އެހީގެއަގު 12 ވަނަބައި
އިނާގެ މިޢަމަލުގެ ޙަޤީޤަތް ނޭނގޭ މީހުންތައް ހައިރާންކަމާއެކު އަވަސް އަވަހަށް ވާހަކަދައްކާން ފެށިއެވެ. އެންމެން އެއް
ފަހަރާ ވާހަކަދައްކާން ފެށުމުން ކިޔާނުކިޔާ އެއްޗެށް ސާފުވާވަރެއް ނުވެއެވެ. ނުތަނަވަސްކަމާއެކު އިނާއަށް ބަލަހައްޓައިގެން ނާއިލް އިންއިރު އިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ކޯޓަށްހާޒިރުވި އިރެކޭ އެއްފަދައިން މިހާރުވެސް އިނާގެ ފަރާތުން ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
އިނާގެ އެޢަމަލުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު ހާސީލާއި ނީސާމް އަދި ޖިނާނުގެ މޫނުމަތިން
ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ކާމިޔާބު ލިބުނީ ކަމުގެ ފުރިހަމަ އުންމީދުގައި ހަސީލްމެން އުފާކުރަމުން ދިޔައިރު ކޮންމެވެސް ނޯޓެއް ތައްޔާރު ކުރުމާއިގެން
މަޝްޣޫލްވެ އިނާ އިނެވެ.
ނާއިލްއަކީ ކުށްވެރިއެއް ކަމުގައި ބުނެ ހަސީލް ދައްކަމުންދިޔަ ވާހަކަތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، އިސްގާޒީގެ
ހުއްދައާއެކު ހަސީލް ގޮވާލީ ސާލިނީ އަށެވެ.
އާންމުންގެތެރޭގައި އިށީނދެލައިގެން އިން، ނުހަނުރީތި އެހާމެ ފުރިހަމަ ސާލިނީ ތެދުވެގެން އޭނާއަށް ހާއްސަކުރެވިފައިވާ
ދިމާއަށް ދިޔައެވެ. އޭރު އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ސާލިނީ އަށެވެ. މިހާރުގެ ޒުވާނުން ބޭނުންކުރާ ކަހަލަ ގަޔަށްބާރު ޓީސާޓަކާއި ޖިންސެއްލައިގެން ހުރި ސާލިނީގެ ކޮނޑުގަ އަތްދަބަހެއް އަޅުވާލާފައި އޮތެވެ.
ވަރަށްފަރި އެހާމެ ތުއި ހިނގުމެއްގައި ސާލިނީ އައިސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގަ އިށީނދެލިއެވެ. އެއާއެކު
އިނާ ވެސް ސާލިނީއަށް ބަލާލިއެވެ.
” ސާލިނީ! ދާދިފަހުން މަރުވި ލަންމާއާ ކަލެއާ އޮތީ ކޮންގުޅުމެއް؟ ” ސާލިނީގެ ކުރިމައްޗަށް ހުއްޓެމުން ހަސީލް ސުވާލު
ކުރިއެވެ.
” އެއީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް. އޭނަ އަހަރެންނާމެދު ދެކެނީ ކޮއްކޮއެއް ފަދައިން. ” ސާލިނީ ޖަވާބު ދިނެވެ.
” ކަލެއާ މެދު ކޮއްކޮއެއް ފަދައިން ދެކެމުންއައި ލަންމާ އޭނާގެ ފިރިމީހަ ނާއިލްއާ ބެހޭގޮތުން ދައްކަނީ ކޮން ކަހަލަ ވާހަކަ
ތަކެއްކަން ބުނެދީފާނަންތަ؟ ” ކޯޓްތެރެއަށް ނަޒަރު ހިންގާލަމުން ހަސީލް އަހާލިއެވެ.
” އޭނާގެ ފިރިމީހާއާމެދު އޭނާ އުފަލެއްނުވޭ. އޭނާގެ ފިރިމީހާ އޭނާދެކެ ލޯބި ނުވާކަން އޭނާއަށް އެނގޭ. އޭނާ ބުނި ނާއިލް
މިހާރު އުޅެނީ އެހެން އަންހެންކުއްޖަކާ އަޅައިގަނެގެންނޭ. ” ލަންމާގެ ފަރާތުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އެހީގަ ސާލިނީ ވާހަކަ ދެއްކިއެވެ.
” ދެން އެހެން ވާހަކައެއް ނުދައްކާތަ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ހަސީލް އެހިއެވެ.
” އުނހު. އެއްދުވަހަކު ބުނި ވަރަށް އަވަހަށް ނާއިލް ގާތުން ވަރިވާނަމޭ. ” ކޯޓުތެރެއަށް ބަލާލަމުން ސާލިނީ ބުންޏެވެ.
” ވަރަށްބޮޑަށް ޝުކުރިއްޔާ! ސާލިނީ. ” ހަސީލް ބުނެލިއެވެ.
ސާލިނީ އާ ދެތިން ސުވާލެއް ކޮށްލުމަށްފަހު ސާލިނީގެ ފަރާތުން ޖަވާބު ލިބުމުން އޭނާއަށް ޝުކުރު އަދާކުރުމަށްފަހު ހަސީލް
ގޮސް އޭނާގެ ގޮނޑީގަ އިށީނެވެ.
ހަސީލް ގޮސް ގޮނޑީގަ އިށީނުމުން އިނާ ތެދުވެގެން ގޮސް ސާލިނީގާތަށް މަޑުކުރިއެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު
ސާލިނީއަށް ބަލާލަމުން ވާހަކަދައްކާން ފެށިއެވެ.
” ނާއިލް ކައިރިން ލަންމާ ވަރިވާ ވާހަކަ ދެއްކީ ކޮންއިރަކު؟ ” އިނާ ސުވާލުކުރީ ސީދާ ސާލިނީއަށް ބަލާން ހުރެއެވެ.
” ތާރީހެއް ހަނދާނެއްނެތް. އެކަމަކު އެއީ އޭނާ މަރުވުމުގެ މަހެއްހާ ދުވަސް ކުރިން. ” ކުޑަކޮށް ވިސްނާލުމަށްފަހު ސާލިނީ
ޖަވާބު ދިނެވެ.
” ކަލެއަށް ޔަގީންތަ؟ ” ޔަގީންކޮށްލުމުގެ ގޮތުން އިނާ އަހާލިއެވެ.
” އާން. ” މަޑުމަޑުން ސާލިނީ ބުނެލިއެވެ.
” އަހަރެންނަށް އެނގިފައިވާ ގޮތުގަ އޭނާ މަރުވުމުގެ ދެމަހެއްހާ ދުވަސް ކުރިން ކަލެއާ ގުޅުން ކަނޑާލި. މިއީ ދޮގެއްތަ؟ ”
އިނާ ވާހަކަ ދައްކަމުން ދައްކަމުން ހަސީލާއި ނީސާމަށް ބަލާލިއެވެ.
” ތިއީ ދޮގެއް … ގުޅުމެއް ނުކަނޑާ. ފޯނުން ވާހަކަދައްކަން. ތަންތަނަށް ގޮސް ބައްދަލުކުރަން. ” އިނާގެ ވާހަކަތައް އެއީ
ޙަޤީޤަތް ނޫންކަން ހާމަކޮށްދިނުމުގެ ގޮތުން ސާލިނީ ވާހަކަ ދެއްކިއެވެ.
” ކަލޭ ހަނދާން އެބަހުރިތަ އެންމެފަހުން ކަލެއާއި އޭނަ ބައްދަލުކުރީ ކޮންއިރަކު ކޮންތާކުންކަން؟ ” އަނެއްކާ ވެސް އިނާ
ސުވާލުކުރިއެވެ.
” އަހަރެން ބުނެފީމެއްނު ތާރީހުތައް އަހަރެން ހަނދާނެއް ނެތޭ. ” ހިތްހަމަ ނުޖެހުމާއެކު ސާލިނީ ޖަވާބު ދިނެވެ.
” ކަލެއަށް ނާއިލް ވަރަށް ކަމުދޭތަ؟ ” ސާލިނީއާ ދުރަށް ހިނގައިގަންނަމުން އޭނާއަށް ބަލާލުމަށްފަހު އިނާ އަހާލިއެވެ.
” މާނައަކީ ކޮބާ؟ ” ނުތަނަވަސްކަމާއެކު ސާލިނީއަށް އަހާލެވުނެވެ.
” އަހަރެން މިބުނީ ނާއިލްގެ ރީތިކަމާއި އޭނާގެ އިއްޒަތާ ގަދަރަށް ކަލޭ ވަރަށްގަޔާވޭ ނޫންހޭ. ” ވާހަކަދައްކަމުން ދައްކަމުން
އިނާ އައިސް ހުއްޓުނީ ސާލިނީއާ ދާދި ގާތުގައެވެ.
” އެކަހަލަ އެއްވެސް ކަމެއް ނެތް. ” ސާލިނީ ޖަވާބު ދިނީ ހިތްހަމަ ނުޖެހުމާ އެކުގައެވެ.
” އެކަން އެބަ އޮތް. ލަންމާ ކަލެއާ ގުޅުން ކަނޑާލީ ވެސް އެކަން އެނގިގެން. ކަލޭ މަސައްކަތް ކުރަމުން ދިޔައީ ނާއިލްއާ
ގުޅެންކަން ލަންމާއަށް އެނގެއެއްނު. ” މިފަހަރު އިނާ ވާހަކަ ދެއްކީ ކުރިޔަށްވުރެ ބާރަށެވެ. ހަމައެހެންމެ އޭނާއަށް ކަމެއް ޔަގީން ވެގެން ވާހަކަ ދައްކާ ކަހަލަ ގޮތަކަށެވެ.
” އިސާގާޒީ! ބައްލަވާ. ކަމާނުބޭހެ ވާހަކަތައް ދައްކާކަށް ނުޖެހެއެއް ނޫންތޯ؟ ” އިނާ ކުރަމުންދިޔަ ސުވާލުތަކުގެ ސަބަބުން
މަޑުން ނީންދެވިގެން އަވަސް އަވަހަށް ކޮޅަށް ތެދުވަމުން ހަސީލް ބުންޏެވެ.
” އަހަރެން އެކަން ސާބިތުކޮށްދޭނަން. ” އިސްގާޒީއަށް ބަލާލަމުން އިނާ ބުންޏެވެ.
” ޤަވާއިދާ ހިލާފްނުވޭ. ” ހަސީލަށް ބަލާލަމުން ނަސޭހަތުގެ ރާގަކަށް އިސްގާޒީ ބުންޏެވެ.
” ޝުކުރިއްޔާ! ” ހަސީލަށް ބަލާލުމަށްފަހު އިސާގާޒީއަށް ބަލާލަމުން އިނާ ޝުކުރުއަދާކުރިއެވެ.
ސާލިނީ އާއި އިނާގެ މެދުގައި ކުރެވުނު ހޫނު ބަހުސަށްފަހު، އިނާ ގޮސް އޭނާގެ މޭޒުކައިރިއަށް ހުއްޓި ކަރުދާސްގަނޑެއް
ނެގިއެވެ. އަދި އެއަށް ބަލާލަމުން ހިނިތުންވެލިއެވެ.
” ސާލިނީ! މިދިޔަ ޑިސެމްބަރުމަހުގެ ބާވީހުގަ ނާއިލްގެ އޮފީހަށް ފޯނުކޮށް ނާއިލާއި ވާހަކަދައްކާން ކަލޭ އެތައް ފަހަރަކު
މަސައްކަތެއް ނުކުރަންތަ؟ ކުރީމެއްނު؟ ” މޭޒުމަތިން ނެގި ކަރުދާސްގަނޑުގައިވާ ލިޔުމަށް ބަލާންހުރެ އިނާ ސުވާލުކުރިއެވެ.
” އަހަރެން ހަނދާނެއް ނުވޭ. ” ފަރުވާކުޑަ ގޮތަކަށް ސާލިނީ ބުނެލިއެވެ.
” އަހަރެންނަށް އެނގޭ. އަހަރެން އަތުގަ މިއޮތީ ސައްހަ މަޢުލޫމާތު. އެދުވަހުގެ ނުވަގަޑި ފަނަރަ. ދިހަގަޑި ފަންސަވީސް.
ދިހަގަޑި ސާޅިސް ތިނެއް. އެގާރަގަޑި ހަތަރެއް …. ” އިނާ ކިޔާދެމުންދިޔަ ގަޑިތައް ނޫސްވެރިން ނޯޓްކުރަމުން ދިޔައެވެ.
” އަހަރެން ބުނެފީމެއްނު އަހަރެން ހަނދާނެއް ނެތޭ. ” ރުޅިވެރިކަމާއެކު ބާރުއަޑުން ސާލިނީ ބުންޏެވެ.
” އެމަހުގަ އެކަނި ވެސް ކޮންމެ ދުވަހަކު ހަތަރު ފަސް ފަހަރު ކަލޭ އޭނާއަށް ފޯނުކުރޭ. ” ކަރުދާސްގަނޑަށް ބަލާންހުރެ
އިނާ ވާހަކަދައްކަމުން ދިޔައެވެ.
ނުނިމޭ
2 Comments!
Comments are closed.
ރީތި. 13 ވަނަ ބައިގެ އިންތިޒާރުގައި
މިބައި ވެސް ރީތި