ހިނތުންވުމެއް ނޫނެވެ. “ބައްޕާ، ދެން އެންމެ ރަނގަޅުތަ އަޅުގަނޑު ދިޔަޔަސް؟” ރިހާ ނަސީރުގާތުން ދިއުމުގެ ހުއްދައަށް އެދުމުން ނަސީރު ބޯ ޖަހާލިއެވެ.
އެއެންމެނަށް ފަސްދީފައި ސިޑިއާއި ދިމާއަށް ހިނގަ ހިނގަ ހުރި ރިހާއަށް ބަލަހައްޓައިން އިން ޒީޝާންގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ޒީޝާން ފެނުމުން ރިހާއަށް ވެގެން ދިޔަ ގޮތް ޒީޝާނަށް ވަރަށް ރީތިކޮށް ފެނުނެވެ. އެ ބޮޑު ދެލޯ ތަންމިނަށް ހުޅުވުނުއިރު މޫނުމަތިން ކުޑަނަމަވެސް ނުތަނަވަސްކަމެއް ފާޅުވިތަން ޒީޝާން ދެކުނެވެ. ނަމަވެސް ރިހާގެ އެ އަދާވެސް ޒީޝާންއަށް ކަމުދިޔައެވެ. އޭނާގެ ބައްޕައާއި ވާހަކަ ދައްކަމުން ރިހާ ތުންފަތަށް ވެރިކުރުވި މަސްނޫއީ ހިނިތުންވެސް އެ މޫނުގެ ރީތިކަމާއި އުޖާލާކަން އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމުގައި ޒީޝާންގެ ހިތް ބުނަމުންދިޔައެވެ. ރިހާގެ ޙިޔާލުގައި އިން ޒީޝާނަށް ހޭވެރިކަންވީ ޒުބޭރު ޒީޝާނަށް ގޮވާލުމުންނެވެ. އޭރު ނަސީރާއި ޒުބޭރު ތިބިތަނުން ތެދުވެގެން ޒުބޭރު ހުންނަން ހަމަޖެހުފައިވާ ކޮޓަރިއާއި ދިމާއަށް ދަނީއެވެ. ޒީޝާންވެސް ތެދުވެ އެމީހުން ފަހަތުން ހިނގައިގަތެވެ.
އެނދުމަތީގައި އުއްޑުން އޮށޯވެލައިން ރިހާ އޮތް އިރު މުޅި ކޮޓަރިތެރޭގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ހެނދުނު ހައްވާދީ ގެނެސްދިން ނާސްތާވެސް ބެހެއްޓިގޮތަށް ސޯފާ ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގަ ހުއްޓެވެ. އެއިން ކާ އެއްޗެއްގަ ރިހާ އައްވެސް ނުލައެވެ. ސީލިންގާއި ދިމާއަށް ރިހާގެ ނަޒަރު ހުއްޓިފައިވީ ނަމަވެސް ރިހާގެ ސިކުނޑީގައި ހަރުލާފައިވަނީ ރޭ އޭނާއަށް އޮޅުންފިލި ހަޤީޤަތެވެ. ސާފުކޮށް އަޑުއިވެމުން ދިޔައީ ނަސީމާގެ އަޑެވެ. މިއަދު ރިހާއަށް ހަޤީޤަތް އެނގެއެވެ. ނަމަވެސް އޭގެން ކުރި ފައިދާއެއް ނެތެވެ. އެހެންނަމަ އެގޮތަށް ރިހާ ނޯންނާނެއެވެ. މިއަދު ރިހާ އެއްވެސް މީހަކާ ބައްދަލް ކުރަން ބޭނުމެއް ނުވެއެވެ. އެހެންމީހަކަށް ރިހާ ފެންނަންވެސް ބޭނުން ނުވެއެވެ. އޮފީހަށްވެސް ނުދިޔައީ އެ ސަބަބަށްޓަކައެވެ. ނަމަވެސް ނަސީރު ގުޅުމުން ހިތާއި ދެކޮޅަށްވެސް ރިހާ ބޭރަށް ނުކުތީ އެއީ ނަސީރަށް ކިހާ މުހިންމު ކަމެއްކަން އެނގޭތީއެވެ. އަނެއްކޮޅުން ރިހާ ވީތަނެއް ނޭނގިއްޖެޔާ ނަސީރު ހާސްވާނެ ވަރު އެނގޭތީއެވެ.
އެތަށްއިރަކު އެނދުމަތީ އެގޮތަށް އޮތުމަށްފަހު ރިހާ މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ސޯފާ މަތީގައި އޮތް ރިހާގެ ފޯނު ނެގުމަށް ފަހު މީހަކަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގުމުން ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ. “އައިމް ގޮއިން ޓު ފައިންޑް ޔޫ! އައި ވިލް ފައިންޑް ޔޫ!” އަދި ހިނިތުންވެލިއެވެ. “އޭރުން ފަހަރެއްގަ އަހަރެންގެ އުންމީދުތަށްވެސް ފުރިހަމަ ވެދާނެ… އަހަރެންނަށް އަހަރެންގެ މަންމަ ލިބިދާނެ.” ރިހާގެ އުއްމީދުތަށް އާވެގެންދިޔައެވެ. ރިހާ އެ ހޯދަން އުޅޭ މީހާ ފެނިއްޖެޔާ ފަހަރެއްގައި އޭގެ މާނައަކީ ރިހާގެ ޙަޔާތުގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށް ވެދާނެ ކަމުގައި ރިހާ ނިންމިއެވެ. އަދި އެކަމަށް ރިހާ ކެނޑިނޭޅި މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅިއެވެ.
އެރޭގެ ދިހައެއްޖަހާ އެހާކަންހާ އިރެވެ. ރިހާ އިނީ ބޭރުން ރިހާގެ އެޕާޓްމަންޓަށް އެރެން އިންނަ ސިޑީގެ އެންމެ މަތީ ހަރުފަތުގަ އިށީދެލައިގެން ވިސްނުމަކަށް ގެއްލިފައެވެ. އެހެން އިންދާ ފަހަތުން މީހެއްގެ ހިލަމެއް ވީ ހެން ހީވުމުން ރިހާ ފަސް އެނބުރި ބަލާލި އިރު ހުރީ ޒީޝާންއެވެ. ދެއަތުން ދެތަށި ކޮފީ ހިފަހައްޓައިގެން ހުރި އިރު އެއް ތަށި ރިހާ އެނބުރުމުން ރިހާއަށް ދިއްކޮށްލިއެވެ. ރިހާ ކޮފީތަށީގައި ހިފަން ނޫޅޭ ތެދުވެގެން ދާން އުޅުމުން ޒީޝާން ލާނެތްގޮތަކަށް ބުނެލިއެވެ. “ޑޯންޓް ވޮރީ! އަހަރެން މިއަކަށް ޒަހަރެއް ނާޅަމޭ! މި ވިހައެއް ނުވާނެ… އޯ މޭބީ ޔޫ ޑޯންޓް ޑްރިންކް ކޮފީ! އެހެންވެތަ އަހަރެން ދިނީމަ ނުހިފަން ތި އުޅެނީ” ރިހާ ކުރިމަތީގައި ހުރި ޒުވާނާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެންމެ ދެފަހަރު ބައްދަލުވި ޒުވާނެކެވެ. އެނގެނީ ހަމައެކަނި ޒުބޭރުބެގެ ދަރިއެއްކަމެވެ. “އުހުން. އެހެނެއް ނޫން… ތީ އަހަރެން ނުދަންނަ މީހަކަށް ވާތީ ތި ކޮފީ ތަށީގަ ނުހިފީ.” ރިހާ އާދައިގެ ގޮތަކަށް ދުރަށް ބަލާލަމުން ބުނެލިއެވެ. “އޯހ. ރިހާގެ ހަނދާން ހާދަ ބައްޔޭ ދޯ؟ މިއަދު ހެނދުނު ނޫންތަ އެންމެ ފަހުން ދިމާވީ… ހަނދާނެއް ނެތްތަ؟” ޒީޝާން އެއްތަށިން ކޮފީ ފޮދެއް ބޯލަމުން ސުވާލުކޮށްލިއެވެ. “އާނ… އަދި އޭގެ ކުރިން ރޭގަވެސް. ބަނދަރުމަތިން” ޒީޝާން އެހެންބުނުމުން ރިހާ ބަލާލުމާއިއެކު ޒީޝާން ހިނިތުންވެލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފަ ރިހާ ޒީޝާންއާއި ސުވާލު ކޮށްލިއެވެ. “ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަހަރެންނަށް ބްލެކްމެއިލް ކުރަނީތަ؟” ރިހާ ބްލެކްމެއިލް އޭ ބުނުމުން ޒީޝާން ފެށީ ހޭށެވެ. “އަހަރެން ރިހާއަށް ބްލެކްމެއިލް ކުރަންތަ އެބަ؟ އަނެއްކާ ރިހާއަށް ބްލެކްމެއިލް ކުރެވޭނީވެސް އެގޮތަށް ބްލެކްމެއިލް ކުރެވޭވަރުގެ ބޮޑު ސިއްރެއް ރިހާގެ އޮތިއްޔާނުން” ޒީޝާން އިރުކޮޅަކު ރިހާއަށް ބަލަން ހުރުމަށްފަހު އަނެއްކާވެސް ބުންޏެވެ. “އެކަމް ތި ހީވީ ރަގަޅަށް. އަހަރެން ރިހާގެ ފަރާތުން ކަމެއް ބޭނުންވެގެން މިއުޅެނީ.” ޒީޝާން އެހެން ބުނުމުން ރިހާ ބަލާލީ ކޮންކަމެއްހޭ އަހާލާގޮތަށެވެ. “ފްރެންޑްޝިޕް… އަހަރެން ބޭނުން ވަނީ ރިހާގެ އެކުވެރިކަން.” ސީދާ ރިހާގެ ލޮލަށް ބަލަން ހުރެ ޒީޝާން ބުނެލިއެވެ. ރިހާގެ ތުންފަތަށް މަލާމާތުގެ ފަޑު ހިނިތުންވުމެއް ވެރިވިއެވެ. “އެކުވެރިކަން؟” ރިހާ ކޮށްލީ ސުވާލެއްނަމަވެސް އެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. އޭނައާއި އެކުވެރިކަން ބާއްވަން މީހަކު ބޭނުންވުމުންނެވެ. “ޒީ…” ރިހާއަށް ޒީޝާންގެ ނަން ހަނދާނެއް ނުވިއެވެ. “އަމް… އެނީވޭސް، މިއޮށް ބޮޑު ރަށުން އެހެން މީހެއް ނުފެނުނުތަ؟… އައިމް ސޮރީ ޓު ޑިސަޕޮއިންޓް، ބަޓް އައި ޑޯންޓް ހޭވް ފްރެންޑްސް… އަހަރެންގެ ފްރެންޑްސް އެއް ނުތިބޭ” ރިހާ އެހެން ބުނި އިރު ކިތަންމެ ދެރަވިނަމަވެސް އެކަން އޭނާގެ އަޑުން ނުދައްކަވޭތޯ ރިހާބެލިއެވެ. އެހެން ކަމުން ރިހާގެ އަޑުގައިވީ އާންމުކޮށް ރިހާގެ ހުންނަ ހަރުކަށި ކަމެވެ. “މިހާރު އެކުވެރިން ނެތުމުގެ މާނައަކީ ދެންވެސް އެކުވެރިން ނުތިބޭނެއެކޭ ނޫނެއްނު. ޕްލީސް، އެކްސެޕްޓް މައި ފްރެންޑްޝިޕް” ޒީޝާން ރިހާގެ ޖަވާބާއި ވިދިގެން ބުންޏެވެ. ކުޑައިރުކޮޅަކު ވިސްނާލަން ރިހާ ހުއްޓެވެ. ތެދެކެވެ. މިއޮއްހާ ދުވަހު އެކުވެރިއެއް ނެތުމުން އޭގެ މާނައަކީ ދެންވެސް އެކުވެރިން ނުވާނެއެކޭ ނޫނެވެ. އަނެއްކޮޅުން މިދަނޑިވަޅުގައި އެކުވެރިއަކު ހުރުމުން އޭގެން ފައިދާއެއްވެސް ކޮށްފާނެއެވެ. “ފައިން އައި ވިލް ތިންކް އެބައުޓް އިޓް” ރިހާ އާދައިގެ ގޮތަކަށް އެހެން ބުނެލަމުން ޒީޝާން ދިއްކޮށްގެން ހުރި ކޮފީ ތަށީގައި ހިފިއެވެ. އަދި ދެއަތުން ކޮފީ މަގު ވަށާ ހިފަހައްޓާލަމުން “ތޭންކްސް” އޭ ބުނެ، އޭގެން ކޮފީ ފޮދެއް ބޯލަމުން ތަރިތަކުން ޖަރީކުރިވެފައިވި އުޑަށް ނަޒަރު ހިންގާލިއެވެ.
ޒީޝާން ހުރީ ހިތްހަމަޖެހިފައެވެ. ރިހާއާއި ގާތަށް އެއްފިޔަޅު ކުރިއަށް އަޅާލެވުމުންނެވެ. ދެން މާ ގިން ދުވަހެއް ނުވެ ރިހާ އެއީ ޒީޝާންގެ މީހަކަށް ވެދާނެ ކަމަށް ޒީޝާންގެ ހިތް ބުނަމުން ދިޔައެވެ. ރިހާއާއި ޒީޝާން ކޮފީ މަގު ހިފައިގެން ބެލްކަންޏެއް ގޮތަށް އިން އެތަންކޮޅުގައި ކޮޅަށް ތިބިއިރު ރިހާ މާ ބޮޑު ވާހަކައެއް ނުދެއްކިއަސް ޒީޝާން ދިޔައީ އޭނާގެ ޢާއިލާއާއި ބެހޭ ކުދި ކުދި ވާހަކަތައް ކިޔައިދެމުންނެވެ. ރިހާ ޒީޝާންގެ އެކުވެރިކަން ގަބޫލުކުރިނަވެސް ރިހާއާއި އޭނާގެ ޢާއިލާ އާއި ބެހޭ މާބޮޑުވާހަކައެއް ނުދެއްކީ ޒީޝާނަކީ އިތުބާރު ކުރެވިދާނެ މީހެއްތޯ ބެލުމަށް ކުޑަދުވަސްކޮޅަކު މަޑުކޮށްލުމަށްޓަކައެވެ. ރިހާއާއި ވާހަކަ ދައްކަން ހުރި ޒީޝާނަށް ކުއްލިއަކަށް ރޭގެ ހާދިސާ މަތިން ހަދާން ވިއެވެ. ރިހާ އެހާ ދެރަވެގެން ރުއީ ކޮންކަމަކާއިތޯ ބަލަން ޒީޝާން ހުރީ ބޭނުންވެފައެވެ. އެހެންކަމުން ޒީޝާން ރިހާ ގާތު އަހާލިއެވެ. “ރިހާ! ކޭން އައި އާސްކް ޔޫ ސަމްތިންގ؟” ރިހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ޒީޝާން ސުވާލުކޮށްލިއެވެ. “ވަޓް ހެޕެންޑް ލާސްޓް ނައިޓް؟” ޒީޝާންގެ ސުވާލު ނިންމާލަމުން ރިހާއަށް ބަލާލިއިރު، ރިހާގެ މޫނުމަތީގެ ކުލަވަރު އެކަށް ބަދަލުވެގެން ދިޔަތަން ޒީޝާނަށް ފެނުނެވެ. އެ ސުވާލުން ރިހާއަށް ބާރަށް މަގުގައި ދެއަތުން ހިފަހައްޓާލުން ނޫން ކަމެއް ނުކުރެވުނެވެ.
===(ނުނިމޭ)===
5 Comments
Comments are closed.
ވަރަށް ދިގު މުއްދަތަކަށް ވާހަކަ މެދުކެނޑުނީތީ ހުރިހާ ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާފަށް އެދެން…. ދެން އިރާދަ ކުރެއްވިއްޔާ ތަންކޮޅެއް އަވަހަށް އަޕްކޮށްދެވޭތޯ ބަލާނަން… އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ…
Alghirt alright alright that’s exactly what I needed!
ވ. ރީތި
މަ ހާދަ ވެއިޓު ކޮށްފީމޭ.ވ ރީތި
ވަރަށް އިންތިޒާރު ކުރެވޭ ވާހަކައެއް…… ތަންކޮޅެއް އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ! ސަޅި…