Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 62

Listen to this story Audio · 18:10 Powered by Esfiya Voice
0:00 18:10

ހަފްތާއެއް ފާއިތުވެ، ރިހާންގެ ހާލު މުޅިން ރަނގަޅުވުމުން އޭނާގެ ކުރީގެ ދިރިއުޅުމަށް ރުޖޫއަވެއްޖެއެވެ. ނަމަވެސް ތަފާތުވި ކަމަކީ ރިހާނާއި ލިއާއާއި ދެމެދު އޮތް ގުޅުމެވެ. އެ ދެމެދުގައި ކުރިޔަށްވުރެ ބޮޑަށް ނުތަނަވަސްކަން އުފެދިފައި ވެއެވެ. އެއް ކޮޓަރިއެއްގައި އުޅުނު ކަމަކު ދެ ބީރައްޓެހިން ފަދައެވެ. ކުރިއެކޭ އެއްފައިން ލިއާ އަދިވެސް ގޭތެރޭގެ ހުރިހާ ޒިންމާއެއް ނަގަމުން ދިޔައެވެ. ކުރިޔަށްވުރެ ލިއާގެ ދުވަހީ ތާވަލު ބުރަވެފައި ވާކަހަލައެވެ. ރިހާނަށްވުރެ މާކުރިން ހޭލުމަށްފަހު ކޮޓަރިއަށް ވަދެލަނީ ނަމާދު ކުރާށާއި ފެންވަރާށެވެ. ރޭގަނޑު ރިހާން އައުމުގެ ކުރިން ނިދައެވެ. ކުރިއާ ހިލާފަށް ރިހާނަށް ކެއުން ތައްޔާރު ކުރުމަށްފަހު، ކައި ނިމެންދެން މަޑުކުރުމުގެ އާދަ ކެނޑިއްޖެއެވެ. އެހެންވިޔަސް އޭނާ އުޅެނީ ރިހާން ގޮވާލައިފިނަމަ އަޑުއިވޭ ހިސާބުގައެވެ. ލިއާގެ މި ދުރުކަން ރިހާންގެ ހިތަށް ދަތިކުރެއެވެ. ކިތައްމެފަހަރަކު އޭނާގެ ‘އީގޯ’ އެއްފަރާތްކޮށްފައި ލިއާ ގާތު މާފަށް އެދެން ހިތަށް އަރައެވެ. ފަސްޖެހެވެނީ އޭނާ ރައްކާތެރި ކުރަން ޖެހޭ، އަދި އެހެން މީހުންގެ ލޮލަށް ފެންނަ ފިރިހެންވަންތަ ސިފައަށް ލޮޅުން އަރާފާނެތީއެވެ.

ވަޒީފާއިން ޗުއްޓީ ނެގުމާއެކު ރިހާން އުޅުނީ އަތޮޅު ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެގެންނެވެ. އެ އަތޮޅުގެ ހަތް ރަށެއް ވާދަކުރާއިރު ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ލިއާގެ ރަށުގައެވެ. އެއީ އަތޮޅު ވެރިކަން ކުރާ ރަށް ކަމަށް ވާތީއެވެ. ރިހާންގެ ގިނަ ވަގުތު ހޭދަ ކުރަމުން ދަނީ ޕްރެކްޓިސްގައެވެ.

ރިހާން ލިއާ ގާތު މުބާރާތުގެ ވާހަކަ ބުނުމުން ލިއާގެ ފަރާތުން އެއްވެސް އަސަރެއް ނުފެނުނެވެ. ލިއާ އުޅުނީ ކޮޓަރިތެރެ ތަރުތީބު ކުރުމުގައެވެ.

“މެޗް ބަލަން ރަށަށް ދާން ބޭނުންތަ…؟ މާދަން ފެށޭނެ…” ރިހާން ވާހަކަ ދައްކަމުން ދިޔައީ ޖާރޒީ ލަމުންނެވެ. އޭނާ ތައްޔާރުވަމުން ދިޔައީ ފަރިތަކުރުމަށް ދިއުމަށެވެ.

“ނޫން…” ލިއާގެ ޖަވާބު އައީ އެއްވެސް އަސަރެއް ނެތިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރިހާން ކުޅެން ގެންދާ ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ.

ރިހާން ނިކުތުމާއެކު އަތުގައި ހުރި ފިހިގަނޑާއެކު ލިއާ މަޑުމަޑުން އެނދުގައި އިށީނެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓިފައިވީއިރު ހިސާބަކަށް ވަޅުވަދެފައިވާ ލޮލުން ފެންނަނީ ވަރުބަލިކަމެވެ. އޭނާ ރަށަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ ފިލަން މަސައްކަތްކުރަމުން ދިޔަ އާއިލާއާއި ދަންނަ ކުދިންނާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. އެމީހުން ކުރާނެހާ ސުވާލުތަކަށް ދޭނެ ޖަވާބެއް ލިއާ އަތަކު ނެތެވެ. އަމުދުން އޭނާއަށް ގެއްލިގެން ދިޔަ ދުވަސްތަކުގެ ހަނދާންތައް އާކޮށްދޭނެ މީހުންނާއި މާހައުލުތައް ފެނުމުން ހިތުގައި ވޭން އެޅުން ނޫން ކަމެއް ނުވާނެއެވެ. އޭނާގެ ދިރިއުޅުން މި ހާލަތައް ގެންދިއުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި އޭނާގެ ފިރިމީހާއަށް އޭނާގެ މިފަދަ ކަންކަން ނަގައިނުގަނެވޭނެއެވެ.

މުބާރަތް ފެށުނު ދުވަހު އެކި ރަށްރަށުގެ މީހުން އައިސް ދަނޑު ފުރާލައިފިއެވެ. އެތެރޭގައި ޖަހާފައި ހުރި ގޮނޑިބަރިތައް ފުރި ދަނޑު ވަށައިގެންވާ ތިރި ފާރު ވަށާލައިގެން ތިބި މީހުންވެސް ބައިވަރެވެ. ގިނައީ ރިހާންމެންގެ ރަށު މީހުންނެވެ. މިއަދުގެ މެޗު ކުޅެން ހަމަޖެހިފައިވަނީ ލިއާމެންގެ ރަށާއި ރިހާންގެ ރަށު ޓީމުންނެވެ. ބާކީ ތިބި ޓީމުތަކުން، ކޮންމެ ޓީމަކުން އެކަކު ޓީމުގެ ޖާރޒީގައި އައިސް ހުއްޓެވެ. ފުރަތަމަ ދުވަސްކަމުން ޓީމުތައް ތައާރަފުކުރުން އޮންނާނެތީއެވެ.

މެޗު ފެށިގެން ކުރިޔަށް ދިޔައިރު މުޅި މާހައުލު ގުގުމާލާފައި ވަނީ ހުނުމާއި ހަޅޭކުގެ އަޑުންނެވެ. ދޭތެރެއަކުން ރުޅިއައިސްގެން ހަޅޭއްލަވައިގަންނަ މީހުންވެސް މަދެއް ނޫނެވެ. ކުޅުންތެރިންނަށްވުރެ ބޮޑަށް ބައެއް ސަޕޯޓަރުންނަށް ކުޅެން ޖެހޭ ގޮތް އެނގިގެން އުޅޭ ކަހަލައެވެ. ގިނަ މީހުންގެ ކަރުން ހަންދާވަރު ވެފައި ހުއްޓާ ފުރަތަމަ ހާފް ނިމިއްޖެއެވެ. އެއްބަޔަކު މިސްރާބު ޖެހީ ލުއި ކާނާއެއް ގަތުމަށެވެ.

އިރުކޮޅެއްގެ ބްރޭކަކަށްފަހު ދެޓީމުންވެސް ދަނޑަށް އަރައިފިއެވެ. އެކި ބޭނުމުގައި ދިޔަ ސަޕޯޓަރުންތައްވެސް އެ ސަރަހައްދަށް ޖަމާވާން ފަށައިފިއެވެ. އަނެއްކާވެސް މުޅި ދަނޑު ގުގުމައިގެން ދާން ހިނދުކޮޅެއް ނުނެގިއެވެ. ރިހާންމެންގެ ޓީމްގެ ބެނާރ ދަމާފައިވާ ދިމާލުން ވަކިން އަޑުގަދައެވެ.

އެ ދިމާލަށް ހުއްޓާލި އަގުބޮޑު ސައިކަލަށް ނަޒަރު ހުއްޓުނީ މަދު ބައެކެވެ. އެހެނަސް އެމީހުންގެ ނަޒަރު އެ ދިމާލުގައި ތަތްވި ކަހަލައެވެ. އެމީހުންގެ ހަބަރެއް ނުވެގެން ކައިރި ތިބި އެހެން މީހުން ވީގޮތެއް ބަލަމުންގޮސް ފަހަރަކު މީހެއްގެ ނަޒަރު އެ ދިމާލަށް ހުއްޓިއްޖެއެވެ. އިރުކޮޅެއް ނުވަނީސް މުޅި އެ ސަރަހައްދުން މީހުން ހަމަހިމޭންވި ކަހަލައެވެ. ދުރުގައި ތިބި މީހުންނަށްވެސް ބެލެމުން ދިޔައީ އެމީހުންގެ އަޑުތައް ކެނޑުމުންނެވެ. ފޯރިގަދަ މެޗެއް ކުޅެވެމުން ދިޔަކަން އެމީހުންގެ ހަނދާނުން ފިލިކަހަލައެވެ. އޭރު ސައިކަލު މަތީ ހުދުކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި އިން ޒުވާނާގެ ސިހުރުގައި ރަނގަޅަށްވެސް އެންމެން ޖެހިއްޖެއެވެ.

“މީ ބޭރުގެ ފިލްމް ސްޓާރއެއްތަ…؟” ފިރިހެންކުއްޖަކު ބުނެލި އަޑު އިވުނެވެ. އިރުކޮޅެއް ތެރޭ އެކަކު އަނެކަކުގެ ކަންފަތް ކައިރި ކުދި ކިޔާ އަޑުން މާހައުލު ގުގުމާލިއެވެ. ތަންކޮޅެއް ދެބައި އުމުރު މީހުންނަށް މާޝާالله އޭ ބުނެވުނެވެ. އަންހެން ކުދިންތައް ހިތް އަވަސްވެ ތުއި ވަމުން އެކަކު އަނެކަކު ކަންފަތް ކައިރި ސިއްރު ކިޔަމުން، ހެދުމާއި އިސްތަށިގަނޑު ރީތިކޮށް ފަރިވަމުން ދިޔައެވެ. ނަމަވެސް ސައިކަލުގައި އިން ޒުވާނާއަށް މިކަން ފާހަގަވިހެނެއް ހިއެއް ނުވެއެވެ.

ލިބެމުން ދިޔަ ސަމާލުކަމަށް ފަރުވާލެއް ދިނުމެއް ނެތި ކައިލް އިޒީކިއެލްގެ ނޫކުލައިގެ ކަޅި ހިންގާލީ އިދިކޮޅު ޓީމްގެ ސަޕޯޓަރުން ތިބި ދިމާލަށެވެ. އެ ނަޒަރު ބޭގަރާރުކަމާއެކު ދަތުރުކުރަމުން ދިޔައީ ދިޔައީ އެންމެ ސޫރައެއް ފެނިލާނެ ކަމުގެ އުއްމީދުގައެވެ. މޭގައިވި ހިތް ފިނިވެފައި ވާއިރު ސައިކަލު ހުންގާނުގައި އަޅުވާލެވިފައިވާ ދެއަތްވެސް ވަނީ ފިނިވެފައެވެ. އެހެނަސް އެ މޫނުމަތިން ފެންނަނީ ކައިލްއަށް ހާއްސަ ނުރައްކާތެރި ސީރިއަސްކަމެވެ. އޭނާގެ ނަޒަރު ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ހުއްޓި ހޭދަވަމުން ދިޔަ ކޮންމެ ސިކުންތަކުން ހިތް ގެނބެމުން ދިޔަކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހިތް ދެކިލުމަށް ކެތްތެރިކަން ކޮޅުންލަމުން ދިޔަ އެ ސޫރަ ނުފެނުމުން ހިތަށް މާޔޫސްކަން ވެރިވިއެވެ.

މުޅި އެ ސަރަހައްދުގެ ސަމާލުކަން ކައިލްއަށް ލިބިފައިވާކަން ކައިލްއަށް ނޭނގޭ ކަހަލައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސައިކަލު ސްޓާރޓް ކުރަން އުޅުނު އިރު ކައިލްގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވެއްޖެއެވެ. “އޮފްކޯޒް ލިއާ…” ކައިލް ބުނެލީ އަމިއްލަ ނަފްސަށެވެ. ލިއާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އުޅެން ބޭނުން ނުވެގެން ލިއާ ދޫކޮށްފައި ދިޔަ ފަސްގަނޑަށް އަންނާނެ ޝައުގުވެރިކަމެއް އެ ހިތަކު ނުވާނެއެވެ. ސައިކަލު ދުއްވާލުމާއެކު އެތަނުގައިވި ކޮންމެ މީހެއްގެ ނަޒަރު އެ ސައިކަލާއެކު ކައިލްއަށް ދަތުރުކުރިއެވެ.

އާލިކް ހުރީ އެކުވެރި ކުދިންނާއެކު ދަނޑުގެ އެތެރޭގައެވެ. ގޮނޑިބަރިތަކުން ޖާގަ ނުލިބުމުން އެމީހުން ހުރީ ގޮނޑިބަރިތައް ޖަހާފައިވާ ދިމާލުގެ ކަނާއި ވާގޮތަށެވެ. އާލިކް ގާތުގައި ތިބި އެކުވެރިންގެ އަޑުގަދައެވެ. އެކެއް އެކަކުން އެއްވަރުވެފައި ވުމުން މެޗުގެ ފޯރި އެހާވެސް ގަދައީއެވެ. އެވަގުތު އާލިކްއަށް އެއްފަރާތަކަށް ބަލާލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާއަށް ފެނުނީ ކައިރިއަށް އަންނަމުން ޒުވާނާއެވެ. އާލިކްއަށް މަޑުމަޑުން އެސްފިޔަ ޖަހާލެވުނެވެ.

“ވެއިޓް އެ މިނެ…” އާލިކްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އެ ޒުވާނާ އައިސް ގާތަށް ހުއްޓިއްޖެއެވެ. އާލިކް އެސްފިޔަ ޖަހާލުމެއް ނެތި އޭނާގެ ކޮއްކޮގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ.

“ވަޓް ދަ ހެލް އާރ ޔޫ ޑުއިން ހިއަރ…؟” އާލިކްއަށް ބުނެވުނީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ކައިލް އެއްބުމަ ހިއްލާލި މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

“ނައިސް ޓު ސީ ޔޫ ޓޫ…” ކައިލް ބުނެލިއެވެ. އާލިކްގެ މުޅި ސަމާލުކަން ކައިލްއަށް ހުއްޓިފައި ވެއެވެ. ހަމައެކަނި އާލިކްއެއް ނޫނެވެ. ދުވަސްގަނޑަކަށް ފަހު ކައިލް ފެނުމުން ގޮނޑިބަރިތަކުގައި ތިބި ރަށުގެ ގިނަ ޒުވާނުންގެ ލޮލުގެ ވިދުން އިތުރުވެފައި ވާކަހަލައެވެ.

“ކޮންއިރަކު އައީ…؟” އާލިކް ވާހަކަ ދެއްކިއިރު މިފަހަރު ބައްތިރީސް ދަތް ފެނެއެވެ.

“އިރުކޮޅެއް ކުރިން…” ކައިލް ޖަވާބު ދީފައި މެޗަށް ނަޒަރު ހިންގާލިއެވެ.

“ދެން ނުވެސް ބުނަމޭނު…؟” އާލިކް ބުނެލިއެވެ.

“ބުނެފަ އައި ނަމަ ތި ރިއެކްޝަންއެއް ނުފެންނާނު…” ކައިލް ބުނެލިއެވެ. އާލިކް ހީގަންނަމުން އޭނާއާއި އެއް އިސްކޮޅެއްގެ ކޮއްކޮގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ. އުފަލުން ގޮސް ތިބެވުނު ތަން ވެސް ހަނދާން ނެތުން ކަހަލައެވެ. އާލިކް ގާތު ތިބި އޭނާގެ އެކުވެރިންވެސް ކައިލްގެ ބުރަކަށީގައި ޖަހާލިއެވެ. އެ އެންމެންގެ ތެރޭގައިވެސް ކައިލްއަކީ މަގުބޫލު ޒުވާނެކެވެ. އިރުކޮޅަކަށް ކައިލްގެ މާޔޫސްކަން ލިބިފައިވާ ހިތަށް ފިނިކަމެއް ލިބުނެވެ.

މެޗު ކުރިޔަށް ދިޔައިރުވެސް ކައިލްގެ ނަޒަރު ގިނައިން ހުއްޓެމުން ދިޔައީ މެޗަށް ވުރެ ސަޕޯޓަރުން ތިބި ދިމާލަށެވެ. ހިތުގައި އަދިވެސް އުއްމީދުގެ ކުޑަކުޑަ ހުޅުކޮޅެއް ވިއެވެ. މެޗަށް ސަމާލުކަން ދޭން ބޭނުންވިޔަސް އެ އިހުސާސްތަކަށް އޭނާއަށް ބާރެއް ނުފޯރުވެއެވެ. ރާއްޖެ ފަސްގަނޑުގައި ފައި ޖެހުނު ފުރަތަމަ ސިކުންތުގައިވެސް ހިތް ގޮވާލީ އެ ހިތުގެ މަންޒިލަށް ދިއުމަށެވެ. އެންމެ ފަހުން ކައިލް މެޗަށް ސަމާލުކަން ހުއްޓާލިއެވެ. އޭނާ އެނބުރި އައިކަން އެ ހިތުގެ ވެރިޔާއަކަށް ނޭނގޭނެއެވެ. މާނައެއް ނެތް ކަމެއްގައި އަމިއްލަ ނަފްސު ވަރުބަލި ކުރުމެއް ނެތެވެ.

މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ. ކަށިގަނޑުގެ އަޑާއި އެކު ގިނަ ބަޔަކު ތެދުވެގެން އެ މާހައުލު ދޫކޮށް ދާންފެށިއެވެ. ދަނޑުގެ ޓާރފްމަތީގައި ރަށު ޓީމްގެ ބައެއް ކުޅުންތެރިން މެޗުގެ މަޝްވަރާތަކުގައި ތިއްބެވެ. ޓީމް މީހުން ތިބެން ހަމަޖެހިފައިވާ ބެންޗް ކައިރީގައި ރިހާން ހުރެ އޭނާގެ މޫނަށް ފެންފުޅި އޮއްސާލަމުން ތެމިފައިވާ އިސްތަށިގަނޑުގައި ފަހަތަށް ވާ ގޮތަށް ފުނާ އަޅާލިއެވެ. އޭރު ބާކީ ތިބި ކުޅުންތެރިންވެސް އެކި ވާހަކައިގަ ތިބެ އެދިމާލަށް އާދެއެވެ. ގާތުގައި ހުރި ޒިހާން އާއި ވާހަކަ ދައްކަމުން ރިހާން އޭނާގެ އެއްޗެހި ދަބަހަށް އަޅަމުން ދިޔައެވެ. ޓީމާއި އެކު ނިކުންނަން ދިޔަ ގަޑީ ކުއްލިއަކަށް އޭނާއަށް ގޮނޑިބަރިތަކާއި ދިމާލަށް ބަލާލެވުނީ ދަންނަ މޫނެއް ފެނުންހެން ހީވެގެންނެވެ.

ރިހާނަށް ފުރަތަމަ ހީވީ ހީވިގޮތެއް ހެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރަނގަޅަށްވެސް އެ މޫނު ފާހަގަވެއްޖެއެވެ. އެ ނޫކުލައިގެ ދެ ލޮލުން އޭނާގެ ހީއަށް ޔަގީންކަން ގެނެސްދީފިއެވެ. ބަދަލުވުމެއް ނެތް އެ ފިރިހެންވަންތަ ޝަހުސިއްޔަތުން ރިހާނަށް އެއީ ކާކުކަން ދެނެގަނެވިއްޖެއެވެ.

ކައިލް އިޒީކިއެލް އަކީލް……

ރިހާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެބުމަ ގޮށްޖެހިގެން އައުމާއެކު އޭނާ ކަމަކާ ވިސްނާލީކަން ހާމަވެއެވެ. ކައިލް މިތާ ކީއްކުރަނީހެއްޔެވެ؟ ރިހާންގެ ހިތަށް ފުރަތަމަވެސް އައީ އެ ސުވާލެވެ.

މީހަކު މާވަރަކަށް ބަލާހެން ހީވެ ކައިލްގެ ނަޒަރު އެ ދިމާލަށް އަމާޒުވިއެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާވިއެވެ. ލޯތަކަށް ފަރުދާވެގެންވާ ނުތަނަވަސްކަމުގެ ވައިރޯޅިއެއް ޖެހިލިކަހަލައެވެ. އެހެން މީހަކަށް ފާހަގަ ނުވި ހިމޭންކަން ފުންވެގެން އައެވެ. އިރުކޮޅަކަށް ދެޒުވާނުންވެސް ހަރަކާތެއް ނުކޮށްލިއެވެ. ރިހާންގެ ބެލުން ކައިލްގެ މޫނުގެ ކޮންމެ ދިމާލަކަށް އަމާޒުވަމުން ދިޔައީ ކަމެއް ޔަގީންކުރަން އުޅޭ ފަދައިންނެވެ. މިތަނުން ކައިލް ފެނިދާނެ ކަމަށް އުއްމީދުކޮށްފައި ނުވާކަން ހާމަވެއެވެ.

އަނެއްކޮޅުން ކައިލްގެ ފަރާތުން މާ ބޮޑު އަސަރެއް ނުފެނުނެވެ. ރިހާނަށް އޭނާ ބަލަން ހުރި ނަޒަރުގައި ވަނީ ފިނިކަމެވެ. އާދައިގެ ބީރައްޓެއްސެއް ފެނިގެން ބަލަން ހުރިފަދައެވެ. ކުރިޔަށްވުރެ ފިރިހެންވަންތަކަން އިތުރުވެފައި ވާއިރު މޫނުމަތިން ހަރުދަނާކަން ފެނެއެވެ. ކައިލްއަށް ބަލަން ހުރި ރިހާންގެ ތުންފަތް ނުލަފާ ހިނިތުންވުމަކުން ދެމިލިއެވެ. އެ ހިނިތުންވުމުގައި ވަނީ ކައިލްއަށް އޭނާގެ ކާމިޔާބީ ހަނދާންކޮށްދެން އުޅޭފަދަ ކުލަވަރެކެވެ. އެހެނަސް ކައިލް އޭނާގެ ސަމާލުކަން ހުއްޓާލީ އާލިކް އާއި އޭނާ ގާތު ތިބި އެކުވެރިންނަށެވެ.

ރިހާންގެ ހިނިތުންވުން ފަނޑުވިއެވެ. އަދިވެސް އެ ގޮތްދޫނުކުރާ، އަޅާލުންކުޑަ ފިނި މިޒާޖެވެ. ރިހާންގެ ހިތަށް އެރިއެވެ. ކައިލްގެ އެ އަޅާލުންކުޑަކަމުން ރިހާން ރުޅިއަންނަ ގޮތްވިއެވެ. އޭނާ އެއްޗެއް ނުބުނެ ގޮސް ޓީމް ކުދިންނާއެކު ބަހަށް އެރިއެވެ. އެހެނަސް ސިކުނޑީގެ ކަނަކުން އިންޒާރުގެ ކަނިތަކެއް ފިޔަޖަހާލިއެވެ. ކައިލްގެ އެ އުއްމީދު ނުކުރާ ފެނިލުން ރިހާންގެ ހިތް ނުތަނަވަސް ކުރުވައިފިއެވެ. އަދި ކައިލް އެމީހަކު ހޯދަން މަސައްކަތް ކުރާނެ ފަރާތެއްގެ ސޫރަ ރިހާންގެ ލޯމަތިން ސިފަވުމާއެކު އަތް މުއްކަވާލެވިއްޖެއެވެ.

“ކައިލް……” އެންމެން ދައްކަމުން ދިޔަ ވާހަކައިގެ އަޑު ފަނޑުކޮށްލާފައި ޒުވާނެއްގެ ހަޅޭކުގެ އަޑު އިވުނެވެ. އޭރު އިރުއޮއްސެން ދަނީއެވެ. ކައިލްއަށް ރަނގަޅަށް ފަހަތަށް ނޭނބުރެވިގެން އުޅެނިކޮށް ފަހަތުން ފުލް ސްޕީޑްގައި ދުވެފައި އައި ޒުވާނަކު ކައިލްގެ ގައިގަ އޮޅުލައިގަނެފިއެވެ. އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ.

“އިޝާން…” ކައިލް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް މާ ލަސްވީއެވެ. އިޝާން ކައިލްގެ ގައިގަ ބައްދައިގަތްގޮތުން ކައިލްގެ އުރަށް އަރަން އުޅެފާނެ ކަހަލައެވެ. ފަހަތަށް ދެތިން ފިޔަވަޅު އެޅުނު ކައިލްއަށް ހަށިގަނޑު ބެލެންސް ކުރެވުނީ ކިރިޔާއެވެ. އޭރު އާލިކް އާއި އޭނާގެ ރައްޓެހިން މަޖާވެފައި ބަލަން ތިއްބެވެ.

“ޔޫ ކޭމް ބްރޯ…” އިޝާން ދެންމެ ދެންމެ ކައިލް ފުނޑާލާނެ ކަހަލައެވެ.

“އަހަރެން މަރާލަންތަ ތިއުޅެނީ…؟” ކައިލް އުނދަގުލުން ވާހަކަ ދެއްކިއެވެ.

“އޯހ ޝަޓަޕް…” އިޝާން ކިރިޔާވެސް ދުލެއް ދިނީ ދެނެވެ. ކިރިޔާ ކައިލްގެ މޫނު ފެންނަ ވަރަށް ދުރަށް ޖެހިލާފައި އޭނާ ރަނގަޅަށް ކައިލްއަށް ބަލާލިއިރު ހީވަނީ ތުއްތު ކުއްޖަކަށް އާ ކުޅޭ އެއްޗެއް ލިބިގެން ބަލާހެންނެވެ. އެ މޫނުގައި ވަނީ ހައިރާންކަމާއި އުފަލުން ފޮޅިފައިވާކަމެވެ.

“ކޮންއިރަކު އައީ…؟ ކީއްވެ ނުބުނީ…؟ ކިހާ ދުވަހެއް ވަންދެން މިކޮޅުގަ ހުންނާނީ…؟ ކީއްވެ މަށަށް ނުގުޅީ…؟ އެނގޭތަ ކިހާ ދުވަހެއް ފަހުންކަން މި ފެނުނީ…؟” ނޭވާއަކަށް ހުއްޓުމެއް ނެތި އިޝާން ވާހަކަދެއްކިއެވެ. ކައިލް އިރުކޮޅެއް ވަންދެން އިޝާންއަށް ބަލަން ހުއްޓެވެ.

“ހުރިހާ ސުވާލެއް އެއް ނޭވާއިންތަ ކުރާނީ…؟ އޯރ ޝުޑް އައި ގެޓް ޔޫ ސަމް ވޯޓަރ ފަސްޓް…؟” ކައިލް ބުނެލި ޖުމްލައިން އާލިކްއާއި އޭނާގެ ރައްޓެހިން ހޭންފެށިއެވެ. އިޝާން ކައިލްގެ ކޮނޑުގައި ޖެހިއެވެ. “ޔޫ އަރ ސޯ އެނޯއިން…”

“އެންޑް ޔެޓް…، ހިއަރ ޔޫ އަރ… ހަގިން މީ އިން ޕަބްލިކް…” ކައިލް އިޝާނަށް ރައްދު ދިނެވެ.

“އައި ޑޯންޓް ކެއަރ…” އިޝާން ބުނެލިއެވެ. އެހެން ހުރިހާ ކަމަކަށްވުރެ ރަހުމަތްތެރިޔާ ފެނުމުން ހިތަށް ލިބިފައިވާ އުފާވެރިކަން އިޝާންގެ މޫނުމަތިން ހުރީ ހާމަވާށެވެ. ކައިލް އެންމެފަހުން މަޑުމަޑުން ހީލިއެވެ. އެ ‘މިލިއަން ޑޮލަރ ސްމައިލް’ އިން އެންމެންގެ ހިތްތަކަށް ހަމަޖެހުން ގެނުވިއެވެ.

“އޯކޭ އޯކޭ…އެންމެ ފުރަތަމަ އަހަރެން ނޭވާލިޔަ ދީބަލަ…” ކައިލް ބުނެލީ އިޝާންގެ ބުރަކަށީގައި ޖަހާލަމުންނެވެ. އިޝާން ދުރުވެލީ ދެނެވެ. އެހެނަސް އޭނާގެ ދެއަތް އޮތީ އަދިވެސް ކައިލްގެ ކޮނޑުމަތީގައެވެ. މަޑު ނޫކުލައިގެ ޖާރޒީގައި ހުރިއިރު އިސްތަށިގަނޑު ތެމިގެން ނިތުމައްޗަށް ފައިބެފައިވެއެވެ. ސޭކެއްހެން ހެވިފައި ކައިލްއަށް ބަލަން ހުރިއިރު އަދިވެސް ކައިލް ހުރިކަން ގަބޫލު ނުކުރެވިފައި ހުރި ކަހަލައެވެ.

“ހމމ ދެން ބުނެބަލަ…ކޮންއިރަކު އައީ…؟” އިޝާން އެހިއެވެ.

“އިރުކޮޅެއް ކުރިން…” ކައިލް އާލިކްއަށް ދިން ޖަވާބު އިޝާންއަށްވެސް ދިނެވެ. އިޝާން އަނގަ ހުޅުވުނެވެ.

“އެކަމަކުވާ…އަހަރެން ކައިރި ކީއްވެތަ ނުބުނީ އަންނަކަން…؟” އިޝާން ބުނެލިއެވެ. ކައިލް ޗަސްޖަހާލިއެވެ.

“އަހަރެން އައުމުގެ ކުރިން މިރަށު އެންމެންނަށް އެކަން ސިޓީއަކުން އަންގަން ޖެހޭތަ…؟” ކައިލް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

“ޔެސް…! އެސްޕެޝިއަލީ މީ…!” އިޝާން ދުލެއް ނުދިނެވެ. ކައިލް ލޯތެރޭ ކަޅި އަނބުރާލަމުން ބޯ ހޫރާލިއެވެ. އިޝާން ހީގަނެފައި ކައިލްގެ ދެކޮނޑުގައި ހިފާ ގާތަށް ދަމާލާފައި އަނެއްކާވެސް ބައްދައިގަތެވެ. އުފަލުން ގޮސް ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ވާކަހަލައެވެ.

“އައި މިސްޑް ޔޫ އިޑިއަޓް…” އެ ހުރި ގޮތަށް ހުރެ އިޝާން ބުނެލިއެވެ.

“މިސްޑް ޔޫ ޓޫ…” މިފަހަރު ކައިލްވެސް އިޝާންގެ ބުރަކަށީގައި ދެއަތް ވަށާލައިފިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހަމަޖެހުމެވެ. ވަށައިގެން ތިބި ގާތް މީހުންގެ އަމަލުތައް ހުރި ގޮތުން ކައިލްގެ ހިތަށް ފިނިކަން ގެނެސްދީފިއެވެ. އާލިކްއާއި ގާތުގައި ތިބި އެކުވެރިންގެ މޫނުގައިވެސް ވަނީ ހިނިތުންވުމެވެ.

އިޝާން ދުރުވެލާފައި ކައިލްގެ ބުރަކަށީގައި ޖަހާލިއެވެ. އޭނާގެ ބެލުން އަމާޒުވީ އަދިވެސް އެ މާހައުލުން ނުދެވި ކައިލްއަށް ނަޒަރު ހުއްޓާލައިގެން ތިބި ބައެއް ކުދިންނަށެވެ. އިޝާންގެ ތުންފަތްމަތިން ލާނެއް ހިނިތުންވުމެއް ފާޅުވިއެވެ. ކުރީގެ ހަނދާންތަކެއް އާކުރުވި ކަމެއް ކަމުގައި އެކަން އިޝާނަށް ވެގެން ދިޔައެވެ.

“ބައި ދަ ވޭ…، ކައިލްއަށް އެނގޭތަ ކައިލް ތިކުރި ކަންތައް…؟” އިޝާން ބުނެލިއެވެ. ކައިލް ލޯ ހަނިކޮށްލުމުން އިޝާން ހޭންފެށިއެވެ.

“މިތާގައި ދެބައިކޮށްފަ އެއްބަޔަށް ވުރެ ގިނަ އަންހެންކުދިން ހަނދާން ނެތިފައި ވިއްޔާ ތިބީ މިތަނުގައި ފުޓުބޯޅަ މެޗެއް އެބަ ކުރިޔަށް ދާކަން…” އާލިކް ބުނި ވާހަކައިން ކައިލް ފިޔަވާ އެންމެން ހޭންފެށިއެވެ. ކައިލް އެ މާހައުލަށް ނަޒަރު ހިންގާލި އިރު ކައިލްއަށް ބަލަން ތިބި ކުދިންގެ ހިތް އަވަސް ވެއްޖެއެވެ. ކައިލް ދޫކޮށްލީ ފުން ނޭވާއެކެވެ.

“ވޮންޑަރފުލް…! އެގްޒެކްޓްލީ ވައި އައި ކޭމް…!” ކައިލް ބުނެލިއެވެ. އިޝާން ހީގެންފައި ކައިލްގެ ކޮނޑަށް އަތް ވައްޓާލަމުން ހިނގައިގަތެވެ.

“އަސްލުވެސް އިނގޭ…ކޯނަރއެއް ނަގަން އުޅުނު ގަޑީ އެ ޓީމްގެ ސަޕޯރޓަރސް އަޑު މަޑުވެގެން އަހަރެމެން ބަލާލީ…ފުރަތަމަ ހީކުރީ އަނެއްކާ މީހަކަށް ކަމެއް ވީބާއޭ…ދެން މެޗް ނިންމާފަ ތިބި ގަޑީ ކޯޗު އައި އިރަށް ކުއްޖަކު އެހީ މީހަކަށް ކަމެއް ވީތޯ…އޭނާ ބުނީ މާ ރީތި ފިރިހެނެއް ފެނުނީއޯ ބަޔަކަށް…އެހެންވެ އަހަރެން ބަލާލި އިރު ދެން އައި ސޯ ޔޫ ޖެންޓްލްމެން…” އިޝާން ވާހަކަ ދެއްކުމުން ބޮލަށް އުނދަގޫވެފައި ހުރެ ކައިލް ބޯ ހޫރާލިއެވެ.

“ތިވަރަށް އަހަންނަށް ތައުރީފު ނުކުރިޔަސް އަހަރެން މީ ރީތި މީހެއްކަން އެނގެޔޭ…ތިހާ އޯވަރ ވަންޏާ އަޑުއަހަން ތިބޭ މީހުންވެސް ފޫހި ވާނެ…” ކައިލް ވާހަކަ ދެއްކިއެވެ.

“މަށަށް ވަރިހަމައޭ…މަ ނުވާނެ ފޫއްސެއް…” އިޝާން ބުނެލިއެވެ.

ދަނޑުން ނިކުތުމުގެ ކުރިން ކައިލްގެ ނަޒަރު އަނެއްކާވެސް އެ މާހައުލަށް ހިންގާލިއެވެ. އެ ބަސްނާހާ ހިތް ތެޅިފޮޅެމުން ދިޔަ ސޫރަ ފެނިދާނެ ކަމުގެ ހަނި އުންމީދުގައެވެ. އެހެނަސް އެ ހިތް އެދޭ ސޫރައެއް ނެތެވެ. ފަނޑު ރިހުމުގެ ހިނިތުންވުމެއް ކައިލްގެ ތުންފަތުން ފާޅުވިއެވެ. އޭނާއަށް މި ހިސާބަށް އާދެވި، އެހިތުގެ ވެރިޔާއާއި ވަކިވުމެއް ނުވާ ފަރާތަކާއިވެސް ބައްދަލު ވެއްޖެއެވެ. އެވަގުތު ހިތަށް ކުރެވުނު ރިހުމުގެ އިހުސާސް އޭނާ ފަރުދާކޮށްލީ ނުހަނު ކުޅަދާނަ ކަމާއެކުއެވެ. އެއްވެސް މީހަކަށް ނޭނގުނަސް އެވަގުތު އާވެގެން ދިޔަ ހަނދާންތަކެއްގެ ސަބަބުން ކައިލްގެ ހިތުގައިވި ޒަހަމްތައް އަލުން ތާޒާވި ކަހަލައެވެ. ނަމަވެސް އެ އަސަރުތައް އެވަގުތު އޭނާ ފާޅު ނުކުރީ އެމީހަކަށް އޭނާގެ އެ ހިތްދަތިކަމުން ހިތްހަމަޖެހުން ހާސިލުވިޔަ ނުދިނުމަށެވެ.

 އޭރު އިރު އޮއްސި، މާހައުލު ފެންނަނީ އަލިފާން ކުލައިގައެވެ. ކައިލްގެ މޫނުމަތީގައިވި އަސަރުތައް އިޝާންއަށް ދޭހަވިކަން އެނގެނީ އޭނާ ހިމޭންވި ގޮތުންނެވެ.

“ބައި ދަ ވޭ، ކެޕްޓަން އިޝާން…ވެއަރ އިޒް ޔުއަރ ކެބިން ކްރޫ ގާލްފްރެންޑް…؟” ވެރިވި ނުތަނަވަސްކަން ކަނޑުވާލުމަށް ކައިލް ވާހަކަ ދެއްކިއެވެ. އިޝާންގެ މޫނުމަތިން އަނެއްކާވެސް އެ މަޖާ މިޒާޖު ފާޅުވެއްޖެއެވެ.

“އޭނާ ޑިއުޓީއޭނު…ކައިލް އައިކަން އެނގުނީމަ ހުންނާނެ ފޯރި…” އިޝާން ބުނެލިއެވެ. ކައިލް ސައިކަލަށް އެރުމާއެކު އިޝާންވެސް ފަހަތަށް އަރާފައި އޭނާ ގެޔަށް ލައިދިނުމަށް އެދުނެވެ. ސައިކަލު ދުއްވަމުން ދިޔައިރު އިޝާން މިހާ އަވަހަށް ޕްލޭންތައް ހަދައިފިއެވެ. މިރޭގެ ވަގުތެއްގައި ކޮފީއަކަށް ދާން ތައްޔާރުވެގެން ހުންނާށޭ ކައިލް ގާތު އިޝާން ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Eyesher

    OMMMGGGGG…. Kyyllleeee is bacccckkkkkkk…. I LOOOVVVVEEEEE thiiiiizzzzzzz….. Likeeeee…. Omg omg omg….
    Bahahahaha… What a surprise tho… Ekaku gaathu ves nubune he came hooommmmeeeee…
    That REEHAN gandu… I want his moonu nolhaalan… And his ego fai dhashah vehttey varu kuran… Dhen he ah eyothy ego eh libifa huvaa… E ego akaa hedhi he can’t even stand up for his wife, or take care of her.. e dhen too much dhw… Plusss… That’s not firihenvanthakan… That’s been a findi useless firiheneh… His firihenvanthakan maana kurun sucks… NGL…
    Poor Lia… I feel bad for her… Ngl.. like, imagine, how much she’ll wanna go rashah, but didn’t go cuz she didn’t want to face all the things she wanna filanings… I feel bad for her ssssmmmmm….
    Anyways… KYLE IS BACCKKKKK…. I feel like a big twist is coming ey… Like… He won’t stop dhw lia nulibeyhaa hindhaku… We all know Lia isn’t happy, and when Kyle knows that, he gonna rescue herrrr… KYLE TO THE RESCUE…
    Omg… Anyways… Can’t wait for the next part… Avahah next part up Koh dhehchey…
    LYSSMMM🫶🏻🫶🏻🫶🏻

    1. Lavender
      Eyesher

      GIRLLLLL 😭😭😭 THE EXCITEMENT FOR KYLE HAHAHAHA 💀 He really came back without telling anyone 😭🤭 And about Rihan… istg that man is testing everyone’s patience (including me lolll) 💀 Poor Leah deserves a break 🥺 AND NOW THAT KYLE IS BACKKK 👀🤭 I love reading your reactions and theories hehehhe 🤭 Thank you for always supporting my story loveee!! LYSM MORE 🥹💗

  2. Nuhaa

    Awnnnnn sooooooo perfect. Curiously waitingggggggg. Can u try to up varahhh avahahhhhhhh pleasessssssss can’t wait. ♥️♥️♥️♥️

    1. Lavender
      Nuhaa

      Awww so happy you loved ittt 😭💗 I’ll try my best to upload soon…Thank you for waitinggg 🖤🥀

  3. pumpkin🎃

    THIS PART WAS SHOCKING AS I DONT EXCEPT KYLE COMING BACK SO SOON🫣
    poor lia that reehan dosent consider her feeling and does not comfort her 😒🥺
    pls get kyle to resuce our lia from that idot reehaan🥺😭😒
    he think he achived by snatching lia from kylee but i cant wait too imagaine his expression when kyle got lia back some day😂🫣
    hope to being able to read nxt ep soon
    i am very curious to know what is happening nxt🤔
    lyssmm and tc 🧡💗

    1. Lavender
      pumpkin🎃

      Heheee Kyle really knows how to make an unexpected entrance 😭😂💗 And poor Leah really deserves some peace 🥺 As for Rihan and Kyle… 👀🤭 I’ll let the story do the talking hehe…Thank you so much for always reading and sharing your thoughts! LYSM too take careee 🖤🥀

  4. laishyy_.

    I wonder if rihaan is going to turn in to a loving something for now since Kyle aima.. I mean he knows ehnu competition aki ei Kan.. also I wonder kihineh baa ey e rashun beyruga huri Leah Alun e rashah annaani.. 🤔.. Kyle ah Leah fenijjeyyaa(fennaane) he would know kanneyge first nazarun vx she isn’t doing good Kan.. physically kihaa change vejje viyyaa Leah.. mi part vx vrh vrh vrhhhh reethi.. waiting for nxt..

    1. Lavender
      laishyy_.

      Omg I love how you’re thinking about all these possibilities 😭🤭 Yeah Kyle might notice more than anyone else when it comes to Leah 👀😮‍💨🖤 Thank you so much for reading and sharing your theories 💗 So happy you enjoyed this part 🖤🥀

  5. Strawberry

    Damnnnnn…..wonder how this will gooo…..why if rihaan force Leah to come rashah….urghhhhh this is interesting….vrh reethi mi parttt….keep it uppppp gurllll

    1. Lavender
      Strawberry

      Girl, the theories you come up with 😭🤭 hehehe…let’s see what Rihan has planned…So happy you loved this part 💗 Thank youuu 🖤🥀

  6. Anonymous

    Can u give the days that ure uploading each ep

    Veryyyy curious. Cantttt waitttttt. Fav author

Comments are closed.