ދެބަދުނާމް
( ތިންވަނަ ބައި )
ސެނާގެ ބާރު ރުއިމާއި އޭނާ ސަލާމަތް ކުރުމަށް އެދި އާދޭސް ކުރަމުންދިޔަ ގޮވުމުގެއަޑަށް ދަރިވަރުންނާއި ޓީޗަރުންތައް އެތަނަށް ޖަމާވާންފެށިއެވެ.
ހަދާނެގޮތްހުސްވެ ބުނާނެއެއްޗެއް ނޭނގިފައި މާހުހުރިއިރު ސެނާ މޫނުގައި އަތްއަޅައިގެންހުރެ ބާރަށް ރޮނީއެވެ.
” ނީމާ! ސެނާ ގެންގޮސް ގެއަށްލާ … މާހު ! މަދަރުސާއިން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރޭ. ” ހިތްހަމަ ނުޖެހުމާއެކު މާހަށް ބަލާން ހުރެ ހެޑްމާސްޓަރ ސާއިދު ވާހަކަދެއްކިއެވެ.
ވާނުވާނޭނގޭ ޓީޗަރުންނާއި ދަރިވަރުންތައް މަޑުމަޑުން އެކިދިމާއަށް ހިނގައިގަތުމުން މާހު ވެސް މަޑުމަޑުން ގެއާއިދިމާއަށް ހިނގައިގަތެވެ. ކޮށްލެވުނު ކުޑަކުޑަ ހަރަކާތެއްގެ ސަބަބުން މުޅި މަދަރުސާއަށް ފަލީހަތްވީއެވެ.
މާހު ގެއަށްގޮސް އެކަމާވަރަށްވިސްނިއެވެ. ހަމައެހެންމެ ސެނާއާ ބައްދަލުކޮށް އެކަމަށްމަޢާފަށްއެދި އެފަދަކަމެއް ދެންނުކުރާނެކަމަށް ބުނުމަށްވެސްނިންމިއެވެ.
ޖެހިގެންއައި ދުވަހުގެ ހެނދުނު ވަގުތެވެ. މާހު މަދަރުސާއަށް ނުދިއުމުން، ވީކީއްތޯ އޭނާގެ މަންމަ އައިސަ ސުވާލު ކުރިއެވެ. މާހު ވަރަށް ރަނގަޅަށް އެވާހަކަތައް ކިޔައިދީ، ސެނާއާ އޭނާގެ އާއިލާ ކިބައިން މަޢާފަށް އެދެންބޭނުން ކަމަށް އައިސަގާތުބުންޏެވެ. އައިސައަކީ އޭނާގެދަރިންނަށް އޭނާދީފައިވާ ތަރުބިއްޔަތުގެ ސަބަބުން އަބަދުވެސް އޭނާގެ ދަރިންނަށް ފުރިހަމައަށް އިތުބާރު ކުރާ ހަރުދަނާމަޔެކެވެ.
އައިސަގޮސް ސެނާއާ އޭނާގެ އާއިލާ މެންބަރުންނާ ބައްދަލުކޮށް މާހުގެ ފަރާތުން، ސެނާ އާއި އެޢާއިލާގެ މެންބަރުންގެ ކިބައިން މަޢާފަށްއެދުނެވެ.
އެކަމުގެ ސަބަބުން ސެނާ ވަރަށް ރުޅިއައެވެ. މާހު އެދެއްކި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގުވާހަކަ ތަކެއް ކަމާއި މާހު އުޅުނީ ސެނާގެ މުޅި ދިރިއުޅުން އަބަދުގެއަބަދަށް ހަލާކުކޮށްލަން ކަމުގައި ސެނާ ބުންޏެވެ. ހަމައެހެންމެ އެފަދަ ބޮޑުކުށެއް ކުރިމީހަކަށް ދުވަހަކުވެސް މަޢާފް ނުކުރާނެކަމަށް ވެސް ބުންޏެވެ. ސެނާގެ އަމާލާއިބަހުން، ވީދެރައާއި ގަތްލަދާއި ލިބުނު ހިތްދަތިކަމުގައި މާޔޫސްވެ ކަރުއެލުވާލާފައި އައިސަ ގެއަށް ދިޔައެވެ.
އައިސަ ގެއަށް ގޮސް މާހާއި ބައްދަލުކޮށް ސެނާ އާއި އޭނާގެ އާއިލާ މެންބަރުން ދެއްކިވާހަކަތައް ކިޔައިދިނެވެ. އެކަމުގެ ސަބަބުން މާހު ވަރަށްދެރަވެ މާޔޫސްވިއެވެ. އަދި ރޮވިފައިވާ ހާލުގައި ދެވަނަފަހަރަށް ވެސް ޙަޤީޤަތް ހާމަކުރިއެވެ.
އައިސަ އޭނާގެ ދަރިންކުރި ތަރުބިއްޔަތުގެ ސަބަބުން އެކުދިން ނަށް ކުރާ އިތުބާރުގައި މާހުގެ ވާހަކަތަކަށް ފުރިހަމަ އިތުބާރުކުރިއެވެ.
މަދަރުސާއިން އެންގި އެންގުމަށް މަދަރުސާއަށް ނުގޮސް ހުންނަތާ ތިންވަނައަށްވީ ދުވަހު މާހާއި އައިސަ މަދަރުސާއަށްހާޟިރުކުރިއެވެ. މައްސަލަބެލުމަށްފަހު ސެނާގެ ވާހަކަތަކަށް ބުރަވެ މާހު މަދަރުސާއިން ވަކިކުރީ މާހާއި އައިސަ ކުރަމުންދިޔަ އާދޭހަށް ބަލާލުމެއްވެސް ނެތިއެވެ.
ކުރެވުނު ކުޑަކުށަކުން ބޮޑުބަދުނާމެއްވެ މާހުގެ ތަޢުލީމީހަޔާތުގައި ނިމުމުގެސިއްކަޖެހުނީއެވެ. މުޅިރަށަށްފަލީހަތްވެ އެތައްބައެއްގެ މަލާމާތާއިފުރައްސާރަ ވެސް ކުރިމަތިވީއެވެ.
ދުވަސްތައްމާޒީއާއި އެކުވަމުންއައިސް މަދަރުސާތަކުގެ ދެވަނަޓާމް ޗުއްޓީ ދުވަސްވަރެވެ. ކުޅިވަރުތަކާއިގެން އުޅެމުންދިޔައިރު އެންމެގިނަ ބައެއްގެ ލޮލުގައި އަޅައިގަތް މަންޒަރަކީ ރަށުމަދަރުސާ އާއި މަދަރުސާ ގޯތިތެރެ ޒީނަތްތެރިކުރަން ފެށުމެވެ. ހަބަރު ބަލާލުމުން އެނގުނީ އެތަން ޒީނަތްތެރިކުރަނީ ސާމުގެ ކައިވެންޏަށް ކަމެވެ.
ސާމުގެ ކައިވެންޏަށްޓަކައި އޭނާގެ ލޯބިވެރިޔާ ލަންމާއާއި އޭނާގެ އާއިލާމެންބަރުން އެރަށަށް އައީ މީގެދެދުވަހެއް ކުރިންނެވެ. އެއާއިލާ އުޅެމުންދަނީ ވެސް ސާމުމެން ގޭގައެވެ.
ލަންމާއަކީ ވަރަށްދޮން އެހާމެފުރިހަމަޒުވާނެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑަކާއި ކަޅުފަށުވިފަދަ ފަން އެހާމެ ދިގު އިސްތަށިގަނޑެއް ލިބިފައި ވެއެވެ. ލަންމާގެ ރީތިކަމަށް އިތުރުފުރިހަމަކަމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުންކުރާ ތަކެތީގެ ސަބަބުންނެވެ.
ސެނާގޭގައި އުޅެނިކޮށް އެޚަބަރުލިބުމާއެކުހެން އޭނާއަށް ހުއްޓުން އެރިއެވެ. ގަބޫލުކުރަންދަތިވެ ބުނާނެއެއްޗެއް ނޭނގިފައި އެތައްއިރަކު ހުންނާން ޖެހުނެވެ. ސާމު އޭނާއަށް އެފަދަހިތްދަތިކަމެއް ދީފާނެކަމަށް ގަބޫލުކުރަން ސެނާއަށް އުނދަގޫ ވިއެވެ. ސެނާ ގާތު ސާމު ބުނެފައިވާގޮތުން ސާމުގެހިތުން ސެނާ ފިޔަވާ އެހެން މީހަކަށް ޖާގަ ދެވިފައެއް ނުވެއެވެ. ހަމައެހެންމެ ސެނާ ނޫން އެހެންމީހަކުދެކެ އޭނާ ލޯތްބެއް ނުވެއެވެ. ނުވެސް ވާނެއެވެ. އަދި ސެނާގެ ކިޔެވުންނިމުނުހާ އަވަހަކަށް ސެނާއާއި ސާމު ކައިވެނި ކުރާނެއެވެ.
ގަބޫލު ކުރަން ދަތިނަމަވެސް ޙަޤީޤަތެއް ނެތި އެފަދަ ވާހަކައެއް ނުދައްކާނެ ކަމުގައި ސެނާއަށް ގަބޫލު ކުރެވުނެވެ. ލިބުނު ޚަބަރުގެސަބަބުން ހިތްދަތިވެ މާޔޫސްވުމުން މަސައްކަތާއިގެން ކުރިޔަށްނުދެވުމުން މަސައްކަތް ހުއްޓާލާފައި ސެނާ ގޮސް ކޮޓަރިއަށް ވަނެވެ.
ސާމާއި ލަންމާގެ ކައިވެނީގެ ޚަބަރު ލިބުމުން މާހު ވަރަށް އުފާވެ ހިތްހަމަޖެހުނެވެ. އެއީ އެކަމުގެ ސަބަބުން ނަމަވެސް ސެނާގެ ފަރާތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ރުހުމެއް ލިބިދާނެކަމަށް އުންމީދުކުރެވުނު ވަރުންނެވެ.
ސެނާ ހާމަކުރި ދޮގު މަޢުލޫމާތުގެ ސަބަބުން އޭނާގެ ތަޢުލީމީ ހަޔާތުގައި ނިމުމުގެ ސިއްކަޖެހި މުޅިރަށަށް ފަލީހަތްވެގެން ދިއުމުން ވެސް މާހުގެ ހިތުން ސެނާގެ ސޫރަ ފިލާނުދަނީ ކީއްވެބާއެވެ.
ސާމާއި ލަންމާގެ ކައިވެނީގެރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. ރަށުގެގިނަބަޔަކާއި ރަށުން ބޭރުންއައި އެތައްބަޔަކު އެހަފްލާގައިބައިވެރިވެ އުފާކުރަމުންދިޔައިރު ސެނާ އެކަނިމާއެކަނި އޭނާގެކޮޓަރީގައި ރޯލަރޯލާއޮތެވެ.
މެދުޓާމުގެ ޗުއްޓީނިމި އަނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ.
ސާމުގެ އަލަތުކައިވެންޏާއި އެކުހެން ސެނާގެ ލޯމަތިން އޭނާ ގެއްލިއްޖެއެވެ. ލަންމާގެއާއިލާގާތަށް ސާމުގެ ދިރިއުޅުން ބަދަލުކުރުމުން ސެނާއަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އެއީ އޭނާއަށް ސާމު ނުފެންނާތީ އެވެ.
” މާހު! .. ތިކަމާދެން ނުވިސްނާ … ހިނގާ ގެއަށްދާން. ” މާހުގެ ޚިޔާލީއާލަމުން އޭނާ ހޭލައްވާލީ ނާހިދެވެ.
” އާން … ހިނގާދާން. ” ޖޯލިފަތިން ތެދުވަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލާފައި މާހު ބުންޏެވެ.
މާހާއި ނާހިދު ގެއާދިމާއަށް ހިނގައިގަތެވެ. އޭރު މާހު ހިތުގައި އަޒުމް ކަނޑައަޅައިގެންހުރީ، ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ އެފަދައަންހެން ކުއްޖެއްގެ ފަހަތުން ދުވަހަކުވެސް ނުދިއުމަށެވެ. ހަމައެހެންމެ އެފަދަ އަންހެންކުއްޖެއް ގާތުން ލޯތްބަށް ނޭދުމަށާ އެފަދަ ދެވަނަބަދުނާމެއް ނުވުމަށެވެ.
ސާމުގެ ފަރާތުން ލިބުނު މާޔޫސްކަމާ ހިތްދަތި ކަމުގައި ސެނާ އެކަނި މާއެކަނި ކޮޓަރީގައި އޮވެގެން ވަގުތުތައް ހޭދަކުރަމުން ގެންދިޔައެވެ. އަދި އޭނާގެ ހަޔާތުގައި މިދިމާވި ހިތާމަތަކާމެދު ވިސްނާ ވަގުތު ގިނަވަމުން ދިޔައެވެ.
ސާމު އޭނާއާ މެދުގައި ކަންތައްކުރި ގޮތުގެ ސަބަބުން ލިބުނު ހިތާމައާ ހިތްދަތިކަމުގައި ނުކައިނުބޮއި ވަގުތުތައް ހޭދަކުރަމުންދިޔަ ސެނާ، ލަންމާ ދެކެ ވެސް ރުޅިއައެވެ.
ނުނިމޭ