ދެބަދުނާމް
( ދިހަވަނަބައި )
ތަކުރުބޭގެ އެޖުމްލައިގެ ސަބަބުން ރިސާމުގެ ހިތުގައި އުފެދުނު ސުވާލުތަކާއެކުހެން ހާސްވެ ކަންބޮޑުވެސް ވިއެވެ.
އެމާގަނޑަށްވީގޮތްފެނިފައި އޭގައިއަތްލާކަށް ރިސާމަކަށްނުކެރުނެވެ. ތަކުރުބެއަށް އެކަންފާހަގަކުރެވުމުން އެމާގަނޑުނަގާ ރިސާމުއަތަށް ދިނެވެ.
މާގަނޑު ހިފައިގެން ރިސާމުމެން ގެއާދިމާއަށް ހިނގަމުންދިޔައިރު ވެސް ތަކުރުބޭ ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަމުން ގެންދިޔައެވެ.
ރިސާމާއި ތަކުރުބެ އެމާގަނޑު ހިފައިގެން ރިސާމުމެން ގެއާއި ދިމާއަށް ހިނގަމުންދިޔައިރު ރަށުތެރޭން ފެންނަމުންދަނީ ނުހަނުހަމަހިމޭންކަމާއި ފަޅުކަމެވެ. ރަށުތެރޭން މީހަކު ނުފެންނައިރު ގެއެއްގެތެރޭން ގަދައައްޔެއްވެސް ނުފެނެއެވެ. ހަމައެހެންމެ ގަދައަޑެއްވެސް ނީވެއެވެ.
” ތި މާގަނޑު ގެންގޮސް ގިފިލިތޭރޭގައި އިންދާ …….. ތިއީ މިކަމުގެ ފެށުން. ތިންރޭފަހުން އަހަރެން އަންނާނަށް .. އެހިސާބުން އެނގޭނީ މިކަމާމެދު ގޮތެއް ނިންމާން. “ރިސާމުމެންގޭ ދޮރޯށިކައިރިއަށް މަޑުކުރަމުން ތަކުރުބެ ބުންޏެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުންދަނީ އާދައިގެ ގޮތެކެވެ.
ތަކުރުބެ އާއި ރިސާމު އެތަނުގައިތިބެގެން ކުޑައިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ތަކުރުބޭ ހިނގައްޖެއެވެ.
ރިސާމު ގެއަށްވަންއިރު ސެނާ އޮތީނިދާފައެވެ. އެކަމުގެސަބަބުން ރިސާމަށް ވަރަށްބޮޑު ހިތްހަމަޖެހުމެއްލިބުނެވެ. އެހެންވެ ހިނިތުންވެލަމުން އެމާގަނޑުހިފައި ގެންގޮސް ގިފިލިތެރޭގައި އިންދިއެވެ. އަދި އޭނާވެސް ގެއަށްވަދެ އޮށޯވެނިދީއެވެ.
ހަމަހިމޭންކަމާއެކުގައި ވަގުތުތައް ފާއިތުވަމުންއައިސް އާދުވަހަކަށް އިރުއަރައިފިއެވެ. އެއާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައިފިއެވެ.
ސެނާ މަދަރުސާއަށްދިއުމަށްޓަކައި ފެންވަރާން ގިފިއްޔަށްވަތްއިރު އެތަނުން ވަރަށްމީރުވަހެއްދުވައެވެ. އެކަމުގެސަބަބުން ސެނާއަށް ވަރަށްބޮޑުހިތްހަމަޖެހުމެއް ލިބިގެންދިޔައިރު އެކަމާމެދު ކޮންމެވެސްވަރަކަށް ސުވާލުވެސްއުފެދުނެވެ. އަވަސްއަވަހަށް ވަށައިގެން ބަލާލިވަގުތު ސެނާއަށް ފެނުނީ ގިފިލިތެރޭގައި އިންދާފައިހުރި ބޯކަށިކެޔޮ މާގަނޑެކެވެ. އެމާގަނޑު ފެނުމާއެކު ވެސް އެއީ އެމާގަނޑުންދުވާވަހެއްކަން ސެނާއަށް ޔަގީންވި އެވެ. އެހެނަސްއެއީ ކާކު ކޮންމަގުސަދެއްކައި ކޮށްފައިވާކަމެއްކަން ނޭނގުމުން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ.
ކުޑަކޮށްވިސްނާލުމަށްފަހު އެއީ އޭނާގެ ބައްޕަކޮށްފައިވާ ކަމެއްކަމަށް ނިންމައި އެކަމާއަޅައެއްނުލައެވެ.
ހަގަޑިސާޅިސްފަހެއް ވީއިރު މަދަރުސާކައިރިވަނީ ފުރި ބާރުވެފައި ކަހަލަގޮތަކަށެވެ. މަދަރުސާއަށް އައިސްތިބި ކުދިންނާއި އެކުދިންގެބެލެނިވެރިން އެތަނުގައި ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ބެލެނިވެރިންގެ އުރުގައިތިބި ކުޑަކުދިންގެ ރުއިމުގެއަޑުން އެތަނުގެ ހަމަހިމޭންކަން ކެނޑިފައިވެއެވެ.
އިރުގެ ދައުރުވުމާއެކުހެން ވަގުތުތައް ފާއިތުވަމުން އިރުއޮއްސުމާއި ގާތްވަމުންދިޔައެވެ. އޭރު ސެނާހުރީ ވަގުތުހިނގާލެއް ލަސްވެގެން ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ.
ސެނާ އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސޭނެ ވަގުތަކަށެވެ. އިރުއޮއްސުމުން ރަށުމީހުންނަށް ނޭނގޭނެހެން އެފަޅުގެއަށް ގޮސް މާހާއި ބައްދަލުކުރުމަށް އޭނާ ތައްޔާރުވަމުންދިޔަ ނަމަވެސް އޭނާ ފިޔާވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
މަޢުރިބުނަމާދު ބަންގިގޮވުމާއެކެހެން ރަށުތެރެއަށް ހަމަހިމޭންކަން ވެރިވާންފެށިއިރު މިސްކިތާއިދިމާއަށް ހިނގަމުންދިޔަ މީހުންވެސް ގިނަވަމުންދިޔައެވެ.
ވަގުތަކަށް ބަލަބަލާހުރި ސެނާ ވަރަށް ސިއްރުސިއްރުން ގޮސް އެފަޅުގެއަށް ވަނެވެ. އެހެނަސް އެހެންމީހަކަށް އެކަމެއް ނޭނގެއެވެ. ސެނާ އެގޭތެރެއަށް ވަތްއިރު އޭނާގެ އިންތިޒާރުގައި އެގޭތެރޭގައި މާހު ހުއްޓެވެ.
މާހު ފެނުމާއެކެހެން ސެނާއަށް އެންމެފުރަތަމަވެސް ފާހަގަކުރެވުނީ އޭނާގެމޫނުމަތިން ފާޅުވަމުންދާ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އެކަމުގެސަބަބުން ލިބުނު ހައިރާންކަމާއެކުހެން ދެރަވެސްވިއެވެ.
ކޮންމެވެސްވަރަކަށް ޖެހިލުންވެފައިހުރެގެން ސެނާގޮސް މާހުގާތަށް ހުއްޓެމުން ވީކީއްތޯ ސުވާލުކުރިއެވެ.
ކުޑައިރުކޮޅަކު ހިމޭނުންހުރުމަށްފަހު މާހު ވާހަކަދައްކާން ފެށިއެވެ. ސެނާގާތު މާހު ބުނީ ސެނާމެންގޭ ގިފިލީގައި އިންދާފައިވާ ބޯކަށިކެޔޮމާގަނޑަކީ އޭނާއާއި ސެނާ ދުރުކުރުމަށްޓަކައި ތަކުރުބެ ހަދާފައިވާ ފަންޑިތައެއްކަމަށެވެ. ހަމައެހެންމެ މާހުގާތު އެވާހަކަބުނީ އޭނާގެރައްޓެއްސެއްކަމަށާއި އެހެންއެއްވެސްމީހަކަށް އެކަންނޭނގޭނެހެން މާދަމާ ކޮންމެވެސްއިރަކުން އެމާގަނޑު އެއްލާލުމަށެވެ.
ސެނާދެކެ ނުހަނުލޯބިވާކަމަށް އޭނާ ގަބޫލުކުރަމުންއަންނަ މާހުގެ އެވާހަކަތައް ސެނާއަށް ގަބޫލުކުރެވުނެވެ. ހަމައެހެންމެ މާހު ބުނިފަދައިން ކަންތައްކުރާނެ ކަމަށްވެސް ބުންޏެވެ.
ސެނާ އާއި މާހުއެދެމީހުންގެ ބައްދަލުވުން މިރޭވެސް ނިންމާލީ އިސާނަމާދު ވަގުތުވާން ކައިރިވުމުންނެވެ. އެއީ މާހު ބޭނުންވާގޮތްކަމަށްވާތީސެނާވެސް އެކަމަކާ ޝަކުވާއެއްނުކުރެއެވެ. އެހެންރޭތައްފަދައިން މިރޭވެސްބައްދަލުވުންނިންމާލުމަށްފަހު މީހުންގެލޯތަކަށް ސިއްރުސިއްރުން އެގެއިންނުކުމެގެން އޭނާގެގެއަށް ސެނާ ހިނގައްޖެއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ނިދާންއޮތްއިރު ވެސް ސެނާގެ ޚިޔާލުގައި އެނބުރެމުންދަނީ މާހު ދެއްކި ވާހަކަތަކެވެ. އެހެނަސް އޭނާއާ މާހުގެ މެދުގައި ލޯބީގެގުޅުމެއް ވާކަން އެދެމީހުން ފިޔަވާ އެހެންމީހަކަށް ނޭނގޭނެކަން ސެނާއަށް ޔަގީންވެއެވެ. އެކަމާބެހޭ ކުޑަނަމަވެސް މަޢުލޫމާތެއްލިބުނު މީހާ މިހާރުވަނީ މަރުވެފައެވެ.
ކޮންމެވެސްމީހެއްގެފަރާތުން ތަކުރުބެއަށް އެކަންއެނގުނުނަމަވެސް ސެނާއާ މާހު ދުރުކުރާން ތަކުރުބެ މަސައްކަތްކުރަނީ ކީއްވެބާއޭ ސެނާގެހިތަށް އަރަމުން ދިޔައެވެ. ހަމައެހެންމެ އެކަމުގެބޭނުމަކީ ކޮބައިބާއޭވެސް ހިތަށްއަރަމުންދިޔައެވެ. ސެނާގެހިތުގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބުނުލިބުނު ނަމަވެސް މާހު ބުނިފަދައިން މާދަމާގެ ކޮންމެވެސް ވަގުތެއްގައި އެކަންތައްކުރުމަށް ސެނާ ނިންމިއެވެ.
ޖުމާނާ މަރުވުމުން ލިބުނު ހިތާމައާ ހިތްދަތިކަމުގައި ވަގުތުތައް ގުނަމުންދިޔަ ރިސާމު ވިޔަފާރި ކުރުމުގެއިތުރުން މަހަށްދާންފެށިއެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް ބޮޑުފަތިހާ މަހަށް ފުރައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ފަތިސްނަމާދުވަގުތުގެ ބަންގިއާއި އެކުހެން ހޭލާއުޅޭމީހުން ގިނަވަމުންދިޔައެވެ. ރިސާމު އޭނާގެ އާދައިގެމަތިން މަހަށްދިއުމަށް ޓަކައި މިއަދުވެސް ބޮޑުފަތިހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.
މަދަރުސާބަންދު ދުވަހަކަށްވާތީ މިއަދު ސެނާ ތެދުވީ ހަތެއްވެސް ޖެހިފަހުންނެވެ. ފެންވަރާ ތާޒާވެލުމަށްޓަކައި ސެނާގޮސް ގިފިއްޔަށް ވަނުމާއެކުހެން އޭނާގެ ލޮލުގައި އަޅައިގަތީ ގިފިލިތެރޭގައި އިންދާފައިހުރި ބޯކަށިކެޔޮމާގަނޑެވެ. އެމާގަނޑު ފެނުމާ އެކުހެން ރޭގައި މާހު ދެއްކިވާހަކަތައް ސެނާއަށް ހަނދާންވެ ރުޅިއައިސްފިއެވެ. އެހެންވެ އެދިޔަގޮތަށްގޮސް އެމާގަނޑު އުފުރާލާ ކުނިގޯނިތެރެއަށްލިއެވެ.
ފެންވަރާ ތާޒާވެލައިގެން ގޯތިތެރެ ކުނިކަހާ ސާފު ކޮށްލުމަށްފަހު ކުނިގޯނިހިފައިގެން ސެނާދިޔައީ ކުނިގޮނޑަށެވެ. އެތަނަށް ކުނިތައްއަޅައި އެންދިއެންދުމުގައި އެމާގަނޑު ވެސް އަންދާލިއެވެ. އޭރު ސެނާގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ޖުމާނާގެމަރަށްފަހު ރިސާމާއި ސެނާގެ ކެއިންބުއިމުގެ ހުރިހާކަމެއް ހަމަޖައްސަމުންދަނީ ރިސާމުގެ މަންމަ ރައިނާމެން ގެއިންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



ވަރަށް ސަޅި ވާހަކައެއް