އެހީގެއަގު 11 ވަނަބައި
” ކަލޭ ތިހެން ގޮސް އެނދުމަތި ކުރަން ޖެހޭވަރު ނުވާތި. ކަލޭގެ ލޮލާއި މޫނު އަދި މުޅިހަށިގަނޑަށް ނަޒަރު ހިންގާލުމުން
ކިތަންމެ ރަނގަޅަކަށް ވެސް އެނގޭ އޭނާގެ ސަބަބުން ކަލޭގެ އެތެރެހަށި އަނދަމުން ދާކަން. އެކަމުގެ ސަބަބުން ކަލޭ ބޭނުން ވަނީ ކުށެއްނުކުރާ މީހެއް ކުށްވެރިއަކަށް ހަދަން. ކަލޭގެ އަމިއްލަ އިހުސާސްތައް މިކަމާއި އެއްކުރަނީ. ” އިނާ ވާހަކަ ދެއްކިއިރު އޭނާގެ އަޑާއި ހަރަކާތުން ވެސް ފާޅުވެގެން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ.
” މަށެއް ނޫން މިދެކަންތައް އެއްކުރަނީ. ކަލޭ އަމިއްލައަށް ބަލާބަލަ ކަލެއަށް. ކަލޭ ތިޔަ ހުންނަނީ މިމައްސަލަ ލިބުމުން
މޮޔަ ވެފައި. ކަލެއަށް ނޭނގޭ ވާނުވާ ވެސް. ” ރުޅި އައިސްފައިހުރި އަތީލް އޭނާގެ ގޮތުގައި ކުރިޔަށް ދިޔައެވެ. އޭނާ މަސައްކަތް ކުރަމުން އެދަނީ އިނާއަށް އެއްޗެއް ވިސްނައިދޭން ހެން ވެސް ބައެއް ފަހަރު ހީވެއެވެ.
” މާނައަކީ ކޮބާ؟ ” ހިތްހަމަ ނުޖެހިފައިވާ އިނާ އަހާލިއެވެ.
” އޭނާ މަސައްކަތް ކުރަމުންދަނީ ކަލޭ މިކަމުގެ ތެރޭގަ ތާށިކޮށްފަ ވެސް އޭނާ ސަލާމަތް ވާން. ކަލެއަކަށް ތަނެއް ދޮރެއް
ނޭނގޭ. ” އަތީލްގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވެއެވެ.
” އަހަރެންނަކީ ވަކީލެއް. ކުށެއްނެތް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޤުރުބާން ވާކަށް އަހަރެން ޖެހިލުމެއް ނުވޭ.
އެކަމަކު ….. މިދާއިރާއިން ކަލޭ ދަސްކުރި އެއްޗެތި ކޮބާ؟ ސަރީއަތް ފެށުމުގެ ކުރިން ކަލޭ ތިޔަ މައްސަލަ ނިންމާލީ. ” ހަމަޖެހޭ ގޮތް ދައްކަމުން އިނާ ވާހަކަ ދެއްކިއެވެ. ހަމައެހެންމެ އަތީލް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
” ތިގޮތަށް ކަލޭ ހަޅޭލަވައިގެން އަހަރެން ލައްވަ އެއްޗެތި ކިޔުވާކަށްނު ތިޔަ އުޅެނީ. ކަލެއަށް ވަމުންދާގޮތް ކަލޭ ދެކިބަލަ.
ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެ؟ ކަލޭ އެނާ ދެކެ ލޯބިވާތީއެއްނު ތިޔަވަރުން ތިޔައުޅެނީ؟ އެކަމުގެ ސަބަބުންނެއްނު ތިހާވަރު ވެފައި ތިޔަހުރީ؟ ” އައިސްފައިވާ ރުޅީގައި އަތީލް ވާހަކަ ދެއްކިއެވެ.
” ނިމުނީތަ؟ ދެން މަގޭ ވާހަކަ އަޑުއަހާ. ކަލޭ އަހަންނާއި އެކުގަ މިސަރީއަތާއިގެން ކުރިޔަށް ދަންޏާއި އަހަރެންގެ ވާހަކަ
އަޑުއަހާން ޖެހޭނެއެއްނު. ކަލޭ ވެސް ހަނދާން ކުރާން ޖެހޭނެއަހަރެމެން މިކަން މިކުރަނީ އޭނާގެ ޙައްޤުގައިކަން. ކަލޭ މިގޮތަށް ނުދެކެންޏާއި އަހަރެން އެކަނި ނަމަވެސް އޭނާއަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނަން. ” އިނާ އޭނާގެ އެންމެފަހުގެ ނިންމުން އިއްވިއެވެ.
ހިތްހަމަ ނުޖެހުމާއެކު އިނާއާ ދިމާއަށް އެތައް އެއްޗެއް ކިޔުމަށްފަހު ރުޅިވެރިކަމާއެކު އިނާއަށް ބަލާލަމުން އަތީލް ގޮސް
އެގެއިން ނުކުމެއްޖެއެވެ. ހައިރާންކަމާއެކު އަތީލަށް ބަލަހައްޓައިގެން ހުރިއިރު އިނާގެ ފަރާތުން ފެންނަމުންދަނީ ހާސްކަމުގެ އަސަރު ތަކެވެ. ކަންބޮޑުވުމުގެ ކުލަވަރެވެ.
ލަންމާގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރުމަށް ހަމަޖެހިފައިވަނީ މައްސޫރު ޤާނޫނީވަކީ ހަސީލް
އެވެ. ހަމައެހެންމެ ޒުވާން ވިޔަފާރިވެރިޔާ އަދި ސޫރައޮންލައިންގެ އެޑިޓަރ މުޙައްމަދު ނާއިލްގެ ފަރާތުން ޖަވާބުދާރީ ވުމަށް ހަމަޖެހިފައިވަނީ އޭނާގެ ޤާނޫނީ ވަކީލް އިނާ އެވެ.
ހުށަހެޅިފައިވާ މައްސަލައިގެ ބޮޑުކަމުން ހުރިހާ މީޑިއާއެއްގެ ނަޒަރު އަމާޒު ވެފައިވަނީ ކޯޓަށެވެ. ސަރީއަތް ފެށުމަށް
ހަމަޖެހިފައިވަނީ ނުވައެއް ޖަހާއިރު ނަމަވެސް ނުވައެއް ޖެހުމުގެ ކުރިން މީޑިޔާތަކުން އައިސް އެހިސާބު ކަވަރު ކުރަމުން ދިޔައެވެ.
ނޫސްވެރިން ފާރަލަމުން ދިޔައީ ނާއިލާއި އޭނާގެ ޤާނޫނީ ވަކީލް އިނާއަށް ނަމަވެސް އެމީހުންގެ ފަރާތުން މީޑިޔާގެ
ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ. މީޑިޔާއިން ކުރަމުންދިޔަ ސުވާލުތަކަށް ސަމާލުކަމެއް ނުދީ ނާއިލާއި އިނާ ކާރުން ފައިބާގެން ދިޔަގޮތަށް ގޮސް އޭނާ ވަނީ ކޯޓަށެވެ. ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބު ނުލިބުނު ނަމަވެސް ކެމެރާމަނުންނާއި ވީޑިއޯ ކުރާ ފަރާތްތަކުން އެފަރާތަކުން ބޭނުންވާ ވަރަށް ފޮޓޯ ނަގާ ވީޑިއޯ ކުރިއެވެ.
މީހުންތައް ދުރަށްޖައްސަމުން ޖާގަހޯދަމުން ޕޮލިހުންގެ އެހީތެރިކަމާއެކު ކޯޓަށް ވަދެގެން ދިޔަ ނާއިލާއި އިނާ ސިއްސައިގެން
ދިޔައީ އެތަނުން އަތީލް ފެނުމުންނެވެ. އެކަމުގެ ސަބަބުން ލިބުނު ހިތްހަމަ ޖެހުމުގަ އިނާއަށް ހިނިތުން ވެލެވުނެވެ. އެއާއެކު އަތީލް ވެސް ހިނިތުންވެލިއެވެ.
ނާއިލް ގޮސް ކޯޓަށް ވަނުމުން އިނާ ދިޔައީ އަތީލްއާ ދިމާއަށެވެ.
” ތިޔަހުރީ ދެރަވެފައިތަ؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” އާން. ” އަތީލްގެ ސުވާލަށް ޖަވާބު ދެމުން އިނާ ބަލާލީ އަތީލްގެ މޫނަށެވެ.
” އަހަރެން ކަލޭ އެކަނި ދޫކޮށެއް ނުލާނަން. މިއީ އަހަރެންނަށް ވެސް މަޖުބޫރުކަމެއް ކަމުގައި ބަލާ. އަހަރެންނަށް މަޢާފު
ކުރޭ. ” ސަލާންކުރާން އަތް ދިއްކޮށްލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” މަޢާފު ކޮށްފިން. ހިނގާ ދާން. ” އަތީލްއާ ސަލާން ކޮށްލަމުން އިނާ ވާހަކަ ދެއްކިއެވެ.
އިނާ އާއި އަތީލް ގޮސް ކޯޓަށް ސަރީއަތްކުރާބަޔަށް ވަނެވެ.
ލަންމާގެ މަރުގެ ސަރީއަތް ހިނގަމުންދާގޮތް ލޮލުން ދެކި އަތުން ހިފުމަށް ވަރަށްގިނަ ބަޔަކު ކޯޓަށް ޖަމާވެފައިވެއެވެ.
ސަރީއަތުގެ މަޖުލިސް ފެށުމާއެކުހެން ކޯޓްތެރޭގެ ހަމަހިމޭންކަން އިތުރުވެގެން ދިޔައެވެ. ކޮންމެމީހަކު ވެސް ބޭނުންވީ ދެކެ
ވެމުންދާ ވާހަކަތައް އެންމެ ރަނގަޅަކަށް އަޑުއަހަން ކަންނޭނގެއެވެ.
އިސްގާޒީގެ އެދިލެއްވުމާއެކު ލަންމާގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ބަޔާން ސަރުކާރުގެ ވަކީލް ހަސީލް
އިއްވާން ފެށިއެވެ.
” މިމައްސަލާގައި ދައުލަތުގެ ފަރާތުން ހޯދި ހޯދުންތަކާއި މިހާތަނަށް ކުރެވުނު މަސައްކަތުން ތައްޔާރުކޮށްފައިވާ ބަޔާން
މި އިއްވަނީ. ޑިސެމްބަރ ހަތްވަނަ ދުވަހުގެރޭ ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ލަންމާގެ މަރުގެ ގާތިލަކީ ނާއިލް. އޭނާ އެކަން ކުރުމަށްފަހު އަމިއްލައަށް އަނިޔާއެއް ލިބިގެން ހޮސްޕިޓަލަށް ދިޔައީ. އޭނާ އެބުނާ އޭނާއަށް އަނިޔާކޮށް ފޭރުނު މީހުން މިހާތަނަށް ފެނިފައެއް ނުވޭ. ސައްކުކުރެވޭ ބަޔަކު ވެސް ނޫޅޭ. ނާއިލް ހަދަނީ މުޅިން ދޮގު. ލަންމާ މަރާލީ ނާއިލް. އޭނާއަށް ލިބިފައިވާ ތަނަވަސްކަމާއި އިއްޒަތާ ޤަދަރު ހޯދައިގެން އެ އުޅެނީ ލަންމާގެ މައިންބަފައިން އޭނާއަށް ދީފައިވާ ފައިސާއިން. އެހުރިހާ އެއްޗެއް އަމިއްލަކުރަން އޭނާ އެކަންކުރީ. އެތަކެތީގެ ޙަޤީޤީ ހައްގުވެރިއަކީ ލަންމާ. ފައިސާއަށް ދެވި ހިފުމަކީ މަސްތުވާ ތަކެއްޗަށް ދެވިހިފުން ކަހަލަ ކަމެއް. އެންމެ ފަހަރަކު ވެސް އެކަމަށް ދެވި ހިފައިފިނަމަ އެކަމާދުރަކަށް ނުދެވޭނެ. އެމީހާ އަމިއްލައަށް ހަލާކުވެ ދާނީ. އަހަރެމެން ކުރިމަސައްކަތުން އެތައްކަމެއް އެނގުނު. ލަންމާގެ މަރުގެ މައްސަލައިގެ ކުރިން ލަންމާއާ ނާއިލްގެ މެދުގަ ވަނީ އެތައް މައްސަލައެއް އުފެދިފަ ވަރިފަށަށް އަރާފަ. އެހެނަސް ލަންމާ ވަރިކޮށްފިނަމަ ނާއިލް އެހުރިގޮތަށް އޭނާ އަކަށް ނުހުރެވޭނެ. އެހެންވެ އޭނާގެ ކަރުގައި އެޅެންއޮތް މަޅިން އަބަދުގެ އަބަދަށް ސަލާމަތްވީ. އަހަރެން ސަރުކާރުގެ ވަކީލެއްގެ ހައިސިއްޔަތުން އޭނާ އަކީ ކުށްވެރިއެއްކަން ސާބިތު ކޮށްދޭނަން. އެންމެ ކުޑަމިނުން އޭނާއަށް މަރުގެ ހުކުމް އިއްވާން އަހަރެން އެދެން. ” ސަރުކާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ބަޔާން އިއްވާ ނިންމާލުމަށްފަހު ހަސީލް ގޮސް އޭނާއަށް ހާއްސަކޮށްފައިވާ ގޮނޑީގަ އިށީނެވެ.
ދައުލަތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ބަޔާން އިއްވާ ނިންމާލުމަށްފަހު ހަސީލް ގޮސް އިށީންއިރު ނީސާމާއި ޖިނާނުގެ
މޫނުމަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ދައުލަތުގެ ފަރާތުން އިއްވި ބަޔާނަށް ނާއިލްގެ ފަރާތުން ޖަވާބުދާރީ ވުމަށް އިނާ ކޮޅަށް ތެދުވިއެވެ.
” އިސްގާޒީ. ނާއިލްއަކީ ކުއްވެރިއެއް ނޫން. އަހަރެން މިއީ އިނާ. އަހަރެން އެކަން ސާބިތުކޮށްދޭނަން. ޝުކުރިއްޔާ. ”
އިސްގާޒީއަށް ބަލާލަމުން އެހެން ބުނުމަށްފަހު އިނާ ގޮސް އޭނާގެ ގޮނޑީގަ އިށީނެވެ.
ނުނިމޭ
4 Comments
Comments are closed.
ވަރަށް ރީތި ވާހަކައެއް. ކުރިޔަށްހުރި ބައިތަކަށް ވަރަށް އިންތިޒާރުކުރަން
ވާހަކަ ވަރަށް ފުރިހަމަ ރީތި
ޝުކުރިއްޔާ
މިވާހަކަ ހަމަ ވަރަށް ސަޅި ވަރަށް ރީތި