ދެބަދުނާމް
( ނުވަވަނަބައި )
ގޭތެރޭގައިހުރި ރިސާމަށް ޖުމާނާގެއަޑު އިވުމާއެކުވެސް ކޮންމެ ވެސް ކަމެއް ވެއްޖެކަން ޔަގީންވިއެވެ. އަވަސް އަވަހަށް ދުވެފައި ކަހަލަގޮތަކަށް ގޮސް ގިފިލީ ދޮރުކައިރިއަށްހުއްޓި ޖުމާނާއަށް ގޮވާންފެށި ނަމަވެސް، ޖުމާނާގެ އެއްވެސްޚަބަރެއް ނުވިއެވެ.
ދެތިންމިނިޓް އެގޮތުގައި ހޭދަކުރުމަށްފަހު ޖުމާނާގެ އެއްވެސް ޚަބަރެއް ނުވުމުން ރިސާމުގެ ހިޔާލު ބަދަލުވިއެވެ. އެހެންވެ ރިސާމު ދެން ކަންތައްކުރީ ގިފިއްޔަށް ވަންނާންހުރި ދޮރުގެތަޅު ހަލާކުކޮށްލާށެވެ. ގިފިލީދޮރުގެތަޅު ހަލާކުކޮށްލައިގެން ރިސާމުވަތްއިރު އެތަންއަނދިރިކަމުން ތަނެއްދޮރެއް އެނގޭވަރެއްނުވެއެވެ. އެހެންވެ އަވަސް އަވަހަށް ގެއަށްވަދެ ގިފިލީބޮކި ދިއްލިއެވެ.
ގިފިލީބޮކި ދިއްލުމަށްފަހު ރިސާމު އައިސް ގިފިއްޔަށް ވަތްވަގުތުފެނުނު މަންޒަރުން ރިސާމުގެ ހެޔަށް އަސަރުނުކުރީ ކިރިޔާއެވެ.
ބަނޑުވަތަށްކަހަލަގޮތަކަށް ބިންމައްޗަށްވެއްޓިފައި ޖުމާނާ އޮތްއިރު އޭނާގެމޫނު އެނބުރިފައިވަނީ ރިސާމާއި ދިމާއަށެވެ. ޖުމާނާގެ މޫނުމަތިން ލޭގެއަސަރުތައް ފާޅުވަމުންދާއިރު އޭނާގެދެލޮލެއް ނެތެވެ. ހަމައެހެންމެ އެތަނުގެތެރެއިން ޖުމާނާގެ ފިޔަވަޅު ފިޔަވާ އެހެންމީހެއްގެ ފިޔަވަޅު ފެންނާކަށްނެތެވެ. އެހެނަސް ގިފިލިތެރޭގައިހުރި ދެރުކުގެ ފަންތަކުން ލޭގެއަސަރު ފާޅުވާންހުއްޓެވެ. ހަދާނެގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ރިސާމު ހުއްޓެވެ.
ސެނާއައިސް ގިފިއްޔަށް ވަތްވަގުތު އެމަންޒަރު ފެނުނެވެ. އެއާއި އެކުހެން ސެނާއަށް އަޑުގެކޮޅަށް ރޮއިގަނެވިއްޖެއެވެ. އެހެނަސް ދެންވީގޮތެއް ސެނާ އަކަށް ނޭނގުނެވެ.
ސެނާ ހޭއެރިއިރު އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. އޭރު އޭނާގެ ބައްޕަ ފަރާތުމާމަ ރައިނާ އޭނާގާތު އިށީނދެލައި އޭނާގެ ބޯ މޮޑެލަމޮޑެލާ އިނެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމުގެ އަސަރުތަކެވެ. ރައިނާގެ އިތުރުން ވެސް ދެތިންމީހަކު އެކޮޓަރީގައިތިއްބެވެ. ކުއްލިއަކަށް އެހާގިނަމީހުން އެގެއަށްޖަމާވެގެން އެއުޅެނީ ކީއްވެގެންކަމެއް ސެނާއަކަށް ނޭނގެއެވެ.
ޖުމާނާގެ އަޖައިބެއްފަދަ މަރުގެވާހަކަ ރަށުތެރެއަށް ފެތުރޭވަރަކަށް އެގެކައިރިއަށް ޖަމާވާމީހުން ގިނަވަމުންދިޔައެވެ. އިސާހިތަކު ހިނެވުމުގެމަސައްކަތް ފެށިއިރު ގިނަބަޔަކަށް ހައިރާންކަން ލިބިގެންދިޔައީ ޖުމާނާ މަރުވެފައިއޮއްވާ ފެނުނުއިރު އޭނާގެ ދެލޮލުންކުރެ އެއްވެސް ލޮލެއް ނެތްކަމަށް ބުނާތީއެވެ.
ޖުމާނާ ހިނަވައި ކަފުންކޮށް ވަޅުލައިނިމުނީ އަނެއްދުވަހު ހެނދުނު އަށެއް ޖަހާކަން ހާއިރުއެވެ. އޭރުވެސް ސެނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.
ރައިނާ ވަރަށް ހިތްވަރާއި ނަސޭހަތް ދީގެން ސެނާ ކޮންމެވެސްވަރަކަށް ހަމައަކަށް އެޅުނެވެ.
ޖުމާނާގެ މަރުގެ ސަބަބުން ސެނާ އާއި ރިސާމު އަދި ޖުމާނާގެ ޢާއިލާ އާއި ރިސާމުގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތާމައާ ހިތްދަތި ކަމާއެކު ދުވަސްތައް މާޒީއާ އެކުވަމުންދިޔަ އެވެ.
ޖުމާނާގެ މަރަކީ އިންސާނަކާއި ގުޅިފައިވާ ކަމެއްނޫންކަމަށް ވަރަށް ގިނަބަޔަކު ބުނަމުންދިޔައެވެ. ހަމައެހެންމެ އެއްވެސް އިންސާނަކަށް އެފަދަކަމެއް ކުރާން ނުކެރޭނެކަމަށް ވެސް ގިނަބަޔަކު ބުނަމުންދިޔައެވެ.
ޖުމާނާގެ މަރުގެ ޙަޤީޤަތް ހޯދުމަށް އެތައްދުވަހެއް ވާންދެން ރަށު އޮފީހުން ކުރިމަސައްކަތަށް އެއްވެސްއަލިމަގެއް ނުފެނުނެނެވެ. ހަމައެހެންމެ އެކަމާގުޅުންހުރި އެއްވެސްމަޢުލޫމާތެއްވެސް ނުލިބުނެވެ. އެހެންވެ މާގިނަދުވަހެއްނުވެ އެވާހަކަތައް ހުއްޓިއްޖެ އެވެ.
ޖުމާނާ މަރުވުމުން ލިބުނު ހިތާމައާ ހިތްދަތިކަމަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯ ސެނާ އަނެއްކާވެސް މާހާއި ބައްދަލުކުރާން ފެށިއެވެ. އެހެނަސް މިފަހަރު ސެނާ ހުރީ ކުރިންވީ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅައި ގެންނެވެ. ކުރިއެކޭވެސް އެއްފަދައިން މާހުގެފަރާތުން ސެނާއަށް ވަރަށްފުރިހަމައަށް ލޯތްބާއި އަޅާލުން ލިބެމުންދިޔައެވެ.
ސެނާގެ ބަނޑުގައިއޮތް ދަރިފުޅާމެދު ސެނާމެން ކަންތައްކުރިގޮތް މާހަށް އެނގެއެވެ. ކުރީފަހަރުފަދައިން މިފަހަރުވެސް ސެނާއާ މާހުގެލޯބީގެ މަންޒިލަކަށްވީ ރަށުގެ ހުޅަނގުކޮޅުގައިވާ ފަޅުގެއެވެ. ހަމައެހެންމެ ކުރީފަހަރު ފަދައިން މިފަހަރު ވެސް އެދެމީހުން ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
އުމުރުން ފަސްދޮޅަހަކަށް އަހަރުވެފައިވާ ތަކުރުބެއަކީ ފަންޑިތައިގެ ކަންތަކަށް ވަރަށް ކުރިއަރާހުރި އެކަމުގައި ކާމިޔާބު އަދި ކުޅަދާނަ މީހެކެވެ.
ޖުމާނާގެ މަރުގެ ފުރަގަހުގައި ސިއްރުތަކެއް ވާކަމަށް ރިސާމަށް ގަބޫލުކުރެވި އެކަމުގެ ފުރަގަހުގައިވާ ސިއްރު ހޯދައިދިނުމަށް ތަކުރުބެ ގާތު އެދުނެވެ. ހަމައެހެންމެ އެކަމުގެ ޙަޤީޤަތް ހޯދައިދީފިނަމަ ރަނގަޅުއަގެއް ދޭނެކަމަށް ވެސް ބުންޏެވެ.
ޖުމާނާގެމަރަށް ވިއްސަކަށް ދުވަސްވީ އިރުވެސް ރަށުތެރެ މުޅިން ހަމައަކަށް ނޭޅެއެވެ. އިރުއޮއްސުމަށްފަހު މަގެއްމަތިން މީހަކު ފެންނަނީވެސް ވަރަށްމަދުން ނެވެ. ހަމައެހެންމެ އޮއްސޭއިރާއެކުހެން ތަޅުލާގިފިލިތައް ގިނަވަމުންދިޔައެވެ. އެއާއެކުހެން މަތިހިޔާކޮށްފައިވާ ގިފިއްޔަކަށްނޫނީ ނުވަންނަމީހުން ގިނަވަމުން ދިޔައެވެ.
ތަކުރެބެއާއި ރިސާމު ވާހަކަދައްކާ މަސްވަރާކޮށް ނިންމި ފަދައިން ކަންތައް ކުރުމަށް ތައްޔާރުވަމުން ދިޔައެވެ.
ދުވަސްތައް މާޒީއާއެކުވަމުންއައިސް ޖުމާނާ މަރުވިތާ ފަންސަވީސް ވަނަދުވަހުގެ ރޭ ތަކުރުބޭ އޭނާގެ މަސައްކަތް ފެށިއެވެ.
ރެއަކީ ހަނދުމަހެއްގެ ސައްބީސް ވިލޭރެއަށް ވާތީ ރަށުތެރެއަށް ވެރިވެފައިވަނީ ކަޅުއަނދިރިކަމެވެ. މަގެއްމަތިން މީހަކު ނުފެނެއެވެ. ތަކުރުބެ އާއި ރިސާމު ހިނގަމުންހިނގަމުން އައިސްމަޑުކުރީ ރަށުގެއިރުމަތީކޮޅު ތުނޑިމަތީގައެވެ. އޭރު ތަކުރުބެ އަތުގައި ބޯކަށިކެޔޮ މާގަނޑެއް އޮތެވެ. އެތުނޑި އަކީ އެއްވެސް ކަހަލަ ގަހެއް ވިނައެއް ނެތް ތުނޑިއެކެވެ. ތަކުރުބެ އާއި ރިސާމު މަޑުކޮށްގެން ތިބީ ތުނޑީކޮޅާއި ފަންސާހަކަށް ފޫޓު ދުރުގައެވެ.
” މިހާރު ހަނދުއަރަނީ …. ދިޔަވަރު ބަދަލުވާން ފަށަނީ … އަވަހަށް ހިނގާ. ” ތުނޑީކޮޅާއި ދިމާއަށް ހިނގައިގަންނަމުން ތަކުރުބޭ އެހެން ބުނުމުން އޭނާގެ ފަހަތުން ކަހަލަގޮތަކަށް ރިސާމު ވެސް ހިނގައިގަތެވެ.
ތަކުރުބެ އާއި ރިސާމު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަމުން ދައްކަމުން ގޮސް މަޑުކުރީ ތުނޑީކޮޅުގައެވެ.
” ހަނދު ފެނުންތޮޅިލާ ވަގުތު މި މާގަނޑަށް އެއްވެސް ބަދަލެއް އާދޭތޯ ވަރަށް ރަނގަޅަށް ބަލާތި … އަހަރެން މިމަސައްކަތް ފަށަނީ. ” ރިސާމު އާ ދިމާއަށް ބަލާލަމުން ތަކުރުބޭ ވާހަކަދެއްކިއެވެ. އަދި އޭނާގެ ކޮނޑުމަތީގައި އޮތް ހުދުފޮތި ގަނޑު ނަގާ ބޮލުގައި އޮޅާލަމުން ތަކުރުބޭ އޭނާގެ ކިޔެވެލި ފެށިއެވެ.
ތަކުރުބޭ އޭނާގެ ކިޔެވެލި ކިޔަވަމުން ރާޅުފެނުގައި ހިނގަމުން ދިޔައިރު ރިސާމު ހުރީ ބޯކަށިކެޔޮ މާގަނޑަށް ބަލާށެވެ.
ހަނދު ފެނުން ތޮޅިލުމާއެކުހެން ބޯކަށިކެޔޮމާގަނޑު ތެޅެލިއެވެ. އިސާހިތަކު ބޯކަށިކެޔޮމާގަނޑުގެކުލަ ރަތްކުލައަށް ބަދަލުވެ ކުލަގަދަވަމުން ދިޔައެވެ. ހަނދު އެއްކޮށް ފެނުން ނެއްޓުނުއިރު ބޯކަށިކެޔޮމާގަނޑު އިނީ ގަދަރަތްކުލައިގައެވެ. އަދި ރަށާއިވީ ފަރާތަށް ކުޑަކޮށް އަރިވެސް ވެފައެވެ.
ތަކުރުބޭ އޭނާގެކިޔެވެލި ނިންމާލަމުން އައިސް ރިސާމުގާތަށް ހުއްޓުނެވެ. އޭރު ގަދަރަތްކުލާގައި ފެންނާންހުރި ބޯކަށިކެޔޮމާގަނޑު ފެނުމުން ތަކުރުބޭއަށް ވެސް ސިހުން އައެވެ.
” މާގަނޑު ހިފައިގެން އަވަހަށް ހިނގާދާން … ހުރިހާ ނުބައެއް ގުޅިފައިވަނީ ރިސާމުމެން ގެއާ. ” ވަރަށް ޝައުގުވެރިކަމާއެކު މާގަނޑަށް ބަލާލުމަށްފަހު ރިސާމަށް ބަލާލަމުން ތަކުރުބޭ ވާހަކަދެއްކިއެވެ.
ނުނިމޭ