ހިތް ނުރޮއްވާ… (8)
ރިހާގެ އެޕާޓްމަންޓްގައި ކެއްކެން ހުރިނަމަވެސް މާ ބޮޑަށް ވަރުބަލިވެފަ ހުރުމުން، އަމިއްލައަށް ކައްކަން ނޫޅެ، ގޭގެ އެންމެ ތިރީ ބައިގައި ހުރި ބަދިގެއާއި ދިމާއަށް ހިނގަމުން ދިޔަ ރިހާގެ މިސްރާބު ބަދަލްވީ ފުރަތަމަ ފަންގިފިލާއަށް ފޭބި އިރު ނަސީރުމެންގެ ކޮޓަރިން އަލިކަން ފެންނަން ހުރުމުން، އެ ދިމާއަށެވެ. މިހާ ލަސްވިއިރު ނަސީރުމެން ނުނިދާ އުޅޭކަން އެނގުމުން ރިހާ ހީކުރީ ނަސީރު ނޫނީ ނަސީމާއަށް ކަމެއްވީ ކަމަށެވެ. ރިހާއަށް ނޭނގުނީ އެ ކޮޓަރިއާ ދިމާލަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އެ ފިޔަވަޅު އެޅެނީ ރިހާގެ ޙަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނަކާއި ދިމާއަށް ކަމެވެ.
ނަސީރުމެންގެ ކޮޓަރިއާއި ކައިރިވަމުން ދިޔަ ވަރަކަށް އެ ކޮޓަރިތެރެއިން ރިހާއަށް އިވެމުން ދިޔައީ އޭނާގެ މަންމަ އާއި ބައްޕަ ކޮންމެވެސް ކަމަކާއި ދެބަސްވެ ޒުވާބު ކުރަމުންދިޔަ އަޑެވެ. އެއީ ރިހާއަށް އާކަމެއް ނޫންކަމުން ރިހާ އެކަމާއި މާ ބޮޑަށް ހައިރާނެއް ނުވެއެވެ. ކުޑައިރުއްސުރެ ނަސީރާއި ނަސީމާ ޒުވާބު ކުރާއަޑު ރިހާއަށް އާންމުކޮށް އިވެއެވެ. ކުރިން މަންމަ އާއި ބައްޕަ ޒުވާބު ކުރާއަޑަށް ހޭލެވުމުން އެ އަޑުއަހަން ރިހާ އޮންނަނީ ގިސްލަ ގިސްލައެވެ. ނަމަވެސް އެ އަޑު އިވޭ އެހެން މީހެއް ނުހުރެއެވެ. މިހާރަކަށް އައިސް އެދެމީހުންގެ ޒުވާބު ކުރުން އެއީ މަދުން ނޫނީ ނުވާ ކަމެއް ކަމުން ރިހާ އަދިވެސް ކޮޓަރިއާއި ގާތަށް ޖެހިލީ އޭނާގެ މައިންބަފައިން ދެބަސް ވަމުން އެދާ ސަބަބެއް އޮޅުން ފިލުވުމަށެވެ. ރިހާ އެ ކޮޓަރި ދޮރުކައިރީ މަޑުކޮށްލުމުން އޭނާގެ މައިންބަފައިން ދެބަސްވަމުން އެދަނީ އޭނާގެ ސަބަބންކަން އެނގިގެންދިޔައެވެ. ނަސީރަށް މިއަދު ހެނދުން ގޭގަ ހިނގާ ދިޔަ ކަންތައްތައް އެނގުނީއެވެ. ނަސީމާ މިއަދު ހެނދުނު ކަންތައްކުރި ގޮތް އެނގުމުން ނަސީރު ހިތްހަމަ ނުޖެހުނީއެވެ.
އޭނާގެ ސަބަބުން ރިހާގެ މައިންބަފައިން އަރާރުންވުން އެއީ ރިހާ އެއްގޮތަކަށްވެސް ބޭނުންވާގޮތެއް ނޫނެވެ. ނަމަވެސް އެ ދެބަސްވުގެ ތެރެއަށްވަދެ އެކަން ހުއަޓުވަން ދާކަށް ރިހާއަކަށް ނުކެރޭނެއެވެ. ކުޑައިރުކޮޅަކު އެތާ މަޑުކުރުމަށް ފަހު ރިހާ އެނބުރި ކޮޓަރިއަށް ދިއުމަށް އެނބުރުނު ވަގުތު ނަސީމާގެ ދުލުން ބޭރުވި ޖުމްލައާއި އެކު ރިހާ ހުރި ފިޔަވަޅު މައްޗަށް ގަނޑުވިކަހަލައެވެ. ލިބުނު ޝޮކުގައި ރިހާއަށް ހަރަކާތެއްވެސް ކޮށްލަން ނޭގުނުތަނުގައި ނޭވާ ހިފަހައްޓާލެވުނު ގޮތަށް ނޭވާވެސް ބޭރަށް ދޫކޮށްލަން ނޭނގުނެވެ. އޭރުވެސް އެތޭރޭގަ ދެކެވެމުން ދިޔަ ވާހަކަ ރިހާއަށް އަޑުއިވެމުން ދިޔައެވެ. ނަމަވެސް މިހާރު ނަސީމާ އާއި ނަސީރު ދެބަސްވަނީއެއް ނޫނެވެ. އެ ދެމީހުންގެ ވާހަކައިގެ މައުޟޫއު މާޒީގެ ހިތި ހާދިސާ އަކާއި ބެޙެގޮތުން ބަދަލުވެފައިވުމުން ދެ މީހުންގެ ވެސް އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތާމައެވެ.
ޒީޝާން އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރިހާ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތުގަ ޒީޝާނަށް މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ބޭރުން ފިޔަވަޅުގެ އަޑު އިވުމުން ޒީޝާން ހިނިތުންވެ ހުރެ އަވަހަށް ކުޑަދޮރު ކައިރިއަށް ގޮސް ބޭރުބަލާލިއެވެ. ވަގުތން އެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ގަނބުވެފައި ކަހަލަ ގޮތަކަށް ހުރެ ހިނގަމުން އަންނަ ރިހާ ފެނުމުންނެވެ. އެމޫނުމަތިން އެއްވެސް ކަހަލަ ދިރުމެއް ފެންނަން ނެތް އިރު ފާޅުވަމުން ދިޔައީ ވޭނާއި ހިތާމައެވެ. ހީވާ ކަހަލައެވެ. މިރޭ ދުނިޔެ މައްޗަށް އައިސްފައިވާ ތޫފާން އައިސްފައި ވަނީ ރިހާގެ ދިރިއުޅުމަށެވެ.
ރިހާ އައިސް ހުއްޓުނީ ރިހާގެ ކޮޓަރީގެ ބޭރުގައި އަދި ޒީޝާންގެ ވެސް ކޮޓަރީގެ ބޭރުގައި ވާ ބޮޑު ހުސްތަނުގެ މެދުގައެވެ. އިރުކޮޅަކު އެ ހުރި ގޮތަށް އެއްވެސް ހަރަކާތެއް ނުކޮށް ހުރި ރިހާ ދެން ފެނުނީ ކަނޑާ ވައްޓާލި ރުއްގުޅިއެއްހެން ދެކަކޫ މައްޗަށް ތިރިވިތަނެވެ. އެހެން އިންއިރު ރިހާގެ މޫނަށް ހަމަލާ ދެމުންދިޔަ އޭނާގެ ފަންފަން އިސްތަށިގަނޑު ވެސް މުނުމަތިން ދުރުކުރާކަށް ނޫޅެ އެއިން ގޮތަށް އިނީއެވެ. ދުވަހަކުވެސް ނުރޯން ނިންމައިގެން ހުރި ކުއްޖާ މިއަދު ބޭނުންވަނީ ހަމައެކަނި ރޯށެވެ. ހިތްފުރެންދެން ރޯށެވެ. އެ ހިތުގައިވާ ހުރިހާ ޝަކުވާއެއް އެގޮތުގައި ނެރެ ހާމަކުރުމަށެވެ. ރިހާގެ ދެލޮލަށް ޖަމާވި ކަރުނަތަށް އޭގެ މަޤާމް ދޫކޮށް އެ ކޯތާފަތް މައްޗަށް ފައިބަންފެށިއެވެ. ގިސްޖެހެން ފެށުމުން އެ އަޑު އަހާނެ އިތުރު މީހެއް އެތާ ނެތްކަން އެނގޭ އިރުވެސް އަޑު ބޭރުވެދާނެތީ، އަނގަމަތީ އަތްއަޅައިގެން އިންތަނުން ތެދުވެ ދުއްވައިގަތީ ސިޑިއާއި ދިމާއަށެވެ. ދިޔަ ބާރުމިނުގައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ފޭބި ރިހާ ދެން ނުކުތީ ގެއިން ބޭރަށެވެ. ވަކި ހިސާބަކަށް ގޮސް ރިހާ ދުވުން މަޑުކޮށް މަޑުމަޑުން ހިނގަން ފެށިއެވެ.
މަންޒަރު ބަލަން ހުރި ޒީޝާން ހުރީ ރިހާ އެގޮތަށް ރޯންވީ ސަބަބެއް ނޭނގުމުން ކަންބޮޑުވެފައެވެ. ރިހާ ކުއްލިއަކަށް ދުއްވައިގަތުމުން ޒީޝާންވެސް އެންމެ އަވަހަށް އަތުޖެހުނު ޓީޝާޓް ނަގާ ގަޔަށް މަހާލަމުން ޒީޝާންވެސް ރިހާގެ ފަހަތުން ދުއްވައިގަތީ ރިހާ އެހާލުގައި އެކަނި ދޫނުކުރުމަށް ހިތް އެދި ގޮވަން ފެށުމުންނެވެ. ޒީޝާނަށް ބޭރަށް ނިކުމެވުނު އިރު ރިހާ މިސްރާބު ޖަހާފައި ހުރީ ހީވާގޮތުން އެ ދިމާ މޫދާ ދިމާއަށެވެ.
ހުސްފައިގައި ހިނގަމުން ދިޔަ ރިހާއަށް ބިންމަތީގަ ހުރި ތޫނުގާތަކުން އެ ފަޔަށް ވަމުން ދިޔަ ތަދުވެސް އިހްސާސް ނުވާ ކަހަލައެވެ. ހިތާއި ސިނކުޑިވެސް މަސައްކަތް ކުރުން ހުއްޓާލާފައިވާ ފަދައެވެ. އެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ރިހާ ބޭނުންވަނީ ދެންމެ ހިނގާ ދިޔަ ހުރިހާކަމެއް ހަނދާން ނައްތާލާށެވެ. އެއީ ނުވާ ކަމެއްކަމުގަ ހަދާށެވެ. މިއަދު ރިހާއަށް މިއޮށްހާ ދވަހު އެ ހިތުގައިވި ސުވާލަށް ޖަވާބު ލިބިއްޖެއެވެ. ނަސީމާ އޭނާ ދެކެ އެހާ ރުޅި އަންނަ ސަބަބު ރިހާއަށް މިރޭ އެނގިއްޖެއެވެ. އެއީ ނަސީމާވެސް ބޭނުންވާގޮތެއް ނޫންކަން ރިހާއަށް އެނގިއްޖެއެވެ. ކޮންމެ ގޮތަކަށް ކަންވެ ދިޔައަސް އޭގައި ނަސީމާގެ ކުށެއް ނެތެވެ. ހަމައެހެންމެ ރިހާގެވެސް ކުށެއް އޭގައި ނެތެވެ. ކުއްވެރިއަކީ ވަގުތާއި ހާލަތެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތެވެ. ރިހާއަށް ހިނގަމުން ގޮސް ބަނދަރާއި ހަމައަށް ދެވުނު އިރުވެސް ނޭނގެއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ރިހާގެ އަތުގެ މުލައްދަނޑީގައި ހިފާ ލުތްކެއް ޖަހާ ފަހަތަށް ދަމައިގަތެވެ. ރިހާއަށް ހޭވެރިކަންވީ ދެނެވެ. ހުރެވުނު ތަނަށް ވަށއިގެން ނަޒަރު ހިންގާލުމުން ދެންމެ އެ މީހަކު ރިހާ ނުހިފެހެއްޓިނަމަ ރިހާ އޮތީހީ ބަނދަރުގެ ފަޅުތެރޭގައި،މޫދުގެ ލޮނުގަނޑުތެރޭގައި ކަން ވިސްނިގެން ދިޔައެވެ. ރިހާ އެކަމުން ސަލާމަތް ކޮށްދިން މީހާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ބަލާލި އިރު ކުރިމަތީގައި ހުރީ ދުވަހަކުވެސް ރިހާ ދެކުނު މީހެއް ނޫނެވެ.
ރިހާގެ އަތުގައި ހިފަހައްޓައިން ހުރި ޒީޝާން ބޭނުންވީ ރިހާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލާށެވެ. ނަމަވެސް ޒީޝާން އަކީ ރިހާ ނުވެސް ދަންނަ މީހަކަށް ވެފަ، އެގޮތަށް ޒީޝާން ކަންތައް ކޮށްފިނަމަ ރިހާ ހިތަށް އަރާފާނެ އެއްޗަކުން މަޑުމަޑުން ހުރީއެވެ. ދެންމެ ޒީޝާން ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް ރިހާ މޫދަށް ވެއްޓުނީހެވެ. “ދިރިއުޅުމުގަ މާޔޫސްވާ ކޮންމެ ފަހަރަކު ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުންދޭކަށް ނުވާނެ… އެއްފަހަރުވެސް ވިސްނާލިންތަ ދެންމެ ކަމެއް ވިނަމަ ކިހާ ބަޔަކަށް އޭގެ އަސަރު ކުރާނެކަން؟” ޒީޝާން ހީކުރީ ރިހާ އުޅުނީ އެތަނުން ފުންމާލަން ކަމަށެވެ. ނަސޭހަތް ދިނުމުގެ ގޮތުން ބުނި އެއްޗެއް ނަމަވެސް ޒީޝާންގެ އަޑުގައި ކުޑަ ތުރުތުރެއް އެކުލެވިފަވިއެވެ.
“އަހަރެން އުޅުނީ އަމިއްލަ ނަފްސަށް ގެއްލުމެއްދޭކަށް ނޫން. އެހެންނޫނަސް ފަތަން އެނގޭ މީހަކު މޫދަށް ފުންމާލައިގެން ތިބުނާފަދަ ކަމެއް ކުރަން އުޅުން އެއީ މޮޔަކަމެއް…” ރިހާ ވާހަކަ ދެއްކީ އިސްދަށަށް ޖަހާލާ ދެލޯ ފުހެލަމުން މަޑުމައިތިރި ކަމާއެކުއެވެ. “އެން އައި ޑޫ ނޯ ޓު ސްވިމް… އެހެންނޫނަސް ހިއެއްނުވޭ އަހަރެންނަށް ކަމެއް ވެގެން އަސަރެއް ކުރާނެ އެއްވެސް މީހަކު ހުރިހެނެއް…” އަނެއްކާވެސް އެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ނުވެސް ދަންނަ މީހެއް ކުރިމަތީ ރޯން ބޭނުން ނުވާތީ އަތުގެ ނުފުށުން ލޯ ފުހެލަމުން ނޭފަތް ކުޑަކޮށް އެތެރެއަށް ދަމާލިއެވެ. “ތި ބުނީ؟!” ރިހާ ބުނި އެއްޗެއް ރަގަޅަށް އެނގި ހުރެވެސް ޒީޝާން އަހާލިއެވެ. އެއްވެސް އެއްޗެއް ނޫނޭ ބުނުމުގެ ގޮތުން ރިހާ ދެފަރާތަކަށް ބޯހޫރާލިއެވެ. އަދި ބުންޏެވެ. “ޝުކުރިއްޔާ! އަހަރެން ސަލާމަތް ކޮށްދިނީތީ…” އެހެން ބުނެ ރިހާ ދިއުމަށް ހިނގައި ގަތުމުން ޒީޝާން އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “މިކަހަލަ މޫސުން ގޯސް ރެއެއްގަ، މިހާ ދަން ގަޑިއެއްގަ، މިތާ ކީއްތިކުރަނީ؟” ރިހާ ޒީޝާނަށް ބަލާލިއެވެ. އަދި ހިނިތުންވެލަމުން ރައްދުގައި ބުނެލިއެވެ. “ތި ސުވާލު އަހަރެންނަށްވެސް ކުރެވިދާނެ!…” އެހެން ބުނުމަށް ފަހު ރިހާ ގެއަށް ދިއުމަށް ހިނގައިގަތެވެ. މިފަހަރު ރިހާ ހުއްޓުވާކަށް ޒީޝާން ނޫޅެއެވެ. ރިހާއަށް ބަލަހައްޓައިން ހުރީއެވެ. އަދި ރިހާ ގޮސްދާނެހާ އިރު ކޮށްފައި ޒީޝާންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ.
ޒުބޭރު ލަފަންވާއިރަށް ނަސީރާއި ޒީޝާން ހަނިމާދޫ އެއާޕޯޓަށް ޒުބޭރު ބަލާދިޔައެވެ. ޒުބޭރާއި އެކު އެދެމީހުން އެނބުރި ‘ފެރެޑައިސް’އަށް އައިސް ގޭގެ ބޮޑު ސިޓިން ރޫމްގައި މަޑުކޮށްލުމުން އެ ތިން މީހުނަށް ނަސީމާ އާއި ހައްވާދީ ވެގެން ކުޑަވަރެއްގެ ސައެއް ހަދާލިއެވެ. އެއަށްފަހު ޒުބޭރަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ޒުބޭރު އަރާމުކޮށްލުމަށް ދިއުމަށް ނަސީރު އެދުނެވެ. ނަމަވެސް ޒުބޭރު ބޭނުންވީ އޭނާ އެއައި ބޭނުމާއި ބެހޭ ގޮތުން ވާހަކަދައްކަން މަޑުކޮށްލާށެވެ. އެހެންކަމުން އޭނާ އެ ވިޔފާރީގެ ވާހަކަ ފެށިއެވެ. “ޒުބޭރު ބުނަން…. ތިވާހަކަތައް އަހަރެން ކައިރީ ދެއްކުމަށް ވުރެ ރަނގަޅު ވާނީ ރިހާ ގާތު ތި ވާހަކަތައް ދެއްކިއްޔާ. އެއީ މިހާރު އަހަރެންގެ ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓާ މީހަކީ. އެހެންވީމަ މިކަންވެސް ޒުބޭރާއި އެކު ކުރާނީ ހަމަ ރިހާ.” ޒުބޭރު ވިޔަފާރީގެ ވާހަކަ ފެށުމުން ނަސީރު ބުންޏެވެ. “އާނ… ރިހާ ދޯ! ކޮބާތަ އެމަންޖެ؟ އެހެންނޫނަސް މި ޒުބޭރު ވިޔަފާރީގެ ވާހަކަ ދެއްކިއަސް އަހަރެންނެއްވެސް ނޫޅެން މިކަމާއި އުޅޭކަށް. މިކަމާ އުޅޭނީ ޒީޝާން. އަހަރން މިސޮރު މިތަނަށް ފޮނުވީ އެހެންވެ އޭނުން.” ޒުބޭރުވެސް ނަސީރުގެ ވާހަކައިގައި ބައިވެރިވެލަމުން ބުންޏެވެ. އެ ވިޔަފާރީގައި ޒީޝާނާއި އެކު އުޅޭނީ ރިހާކަން އެނގުމުން ޒީޝާން އިނީ ވަރަށޤ އުފާވެފައެވެ. އެގޮތުން ދެމީހުންގެ ރަޙްމަތްތެރިކަން ފަށަން ފަސޭހަވާނެތީއެވެ.
ނަސީރު ފޯނުނަގާ ރިހާއަށް ގުޅާލީ ރިހާވެސް އެތަނަށް ގެނައުމުގެ ބޭނުމުގައެވެ. ނަމަވެސް ރިހާ ދެތިން ފަހަރު ގުޅިއިރުވެސް ފޯނެއްނުނަގައެވެ. މިކަމާއި ނަސީރު އަޖައިބުވިއެވެ. އެހެނީ ރިހާ އަކީ ދުވަހަކުވެސް އެގޮތަށް ކަންތައް ކުރި ކުއްޖެއްނޫނެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް ރިހާ ފޯނަށް ޖަވާބުދޭނެއެވެ. ނަސީރު ދެން ގުޅީ އޮފީހުގެ ރިސެޕްޝަންއަށެވެ. އަދި ރިހާ ކޮބައިތޯ އެހުމުން ރިހާ މިއަދު އޮފީހަށް ނުދާކަމަށް އެކޮޅުން ފޯނުނެގި ކުއަޖާ ބުންޏެވެ. އަދި އެކަމާއި ގުޅޭގޮތުން ރިހާ އެއްޗެއް ބުނެފަ ނުވާކަންވެސް އެކުއްގާ ނަސީރުގާތު ބުންޏެވެ. ނަސީރު ހިތަށް އެރިއެވެ. ރިހާ އޮފީހަށް ނުދަންޔާ ވީ ކޮންތާކު ހެއްޔެވ؟ އޮފީހަށް ނުދާނެ ދުވަހެއްނަމަ ރިހާ ކުރީ ބައިގައި ނަސީރުގާތު އެވާހަކަ ބޫނާނެއެވެ. ނަމަވެސް މިއަދު ރިހާގެ ކިބައިން މިފެންނަނީ މުޅިންވެސް އެހެންކަހަލަ ކަންކަމެވެ. ނަސީރު ހައްވާދީއަށް ގޮވާލީ ރިހާ ހައްވާދީ ގާތު އެއޗެކޭ ބުނެފަ އޮވެދާނެކަމަށެވެ. ނަމަވެސް ހައްވާދީއަށްވެސް ރިހާ ވީތަނެއް އެނގޭ ކަމަކަށް ނުވިއެވެ. އެވަގުތު ނަސީރަށް ސިޑިން ފައިބައިގެން އެދިމާއަށް އައިސް އައިސް ހުރި ރިހާ ފެނުނެވެ. “ދަރިފުޅު ބަލީތަ؟” ނަސީރު އޯގާތެރިކަމާއެކު ރިހާ ގާތު އަހާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ރިހާ ބޯހޫރުވާލިއެވެ. އަދި ރަގަޅަށް އެތަނުގައި ތިބި މީހުނަށް ބަލާލުމުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެތާ އެއިނީ ރޭގަ ރިހާ އާއި ދިމާވި ޒުވާނާއެވެ. އަނެއްކަ އޭނަ ނަސީރުގާތު އެވާހަދެއްކީ ބާއޭ ރިހާގެ ހިތަށް އެރިއެވެ.
===(ނުނިމޭ)===
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


މިވާހަކަ ކިޔާހިތުން ރަނގަޅަށް ނުވެސް ނިދޭ…. ތަން ކޮޅެއް ކުރީ…
އެހާ ގިނަ އިންތިޒާރެއްކޮށްފަ އެހާ ކުރުކޮށް. ކޮންމެ ދުވަހަކު ބެލޭ އަަޕްވޭތޯ. ވ އިންތިޒާރުކޮށްފިން. ތަންކޮޅެއް އވަސް ވާނެ ގޮތެއް ނުވާނެތަ؟ ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވރީިިތި ވާހަކަ. ވއެިޓިން ……………………………………….
ނައިސް
ރައިނާ އަޅޭ މިވާހަކަ ތަންކޮޅެއް އަވަހަށް އަޕްކޮށްދީ ބަލަ. މިހާރު ހާދަ ދުވަހެއް ވެއްޖެއޭ……. ވވވވވވވވވވވވވވވވވވވވވވވވވވ ރީތި މި ވާހަކަ… ވެއިޓިން