Skip to content
އެސްފިޔަ

ޒައިނަބް – 8

Listen to this story Audio · 19:42 Powered by Esfiya Voice
0:00 19:42

ޒައިނަބް އިރުކޮޅަކު އެކަމާ ވިސްނަން ހުރުމަށްފަހު ގޮސް ގޭތެރެއަށް ވަނެވެ. އޭނާ އެ ހިޔާލުތަކުގައި ހުރެ ސިޓިންރޫމު ކުނިކަހާ ސާފުކުރުމުގައި އުޅެނިކޮށް ފާތުން ކޮންމެވެސް ކާއެއްޗެއް ހިފައިގެން އައެވެ. ފާތުންނާއި އެކުގައި ޝިފާއާއި އޭނާގެ ދެކުދިންވެސް އައެވެ.

“ޒައިނަބް.. މިހުރީ ވަރަށް މީރު އެއްޗެއް.. ކައްޗޭ ފަހުން..”

ފާތުން ގެނައި ތަށި ކާމޭޒު މަތީގައި ބަހައްޓަމުން ބުންޏެވެ. ޒައިނަބް އާއެކޭ ބުނެ އޭނާ ކުރަންހުރި މަސައްކަތް އަވަސް އަވަހަށް ނިންމާލިއެވެ.

އެވަގުތު އިސްމާއިލްވެސް ބޮޑު ކާށި ބަސްތާއެއް ހިފައިގެން އައިސް ގެއަށް ވަންނަމުން އޭގައިހުރި ކާށިތައް އޮއްސާ ލުމުގައި އެހީތެރިވުމަށް އެދި އަހުސަލްއަށް ގޮވިއެވެ. އެ ގޭތެރޭގައި ޒައިނަބްގެ އާއިލާގެ އެންމެން އުޅެމުން ދިޔައިރު ގޭތެރޭގެ ފަޅުކަން ފިލައި މާހައުލުގައި ވަނީ އުފާވެރިކަމެވެ..

އެތަނުގައި ހަމައެކަނި މަދީ އިސްމާއިލްގެ ދަރިފުޅު ޖައިޝްއެވެ. އިސްމާއިލްއާއި އޭނާގެ އަނބިމީހާ ޒުހާ ދާދި ފަހުން ޖެހުނު މައްސަލައެއްގައި ވަނީ ވަރިވެފައެވެ. އެހެންކަމުން ޒުހާ ޖައިޝް ގޮވައިގެން މިހާރު އުޅެމުންދަނީ ޒުހާގެ މައިންބަފައިން ކައިރީގައެވެ. އިސްމާއިލްގެ އެއާއިލާ ކައިރިއަށް ޖައިޝް ގެނެސް ހަދަނީ ވަރަށް މަދުންނެވެ. ނަމަވެސް އިސްމާއިލް ކޮންމެ ދުވަހަކު ހެން އެގެއަށްގޮސް ޖައިޝްއާއި ދިމާވެ އެކުގައި ވަގުތު ހޭދަކުރެއެވެ.

ޝިފާގެ ދެކުދިން ކަމުގައިވާ އާރާއާއި ޒައުލް ކުޅެ ސަކަރާތް ޖަހަމުން ގޮސް ވަލު ދޮރާށި ފަޅިއަށް ނިކުތުމުން ޒައިނަބްގެ ހިތް ބިރުން ތެޅިގަތެވެ. މިއަދު އެތަނުން ފެނިފައިވާ ކަންތައްތަކުގެ ސަބަބުން ޒައިނަބްގެ ހިތުގައި ވަނީ ގޮތްނޭނގޭ ބިރުވެރިކަމެއް އުފެދިފައެވެ.

ޒައިނަބްގޮސް ފާތުންނަށް ޒައިނަބާއި އަހުސަލް އަށް އެދިމާލުން ގަސްތަކުގެ ތެރެއިން ފެނުނު ވީދިފައިވާ ކަޅު ފޮތި ކޮޅާއި ބިންމަތީގައި ކޮނެ ފަސް ލާފައިވާ ތަނުގެ ވާހަކަ ބުންޏެވެ. އަދި އެއީ ސިހުރެއްގެ ކަމެއްކަމަކަށް ޒައިނަބްއަށް ޝައްކު ކުރެވޭ ކަމުގައިވެސް ބުންޏެވެ.

“ދަރިފުޅު އޭގަ އަތް ލިންތަ؟”.

ފާތުން ބިރުންހުރެ އަހާލިއެވެ.

“ނޫން..”

ޒައިނަބް ބޯ ހޫރާލަމުން ބުންޏެވެ.

“ރަނގަޅު!. އެހެންވީމާ އެދިމާލަށް ދެން ނުނިކުންނާތި..!”

އެވާހަކަ އަޑުއަހަން ކައިރީގައި ހުރި ޝިފާ ހާސްވެފައި ބުންޏެވެ.

ފާތުން ގޮސް އާރާމެން ގޭތެރެއަށް ވެއްދުމަށްފަހު ބޭރަށް ނުގޮސް ސިޓިންރޫމު ތެރޭގައި ކުޅެން ތިބުމަށް ބުންޏެވެ.

ފާތުންވެސް ހުރީ ޒައިނަބް ކިޔާދިން ވާހަކަތަކުން ވަރަށް ބިރުގަނެފައެވެ.

“ވެދާނެތަ އެއީ ހަމަ މީހަކު ބޭއްވި އެއްޗަކަށް؟ ނޫނީ ވެދާނެތަ ވަޔަށް އައިސްފަ އޮތް އެއްޗަކަށް؟….”

ޝިފާ އަހާލިއެވެ.

“ނޭނގެ ދޯ… އެހެންވެއޭ މަވެސް މި ބިރުގަންނަނީ… އެއީ މީހަކު ބޭއްވި އެއްޗެއްކަމެއް ޔަގީން ނުވާތީ .. ނޭނގެ ދޯ ބުނާނެ އެއްޗެއްވެސް..”

ޒައިނަބް ވިސްނަން އިނދެފައި ބުންޏެވެ.

“އެހެންވީމަ އެކަމާ ދެން މާބޮޑަށް ނުވިސްނާ.. ޔަގީން ނުވަނީސް ހިތުގަ ޝައްކުތައް ގިނަކޮށްގެން އަމިއްލަ ނަފްސު ހަލާކު ވާނީ…”

އެކަމާ ވިސްނާ ވިސްނާ ޒައިނަބް އިތުރަށް ބަލިވެދާނެތީ ފާތުން ޖެހިލުންވިއެވެ.

ފާތުން އެހެން ބުނިނަމަވެސް ޒައިނަބް މެންނަށް ފެނުނު ފޮތި ކޮޅާއި ބިންމަތީގައި އެވާ ތަނާއި ޒައިނަބަށް ވަމުން މިދާ ކަންކަމާ ކޮންމެވެސް ގުޅުމެއް ވާކަމުގައި ޒައިނަބްގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ހޯދަން ހަދާނީވެސް ވަކި ކިހިނެއް ހެއްޔެވެ. އަހާނީވެސް ވަކި ކާކު ކައިރީގައި ހެއްޔެވެ..

އެދުވަހު އެތައް އިރަކު ޒައިނަބް މެންގެ ގޭގައި އުޅުމަށްފަހު ފާތުންމެން އެނބުރި ގެއަށް ދިޔައީ އެރޭ އަށެއް ޖަހަނިކޮށެވެ.

ފާތުންމެން އެގެއިން ދިޔަތާ މާގިނައިރެއް ނުވެ މީހަކު ދޮރުގައި ޓަކިޖަހާ އަޑަށް އަހުސަލް ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މަރިޔަމްއެވެ. އޭރު މަރިޔަމްގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސް ކަމުގެ އަސަރު ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. މަރިޔަމްގެ ދެލޯ ރަތްވެ ދުޅަވެފައި ވާއިރު އޭނާ އަހުސަލްގެ މޫނަށް ބަލަންހުރީ ފެންކަޅި ވެފައެވެ.

“ކޮބާ ޒައިނަބް؟ ޒައިނަބްއާ ވާހަކައެއް ދައްކަން ވެގެން މިއައީ.”

މަރިޔަމް ބުންޏެވެ.

“ކޮން ވާހަކައެއް؟”

އަހުސަލް އަހާލިއެވެ.

އެވަގުތު ދޮރުމަތީގައި ހުރީ ކާކުތޯ ބެލުމަށް ޒައިނަބް ދޮރު ކައިރިއަށް ދިޔައެވެ. ޒައިނަބް ފެނުމާއެކު މަރިޔަމް ތުރުތުރުލާން ފެށިހެންވެސް ހީވިއެވެ. ޒައިނަބްއަށް މަރިޔަމް ފެނުމުން އިރުކޮޅަކު މަރިޔަމްގެ މޫނަށް ބަލަން ހުރެވުނެވެ. މަރިޔަމްގެ މޫނު މަތީގައިވާ ހާސްކަން ފެނިފައި އަނެއްކާ ކިހިނެއްވީ ބާއޭ ޒައިނަބްގެ ހިތަށް އަރަމުން ދިޔައެވެ.

“އާދޭ އެތެރެއަށް..”

މަރިޔަމް ކައިރީގައި ގޭތެރެއަށް ވަނުމަށް ޒައިނަބް ބުންޏެވެ.

މަރިޔަމް ޒައިނަބް އެކީގައި ގޮސް ސިޓިންރޫމުގެ ސޯފާގައި އިށީނެވެ.

“އަހަންނަށް މިހާރަކު ނުވެސް ނިދޭ…”

މަރިޔަމް ވައި އަޑުން ޒައިނަބް ކައިރީގައި ބުންޏެވެ.

“އެ ކީއްވެ؟.”

ޒައިނަބް ހައިރާންވެފައި އެހިއެވެ.

“އަހަންނަށް ގޭތެރެއިން އެކި އެކި އަޑުތައް އިވެނީ… ބައެއް ފަހަރު ހީވޭ ނުފެންނަ މީހެއް ކައިރީގަ ހުންނަ ހެންވެސް.. ދަންވަރު ބިރުވެރި ހުވަފެން ފެނިގެން ހޭލެވޭއިރު ނުވެސް ތެދުވެވޭ.. ސްލީޕް ޕެރެލައިޒް އެނގޭތަ؟ އެހެންވަނީ…”

މަރިޔަމް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެހެން ބުނެ ގޭތެރެއަށް ވަށައިގެން ބަލާލި ގޮތުން އޭރުވެސް މަރިޔަމް އިނީ ބިރުންކަން ޒައިނަބަށް އެނގުނެވެ.

މަރިޔަމްގެ ވާހަކަ އިވިފައި ޒައިނަބް އިނީ ވަރަށް ހައިރާންވެފައެވެ. މަރިޔަމް އެ ކިޔާދިނީ ހަމަ ޒައިނަބަށްވެސް ކުރިމަތި ވަމުންދާ ކަންކަމެވެ.

“އަހަރެން ހީކުރީ ކުޑަދުވަސް ކޮޅެއްގެ ތެރޭގަ މިކަން ހުއްޓޭނެ ކަމަށް.. އެކަމަކު މިކަމެއް ނުހުއްޓުނު… ކޮންމެ ރެއަކު މިކަހަލަ ކަންކަން އެބަ ދިމާވޭ.”

މަރިޔަމް އޭނާގެ ނިތްކުރީގައި އަތް ހާކާލަމުން ބުންޏެވެ.

އެވާހަކަ އަޑުއަހަން އަހުސަލްވެސް އެމީހުން ކައިރީގައި ހުއްޓެވެ. މަރިޔަމްގެ ހަރަކާތްތަކާއި އޭނާ އެދެއްކި ވާހަކަތަކުން މަރިޔަމްވެސް އުޅެމުން ދަނީ ބޮޑު ކަންތައް ގަނޑެއްގެ ތެރޭގައި ކަން އަހުސަލާއި ޒައިނަބަށް އެނގުނެވެ.

އޭރު ޒައިނަބްގެ ސިކުނޑީގައިވެސް އެކި އެކި ހިޔާލުތައް އެނބުރެމުން ދިޔައެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔަވެސް މެއެވެ. މަރިޔަމްގެ ކައިރީގައި އޭނާ ސިހުރެއްގެ ކަމަކާ ބައިވެރި ވިންތޯ ނޫނީ ސިހުރެއް ހެދިން ތޯވެސް އަހަން ހިތަށް އެރިއެވެ. ނަމަވެސް ހެއްކެއް ނެތި ސީދާ ދިމާލަށް އެފަދަ ސުވާލެއް ކުރަން ނުކެރިފައި އިނީއެވެ.

“މަރިޔަމް… މަރިޔަމް އެއްވެސް ކަމެއް އަހަންނަށް އެބަ ސިއްރު ކުރަންތަ؟.. ބުނަން ބޭނުންވެފައި ނުބުނެވި އޮތް އެއްޗެއް އެބައޮތްތަ؟.”

ވަރަށް ނޫންގޮތަށް ޒައިނަބް އަހާލިއެވެ.

ޒައިނަބްގެ އެސުވާލު އިވިފައި މަރިޔަމް އިރުކޮޅަކު ހުއްޓުން އަރާފައި ޒައިނަބްގެ މޫނަށް ބަލަން އިނެވެ. މަރިޔަމްގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައި ޒައިނަބަށް ހީވީ ހަމަ ދެންމެދެންމެ މަރިޔަމް އޭނާއަށް އެތަކެއް ސިއްރެއް ކިޔާ ދީފާނެ ހެންނެވެ.

“އަހަރެން… އަހަރެންނަށް ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ..”

މަރިޔަމް ބިރުން އިނދެ އާގަންނަމުން ބުންޏެވެ.

“ކޮން މިސްޓޭކެއް؟..”

ޒައިނަބް އެހިއެވެ.

“އަހަރެން.. އަހަރެން ބޭނުންވީ ޒައިނަބަށް ދެރަ ގޮތެއްވާން..”

މަރިޔަމްގެ އެޖުމުލަ އިވިފައި ގޭތެރޭގައިވާ ހަމަހިމޭންކަން އިތުރަށް ހިމޭންވި ފަދައެވެ. އަހުސަލްއަށާއި ޒައިނަބަށް އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“ކީކޭ؟..”

ޒައިނަބް އެހިއެވެ.

މަރިޔަމް ގިސްލަ ގިސްލާފައި ރޯންފެށިއެވެ.

“އަހަންނަށް މާބޮޑަށް ޖެލަސް ވެވުނީ.. ޒައިނަބްގެ ހެޕީ ލައިފްގަ މަށަށް ނުލިބޭ ކަންކަން ޒައިނަބަށް ލިބޭތީ.. ޒައިނަބްމެންގެ ހެޕީ މެރިއޭޖް ފެނިފަވެސް ހަސަދަވެރި ވެވުނީ. އަހަރެން ބޭނުންވީ ޒައިނަބަށް އެހުރިހާ ކަމެއް ގެއްލެން..”

މަރިޔަމް އިސްޖަހާލައިގެން އިނދެ ބުންޏެވެ.

“މަރިޔަމް… އަހަރެންނަށް ކަމެއް ކުރިންތަ؟.”

ޒައިނަބް އެހިއެވެ.

“އަހަރެން ދިޔައިން ސިހުރުހަދާ މީހެއް ކައިރިއަށް..”

މަރިޔަމް އަދިވެސް އިނީ އިސްޖަހާ ލައިގެންނެވެ. އޭނާއަށް ކުރެވުނު ކަންތަކުގެ ސަބަބުން ޒައިނަބާއި ހަތަރުކަޅި ހަމަ ކުރަންވެސް ނުކެރިފައި އިންހެން ހީވާކަހަލައެވެ.

އެވާހަކަ އަޑުއަހަން ހުރި އަހުސަލްއަށް އެވަގުތު ރުޅި އައިސްގެން ގޮސް ދަތްކުނޑި ވިކާލެވުނެވެ.

“އަހަންނަށް އެނގޭ މި ކިޔާދޭ ވާހަކަތަކުން ތިދެމީހުން އަހަންނަށް ވަރަށް ނަފްރަތު ކުރާނެކަން.. އެކަމަކު އަހަންނަކަށް ދެން ކެތެއް ނުވާނެ.. އަހަރެން ބޭނުން ހުރިހާ ވާހަކައެއް ތެދަށް ކިޔާދޭން… ޒައިނަބްގެ ދިރިއުޅުން ހަލާކުކޮށްލަން އަހަރެން ދިޔައީ ސިހުރު ހަދާ މީހެއްގެ ކައިރިއަށް.. އެމީހާ ބުނީ ޒައިނަބްގެ ހުރިހާ އުފަލެއް ނިގުޅައި ގަންނާނަމޭ… އަހަރެން ހީކުރީ މިހުރިހާ ކަމެއްވެސް ވަރަށް ސިއްރުން ކުރެވޭނެ ކަމަށް..”

މަރިޔަމްގެ ވާހަކަ އިވިފައި ޒަައިނަބް އިނީ ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައެވެ. އެހާ ކައިރީގައި އެހާ ގާތްކޮށް އުޅުނު މީހަކު އެވަރުގެ ބޮޑު އަނިޔާއެއް ޒައިނަބަށް ދިންކަން އެނގުމުން ޒައިނަބްގެ ހިތް ކުދިކުދިވި ކަހަލައެވެ. މިއޮއްހާ ދުވަހު ޒައިނަބަށް އެކަމަށް ޝައްކު ވީނަމަވެސް އެފަދަ އިލްޒާމެއް މަރިޔަމްގެ ބޮލުގައި އަޅުވަން ޒައިނަބް ބޭނުމެއް ނުވިއެވެ. ނަމަވެސް މިހާރު އެހުރިހާ ޝައްކެއް ޔަގީނަށް ވީއެވެ. މަރިޔަމްގެ އަމިއްލަ ދުލުން އޭނާ ޒައިނަބަށް ހަސަދަވެރި ވެގެން ޒައިނަބަށް ސިހުރެއް ހެދިކަމަށް އެ އެއްބަސްވީއެވެ. ނަމަވެސް އަދިވެސް އެ ސިހުރުހެދި ގޮތުގެ ތަފްސީލެއް ކިޔައެއް ނުދެއެވެ.

“މަރިޔަމް އެމީހާ ލައްވާ އަސްލު ކީއްތަ ކުރީ؟.”

ޒައިނަބް އެހިއެވެ. ޒައިނަބް ޔަގީން ކުރަން ބޭނުންވީ ވަލުދޮރާށި ފަޅީގައި މަރިޔަމް އެއްޗެއް ވަޅުލީ ތޯއެވެ. ނޫނީ އެފަދަ ކަމެއް ކުރިނަމަ އެކަމެއްގެ ތަފްސީލު ހޯދާށެވެ.

“އަހަންނެއް ގަސްތައް ކައިރިއަކު އެއްޗެއް ނުބާއްވަން.”

މަރިޔަމް ވައި އަޑުން ކަހަލަ ގޮތަކަށް ބުންޏެވެ. އެއަޑު އިވިފައި ޒައިނަބާއި އަހުސަލްގެ ދެލޯ ބޮޑުވިއެވެ. އެއީ ގޯތިތެރެއިން ފެނުން ކަޅު ފޮތި ކޮޅާއި ބިންމަތީގައި ކޮނެ ފަސްލާ ފައިވާ ތަން އެދެމީހުންނަށް ފެނުން ވާހަކަ އެއިން އެއްވެސް މީހެއް މަރިޔަމް ކައިރިއަކު ނުބުނެވެ. ނަމަވެސް މަރިޔަމްއަށް އެކަން އެ އެނގުނީ ކިހިނެއްބާއެވެ.

މަރިޔަމްއަށް އޭނާއަށް ބުނެވުނު އެތި ވިސްނުނީ ޒައިނަބްއާއި އަހުސަލްގެ މޫނަށް ވީގޮތް ފެނުމުންނެވެ. މަރިޔަމް ވަރަށް ހާސްވެފައި ކޮޅަށް ތެދުވިއެވެ. މަރިޔަމް ދެކެ އަހުސަލް ކިތަންމެ ރުޅި އައިސްފައި ހުރިނަމަވެސް އޭނާގެ ރުޅި ކޮންޓްރޯލު ކުރަން މަސައްކަތް ކުރިއެވެ. އަހުސަލް އައިސްފައި ހުރި ރުޅިމަތީގައި ހަމަ އެވަގުތު ގޮސް މަރިޔަމްއަށް ބަވާލާ ގެއިން ނެރެ އެންމެންނަށް ފަލީހަތް ކޮށްލަން ބޭނުންވިއެވެ. ނަމަވެސް އަތްމުއް ކަވައިގެން ހުރިގޮތަށް ހުރީއެވެ.

“މަރިޔަމްއެއް ގަސްތަކުގެ ތެރޭގަ އެއްޗެއް ނުބާއްވަމޭ ތިބުނީނު؟. އެންވިއްޔާ މަރިޔަމްއަށް ކިހިނެއް އެނގުނީ މިގޭ ގަސްތަކުގެ ތެރެއިން އަހަރުމެންނަށް އެއްޗެއް ފެނުންކަން؟.”

އަހުސަލް ރުޅިއައިސްފައި އެހިއެވެ.

“އަހަރެން ބުނީ އެހެންނެއްނޫން..”

މަރިޔަމް އެހެން ބުނިއިރު އޭނާގެ އަޑު ތުރުތުރު ލަނީއެވެ.

“ކަލެއަށް ކިހިނެއްހޭ އެކަން އެނގުނީ؟… ބުނޭ..!”

އަހުސަލް ރުޅިއައިސްގެން ދަތްކުނޑި ވިކާލަމުން އެހިއެވެ.

“އަހަރެންނަށް އަޑު އިވުން ވާހަކައެއް އެއީ..”

މަރިޔަމް ޒައިނަބާއި އަހުސަލްގެ މޫނަށް ބަލާލަމުން ބުންޏެވެ.

“އެހެންވީރު ކާކުގެ ފަރާތުން އަޑު އިވުނީ އެވާހަކަ؟.”

އަހުސަލް އަނެއްކާވެސް ރުޅިއައިސްފައި އެހިއެވެ.

އަނެއްކާވެސް މަރިޔަމްއަށް ރޮވެންފެށިއެވެ. ރުޅިއައިސް ރަތްވެފައި ހުރި އަހުސަލްގެ އަޑު ބާރުވާން ފެށުމުން މަރިޔަމް ހުރީ ބިރުންނެވެ.

އަދިވެސް މަރިޔަމްގެ ފަރާތުން ހުރިހާ ކަމެއް ސާފު ވާގޮތެއް ނުވެއެވެ. ނަމަވެސް އޭނާކުރި ކަންތަކަށް އެއްބަސް ވުމުން ޒައިނަބަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް އެހުރިހާ ކަމެއް ކުރިގޮތާއި އެކަމުގެ ތަފްސީލު އިތުރަށް އެނގެން ޒައިނަބް ބޭނުންވިޔެވެ.

“މަރިޔަމް ނިކަން އިށީނދެބަލަ.. އިށީނދެ ސާފުކޮށް ކިޔާދީބަލަ”.

މަރިޔަމްގެ ހާސްވެފައި ކޮޅަށް ހުރުމުން ޒައިނަބް މަރިޔަމް ކައިރީގައި ސޯފާގައި އިށީނުމަށް ބުންޏެވެ.

މަރިޔަމް އަނެއްކާވެސް ޒައިނަބް ކައިރީގައި އިށީނެވެ. ނަމަވެސް މަރިޔަމް ހާސްވެ ބިރުގަނެފައި އިންވަރުން އަތްފައި ތުރުތުރު ލަނީއެވެ.

“މަރިޔަމް… އަހަރުމެންނަށް ހުރިހާ ކަމެއް ތެދަށް ކިޔާދީ.. ތަންތަން ކޮޅެއް ނޫން.. ހުރިހާ ކަމެއް ސާފުކޮށް ކިޔާދީބަލަ..”

ޒައިނަބް އެހެން ބުނުނުން މަރިޔަމް އަނެއްކާވެސް އިސްޖަހާލިއެވެ. އަދި އިރުކޮޅަކު ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ.

މަރިޔަމް ޒައިނަބްދެކެ ރުޅި އަންނަންފެށީ އޭނާ އެ ގެއަށްގޮސް އުޅެން ފެށިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައެވެ. ޒައިނަބްއާއި އަހުސަލް އުޅެމުންދާ ލޯބި އުފާވެރި ދިރިއުޅުން ފެންނަން ފެށި ހިސާބުން މަޑުމަޑުން މަރިޔަމްގެ ހިތުގައި ހަސަދައިގެ ހުޅު ރޯވާން ފެށިއެވެ. ޒައިނަބް މެންގެ ތަނަވަސް ދިރިއުޅުން ފެނި ޒައިނަބަށް އޭނާގެ އަމިއްލަ ނަފްސާއި ޒައިނަބާ އަޅާކިޔަން ފެށުނެވެ. އަދި ޒައިނަބްގެ ހެޔޮކަމާއި ދީލަތި ކަމުން މީސްމީހުންގެ ފަރާތުން ޒައިނަބަށް ރައްދުވާ ހެޔޮ ބަސްތައް އިވެންފެށި ހިސާބުން މަރިޔަމްގެ ހިތުގައިވާ ހުޅުކޮޅު ހަސަދައިގެ ބޮޑު އަލިފާން ގަނޑަކަށް ވާންފެށިއެވެ.

މަރިޔަމްއަށް ޒައިނަބް އުޅެމުން ދާފަދަ ދިރިއުޅުމެއް ދުވަހަކުވެސް ނުލިބި ދާނެއޭ ހީވާން ފެށުމުން އެންމެ ފަހުން މަރިޔަމް ޒައިނަބްގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ނިގުޅައި ގަންނަން ބޭނުންވިއެވެ.

އެއްދުވަހަކު ކޮންމެވެސް ވާހަކައެއްގެ ތެރެއިން މީހެއްގެ ފަރާތުން ރަށުގައި އުޅޭ ސިހުރުހަދާ މީހެއްގެ ވާހަކަ މަރިޔަމްއަށް އެނގުނެވެ. އެމީހާއަކީ މީހުންނަށް ބަދަލު ހިފުމާއި މީހުންގެ ކައިވެނި ރޫޅާ މީހުންގެ ދިރިއުޅުން ހަލާކު ވާފަދަ ސިހުރުތައް ހަދާ މީހެއް ކަމުގައި މަރިޔަމްއަށް އަޑުއިވުނެވެ. އެމީހާގެ ވާހަކަ އަޑުއިވުނު ހިސާބުން ފެށިގެން މަރިޔަމް ބޭނުންވީ ޒައިނަބްގެ ދުވަސް ދާފަދަ އެތިފަހަރެއް ހެދުމަށް އެމީހާ ކައިރިއަށް ދިއުމަށެވެ.

ނަމަވެސް މިއަދު މިވަނީ މަރިޔަމްއަށް އެކުރެވުނު ކަންތައް މުޅިން ގޯހުން ގޯހަށް ގޮސް އެންމެފަހުން ޒައިނަބްގެ ކުރިމައްޗަށް އައިސް އޭނާއަށް ކުރެވުނު ކަންތަކަށް އެއްބަސް ވެވިފައެވެ.

“އަހަރެން ބޭނުންވީ ޒައިނަބްގެ ލައިފްގެ އުފާވެރިކަން ހިތާމައަށް ބަދަލުވާން. އަހުސަލް ޒައިނަބާ ދުރުވާން…”

މަރިޔަމް އިސްޖަހައިގެން އިނދެ މަޑުމަޑުން ބުންޏެވެ.

އެއަޑު އިވިފައި ޒައިނަބް ފެންކަޅިވެ ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.

“މަރިޔަމްއަށް އަހަރެންގެ އުފާވެރި ދިރިއުޅުން ފެނިގެން އެކަން ހަޖަމު ނުވާނަމަ އަހަންނާ އޮތް ރައްޓެހިކަން ކަނޑާލި ނަމަ… އަހަންނާ އެއްކޮށް ދުރުވި ނަމަ… މިގެއަށް އައުން ހުއްޓާލި ނަމަ.. މިހުރިހާ ކަމެއް ކުރެވެން އޮއްވާ މަރިޔަމް ތި ޗޫސްކުރީ އަހަންނަށް ގެއްލުންދޭން…”

ޒައިނަބް އޭނާގެ ކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ބުންޏެވެ.

“އާން.. އެއީ އަހަރެންނަށް ހެދުނު ބޮޑު ގޯހެއް..”

މަރިޔަމް އިސްޖަހައިގެން އިނދެ ބުންޏެވެ. ހީވާގޮތުން މަރިޔަމްއަށް ޒައިނަބްއާ ހަތަރުކަޅި ހަމަ ކުރަންވެސް ނުކެރުނީއެވެ.

“އަދިވެސް މަރިޔަމް ކުރި ކަންތައް ރީއްޗައް ކިޔައެއް ނުދެމެއްނު.. އެ ސިހުރުހަދާ މީހާ ލައްވާ ކުރި ކަންތައް ކިޔާދީ..”

ކައިރީގައި ހުރި އަހުސަލް ކެތްނުވެގެން އަނެއްކާވެސް މަރިޔަމްއާއި ދިމާލަށް ދެލޯ ބޮޑުކޮށްފައި އެހިއެވެ.

“އަހަރެން އެމީހާ ކައިރިއަށް ގޮސް އަހަރެން ބޭނުންވާ ކަންތައް ބުނުމުން އެމީހާ އެދުނީ ތި ދެމީހުންގެ ބައެއް ޕާސަނަލް އިންފޮމޭޝަން ދިނުމަށް.. އަހަރެން އެ އިންފޮމޭޝަން ހޯދާފަ އެމީހާއަށް ދިނިން.. އެމީހާ ބުނީ އެވާހަކަތައް އެއްވެސް މީހަކަށް ކިޔާ ނުދެއްޗޭ.. އެމީހާ ދެއްކި ހުރިހާ އެއްޗެއް އަހަންނަކަށް ސާފެއްވެސް ނުވި. ދެން އަހަރެން އިތުރަށް ސުވާލު ކުރީމަވެސް މާބޮޑަކަށް ކިޔައެއް ނުދިން… އަހަރެން ހީކުރީ އެކަހަލަ މީހުން ވަރަށް ބާރު ގަދަ ވާނެއޭ.. އެހެންވެ އޭނާ އެހާ ސިއްރު ކުރާ ކަންކަމާ ބެހޭގޮތުން މާގިނަ ސުވާލު ކުރާކަށް ނުކެރުން..”

މަރިޔަމް އޭނާއާއި އެ ސިހުރު ވެރިޔާގެ ދެމެދުގައި ހިނގާދިޔަ ކަންކަން ކިޔާދިނެވެ.

“އެމީހާ ދިންތަ މިގެއަށް ގެންދާށޭ ކިޔާފަ އެއްވެސް އެއްޗެއް؟..”

އަހުސަލް އެހިއެވެ.

މަރިޔަމް ބިރުން އިނދެ އާންއެކޭ ބުނެ ބޯޖަހާލިއެވެ.

“ކޯއްޗެއް؟..”

އަހުސަލްއާއި ޒައިނަބަށްވެސް އެސުވާލުގެ ޖަވާބު އެނގެއެވެ. ނަމަވެސް އަހުސަލް ބޭނުންވީ ސީދާ މަރިޔަމްގެ ދުލުން އެވާހަކަ ބުނާ އަޑުއަހާށެވެ.

“ކޮންމެވެސް އެއްޗެއް.. އޭތި އޮތީ ކަޅުކުލައިގެ ފޮތިކޮޅަކުން ބަނދެފަ.. އެމީހާ ބުނީ އޭތި ގެންގޮސް ޒައިނަބްގެ ގެ ކައިރީ ހިސާބެއްގަ ބާއްވަން.. އަހަރެން އޭތި ގެނެސް ބޭއްވީ ވަލު ދޮރާށި ފަޅިން އޮންނަ ގޯތިތެރޭގަ ހުރި ގަސްތަކުގެ ތެރޭގަ.. އެދުވަހުގެ ފަހުން އަހަރެން އެމީހާ އަކާ ދިމަލެއް ނުވަން.”

މަރިޔަމް އޭނާކުރި ކަންތައް ކިޔާދިނެވެ.

އަހުސަލް ޒައިނަބްގެ މޫނަށް ބަލާލިއެވެ. އެދެމީހުންނަށް އެތަނުން ފެނިފައި އެވަނީ މަރިޔަމް އެބުނާ ފޮތި ކޮޅެވެ. ނަމަވެސް މަރިޔަމް އެބުނީ އެ ފޮތިކޮޅަކީ ކޮންމެވެސް އެއްޗެއް ބަނދެފައިވާ ފޮތިކޮޅެއް ކަމަށެވެ.. ނަމަވެސް އެމީހުންނަށް އެބުނާ ފޮތިކޮޅެއް ފެނިފައި ވިޔަސް މަރިޔަމް އެބުނި އޭގެން ބަންދުކޮށްފައިވާ އެއްޗެއް ނުފެނެއެވެ.

“ތި ހުރިހާކަމެއް ކޮއްފަ އަދި ސިއްރު ކޮށްގެން ތިއުޅުނީ… މަރިޔަމް ހާދަ ގޯހޭ ދޯ… އަހަރެން އަބަދު ބަލިވެ އުޅެން މިޖެހެނީ… ހެޔޮވާނެތަ މީހަކަށް ތިވަރުގެ ދެރައެއް ދޭން؟.”

ޒައިނަބް ފެންކަޅިވެފައި އިނދެގެން ބުންޏެވެ.

“އަހަންނަކަށް ނޭނގެ އެކަންތަކުގެ ސަބަބުން މިހުރިހާ ކަމެއް ވާނެކަމެއް. އަހަންނަށްވެސް ބިރުވެރި ކަންކަން ކުރިމަތިވާނެ ކަމަކަށް ހިޔެއްވެސް ނުކުރަން. އެކަމަކު އަހަންނަށް ބިރުވެރި ކަންކަން ކުރިމަތިވާން ފެށީމަ އަހަރެން ހިތަށްއެރި ޒައިނަބަށް ހުރިހާ ވާހަކައެއް ކިޔާދޭން މިގެއަށް އަންނަން… އެކަމަކު އަހަރެން ބިރުގަތީ ޒައިނަބްމެން އަހަންނަށް ނަފްރަތު ކޮށްފާނެތީ..”

މަރިޔަމް އެހެން ބުނިއިރު އޭނާ އިނީ ކުރެވުނު ކަންތަކާއި މެދު ވަރަށް ދެރަވެ ލަދު ގަނެފައި ކަން އޭނާގެ މޫނުމަތިން ހާމަވެއެވެ.

“އަހަންނަށް ތިވަރުގެ ބޮޑު ދެރައެއް ދޭން ކެރުނު މީހަކު އަދި އަހަރެން ނަފްރަތު ކޮށްފާނެތީ އެކަމާ ޖެހިލުންވޭތަ؟.”

ޒައިނަބް ރުޅި އައިސްފައި ބުންޏެވެ. ވެފައިވާ ދެރައާ އެއްވަރަށް ޒައިނަބް އިނީ ރުޅިވެސް އައިސްފައެވެ.

“އަހަންނަށް މާފްކުރޭ ޒައިނަބް…”

މަރިޔަމް ރޮމުން ބުންޏެވެ.

ޒައިނަބް އެކަމަކާ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާ މާފް ކުރިޔަސް ނުކުރިޔަސް މިވީ ކަންކަން ނުވާ ކަމަކަށް ނުހެދޭނެއެވެ.

“މަރިޔަމް… މަރިޔަމް ތި ބޭއްވި އެއްޗެއް ބޭއްވި ތަނަކާ ކުރި ކަންކަން އަހަރުމެން ދައްކާ ރުޤްޔާކުރާ މީހަކަށް ކިޔާދޭން ކެރޭނެތަ؟.. އޭރުން މިސިހުރު ބާތިލްކޮށް މިކަމުން އަހަރުމެންނަށް ސަލާމަތް ވެވޭނީ..”

އަހުސަލް ބުންޏެވެ.

މަރިޔަމް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

އެވަގުތު ކުއްލިއަކަށް ގޭތެރޭގެ ބޮކިތަށް ދެފަހަރަކަށް ނިވި ދިއްލިފައި ގެއިން އެއްކޮށް ކަރަންޓު ކެނޑުނެވެ. އެވަގުތު ޒައިނަބަށް ބިރުން ތެޅިގަނެފައި އަހުސަލްގެ އަތުގައި ހިފުނެވެ. މުޅި ގޭތެރޭގައިވާ ކަނު އަނދިރިކަމުގެ ތެރެއިން އަހުސަލް އޭނާގެ ފޯނުގެ ޓޯޗު ލައިޓް ދިއްލިއެވެ.

އެވަގުތު ބަދިގެ ތެރެއިން ވަލު ދޮރާށި ފަޅިއަށް ނިކުންނަ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވެން ފެށިއެވެ. އެއަޑު އެ ތިންމީހުނަށްވެސް ވަރަށް ރީތިކޮށް އިވުނެވެ.

“ނޫން.. ނޫން..”

އަނދިރީގެ ތެރެއިން މަރިޔަން ވައިއަޑުން ބުންޏެވެ.

“ކީކޭ ތިބުނީ… ކޮންކަމަކާ ނޫނެކޭ ތިކިޔަނީ؟..”

އަހުސަލް އެހިއެވެ.

“ނޫން ނޫން.. އޭތި މިގަޑީގަ މިތަނަށް އައީ ކީއްވެ؟.”

މަރިޔަމް ބިރުން ކޮޅަށް ތެދުވެ ފަހަތަށް ޖެހެމުން ބުންޏެވެ.

މަރިޔަމް ކިޔަމުންދިޔަ އެއްޗެހި އިވިފައި ޒައިނަބް އިތުރަށް ބިރުގަންނަން ފެށިއެވެ.

އަނެއްކާވެސް ހަމަ އެ ދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުނެވެ..

“ކާކު؟. ކާކު ޓަކި ޖަހަނީ؟..”

އަހުސަލް ވަރަށް ބާރަށް އަހާލިއެވެ. ނަމަވެސް ބޭރުން އެއްވެސް މީހެއްގެ ޖަވާބެއް ނައެވެ.

މަރިޔަމް ބިރުންހުރެ ކުރުސި ކިޔަން ފެށިއެވެ. އެއަޑު އިވިފައި ޒައިނަބްވެސް ކުރުސި ކިޔަން ފެށިއެވެ. ދެފަހަރަކު ޓަކި ޖަހާފައި އަނެއްކާވެސް އެއަޑު ހުއްޓުނެވެ. ގޭތެރޭގައިވާ ހަމަހިމޭން ކަމުގެ ތެރެއިން އިވެމުންދިޔައީ މަރިޔަމްއާއި ޒައިނަބް މަޑުމަޑުން ކިޔަމުންދިޔަ ކުރުސީގެ އަޑެވެ. ގޭތެރެއަށް ވެރިވެފައި ވަނީ ބުނެދޭންވެސް ނޭނގޭފަދަ ނާމާން ކަމެކެވެ.

ކުއްލިއަކަށް ބޭރުން ބަދިގޭގެ ފާރުގައި މީހަކު ދިގު ނިޔަފަތި ތަކެއް ފަދަ އެއްޗެއް ކާއްތާލި އަޑު އިވުނެވެ. އެއަޑު ދެމިގެން ދިޔައީ ބަދިގޭގެ ދޮރު ކައިރިން ފެށިގެން ބަދިގޭގެ ކަނަކާއި ދިމާލަށެވެ.

އެ އަޑުއިވިފައި ޒައިނަބަށް ބިރުން އަނގަ މަތީގައި އަތްއެޅުނެވެ. އެއީ ކުރިންވެސް އޭނާއަށް އިވިފައިވާ އަޑެކެވެ. ފާތުންމެންގެ ގޭގައި ނިދި ރޭގައި ކޮޓަރީގެ ބޭރުން ހަމަ އެއަޑު ޒައިނަބަށް އިވުނެވެ. ނަމަވެސް އެރޭ އިސްމާއިލްއާއި އަހުސަލް ބޭރު ބެލުމަށްފަހު އެއީ ރުކެއްގެ ފަން ގަނޑެއް ފާރުގައި ކޭއްތުން އަޑު ކަމުގައި ބުނެ އެވާހަކަ ވަނީ އޮއްބާ ލާފައެވެ. ނަމަވެސް މިހާރު ޒައިނަބަކޭ އެއްގޮތަށް އަހުސަލްއާއި މަރިޔަމްއަށްވެސް އެއަޑު އިވިއްޖެއެވެ.

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަރަންޓު އައިސް ގޭގެ ބޮކިތައް ދިއްލުނެވެ. އަހުސަލް ގޮސް ބޭރުގައި މީހަކު ހުރިތޯ ބެލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“އަހަރެން ބޭނުންވީ ޒައިނަބަށް ދެރައެއް ދޭން.. އެކަމަކު މިހުރިހާ ކަމެއް ވާނެކަމަކަށް އަހަރެން ހިޔެއް ނުކުރަން..”

މަރިޔަމް އޭނާގެ މޫނުމަތީގައި އަތް އަޅައިގެން އިނދެ ބުންޏެވެ.

“ހުރިހާ ކަމެއް ކޮއްފަ އެއްނު ތިހުރީ.. އެހެންވީމަ މަރިޔަމް ކުރި ކަންކަމުގެ ޒިންމާ މަރިޔަމް ނަގާ..”

ޒައިނަބް ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Anonymous

    WHAT’S GOING TO HAPPEN NEXT!
    Poor zainab
    I feel so bad for her

    1. Eyesh
      Anonymous

      Keep reading to find out what will happen next 🫣😊
      Thank you for reading and dropping a comment 🤍😘

  2. liya

    mariyam if it isnt the consequences of your own actions the only reason she feels guilty now is cuz shes also being haunted im glad zainab is standing her ground mariyam deserves to pay for what she did cant wait for next part keep it up eyesh

    1. Eyesh
      liya

      Exactly 💯
      Maryam deserves to pay for the harm that she caused dho.
      Liya m So glad that you are enjoying this story.
      And your sweet words means a lot 🤍🥺😘 thank you gurl 😊

  3. Anonymous

    very nice

    1. Eyesh
      Anonymous

      Thank you 🤍😊

Comments are closed.