ދެބަދުނާމް
( އެގާރަވަނަބައި )
ގެއާއިގޯތިތެރެ އަދި މަގުތައް ކުނިކަހާ ސާފުކޮށް ކުނިގެންގޮސް އަންދާ ނިންމާލުމަށްފަހު ސެނާ އޭނާގެ އާދައިގެމަތިން އޭނާގެ މާމަމެން ގެއަށްދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ފަހެއްޖަހާކަން ހާއިރެވެ. ރިސާމު މަހުންއައިސް އެމަސައްކަތް ނިންމާލުމަށްފަހު ފެންވަރާންވެގެން ގިފިއްޔަށް ވަނުމާ އެކުހެން ރިސާމަށް ފާހަގަކުރެވުނީ ރޭގައި އޭނާ އިންދި ބޯކަށިކެޔޮމާގަނޑު ނެތްކަމެވެ. އެއާއެކުހެން ރިސާމުގެހިތުގައި ހައިރާންކަން އުފެދިގެން ދިޔައެވެ. ހަމައެހެންމެ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ވެސް އުފެދިގެން ދިޔައެވެ.
ރިސާމު އަވަސްއަވަހަށް އައިސް ގޭތެރެބަލާލިއިރު ގޭތެރޭގައި ސެނާއެއް ނެތެވެ. ދެތިންފަހަރަކު ގޮވާލުމުންވެސް ސެނާގެ އަޑު ނީވުމުން ސެނާ ގޭގައި ނެތީކަމަށް ރިސާމު ނިންމިއެވެ.
ފެންވަރައިގެން މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން ރިސާމު ދިޔައީ އޭނާގެ މަންމަ ރައިނާމެން ގެއަށެވެ. އެގެއަށް ގޮސް ބަލާލިއިރު އެގޭގައި ވެސް ސެނާއެއްނެތެވެ. އެކަމުގެ ސަބަބުން ރިސާމު ކުޑަކޮށް ހިތްނުތަނަވަސްވާގޮތް ވިއެވެ.
ހަވީރު ސައިބޮއިގެން ސެނާގެ އިންތިޒާރުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، މަޢުރިބުނަމާދު ބަންގިގޮވުމުން ރިސާމުދިޔައީ މިސްކިތަށެވެ. އޭރުވެސް ސެނާއެއް ގެއަކަށް ނާދެއެވެ.
މާހުގާތަށް އެފަޅުގެއަށް ސެނާ ދިޔައިރު މާހުހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައިކަން އޭނާގެމޫނުމަތިންވެސް ފާޅުވަމުންދިޔައެވެ. މާހުގެ މޫނުމަތިންފާޅުވަމުންދާ އުފަލާއި ހިތްހަމަޖެހުން ފެނުމުން ސެނާވެސް ވަރަށްއުފާވެ ހިތްހަމަޖެހުނެވެ.
ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ސެނާއަށް އަމަލު ކުރެވުނުގޮތްވެސް ނޭނގުނެވެ. އަވަސްއަވަހަށް ދުވެފައިކަހަލަގޮތަކަށް ސެނާ ގޮސް މާހުގެ ގައިގާ ބައްދާލިއިރު މާހު ވެސްހުރީ އެފަދަފުރުސަތަކަށް އެދިއެދި ކަހަލައެވެ.
މާހުގެ އަތުތެރޭގައިހުރެ މާހުގެ ހަށިގަނޑާއި ސެނާގެ ހަށިނޑު ޖެހިފިތި ބާރުވަމުންދިޔައިރު ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެސަބަބުން ސެނާއަކަށް ވާނުވާ އެނގޭހެނެއް ހިޔެއްނުވެއެވެ.
މާހާއި ސެނާ އެދެމީހުންގެ އިސްޤީ މަސްތީ ލޯބިންފުރިގެންވީ ބައްދަލުވުން ނިންމާލުމަށްފަހު ސެނާ ގެއަށްދިޔައީ އެހެންރޭރޭވެސް ބައްދަލުވުން ނިންމާ ގަޑި ޖެހުމުންނެވެ.
އިޝާނަމާދުން ފައިބާގެން ރިސާމު ގެއަށްދިޔައިރު ސެނާ އިނީ ފިލާވަޅުކިޔާށެވެ. އެހެނަސް އެމާގަނޑުގެ ވާހަކަދައްކާކަށް ރިސާމު ހަނދާނެއް ނުވިއެވެ.
އިރުހަނދުގެ ދައުރުވުމާއެކުހެން ދުވަސްތައް މާޒީއާ އެކުވަމުންދިޔަ އެވެ. ރޭގަނޑަށްކައިގެން ނިދާންއައި މަގުމަތީގައި ސެނާގާތު އެމާގަނޑުގެ ވާހަކަ ރިސާމު އެހިއެވެ. އެވާހަކަތަކަށް ޖަވާބުދެމުން ސެނާބުނީ އެއީ ބައްޕަ އިންދިއެއްޗެއްކަން ނޭނގޭ ކަމަށާއި އެހެންމީހަކު އެމީހުނަށް ގެއްލުމެއްދޭން އިންދާފައިވާ އެއްޗެއްކަމަށް ހީކޮށް ކުނި އެންދިއިރު އެމާގަނޑުވެސް އަންދާލައިފިކަމަށެވެ. ހަމައެހެންމެ ބައްޕަގާތު އަހާނުލާ އެގޮތަށް ކަންތައްކުރެވުނީތީ މަޢާފަށްއެދޭކަމަށާއި ބައްޕަގާތު އަހާނުލެވުނީ އެވަގުތުއެގޮތަށް ވިސްނާ ނުލެވުމުން ކަމަށްވެސް ބުންޏެވެ.
ސެނާ އެމާގަނޑާމެދު އެގޮތަށް ކަންތައްކުރީ ކީއްވެގެންކަން ރިސާމަށް އޮޅުވާލީ މާހުގެ ވާހަކަދައްކައިފިނަމަ ރިސާމު ރުޅިއަންނާނެކަން ޔަގީންވާތީއެވެ.
ސެނާއަށް ނުހަނު އިތުބާރުކާރު ރިސާމު، ސެނާގެ ވާހަކަތައް ގަބޫލުކޮށް އޭނާއަށް މަޢާފުކޮށް އެފަދަކަމެއް ދެންނުކުރުމަށް ބުންޏެވެ.
ހަނދުމަހެއްގެ އަށާވީސްވިލޭރެއެވެ. ތަކުރުބޭ ބުނެފައިވާފަދައިން ފަންޑިތައިގެ ކަންތައް ނިންމުމަށް ރިސާމުމެންގެއަށް ތަކުރުބޭ އައެވެ.
ތަކުރުބެ އާއި ރިސާމު އެތައްވަގުތެއް ހޭދަކޮށްގެން ތައްޔާރުކުރި ފަންޑިތަ މާގަނޑުމަތިން ރިސާމު ހަނދާންވީ ތަކުރުބޭ ފެނުމުންނެވެ.
ތަކުރުބެ އާއި ރިސާމުގޮސް ގިފިއްޔަށް ވަންނަމުން ގިފިލީބޮކި ދިއްލިއެވެ. ގިފިއްޔަށް ވަނުމާއެކުހެން ތަކުރުބޭ ބަލާލީ އޭނާ ބުނިފަދައިން ގިފިލީގައި އެ މާގަނޑު އިންދާފައިހުރިތޯ އެވެ. އެހެނަސް އެތަނަކުން އެމާގަނޑެއް ނުފެނުނެވެ.
” މާގަނޑު ކޮބާ ؟ “ހައިރާންކަމާއެކު ރިސާމަށް ބަލާލަމުން ތަކުރުބޭ އެހިއެވެ.
” ކުރިން އެވާހަކަބުނަން އަހަރެން ހަނދާން ނެތުނީ …… ގިފިލިތެރެ ކުނިކެހި ދުވަހަކު ސެނާއަށް ނޭނގިގެން އެމާގަނޑު އެއްލާލައިފި ….. ދެން ކިހިނެތް ހަދާނީ؟” ތަކުރުބޭގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން ރިސާމު ވާހަކަދެއްކިއިރު އަޑާއިހަރާކާތުން އަދި މޫނުމަތިން ފާޅުވަމުންދަނީ ހާސްކަމާއި މާޔޫސްކަމުގެ އަސަރުތަކެވެ. ހަމައެހެންމެ ކަންބޮޑުވުމުގެ ކުލަވަރެވެ.
” ތިކުރީ ވަރަށްދެރަކަމެއް. މިހާރު މިވަނީ ވަގުތުވެސް ވަރަށް ކުޑަތަންވެފަ. ” ހިޔާލެއްގެތެރެއަށް ގެއްލިފައިކަހަލަގޮތަކަށް މައްޗަށް ބަލާންހުރެ ތަކުރުބެ ބުންޏެވެ.
” ދެން ނޯންނާނެތަ އެހެންގޮތެއް ހެދޭކަށް ؟ ……. ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ބޭނުން މިކަމުގެ ޙަޤީޤަތްހޯދައި މިކަމުން ސަލާމަތްވާން. ” މަޑުމަޑުން ރިސާމު ބުންޏެވެ.
” އެހެންގޮތެއް އޮތްތޯ އަހަރެން ބަލާނަން …. އެކަމަކު ދެން މިކަންކުރެވޭނީ ހަނދުމަހެއްގެ ފުރަތަމަދުވަހުގެ އިރުއޮއްސޭވަގުތާ ދިމާކޮށް … އެދުވަހުގެ އެގަޑީ، މިގޭގައި ދިރިއުޅޭ އެކަކުވެސް ބޭރުގައި އުޅެގެން ނުވާނެ. ދެރޭފަހުން އަހަރެން އަންނާނަން … އަހަރެން ބުނިފަދައިން ތައްޔާރުވެގެން ތިބޭތި. ” ރިސާމާއި ދިމާއަށް ބަލާންހުރެ ތަކުރުބެ ބުންޏެވެ.
ސެނާއާއި މާހު އެދެމީހުންގެ އާދައިގެމަތިން އެދެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވާ ފަޅުގޭތެރޭގައި ލޯބީގެ ވަގުތައް ހޭދަކުރަމުން އަހުދުތަކާއި ވައުދުތައް ވަމުންދިޔައެވެ. ހަމައެހެންމެ ސެނާ އާއި މާހު ދުރުކުރުމަށްޓަކާ ފަންޑިތަހެދުމުން މިރޭވެސް ސެނާމެންގެއަށް ތަކުރުބޭ ދާނެކަމަށް މާހު ބުންޏެވެ. ހަމައެހެންމެ ތަކުރުބޭގެ އަމަލުތައް ހުންނަގޮތުން އޭނާވަރަށްރުޅިއަރާކަމަށާއި ތަކުރުބެ އެކަންނުހުއްޓާނަމަ ހަނދާންނުނެތޭވަރުގެ ބޮނޑިއެއް ދޭންޖެހިދާނެކަމަށްވެސް ބުނޏެވެ.
މާހުގެ އެވާހަކަތަކުގެ ސަބަބުން ސެނާ ހާސްވާގޮތްވިއެވެ. އަދި ކޮންމެވެސްވަރަކަށް ކަންބޮޑުވާގޮތްވެސް ވިއެވެ. ހަމައެހެންމެ ތަކުރުބެ ކޮންމެއެއްޗެއްހެދި ނަމަވެސް އޭނާ ހުންނާނީ މާހުގެ މީހެއްގެ ގޮތުގައިކަމަށްބުނެ އަތުންފައިން ގޯހެއްނުހެދުމަށް މާހަށް ނަސޭހަތްތެރިވިއެވެ.
ރިސާމާއި ވާހަކަދައްކާ ކަންތައްކުރާންވީގޮތް ބުނެދީ އެކަމާއި ގުޅުންހުރި އެހެންވެސް ބައެއްވާހަކަދެއްކުމަށްފަހު ތަކުރުބޭ އޭނާގެ ގެއަށް ހިނގައްޖެއެވެ.
ސެނާ އާއި މާހުގެ ލޯބީގެ ބައްދަލުވުން ނިންމާލުމަށްފަހު ސެނާ ގެއަށްއައީ އިސާނަމާދުވަގުތުވާން ކައިރިވުމުންނެވެ.
ރިސާމު ގެއިންނުކުންނަނިކޮށް ސެނާ އައިސް ގެއަށްވަދެއްޖެއެވެ.
” ދަރިފުޅާ ސެނާ! ކޮންތާކުން ތިއައީ ؟ “ސެނާއާ ދިމާއަށް ބަލާލަމުން ރިސާމު އެހިއެވެ.
” ކުލާސްކުއްޖެއްގެ ގެއިން. ” މަޑުމަޑުން ސެނާ ބުނެލިއެވެ. ސެނާ އެހެންބުނީ އޭނާ މާހުއާ ބައްދަލުކުރި ވާހަކަބުނެފިނަމަ ރިސާމު ރުޅި އަންނާނެކަން ޔަގީންވާތި އެވެ.
” އެހެންތަ ؟ ….. އެކަމު މީގެފަހުން އިރުއޮއްސި ދެނަމާދު ދޭތެރޭ ގެއިންބޭރަށް ނުދާތި. ނަމާދުކޮށްގެން ފިލާވަޅުކިޔާފަ މާމަގެއަށްދޭ. ” ސެނާއަށް ބަލާލަމުން ނަސޭހަތުގެ ރާގަކަށް ރިސާމު ބުންޏެވެ.
” އާން …. ” މަޑުމައިތިރިކަމާއެކު ސެނާ ބުނެލިއެވެ.
ނުނިމޭ
2 Comments!
Comments are closed.
ނީރުގެ ވާހަކަތައް ވަރަށް ރީތި. ޢީދު މުބާރިކު
ޝުކުރިއްޔާ! ޢީދު މުބާރިކު