ދެބަދުނާމް
( ހަވަނަބައި )
ކޮންމެވެސްދުވަހަކުން އެތަނުން މާހު އޭނާއާ ބައްދަލުކުރާނެކަމަށް އޭނާގެ ހިތް ބުނަމުންދިޔަ ކަހަލައެވެ. އިއްޔެއާއި އޭގެކުރީދުވަސްފަދައިން މިއަދުވެސް އޭނާ އެތަނުގައި ހުރީ އެއުންމީދާއި އެހިޔާލުގައެވެ. ހަމައެހެންމެ އެއުންމީދާއި އެހިޔާލު ޙަޤީޤަތަކަށް ވެދާނެކަމަށް ކުރެވޭ އިންތިޒާރުގައެވެ. ކުރީދެރޭ އެހެންވީ ނަމަވެސް މިރޭމާހާއި ބައްދަލުވާނެކަމަށް އޭނާ ކުރާއުންމީދު އިތުރެވެ.
މަޢުރިބުނަމާދު ވަގުތުގެ ބަންގިއާއެކުހެން ގިނަބަޔަކު މިސްކިތާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއެކު މަގުތަކުން މީހުންފެނުން މަދުވަމުން ދިޔައެވެ.
ސެނާ އެތަނުގައި ހުރިއިރު، ވެރިވަމުންދިޔަ އަނދިރީގެސަބަބުން އޭނާއަށް އެއްވެސް ހިލަމެއް ނުވާ ކަހަލައެވެ. ހިޔާލީ ކަނޑެއްގައި ފަތަމުން ދިޔަ ސެނާ ސިއްސައިގެންދިޔައީ އޭނާއަށް އެއްވެސް ހިލަމެއްނުވެ އޭނާގެފަހަތުން މީހަކުއައިސް އޭނާގެ މޫނުމަތީގައި އަތްއެޅުމުންނެވެ.
” މީކާކު ؟ “ސެނާގެ ކަންފަތާއި އޭނާގެއަނގަ ކައިރިކޮށްލަމުން އެމީހާ އަހާލިއެވެ. ކަންފަތުގައި އަޑުޖެހުމާއެކު ވެސް އެއީ މާހު ކަން ސެނާއަށް ޔަގީން ވިއެވެ.
ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އަވަސްއަވަހަށް މާހުގެ އަތް އޭނާގެ މޫނުމަތިން ނަގަމުން މާހާއި ދިމާއަށް އެނބުރުނެވެ. ސެނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުއްޓި ސެނާއާ ދިމާއަށްބަލާންހުރި މާހު ފެނުމުން އޭނާގެހިތް އުފަލުންފޮޅުނެވެ. އަވަސްއަވަހަށް މާހުއާ ގާތަށް ޖެހިލެވުނީ ކިހިނެތްކަމެއް އޭނާއަށްވެސް ނޭނގުނެވެ.
ލިބުނު ފުރުސަތުގެ ބޭނުންހިފުމަށް ސެނާ އަވަސްވިއެވެ. އޭނާ މާހު ދެކެ ލޯބިވާވަރު ހާމަކޮށް އޭނާގެ ލޯބި ގަބޫލުކުރުމަށް މާހު ގާތު އެދުނެވެ. ހަމައެހެންމެ އޭނާއަށް މާހާއި މެދު ކަންތައްކުރެވުނު ގޮތާމެދު ދެރަވާ ކަމަށްބުނެ ތަކުރާރުކޮށް މައާފަށް އެދުނެވެ.
ސެނާއަށް މައާފުކޮށް ސެނާގެ ލޯބި މާހު ގަބޫލުކުރީ އޭނާވެސް ސެނާ ދެކެވާލޯތްބެއްގެ ސަބަބުންނެވެ. ހަމައެހެންމެ ސެނާއާގުޅިގެން އުފާވެރިހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެކަމުގެ އުންމީދާއި ޔަގީންކަން ވެސް އޮތުމުންނެވެ.
ސެނާއާ މާހުގެނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައީ އެހެން އެންމެންގެލޯތަކަށް ސިއްރުންނެވެ. ހަމައެހެންމެ އެހެންމީހަކަށް ހިލަމެއްވެސްނުވާހާ ސިއްރުންނެވެ.
ސުމްނާ ދެއްކި ވާހަކަތަކާ ބެހޭގޮތުން ސެނާ ސުވާލު ކުރުމުން މާހު ބުނީ އޭނާ ސުމްނާއަށް އޮޅުވާލީ ކަމަށާ، އެހެންހެދީ އޭނާގެފަރާތުން އެހެން މީހަކަށް އެނގިދާނެތީ އެހެންވިޔަ ނުދިނުމަށްޓަކާ ކަމަށެވެ. އަދި ސުމްނާ ގާތު އިތުރަށް މިވާހަކަ ނުދެއްކުމަށް ވެސް ބުންޏެވެ. މާހުގެ ވާހަކަތައް ގަބޫލުކުރަމުން އޭނާ ބުނާފަދައިން އަމަލު ކުރުމަށް ސެނާ އެއްބަސްވަމުން ދިޔައިރު އޭނާގެމޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުން ދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މާހެކޭ އެއްފަދައިން ސެނާވެސް ބޭނުންވީ އެދެމެދުގައިވާ ލޯބީގެގުޅުން އެހެން މީހުންނަށް ސިއްރުކޮށް ވީހާވެސް ސިއްރުން ލޯބީގެ ބައްދަލުވުންތައް ބާއްވަމުން ގެންދާށެވެ.
މާހުއާ ސެނާ އެދެމީހުންގެ ލޯބީގެ ފުރަތަމަބައްދަލުވުން ނިންމާލީ އެރޭގެ ހަތެއްވެސްޖެހިފަހުންނެވެ. މާދަމާރޭވެސް ދެނަމާދުދޭތެރޭ އެތަނުން ބައްދަލުކުރުމަށް އެއްބަސްވަމުން ސެނާ އޭނާގެ ގެއާދިމާއަށް މިސްރާބުޖެހިއެވެ. އޭރު ސެނާގެ މޫނުމަތިން ފާޅުވަމުންދާ އުފަލާއި ހިތްހަމަޖެހުމަށް ފަނޑުކަމެއް ނާދެއެވެ.
ވަގުތުތައް ފާއިތުވަމުން މެންދަންވުން ކައިރިވަމުން ދިޔައިރު ރަށުތެރެއަށް ހަމަހިމޭންކަމާއި ފަޅުކަން ވެރިވަމުންދިޔައެވެ. މަގުތަކުން މީހުންފެނުން މަދުވަމުން ގެތަކުތެރޭން ފެންނަމުންދިޔަ ގަދައަލިތަކާއި އަޑުތައް މަޑުވަމުން ދިޔައެވެ.
ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ. ސުމްނާ އާއި މާހުގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުމަކީ ދެއާއިލާއިން ވެސް ނުހަނުރުހޭ ލޯތްބަކަށް ވިއެވެ. ސުމްނާއަކީ ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖަކަށްވާތީ ސުމްނާ އާ މާހު ބައްދަލު ކުރަނީ މަދަރުސާގެ ކިޔެވުންނޯންނަ ދުވަސްތަކުގެ ކުރީރެއާދިމާކޮށް ސުމްނާމެންގޭގައެވެ.
ސެނާ އާއި މާހު އެދެމީހުން ވާހަކަ ދައްކާ މަޝްވަރާ ކޮށްފައިވާ ފަދައިން އެހެންމީހުންގެ ލޯތަކަށް ސިއްރުން ކޮންމެރެއަކުހެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ބައްދަލުވުންތައް ބާއްވަމުންދިޔައެވެ. މާހުގެ އެދުމުގެމަތިން ސެނާ އަމިއްލައަށް ސުމްނާއާ ގުޅުންކަނޑާލިއެވެ. އެކަމާބެހޭގޮތުން ސުމްނާ ސުވާލުކުރުމުން ސެނާ ބުނީ މިހާރު ސުމްނާއާ ގުޅުންބާއްވަން ބޭނުންނުވާކަމަށެވެ.
މާޒީއާއެކުވަމުންދިޔަ ދުވަސްތަކާއެކުހެން ސެނާއާ މާހުގެލޯތްބަށް މަހަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
މާހު އެދެމުންދިޔަފަދައިން ސެނާއާ މާހުގެލޯބީގެ ބައްދަލުވުންތައް ރަށުގެ ހުޅަނގުކޮޅުގައިވާ ފަޅުގެތަކުން ގެއަކަށް ބަދަލުކުރިއެވެ. އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ހިސާބަކަށްވެފައި އެއްވެސް ވަރެއްގެ އަލިކަމަށްވެސްނުވާ ހިސާބަކަށްވާތީ އިރު އޮއްސުމަށްފަހު އެހިސާބުން މީހަކު ނުފެނެއެވެ. އެހެންވެ ސެނާއާއި މާހަށްޓަކައި އެތަން ވެފައިވަނީ ވަރަށް މިނިވަން އަމާންއޮމާން ލޯބީގެ މަންޒިލަކަށެވެ. އެތަނުގައި އެމީހުން ބޭނުންއިރަކު ބޭނުންވަރަކަށް ބައްދަލުކޮށް ބޭނުންގޮތަކަށް އުޅުމުގެ ފުރުސަތު ލިބިފައި ވެއެވެ.
ސާމުގެ ފަރާތުން ސެނާއަށް ނުލިބުނު އެތައްއުފަލަކާއި އަރާމެއް މާހުގެ ފަރާތުން ސެނާއަށް ލިބެމުންދިޔައެވެ. ލޯތްބަކީ ކޮބާކަމާއި ލޯބީގެ އާރާއި ބާރު ސެނާއަށް އެނގޭންފެށީ މިހާރެވެ. އެހެންވުމުން ސެނާ ހުންނަނީ މާހުއާއެކުގައި ހޭދަކުރެވޭ ވަގުތުވެސް މަދުވެފައެވެ. ހަމައެހެންމެ މާހުއާ ބައްދަލުކުރެވޭވަރުވެސް މަދުވެފައެވެ. މާހުގެ ލޯބީގައި މޮޔަވާވަރުވެފައިހުރި ސެނާއަށް، ލޯބީގެލައްޒަތާއި އިޝްގީ މަސްތުގައި އޭނާގެ އިއްފަތްތެރިކަން ވެއްޔާއި މޮޑެވިދިޔައިރުވެސް ހޭވެރިކަމެއްނުވިއެވެ.
މާހުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ސުމްނާ ހުންނަނީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. ހަމައެހެންމެ މާހު ދެމުންދާ ހިތްވަރުގެ ސަބަބުން ތަޢުލީމީހަޔާތާއިގެން ކުރިޔަށްދިއުމަށް އިތުރުބާރެއް ލިބިގެންދިޔައެވެ.
ސެނާއާ މާހުގެ މެދުގައިވާ ލޯބީގެގުޅުމަށް ދެމަހެއްހާ ދުވަސްވީރު ސެނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނާން ފެށިއެވެ. ބޯއެނބުރުމާއި ހޮޑުލެވުން އާންމުވާން ފެށިއެވެ.
ކުއްލިއަކަށް ހަށިގަނޑަށް މިއަންނާންފެށި ބަދަލާއި ކަންތައްތައް ވާންފެށިގޮތުގެ ސަބަބުން ސެނާ ހާސްވާން ފެށިއެވެ. ހަމައެހެންމެ މިކަންތައްތައް ބޮޑުވެ ސެނާއަށް މަދަރުސާއަށް ނުދެވޭދުވަސްތައް އިތުރުވަމުން ދާންފެށިއެވެ.
އިރުއޮއްސި ހަތެއްޖަހާކަން ހާއިރެވެ. ސެނާއާ މާހު އެދެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވާ އެ ފަޅުގޭގައި ތިއްބެވެ. ދެމީހުން ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދިޔަ އިރު އަޑާއިހަރަކާތުން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ތަކެވެ.
” މާހު! ދެން ކިހިނެތްހަދާނީ ؟ . މިކަން މިހެންވެއްޖާ މަންމަމެން ވެސް އަހަރެންދެކެ ވަރަށް ރުޅިއަންނާނެ … ނޭނގެ ހަދާނެ ގޮތެއްވެސް …. އަހަރެން މަދަރުސާއިންވެސް ކަނޑާލާނެ. މުޅިރަށަށް ފަޟީހަތްވާނެ. ހިނގާ އަވަހަށް ކައިވެނިކުރަން އޭރުން .. ” ކުޑައިރުކޮޅަކު ވިސްނާން އިނުމަށްފަހު ސެނާ ވާހަކަ ދެއްކިއިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
” ތިހެން ބުނާއިރަށް ކިހިނެތް ކައިވެނި ކުރާނީ ؟ …..މިހާރު ކައިވެންޏެއް ކުރުމަކީ ވެސް ހާދަ ބޮޑުކަމެކޭ … އެންމެފުރަތަމަ ސިޓީއެއްލައިގެން ސެނާ މަދަރުސާއިން ވަކިވާން ޖެހޭއިރު،އެކަމަކީ ވެސް އެހާފަސޭހައިން ކުރެވޭނެ ކަމެއްނޫން… ސެނާގެ ބައްޕަމެން ރުހިގެން ނޫންގޮތަކަށް އެކަންކުރެވޭން ނެތްއިރު ސެނާގެ ބައްޕަމެން އެކަމަކާ ރުއްސާނީ ކިހިނެތް ؟ …. އެކަން ނިމުނަސް އަދި ކުރިއެރުމެއްނެތް. ސެނާގެ ބައްޕަގެ ރުހުންހޯދާން އެބަޖެހޭ. އަހަރެންކަހަލަ މީހަކާ ސެނާ އިންނާން ސެނާގެ ބައްޕަ ވަލީއެއްނުދޭނެކަން އަހަރެންނަށްޔަގީން. އަދި އެކަން ކުރެވޭންއޮތީ ވެސް ސެނާގެ ބައްޕަ ރާއްޖެއައި ދުވަހަކުން. އަންނާނެ ދުވަހެއް އެނގެނީއެއްނޫން. ބައްޕަ އަންނަންދެން ކެތްތެރިވެ ހަމަޖެހިގެން ހުރޭ …. ހެދުން އެޅުމުގައި އެކަމަށް ވިސްނާތި … އަހަރެން ވެސް ތިކަމާ ވިސްނާނަން …… ދެން ހިނގާ ގެއަށްދާން. މިހާރު އުޅޭނެ ކަންނޭނގެ ސެނާ ހޯދަން. އަހަރެން ދެއްކި ވާހަކަތަކާމެދު ވިސްނާތި. ގެއަށް ދާއިރު އެހެންމީހަކަށް ނުފެންނާތި … ” ސެނާގެ ކޮނޑުގައި ހިފަހައްޓައިގެން ސެނާގެމޫނަށް ބަލަންހުރެ މާހު ވާހަކަދެއްކިއެވެ. އޭރު އޭނާގެ އަޑާއިހަރަކާތް ހުރިގޮތުން އޭނާ ހުރީ ވަރަށް ދެރަވެފައިކަން އެނގެއެވެ. ވާނީ ވެސް އެހެންތާއެވެ. އެކަން އެހެންއެދިމާވީ މާހުގެ ވެސް ސަބަބުންކަން މާހަށް ގަބޫލުކުރެވެއެވެ.
ނުނިމޭ