ދެބަދުނާމް
( އަށްވަނަބައި )
” މިހާރު ދޭއްޖަހަންވަނީ. ދޭއްޖެހީމަ ފެންވަރައިގެން ކާން އާދޭ. ބެޑްސީޓާއި އެއްޗިހި ރަނގަޅަށް ދޮންނާތި. ” ސެނާއާ ދިމާއަށް ބަލާލަމުން ޖުމާނާ ބުންޏެވެ. އަދި އެކޮޓަރިން ނުކުންނާން ހިނގައިގަތެވެ.
” މަންމާ! އަހަރެންގެ ދަރި.. ” މަޑުމަޑުން ސެނާ އަހާލިއެވެ.
” ލަދެއްނުގަނޭތައެވާހަކަ ދައްކާކަށް؟ ހަނދާންކުރާތި މީގެފަހުން އެމާހާއި ވާހަކަ ދައްކައިގެން ނުވާނެ. އަދި އެދަރީގެ ވާހަކަވެސް ދައްކައިގެން ނުވާނެ. ” ހިތްހަމަނުޖެހުމާއެކުގައި ވާހަކަ ދައްކަމުން ދައްކަމުން ޖުމާނާ ގޮސް އެކޮޓަރިން ނުކުތެވެ.
ޖުމާނާ އެފަދައިން ވާހަކަދެއްކިނަމަވެސް ސެނާ ދެރައެއްނުވެއެވެ. އަދި ހާހެއްވެސްނުވެއެވެ. އެހެނީ އެކަން ނިމިގެންއެދިޔައީ ސެނާވެސް ބޭނުންވިގޮތަށެވެ.
ވަގުތުތައް ފާއިތުވަމުންއައިސް ދޭއްޖެހުމުން ކަހަލަގޮތަކަށް ސެނާ ތެދުވިއެވެ. ޖުމާނާ ބުނިފަދައިން ފެންވަރާ ގައިންތާހިރުވުމަށް ގިފިއްޔަށް ދިއުމަށް ސެނާ އެނދުން ފޭބިއެވެ. ތަޅުމުގައި ފައި ޖެހުމާއެކުވެސް އިހުސާސްވެގެން ދިޔައީ ހަށިގަނޑުވަރަށް ލުއިވެފައިވާ ކަމެވެ. އެކަމުގެ ސަބަބުން ލިބުނު ހިތްހަމަ ޖެހުމުގައި ސެނާއަށް ހިނިތުން ވެލެވުނެވެ.
ވަރަށް ފަރުވާތެރި ކަމާއެކު އެހާމެ ބަލައިގެން މަޑުމަޑުން ސެނާ ގޮސް ގިފިއްޔަށް ވަނެވެ. ވަރަށްރަނގަޅަށް ފެންވަރައި ގައިންތާހިރު ވެލުމަށްފަހު ހެދުމާއި އެއްޗެތި ދޮވެ އެއިން ލޭ ފިލުވާލިއެވެ.
ފެންވަރައިގެން އައިސް ކޮޓަރީގައި ހުރިއިރު ސެނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އެކަންތަކުން ސަލާމަތްވެ ހަށިގަނޑު ހަމައަކަށް އެޅޭގޮތްވުމުން ސެނާ އަނެއްކާވެސް ގަވާއިދުން މަދަރުސާއަށް ދާންފެށިއެވެ. އެކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރުމުން ބުނަމުންދަނީ އެބަލިން އޭނާ މިހާރު ރަނގަޅުވެއްޖެ ކަމަށެވެ.
ގިފިލިތެރޭގައި އިންދާފައިވާ ރުއްކާއްޓަށް ޖުމާނާ ގަވާއިދުން ފެން ދެމުން ގެންދިޔައެވެ. އެރުއްކާށި އެތަނުގައި އިންދިތާ ދެހަފްތާއެއްހާ ދުވަސްވީރު އެކާށިން އިތުރު ރުކެއްފަޅައިފިއެވެ. އެއީ މަދުންނަމަވެސް ފެންނަމުންދާކަމަކަށްވާތި އާއި އައުކަމަކަށް ނުވާތީ ޖުމާނާ އެކަމަކަށް މާބޮޑުސަމާލުކަމެއް ނުދެއެވެ.
ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައިރު ސުމްނާ އާއި މާހުގެމެދުގައިވާ ލޯބީގެގުޅުން ވަރުގަދަވަމުން އާރޯވަމުންދިޔައީ އެލޯބީގެގުޅުމަށް ދެފަރާތުގެ ޢާއިލާއިންލިބިފައިވާ ރުހުމާވެސް އެކުގައެވެ. އެހެނަސް މިއިންއެއްވެސްކަމެއް ސެނާއަކަށް ނޭނގެއެވެ.
މާހާއި ދުރުގައި ހުންނާން ޖެހުމުން ކިތަންމެ ދެރަވި ނަމަވެސް އެކަމާ ހިތާމަކޮށް ކަރުނައޮހޮރަމުންދިޔަނަމަވެސް ޖުމާނާގެ ވާހަކަތައް ގަބޫލުކޮށް އޭނާގެ ގޮތުގައި ސެނާ ހިފޭއްޓިއެވެ. ހަމައެހެންމެ މާހުގެ ފަރާތުން ވެސް ސެނާއަކަށް އެއްވެސް އިޝާރާތެއް ނުވެއެވެ.
މަހެއްހާދުވަހު އިންޑިޔާގައިއުޅުމަށްފަހު ރާއްޖެއައިސް ދެވަނައަށްވީ ދުވަހު ރިސާމު ރަށަށް އައިސްފިއެވެ. ރިސާމު ރަށަށްއައުމުން ސެނާއާއި ޖުމާނާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ.
މެންދުރުގެ ކެއުމުގެ ވަގުތެވެ. ޖުމާނާ އާއި ރިސާމު އަދި ސެނާ މެންދުރުގެ ކެއުމާއިގެން މަސްޢޫލުވެތިބިއިރު އެތިންމީހުން ކޮންމެވެސް ވާހަކަތަކެއް ވެސް ދައްކަމުން ގެންދިޔައެވެ.
” ގިފިލި ތެރޭގައި ހުރި ދެރުއް ހާދަރީއްޗޭދޯ ؟”ޖުމާނާއަށް ބަލާލަމުން ރިސާމު ބުންޏެވެ.
” އާން. އެދެރުއް ރީތިކަމުން ބޭރަށް ނުނެރުނީ ވެސް. ބޭރަށް ނެރެފިނަމަ އެސްފީނާ ޖެހިދާނެއެއްނު. ” ރިސާމުގެ ވާހަކައާ ގުޅުވައިގެން ޖުމާނާ ވާހަކަ ދެއްކިއެވެ. އެއީ އެދެރުއް ނަގާން ރިސާމު މަސައްކަތް ކޮށްފާނެތީއާއިވެސް އެކުގައެވެ.
” އާން … ތިހެންވެސް ވެދާނެ. އަހަރެންނަށް ވެސް ފެންނަނީ އެދެރުއް އެތަނުގައި ބައިންދަން. ” ޖުމާނާގެ ނިންމުމަށް ތާއިދުކޮށް ރިސާމުވެސް ވާހަކަ ދެއްކިއެވެ. އެކަމުގެސަބަބުން ޖުމާނާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދާވަރަކަށް ސެނާގެ ކެތްތެރިކަން ކޮޅުންލަމުން ދާންފެށިއެވެ. މާހުގެ ހިޔާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. ހަމައެހެންމެ މާހުގެފަރާތުން ލިބިގެންދިޔަ އިސްޤީމަސްތީ ބީހުންތަކާއި ލޯތްބަށް އެދެވޭން ފެށިވެސް މެއެވެ.
ވަގުތުތައް ފާއިތުވަމުންއައިސް ހަވީރުހަތަރުގަޑިބައި ކަންހާއިރެވެ. ގިފިލިތެރާގައި އިންދާފައިވާ ރުއްކާއްޓަށް ފެންދޭން ޖުމާނާހުއްޓެވެ. އެކާށި އިންދިތާ މިހާރު މަހެއްހާދުވަސް ވެފައިވާއިރު އެކާށިން ފަޅާފައިވާ ދެރުށް ވަރަށް ރީއްޗަށް ހެދެމުންއައިސް މިހާރު ދެރުކުން ކުރުއްޕަތްފަޅައި ފޫޓެއްހާ މައްޗަށް ހެދިއްޖެއެވެ.
ގޭތެރޭގައި ކުރާންހުރި މަސައްކަތްތައް ނިންމާލުމަށްފަހު ޖުމާނާ ފެންވަރަންވަނީ ހައެއްވެސް ޖެހި ފަހުންނެވެ. އިރުއޮއްސޭ ވަގުތު ގާތްވުމުން ރަށުތެރެއަށް އަނދިރިކަން ވެރިވަމުންދިޔަ ނަމަވެސް ޖުމާނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ދޮންނާންވެފައިވާ ބައެއްތަކެތިދޮވެ ރޯނުގައި އަޅާލުމަށްފަހު ޖުމާނާ ފެންވަރާންފެށިއިރު މަޢުރިބުނަމާދު ބަންގިގޮވައިނިމިއްޖެއެވެ. ގިފިލިތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ފެންވަރާ ނިންމާލުމަށްފަހު ފެންހިއްކައި ހެދުންލީވަގުތު ޖުމާނާއަށް ހުއްޓުން އެރިއެވެ.
އޭނާއާ ވަރަށްގާތުން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެއަޑު އިވުމުން ހައިރާންކަމާއެކު ވަށައިގެން ހޯދާލި ނަމަވެސް އަނދިރިކަމުން ތަނެއްދޮރެއް އެނގޭ ވަރެއް ނުވެއެވެ. ވަށައިގެން ހޯދާލިވަގުތު ޖުމާނާގެ ނަޒަރު ހުއްޓުނީ ރުއްކާށި އިންދާފައިވާ ކަނަށެވެ.
ވަރަށްގަދައަށް ވިދާލުމާ އެކުހެން ގުގުރައިގަތް އަޑުކަހަލަ އަޑެއް އިވުނެވެ. އެހެނަސް ވިއްސާރައިގެ އަސަރު އެއްވެސްވަރަކަށް ފެންނާކަށް ނެތެވެ. ދެރުއް ދޭތެރޭން ވަރަށްގަދައަށް ދިލަކަނި ބުރާލުމާއެކުހެން ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެއަޑު އިވޭންފެށިއެވެ. ދެރުއް ދޭތެރޭން ފާޅުވި އެއަޑާއިއެކުހެން ކުއްލިއަކަށް ޖުމާނާ ހަނދާންވީ އެތަނުގައިވާ ވަޅުލާފައިވާ ތުއްތު ތުއްތު ކުއްޖާގެ މަތިންނެވެ.
ކޮންމެވެސްވަރެއްގެއަލިކަމެއް ގިފިލިތެރެއަށްފާޅުވުމުން ޖުމާނާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ދެރުކުގެކުރައްޕަތް ތެޅިލުމާއެކުހެން ކުއްލިއަކަށް އެތަނުންފާޅުވީ މާހެވެ. އޭރު މާހުހުރީ ރުޅިއައިސް ދެލޯރަތްވެފައެވެ. އަތުގެ އިނގިލިތައް ހަރަކާތްކޮށްލިއިރު އެއިނގިލިތަކުގެ ނިޔަފަތިތައް ނުހަނު ދިގެވެ.
ރުޅިއައިސް ރަތްވެފައިވާ ފަދައަކުންހުރި މާހު ޖުމާނާއާ ދިމާއަށްހިނގައި ގަތެވެ.
އޭނާގެކުރިމަތިން ފެންނާންހުރީ މާހު ނޫންކަން ޖުމާނާއަށް ޔަގީން ވިއެވެ. އެހެންވެ ގަތްބިރާއެކު ސަލާމަތަށް އެދި ރޮއި ހަޅޭލަމުން ޖުމާނާ ދުއްވައިގަތީ ގިފިލިންބޭރަށް ނުކުންނާންހުރި ދޮރާއިދިމާއަށެވެ. އެހެނަސް އެކަމުގައިއެއްވެސްކާމިޔާބެއް ނުލިބި އޭނާ އަނގަވަތަށް ވެއްޓިއްޖެއެވެ. އެހެންވީނަމަވެސް ހިތްވަރު ދޫކޮށްނުލާ ޖުމާނާ އުޅުނީ ތެދުވާށެވެ. އަވަސްއަވަހަށް އިސްއުފުލާލިއިރު އޭނާގެ ކުރިމަތީގައި ކަހަލަގޮތަކަށް މާހު ހުއްޓެވެ. ހަޅޭލަވައިގަންނާން އުޅުނުނަމަވެސް ޖުމާނާގެދުލެއް ހަރަކާތެއް ނުކުރިއެވެ.
ޖުމާނާ އާ ދިމާއަށް ގުދުވަމުންދިޔަ މާހުގެ ކަނާއަތް ގެންދިޔައީ ޖުމާނާގެ މޫނާއި ދިމާއަށެވެ. ހަމައެހެންމެ މަދު ސިކުންތުކޮޅެއް ތެރޭގައި ޖުމާނާގެ ދެ ލޯ ދަމައިގަތެވެ. ވީތަދާއި ނެގިދިލައިން ކެތްނުވެގެން އަޑުގެކޮޅަށް ރޮއިގަތުމާ އެކެހެން ޖުމާނާ މަރުވެއްޖެއެވެ.
ނުނިމޭ