Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 60

Esfiya Level 310 Stories100 Login
June 27, 2016 5 Mins Read
5 Comments

“ކީކޭ؟؟!!؟!؟!” ޔާނާއަށް ބުނެލެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނެވެ.
“އާނ! ތިއީ ޔާނާ.” ރީމް ލޮލުންފައިބަމުންދިޔަ ކަރުނަތިކިތައް ފޮހެލަމުން އަނެއްކާ ޔަޤީންކޮށްދިނެވެ.
“އެކަމަކު…. އެކަމަކު ކިހިނެތް ތިކަން އެނގެނީ؟” ޔާނާއަށް ސުވާލުކޮށްލެވުނެވެ.
“ޔާނާގެ ހިތުގައި ހިނގަމުންދާ އިހުސާސްތައް ހެއްކަކަށް ނުފުދޭތަ؟” ރީމް ސުވާލުކޮށްލިއެވެ.
“އެކަމަކު…..” ޔާނާއަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ.
“ޔާނާ! އިތުރަށް ސުވާލުނުކުރޭ. މިއީ ހަޤީޤަތް. ދެން އަހަރެންނަށް ކަމެއްކޮށްދީ!؟!؟!” ރީމް ޔާނާގެ ސުވާލުތައް މެދުކަނޑާލަމުން އެދުނެވެ.
“ކޮންކަމެއް؟” ޔާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.
“މާންގެ ހަޔާތަށް އަނބުރާ އާދޭ. އެ ހަޔާތް އުޖާލާ ކޮށްދީ.” ރީމް ބުނެލިއެވެ. ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ޔާނާގެ އަނގަހުޅުވުނެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “އިންކާރު ނުކުރާތި. ހެޔޮނުވާނެ. އަހަރެން ބޭނުމީ މާން އުފަލުގަ އުޅޭތަން ދެކެން. ޔާނާ އެނބުރި އައުމުން އަހަރެން މާންގެ ދިރިއުޅުމުން ދުރަށްދާނަން. އަހަރެންނަށް މިކަން ކޮށްދީ!!” ރީމް ޔާނާގެ ދެއަތްތިލަ ނަގައި އަތުތެރޭގައި ލަމުން އާދޭސްކުރިއެވެ.
“ރީމް. ހަމަހޭގައިތަ ތިއިނީ. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟” ޔާނާ ބާރަށް ބުނެލިއެވެ.
“އަހަންނަށް އެބަ އެނގޭ މިކިޔޭ އެއްޗެއް. އަހަރެން ބޭނުމީ ތި ދެމީހުން އުފަލުގަ އުޅެން. އަހަރެން ވަރަށް މަސައްކަތްކޮށްފިން އުފާވެރި ދިރިއުޅުމެއް ހޯދޭތޯ. އެކަމަކު…. އެކަމަކު ހީވަނީ ތަޤްދީރުގައި އެނަސީބު ލިޔެވިފައި ނެތީހެން.” ރީމް ގިސްލަމުން ބުނެލިއެވެ.
“ރީމް ހިނގާ އެހަށް ގެއަށް ދަމާ. މި ރޭގަނޑުގަ ހައްތާ ފިނިބޮޑުވަމުން މިދަނީ. ދެން ގެއަށް ގޮސް ތިވާހަކަ ދައްކާނީ.” ޔާނާ ބޭނުންވީ އެތަނުން ދާށެވެ. ކުއްލިއަކަށް ހާލަތު މެދުވެރިވިގޮތުން އޭނާއަށް ގޮތެއް ނިންމަން ދަތިވީއެވެ. ޖަޒުބާތުގައި ޖެހިގެން ގޮތެއް ނިންމުމަށްވުރެ ހަޤީޤަތާ ކުރިމަތިލައިގެން އެންމެ ރަނގަޅުގޮތް ނިންމުމަކީ ބުއްދިވެރިގޮތްކަމުގައި ދެކުނީއެވެ. ނަމަވެސް ރީމް އިންކާރުކުރިއެވެ.
“ނޫން.. ނޫން.. ފުރަތަމަ ޔާނާ އެއްބަސްވޭ. އެއްބަސްވޭ މާންގެ ހަޔާތަށް އަނބުރާ އައުމަށް. އެއްބަސްވޭ.” ރީމް މޮޔަވެފައިވާ މީހެއްހެން ބުނެލިއެވެ.
ރީމް ގޮތްދޫނުކުރާނެކަން އޭނާގެ ހަރަކާތްތަކުން ހާމަވަމުން ދިޔައެވެ.
“އެންމެ ރަނގަޅު. އަހަރެން ޚުދު އީމަންއާ ބައްދަލުކުރާނަން. އެއަށްފަހުގަ ގޮތެއް ނިންމާނީ.” ޔާނާގެ ވާހަތައް އަޑުއިވި އަނެއްކާ ރީމް ދެކޮޅުހަދަން އަނގަހުޅުވާލިއެވެ. ނަމަވެސް ޔާނާ ރީމް ހުއްޓުވަން ވާހަކަ ދައްކަންފެށިއެވެ. “އަޑުއަހާބަލަ. ރީމް ތިދައްކާ ވާހަކަތައް ތިއީ ތެދުކަމުގަ އަހަރެން ޤަބޫލުކުރާނީ ކިހިނެތް. މިބުނަނީ ރީމް ދޮގުހަދަނީ އެކޭނޫން. އެކަމަކު އަހަރެން މިހުރި ހާލަތުގަ ރީމް އަމިއްލަ ނަފްސު ބަހައްޓައިގެން އެންމެ ފަހަރަކު ނަމަވެސް ވިސްނާލައިފިނަމަ އެނގޭނެ އަހަރެން މިދައްކަނީ ތެދުވާހަކަ ތަކެއްކަން. އަހަރެން ޚުދު އީމަންއާ ވާހަކަ ދައްކާނަން. އިނގޭ. ދެން ހިނގާ ގެއަށް ދާން.” ޔާނާގެ ވާހަކަ ތަކަށްފަހު ރީމް އެއްބަސްވިއެވެ. ޔާނާ ރީމްގޮވައިގެން ގޮސް ކާރަށް އެރިއެވެ.
ދަންވަރުގެ ވަގުތެވެ. ޔާނާ އެނދުގައި އޮތީ ފުންވިސްނުމެއްގައެވެ. ރީމް ދެއްކި ވާހަކަތަކާ މެދުގައެވެ.
ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ތެދުވެ އެނދުގައި އިށީނދެލިއެވެ. ކައިރީގައި އޮތް ފޯނު ނަގައި ކޮންޓެކްޓްސް ހުޅުވާލިއެވެ. ފޯނުގައިވެސް މަދު ނަމްބަރެއް ފިޔަވާ އިތުރު އެއްވެސް ނަމްބަރެއް ނެތެވެ. އެއީ ޒާންގެ ނަމްބަރާއި ރީމްއާ އީމަންގެ ނަމްބަރުގެ އިތުރުން ޒާންގެ އޮފީހުގެ ބައެއް ކޮންޓެކްޓްސްއެވެ.
ޔާނާ ފުން ނޭވާއެއްލުމަށްފަހު ޒާންއަށް ގުޅިއެވެ.
ނިދިފައި އޮތް ޒާންއަށް ހޭލެވުމާއެކު ފޯނުބަލައިލިއެވެ. ލިބުނު ހައިރާންކަމާއެކު އަވަސްއަވަހަށް ފޯނުނަގައި ހަލޯއޭ ބުނެލިއެވެ.
“އިޔާނާ! ކިހިނެތްވީ؟” ޒާން ހާސްވެފައި ސުވާލުކޮށްލިއެވެ.
“ޒާން! މިއުޅެނީ ނުނިދިގެން.”ޔާނާ މަޑުމަޑުން ބުނެލިއެވެ.
“އެއީ ކީއްވެ؟ އުނދަގުލެއް ވަނީތަ؟” ޒާން ސުވާލުކޮށްލިއެވެ.
“ނޫން. އުނދަގުލެއް ވަނީއެއްނޫން. އެކަމަކު….” ޔާނާގެ ވާހަކަތައް މެދުކެނޑުނެވެ.
“އެކަމަކު ކިހިނެތްވީ؟ ބޭބީ ރަނގަޅުތަ؟ ކީކޭ ޑޮކްޓަރު ބުނީ؟” ޒާން ކަންބޮޑުވިއެވެ.
“ޒާން ބޭބީ ރަނގަޅޭ. ޑޮކްޓަރު ބުނީ ހުރިހާކަމެއްވެސް ރަނގަޅުކަމަށް. އެއްވެސް މައްސަލައެއްނެތް.” ޔާނާ ބުންޏެވެ.
ޒާން ހަމަ ޖެހުމުގެ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ތެދުވެ އެނދުގައި އިށީންނިއެވެ. “ދެން ކިހިނެތްވީ؟ ކަމަކާ ވިސްނަނީތަ؟” ޒާން ސުވާލުކޮށްލިއެވެ. ޔާނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޔާނާގެ ހަމަހިމޭންކަން ޒާންއަށް ވިސްނުނެވެ.
“ޔާނާ! ޔާނާ ކޮންކަމަކާތަ ތިވިސްނަނީ؟” ޒާން އޯގާތެރިކަމާއެކީ ބުނެލިއެވެ. ޒާންގެ ދުލުން ޔާނާއޭ ބުނުމުން އަނެއްކާވެސް ރީމްގެ ވާހަކަތައް ސިކުނޑީގައި އެނބުރެންފެށިއެވެ.
“ޒާން. އަހަރެންގެ ހަޤީޤަތް ކިޔައިދީބަލަ. އަހަރެންނަކީ ކާކުތަ؟ އަހަރެން ޒާންއާ ކައިވެނިކުރީ ކޮންއިރަކު؟ ކައިވެނި ކުރުމުގެ ކުރިން އަހަރެން އުޅުނީ ކޮންތާކު؟ ކޮބާ އަހަރެންގެ މައިންބަފައިން؟” ޔާނާ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ކުރަން ފެށިއެވެ.
“ޔާނާ. ޔާނާ. ހަމަޖެހިބަލަ.” ޔާނާގެ ހާލަތު ދެނެގަނެވި ޒާން އަވަސްއަވަހަށް ބުނެލިއެވެ. ޔާނާ ހިމޭންވިއެވެ. “ޔާނާ! ކުއްލިއަކަށް ތިކަންކަމާ ވިސްނަންފެށީ ކިއްވެ؟ އެކްސިޑެންޓްގެ ސަބަބުން ޔާނާގެ ހަނދާންތިވަނީ ގޮސްފަ. ޑޮކްޓަރު ބުނެފަ އޮތީ ހަނދާންއަންނާނެޔޭ. އެކަމަކު ވަގުތު ބޭނުންވާނެ. ޕްލީޒް. ޔާނާ. ތިވަރަށް ނުވިސްނާ. ބޭބީއަށް ގެއްލުންވެދާނެ. އެހެންވެއްޖެ ނަމަ އަހަރެން ވަރަށް ދެރަވާނެ.” ޒާން ދެރަވިއެވެ.
ޒާން އިތަރަށް ވިސްނައިދިނުމުން ޔާނާ ފޯނު ބޭވިއެވެ. ނަމަވެސް ބާއްވަން ބޭނުންވެގެނެއް ނޫނެވެ.
ޒާން މޫނުގައި އަތްކާއްތާލީ ލިބިފައިވާ ހާސްކަމެއްގެ ބޮޑުކަމުންނެވެ. ފޯނު ނެގުމަށްފަހު ނަމްބަރަކަށް ޑަޔަލްކޮށްލިއެވެ.
މާގިނައިރުތަކެއްނުވެ އެކޮޅުން ފިރިހެނަކު ފޯނުނަގައި ހަލޯއޭ ބުނެލިއެވެ.
“ޑޮކްޓަރ. އަހަރެންނަށް ހީވަނީ އޭނަގެ ހަނދާން އަންނަނީހެން.” ޒާން ހާސްވެފައި ބުނެލިއެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު ބޭސް ހުއްޓާލައިފިނަމަ މިހެންވެދާނެއޭ. އެބޭހަކީ ވަރަށް މުހިންމު އެއްޗެއް.” އެކޮޅުން ބުނެލިއެވެ.
“އެކަމަކު ޑޮކްޓަރ. ބޭބީއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން. އެއީ އަހަރެންގެ ހިތުގެ ދިރުން.” ޒާން ރައްދުގައި ބުންޏެވެ.
“މިސްޓަރ ޒާން! ދެން އަހަރެންނަކަށް ނޭނގެ ކަންތައް ކުރަންވީ ގޮތެއް. ޒާންއަށް އޮތީ ދެގޮތް. އެއް ގޮތަކީ އެބޭސް ކޮންޓިނިއު ކުރުން. އަނެއް ގޮތަކީ ހަޤީޤަތާ ކުރިމަތިލުން.” އެކޮޅުން ފޯނު ބޭއްވިއެވެ. ޒާން ހާސްވެފައި ހުރެ ކޮޅަށް ތެދުވިއެވެ. އަދި ބޮލުގައި އަތްކާއްތާލިއެވެ. ހުރިހާމަގު ބަންދުވާތަން ފެނި ހަށިގަނޑުގައި ރުޅިވެރިކަމެއް ދުވެލިއެވެ.
“އިޔާނާ! މިއީ ހަމަ އިޔާނާ އާ ހެދި ވާ ކަންތައް. އަހަރެން މިހާލުގަ ދޫކޮށްލާފަ ފިލައިގެން ދިޔައިރު ހަމަ އެންމެ ފަހަރަކުވެސް އަހަރެންނާ ދޭތެރޭ ވިސްނައެއް ނުލަމެއްނު. އެހުރިހާ އަހަރުތަކެއްވަންދެން އެއްކޮށް އުޅުމުން ހިތުގައި އެއްވެސް ކުލުނެއް އަހަރެންނަށްޓަކާ ނެތީތަ.؟ ތިއީ ހިލަހިތެއްގެ ވެރިއެއް. ތިއީ ޤާތިލެއް. އަހަރެންގެ ދަރިފުޅު މަރާލިއިރު އަހަރެން ކުރި އެއްވެސް އާދޭހެއް އަޑެއް ނޭހި.” ޒާންގެ ލޮލުން ކަރުނަ ހިލެންފެށުނެވެ.
ފޯނު ރިންގުވާންފެށީ އެވަގުތުއެވެ. “ސާރ. މިސިން ރިޕޯރޓް މީހަކު ފައިލްކޮށްފި.” އެކޮޅުން ބުނެލިއެވެ.
ޒާންގެ ލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ ނުލެވި ހާސްވާންފެށިހެން ހީވިއެވެ. ޒާންގެ ހަބަރެއް ނުވުމުން އެކޮޅުން ގޮވާލިއެވެ.
“ސާރ! ސާރ.”
ޒާން މޭޒު މަތީގައި ހުރި ފެންފުޅި ނަގައި އަނގައަށް ފެންކޯވަރެއް އަޅާލިއެވެ. އަދި ފުންނޭވާއެއްލިއެވެ.
“ބަލަ! އަހަރެން މިދައްކާ ވާހަކަ އަޑު އަހާ. ތި މިސިން ރިޕޯރޓްގެ ރިޒާލްޓްސް 4 މަހަށް ފަސްކޮށްދީ. ހަމަ އެންމެ 4މަސް. އެއަށްފަހު އަހަރެން ޚުދު އޭނަ ގޮވައިގެން ދާނަން.” ޒާން ވިސްނައިދިނެވެ.
“ވަޓް. އެކަމަކު ސާރ. އޭނަ ބަހައްޓާފަ ހުރީ ހަމަ އެކަނި ވަކި މީހެއް ނޭނގުމުގެ ސަބަބުން. އެހެންނޫނަސް ސާރއާ އޭނަ ހަވާލުކުރިއިރު އެއްބަސްވެފައި އޮތީ މިސިން ރިޕޯރޓް ލިބި އެއީ ވަކި މީހެއްކަން ޘާބިތުވުމާއެކީ އަނބުރާ ހަވާލުކުރާނެކަމަށް. އަނެއްކޮޅުން މިސިން ރިޕޯރޓް ދިން މީހާ ދީފައިވާ ފޮޓޯއާ އޭނައާ އެއްގޮތް” އެކޮޅުން ޝަކުވާ ކުރިއެވެ.
“ބާބޫ އަޑުއަހާބަލަ. މިއީ ހަމައެކަނީ އަހަރެންނާ ބާބޫއާ ދެމެދުގައި އޮތް އެއްބަސްވުމެއް. ތި ރިޕޯރޓްގެ ކަންތައް 4މަހަށް ފަސްކޮށްދީ. އެއަށްފަހުގަ ހުރިހާ ކަމެއް ހަމަ ޖެހޭނެ. ހަމަ އެންމެ 4މަސް. ބާބޫ މިކަންކޮށްދީފިނަމަ މުޅި އުމުރުދުވަހު މަސައްކަތެއް ނުކޮށް ހޭދަކޮށްލިނަމަވެސް ތަނަވަސްކަމާއެކު އުޅެވޭނެ ވަރުކޮށްދޭނަން. ޕްލީޒް.” ޒާން އާދޭހާއެކު ވިސްނައިދިނެވެ.
ޒާންގެ ހުށައެޅުން ޤަބޫލުކޮށް ބާބޫ ފޯނު ބޭއްވިއެވެ. ޒާން ލޯ މަރާލިއެވެ. ކަންތައްތައް ކޮންޓްރޯލްކުރެވުނީތީ އެކަމަށް ހަމްދުކުރަމުންނެވެ.
ޖާހަތުއަށް ހޭލެވުމާއެކީ ތެދުވެގެން ގޮސް ދަބަސް ހާވާލިއެވެ. ދަބަހުގެ ތެރެއިން ނެގީ ފޯނެކެވެ. އެއީ ޝާމް ދީފައިވާ ފޯނެކެވެ. ޖާހަތު އެފޯނު އޮންކޮށްލިއެވެ. އަދި ޝާމްއަށް ޑަޔަލްކޮށްލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ޖާހަތު ހަލޯއޭ ބުނެލިއެވެ. ހިތްހަމަ ނުޖެހި ހުރެއެވެ.
“މައި ސްވީޓް ވައިފީ. ކިހިނެތްވީ؟ އަދިވެސް ހޮޑުލެވޭތަ؟” ޝާމް ޑްރެސިން ޓޭބަލްކައިރީގައި އިނދެ ލާނެތްރާގަކަށް ބުނެލިއެވެ.
“ޝަޓްއަޕް. އަދި ކިހާ ސަކަރާތެއް ޖަހުވާނަންތަ؟ ދެން ބަނޑަށް ފޮތި ގަޅައިގެންތަ އުޅެންވީ؟” ޖާހަތު ހިތްހަމަ ނުޖެހި ބުނެލިއެވެ.
“އައްދެ ރުޅި އައީތަ؟” ޝާމް ފުންނޭވާއެއް ލުމަށްފަހު ބުނެލިއެވެ. “ޖާހަތު! ދެން މާގިނަ ދުވަހެއް ނުވާނެ. އަހަރުމެންގެ ޕްލޭން ކާމިޔާބު ވާނެ.” ޝާމް ބުނެލިއެވެ. “މިވަގުތު ބިޒީ. އަހަރެން ފަހުން އެބަ ގުޅަން.” ޝާމް ފޯނު ބޭއްވިއެވެ. ޖާހަތު ފޯނު އޮފްކޮށްލިއެވެ. މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. ޝާމްގެ މި ޕްލޭންގައި ވަރަށް ގިނަ މީހުން އޮޅުވާޅަން އެބަޖެހެއެވެ. މިއީ ޖާހަތު އެއްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ.
ދޮރުގައި ޓަކި ޖަހަންފެށި އަޑަށް ޖާހަތު ދޮރުހުޅުވަމުން ދޮރުގެ ތަޅުގައި އަޅުވާފައި އޮތް ބުރުގާ ބޮލުގައި އެޅިއެވެ.
ހައިރާންކަން ވެރިވެގެން ދިޔައީ ދޮރުމަތީގައި ހުރި ހުމާމު ފެނުމުންނެވެ. ހުމާމުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.
“ހުމާމު….” ޖާހަތު ހައިރާންކަމާއެކު ބުނެލިއެވެ.
ހުމާމު ޖާހަތުގެ ކޮނޑުގައި އަތްއަޅައި ފަހަތަށް ކޮއްޕާލުމަށްފަހު އެތެރެއަށްވަދެ ދޮރުލައްޕައި ތަޅުލިއެވެ.
ފަހަތަށް ދިޔަ ޖާހަތުއަށް ހަށިގަނޑު ކޮންޓްރޯލްކޮށްލެވުނީ ކިރިޔާއެވެ. “ހުމާމު.” ރުޅި އައިސްފައި ބުނެލެވުނެވެ.
“ކޮންކަންތައްގަނޑެއް މި؟” ހުމާމު ޖާހަތުގެ އަތުގެ އުޅަނބޮށީގައި ހިފަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އައްދިޔޯތް. ދޫކުރޭ!” ޖާހަތު ތަދުވެގެން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ތި ކޮންކަންތައް ގަނޑެއް ހެއްޔޭ؟ ޖާހަތު ބަނޑުބޮޑުވާންވީ ކީއްވެ؟” ހުމާމު އަތަށް އަނެއްކާ ބާރުކޮށްލަމުން ބުނެލިއެވެ.
ޖާހަތު ހުމާމަށް އެއްވެސް ޖަވާބެއް ނުދެއެވެ. މަސައްކަތް ކުރަމުން ދިޔައީ ހުމާމުގެ ކިބައިން ސަލާމަތްވެވޭތޯއެވެ. އަނެއްކޮޅުން މިފަދަ ކަމަކަށް ތައްޔާރުވެވިފައި ނުވުމުގެ ސަބަބުން ކަންތައް ކުރަންވީ ކިހިނެތްކަމެއްވެސް ވިސްނައެއް ނުލެވުނެވެ.
ސަލާމަތްވާން އުޅުމުގެ ތެރޭގައި ޖާހަތުގެ އަތު އޮތް ފޯނު ވިއްސައިގެން ގޮސް ދުރުގައި ޖެހުނެވެ.
ހުމާމަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ދެމީހުންވެސް އަވަސްވެގަތީ ފޯނު ނެގުމަށެވެ. ނަމަވެސް ހުމާމު ހުޝިޔާރު ކަމާއެކީގައި ފޯނު ނެގިއެވެ.
“ފޯނެއް؟” ހައިރާންކަމާއެކީގައި ބުނެލިއެވެ. އެދެލޮލުން ރުޅިވެރިކަން ފެންނަމުންދިޔައެވެ. ޖާހަތު ފޯނުހޯދުމަށް ކުރިމަސައްކަތްވީ ބޭކާރެވެ. ހުމާމު ފަސޭހަކަމާއެކީގައި ޖާހަތު އެނދުމައްޗަށް ހޫރާލިއެވެ.
އަދި އެއަށްފަހު ފޯނު އޮންކޮށްލިއެވެ. ޖާހަތުގެ ދެލޯ ބޮޑޫވެގެން ދިޔައެވެ.
ފޯނުގެ ކޯލް ލިސްޓުގައި ވަނީ ހަމަ އެންމެ ނަމެކެވެ. “ސްވީޓްހާޓް” ގެ ނަމެވެ. އެއީ ޝާމް ފޯނު ދެމުން އޭނާގެ ނަމްބަރު ސޭވްކުރިގޮތެވެ. ޝާމްގެ އެ ސަމާސާވެސް މިއަދު މިވަނީ ހުމާމުގެ ލޭ ކައްކުވާލާފައެވެ.
ހުމާމް ވަގުތުން ނަމްބަރަށް ގުޅާލިއެވެ.
އެކޮޅުން ފޯނު ނެގިއެވެ. “ހަލޯ؟”
ޖާހަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. (24 ވަނަ ބައި..)

Next

އަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)

Next
June 27, 2016

އަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)

Previews
June 26, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. (24 ވަނަ ބައި..)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

5 Comments!

  1. Same says:
    June 27, 2016 at 1:10 am

    haadha kureyyyyyy

  2. thoo says:
    June 27, 2016 at 1:26 am

    Kuru ekam reethi

  3. Purplish says:
    June 27, 2016 at 3:38 am

    Kiyaa hithun inndha thi nimmaaly
    Alhe zaan haadha goahey
    Yaanu n eeman gulhuvahche

  4. Blue Lady says:
    June 27, 2016 at 1:47 pm

    Zaan B kikkurantha ehen e hadhany. I hate him alhea plx Yaanu aa Eeman dhuru nukurachea slhugandah ves roveane

  5. aloo says:
    June 27, 2016 at 7:49 pm

    Kuru kamun v v foohi kiyan

Comments are closed.


All Right Reserved!