
ލޯބިން ބުނާތީ – 63

ގެޔަށް ވަދެގެން އައި ކައިލް ފެނުމާއެކު އަކީލަށްވެސް ލިބުނީ ސިހުމެކެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފުޅާ ހިނިތުންވުމާއެކު ގޮސް ދަރިފުޅު ގައިގަ ބައްދާލައިފިއެވެ. އާލިކް ހެވިފައި ހުރެ ދެބަފައިންގެ އެ ފުރިހަމަ ވަގުތުކޮޅަށް ބަލަން ހުއްޓެވެ. ކައިލް އާއި އެކު ގޭތެރެއަށް އައު ދިރުމެއް ލިބިގެން ދިޔައެވެ. ކައިލްގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ އަކީލް ގޮސް ސޯފާގައި އިށީނދެ އެކި ސުވާލު ކުރަމުން ދިޔައެވެ. އަވަހަކަށް އެމެރިކާއަށް އެނބުރި ދިއުމުގެ ވިސްނުން ކައިލްގެ ނެތްކަން އެނގުމުން އަކީލް ނިންމީ ހޮސްޕިޓަލުން ކައިލްއަށް ވަޒީފާ ހަމަޖެއްސުމަށެވެ.
ރޭގަނޑު އިޝާ ނަމާދުން ފޭބި ގޮތަށް އިޝާން އައީ ކައިލް ބަލައެވެ. ގޭޓުން ބޭރަށް ނިކުތް ވަގުތު އަނަފް އާއި ޝަހުމްގެ އިތުރުން އެއް ކްލާހެއްގައި ކިޔެވި ދެތިން ކުދިން ފެނުމުން ކައިލްގެ ތުންފަތްމަތިން މަދުން ނޫނީ ނުފެންނަ ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. ކައިލް ފެނުމާއެކު ބައްދައިގަތް ގޮތަށް، އެންމެންވެސް ހީވަނީ ދެންމެ ދެންމެ ކައިލްގެ ގަޔަށް ބޮލަށް އަރައިގަނެފާނެހެންނެވެ.
“ކެލް އައި ވާހަކަ ބުނީއްސުރެ މި މީހުން މަގޭ ބޮލަށް އުނދަގޫ ކުރަނީ…އެހެންވެ ގޮވައިގެން މިއައީ…” އިޝާން ވާހަކަ ދައްކަމުން ގޮސް ސައިކަލަށް އެރުމުން އޭނާގެ ފަހަތަށް ޝަހުމް އެރިއެވެ. ކައިލް އޭނާގެ ސައިކަލު ނެރުމުން އެހެން އެކަކަށް ވުރެވެސް ކުރިން އަނަފް ދުވެފައި އައިސް ކައިލްގެ ސައިކަލު ފަހަތަށް އަރައިފިއެވެ.
“ކެލްގެ ފަހަތުގައި އިނީމަ މަށަށްވެސް ބިޓުންކޮޅެއް ނަޒަރެއް ދޭނީ…” ހެވިފައި އެންމެން ބަލަން ތިބުމުން އަނަފް ވާހަކަ ދެއްކިއެވެ. އެހެން އެންމެން ހޭންފެށިއިރު ކައިލްވެސް ދެފަރާތަށް ބޯހޫރާލިއެވެ.
ރިހާންމެންނަށް ރަށަށް އާދެވުނު އިރު ނުވައެއް ޖަހަން ގާތްވެއްޖެއެވެ. މެޗު ނިންމާފައި ޓީމް އެއްކޮށް ކެއުމަކަށް އެރުމުން ފުރުން ލަސްވީއެވެ. ބޭރު ޖޯލީގައި ތިބި ރާޝިދާ އާއި ރާފިއުއާ ވާހަކަ ދައްކާލާފައި ރިހާން ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ.
ލިއާ އުޅުނީ ޑްރެސިން ޓޭބަލް ސާފުކޮށް އެއްޗެހި ތަރުތީބު ކުރުމުގައެވެ. ސާފުތާހިރުކަމަށް ލިއާ ދޭ އަހަންމިއްޔަތެއްގެ ސަބަބުން ރިހާން ނުބުންޏަސް ނުހަނު ހިތްހަމަޖެހެއެވެ. ކިތައްމެ ބުރަ ދުވަހަކަށް ފަހުވެސް އައިސް ކޮޓަރިއަށް ވަނުމުން ރިހާންގެ ސިކުނޑީގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދާކަހަލައެވެ. ކޮޓަރީގައި އަބަދުވެސް ހަރުލާފައި ހުންނަނީ ލުއި ލުއި މީރު ވަހެކެވެ. އެހާ ބުރަކޮށް މަސައްކަތް ކުރިޔަސް ލިއާވެސް އަބަދު ހުންނަނީ ފެންވަރާލައިގެންނެވެ.
“ލިއާ…” ދޮރު ތަޅުލަމުން ރިހާން ގޮވާލިއެވެ. ކުޑަ ގޮތަކަށް ބަލާލި ލިއާ ހމމ އަޅުވާލިއެވެ.
“ކަމެއް ވެގެންތަ މެޗް ބަލަން ދާން އެއްބަސް ނުވީ…؟” ރިހާން ކަމެއް ދިރާސާ ކުރާ ފަދަ ގޮތަކަށް ލިއާގެ މޫނަށް ބަލަން ހުއްޓެވެ. ލިއާއަށް މަޑުމަޑުން ލޯ ހަނިކޮށްލެވުނެވެ. ލިއާގެ މޫނަށް އަންނަމުންދާ ކޮންމެ ބަދަލަކަށް ރިހާން ފަރުވާތެރިކަމާއެކު ބެލިއެވެ. މިއަދު ކައިލް ފެނުނީއްސުރެ ރިހާންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ މޫ މުޅި ހަށިގަނޑަށް ފެތުރިފައި ވާކަހަލައެވެ.
“ދީބަލަ ފޯނު…” ލިއާގެ ޖަވާބަކަށް މަޑުކުރުމެއް ނެތި ރިހާން ބުނެލިއެވެ. ލިއާ ހައިރާންވެފައި ހުރެ ޑްރެސިން ޓޭބަލް މަތީ އޮތް ފޯނު ނަގާ ރިހާނަށް ދިއްކޮށްލިއެވެ. މިއަދު އަނެއްކާ ކިހިނެއް ވެގެން އުޅޭ ދުވަހެއް ބާއޭ ލިއާ ހިތަށް އެރިއެވެ.
ރިހާން އިރުކޮޅެއް ވަންދެން ފޯނު ހާވަހާވާފައި ލިއާއަށް ފޯނު ދިއްކޮށްލީ ބަހެއް ބުނުމެއް ނެތިއެވެ. ފޯނު ނަގާ ބާއްވާފައި ލިއާ އަނެއްކާވެސް ކުރަން ހުރި މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ރިހާން އެގޮތަށް ކަންތައް ކުރީ ކީއްވެތޯވެސް ސުވާލު ނުކުރިއެވެ. ލިއާގެ އެ އަޅާލުން ކުޑަކަމުން ރިހާންގެ ނަފްސަށް އުނދަގޫވިއެވެ. ޝަކުވާ ނުކުރެވެނީ ލިއާގެ އެ ބަދަލުގެ އަސްލަކީ އޭނާ ކަމަށް ވުމުންނެވެ.
“އެނގޭތަ މީހަކު ރާއްޖެ އައިސްފިކަން…؟” ރިހާން ޖާރޒީ ބާލަމުން ބުނެލިއެވެ. ލޯގަނޑު ފޮހެން ހުރި ލިއާގެ އަތަށް ހުއްޓުމެއް އެރިއެވެ. ލިއާގެ މި ކުޑަ ހަރަކާތް ފާހަގަވި ރިހާންގެ ހިތުގައި ހަސަދައިގެ ހުޅު ރޯވިއެވެ. އޭނާ ކައިލްގެ ނަން ނުކިއީ ގަސްތުގައެވެ. އެހެންވިޔަސް ނަން ކިޔުމަކާ ނުލާވެސް ލިއާއަށް އެ އައި ކުޑަ ކުޑަ ބަދަލުން އެކަނިވެސް ރިހާންގެ ހިތަށް ދަތިކަން ގެނުވައިފިއެވެ. އެކަމުން އެނގެނީ އެމީހެއްގެ ތަސްވީރު ލިއާގެ ހިތުތެރޭ ސިފަވެއްޖެކަމެވެ.
“އޯހ…އެހެންވީމަ އަދިވެސް ހަނދާން އެބަހުރި ދޯ…” ރިހާން ނުރުހުމާއެކު ވާހަކަ ދެއްކިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ލިއާ މަޑުމަޑުން އެނބުރި ރިހާނާ ކުރިމަތިލިއެވެ.
“ކޯއްޗެއް ސާބިތު ކޮށްދެން ރިހާން ތިއުޅެނީ…؟ އަހަރެންތަ ތި ވާހަކައެއް ފެށީވެސް…؟ އަމިއްލައަށް ބޭކާރު ވާހަކަ އެއް ފަށާ އަހަރެންގެ ފޯނު ހާވަ ހާވާފައި ތިއުޅެނީ…ތި މީހެއްގެ ސަބަބުން އަހަންނަށް ވުރެ ބޮޑަށް ރިހާނަށް އުނދަގޫ ވާހެން ހީވަނީ…” ލިއާ ހިތްހަމަ ނުޖެހިފައި ހުރެވެސް ވާހަކަ ދެއްކީ މަޑުންނެވެ. ހުސް ގަޔާ ހުރި ރިހާން މަޑުމަޑުން ލިއާ ގާތަށް އެއްފިޔަވަޅު އެޅިއެވެ.
“އެނގޭ ދޯ އަހަރެން ލިއާ ވަރި ނުކުރާނެކަން…؟” ރިހާން ބުނެލީ ސީދާ ލިއާއަށް ބަލަން ހުރެއެވެ. ލިއާ ޖަވާބެއް ނުދިނެވެ.
“އަހަންނާ ޗީޓް ނުކުރައްޗޭ…!” ރިހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ރިހާނަށް ވަފާތެރިކަމާއެކު މިހުރީ ކޮންމެހެން ރިހާނާއެކު އުޅެން ބޭނުންވާތީއެއް ނޫން…އަހަރެން ބޭނުން ނަމަ ޗީޓް ކުރާނެ ކިތައްމެ ފުރުސަތެއް ލިބޭނެ…އެކަމަކު އެންމެންނަކީ ރިހާނެއް ނޫން…އަހަރެން ޗީޓް ނުކޮށް މިހުރީ އަހަންނަކީ އެ ފާޑަށް އުޅޭ މީހަކަށް ނުވާތީ…އަހަންނަށް އެނގޭ ރިހާން އަހަރެން ވަރި ނުކުރާނެކަން…ކާކު ބޭނުންވާނީ ގޭގެ ކަންތައް ކުރަން ގެންގުޅޭ ނޯކަރަކު ދޫކޮށްލަން…؟” ލިއާގެ އަޑު މަޑެއް ކަމަކު ހަރުކަށިކަން އެކުލެވިގެން ވެއެވެ. ރިހާންގެ ދެބުމަ ގޮށްޖެހުނެވެ. ކަތުރުކަށިގަނޑަށް ބާރުކޮށްލިގޮތުން ރުޅި އައިކަން ހާމަވެއެވެ.
“މިހާރު ހާދަ ގަދަވެލައިފިޔޭ ދޯ…ފާޑު ފާޑަށް މަށާ ވާހަކަ ނުދައްކާތި އިނގޭ…!!” ލިއާއަށް އިންޒާރު ދިނުމާއެކު ބާރު ހިނގުމެއްގައި ރިހާން ގޮސް ފާހަނައަށް ވަނީ ހަގީގަތުގައި ލިއާގެ ވާހަކަތަކަށް ދޭނެ ރައްދެއް އޭނާއަށް ނޭނގުމުންނެވެ. ލޯމަތިން ރިހާން ގެއްލުމާއެކު ލިއާ އިރުކޮޅަކު ހުރެފައި މަސައްކަތް ކުރަން ފެށިއިރު އެ މޫނުމަތީގައިވަނީ ހުސްކަމެވެ.
ފޯނު ވައިބްރޭޓް ވުމުން ލިއާ ބަލާލިއެވެ. އަލްޔާ އާއި ސުމާގެ ގްރޫޕް މެސެޖެކެވެ. އިރުކޮޅެއް ވަންދެން ފޯނަށް ބަލަން ހުރި ލިއާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. އޭރު ފާހަނަ ތެރެއިން ފެން އޮހެމުންދާ އަޑު އިވެއެވެ. ލިއާ އެހެން ހުރެފައި މަޑުމަޑުން ފޯނު ނެގުމާއެކު ކޮންވަޒޭޝަނަށް ވަނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ލިއާ ވަނީ މަދުމަދުން އަލްޔާ އާއި ސުމާގެ މެސެޖުތަކަށް ޖަވާބު ދޭން ފަށާފައެވެ. މާ ގިނަ ވާހަކައެއް ލިއާ ނުދައްކައެވެ. ހަމައެކަނި އޭނާގެ ހާލު ރަނގަޅު ކަމާއި ހުރިހާ ކަމެއްވެސް ރަނގަޅުކަން އެ ދެކުދިންނަށް ބުނެދެއެވެ. އެވަރުވެސް ލިއާ އެ ކުރީ އަލްޔާ އާއި ސުމާ ރާއްޖެ އަންނަ ދުވަހަކުން ލިއާ ހޯދަން އެ ރަށަށް އައިސްވެސްފާނެ ކަމުގެ ބިރު އޮތީތީއެވެ. އޭރުން އޭނާ ސިއްރު ކުރަން މަސައްކަތް ކުރަމުންދާ ހުރިހާ ކަމެއް ފަޅާ އަރާނެއެވެ.
ތިން ވަރަކަށް ދުވަސް ފަހެވެ. ކޭކް އޯޑަރެއް ނިންމާލަމުން އާދައިގެ މަތިން ލިއާ ގުޅާލީ ކޭކް ޑެލިވަރ ކުރަން ޖެހޭ ނަންބަރަށެވެ. ނަމަވެސް ވީ ވަރަށް ދެރަގޮތެކެވެ. އެކޮޅުން ވާހަކަ ދެއްކި އަންހެން މީހާ އެދުނީ އިތުރަށް ލާރި ދޭ ގޮތަށް ނަމަވެސް ކޭކް ޑެލިވަރ ކޮށްދިނުމަށެވެ. ކުރިން ހަމަޖެހިފައި އޮތީ އޭނާގެ އެކުވެރިއަކު ކޭކް ބަލާ ދާ ގޮތަށެވެ. ނަމަވެސް އެ މީހަކަށް ކުއްލި ހާލަތެއް ދިމާވީއެވެ. ބާރައިގެ ކުރިން ބޭނުންވާނެ ކޭކެއް ކަމުން ލިއާ އެންމެ ފަހުން ޑެލިވަރ ކޮށްދޭނަމޭ ބުނީ އެ އަންހެން މީހާވެސް ގޭގައި، އޭނާގެ ދަރިންނާއެކު ހުންނަން ޖެހޭތީ އެވެ. އޭނާގެ ފިރިމީހާގެ އުފަންދުވަހު ސަޕްރައިޒެއް ގޮތުގައި އަޅާ ކޭކެއް ކަމުން ފިރިމީހާވެސް ފޮނުވެން ނެތީއެވެ. އިތުރަށް ލާރި ބޭނުން ނުވާ ކަމަށް ބުނެ ލިއާ ފޯނު ކަނޑާލީ އިރުކޮޅެއް ތެރޭ ދާނަމޭ ބުނެފައެވެ.
ލިއާ އަކަށް އެ ބުނާ ގެޔެއް ހުންނަ ތަނެއް ނޭނގެއެވެ. ރިހާންގެ ނަންބަރަށް އޭނާ ގުޅީ އިތުރު ގޮތެއް ނެތުމުންނެވެ. ނަމަވެސް ރިހާން ފޯނަކަށް ޖަވާބު ނުދިނެވެ. ގޮތް ހުސްވެފައި ހުރެ އެންމެ ފަހުން ލިއާ ގުޅީ ޝައުރާއަށެވެ.
“ލިއާ…” ފޯނު ކަންފަތުގައި ޖައްސާލުމާއެކު ލިއާ އަށް ހީވީ ކަންފަތުގެ ހިނދުރި ފަޅައިގެން ދިޔަހެންނެވެ. އޭނާއަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އިވުނީ އެކޮޅުން ޝައުރާ ހަޅޭއްލަވާ އަޑެވެ.
“މަންމާ…! ޝަމް…! އަވަހަށް އާދެބަލަ…ލިއާ ގުޅައިފި…!” ޝައުރާގެ އަޑު އިވުމުން ލިއާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އިރުކޮޅެއް ތެރޭ ތިން މީހުން އެއްފަހަރާ ވާހަކަ ދައްކާ އަޑު އިވުނެވެ. ކިޔާ ނުކިޔާއެއް ނޭނގި ހުއްޓާ ޝަރީފާގެ ބާރު އަޑު އިވުނެވެ.
“ހޫން ކޮންމެވެސް އެކަކު ވާހަކަ ދެއްކީމަ ދޯ އޭނާއަށް ވެސް ކިޔާ އެއްޗެއް އެނގޭނީ…ކަލޭމެން ރެވިތެޔޮ ބޮއިގެންތަ ތިއުޅެނީ…؟” ޝަރީފާގެ އެ އަޑު ޖެހުމުން އިހުތިޔާރަކާ ނުލާ ލިއާގެ ލޯ ފެންކަޅިވެއްޖެއެވެ. ޝަރީފާގެ ގާތުގައި އޭނާ ހޭދަކުރި ދުވަސްތައް ހަނދާންވެ، ހިތަށް ދަތިވެގެން އައެވެ.
“މަންމަ ރަނގަޅޭނު ތިހެން ބުނަން…ލިއާ އަށް އެނގޭތަ…؟ ލިއާ ގުޅި ވާހަކަ ބުނިއިރަށް މަންމަ އެހުރީ ކަނޑަން ހުރި ރޯ މަސްގަނޑާ ވަޅިވެސް ހިފައިގެން އައިސް…” ޝަމްނާ ވާހަކަ ދެއްކުމުން ކަރުނައިގެ ތެރެއިން ލިއާއަށް ހެވިއްޖެއެވެ. އެގޮތަށް އޭނާއަށް އެންމެފަހުން ހިނިތުން ވެވުނު ދުވަހެއް ހަނދާނެއްވެސް ނެތެވެ. ލިއާ އޭނާ ގުޅި ބޭނުން ފަސްކޮށްލާފައި އިރުކޮޅެއް ވަންދެން އެމީހުންނާއި ވާހަކަ ދެއްކިއެވެ. މިފަހަރުވެސް އޭނާގެ ހާލަތު ސިއްރު ކުރަން ލިއާ ސަމާލުކަން ދިނެވެ.
“ލައިބާ ނަހުމާ ނޫނީ ޝަފާގެ ނަންބަރ ދީބަ…” އިރުކޮޅެއް ވަންދެން އެކި ވާހަކަ ދައްކާފައި ލިއާ އެދުނެވެ. ފަހުން ޝަރީފާއަށް ނަމަވެސް ގުޅާލައްޗޭ ކިޔާ އާދޭސްކޮށްކޮށްފައި އެންމެފަހުން އެމީހުން ފޯނު ބާއްވައިފިއެވެ. އެވަގުތު ލިއާގެ ފޯނަށް ޝަމްނާގެ ނަންބަރުން މެސެޖެއް އައެވެ.
ލިއާ ގުޅީ ލައިބާއަށެވެ. ލައިބާއަށް އެއީ ކާކުކަން ބުނެދިނުމުން އޭނާވެސް ވާހަކަ ދެއްކީ ފޯރިއާއެކުއެވެ. އެއް ރަށެއްގައި އުޅޭއިރު ދިމާވެސް ނުވެޔޭ ލައިބާ ބުނެލިއެވެ. އިރުކޮޅެއް ވަންދެން އޭނާގެ ކޫސަނި ވާހަކަ އަޑުއަހަން ހުރެފައި ލިއާ ލައިބާ ގާތު އެދުނީ އޭނާއާއި އެކު ގެޔަކަށް ދިއުމަށް އާދެވިދާނެތޯއެވެ. ލައިބާ އުފަލާއެކު ގަބޫލުކުރިއެވެ.
ކޭކް ހިފައިގެން ލިއާ ހުރީ ދޮރުކުރިމަތީގައެވެ. އޭރު ދުރު ދުރުގައި މަގުގައި ދިއްލާފައިވާ މަގު ބައްތިތަކުން މަގަށް އެޅިފައިވަނީ ފަނޑު އަލިކަމެކެވެ. ޖެހެމުން ދާ ލުއި ވައިރޯޅިން ދޭތެރެއަކުން ރުކުގެ ފަންތައް ހަލުވާލާއިރު ބިރުވެރި ގޮތެއް ހުއްޓެވެ. އެހެން ހުއްޓާ މަގުގެ ކޮޅުން ލައިބާ ދައްކާލައިފިއެވެ. އޭނާއަށް ލިއާ ފެނުމުން ހިނގުން ބާރުކޮށްލިއެވެ.
“އޯ އެމް ޖީ…ލިއާ ހާދަ ހިކިއްޖޭ…!” ލައިބާއަށް ލިއާ ފެނިފައި ބޭއިހްތިޔާރުގައި ބުނެވުނެވެ. ލިއާ ރައްދުކޮށްލީ ފަނޑު ހިނިތުންވުމެކެވެ. ލައިބާގެ ފުށުން އެ ފާޅުވި އަސަރުތަކަކީ މީހުންނާއި ކުރިމަތިލާން މިހާރު ލިއާ ނޭދޭ އެއް ސަބަބެވެ. އޭނާ ފެނިފައި ކޮންމެ މީހަކަށްވެސް އޭނާގެ ހާލަތު ދެނެގަނެވޭނެއެވެ.
“ލިއާ…ހުރިހާ ކަމެއް ރަނގަޅުތަ…؟” ލައިބާގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.
“ހމމ…ކުޑަކޮށް ބަލިކޮށް އުޅޭތީ…” ލިއާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަތުގައި އޮތް ކޭކް ފޮއްޓާއެކު ލިއާ ހިނގައިގަތުމުން ފަހަތުން ލައިބާވެސް އައެވެ. ލިއާ ކޭކް އޯޑަރ ކުރި މީހާގެ މައުލޫމާތު ލައިބާއަށް ދިނުމުން ލައިބާއަށް އެއީ ކޮން ގެއެއްކަން އެނގިއްޖެއެވެ. އިރުކޮޅެއް ވަންދެން ލައިބާ ހުރީ އެކި ކަހަލަ އާދައިގެ ވާހަކައިގައެވެ.
“ލިއާ…ރިހާން ރަނގަޅުތަ ލިއާއަށް…؟” ލައިބާގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުމެއްގެ ސަބަބުން ނުހުރެވިގެން ސުވާލުކޮށްލެވުނެވެ. އޭނާއަށް ލިއާގެ ކިބައިން ފެންނަ ހިމޭންކަމުން ކަމެއް ހާމަކޮށްދޭ ކަހަލައެވެ. ކުރިންވެސް ލިއާ އަކީ މަޑުމައިތިރި ކުއްޖެކެވެ. އެހެނަސް މިހާރު މި ފެންނަ ހިމޭންކަން ތަފާތެވެ. ލިއާ މަޑުމަޑުން ހިނިތުންވެލާފައި ބުނީ ރަނގަޅު ކަމުގައެވެ.
ކޭކް ލާފައި ލިއާ ގެޔަށް ދާން އުޅުމުން ލައިބާ އެދުނީ މަޑުކޮށްލުމަށެވެ. އަވަހަކަށް ލިއާ ގެޔަށް ފޮނުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އާދޭހާއެކު އެދުނީ ފިނި އެއްޗެއް ބޯލުމަށް އޭނާއާއި އެކު ކައިރި ތަނަކަށް ދިއުމަށެވެ. އިރުކޮޅަކު ހުރެފައި ލިއާ އެއްބަސްވީ ލައިބާ އޭނާއަށް އެހީތެރިވެދިނުމުން ލައިބާގެ އެދުން ބޮލާލާ ނުޖަހަން ވެގެންނެވެ. ލިއާ އެއްބަސްވުމުން ލައިބާ އުފަލުން ފޮޅުނެވެ.
ލައިބާ އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކުރަމުން ލިއާ ގޮވައިގެން ދިޔައީ ކޭކް ޑެލިވަރ ކުރަން ދިޔަ ގެޔާއި ކައިރި ހިސާބެއްގައި ހުރި ކުޑަ ކެފޭ އަކާ ދިމާލަށެވެ. ބޭރު ގޯތިތެރޭވެސް ގޮނޑިތައް ޖަހާފައިވާ އެ ކެފޭ އަކީ ދާދި ފަހުން ހުޅުވި ތަނެކެވެ.
ދޮރު މައްޗަށް އަރާފައި ލިއާ ގަނޑުވި ކަހަލައެވެ. ލިއާއަށް ވީ ގޮތުން ލައިބާ ހައިރާންވެފައި ހުރެ ލިއާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލިއެވެ. ކެފޭ ތެރޭގައިވި ފަނޑު އަލިން ފުރަތަމަ ލައިބާއަށް އެތަނުގައި ތިބި މީހުން ފާހަގައެއް ނުވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ.
“ރިހާން……އެ ބީތާ ދޯ އެ އިނީ…؟ ބަލާބަލަ ނުލަފާ ކަން އިބިލީސް…!” ލައިބާ ދައްކަމުން ދިޔަ ވާހަކަ ލިއާއަށް ނީވޭ ކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފަސްވަރަކަށް ފޫޓު ދުރުގައި ތިބި ރިހާނާއި އޭނާގެ ގާތުގައި އިން އަންހެން ކުއްޖާއަށެވެ. ދެމީހުން އަމިއްލަ ދުނިޔެއެއްގައި ތިބި ވަރުން އެތަނުގައި އެހެން ބަޔަކު ތިބިކަން ނޭނގޭ ކަހަލައެވެ.
“ކަމޯން…! ތިގޮތަށް އަހަންނަށް ބަލަންޏާ ކިހިނެއް މިރޭ މިތަނުން ދެވޭނީ…؟” ރިހާން ލާނެއް ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ދިޔައީ ގާތުގައި އިން އަންހެން ކުއްޖާއަށެވެ. ކުރު ކުރު ޓީޝާޓް ކޮޅަކާއި ފުޅާ ޖިންސެއްގައި އިން އެންމެ މި ޒަމާނުގެ ފެޝަނުގެ އަންހެން ކުއްޖާގެ ހަމުގެ ކުލަ އަލިވެފައި، ފަން ފަން އިސްތަށިގަނޑު ނުހަނު ދިގެވެ. އެ އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލެވިފައިވާ ގޮތުން އެ ކޯތާފަތް ހާމަވާން ހުރިއިރު ބަލާލަން ނުހަނު ފުރިހަމައެވެ. ރިހާން ބުނެލި އެއްޗަކަށް އެ ކުއްޖާ ހެމުން ރިހާންގެ ފަލަމަސްގަނޑު މަތީ ޖަހާލިއިރު ރިހާން އިނީ ހިނިތުންވެލައިގެން އެ އަންހެން ކުއްޖާއަށް ބަލާށެވެ. އެ ހިނިތުންވުމަކީ ލިއާއަށް ރިހާންގެ ފަރާތުން ލިބޭ ހިނިތުންވުމެއް ނޫނެވެ. އެ ހިނިތުންވުމުގައި ވަނީ މިނިވަންކަމެވެ. ހަގީގީ ހިތްހަމަޖެހުމެވެ.
“ވެލް، ކާކުތަ މިހާރުވެސް އާދޭސް ކުރަނީ ގިނައިރު މިތަނުގައި މަޑުކުރަން…؟ އަހަރެން ގޮސްފާނެތީ ހީވަނީ އެހެންފަދަ ކަމެއްހެން ވިއްޔާ…އަހަރެން ގޮތަކަށް ބެލިޔޭ ކިޔާފަ ރިހާން ވަކި މަޑުކުރަން ޖެހޭތަ…؟” އެ އަންހެން ކުއްޖާގެ ތޫލި އަޑު އިވުނެވެ. ރިހާން ހެމުން އެ އަންހެން ކުއްޖާގެ އިސްތަށިގަނޑާ ކުޅެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (21)
Comments are closed.
Why so short?
Sorry I’m not feeling well 🥹
I hope lia varivaan edhen libunu furusathaka hadhaane kamah
Leah really needs to put herself first now 😭💔 Let’s see what happens nexttt 💗
Vrh foohiveyy mi rihaangandudhekey🙄😒
Amilameeha ehenmeehun kairi cheat nukuraashey kiyaafa gohsa amilah cheat kuranaee vrh hehvaafa meeheh rihaan akee🙄🙄🙄
Why eyna lobinuvaairu lia torture kuranee vari nukoh😒😒
By the way mipart ves vrh nice
Haada Curious eh kofa eyy thinimalee🤔🫣
Whn nxt?
Lyssm and tc🧡
Ikr 😭 Rihan really has some explaining to d
Poor Leah 💔
So happy you enjoyed the episode💗
Thank you for always reading and supporting…LYSM too take careee 🖤🥀
WHATTTTTT?? Vari nukuraanamey kiyaafa gos balaabala adhi kulhey kulhi eh.. 😒 kurin vx igunu thi rihaaneh ulheyne thivahtharahkan.. amilla dhe athun Leah fakeerah ehaalu jassaafa her glow gehluvaalaafa adhi gos eba indheyennu.. 🙄.. Kyle airakah ekan Leah ah nuvx engenys amilla ah aisfa eythi meethi kiyaafa meenaa v gos ehn anhenun kairy ulhen… Rihaan ah lesson eh libeyne dhuvahehge inthixaaruga.. dhen kinda happy vejje Leah after a long time Kuda koh vx shamnaa menaa vhk dhahkaa happy moment eh libuneema.. ekm mi rihaaneh .. ughhhh .. pisses me off.. mi part vx vrh vrhh niice ..
Ikr 😭😭 Rihan is really testing everyone’s patience
Poor Leah deserves so much better 💔
And I’m happy she finally got to talk to her cousins too 🥹💕
Thank you so much for reading and sharing your thoughts 🖤🥀
mhr aslu vrh foohi vhk kiyan. abadhu ehkahala kan kan vany.
Stories aren’t supposed to be chaos free either 🤭 But I understand what you mean
Thank you for being honest with me…Hopefully, you’ll enjoy what’s coming next ☺️
Mi part vx varah reethi Masha Allah 🤩. Istg this rihaan is pissing me of 😤 cheat nukuraashey kiyaafa gos amilla meeeha mi innany cheat kuran, Leah avahah eyna kairin vari vaan ulhey.. Kyle to the rescue please🤞 Leah and Kyle avahah gulhuvan ulhey🙏
Ly 💕
Ahahah the audacity of Rihan to tell Leah not to cheat while doing exactly that himself 😭💀 And the Kyle rescue team is getting impatienttt 🤭 Thank you so much love 🖤🥀
Shareefaa heyonuvaane thi valhi hifaigen ais rihaanuge karu kandeyla dheebila masburige badhaluga
GIRLLL 😭 I’m getting worried for Rihan now HAHAHAHA 💀🤭
NOT MY COMMENT SECTION TURNING INTO A GANG OF RIHAN HATERS 💀😭 HAHAHAHA
Lia kaary cheat nukuraashey buni rihaakuru baiy theli eh nu mi cheat kury lia ah…. Heyo nuvaane thi shareefa e mas kadaa valhi hifaigen gos e rihaakuru baiy thelige bolaa hashigadu dhe than kurey.. Huri bodu balaa ey Sahaadhey mi kuri🤦
Hama huvaa mibunee mi rihaan gandu i athu jehijje aa kulhi dhahkkaalaanann 🙄🙄 leah dhn vx eyna dhookohllaafa gey meehun kairi ah dhey ur kyle is back 😭😭 mi rihaan gandu ge nann fenunas haadha rulhi eh aadhe eyh 😒😒 leah goss eyna moonu matheega jahaabala heyonuvaane 😭🙄 btw mi part vx varah reethi comment nukurevunas baraabarah kiyan ingey too good Masha Allah tc girl 🫶 waiting for the next part ♥️
Hehehe Rihan has really become everyone’s biggest enemy 😭💀 And aww, it means so much that you read every episode even when you don’t comment
Thank you for always following the story…So happy you enjoyed this part 🖤🥀
Guys please give a follow to my Facebook page
https://www.facebook.com/share/1A2dE2dyiy/?mibextid=wwXIfr
Alhe gurl next episode thankolheh avas koh n dhigu koh upload kohla dhyba keh madhu vany eyy next episode kiyaa hithun 🥹🫶
It’s up ☺️💗