ދެބަދުނާމް
( ބާރަވަނަބައި )
ރިސާމު އެހެންބުނި ނަމަވެސް ނަމާދުކުރާކަށް ސެނާ ނޫޅެއެވެ. ކުޑައިރުކޮޅަކު ފިލާވަޅުކިޔާލުމަށްފަހު ސެނާ ދިޔައީ އޭނާގެ މާމަގެއަށެވެ.
ރޭގަނޑުގެ ހަމަހިމޭންކަމާއެކުގައި ވަގުތުތައްފާއިތުވަމުން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން އައިސް ފަތިސްނަމާދު ވަގުތުވުމުން ރިސާމު އޭނާގެ އާދައިގެމަތިން ފަތިސްނަމާދުކޮށްލައިގެން މަހަށްފުރައިފިއެވެ. އޭރު ވެސް ސެނާ އޮތީނިދާފައެވެ.
އެހެންދުވަސްތަކެކޭވެސް އެއްފަދައިން ހަގަޑިފަނަރަ ހާއިރު ސެނާ ނިދާތެދުވެގެން ފާހާނާއަށްވަދެ ފެންވަރައި ތައްޔާރުވެލައިގެން މަދަރުސާއަށް ހިނގައްޖެއެވެ. މަދަރުސާއިން ސެނާއާ ސުމްނާ ބައްދަލުވިނަމަވެސް އެދެމެދުގައި އެއްވެސްގުޅުމެއްނެތުމުގެ ސަބަބުން އެދެމީހުން ވާހަކައެއް ނުދައްކައެވެ. ސެނާ އަމިއްލައަށް ސުމްނާއާގުޅުން ކަނޑާލާފައިވާތީ ސުމްނާ ވެސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ތަކުރުބޭ ބުނިދުވަހާއި ވަގުތައް ވިސްނައި ތައްޔާރުވަމުންދިޔަ ރިސާމު މިއަދު މަހަކަށް ނުދެއެވެ. އެހެނަސް އޭނާއާއި ތަކުރުބޭ ފިޔަވާ އެހެންމީހަކަށް އެކަމުގެ އަޑިގައިވާސިއްރެއް ނޭނގެއެވެ.
ވަގުތުތައް ފާއިތުވަމުން އިރުއޮއްސޭވަގުތު ގާތްވަމުންދިޔަ އެވެ. ސެނާ ގެއަށްގެނެސް އޭނާގޭގައި މަޑުކޮށް ތަކުރުބޭ އަންނާންވާއިރަށް ރިސާމު ތައްޔާރުވި އެވެ. ތަކުރުބޭގެ ފަންޑިތައިގެ ސަބަބުން ނަމަވެސް އެނުރައްކަލުން އެގެ ސަލާމަތްވެއްޖެނަމަ ރިސާމުގެ މަޤްޞަދުހާސިލްވީއެވެ. މިކަމުންސަލާމަތްވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެނަމަ މިކަމުގެނުރައްކާތެރިކަން އިތުރުވަމުންދާނެކަން ރިސާމަށް ޔަގީންވެއެވެ.
މާހާއި ބައްދަލުކުރާން ނުދެވުމުން ސެނާހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ރިސާމާއި ދެކޮޅަށް ކަމެއްކުރުމަކީ ސެނާ މިހާތަނަށް ކޮށްފައިވާ ކަމަކަށް ނުވުމުގެ އިތުރުން އޭނާ ކުރާންބޭނުންވާ ކަމަކަށްވެސް ނުވެއެވެ.
ރިސާމުމެންގެއަށް ތަކުރުބޭ އައީ ހައެއްޖަހާކަން ހާއިރުއެވެ. އޭރު ތަކުރުބޭގެއަތުގައި ބޯކަށިކެޔޮމާގަނޑެއް އޮތެވެ. އެމާގަނޑުގެ ފަތްތަކުގައި އަރަބިއަކުރުން ކޮންމެވެސްލިޔުންތަކެއް ލިޔެފައިވެއެވެ. އެމާގަނޑު ފެނުމާއެކުހެން ސެނާގެ ހަނދާނަށްއައީ މާހު ދެއްކިވާހަކަތަކެވެ. ތަކުރުބެ އެއުޅޭނީ މާހު ބުނިފަދައިން މާހާއި ސެނާ ދުރުކުރާން ބާއޭ ސެނާގެ ހިތަށްއަރަމުންދިޔަ އެވެ.
” ސެނާ ވުޟޫކޮށްގެން އައިސް ޔާސީންސޫރަތް ކިޔަވާންފަށާ .. ރިސާމު މަޑުކުރޭ ފާހާނާ ދޮރުކައިރީ …. އަހަރެން ނުބުނަނީސް ދޮރުނުހުޅުވާތި. ” ތަކުރުބޭ ވާހަކަދެއްކީ ރިސާމާއި ސެނާއަށް ބަލާންހުރެއެވެ.
” ބައްޕާ! ތިޔައުޅުއްވަނީ ކީއްކުރަންތޯ ؟ ” މާހުގެ ވާހަކަތައް ހަނދާންވެ ބޮލަށް އުނދަގޫވާގޮތް ވާންފެށުމުން ސެނާ އަހާލިއެވެ.
” ކޮއްކޯ. މިގެމިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގައި … މިކަންކޮށްގެން ނޫންގޮތަކަށް ތިޔަދެބަފައިންނަކަށް އަމާންކަމެއްނެތް …. އެހެންވެ މިކަން މިކުރަނީ. އަވަހަށް ތައްޔާރުވޭ. ” ސެނާގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން ވާހަކަދެއްކީ ތަކުރުބެއެވެ.
ތަކުރުބޭގެ ވާހަކަތަކުން ސެނާއަށް ޔަގީންވި ތަކުރުބެ އެއުޅެނީ އޭނާއާއި މާހު ދުރުކުރާން ނޫންކަމާއި އޭނާއާ އޭނާގެ ބައްޕައަށް ރައްކާތެރިކަން ހޯދާދޭން ކަމެވެ. އެހެންވެ އެކަމުގެ ސަބަބުން ސެނާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
މަޣުރިބުނަމާދުވަގުތު ބަންގީގެއަޑާއެކުހެން މަސައްކަތްފަށައިފިއެވެ. ސެނާ އޭނާގެ ކޮޓަރީގައި އިނދެގެން އަޑުހަރުކޮށް ޤުރުއާން ކިޔަވަމުންދިޔައެވެ.
ތަކުރުބެގެނައި ބޯކަށިކެޔޮމާގަނޑު ގިފިލީތެރޭގައި އިންދާލުމަށްފަހު ތަކުރުބޭ އޭނާގެ ކިޔެވެލި ކުރިޔަށް ގެންދަނީއެވެ. އޭރު ރިސާމުހުރީ ގިފިލީދޮރު ކައިރީގޭތެރޭގައެވެ. ގިފިލީ ދޮރުހުރީ ލައްޕާފައެވެ.
ހަގަޑި ތިރީސްކަން ހާއިރެވެ. ވަގުތައް މަޣުރިބުނަމާދުކުރި ގިނަ މީހުން މިސްކިތުން ފައިބާފިއެވެ.
ވެރިވަމުންދިޔަ އަނދިރީގެ ސަބަބުން ގިފިލިތެރޭން ތަނެއްދޮރެއް ނޭނގެއޭ ބުންޏަސް ރަނގަޅުވާހާ ވެއެވެ. ތަކުރުބެ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް ވިދާލުމަށްފަހު ބާރު ގުގުރިއެއްޖެހިއެވެ. އެހެނަސް ވިއްސާރައިގެ އަސަރު އެއްވެސްވަރަކަށް ފެންނާކަށް ނެތެވެ.
ގިފިލިތެރޭގައިހުރި ދެރުއްދޭތެރޭން ދިލަކަނިބުރައިގަތުމާ އެކުހެން ތުއްތުތުއްތު ކުއްޖެއްގެ ރުއިމުގެއަޑުފާޅުވިއެވެ. އަޑުއައީ އެދެރުއް ދޭތެރޭންކަން ތަކުރުބެއަށް ޔަގީންވިއެވެ. އެއާއިއެކުހެން ކޮންމެވެސްވަރެއްގެ އުންމީދެއް ލިބުނެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ގިފިލިތެރޭން ފަނޑުއަލިކަމެއްފާޅުވާން ފެށިއެވެ. ދެރުކުގެ ފަންތައް ތެޅިލުމާއެކުހެން ދެރުއް ދޭތެރޭން ފާޅުވީ މާހެވެ. މާހު ހުރީ ރުޅިއައިސް ދެލޯރަތްވެފައެވެ. އަތުގެއިނގިލިތަކުގެ ނިޔަފަތިތައް ނުހަނުދިގެވެ. އެއީ މާހު ނޫންކަން ތަކުރުބެއަށް ޔަގީންވިއެވެ. މާހުގެ ސިފާގައިހުރި އެމީހާ ހިނގައިގަތީ ތަކުރުބެ އާއި ދިމާއަށެވެ.
ކުއްލިއަކަށް މިދިމާވިކަންތަކުގެ ސަބަބުން ތަކުރުބެއަށް އޭނާގެ ކިޔެވެލި ހަނދާންނެތިއްޖެއެވެ.
ގަތްބިރާއެކު ރޮއިހަޅޭލަމުން ތަކުރުބެ ދުއްވައިގަތީ ގިފިލީދޮރާއި ދިމާއަށެވެ. އެހެނަސް މާހު ވަރަށް ހުޝިޔާރުކަމާއެކު ތަކުރުބެއާއިދިމާއަށް އަތްދަމާލަމުން ތަކުރުބޭގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލިއެވެ. މާހު އަތްދަމާލިއިރުހީވީ ކަރަފާބޯވައެއްގެ ކަރަފައެއް ދަމާލިހެންނެވެ. މާހުގެއަތް ތަކުރުބޭގެ ބުރަކަށީގައި ޖެހުމާއެކުހެން ވެއްޓިއްޖެ އެވެ. ތަކުރުބޭ އަވަސްއަވަހަށް ތެދުވަމުން ކުރިމައްޗަށް ބަލާލިއިރު އޭނާގެ ކުރިމަތީގައިކަހަލަގޮތަކަށް މާހު ހުއްޓެވެ. މާހުގެ ކިބައިން ސަލާމަތްވުމަށް ހަޅޭލަވައިގަންނާން އަނގަ ހުޅުވާލިނަމަވެސް ދޫހަރަކާތްކުރި ނަމަވެސް އަޑެއްނުނިކުތެވެ. ހަމައެހެންމެ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ.
ތަކުރުބެއާއި ދިމާއަށް ގުދުވަމުންދިޔަ މާހުގެ މޫނުމަތިންފާޅުވަމުން ދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ. މާހު ވަރަށް ސަޢުގުވެރިކަމާއެކު ތަކުރުބޭގެ މޫނަށް ބަލާލަމުން މޫނާއި ދިމާއަށް އަތްގެންދިޔައެވެ. މާހުގެ އަތްދަށުން ސަލާމަތްވުމަށް ކަމެއް ކުރެވޭތޯ ތަކުރުބެ ބަލަމުންދަނިކޮށް މާހު ވަރަށް ހުސިޔާރުކަމާއެކު ތަކުރުބޭގެ ދެލޯ ދަމައިގަތެވެ. ނެގިދިލައާ ވީތަދަށް ކެތްނުވެގެން އަޑުގެކޮޅަށްރޮއިގަންނަމުން ހަޅޭލަވައިގަތުމާ އެކުހެން ތަކުރުބޭގެ ވޭނުންފުރިގެންވީ ބާރުއަޑުން މުޅިސަރަހައްދު ގުގުމައިގެން ދިޔައެވެ. އެއާއެކުހެން ތަކުރުބޭގެ ހަރަކާތާއިނޭވާ ހުއްޓި އޭނާ މަރުވެއްޖެއެވެ.
ގޭތެރޭގައިހުރި ރިސާމަށް ތަކުރުބޭގެއަޑު އިވުމާއެކުވެސް ކޮންމެ ވެސްކަމެއް ވެއްޖެކަންޔަގީންވިއެވެ. އަވަސްއަވަހަށް ގިފިލީ ދޮރުހުޅުވާލަމުން އެތާއެތެރެއަށް ނަޒަރު ހިންގާލިއިރު އެތަން އަނދިރިކަމުން ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ. ރިސާމު ވަރަށްއަވަހަށް ގޭތެރެއަށްވަދެ ގިފިލީބޮކިދިއްލިއެވެ.
ބޮކިދިއްލާފައި ރިސާމު އައިސް ގިފިއްޔަށްވަތްއިރު ތަކުރުބެއޮތީ އަނގަވަތަށް ކަހަލަގޮތަކަށް ގިފިލިތެރެއަށްވެއްޓިފައެވެ. ރިސާމު އަވަސްއަވަހަށް ތަކުރުބެ ގާތަށްގޮސް ތަކުރުބެ ފޮރޮޅައި ބަލަލިއިރު ތަކުރުބޭގެ ދެލޮލެއްނެތެވެ. މުޅިމޫނުގައިވަނީ ލެޔެވެ. ތަކުރުބެއޮތީ މަރުވެފައިކަން ރިސާމަށް ޔަގީންވިއެވެ.
ވަރަށްސަޢުޤުވެރިކަމާއެކު ގިފިލިތެރެއަށް ނަޒަރުހިންގާލިއިރު އެތާ ހުރި ދެރުކުގެ ފަންތަކުގައި ލޭހުރުންފިޔަވާ ދެންއެހެންކަމެއް އެތަނަކުން ފާހަގައެއް ނުކުރެވުނެވެ.
ކަންތައްވެފައިވާގޮތް ފެނިފައި ރިސާމަށް ހަޅޭލަވައިގަނެވުނެވެ. ރިސާމުގެ އަޑުއިވިފައި ސެނާދިޔައީ ސިއްސައިގެންނެވެ. އެއާއެކުހެން ކިޔެވުންހުއްޓާލާފައި އަވަސްއަވަހަށް އައިސް ގިފިއްޔަށްވަނެވެ. އެވަގުތު ތަކުރުބެއޮތްގޮތް ފެނިފައި ސެނާއަށް ރޮއިގަނެވުނެވެ. ރިސާމާއި ސެނާގެ އަޑަށް ވަރަށްގިނަބަޔަކު އެތަނަށް އައިސްފިއެވެ.
ނުނިމޭ
2 Comments
Comments are closed.
varah reethi vaahaka eh
Fbfbfdb