“އެހެންތަ! އެއީ ކޮންކުއްޖެއް؟” ޝިޔާމް އިތުރަށް އޮޅުން ފިލުވިއެވެ.
ޝާމް އިސްޖަހާލިއެވެ. ޝާމްގެ ލަދުރަކިކަން ފެނި ޝިޔާމް ހީނގަތެވެ.
“އެއީ… އެއީ. އެއީ މިރަށު ކުއްޖެއް ނޫން. މާލެ ކުއްޖެއް. ބޭބެއަށް ނޭނގޭނެ.” ޝާމް ބުނެލިއެވެ.
“އެހެންތަ؟ އެންމެ ރަނގަޅު. އެހެންވީމަ ބޭބެ ބޭނުން ތިކުއްޖާއާ ބައްދަލުކޮށްލަން.” ޝިޔާމް ތެދުވެގެން އައިސް ޝާމްގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައެވެ. ފަރީދާވެސް ޝިޔާމްގެ ހިޔަނިހެން ހުރެގެން ދިޔައެވެ. ސިޓިންރޫމުގައި ޝާމްއާއި ހުމާމު އެކަނިވީއެވެ. ޝާމްގެ ހިތުގައި ހުމާމުގެ މައްޗަށް ވެރިވެފައި އޮތް ބޮޑު ހަސަދަވެރިކަން ހުޅުރޯވެގެން ދިޔައިރުވެސް ހުމާމަށް ހިލަމެއްވެސް ނުވިއެވެ. ބޭބެގެ ކައިވެނި ކުރެވެން އުޅޭކަން އެނގުމުން އެއުފަލުގައި ބައިވެރިވެ ހިނިތުންވެލަމުން އައިސް ޝާމްއަށް މަރުހަބާ ކިޔެވެ.
“ބައްޕައަށް ދެއްކުމުގެ ކުރިން އަހަރެންނަށް ދައްކާލަންވީނު. އޭރުން އަހަރެންނަށްވެސް ލަފައެއް ދެވިދާނެކަންނޭގެއެއްނު.” ހުމާމު ހިނިތުންވެލަމުން ބުނެލިއެވެ. އައްޑުއަށް އައިފަހުން ހުމާމުގެ އުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކީގައި ސްޓައިލަށްވެސް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރީގައި އޮތް ދިގު އިސްތަށިގަނޑު ތުނިކޮށްވަނީ ކޮށާލެވިފައެވެ. ތުނބުޅިކޮންމެވެސް ވަރަކަށް ބަހައްޓާފައި ހުރުމުން ވަރަށް ހިތްގައިމެވެ. ކެއިން ބުއިމުގެ ކަންތައް ފަރުވާތެރިކަމާއެކީގައި ބެލެހެއްޓިގެން ދިޔުމުގެ ސަބަބުން ހަށިގަނޑުގައި ކުރިން ހުރި އަނަރޫފަކަން ފިލައިގޮސް ވަނީ ބިޔަވެފައިވެއެވެ.
“ހުމާމަށް ކެރޭނެތަ ބަލަން؟” ޝާމް ސުވާލުކޮށްލިއެވެ.
ޝާމްގެ ސުވާލުން ހުމާމަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިގެން ދިޔަކަމުގައިވިނަމަވެސް އެކަމާ މެދު އެއްވެސް ވަރަކަށް ވިސްނައެއް ނުލެވުނެވެ.
“ކީއްވެ ތިހެން ތިބުނީ؟ އެއީ ޖިންނި އަކީތަ؟” ޝާމްކުރީ ސަމާސާއެއްކަމުގައި ވިސްނައި ހުމާމު އެކަމުގައި ބައިވެރިވިއެވެ.
“ޖިންނިއަކަށް ނުވިޔަސް އަހަރެންނަށް ހީވަނީ ހުމާމަށް އެކުއްޖާ ފެނިއްޖެ ނަމަ ޖިންނިއެއް ފެނިގެން ދުއްވައިގަންނާނެ ހާ ބާރަށް ދުއްވައިގަންނާނެހެން. ނޭނގެނީ ކޮންކޮޅކަށް ކަމެއް. އެ ޖިންނި ކައިރިއަށްކަމެއް ނުވަތަ ޖިންނިއާ ދުރަށް ކަމެއް.” ޝާމްގެ ވާހަކަތައް ދިޔައީ ހުމާމުގެ ސިކުނޑިއަށްވުރެ މަތިންނެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.
“ބޭބެ ތިކިޔާ އެއްޗަކުން ބިރުގަންނަން ފަށައިފ. ހަމަ އަސްލުވެސް ޖިންނިއަކީތަ؟ އެހެންވީއިރު ވަރަށް ބޭނުން ބައްދަލުކޮށްލަން.” ހުމާމު އިތުރަށް ބުނެލިއެވެ.
“އެންމެނާ އެއްކޮށް ދައްކާނަން. ކެތްކޮށްލާ!” ޝާމް ހިނިތުންވެލަމުން ބުނެލިއެވެ. އަދި އެއަށްފަހު މިސްރާބުޖެހީ އެތެރެއަށެވެ.
ކައިވެނީގެ ވާހަކަ ދެކެވުމުން ހުމާމު ޖާހަތު މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. ބައްޕައާއެކީ އުޅުމުގެ ސަބަބުން ޖާހަތުއަށް ދެވޭ ވަގުތު ކޮޅު ވަރަށްވެސް މަދެވެ. އަނެއްކޮޅުން ޝިފާ ކޯހަށްދާންފެށުމުން ޖާހަތުއާ ބައްދަލުކުރުންވަނީ ނުހަނު ދަތިވެފައެވެ.
ޖާހަތުކަހަލަ ހުޝިޔާރު ކުއްޖެއް އެގޮތަށް ކަމެއްކޮށްނުލާ ހުރުމުން ހުމާމަށް ވިސްނުނީ ޖާހަތުވެސް ހުމާމަށް ރުހެނީކަމުގައެވެ. ހުމާމުއާ ކައިވެނިކުރަން ބޭނުން ނޫން ނަމަ މިހާރު ކޮންމެވެސް ކަންތައްގަނޑެއް ހިނގާލައިފިކަން ހަމަ ޔަޤީނެވެ.
ޖީބުގައި އޮތްފޯނުނަގައި ހުމާމު ޝިފާއަށް ގުޅާލިއެވެ.
ފޯނެއް ނުނަގައެވެ. ރޭގަނޑުގެ މިގަޑީގައި ހަމަ ގައިމުވެސް ތިބޭނީ ގޭގައި ނޫންހޭ ހިތް ބުނެލިއެވެ. އަނެއްކާ ގުޅިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ހުމާމު ތަކުރާރުކޮށް ގުޅަންފެށިއެވެ. އިރުކޮޅެއްފަހުން ޝިފާ ފޯނު ނެގިއެވެ.
“ޝިފާ. ކީއްތަ ތިކުރަނީ؟ ހާދަ ވަރަކަށް ގުޅައިފިމޭ.” ޝިފާ ފޯނުނަގައި ހަލޯ އޭ ބުނެލުމާއެކު ހުމާމު ޝަކުވާކޮށްލިއެވެ.
“ކޮބާ ޖާހަތު؟ ފޯނު ދީބަލަ!” ޝިފާ އިތުރު ވާހަކައެއް ނުދެއްކުމުން ހުމާމު ބުނެލިއެވެ.
“ޖާހަ…ތު” ޝިފާގެ އަޑުގައި ޖެހިލުންވުމެއް ހުރިއެވެ.
“ކިހިނެތްވީ؟ ކޮބާ ޖާހަތު؟” ހުމާމު ކަންބޮޑުވިއެވެ. ހިތް ބިރުގަންނަން ފެށިއެވެ. ޖާހަތު އަނެއްކާ ފިލީ ހެއްޔެވެ؟
“ޝިފާ ޖާހަތު ކޮބާހޭ؟” ހުމާމު ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
ހުމާމުގެ ހަރުކަށި ރާގު އަޑު އިވި ޝިފާ ކުޑަކޮށް ސިހުނެވެ.
“ޖާހަތުވީ ކޮޓަރީގަ.” ޝިފާ ބުނެލިއެވެ.
“ދެން އެހެންވީއިރު ގޮސް ފޯނު ދީބަލަ.” ހުމާމު ބުނެލިއެވެ.
“ޖާހަތުއަށް އޮތީ ނިދިފަ.” ޝިފާ ކަންބޮޑުވެފައި ބުނެލިއެވެ.
“ނިދިފައޭ ބުނީމަ ހީވަނީ ނުނިދަން އޮއްވާ ނިދުނީހެން. ކިހިނެތްވީ؟ ޖާހަތު ބަލީތަ؟” ހުމާމު ކަންބޮޑުވެފައި ހުރެ ސުވާލުކޮށްލިއެވެ.
“ހުމާމު. އަހަރެންނާ ބައްދަލުކޮށްލަބަލަ. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.” ޝިފާއެދުނެވެ.
“ކޮންވާހަކައެއް؟” ހުމާމު އޮޅުންފިލުވަން ބޭނުންވިއެވެ. ޝިފާ އަނެއްކާވެސް އެދުނީ ބައްދަލުކުރުމަށެވެ.
“ޝިފާ. ތިހާ މުހިންމު ނަމަ ހަމަ ފޯނުންވެސް ބުނެވިދާނެއްނު؟” ހުމާމު ބުނެލިއެވެ.
“ހުމާމު އަހަރެންނަށް ހީވަނީ…. އަހަރެންނަށް ހީވަނީ ޖާހަތު..” ޝިފާގެ ވާހަކަތައް މެދުކެނޑެމުންދިޔައެވެ.
“ޖާހަތުއަށް ކިހިނެތްވީ؟” ހުމާމު ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.
“ހުމާމު ރުޅި ނާންނައްޗޭ. އަހަރެންނަށް ހީވަނީ… ހީވަނީ…. ޖާހަތު.. އަހަރެންނަށް ހީވަނީ ޖާހަތު ބަނޑުބޮޑުހެން. ހޮޑުލަނީ.” ޝިފާ ހިތްވަރުކޮށްލާފައި އެންމެފަހުން ބުނެލިއެވެ. ހުމާމުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހީގަތެވެ.
“ޝިފާ މޮޔަވީތަ؟ ޖާހަތު ބަނޑުބޮޑުވާންވީ ކީއްވެ؟ ތިވާނީ ކޮންމެވެސް އެހެންކަމަކަށް. ޑޮކްޓަރަކަށް ދައްކާލަބަލަ. މިއުޅޭ ހޮޑުބަލިޖެހުނީ ކަންނޭނގެ.” ހުމާމު ހަމަޖެހިލަމުން ބުނެލިއެވެ.
“އަހަރެން މިއަދު ކޮލެޖުން އައި އިރު ޖާހަތު ޑޮކްޓަރަށް ދައްކައިފި. ރިޕޯރޓްގަ އޮތީ އެހެން.” ޝިފާ ކިޔައިދިނެވެ.
“އަސްލުވެސްތަ؟ އެކަމަކު ކިހިނެތް؟” ހުމާމުއަށް ޤަބޫލުކުރަން ދަތިވިއެވެ.
“ދެންވެސް ކައިވެނި އަވަސް ކުރެވޭތޯ ބަލާބަލަ.” ޝިފާ ލަފާއެރުވިއެވެ.
“ކީއްކުރަން ކައިވެނި އަވަސްކުރަންވީ. ފުރަތަމަ ތިކަމުގެ ތަންދޮރެއްނު ހޯދަންވީ.” ހުމާމު ރައްދުގައި ބުންޏެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.
“މިކަމުގަ އިތުރަށް ހޯދަންޖެހޭ ހޯދުންތަކެއް އެބައޮތްތަ؟ އަސްލު ހައިރާންވާންވީ ހުމާމެއްނޫން. އަހަރެން. ހުމާމުގެ އުޅުން އަހަރެންނަށް އެނގޭ. ޖާހަތުއާ އެކީ މިހޭދަވި މަދުދުވަސްކޮޅުން އަހަރެންނަށް ހީވެފައިއޮތީ ޖާހަތުއެއީ ވަރަށް އަޚްލާގް ރަނގަޅުކުއްޖެއްކަމަށް. އެހެންގޮތަކަށް ބުނަނީ ނަމަ ހުމާމާ ޖާހަތުއާ ނުވެސް ގުޅޭ. މިބުނީ އުޅުމުގެ ވާހާކަ. އުޑާބިމުގެ ފަރަޤު އެބަހުރި. އެކަމަކު ހުމާމުގެ އަވައިގައި ޖެހި އެފަކީރުގެ ދިރިއުޅުންވެސް އެދިޔައީ.” ޝިފާގެ އަޑު ކުރެހުނެވެ.
“ޝިފާ ކީކޭ ކިޔަންތަ ތިއުޅެނީ؟” ހުމާމު ހިތްހަމަ ނުޖެހުނެވެ.
“އަހަރެން ނޫޅެން އެއްޗެކޭ ކިޔާކަށް. އަހަރެން ހިއެއް ނުކުރަން ޖާހަތުއާ ހުމާމު ކައިވެނީގެ ބޭރުން ތިފަދަ ގުޅުމެއް ހިންގަފާނެކަމަކަށް. އަހަރެން ޤަބޫލުކުރަން އަހަރެންނަކީ ދީނުގައި އަންގަވާފަވާ ގޮތަށް އުޅޭ މީހެއްނޫންކަން. އެކަމަކު ޖާހަތު އައި ފަހުން އަހަރެންނަށް ދީނަށް ލޯބިކުރެވެން ފަށައިފި. ގަވާއިދުން ނަމާދުކުރުމާ، ޤުރުއާން ކިޔެވުމާ، ހެދުން އެޅުމަށް މިއައި ބަދަލުތަކަކީ ޖާހަތުފަދަ އަޤީދާވަރުގަދަ އަދި ދީނަށް ލޯބިކުރާ ކުއްޖެއްގެ އަސަރު. އެފަދަ ކުއްޖެއްގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން އަހަރެން މިއުޅެނީ މިކަން ‘ހަޖަމް ނުކުރެވިގެން’. އަހަރެންނަށް ހަމަ ޔަޤީން ހުމާމު އޭނައަށް މަޖުބޫރުކުރާނީކަން. ކީއްވެ ތިހެން ތިހެދީ.؟ ޖާހަތު އެއިނީ ވަރަށް ދެރަވެފަ. ދެންވެސް އޭނަޔާ ކައިވެނިކުރޭ. ވީ އެންމެ އަވަހަކަށް.” ޝިފާ ރުޅިވެރިކަމާއެކީގައި ބުނެލިއެވެ. ޖާހަތު ކަހަލަ ރަނގަޅުކުއްޖަކަށް މިކަހަލަ ގޮތެއް މެދުވެރިވުމުން ޝިފާގެ ހިތަށްވަނީ ވަރަށް އަސަރުކޮށްފައެވެ.
“ޝިފާއަށް ތިކިޔޭ އެއްޗެއް އެނބަ އެނގޭތަ. ހަގީގަތަކީ އަހަރެންނަށްވެސް ހައިރާންކަންލިބިފައިވާކަން، ޤަބޫލުކުރަން ދަތިވެފަ މިހުރީ. އެއަށްވުރެ ބޮޑު ހަޤީޤަތަކީ އަހަރެން ޖާހަތުއާ އެފަދަ އެއްވެސް ގުޅުމެއް ހިންގާފައިނުވާކަން.” ހުމާމު ހައިރާންވެފައި ހުރެ ބުނެލިއެވެ.
ހުމާމުގެ ވާހަކަތަކުން ޝިފާވެސް ހައިރާންކުރުވިއެވެ.
“ކީކޭ؟ އެހެންވީއިރު ދެން ޖާހަތު…؟” ޝިފާ ބަސްހުއްޓުނެވެ.
ހުމާމު އިތުރުވާހަކައެއް ނުދައްކާ ފޯނު ބޭއްވިއެވެ. މޫނުމަތީގައިވަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ.
“ކޮންމެވެސް ގޯހެއް އެބައުޅޭ.” ހުމާމު ބު ނެލިއެވެ. އަދި އެއަށްފަހު މިސްރާބު ޖެހީ ބޭރަށެވެ.
މިހުރިހާ މަންޒަރެއް ބަލަން ޝާމް އެތެރޭގައި ހުރީ ހިނިތުންވެފައެވެ.

މެލޭޝިޔާގެ ބޮޑެތި މަގުތަކުންގޮސް ހައިވޭއެއްގެ އެއްފަރާތަށް މަޑުކޮށްލި ކާރުން ފޭބީ އިޔާނާއެވެ. ކަޅުކުލައިގެ ހެދުމާއިއެކީ އަޅައިގެން ހުރީ ރަތްކުލައިގެ ސްކާފެކެވެ. ހައިވޭގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ރީމްފެނުމުން އިޔާނާ އެދިމާއަށް ހިނގައިގަތެވެ. ހުދުކުލައިގެ ގަޔަށް ދޫ ޓޮޕަކާއި ކަޅު ބާރު ސްކިނީގައި ރީމް ވަރަށް ރީއްޗެވެ. ރަންކުލަ ޖައްސާފައިވާ އިސްތަށިގަނޑު ވަނި އެއްފަރާތަކަށް ގެނެސް ދޫކޮށްލެވިފައެވެ.
އިޔާނާ ކާރުން ފައިބައިގެން ރީމްއާ ދިމާއަށް ހިނގައިގަތްއިރު ރީމް އިނީ އިޔާނާއަށް ބަލަހައްޓައިގެންނެވެ. އިޔާނާ ކައިރިވަމުން އައެވެ. އިޔާނާގެ ހުރިހާ ހަރަކާތަކަށް ސަމާލުކަމާއެކީގައި ވިސްނައިގެން އިން ރީމްގެ މެޔަށް ހޫނުވެގެން ދިޔައީ އިޔާނާ އަޅައިގެން ހުރި ރަތްކުލައިގެ ސްކާފްފެނުމުންނެވެ. ހިޔާލަށް އައީ މީގެ ހަތަރުމަސްކުރިއެވެ.
އެއީ އީމަންއާ ޔާނާގެ އެކުގައި ހޭދަކުރި އެންމެ ފަހުރޭގެ އެންމެ ފަހުވަގުތުތަކުގެ ތެރެއިން ވަގުތެއްގެ ފެށުމެވެ.
އެރޭ ކާންދިޔުމަށްޓަކައި ޔާނާ ލައިގެން ހުރީ އީމަންދިން ވަރަށް ރީތި ހެދުމެކެވެ. އަދި އެހެދުމާ ގުޅޭ ވަރަށް ރީތި ޝޯލްއެކެވެ. ރީމް ތައްޔާރުވެލައިގެން ޔާނާ ހޯދަން އެކޮޓަރިއަށް ދިޔައިރު ޔާނާ ތައްޔާރުވެ ނިމިއްޖެއެވެ. ޔާނާގެ ރީތިކަމާއި މައުސޫމްކަން އެހެދުމުން އިންތިހާއަށް ފެންނަމުން ދިޔައެވެ. ރީމް ހިތްހަމަ ނުޖެހުނެވެ.
****
“ހާދަ ރީތި ހެދުމެއް.” ރީމް ބުނެލިއެވެ.
“އާނ! ވަރަށް ރީތި ދޯ. އަހަރެންވެސް ހަމަ ހައިރާންވި.” ޔާނާ ހެދުމަށް ބަލައިލަމުން ބުނެލިއެވެ.
“ކީއްވެ ޔާނާ ހައިރާންވާންވީ؟ ކާކު ދިން ހެދުމެއްތަ ތިއީ؟” ޔާނާގެ ޖަވާބުން ރީމްއަށް ހައިރާންކަން ލިބިގެން ދިޔުމުން ސުވާލުކޮށްލެވުނެވެ.
“މިއީ އީމް ފޮނުވި އެއްޗެއް. އަހަރެން ތައްޔާރުވާން ހުއްޓާ މިލިބުނީވެސް. ދެން އީމް ދިން އެއްޗެއްވީމަ ހިތަށް އެރީ މިހެދުމޭ ލާނީ.” ޔާނާ އުފާވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައިރު ރީމްގެ ހިތަށް ހީވީ ކަށިތަކެއް ހަރަމުން ދިޔަ ހެނެވެ. އެތެރެ ހަށީގައި އަލިފާން ރޯވަމުން ދިޔަހެން ހީވިއެވެ. ރީމްއަށް ނުދީ ޔާނާއަށް ހަދިޔާ ދިނުމުން ހިތުގައި ހަސަދަވެރިކަން އުފެދިގެން ދިޔައެވެ.
ދޮރުގައި ޓަކި ދިން އަޑު އިވުމާއެކު ދެމީހުންނަށް ބަލައިލެވުނީ ދޮރާ ދިމާއަށެވެ. “އީމަން އިންތިޒާރުގައި ސިޓިން ރޫމުގައި އެބަހުންނެވި.” ގެގައި ގެންގުޅޭ މީހެއް ބުނެލުމަށްފަހު އެނބުރި ދިޔައެވެ.
ޔާނާ އަތްދަބަސް ނެގުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތެވެ. “މަޑުކޮށްބަލަ.” ރީމް ބުނެލިއެވެ. ޔާނާ ހުއްޓި ބަލައިލިއެވެ. “ކިހިނެއްވީ؟”
“އަހަންނަށް ހީވަނީ ތި ޝޯލް ނުގުޅޭހެން ތިހެދުމާ.” ރީމް ބުނެލިއެވެ.
“އެހެންތަ؟” ޔާނާއަވަސްއަވަހަށް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލައިލިއެވެ. “ނުގުޅޭތަ؟ އަހަރެންނަށް ހީވަނީ ގުޅޭހެން.” ޔާނާ މިހެން ބުނެލަމުން އެނބުރި ބަލައިލީ ރީމް އަށެވެ. އެހިނދު ޔާނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ރީމް ޔާނާގެ އަލަމާރި ހުޅުވައިގެން ހެދުންތައް ހާވަމުން ދަނީއެވެ.
“ރީމް؟” ޔާނާއަށް ބުނެލެވުނެވެ.
“ނެތްތަ އެހެން ޝޯލްއެއް ރަތްކުލައެއް ހުރި؟” ޔާނާއަށް އެނބުރި ބެލުމެއް ނެތި ރީމް ސުވާލުކޮށްލިއެވެ. ޔާނާ އަލަމާރިކައިރިއަށް ދިޔައެވެ. އަދި އަލަމާރިއަށް ނަޒަރު ހިންގާލިއެވެ.
“ރަތްކުލައިގެ ޝޯލް އެއް ދެން ނެތް އަހަރެން އަތުގައެއް.” ވިސްނާލަމުން ބުނެލިއެވެ.
ރީމް ހެދުން ތަކުގެ ތެރެއިން އެއްޗެއް ނަގަންފެށިއެވެ. “މިއޮތީ ޝޯލް އެއްނޫންތަ” އަލަމާރި ތެރެއިން ރަތް ކުލައިގެ ސްކާފެއް ނަގަމުން ބުނެލިއެވެ.
“ތިއީ ސްކާފެއްނު. ތި ނުވެސް އެޅޭނެ މިގޮތަކަށް.” ޔާނާ ބުނެލިއެވެ.
“އެކަމަކު މިއިތި މާރީތިވާނެ ތި ހެދުމާ އެކީ އަޅައިގެން ހުންނައިރު.” ރީމް ދެކޮޅު ހަދަ އުޅުނެވެ. އެހިނދު އަނެއްކާވެސް ކުރިންއައި މީހާ އައިސް އީމަން އަވަސް ކުރުމަށް އެދުނު ވާހަކަ ބުނެލިއެވެ.
“ރީމް! އީމްވެސް ކިހާ އިރެއް ހުންނަތަން. ދެން ތި ބަދަލެއްވެސް ނުކުރެވޭނެ.” އީމަން އެގޮތަށް އިންތިޒާރުގައި ބަހައްޓަން ޔާނާ ބޭނުމެއް ނުވިއެވެ. އޭގެ އިތުރުން އީމަން ދިން ހެދުމާއެކީ އެހެން ޝޯލްއެއް އަޅަން ހިތްހަމަވެސް ނުޖެހުނީއެވެ.
“އޯކޭ! ޔާނާ ބޭނުން ގޮތެއް. އަހަރެން ބޭނުންވީ ޔާނާ ފެނި މާން އުފާވާހެން ކަންތައް ކުރަން. އެނީވޭޒް، އިޓްސް އަޕް ޓު ޔޫ.” ރީމް މަޑުމަޑުން ބުނެލިއެވެ. ޔާނާ ވިސްނާލިއެވެ. ރީމް ދެރަ ކުރާކަށް ބޭނުމެއް ނުވިއެވެ.
“އެންމެ ރަނގަޅު. މިހެން ހަދަމާ. އީމްއާ ސުވާލުކުރާނީ ކޮން އެއްޗެއްތޯ ބޮޑަށް ގުޅެނީ. ދެން އީމް ދޭ ޖަވާބަކުން ޗޭންޖް ކޮށްލާނީ. އެހެންވީމަ މި ސްކާފް މިލީ އަހަރެންގެ ދަބަހަށް. ހެޕީ؟” ޔާނާ ސްކާފް ދަބަހަށް ލިއެވެ.
******
ރީމް ދެލޯ މަރާލަމުން އިސްޖަހާލިއެވެ. މިއީ ހަމަ ޔާނާއެވެ. އީމަންގެ ޔާނުއެވެ. ދެމީހުން ވަކިކުރުމަށްޓަކައި ރީމްކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ސަބަބަކީ ތަޤްދީރުގައި އެގޮތަށް ލިޔެވިފައި ނުވާތީއެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިޔަސް އިޔާނާ އެއީ ޔާނާކަން ރީމްއަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. އެއީ ހަމަ ޔާނާ އެރޭ އަތްދަބަހަށްލި ރަތް ސްކާފެވެ. އެ ސްކާފަކީ މީހެއް އަމިއްލައަށް ޑިޒައިންކޮށްފައިވާ ސްކާފެއްކަމަށް އެރޭ ޔާނާ ބުންޏެވެ. އެހެންކަމުން އެސްކާފް ރީމްއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.

“ރީމް.” އިސްޖަހާލައިގެން އިން ރީމްއާ އަރާ ހަމަވަމުން ޔާނާ ގޮވާލިއެވެ. ރީމް އިސްއުފުލާލިއެވެ. ފުންނޭވާއެއް ދޫކޮށްލިއެވެ. ރީމްވަނީ ފެންކަޅިވެފައެވެ.
“ރީމް ރޮނީތަ؟ ކިހިނެތްވީ މިތަނަށް އަންނާށޭ ބުނީ.؟” ޔާނާ ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.
ރީމް އަނެއްފަރާތަށް އެނބުރުނެވެ.
“ޔާނާ! އަހަރެންނަށް މަޢާފު ކުރޭ.” ރީމް ބުނެލިއެވެ. ރޮވެފައި ވާ އަޑަކުންނެވެ. ރީމް ޔާނާގެ ނަމުން މުޙާތަބުކުރުމުން ޔާނާ ސިހިގެން ދިޔައެވެ.
“ޔާނާއޭ! ރީމް ކީކޭތަ ތިކިޔަނީ؟ ކޮންކަމަކަށްތަ މަޢާފަށް ތިއެދެނީ؟” ޔާނާ ކަންބޮޑުފައި ހުރެ ސުވާލުކޮށްލިއެވެ. އަދި ފުރަގަސްދީގެން އިން ރީމްގެ ދެކޮނޑުގައި ހިފައި މަޑުމަޑުން އަނބުރާލިއެވެ. ރީމް އިނީ އިސްޖަހާލައިގެންނެވެ.
“ރީމް!!! ރުއިން ހުއްޓާލާފަ ވެގެން އުޅޭ ގޮތެއް ނިކަން ކިޔައިދީބަލަ.” ޔާނާ އެދުނެވެ.
ރީމް ފުންނޭވާއެއް ލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ޔާނާ. އަހަރެން މިއުޅެނީ ޔާނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަޤީޤަތް ކިޔައިދޭން. ތިއީ އިޔާނާއެއް ނޫން. ތިއީ ޔާނާ. މާންގެ ޔާނާ. ” ރީމް ހަޤީޤަތް ހާމަކޮށްލިއެވެ. ޔާނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އީމަންއަށްޓަކައި ހިތުގައި އިހުސާސްތަކެއްވާކަން އެނގިފައިވީނަމަވެސް ރީމްގެ ދުލުން އެގޮތަށް ހަޤީޤަތް އަޑުއިވުމުން ހާސްވެ ބިރުގަތެވެ.

4

6 Comments

  1. Army

    June 25, 2016 at 4:16 pm

    Haadha kurukoh mibai thigenesdhiny?ekamaku vvvvvvvv reethi.next part Ava’s kohlahchey

  2. Shahy

    June 25, 2016 at 5:10 pm

    V reethi

  3. leem

    June 25, 2016 at 5:15 pm

    Miee v v reethi vaahakaeh. V dhuvaskohfa up kuranfashaigen ulheythy vaanuvaaves handhaan hury kiriya.bt one of my favourite mee. Keep going ingey..love it❤❤??

  4. Shaher

    June 25, 2016 at 8:42 pm

    Haaadha kureyyyy?? Ekam vRah reeeethi love it ‹3 avaha next part uo kurah cheyy

  5. farey

    June 26, 2016 at 2:58 am

    Haadha kurey.. vvv reethi

  6. Blue Lady

    June 26, 2016 at 12:09 pm

    Mi vaahaka daily koh up kurea dho. Konme dhuvahaku eehenveema miadhu nellaane dho luv it >3

Comments are closed.