Skip to content
އެސްފިޔަ

ޒައިނަބް – 7

Listen to this story Audio · 19:02 Powered by Esfiya Voice
0:00 19:02

ޖެހިގެންއައި ހޯމަ ދުވަހު ޒައިނަބަށް ހޭލެވުނީ ޒައިނަބްގެ މަންމަ ފާތުންގެ ކޯލަކުންނެވެ. އޭރު ގަޑިން ހެނދުނު ހަތެއް ޖަހަނީއެވެ. އާދައިގެ މަތިން ރޭގައިވެސް ދެފަހަރަކު ބިރުވެރި ހުވަފެން ފެނިގެން ޒައިނަބަށް ވަނީ ހޭލެވި ފައެވެ. ރޭގަނޑުގެ ހަމަނިދި ނުލިބުމުގެ ސަބަބުން ހޭލެވުނު އިރުވެސް ޒައިނަބްގެ ހަށިގަނޑުގައި ވަރުބަލިކަމުގެ އަސަރު ނުފިލާ ހުއްޓެވެ.

“ޒައިނަބް ހޭލާތަ ތިއުޅެނީ؟.”

ޒައިނަބް ފޯނު ނެގުމާއެކު ފާތުން އެހިއެވެ.

“އާން.. ކިހިނެއްވީ މަންމާ..؟”

ޒައިނަބްގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. މިހާ ހެނދުނާ ފާތުން ގުޅުމުން އަނެއްކާ ކިހިނެއްވީ ބާއޭ ޒައިނަބްގެ ހިތަށް އެރިއެވެ. އޭރު ފާތުންމެންގެ ގޭތެރެއިން ޝިފާގެ ދަރިފުޅު އާރާ ރޯއަޑު އިވެއެވެ.

“އާދެބަ މިގެއަށް.. މިއުޅެނީ ރޭއްސުރެ އާރާ ބިރުން ރޯވަރުން..”

ފާތުން އެހެން ބުނުމުން ޒައިނަބަށް ފުންމައިގެން ތެދުވެ އިށީނދެވުނެވެ.

“ކޮންކަމަކާ ބިރުން؟.”

ޒައިނަބް އެހިއެވެ.

“ރޭގަ އާރާއަށް ބަދިގެ ތެރެއިން މީހެއް ފެނުނީޔޯ.. އޭގެ ފަހުން ހަމަ ބިރުން ރޮނީ..”

ފާތުން ކުރުގޮތަކަށް އާރާއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ.

އެވާހަކަ އަޑު އެހުމަށްފަހު ޒައިނަބްއަށް ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އިނދެވުނެވެ. އެންމެ އަށް އަހަރުގެ ކުޑަކުޑަ އާރާއަކީ އަބަދު ކުޅެ މަޖާކޮށް ހެދުމުގައި އުޅޭ އުފާވެރި ކުއްޖެކެވެ. އާރާ އެހާ ބިރުގަންނާނީ ހަމަ އަސްލަށްވެސް އޭނާއަށް ކޮންމެވެސް ބިރުވެރި ކަމެއް ފެނުމުން ކަން ޒައިނަބަށް ޔަގީނެވެ.

އިރުކޮޅަކުން މިދަނީ ކަމުގައި ބުނެ ޒައިނަބް ފޯނު ބޭއްވިއެވެ. އޭރު އަހުސަލް ހޭލައިގެން ޒައިނަބަށް ބަލަން އޮތެވެ.

“ކިހިނެއްވީ؟.”

ޒައިނަބްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނިފައި އަހުސަލް އެހިއެވެ.

ފާތުން ގުޅައިގެން ދެއްކި ވާހަކަ ޒައިނަބް އަހުސަލަށް ކިޔާދިނެވެ. އެވާހަކަ އަޑުއެހުމަށްފަހު އަވަހަށް ދާންހިނގާށޭ ބުނެ އަހުސަލް ތެދުވެގެންގޮސް ތައްޔާރުވާން ފެށިއެވެ.

ފާތުންމެންގެ ގެއަށް ވަތްއިރުވެސް ޒައިނަބްގެ މޭ ބާރަށް ތެޅެމުން ދިޔައެވެ. ވާން މިއުޅެނީ ކޮންފަދަ ބޮޑުކަމެއް ބާއޭ ހިތަށް އެރުމުން ޒައިނަބްގެ ހިތުގައިވާ ބިރު އިރެއް އިރަކަށް ދިޔައީ އިތުރުވަމުންނެވެ. ޒައިނަބްއަށް ފެނުން ހުވަފެނުގައި ވީގޮތަށް މި ބިރުވެރި ކަންތައްގަނޑުގެ ތެރެއަށް އޭނާގެ ލޯބިވާ އާއިލާވެސް ވަނީ ބާއެވެ؟.

ޒައިނަބްމެން ގޮސް އެގެއަށް ވަތްއިރު އާރާ ފާތުންގެ އުނގުތެރޭގައި އޮތެވެ. ޝިފާވެސް އެތާ ކައިރީގައި އިނދެ އާރާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އޭރު ރޮއިރޮއި ވަރުބަލިވެގެން ދެމިފަތް އޮތް ކުޑަކުޑަ އާރާގެ ދެލޯ ވަނީ ރަތްވެ ދުޅަވާން ފަށާފައެވެ.

“އާރާ.. ދޫނި.. ބޮއްތައަށް ކިޔާދީބަލަ.. އާރާއަށް ކޯއްޗެއް ފެނުނީ ރޭގަ؟.”

ޒައިނަބް އާރާގެ ބޮލުގައި ފިރުމާލަމުން ވަރަށް ލޯބިން އަހާލިއެވެ.

“މީހަކު ހުރީ ބަދިގެ ތެރޭގަ…”

އާރާ ޖަވާބުދިނެވެ.

“ދޮންތާ.. ރަނގަޅަށް ކިޔާދީބަލަ ވީގޮތް…”

އާރާގެ ފަރާތުން ލިބުނު ޖަވާބުން މާބޮޑު އެއްޗެއް ސާފުވާގޮތް ނުވުމުން ޒައިނަބް ޝިފާ ކައިރީގައި ވީގޮތް އިތުރަށް ކިޔާދިނުމަށް ބުންޏެވެ.

“ރޭ ދަންވަރު ފެން ބޮވައިގަނެގެން އާރާއަށް ހޭލެވުނީ.. އެއްވެސް މީހަކަށް ނުގޮވާ އާރާ އެކަނި ދިޔައީ ބަދިގެއަށް ފެންބޯން.. އާރާ އެހެންނޫނަސް އެގޮތަށް ހޭލެވުނީމަ ހަމަ އެކަނި ގޮސް ފެންބޮއިގެން އައިސް ނިދަނީ.. ދެން ރޭގަ އާރާ ފެންބޯން ބަދިގެއަށް ވަތްއިރު ސިންކު ކައިރީގަ ފާރާ ދިމާލަށް އެނބުރިގެން ހުރީޔޯ މީހެއް.. އާރާ ހީކުރީ އެއީ މާމަ ކަމަށޯ އާރާ ބުނީ.. އާރާ ދެފަހަރު ގޮވާލީ މާމައޭ ކިޔާފަ. ދެން އެމީހާ މަޑުމަޑުން އާރާއާ ދިމާލަށް އެނބުރުނީޔޯ.. ހަށިގަނޑު ހުރިގޮތަށް ހުރެފައި ބޯ އެނބުރުނީޔޯ އެއްކޮށް..

އާރާ ރޮމުން ރޮމުން އައިސް މަށަށް ގޮވާ ހޭލައްވާފަ ކިޔާދިނީ.. މަގޮސް މުޅި ބަދިގެއާ ގޭތެރެ ބެލިން.. އެއްވެސް މީހެއް ނެތް. ދޮރުތައް ވެސް ހުރީ އެތެރެއިން ތަޅުލާފަ. ހަމަ ގައިމުވެސް އެއްވެސް މީހަކަށް ގޭތެރެއަކަށް ނުވަދެވޭނެ. އޭރުއްސުރެ ހަމަ ބިރުން ރޮނީ..”

ޝިފާ ވަރަށް ތަފްސީލުކޮށް ޒައިނަބްއާއި އަހުސަލަށް ވީގޮތް ކިޔާދިނެވެ.

“ކިހިނެއް އެމީހާގެ މޫނު ހުރީ؟.”

ޒައިނަބް އާރާ ކައިރީގައި އެހިއެވެ.

“އަނދިރިވީމަ އެހާ ކްލިއާ ކޮށެއް ނުފެނޭ ފޭސް އެއް.. އެ ލޭޑީ ވަރަށް ދިގު…”

އާރާއަށް އެނގޭ ގޮތަކަށް އެމީހާ ސިފަ ކޮށްދިނެވެ.

“އެމީހާ އެއްވެސް އެއްޗެއް ބުނިތަ؟.”

އަނެއްކާވެސް ޒައިނަބް އެހިއެވެ.

“ނޯ…”

އާރާ ބުންޏެވެ.

ޒައިނަބް އާރާގެ ގައިގާ ބައްދާލަމުން އެކަންތައް ދެން އެނިމުނީ ކަމުގައިބުނެ އާރާ ހަމަޖެއްސޭތޯ އުޅުނެވެ.

އެދުވަހު މެންދުރު ވަނިކޮށް އިސްމާއިލް ފަރުމަހުން އައިސް ގެއަށް ވަތްއިރު ގޭތެރޭގައި އާއިލާގެ ގިނަބައެއް އައިސް ރޭގައި ވީކަންތަކުގެ ވާހަކަ ދަައްކަން ތިއްބެވެ. އޭރު ގޭތެރެއިން ޒައިނަބަށް ވަމުންދާ ކަންކަމާއި މިކަމާ ކޮންމެވެސް ގުޅުމެއް ވާހެން ހީވާކަމުގައި އެކަކު ކިޔާއަޑު އިވެއެވެ.

“ކަމެއް ވާއިރަށް އެންމެން ކީއްވެގެންތަ މާ ބޮޑު ކޮށްލަނީ؟.. ކޮންމެކަމަކާ ސިހުރާ ޖިންނި ޝައިތާނުންނާ ނުގުޅުވަބަލަ… އެ ވެދާނެ އާރާ ނިދީގަ ހުރީމަ ހީވި ގޮތަކަށްވެސް… ފެނުން ހުވަފެނަކަށްވެސް…”

އިސްމާއިލް ވާހަކަދެއްކީ ވަރަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ. ޝިފާގެ ފިރިމީހާ ނަވީން އަކީ ރިސޯޓެއްގައި އުޅޭ މީހެއްކަމުން އޭނާއަކަށް އާރާމެންނާއެކު މާގިނަ ވަގުތު ހޭދަކޮށެއް ނުހެދެއެވެ. އާރާ އެންމެ ކުޑަ އިރުއްސުރެވެސް އިސްމާއިލް އާރާ ބަލަނީ އޭނާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހެންކަމުން އާރާގެ ކަމެއްގައި މާގިނަ މީހުން އެކި ގޮތްގޮތަށް ވާހަކަދައްކާ އަޑު އިވުމުން އިސްމާއިލަށް ކަމު ނުދިޔައީއެވެ.

“އެންމެންވެސް މިއުޅެނީ މިކަން ކަމަށް ހައްލެއް ހޯދަން.. އެހެންވެ ކޮންމެ މީހަކުވެސް އެމީހަކަށް ވިސްނޭގޮތް ކިޔަނީ..”

އިސްމާއިލްގެ ވާހަކަ ދެއްކުން ހުރިގޮތުން ފާތުން ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އެދުވަހު ދެން އިތުރަށް މާގިނައިން އެކަމާ ބެހޭގޮތުން އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.

އެދުވަހު ހަވީރު ވަނިކޮށް އިސްމާއިލްގެ އެދުމަށް އަހުސަލް އޭނާއާއެކު އިސްމާއިލްމެންގެ ތިމާގެ މީހެއްގެ ގެއަށް ކޮންމެވެސް މަސައްކަތެއް ކުރުމަށް ދިއައެވެ. މެންދުރުފަހު އެއްކޮށް ކަހަލަ ގޮތަކަށް އެގޭގައި އުޅުމަށްފަހު އިރު އޮއްސެން ވަރަށް ކައިރި ވެފައި ވަނިކޮށް އެނބުރި ގެއަށް ދިއުމަށް ނިކުތެވެ. ދެމީހުން ހިނގާފައި ދިޔައީ އަތިރި ފަޅީގެ ރުއްދަނޑު މަގުންނެވެ. ރުއްދަނޑު ކައިރިން ދަމުން ކުއްލިއަކަށް އިސްމާއިލްގެ ހިނގުން މަޑު ކޮށްލިއެވެ.

“އަހުސަލް.. ބަލާބަލަ އެދިމާ!..”

އިސްމާއިލް އަތުން އިޝާރާތް ކުރީ ރުއްދަނޑުގެ ތެރެއަށެވެ.

އިސްމާއިލް ދެއްކި ދިމާލަށް އަހުސަލް ބަލާލިއެވެ. އިސްމާއިލް ދެއްކީ ރުއްތަކުގެ ތެރެއިން ހިނގާފައި ދިޔަ އަންހެނެކެވެ. ކަޅު ކުލައިގެ ހެދުމެއްގައި ހުރި އެ އަންހެންމީހާގެ އަތުގައި ގޯންޏެއް ކަހަލަ އެއްޗެއް އޮތެވެ.

“ވެދާނެ ކާށި ނޫނީ ދަރުހޮވަން ވަދެއުޅޭ މީހަކަށް.. މީ މީހުން ކާށިހޮވަން އަންނަ ދިމާލެއްނު..”

އަހުސަލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނަސް އެމީހާގެ ފަރާތުން ތަފާތު ކަމެއް އިސްމާއިލަށް ފާހަގަ ކުރެވުނެވެ. އެއީ އިރުއޮއްސެމުން ދިޔަވަގުތު ކަމުން ކާށި ހޮވަން ވަލަށް ވަދެއުޅޭ މީހުންވެސް އެހާއިރު ވުމުން އާންމުކޮށް އެނބުރި ގެއަށް ދާނެއެވެ. ނަމަވެސް އެމީހާ ހިނގާފައި އިތުރަށް ރުއްދަނޑުގެ ތެރެއަށް ވަންނަމުން ދިޔައެވެ. އަދި ކޮންމެ ފަހަރަކު ރުކެއްގެ ބިއްދޮށަށް ގޮސް އެމީހާ އިރުކޮޅަކަށް ގެއްލެއެވެ. އަނެއްކާވެސް ފެންނަނީ ތަންކޮޅެއް އިރު ކޮށްފައެވެ. އިސްމާއިލަށް އެ ކަންތައްވީ ވަރަށް އާދަޔާ ޚިލާފު ކަމަކަށެވެ.

“އިސްމާއިލް މާވަރަކަށް އެމީހާއަށް ތިބަލަނީ ކީއްވެ؟. އެއީ ދަންނަ މީހެއްތަ؟”

އަހުސަލް އަހާލިއެވެ.

“ނޫން..”

އިސްމާއިލް އެހެން ބުނެ އަނެއްކާވެސް މަޑުކޮށްގެން އެމީހާއަށް ބަލަން ހުއްޓެވެ.

“އޭތް ދައްތާ!…”

އިސްމާއިލް އެމީހާއަށް އަޑު އިވޭވަރަށް ބާރަށް ގޮވާލިއެވެ. އެއަޑަށް އެމީހާ ހުއްޓުނެވެ.

އެއަޑަށް އެމީހާ ފަސްއެނބުރި އަހުސަލްމެންނާ ދިމާލަށް ބަލާލިއެވެ. ނަމަވެސް ގަސްތަކުގެ ތެރެއިން އެމީހުންނަށް އެ އަންހެންމީހާގެ މޫނު ސާފުކޮށެއް ނުފެނުނެވެ.

“އެބަ އަންނަން އެއީ ކާކުތޯ ބަލާފަ..”

އިސްމާއިލް އެހެންބުނެ އެދިމާލަށް ހިނގައި ގަންނަން އުޅުމުން އަހުސަލް އިސްމާއިލްގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނާ މަޑުކުރުވިއެވެ.

“މިހާރު އެއޮއް އަނދިރި ވަނީ.. ހިނގާދެން ގެއަށް ދާން..”

އަހުސަލް ކުޑަކޮށް ޖެހިލުންވެހުރެ ބުންޏެވެ.

އިސްމާއިލް އަހުސަލްގެ އެދުމަށް ދެކޮޅު ނުހަދައި ގެއަށް ދާން ހިނގައިގަތެވެ.

“އަހުސަލްއަށް އެ އަންހެން މީހާ ވަލުތެރޭ ހިނގާފަ ދިޔައިރު ތަފާތު ކަމެއް ފާހަގަ ވިތަ؟.”

ގެއާ ވަރަށް ކައިރިއަށް ދެވުމުން އިސްމާއިލް އަހާލިއެވެ.

އަހުސަލް ނޫނެކޭ ބުނެ ބޯހޫރާލިއެވެ.

އިސްމާއިލް ގެއަށް ވަނުމުން އަހުސަލްވެސް އެނބުރި އޭނާގެ ގެއަށް ދިޔައެވެ.

އަހުސަލް ގޮސް ގެއަށް ވަތްއިރު ޒައިނަބް ސިޓިންރޫމުގެ ސޯފާގައި ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ.

“އަހުސަލް ރުއްދަނޑު ކައިރިއަށް ދިޔައިންތަ؟.”

އަހުސަލް ފެނުނާއެކު ޒައިނަބް އަހާލިއެވެ.

“އާން.. ކިހިނެއްވީ؟ ކިހިނެއް ޒައިނަބަށް އެކަން އެނގުނީ؟..”

އަހުސަލް ހައިރާން ވެފައި އަހާލިއެވެ. އަހުސަލްމެން އެދިމާލަށް ދިޔަ ވާހަކައެއް ޒައިނަބް ކައިރިއަކު އޭނާ ނުބުނެއެވެ. ވީއިރު ޒައިނަބަށް އެކަން އެނގުމުން އަހުސަލް ހުރީ ވަރަށް ހައިރާން ވެފައެވެ.

“ނޭނގެ.. އަހަންނަށް ހުވަފެނުން ފެނުނީ އަހުސަލް އެދިމާލަށް ދިޔަތަން.. އެހެންވެ މިއެހީ..”

ޒައިނަބް އެހެން ބުނިއިރު މޫނުމަތިން އޭނާވެސް އެކަމާ ހައިރާން ވެފައި އިންކަން އެނގެއެވެ.

“ޒައިނަބަށް ފެނުން ހުވަފެން ކިޔާދީބަލަ!..”

އަހުސަލް ޒައިނަބް ކައިރީގައި އިށީންނަމުން ބުންޏެވެ.

“އަހަރެން ވަރުބަލި ވެގެން ދެންމެ މިތާ އޮވެ ކުޑަކޮށް ނިދާލީ.. އެގަޑީގަ ހުވަފެން ފެނުނީ.. ފެނުނީ އަހުސަލް ރުއްދަނޑު ކައިރިން ހިނގާފަ ދަނިކޮށް.. ދެން ފެނުނީ އަންހެނެއް ވަލުތެރެއިން ދަމުން ގޮވަނީ ޒައިނަބް.. ޒައިނަބް ކިޔާފަ… ނޭނގެ ކީއްވެކަމެއް އެމީހާ އަހަރެންގެ ނަމުން ގޮވީ..”

ޒައިނަބް އޭނާއަށް ފެނުނު ހުވަފެން އަހުސަލަށް ކިޔާދިނެވެ.

“ދެން އެކަމާ މާބޮޑަށް ނުވިސްނާ..”

އަހުސަލް އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަގީގަތް ނޭނގޭ ކަމެއްގެ ވާހަކަ އިތުރަށް ދައްކައިގެން ދެމީހުން ބިރުގަތުން ނޫންކަމެއް ނުވާނެކަން އަހުސަލަށް އެނގެއެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔަ ދިޔަހެން މަރިޔަމް ޒައިނަބްއާއި އޭނާގެ އާއިލާގެ މީހުންނާ ދުރު ދުރުން އުޅެން ފެށިއެވެ. މަގުމަތިން ހިނގާފައި ދާއިރުވެސް އެއިން މީހެއް ފެނިއްޖެނަމަ މަގު ބަދަލު ކޮށްލައި ނުފެންނަކަމަށް ހަދައިގެން ދަނީއެވެ. ތުންތުން މަތިން އާރާއަށް ގޭތެރެއިން މީހެއް ފެނުން ވާހަކައާއި އިސްމާއިލްއާއި އަހުސަލަށް ވަލުތެރެއިން މީހެއް ފެނުން ވާހަކަވެސް އޭނާއަށް ވަނީ އިވިފައެވެ.

މީހުން ރަށުތެރޭގައި އެވާހަކަތައް ދެއްކި ނަމަވެސް އެއްވެސް މީހަކަށް އެއިން އެއްވެސް ކަމެއްގެ އަސްލު ހަގީގަތެއް ނޭނގެއެވެ. އެކަމުގެ ހަގީގަތް އެނގެނީ ހަމައެކަނި މަރިޔަމް އަށެވެ. އެހެންކަމުން މިހާރަކަށް އައިސް މަރިޔަމްއަށް ޒައިނަބްއާއި ޒައިނަބްގެ އާއިލާގެ އެއްވެސް ވާހަކައެއް އިވުނަސް ބުނެދޭން ނޭނގޭފަދަ ޖެހިލުންވުމެއް އިހުސާސް ކުރެވެއެވެ. މަރިޔަމް ކުރި ކަންތައް އޭނާކުރީ ހަމައެކަނި ޒައިނަބްގެ ދިރިއުޅުން ހަލާކު ކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް މިހާރު އެމުޅި އާއިލާއަށް އެވަނީ އެކަންތަކުގެ އަސަރު ކުރަން ފަށާފައެވެ.

ޒައިނަބަށް ސިހުރު ހެދުމުގައި މަރިޔަމްއަށް އެހީވި މީހާ ބުނި ބަސްތައް ވަރަށް ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ. މަރިޔަމް އެދޭގޮތަށް ޒައިނަބްގެ ދުވަސް ދާނެ ކަމަށްބުނެ އެކަމަށް އެމީހާ ވަރަށް ޔަގީންކަން ދިނެވެ. އެދުވަހު މަރިޔަމް އެކަމާ ވަރަށް އުފާވެ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ފަހުރުވެރިވިއެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޒައިނަބް ބަލިވެ ނިމިގެން ދާނެކަމުގެ ހުވަފެންތައް ދެކެން ފެށިއެވެ.

ނަމަވެސް މަރިޔަމްގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފާނެ ކަމަކަށް ދުވަހަކުވެސް އޭނާ ހިޔެއް ނުކުރެއެވެ. ރޭގަނޑު ގޭތެރެއިން އިވޭ އަޑުތަކުން ބިރުން ނުނިދާ އިންނަން ޖެހިދާނެ ކަމަކަށް ނުވިސްނައެވެ.

މަރިޔަމް ހީކުރި ގޮތާ ޚިލާފަށް ކަންތައްތައް މިހިސާބަށް ގޮސްފައި ވުމުން އޭނާއަށް ކުރެވުނު ކަންތަކަށް އެއްބަސްވެ މާފަށް އެދެންވެސް އޭނާ ހިތަށް އަރައެވެ. ނަމަވެސް އެންމެންނަށް ހަގީގަތް އެނގުމުން ވެދާނެ ގޮތަކާމެދު ވިސްނާފައި އެކަމަށް ފަސްޖެހެވެނީއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. ޒައިނަބްއާއި އަހުސަލް ނިދަން ވަނީ ގާތްގަނޑަކަށް ބާރަ ޖަހަނިކޮށެވެ. ޒިކުރު ތަކާއި ދުޢާއިން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނަސް ޒައިނަބްގެ ސިކުނޑީގައި އަބަދުވެސް އެކިއެކި ހިޔާލުތަށް އެނބުރި އެނބުރި ހުރެއެވެ. މިފަހުން ވީ ކަންކަމާމެދު އަބަދު ވިސްނެއެވެ. އާރާއަށް ދިމާވި ކަންތަކާއި އަހުސަލް މެންނަށް ވަލުތެރެއިން ފެނުނު މީހާގެ ހިޔާލު އަބަދު ކުރެވެއެވެ. އެހުރިހާ ކަމަކާ ޒައިނަބްއަށް ވަމުންދާ ކަންކަމާ ގުޅުމެއް ވޭތޯއަމިއްލަ ހިތާ ސުވާލު ކުރެވެއެވެ.

އެރޭ ދެމީހުން ނިދުމަށްފަހު މާގިނަ އިރެއްނުވެ ޒައިނަބަށް ހޭލެވުނީ މީހަކު އޭނާގެ ނަމުން ގޮވާ އަޑަށެވެ.

“ޒައިނަބް އާދެބަލަ މިކޮޅަށް..”

ކޮޓަރީގެ ބޭރު ކޮރިޑޯއިން އައީ ޒައިނަބްގެ މަންމަ ފާތުންގެ އަޑެވެ.

ޒައިނަބް ދެލޯ ހުޅުވި ގޮތަށް އެންމެ ފުރަތަމަވެސް އަހުސަލް ކޮބާތޯ ބަލާލިއެވެ. އޭރު އަހުސަލް ގަދަ ގުގުރީގައި ނިދާފައި އޮތެވެ.

“ޒައިނަބް..”

އަނެއްކާވެސް ހަމަ ފާތުންގެ އަޑުން ގޮވާލިއެވެ.

“އަހުސަލް …އަހުސަލް ތެދުވެބަލަ..”

ޒައިނަބް މަޑުމަޑުން އަހުސަލްއަށް ގޮވާ ހޭލެއްވިއެވެ.

“ކިހިނެއްވީ ޒައިނަބް؟..”

އަހުސަލް ދެލޯ ހުޅުވާލަމުން އެހިއެވެ.

“ބޭރުން އެބައިވޭ މަންމަ ގޮވާއަޑު..”

ޒައިނަބް ވައިއަޑުން ބުންޏެވެ.

ވަރަށް ސަމާލުކަން ދީގެން އެއަޑު އިވޭތޯ އަހުސަލް އިރުކޮޅަކު އޮތެވެ. ނަމަވެސް އެއްވެސް މީހެއްގެ އަޑެއް އޭނާއަކަށް ނީވުނެވެ.

ޒައިނަބް މަޑުމަޑުން އެނދުން ފައިބައިގެން ކޮޓަރިން ނިކުންނަން ދާން ފެށުމުން އަހުސަލް ގޮސް ޒައިނަބްގެ އަތުގައި ހިފިއެވެ. އަދި ނިކުންނާނީ ދެމީހުން އެކުގައި ކަމުގައި ބުނެ ޒައިނަބާ އެއްކޮށް ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

ކޮރިޑޯއިން ހިނގާފައި ގޮސް ސިޓިން ރޫމަށް ދިޔައިރުވެސް އެ ދެމީހުންނަކަށް އެއްވެސް މީހެއް ނުފެނުނެވެ. ނަމަވެސް ޒައިނަބް ބޭނުންވީ ފާތުން ކޮބާތޯ ބެލުމަށް އޭނާއަށް ގުޅުމަށެވެ. އަނެއްކާ ފާތުންނަށް ކޮންމެވެސް ކަމެއް ދިމާވީބާއޭ ޒައިނަބްގެ ހިތަށް އަރަމުން ދިޔައެވެ.

“ހަލޯ.. ދަރިފުޅާ..ކިހިނެއްވީ މިގަޑީގަ ތިގުޅީ..؟.”

ފާތުންގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ.

“މަންމަ އައިންތަ ދެންމެ މިގެއަށް؟..”

ޒައިނަބް އެހިއެވެ.

“ނޫން.. މަންމަ މިއޮތީ ގޭގަ ނިދަން.. ދަރިފުޅު ގުޅީމަ މިހޭލެވުނީ.. ކިހިނެއްވީ އަނެއްކާ؟..”

ޒައިނަބްގެ ސުވާލު އިވިފައި ފާތުން ހައިރާންވެފައި އެހިއެވެ.

“ކަމެއް ނުވޭ.. މަންމަ ކޮބާތޯ ބަލާލީ.. ދެން ނިދާލާ..”

ޒައިނަބް އެހެންބުނެ ފޯނު ކަނޑާލިއެވެ.

އަހުސަލް ޒައިނަބްގެ ކޮނޑުގައި ހިފައިގެންހުރެ ކޮޓަރިއާ ދިމާލަށްދާން ހިނގައިގަތެވެ.

އަނބުރާ ކޮޓަރިއަށްގޮސް ދެން ދެމީހުނަށްވެސް ނިދުނީ އެތައް އިރެއް ފަހުންނެވެ.

އެދުވަހު އިރު އަރަނިކޮށް ޒައިނަބަށް ހުވަފެނެއް ފެނުނެވެ.

ހުވަފެނުގައި ޒައިނަބް ހުރީ ފާތުންމެންގެ ގޭގެ ބަދިގެ ތެރޭގައެވެ. އޭރު ފާތުން ސައި ކައްކާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. މުޅި ބަދިގެ ތެރޭގައި ފެތުރިފައިވަނީ ފާތުން ކައްކަން އުދާފައިހުރި ރާނބާފަތު ސައިގެ މީރުވަހެވެ.

ޒައިނަބް ގޮސް ފާތުން ކައިރީގައި ހުއްޓުނު ވަގުތު ފާތުން ގިސްލަ ގިސްލާފައި ރޯންފެށިއެވެ.

“ކިހިނެއްވީ މަންމާ؟..”

ޒައިނަބް ފާތުންގެ އަތުގައި ހިފާލަމުން އެހިއެވެ.

“ދަރިފުޅު ގޮސް މަރިޔަމް ކައިރީގަ އަހާބަލަ އޭނަ ކީއްތޯ ކުރީ..”

ފާތުން ރޮމުން ބުންޏެވެ.

ޒައިނަބަށް ހޭލެވުނީ ހުވަފެނުގެ އެހިސާބުންނެވެ. ޒައިނަބް ތެދުވެ ވަށައިގެން ކޮޓަރިތެރެއަށް ބަލާލިއެވެ. އޭރު އިރު އަރާފައި ވުމުން ކޮޓަރި ތެރެއަށް ވަނީ ކޮންމެވެސް ވަރަކަށް އަލި ވެފައެވެ. ހުވަފެނަކީ ބިލާހެކޭ ކިޔާއަޑު އޭނާވެސް އަހައެވެ. އެއްކަމުން ހުވަފެނުގައި ފާތުން މަރިޔަމްގެ ނަން އެހެން ބުނި ކަމުގައިވިޔަސް އެކަމުގައި އެއްވެސް ހަގީގަތެއް ވާކަމެއް ޒައިނަބަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް އެންމެފަހުން މަރިޔަމް އެގެއަށް އައި ރޭގައި އުޅުނު ގޮތުން ޒައިނަބަށްވެސް މިހާރު މަރިޔަމްއަށް ޝައްކު ކުރެވެއެވެ. އެރޭ މަރިޔަމް އެހި ސުވާލާއި އޭނާގެ މޫނުމަތިން ފެނުނު ހާސްކަން ޒައިނަބެކޭ އެއްގޮތަށް އަހުސަލަށްވެސް ވަނީ ފާހަގަ ވެފައެވެ.

އެ ހުވަފެނުގެ ވާހަކަ ޒައިނަބް އަހުސަލް ކައިރިއަކު ނުބުނެއެވެ. ނަމަވެސް އެދުވަހު ހެނދުނުގެ ސައި ތައްޔާރު ކުރަން ހުރިއިރުވެސް ޒައިނަބަށް ވިސްނުނީ އެކަމާއެވެ. އެހުވަފެނާއި އެތަކެއް ކަމެއް ގުޅިފައި ވާކަން ވިސްނުނެވެ. ކުރިން މަރިޔަމް ޒައިނަބްމެންގެ ގެއަށް އައިސް އުޅޭއިރު ޒައިނަބްއާއި އެކިއެކި ވާހަކަ ދައްކާ ހީ ސަމާސާކޮށް އުޅުނެވެ. އޭރު ޒައިނަބްގެ އެކި ކަންކަމަށް މަރިޔަމް ވަރަށް ތަޢުރީފު ކޮށްވެސް ހަދައެވެ. ހާއްސަކޮށް ޒައިނަބާއި އަހުސަލްގެ އުފާވެރި ދިރިއުޅުމަށް އަބަދުވެސް ތައުރީފު ކުރެއެވެ. ޒައިނަބަށް އަހުސަލް ހާދަ ރަނގަޅު ދޯއޭ ބުނެއެވެ. އަހުސަލް ކަހަކަ ފިރިއެއް ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށޭ ބުނެ އަހުސަލްގެ ހެޔޮ ވާހަކަ ދައްކާ ހަދައެވެ.

ނަމަވެސް އެއީ މަރިޔަމް ޒައިނަބްގެ ދިރިއުޅުމަށް ހަސަދަ ވެރިވެގެން ކިޔާ އެއްޗެހި ކަމަކަށް ޒައިނަބް ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް މިހާރު މަރިޔަމްގެ ފަރާތުން ފެންނަ ކަންކަމުން ޒައިނަބަށް އެކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވެން ފަށައިފިއެވެ. އަދި އެދުވަހު ފެނުނު ހުވަފެނުގެ ސަބަބުން ހިތުގައި އިތުރަށް ސުވާލު އުފެދުނެވެ.

އެދުވަހު މެންދުރުފަހު ޒައިނަބްމެން އަނެއްކާވެސް ރުޤްޔާ ކުރާ ސަލީމްއާއި ބައްދަލުކުރުމަށް އެގެއަށް ދިޔައެވެ. އަދިވެސް ބޮލުގެ ރިހުން ރަނގަޅުނުވާ ވާހަކައާއި، ފެންނަ ބިރުވެރި ހުވަފެންތަކަށް ހުއްޓުމެއް ނާންނަ ވާހަކަ އަދި ޒައިނަބްގެ އާއިލާގެ މީހުންނަށް ވެސް އެކިއެކި ކަންކަން ކުރިމަތި ވަމުންދާ ވާހަކަ ސަލީމްއަށް ކިޔާދިނެވެ. އެއީ މީހެއްގެ ފަރާތުން ޖެހިފައިވާ ސިހުރަކަށް ވެދާނެކަމަށް ޒައިނަބަށް ހީވާ ކަމުގައިވެސް ބުންޏެވެ. ސަލީމް އެވާހަކަތައް ވަރަށް ރަނގަޅަށް އަޑުއެހިއެވެ.

“ފެންނަ ހުވަފެނަކުން ވަކިގޮތަކަށް ނުނިންމޭނެ.. އަދި ތިއީ މީހެއްގެ ކަމަކަށްވެސް ނުނިންމޭނެ… ހިތުގައި ތިވާ ބިރުގެ ސަބަބުން ޝައްކުތައް އިތުރު ވުމަކީ ވެދާނެ ކަމެއް..”

ޒައިނަބްގެ ވާހަކަ އަޑު އެހުމަށްފަހު ސަލީމް ބުންޏެވެ.

“އެކަމަކު ވެދާނެއެއްނު މީހަކު އަހަރެންނަށް ސިހުރެއް ހެދީކަމަށް..”

ޒައިނަބް ވިސްނާލާފައި ބުންޏެވެ.

“އަދިވެސް ޒިކުރުތަކާ ދުޢާ ކުރުމުގަ ދެމިހުރޭ… އަބަދު ބިރު ގަންނާތީ ނަފްސާނީ ގޮތުންވެސް މީހާއަށް އަސަރު ކުރާނެ. ޑޮކްޓަރަށް ދައްކައިގެން ބޭސް ކުރުންވެސް ކުރިއަށް ގެންދޭ …”

ސަލީމްގެ އެޖަވާބުން ޒައިނަބް ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. ސަލީމުގެ ފަރާތުން މިކަމަށް މާބޮޑު އެހީތެރިކަމެއް ނުލިބޭކަމުގެ އިހުސާސް ކުރެވުނެވެ. ޒައިނަބް ބޭނުންވަނީ އޭނާއަށް ކުރިމަތިވަމުން މިދާ ކަންކަމުގެ ހަގީގަތް އެނގޭށެވެ. އަދި މިހުރިހާ ކަމަކުން ސަލާމަތް ވެވޭނެ ފަދަ ފަރުވާއެއް ކުރާށެވެ.

އެދުވަހު އެނބުރި ގެއަށްދިޔަ މަގުމަތީގައި އަދިވެސް މިކަމަށް އިތުރަށް ކުރެވޭނެ ކަމެއް އޮތްތޯ ބަލާނީ ކަމަށާއި ޒައިނަބްގެ ބޮލުގެ ރިހުން ފިލާތޯ ޑޮކްޓަރަށް ދައްކައި ބޭސް ކުރާނީ ކަމުގައި އަހުސަލް ބުންޏެވެ.

އެވާހަކައިގައި ތިބެ ދެމީހުންގޮސް ގެއަށް ވަތްއިރު ކުރީ ދުވަހު ގޭތެރެއިން ދުވި ނުބައި ވަސް އަނެއްކާވެސް ގޭތެރޭގައި ހުރިކަން ދެމީހުންނަށް ފާހަގަވިއެވެ. އެވަސް އަންނަނީ ވަލުދޮރާށި ފަޅިން ގޯތި ތެރެއަށް އޮންނަ ތަނުން ކަމަށް ހީވާ ކަމުގައި ޒައިނަބް ބުންޏެވެ. ދެމީހުން ގޮސް ބަދިގެ ތެރެއާއި ބަދިގޭގެ ބިއްދޮށުން އޮންނަ ޖާގައިގައި ހުންނަ ކުނިއަޅާ ޑަސްބިންވެސް ބެލިއެވެ.

އެދިމާލުގައި ހައްދާފައިވާ ގަސްތަކުގެ ކައިރިން އެވަސް އިތުރަށް ގަދަކަން އަހުސަލަށް ފާހަގަވިއެވެ. އެހެންކަމުން އަހުސަލް ގޮސް ގަސްތަކުގެ ތެރެ ބަލަން ފެށިއެވެ. އެދިމާލުގެ ބިންމަތިން ކޮނެ ފަސްލާފައި ހުރިހެން ހީވާ ތަނެއް އަހުސަލްގެ ލޮލުގައި އަޅައިގަތެވެ. އަދި އެތާގައި އޮތް ބާވެ ކޮންމެވެސް ވަރަކަށް ވީދިފައިވާ ކަޅު ފޮތިކޮޅެއްވެސް ފެނުނެވެ. އަހުސަލް އެފޮތިކޮޅު ނަގައި ކޮތަޅަކަށް ލިއެވެ.

އޭރު ޒައިނަބް ހުރީ ބިންމަތީގައި ތަފާތުކޮށް ހުރި ދިމާލަށް ބަލަހައްޓައި ގެންނެވެ. އެތަނަށް ބަލަން ހުރިއިރު އޭނާގެ ސިކުނޑީގައި އެކިއެކި ހިޔާލުތައް ތޮއްޖެހެމުން ދިޔައެވެ. އެތަނަކީ މިހުރިހާ ކަމެއްގެ ފެށުން ކަމުގައި ވެދާނެ ބާއެވެ؟. މިހުރިހާ ކަމަކާ އެތަނާ ގުޅުމެއް ވެދާނެބާއެވެ.؟..

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Unknown

    Omg! What’s going to happen next
    Can’t wait

    1. Eyesh
      Unknown

      Hey, thank you for dropping a comment 😊🤍 lets see what happens. Keep reading 🫰

  2. Anonymous

    Ooooooo
    What’s gonna happen next

    1. Eyesh
      Anonymous

      Let’s see 🫣🤐 thank you for reading and dropping a comment 🤍 hope you will enjoy the next part also 😊

  3. Unknown

    Omggg!
    What’s gonna happen next
    I’m scared for zainab

    1. Eyesh
      Unknown

      Hey Keep reading to know what happens next 😊 let’s see what comes on Zainab’s way next 🫣

  4. HaaRaa

    That rugiya be is fake. I wonder in real life will a person be ehaaa alhaanulaa egothah hama ekaku huvafenun fenna iru. I can’t. I’ll tell someone. And now ehaa dhuvas vejje mihaaru dhen boleh huri meehakah aadhaige kameh nun kan egeyne. Feeling frustrated cos I’m so into this story ☺️

    1. Eyesh
      HaaRaa

      Dho Haaraa. he is so careless dho.. and also not taking Zainab Very seriously as if she is having some mental issues, he is accusing she is imagining or getting scared easily. As oer him Her fear is making her to see things and imagine things. Let’s see how this goes dho. Keep reading. So glad to know you like this story so much. 🤍😘

  5. Anonymous

    Waiting patiently 😁

    1. Eyesh
      Anonymous

      Hehe good 🫣☺️ keep reading to know what happens next 🫰🤍

  6. HaaRaa

    Waiting for next part 😁

    1. Eyesh
      HaaRaa

      Hey Haaraa, now episode 8 is uploaded 😊

  7. liya

    that ruqiya guy also getting on my nerves now i feel like hes not helping at all hopefully zainab gets answers soon love the story

    1. Eyesh
      liya

      IKR, hehe. Let’s see dho. Thank you for dropping a comment Liya 🤍😊

Comments are closed.