ދެބަދުނާމް
( ފަސްވަނަބައި )
މާހާއި މެދުގައި އެހާ ބޭއިންސާފުން ކަންތައް ކޮށްފައިވާ ސެނާ މާހުދެކެ ލޯބިވުމުގެ ސިއްރަކީ ކޮބައިބާއޭ ހިތަށް އަރާނެ މީހުން ނުހަނު ގިނަވާނެކަން ޔަގީނެވެ.
މާހަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ވަރަށްގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ސެނާ އެވާހަކަދެއްކީ އޭނާގެ އެކުވެރި ސުމްނާ ގާތުގައެވެ. ސުމްނާ އަކީ ސެނާގެ މަދުރަސީ ދައުރުން ފެށިގެން އޭނާއާ އެކުގައި އުޅެމުންއަންނަ އޭނާގެ އެންމެ ގާތް އެންމެ އެކުވެރި ރަހުމަތްތެރިޔާ އެވެ.
ސެނާ އެދުނުއެދުމަށް ސެނާ މެންގެއަށް ސުމްނާ ދިޔައީ ހަވީރު އެވެ. ސެނާއާއި ސުމްނާ ވާހަކަދައްކަން ތިބީ ސެނާގެ ކޮޓަރީގައެވެ.
” މާހާއިމެދުގައި ސެނާ ކަންތައްކޮށްފައިވާގޮތުން ސެނާގެވާހަކަތައް މާހު ގަބޫލުކުރާނެހެނެއް އަހަރެންނަކަށް ހިޔެއްނުވޭ.” ސެނާގެ ވާހަކަތައް އަޑުއެހުމަށްފަހު ސުމްނާ ބުނެލިއެވެ.
” ގަބޫލު ނުކުރަންވީ ކީއްވެ ؟ …. އަހަރެން މިބުނީނު އަހަރެން އެންމެ ލޯބިވަނީ މާހު ދެކެޔޭ. މާހުނޫން މީހަކުދެކެ އަހަރެން ލޯތްބެއްނުވޭ. އޭރު އެހެން ކަންތައްކުރެވުނީ އެވަރު ނުވިސްނުނީމަ އާއި ސާމުގެ ސަބަބުން …… ސުމްނާ އާއި މާހު ވަރަށް ރައްޓެއްސެއްނު…. ސުމްނާ ނިކަން އަހަރެންނަށް މިކަން ކޮށްދީބަލަ … އޭރުން ސުމްނާ ބުނާ ކޮންމެކަމެއް ކޮށްދޭނަން. އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މިކަން ކޮށްދީބަލަ.” މާޔޫސްވެއިސްޖެހިފައިވާ ސެނާ މަޑުމަޑުން ވާހަކަ ދައްކަމުންދިޔައިރު ސެނާގެ ވާހަކަތައް ސުމްނާއަށް ގަބޫލުކުރެވެމުން ދިޔައެވެ.
” އާން …….. އަހަރެންނާއި މާހު ވަރަށް ރައްޓެހި. އަހަރެން ތިވާހަކަ ބުނެފާނަން … އެކަމު އެވާހަކަތައް ގަބޫލުކުރުމާ ނުކުރުން އެއީ މާހުގެ ކަމެއް. އަހަރެންވެސް ބޭނުން ސެނާ އުފަލުގައި ހުންނަތަންދެކެން. ހިތްވަރު ކުރޭ. އަހަރެންނަށް ވެވުނު އެންމެ ރަނގަޅަކަށް އެހީވެދޭނަން. ” ސެނާއަށް ހިތްވަރުދެމުން ސުމްނާ ވާހަކަ ދެއްކިއެވެ.
މާހުގެ ލޯބި ހޯދުމަށް ސުމްނާ އެހީތެރި ވެދޭނެ ކަމަށް ބުނުމުން ސެނާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އެއްރެއެއްގެ އިރާކޮޅު ވަގުތެވެ. ސުމްނާ އާއި މާހު ބައްދަލުވީ މާހުމެން ގެކައިރިންނެވެ. ސުމްނާ އާއި މާހަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ދެއެކުވެރިންނެވެ. މާހަށް ސުމްނާ ފެނުމާއެކުހެން ސުމްނާއަށް ގޮވާލިއެވެ. މާހު ގޮވާލުމުން ސުމްނާ އައިސް މާހާއި ވާހަކަދައްކާން ފެށިއެވެ.
” މާހު ! ވަރަށްބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް ……. އެކަމު …. އެވާހަކައިގެ ސަބަބުން އަހަރެން ދެކެ ރުޅި ނާންނާތި. ” މާހާއި ދިމާއަށް ބަލާލަމުން ސުމްނާ ވާހަކަދެއްކިއެވެ.
” ސުމްނާ ކޮންމެވާހަކައެއް ދެއްކިޔަސް އަހަރެން ސުމްނާ ދެކެ ރުޅިއެއް ނާއްނާނަން. އެކަމު އަހަރެން ހިތްހަމަ ނުޖެހޭ ކަހަލަ ވާހަކައެއް ދައްކަންޏާއި އެވާހަކަ ނުދެއްކުމަށް އެދޭނަން. ” ސުމްނާގެ ވަހަކައާ ގުޅުވައިގެން މާހު ވާހަކަ ދެއްކިއެވެ.
” މާހު! … މާހުދެކެ ސެނާ ލޯބިވާ ވާހަކަ ބުނެފިނަމަ ގަބޫލު ކުރާނަންތަ ؟ ” ދުރަށް ބަލާލަމުން ސުމްނާ އެހިއެވެ.
” ސުމްނާ ބުންޏަސް އަހަރެން ތިވާހަކަ ގަބޫލެއް ނުކުރާނަން. އެހެން ނޫނަސް އަހަރެންނަށް ރަނގަޅީ ސުމްނާ ތިވާހަކަ ނުދެއްކިއްޔާ. ” ސުމްނާއާ ދިމާއަށް ބަލާންހުރެ މާހު ބުންޏެވެ. އޭރު މާހުގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
” އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަކީ މާހުގެ ވަރަށްގާތް ރައްޓެއްސެއް .. އަހަރެންނަށް މާހު ފެންނަނީ ވަރަށް އެކަނިވެރިކޮށް އުޅޭތަން. އަހަރެން ބޭނުން މާހަށް އެހީތެރިވާން …… ސެނާއާ މެދުގައި ހިތްހަމަ ނުޖެހެންޏާއި ހިތްހަމަޖެހޭ ކުއްޖެއްގެ ވާހަކަބުނޭ. އަބަދު ތިހެން އެކަނިވެރިކޮށް ނުހުރޭ. ” މާހަށް އެހީތެރިވާން ބޭނުންކަން ހާމަކުރަމުން ސުމްނާ ވާހަކަ ދެއްކުން ނިންމާލިއެވެ.
” އަހަރެން ސުމްނާގާތު އެދޭނީ ސުމްނާއަށް ވާވަރުގެ ކަމަކު… އެއީ ސުމްނާގެ ފަރާތުން އަހަރެންނަށް ލޯބި ލިބުން. މިހާރު އަހަރެން އެންމެ ލޯބިވަނީ ސުމްނާ ދެކެ. އޭރުން އަހަރެން .. ” މާހު ދައްކަންފެށި ވާހަކަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. މާހާއި ދިމާއަށް ސުމްނާ ބަލާލިވަގުތު ސުމްނާއާ މާހުގެ ހަތަރުކަޅި ހަމަވެ ދެމީހުންނަށް ހުއްޓުން އެރިއެވެ.
” އަހަރެންވެސް މާހު ދެކެ ވަރަށް ލޯބިވޭ… ” މާހުގެ މޫނަށް ބަލަންހުރެ މަޑުމަޑުން ސުމްނާ ބުނެލިއެވެ. އެތައްދުވަހެއް ވާންދެން ހިތުގައި ރައްކާކޮށް ގެންހުރި ލޯބި ސުމްނާ ހާމަކުރީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުންނެވެ.
ސުމްނާ އާއި މާހުގެ މެދުގައި ލޯބީގެގުޅުން ފެށިގެން ދިޔައީ ދެމީހުން ވެސް ބޭނުންވެގެންކަމަށްވާތީ އެކަމުގައި އެހެންމީހެއްގެއެހީ ހޯދާކަށް ނުޖެހުނެވެ. ހަމައެހެންމެ އެކަމަށްޓަކައި ވަގުތުތަކެއް ހޭދަކުރާކަށްވެސް ނުޖެހުނެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް އެދިއެދިކަން ވަގުތު ޖެހުމާއެކުހެން ހާމަވެގެންދިޔައެވެ. ސުމްނާ އާއި މާހު ލޯބީގެ އަހުދުތަކާއި ވައުދުތައްވަމުން ދުވަހަކުވަކިނުވެ އެކުގައިވުމަށް ބުނަމުންދިޔައީ އެމަގުމަތީގައިތިބެގެން ނަމަވެސް އެދެމީހުންފިޔަވާ އެހެންމީހަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.
ސުމްނާއާއި މާހު ވާހަކަ ދައްކަން ވިއްސަކަށް މިނިޓް އެތަނުގައި މަޑުކުރުމަށްފަހު ގެއާއިދިމާއަށް ހިނގައިގަތީ އުފަލުން ފުރިފައިވާ ހާލުގައެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
މާހުދެކެ ސެނާ ލޯބިވާ ވާހަކަބުނުމުން މާހު ދިންޖަވާބު ހޯދުމަށް ސުމްނާމެންގެއަށް ސެނާ ދިޔައީ އެރޭގެ ނުވައެއް ޖަހާކަން ހާއިރެވެ.
ސެނާ އާ ސުމްނާ ވާހަކަ ދައްކަމުން ދައްކަމުން ސުމްނާ ބުނީ ސެނާ ދެއްކި ވާހަކަތައް މާހު ކައިރީ ދެއްކުމުން މާހު އައީ ރުޅިކަމަށެވެ. ހަމައެހެންމެ އިތުރަށް އެވާހަކަ ނުދެއްކުމަށާ އެވާހަކަ ދައްކާނަމަ ސުމްނާ އާއި ގުޅުންބާއްވަން ބޭނުން ނުވާކަމަށް ވެސް މާހު ބުނިކަމަށެވެ.
ސުމްނާ އާއި މާހުގެ މެދުގައި ލޯބީގެގުޅުން ފެށިގެންދިޔަ ވާހަކަ ސުމްނާ ސިއްރުކުރީ ދެފަރާތުގެ މަސްލަހަތަށް ޓަކައެވެ.
މާހުގެލޯބި ލިބޭގޮތްނުވުމުން ސެނާ ވަރަށް ދެރަވިއެވެ. އެހެންވެ ވަރަށް މާޔޫސްވެ އިނދެ ރޮއިރޮއިފައި އެވާހަކަ ދައްކަމުން ދިޔައެވެ. ހަމައެހެންމެ ގަޑިއެއް ހާއިރު ސުމްނާއާ ވާހަކަދައްކާން އިނުމަށްފަހު ސެނާ ގެއަށްދަމުން ބުނީ އޭނާ ދުވަހަކު ވެސް އެހެންމީހަކުދެކެ ލޯބިނުވާނެކަމަށާ މާހު ނޫން މީހަކާ ނުއިންނާނެ ކަމަށެވެ.
މާހުގެ ލޯބި ލިބޭގޮތް ނުވުމުން ސެނާ ކުރަމުންދާ ހިތާމަތައް ދުވަހަކަށްވުރެދުވަހެއް އިތުރުވަމުންދިޔައެވެ. ހަމައެހެންމެ އެކަނިމާއެކަނި ހޭދަކުރާވަގުތުތައް އިތުރުވަމުން އެކަހެރި ހިސާބުތަކުންފެނުން ގިނަވަމުންދިޔައެވެ. އެގޮތުން އެންމެ އާންމުކޮށް އޭނާ ފެންނަމުންދަނީ ރަށުގެ ދެކުނުފަރާތު އަތިރިމަތީގައިވާ ދިއްގާ ގަސްތައް ކައިރިންނެވެ. އޭގެތެރޭން ބައެއްދުވަސް ދުވަހު ހަވީރު އެތަނަށްދާގޮތަށް އިރުއޮއްސޭންދެންވެސް އެތަނުގައި ހުރެއެވެ. މިހާރަކަށް އައިސް ސެނާގެ މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަމުގެ އިތުރުން އެކަނިވެރިކަން ނޫން އެހެންކަމެއް ނުފެނެއެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއެކުހެން ވަގުތުތައް ފާއިތު ވަމުން އައިސް ހަވީރު ވެއްޖެއެވެ. އިރުއޮއްސޭ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރެއަށް ފެތުރެމުންދިޔަ އަނދިރިކަމާ އެކުހެން ހަމަހިމޭންކަން ވެސް ވެރިވަމުން ދިޔައެވެ.
ސެނާ އޭނާގެއާދައިގެމަތިން މިއަދުވެސް އިރުއޮއްސޭގަޑިއާދިމާކޮށް ދެކުނުފަރާތު އަތިރިމައްޗަށް އައެވެ. އެތަނު ގައިވާ ދިއްގާގަސްތަކުގެ ތެރެއިން ގަހެއްގައި ލެގިލައިގެންހުރި ސެނާގެ ހަރަކާތްތަކުންނާއި މޫނުމަތިން ފާޅުވަމުންދާ ސުޢޫރުތައް އަންގައި ދެނީ އޭނާ ކޮންމެވެސް މުހިންމުކަމަކާ ވިސްނަމުންދާ ކަމެވެ.
ނުނިމ