“އީމް” ފިނިވެފައިވާ އިޔާނާގެ ހަށިގަނޑަށް އީމަންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާންފެށުމާއެކު ލިބުނު އަރާމަކުން މަޑުމަޑުން އަނގައިނިކުތް އާހް އަކާއިއެކީ އީމަންގެ ނަން އިވުނެވެ. އެއީ ޔާނާ އީމަންއާ މުހާތަބުކުރާގޮތަށެވެ. އީމްއެވެ.
ދެބަދޭތެރޭގައި އޮތް އީމަންއަށް މިއަޑު ވަރަށް ސާފުކޮށް އިވިގެން ދިޔައެވެ. ވަގުތުން ދެލޯ ހުޅުވާލެވުނެވެ. ޝައުގުވެރިކަމާއެކީގައި އިޔާނާއަށް ބަލަން އޮވެވުނީ އަދި އެއްފަހަރު އެއަޑު އަހަން ބޭނުންވެގެންނެވެ. އީމަން މަޑުމަޑުން އިޔާނާގެ ކޯތާފަތުގައި އަތް ފިރުމާލިއެވެ.
“އީމް!” އިޔާނާގެ ދުލުން އަނެއްކާވެސް އެއަޑު އިވިގެން ދިޔައެވެ. އިޔާނާ އޮތީ ގަދަ ނިދީގައެވެ.
އީމަންއަށް ބޯ ހިއްލާލެވުނެވެ. އުފާވެރިކަމުގެ ކަރުނަތައް އެދެލޮލަށް ޖަމަޢުވާންފެށިއެވެ. އެއީ އޭނާގެ ޔާނާކަން ހަމަ ޔަޤީނެވެ.
“ޔާނު!” އީމަން އިޔާނާގެ ކޯތާފަތުގައި އަތް ބީއްސާލަމުން ގޮވާލިއެވެ. އެ އަޑުގައި ރިހުމެއް ހުރި ކަހަލައެވެ. “ޔާނު!”
އިޔާނާގެ ހަބަރެއް ނުވިއެވެ. އެކަމަކު އީމަންއަށް ޔަޤީންކުރެވިއްޖެއެވެ. މިއީ ހަމަ އޭނާގެ ޔާނުއެވެ. އުފަލުން ރޮވެން ފެށުނެވެ. ތެދުވެ އެނދުގައި އިށީނދެލިއެވެ. އަދި ނިދިފައިއޮތް އިޔާނާގެ ހަށިގަނޑު ތެދުކޮށްލުމަށްފަހު ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އީމަންގެ އެދެއަތުގެ ތެރޭގައި އިޔާނާ ފިއްތާލިއެވެ.
“އަހަރެންނަށް މާކުރިންވެސް އެނގުނު ތިއީ ހަމަ ޔާނުކަން. ތިއީ ހަމަ އަހަރެންގެ ޔާނު. އަހަރެން ބުނީމެއްނު. ޔާނު މަރެއް ނުވެޔޭ. އަލްހަމްދުލިﷲ. އެކަލާނގެއަށް ހަމްދުހުރި. އަހަރެން މިރޭ ވަރަށް އުފާވެއްޖެ.” އީމަން އުފަލުން އިޔާނާގެ މޫނުގައި ބޮސްދެމުންދިޔައެވެ.
އީމަން އިޔާނާގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ. ދެއަތްތިލައިގައި އަތްކާއްތަމުންދިޔައެވެ. އިޔާނާއަށް ހޫނު އިހުސާސްކޮށްދިނުމަށެވެ. ގަދަ ނިދީގައި އޮތް އިޔާނާއަށް މިއިން އެއްވެސް ކަމެއް އިހުސާސްނުވާ ފަދައެވެ.

ޖާހަތު ފަތިސްނަމާދުކޮށް އަވަދިވުމާއެކީ ސްޕޯރޓްސް ހަރުވާޅަކާއި އަތްދިގު ޓީޝާޓެއްލިއެވެ. އަދި އާދައިގެ ބުރުގާއެއް އެޅުމަށްފަހު ގޮށެއް ޖަހާލިއެވެ. އެއަށްފަހު ސްޕޯރޓްސް ބޫޓު ނަގައިގެން އެރިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. ޖޮގިންއަށް ދިޔުމަށް އެންމެ ފުރިހަމައަށް ތައްޔާރެވެ. ގެއިން ނިކުމެގެން ބޭރަށް ހިނގައިގަތީ މަޑުމަޑު ފިޔަވަޅުތަކެއްގައެވެ. އެކަކުވެސް ހޭލައްވަން ބޭނުން ނުވާތީއެވެ.
ފަތިހުގެ ފިނިކަމުގައި، ފޭދޫގެ ލިންކްރޯޑްގައި ގިނައީ ޖޮގިން ކުރަމުންދާ މީހުންނެވެ. ޖާހައަތުއަށް އެހިސާބަށް ދެވުމާއެކީ ދެކޮޅުބަލާލިއެވެ. އަދި ހެޑްސެޓް ދެ ކަންފަތުގައި ޖަހާލުމަށްފަހު މަޑުމަޑުން ދުވަންފެށިއެވެ.
ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތަކުން މުޅި ޖައްވުގައި ތެތްފިނިކަމެއް ވާއިރު ކޮންމެ މީހަކުވެސް މަޝްޢޫލުވެގެން އުޅުނީ ޖޮގިންކުރުމާއިގެންނެވެ. އެއްބައިން ދުވެ ނިމެގެން ކަސްރަތު ކުރުމާއިގެން ތިއްބެވެ.
ޖާހަތު ދުވަމުންދިޔައީ ލިންކްރޯޑްގެ ޕާކު ވަށައެވެ. އެކަނި ދުވަމުން ދިޔައިރު ޖާހަތުގެ ހަރަކާތްތަކަށް ނަޒަރުހުއްޓާލައިގެން މީހަކު ހުންނަތަން ކިތަންމެ އިރެކެވެ. ޖާހަތުއަށް މިކަން އެނގޭބާއެވެ.
ކުޑަ ވަގުތުކޮޅަކަށްފަހު ޖާހަތު ވަނީ ޕާރކުތެރެއަށެވެ. އިރުގެ މަޑުމަޑު ރަން ދޯދިތައް މަޑުމަޑުން ދުނިޔެއަށް ރަންކުލަ ވެރިކުރަން ފެށިއެވެ.
ޖާހަތު ސްޓްރެޗިން ހަދަންފެށިއެވެ.
ބެންޗްގައި އިށީނދެގެން އިނދެ ޖާހަތުގެ ހުރިހާ ހަރަކާތްތަކަކަށް ނަޒަރު ހުއްޓައިގެން ހުރި އެފިރިހެން މީހާ ތެދުވިއެވެ. ޖޮގިން ހެދުން ލައިގެމް ހުރި އެމީހާ ހިނގަމުންދިޔައީ ޖާހަތުއާ ދިމާއަށެވެ. ޖާހަތު ހުރީ އެމީހާއަށް ފުރަގަސްދީގެންނެވެ.
އަތުގައި އޮތް ފެންފުޅިން ފެން ބޮމުން އެމީހާ ކުރިއަށް ދިޔައިރު އެހެން އެއްވެސް ދިމާއަކަށް ނަޒަރެއް ނުދެއެވެ.
ޖާހަތާ އަރާ ހަމަވުމުން ފަހަތުގައި ހުއްޓުނެވެ. “ހައި!”
ސްޓެޗިންކުރުމުގައި މަޝްޢޫލުވެގެން ހުރި ޖާހަތުގެ ހަރަކާތްތައް ހުއްޓުނެވެ. ފުރަގަސްދީގެން ހުރި ޖާހަތުގެ މޫނު މައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އެހިނިތުންވުމުގައި ވަނީ ކާމިޔާބުގެ އަސަރެވެ. ހީވަނީ ޖާހަތު މާކުރިން ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އައީ ހެނެވެ.
ޖާހަތު މޫނު މައްޗަށް ހައިރާންކަމުގެ އަސަރުވެރި ކުރުވަމުން ފަހަތަށް އެނބުރި ބަލައިލީ ހައިރާންކަމާއެކީއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ޖާހަތުގެ އެދެލޮލުން ސުވާލުކުރާ ފަދައެވެ.
“ހައި! މިއީ ޝާމް” އެފިރިހެން މީހާ ސަލާމްކުރަން އަތް ދިއްކޮށްލަމުން ތަޢާރަފްވެލިއެވެ.
“ޝާމް؟” ޖާހަތު ސުވާލުކޮށްލީ ކާކުކަން ނޭނގިގެން ކަހަލައެވެ.
“ޖާހަތު ދޯ ތިއީ؟! ޖާހަތުއަށް އަހަރެން ނޭނގޭނެ. އެކަމަކު އަހަރެން ޖަހަތު ދަންނަން.” ޝާމް ހިނިތުންވެލަމުން ބުނެލިއެވެ. ބަލާބެލަމުން ހީވަނީ 30ގެ ފަހުގެ އަހަރުތަކުގައި އުޅޭ ހެނެވެ. ހަށިގަނޑު ބިޔަވެފައި ބޮޑެވެ. ހަމުގެ ކުލަ އައްޔެވެ. ބޯވަނީ އާދައިގެ ވަރަކަށް ދިގުކޮށްލެވިފައެވެ.
“ކިހިނެތް އަހަރެން ދަންނަނީ؟” ޖާހަތު ހައިރާންވެފައި ސުވާލުކޮށްލިއެވެ.
ޝާމް ދެކޮޅަށް ބޯހޫރާލިއެވެ. “ތި ހުރިހާ ކަމެއް ނޫނޭ މުހިންމީ. ޖާހަތު އަށް މުހިންމީ އެންމެ ކަމެއް.” ޝާމްގެ ވާހަކަ ތައް އަޑުއަހަން ހުރި އިރު ޖާހަތުގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ޝާމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ޖާހަތުއަށް މިވަގުތު އެންމެ މުހިންމީ ހުމާމުގެ ކިބައިން ސަލާމަތް ވުމެއްނު.” ޝާމް އެވާހަކަތައް ދައްކަމުން ދިޔައިރު ޖާހަތުގެ މޫނަށް ދިޔައީ ސަމާލުކަމާއެކީގައި ބަލަމުންނެވެ. އޭނާ ހަމަ ހީކުރިގޮތަށް ޖާހަތުގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ކަންބޮޑުވުމެވެ. ޝާމް ހީކުރިގޮތަށް ކަންތައް ވަމުންދާތަން ފެނުމުން ހިތަށް ފަޚްރުވެރިކަން ވަދެގެންދިޔައެވެ.
“ހުމާމު؟ ކޮން ހުމާމެއް؟” ޖާހަތު ނުދަންނަކަމުގައި ހެދިގެން ހުރެ ސުވާލުކޮށްލިއެވެ.
“އޯހ ހޯ! ޖާހަތު! ތި ހުރިހާ ޑްރާމާއެއް މުހިންމެއްނޫން. އަހަރެން މިހުރިހާ ވާހަކައެއް މިދައްކަނީ ހުރިހާ ކަމެއް އެނގިހުރެ.” ޝާމް ބުނެލިއެވެ.
ޖާހަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝާމް އިތުރަށް ބުނަނީ ކީކޭތޯ ބަލަން ހުރީ ކަމުގައި ވެދާނެއެވެ.
“އަހަރެން ބޭނުން ޖާހަތުއާ ވާހަކަ ދައްކާލަން. މިކަމުން ފައިދާ ކުރާނީ ހަމަ ޖާހަތުއަށް.” ޝާމް ދިނީ ދަޢުވަތެކެވެ. ޖާހަތު ވިސްނަމުން ދިޔައެވެ. “ތިވަރަށް ނުވިސްނާ! އަހަރެންނަށް އިނގޭ ހުމާމު ޖާހަތު މިތަނަށް ގެނެސްގެން އުޅެނީ ގަދަބާރުންކަން. އަދި މިތަނުން ސަލާމަތް ވާންވެސް ބޭނުންކަން. އަހަރެން ބޭނުމީ ޖާހަތު މިތަނުން ސަލާމަތްކޮށްދޭން.” ޝާން ޖާހަތުއަށް ޔަޤީންކަން ދިނުމުގެ ގޮތުން ބުނެލިއެވެ.
ޝާން ދިން ދަޢުވަތު ޖާހަތު ގަބޫލުކުރިއެވެ. ދެމީހުން ވަކިވެގެން ދެފަރާތަށް ހިނގައިގަތެވެ. ދެމީހުންގެ މޫނުގައިވެސް ވީ ހިނިތުންވުމެވެ. ޝާމް އޭނާގެ މަޤްސަދުގައި ކާމިޔާބު ވާނެކަމުގެ އުންމީދު އާވެގެން ދިޔުމުން އެކަމުގެ އުފާ ހިތުގެ އެންމެ އަޑިން ފާޅުކުރަމުން ދިޔައެވެ. އޭނާ ބޭނުންވާ ގޮތަށް ޖާހަތުލައްވާ ކަންތައް ކުރެވިގެން ދާނެކަން މިހާރު ޔަޤީނެވެ.
އަނެއްކޮޅުން ޖާހަތުގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ފަޚްރުވެރިކަމެވެ. އެއީ ޖާހަތު ހުމާމުގެ ކިބައިން ބަދަލު ހިފުމަށް ރޭވި ޕްލޭންގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު ވުމުންނެވެ. އެކޮޅުން ޝާމް އޭނާ ޖަހަމުން ދާ ބެރަށް ޖާހަތު ލައްވާ ނެށުވިދާނެ ކަމުގެ އުންމީދުގައި ދިޔައިރު މިކޮޅުން ޖާހަތު ހުރީ ޝާމްއަކީ އޭނާގެ ބެރަށް ނަށާނެ މީހެއްކަމުގައި ނިންމައިގެންނެވެ.
ޖާހަތު މިހާ ހެނދުނާ މިތަނަށް އައީވެސް ޝާމްއާ ބައްދަލުވުމުގެ ބޭނުމުގައެވެ. އޭނާ ޝާމްއާ ބެހޭ ވަރަށް ގިނަ މަޢުލޫމާތު އޮޅުންފިލުވާފައި ވެއެވެ. ޝާމްއަކީ ހުމާމުގެ ބައްޕަ، ޝިޔާމުގެ ހުރި ހަމަ އެކަނި އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ހުމާމަކީ ޝިޔާމްގެ ހުރި ހަމައެކަނި ދަރިފުޅަށް ވާއިރުވެސް ޝާމްއާއި ހުމާމުގެ އެއްވެސް ގުޅުމެއް ނޯވެއެވެ. ހުމާމަށް މިކަން ފާހަގަ ނުވިޔަސް ހުމާމާއި އޭނާގެ މައިންބަފައިންނާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ބޮޑުބައެއްގެ ޒިންމާ ޝާމް ނަގަންޖެހެއެވެ. ހުމާމަށް ޝާމް އެހެން އެހެދީ ކީއްވެގެންކަމެއް ޖާހަތަށް ދެނެއެއް ނުގަނެވުނެވެ. އެނގުނުހާވެސް އެއްޗަކީ ޝާމްއަކީ ހުމާމުގެ ކިބައިން ބަދަލުހިފުމަށް އެންމެ ކުޅަދާނަ އެއް ހަތިޔާރު ކަމެވެ.

ޖާހަތުއަށް ޝާމްގެ މަޢުލޫމާތު ފުރަތަމަ ލިބުނު ދުވަހުވެސް ވަގުތުން އޭނާ އުޅޭ ހިސާބަކަށް ދާން ބޭނުންވިއެވެ. އެގޮތުން އެއްދުވަހަކު ޖާހަތު މަގުމަތީގައި ހުއްޓާ ޝާމް އެގޭ ކައިރީގައި ހުރި ޝިޔާމްގެ ފިހާރަ ހުޅުވަންއައެވެ. ޖާހަތުއަށް މިފުރުސަތުވީ ރަނުގެ ފުރުސަތަކަށެވެ. ޝިޔާމް ފިހާރަ ހުޅުވާލާފައި ގޮސް ކައުންޓަރުގައި އިށީނެވެ. ޖާހަތު ވަރަށް ހަމަޖެހިލާފައި ގޮސް ފިހާރައަށް ވަނެވެ. އަދި ޝެލްފްގައި ޑިސްޕްލޭކޮށްފައި ހުރި ގިފްޓްތަކަށް ބަލަންފެށިއެވެ. ވަށްކަޅިން ޝާމްއަށް ބަލައިލީ އެހިނދުއެވެ. ޝާމްއިނީ ކައުންޓަރުގައެވެ. ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ޖާހަތު ޖީބުން ފޯނު ނެގުމަށްފަހު ކަންފަތުގައި ޖަހައިލިއެވެ. އަދި ވާހަކަ ދައްކަންފެށިއެވެ.
“ހަލޯ!”
“އާނ. ކިހިނެތްވީ؟ ފިހާރައަކަށް އައިސް މިއުޅެނީ.”
“މިއީ ގޭކައިރީގަ ހުރި ފިހާރައެއް.”
“ކީއްކުރާނީ. މިނޫން ގޮތެއް ނެތެއްނު. އަހަރެން މިރަށަކުން އެހެން އެއްވެސް މީހެއް ނުދަންނަން.”
“އިނގެޔޭ ތިކަންވެސް. އެކަމަކު އަހަރެންނަށް މަޖުބޫރުކޮށްގެން ގަދަކަމުން މިތަނަށް އޭނަ ގެނައީއެއްނު. އަހަރެން ބޭނުމެއްނޫން އޭނަޔާ އިންނާކަށް.” ޖާހަތު ވާހަކަ ދައްކަމުން ދިޔައެވެ.
ޝާމްއަށް އެވާހަކަތަކަށް ކަންފަތް ދެވެން ފެށުނެވެ. އެއީ އާންމުކޮށް އިވޭ ކަހަލަ ވާހަކަ ތަކަކަށް ނުވީމައެވެ. ޖާހަތު ޝެލްފްމަތީގައި ހުރި ގިފްޓެއް ނަގައިގެން އޭގެ ހުރި ލޯކޮޅަކުން ފަހަތް ބަލައިލިއެވެ.
އެހިނދު މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ހަމަ ހީކުރި ގޮތަށް ޝާމްގެ ސަމާލުކަން އޭނާއަށްވަނީ ދެވިފައެވެ. ޖާހަތު އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
“އަހަރެންނަކީ އިތުރު އެއްވެސް ގޮތެއް އޮތް މީހެއްނޫން. އަޅާލާނެ އެކަކުވެސް މިދުނިޔެއަކު ހުރީއެއްނޫން. ދެން އޭނަ ކައިރިން ސަލާމަތްވެގެން ވަކި ކާކު ކައިރިއަށްދާނީ.”
“ހުމާމު ބުނީ މަންމަމެންގެ ރުހުން ލިބުނީމަޔޯ މެރީ ކުރާނީ.” ހުމާމުގެ ނަން އިވުމާއެކު ޝާމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލެވުނެވެ.
ގިފްޓްގެ ލޯގަނޑުން ބަލަހައްޓައިގެން އިން ޖާހަތުއަށް މިމަންޒަރު ފެނި މޫނުމަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ.
“އާނ! ހުމާމު މިހާރު ބޭނުން އޭނާގެ މަންމަމެންނާ އެކީ އުޅެން. އަނެއްކޮޅުން ހުމާމަކީ މާމޮޅަށް ކިޔަވައިގެން ހުރި މީހެއްނޫން. ރަނގަޅުވަޒީފާއެއް ލިބޭނީއެއްނޫން. އެހެންވީމަ ބައްޕަމެންގެ ރުހުން ހޯދުން ވަރަށް މުހިންމު މިކަމުގަ.”
“އަހަރެން އޭނާގެ ކިބައިން ބަދަލު ހިފާނަން. އެއީ ހަމަ ޔަޤީންކަމެއް. ބަލަ މަށަކީ ޖާހަތުއެއްނު. ހުރިހާ މުދަލެއް އަހަރެންގެ ނަން މައްޗަށް ބަދަލުކޮށްލާނަން. އެއަށްފަހު ވަރިވެސް ވާނީ. އެނިމުނީނު”
ފިހާރައިގެ ސޭލްސްގާލްއިންނާއި ކޭޝިއަރ ފިހާރައަށްވަނީ އެވަގުތުއެވެ.
ޖާހަތު ފޯނު ނިންމާލިކަމުގައި ހަދައި ޖީބަށް ލިއެވެ. އެއަށްފަހު އަވަސްއަވަހަށް ފިހާރައިން ނިކުމެގެން ދިޔައެވެ.
ޝާމްގެ ކުރިމަތިން ހުރަސްކުރި އަންހެންކުއްޖާއަށް ޝާމް ވަރަށް ރަނގަޅަށްބަލައިލިއެވެ. އެދުވަހަށްފަހު ޝާމް ޖާހަތުގެ ފަތިފުށް ބަލައިލީ ބިއްލޫރިކޮޅަކުން ދުނިޔެ ބެލުމުން ފެންނަހާ ސާފުކޮށެވެ. އަދި ޒަމާނުއްސުރެ އޭނާގެ ހިތުގައި ފޮރުވިފައިވާ މަޤްސަދު ހާސިލްކުރާނެ މޮޅު ގޮތެއް ރާވާލިއެވެ. ޖާހަތު މެދުވެރިކޮށެވެ.

ޕާކުން ނިކުމެގެން ގޭ މަގަށް އަޅުވާލި ޖާހަތުގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އެދުވަހު ފިހާރަތެރޭގައި އޭނާގެ އަނގައިން ނިކުތް ކޮންމެ ލަފްޒަކީ ޝާމްއަށް އަޑުއިއްވަން ބޭރުކުރި ލަފްޒެކެވެ. ޝާމް ގަދަވެލާފައި ހުރެ ވާހަކަ ދެއްކި ހަނދާންވުމުން ޖާހަތު ހިނިއަންނަގޮތްވިއެވެ. ޝާމް ހިތުން ކަންތައް ވަމުންދަނީ ޝާމް ބޭނުންވާ ގޮތަށެވެ. ނަމަވެސް ޝާމްއަށް ފެންނަމުން ދިޔައީ ޖާހަތު ކޮށައިދެމުންދާ މަގުކަމެއް އޭނާ ނުދެނެ ހުރިއެވެ. ޖާހަތަށް އެކަނިހުރެ މަޖާވެފައި ހީލެވުނެވެ.
ހިތުގައި ޖެހުނެވެ. މިއަދު ޔާނާ ހުރި ނަމަ އޭނާއާ ދިމާއަށް ވަރަށް އެއްޗެހިކީހެވެ. އެކަހަލަ ނުލަފާ ކަންތައް ކޮށް އުޅޭތީ ޔާނާ އަބަދުވެސް ހަޅޭއްލަވައެވެ.
ޖާހަތުގެ ލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އެހިނދު ހިތްވަރު ކުރުމުގެ ގޮތުން އުޑަށް ބަލާލެވުނެވެ. “ޔާނު! އާދެބަލަ އަހަރެންނާ ދިމާއަށް އެއްޗެހިކިޔަން. ޔާނު ރުޅިއާދެއެއްނު އަހަރެން މިކަހަލަ ކަންތައް ކުރާތީ. އަހަރެން ހުއްޓުވަން އާދެބަލަ. އަހަރެން ވަރަށް އެކަނިވެރި. ޕްލީޒް. އާދެބަލަ.” ވޭނުންފުރިފައިވާ ގިސްލުމެއް ޖާހަތުގެ އަނގައިން ބޭރުވެގެން ދިޔައިރު ދުނިޔެ ހޫނުކުރަމުން އައި އިރުގެ ދޯދިތަކުން މުޅި ޖައްވަށް ދިރުން ގެނެސް ދެމުން ދިޔަފަދައެވެ.

އިރުގެ ދޯދިތައް ކުޑަދޮރުން ވަދެގެން އައިސް އީމަންގެ މޫނަށް އެޅުނެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިޔާނާގެނެސް މެޔާލާ ބޮނޑިކޮށްލައިގެން އީމަންއަށް ނިދިފައި އޮވެވުނު އިރު އިޔާނާގެ ދެއަތް ވަނީ އީމަންގެ އުނަގަނޑުގައި ވަށާލެވިފައެވެ.
އީމަންއަށް ހޭލެވުމާއެކީ އިޔާނާއަށް ބަލައިލެވުނެވެ. އަދިވެސް އޮތީ ގަދަ ނިދީގައެވެ. އިޔާނާ ބާލީސް މަތީގައި ބޭއްވުމަށްފަހު ވަނީ ފާހާނާއަށެވެ. އެއަށްފަހު އަވަސްވެގަތީ ޑޮކްޓަރު ހޯދުމަށެވެ. އަވަސްއަވަހަށް ކޮޓަރިން ނިކުމެގެން ކައުންޓަރުކައިރިއަށް ދިޔައެވެ. ކައުންޓަރުގައި އިނީ ފިރިހެން ކުއްޖެކެވެ. އީމަން ޑޮކްޓަރާ ބައްދަލުކޮށްލަން ބޭނުންވާހަކަ ބުންޏެވެ. ނަމަވެސް ޑޮކްޓަރު އެވަގުތު ނެތްކަމަށް ބުނުމުން ސުޒޭންއާ ބައްދަލުކޮށްދިނުމަށް އެދުނެވެ. ނަމަވެސް ސުޒޭންވެސް ޑިއުޓީގައި ނޫޅޭ ކަމަށް ބުންޏެވެ. އީމަން ކަންބޮޑުވުމާއެކު އެނބުރި ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ.
“އީމަން.” ފަހަތުން މީހަކު ގޮވާލިއަޑަށް އެނބުރި ބަލައިލިއެވެ.
ސުޒޭން އައިސް އީމަންއާ އަރާ ހަމަކުރިއެވެ.
“ގުޑް މޯރނިން. ހައު އިޒް އިޔާނާ ނައު؟” ސުޒޭން ސުވާލުކޮށްލިއެވެ.
އީމަންގެ މޫނު މަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އީމަންގެ އުފާވެރި ހިނިތުންވުން ފެނި ސުޒޭންއަށްވެސް ހިނިތުންވެލެވުނެވެ. އަދި ކިހިނެތްވީތޯ ސުވާލުކުރިއެވެ.
އީމަން ސުޒޭންގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
“ޝީ ޓޯކްޑް އެބައުޓް މީ ލާސްޓަ ނައިޓް.” އީމަން އުފާވެރިކަމުގެ ތެރެއިން ވާހަކަ ދައްކަންފެށިއެވެ. “އަހަރެންނަށް ގޮވަމުން ދިޔަ. އަހަރެންނަށް މިހާރު ހަމަ ޔަޤީންވެއްޖެ އެއީ އަހަރެންގެ ޔާނު ކަން. އަހަރެން ބުނީމެއްނު އެއީ ހަމަ އަހަރެންގެ ޔާނުއޭ. ސުޒޭން އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް އުފާވެއްޖެ. އަލްހަމްދުލިﷲ” އީމަންގެ އުފާވެރިކަން އެމޫނުމަތިން ހާމަވަމުން ދިޔަތަން ފެނި ސުޒޭންއަށްވެސް ހުރެވުނީ ހިނިތުންވެލައިގެންނެވެ.
“އަހަރެން ޑޮކްޓަރު ގޮވައިގެން މިދަނީ އިނގޭ.” ސުޒޭން ހިނިތުންވެ ހުރެ އީމަންއަށް ބުނެލިއެވެ. އީމަން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ.
އިޔާނާއަށް މަޑުމަޑުން ލޯ ހުޅުވަލެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ އިށީނދެލިއެވެ. އޮވެވުނުތަނަށް ހައިރާންކަމާއެކު ނަޒަރު ހިންގާލެވުނެވެ. މާބޮޑު ހަނދާނެއް ނެތްކަމުގައިވީ ނަމަވެސް ކަންތައްވާނެގޮތް އެނގުނެވެ. އޭނާގެ ހާލަތު ގޯސްވުމުން އީމަން އޯފަނޭޖްގައި މަޑުކުރާނީއެވެ. އީމަންގެ އޯގާތެރިކަން ސިފަކުރެވި ހިނިތުންވެލެވުނެވެ.
އީމަން ކޮޓަރިއަށް ވަދެގެންއައީ އެވަގުތުއެވެ. ޑޮކްޓަރުގެ ފަހަތުގައި ހުރެގެންނެވެ. އިޔާނާއަށް އެދިމާއަށް ބަލައިލެވުނެވެ. އީމަން ފެނި މަޑުން ހިނިތުންވެލެވުނެވެ.
“ހައު އާރ ޔޫ މިސިސް އީމަން.؟” ޑޮކްޓަރު އިޔާނާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. އިޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސިހުންލިބުމުންނެވެ. މިސިސް އީމަންގެ މަޤާމު ދިނުމުންނެވެ.
ޑޮކްޓަރު އިޔާނާގެ ބީޕީ ބަލަން ފެށިއެވެ. ޑޮކްޓަރު އިޔާނާއާ އެގޮތަށް މުޚާތަބުކުރުމުން އުނދަގޫވިއެވެ. އީމަންއާ ދިމާއަށް ބަލާލަންވެސް އުނދަގޫވިއެވެ. އިސްޖަހާލައިގެން އިނީއެވެ. އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. ‘މިއީ މައްސަލައެއް ނޫނެވެ. މިތަނުގައި މަޑުކުރުމަށްޓަކައި އީމަންއަށް އެގޮތަށް ބުނަން މަޖުބޫރުވީއެވެ.’ ހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު އިސް އުފުލާލައި އީމަންއަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ.
އިޔާނާ އިސްއުފުލައި ހިނިތުންވެލިތަންފެނި އީމަންގެ ހިތް އުފަލުން ފުރުނެވެ.
“ޔޫ އާރ އެބްސޮލޫޓްލީ ފައިން ނައު.” ޑޮކްޓަރު އިޔާނާ ޗެކް ކުރުމަށްފަހު ބުނެލިއެވެ.
“ތެންކްޔޫ ޑޮކްޓަރ” އިޔާނާ ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ.
“ޝުކުރު އަދާ ކުރަންވީ އަހަރެންނަކަށް ނޫން. ފިރިމީހާއަށް. މިއީ ހަމަ އޭނާގެ ހިތްވަރު.” ޑޮކްޓަރު އީމަންއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އަދި ރޭގައި އިޔާނާ އައި އިރު އޮތް ހާލު ކިޔައިދިނެވެ. އެކަމަށްޓަކައި އީމަންކުރި މަސައްކަތްވެސް ކިޔައިދިނެވެ.
“އައި މަސްޓް ސޭ! ހީ އިޒް އަ ޕާރފެކްޓް ހަޒްބެންޑް.” ޑޮކްޓަރު އީމަންއަށް ތަޢުރީފުކުރިއެވެ.
އީމަން ޑޮކްޓަރަށް ޝުކުރު އަދާ ކުރުމަށްފަހު ޑޮކްޓަރާއެކު ބޭރަށް ހިނގައިގަތެވެ.
އިޔާނާ ހުރީ ވާނުވާ ނޭނގިފައެވެ. ޑޮކްޓަރ އެދައްކަނީ ކޮން ކަމެއްގެ ވާހަކައެއް ހެއްޔެވެ. ލައިގެން ހުރި ހެދުމަށް ނަޒަރު ހުއްޓުނީ އެވަގުތުއެވެ. މިއީ އޭނާ މިތަނަށް އައި އިރު ލައިގެން ހުރި ހެދުމެއް ނޫނެވެ. ބުރުގާވެސް ނެތެވެ. އޭނާގެ ހެދުންބަދަލުވީ ކިހިނެތް ހެއްޔެވެ؟ ރޭގައި ކަންތައް ވީ ކިހިނެއް ހެއްޔެވެ؟
އިޔާނާ ކަންބޮޑުވާގޮތްވިއެވެ.
“ގުޑް މޯރނިން ޔާނާ!” ކޮޓަރިއަށް ވަދެގެން އައި ސުޒޭން ބުނެލިއަޑަށް އިޔާނާ އެނބުރި ބަލައިލިއެވެ.
އިޔާނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޔާނާގެ ނަމުން އޭނާއާ މި މުޚާތަބު ކުރެވެނީ ކިއްވެހެއްޔެވެ؟
ސުޒޭންއައީ އިޔާނާގެ ހެދުން ހިފައިގެނެވެ.
“މިއޮތީ ހެދުން. ތައްޔާރުވެލާ.” ސުޒޭން ހިނިތުންވެލަމުން އިޔާނާއަށް ހެދުން ދިނެވެ.
އިޔާނާއަށް ހުރެވުނީ ހައިރާންކަމާއެކީ ގައި ހެދުމަށް ބަލާށެވެ.
“ރޭގަ ކިހިނެތްވީ؟” އިޔާނާ ސުޒޭންއާ ސުވާލުކޮށްލިއެވެ. ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ބޭނުންވާތިއެވެ.
އިޔާނާ ކަންބޮޑުވެފައިވާ ކަން އެނގި ސުޒޭން ހިނިތުންވެލިއެވެ. “ކީއްވެ ތިހާ ޖެހިލުންވެފަ ތިހުރީ. ކަންބޮޑު ނުވޭ. ރޭގަ އެއްވެސް ގޯސް ކަމެއް ނުވެ. ޔޫ ވާ ސޭފް ވިތް ޔޮއަރ ހަޒްބެންޑް.” ސުޒޭން ބުނެލިއެވެ. ނަމަވެސް އިޔާނާއަށް އަދިވެސް އޭނާ ކުރަން ބޭނުންވެގެން އުޅޭ ސުވާލުގެ ޖަވާބެއް ނުލިބެއެވެ.
“ޔާނާ! ކަންބޮޑު ނުވޭ. ރޭގަ އީމަން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން.” ސުޒޭން ސީރިއަސްކަމާއެކު އިޔާނާއަށް ވިސްނައިދޭން ފެށިއެވެ.
“ހުރިހާ ވަހަކައެއް؟ …. ކޮން ވާހަކައެއް؟” އިޔާނާއަށް ސުވާލުކޮށްލެވުނެވެ.
“ޔާނާ! އީމަން އެއީ ޔާނާގެ ފިރިމީހާ. ” ސުޒޭން ވާހަކަ ދައްކަން ފެށިއެވެ. އިޔާނާ ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. ރޭގައި އިޔާނާ އޯރފަނޭޖަށް ގެނެވުނު ގޮތާއި އިޔާނާ އޮތް ހާލަތު ބުނެދިނެވެ.
“ޑޮކްޓަރުގެ ލަފާގެ މަތިން އީމަން ޔާނާއަށް ބޮޑީ ހީޓް ނުދިން ނަމަ ކޮންމެ ފަދަ ކަމެއްވެސް ވެދާނެ.” ވާހަކަތައް މިހިސާބަށް ދިޔައިރު އީމަން ވަދެގެން އައެވެ.
ސުޒޭން ބޭރަށް ދާން ހިނގައިގަތެވެ. ‘އީމަން. އެބަޖެހޭ ފޯރމަލިޓީސްތަކެއް ފުރިހަމަ ކޮށްލަން.” ސުޒޭން ބުނެލިއެވެ. އީމަން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
އިޔާނާ އޭނާ ލައިގެން ހުރި ހެދުމަށް ބަލައިލިއެވެ. ހިތަށް އެރިއެވެ. ‘މިތަނުގައި މަޑުކުރުމަށްޓަކައި އީމަންއަށް ދޮގެއް ހަދަން ޖެހިދާންކަމަށް ޤަބޫލުކުރެވެއެވެ. އެކަމަކު ދެން ކަންތައްވީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ހެދުން ބަދަލުކުރީ އީމަން ހެއްޔެވެ؟ މިހުރިހާ ކަމެއް ކުރީ އީމަން ހެއްޔެވެ؟’
ސުޒޭން ދިޔުމުން އީމަން ދޮރުލެއްޕުމަށްފަހު އެތެރެއަށް ވަދެގެން އައެވެ. ހިނތުންވުމަކާއެކީ އިޔާނާއަށް ބަލަހައްޓައިގެން ހުރެއެވެ.
“ޔާނު!! މިހާރު ރަނގަޅު ދޯ!” އީމަން ސުވާލުކޮށްލިއެވެ. އިޔާނާ ހުރީއެވެ. ބުދެއް ފަދައިންނެވެ.
“އަވަހަށް ތައްޔާރ……….” އީމަންގެ ޖުމުލަ ފުރިހަމަ ނުވަނީސް އިޔާނާ ފާހާނާއަށް ވަނެވެ. އިޔާނާގެ މި އަވަސް ހަރަކާތުން އީމަންއަށް ހައިރާންކަން ލިބުނެވެ.

6

8 Comments

 1. natha

  June 10, 2016 at 4:08 pm

  V reethi

 2. miss

  June 10, 2016 at 5:02 pm

  varah varah reeethi

 3. RIF

  June 10, 2016 at 5:50 pm

  Breathtaking……avahah aneh prt up kohladheeba…pls

 4. Lai

  June 10, 2016 at 8:34 pm

  Nice mi part ves

 5. roo

  June 12, 2016 at 6:53 pm

  Vvvv nice..waiting 4 next part..

 6. yaana

  June 16, 2016 at 2:56 pm

  kon xamaanakun dhen anekka?

 7. yaanaa

  June 16, 2016 at 4:47 pm

  Next part avahah up kohdhyba

 8. livia

  June 16, 2016 at 4:47 pm

  Next part avahah up kohdhyba

Comments are closed.