
ގާތުގާ…. – 65

ތިރިއަށް ފޭބުމާއިއެކުގައި ގޭގެ މައިދޮރާއި ދިމާއިން ބަޔަކު ވާހަކަ ދައްކާ އަޑުއިވެން ފެށިއެވެ. ގޭތެރެއިންވެސް އެއްވެސް މީހެއް ފެންނަން ނެތުމުންނާއި ނަވީންވެސް ގޭގައި ނެތުމުން އަހަރެން ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. ނަމަވެސް ޖެހިލުންވެ ހުރެވެސް އަހަރެން ދޮރާއި ގާތްވެލީ އެއީ ކޮންބައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ.
******
ކުޑަކޮށް ދޮރުން ބޯދީ އަހަރެން ބޭރު ބަލައިލީމެވެ. އޭރު ހާލިދުބެއާއި މަރިއްތަ ކޮންމެވެސް ވާހަކައެއް މާގަސްތައް ކައިރީގައި ތިބެ ދައްކަނީއެވެ. މާ ގަސްތަކަށް ފެން ދޭން މަރިއްތަ ގަސްތައް ކައިރީގައި ހުރިއިރު ހާލިދުބެ ފިނިފެންމާ ގޮފިތަކެއް އިންދުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ.
” ސަހާދެއް މިބުނީ އަހަރެން ހަމަ ކޮސްވި… ސިފަ އެކަންޏެއް ނޫން… ބަސްމަގު ވެސް އުޅުންވެސް ހަމަ އެހާ އެއްގޮތް… އެ ގޮއްޔެ ފެންނަ ކޮންމެ ފަހަރަކު ހީވަނީ ހަމަ ދެވަނަ މައުރާ ފެންނަހެން….” ކޮޅައް ތެދުވަމުން މަރިއްތަ ބުނެލިއެވެ. މިއަދު ބަދިގެތެރޭގައި ވީކަންތައް އަހަރެން ހަނދައިންވީ ދެނެވެ. މަރިއްތަގެ ހާއްސަ ނަޒަރުތަކުގެ އަސްލަކީ ކޮބައިކަން އަހަރެންނަށް އެނގުނީ ދެނެވެ.
” ނާ ހަމަ ތެދެއްތަ؟ ބަލާ ތަޤުދީރުގެ ކަންކަން ހިނގަމުން އަންނަ ގޮތް… ކާކު ހީކުރާނީ މިހެން ވާނެ ކަމަށް….” ހާލިދުބެގެ އަޑު އަހަރެންނަށް އިވުނެވެ. އެއަޑުގައި ހުރީ ގަބޫލު ކުރަން ދަތިވެފައި ހުރި ކަމުގެ އަސަރުތަކެވެ.
” މަ ހިތައް އަރާ އަހަރެމެންނަށް މިވަރު ވާއިރު ޖަލީލްއަށް އަދި ކިހާވަރެއް ވާނެ ބާއޭ…” ހާލިދުބެގެ އަޑުގައި ހަމްދަރުދީ ވިއެވެ.
” ތިއީ ތެދެއް… އަދިވެސް އެ ހަނދާންތައް ޖަލީލް އާކުރޭ… ކިތަންމެ އިރެއް ވާންދެންވެސް ލައިބުރަރީގަ އިނދެދާނެ ހަމަ… ދުވަހަކުވެސް އެ ހަނދާންތަކުން މިންޖުވުމެއް ނެތް ފަދަ… މައުރާ ދުނިޔޭގަ ނެތަސް އެ އަސަރުތައް ފިލައިގެން ނުދިޔަ… އަނެއްކަ އެތައް ދުވަހެއް ފަހުންވެސް ދެވަނަ މައުރާއެއް މިގެއަށް އެއައީ…” މަރިއްތަ ބުނެލިއެވެ.
” އާން ތިއީ ތެދެއް… ޖަލީލް މާލެ އައިސްވެސް މިގެ ނޫން ގެޔަކު ނުހުރޭ… ޝާލިޔާ ގާތުގަ ވަގުތު ހޭދަކުރިޔަސް ހަމަ މިގެއަށް ވަދެނުލައި ހިތްހަމައެއް ނުޖެހޭ… ނަވީންމެން ގާތު އިނދެގެން މިގޭގަ އުޅެންވެސް އެބުނީ މިގެއަށް ޖެހިފައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަންނޭނގެ… އެހެންނޫނީ ކޮންމެވެސް ސިފައެއްގަ މައުރާ މިގޭގަ އުޅޭ ކަމުގެ އިހުސާސު ކުރެވެން އަދިވެސް ބޭނުންވަނީ ކަންނޭނގެ…” ހާލިދްބެ ބުނެލިއެވެ.
” އާން ތިއީ ތެދެއް…. މި މުއްސަނދިކަމާއި ހުރިހާ އެއްޗެއް ލިބި ހުރެވެސް ޖަލީލްގެ ހިތުގައިވީ އެކަނިވެރި ކަމެއް އެއިން އެއްވެސް އެއްޗަކަށް ފިލުވައެއް ނުދެވުނު….. ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކޭ ދޯ… ” މަރިއްތަ ބުނެލިއެވެ.
” އާން ތިއީ ތެދެއް…. އަހަރެން އެދުވަސް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ… އެ ނޫނީ ނުދެކެން ދުވަހަކުވެސް ޖަލީލް ރުއި ތަނެއް….” މިފަހަރު ހާލިދުބޭގެ އަޑުގައި ހިތާމަވެރިކަން އެކުލެވިގެން ދިޔައެވެ. އެދެލޯ ފެންކަޅިވީތަން އަހަރެންނަށް ރީއްޗަށް ފެނުނެވެ. ހައިރާން ކުރުވި ކަމަކަށް އެކަންވީ އެމީހުންގެ ހިތުގައި ޖަލީލްއަށް އޮތް މަތިވެރި އިހުތިރާމާއި ޤަދަރު ފެނުމުންނެވެ. މީހުން ސިފަކުރާފަދަ ހަރުކަށި ނުފޫޒުގަދަ ރުޅި ގަދަ މީޙަކަށް އެފަދަ އިހުތިރާމެއް އެއްވެސް މީހަކު ނުކުރާނެ ކަމުގައި އަހަރެންގެ ހިތް ބުނެލިއެވެ. އެހެން ކަމުން ޖަލީލްއަކީ މީހުން އެސިފަ ކުރާ ފަދަ މީހެއް ނޫން ކަމުގައި އަހަރެންގެ ހިތް ބުނެލިއެވެ.
އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން އަހަރެން ދޮރު ބިއްދަށުގައި ފިލައި ހުރީމެވެ. ނަވީން ބައްޕައާއި މަންމަގެ ލޯބީގެ ވާހަކަ އަކީ އަދި އަހަރެންނަށް ނޭނގި އޮތް ކަމެކެވެ. ހިތުގައިވީ ޝައުގުވެރިކަން އިތުރުވީ އެފަދަ މާތް ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރި ބޭފުޅެއްގެ ހިތް ބަލިކަށި ކުރުވި އަންހެން ކުއްޖާއާއި ބެހޭ ގޮތުން އެނގެން ބޭނުންވި ވަރުންނެވެ.
****
ޗެޕްޓާ 22
ނަވީން
” ހަމަ ޔަޤީންތަ…؟” އާކިފް ދޮގު ނަހަދާނެކަން އެނގި ހުރެވެސް އަހަރެންނަށް އަހައިލެވުނީ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. ކުރިމަތީގައި އަހަރެންނާއި ފަސްވަރަކަށް ފޫޓު ދުރުގައި ހުއްޓިލައިގެން ހުރި އާކިފް ދިން ހަބަރުން އަހަރެން ހަމަ ރަނގަޅަށްވެސް ހައިރާން ވެއްޖެއެވެ.
” ޔެސް ސާރ… ކޮމްފާމް ހަމަ….” އާކިފް ބޯ ޖަހައިލަމުން ބުނެލިއެވެ.
އަތުގައި އޮތް ގަލަން އަނބުރައިލަމުން އަހަރެން ގޮނޑި އަނބުރާލައި އާކިފްއާއި ފުރަގަސް ދިނީމެވެ. އަދި ވިސްނުމަކަށް ގެއްލިފައި ހުރެ އަހަރެން ގޮނޑިން ތެދުވެ ބިއްލޫރިގަނޑާއި ގާތަށް ޖެހިލީމެވެ. ތިރިން ފެންނަން އޮތް މީހުން ހޭލަ މޭލަ ވަމުން ދިޔަ ހަލަބޮލި މަގުމައްޗަށް އަހަރެން ނަޒަރު ހުއްޓައިލީމެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަޑި ނޭނގޭ އެތައް ކަމެއް ހިނގަމުން ދާނެކަން ކަށަވަރެވެ. ކޮންމެ މީހެއްގެ ވެސް ނޭނގޭ ސިއްރު ތަކެއް ވާނެކަން ކަށަވަރެވެ. ހާއްސަކޮށް ބާރާއި ނުފޫޒާއި ފައިސާ އަތުގައި ހުރި މީހުންނެވެ. މުއްސަނދިކަމަކީ މީހާ ކަނުކޮށްލާ މީހާ އަށް ދުނިޔެ ހިތަކަށް ލިބުންފަދަ އިހުސާސްތަކެއް ކުރުވާ ކަމެކޭ މީހުން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފައިސާއަކީ މީހާ އޭގެ އަޅާކަށް ހަދައިލާ ހަތިޔާރެކޭ މީހުން ބުނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ހަރާމާއި ހަލާލު އެއީ އޮންނަ އެއްޗެއްކަން ވެސް ގިނަ ފަހަރު ފައިސާގެ އަޅަކަށްވާ މީހުންނަށް ނޭނގެއެވެ. ނުވަތަ އެނގުނަސް އީމާންތެރިކަމެއްވެސް ނުހުންނަނި އެވެ. އެކަލާންގެ ދެއްވި ގޮތަށް ގެންދެވުމުގެ ބާރުވެސް އެ ކަލާންގެ އަތުގައިވާކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިލަނީއެވެ.
ވިސްނުމެއްގައި ހުރެ އަހަރެން އައިސް ގޭތެރެއަށް ވަނީމެވެ. އެހިނދު ބަދިގެ ފަރާތުންގައި މީހަކު އުޅެ ކަމުގެ ހިލަން ވެގެން އަހަރެން ހުއްޓިލީމެވެ. އާންމުކޮށް މިގަޑިއަކީ މަރިއްތަ ބަދިގޭގައި އުޅެ ގަޑިއެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އެހެން ކަމުން އެއީ ޒާނާއަށް ވެދާނެ ކަމުގައި އަހަރެންގެ ހިތް ބުނެލިއެވެ.
ބަދިގެ ދޮރުމައްޗަށް އެރުމާއިއެކުގައި ދޮރާއި ފުރަގަސް ދީގެން އުނދުން ކައިރީގައި ހުރި ޒާނާ އަހަރެންނަށް ފެނުނެވެ. ބަދިގެ ތެރެއަށް ފެތުރިފައިވާ މީރުވަހުން އަދި އުނދުން މަތީގައި ބަހައްޓާފައި ހުރި ތެލިން އަރަމުން ދިޔަ އާވިތަކުން ވަރަށް މީރު އެއްޗެއް ކައްކަނީކަން އަހަރެންނަށް އެނގުނެވެ. ހިތަށް ފިނިކަން ލިބުނު މަންޒަރަކަށް އެ މަންޒަރު އަހަރެންނަށް ވިއެވެ. އަބަދުވެސް ޒާނާގެ ގައިގާ ހުންނަ އަހަރެން ވަރަށް ގަޔާވާ ސިފައަކަށް އެކަން އޮތީ ވެފައެވެ. ޒަމާންގަނޑަކަށް އެ މަންޒަރު ބަލާލާނެ ފުރުސަތު ލިބުމުން އެ މަންޒަރު ހިތުގައި ބިންވަޅު ނެގީމެވެ. އެހިނދު ފިކުރުތަކުން އެއްކިބާވެ ތުންފަތަށް ލުއި ހިނިތުންވުމެއް އެއްވެސް އިހުތިޔާރަކާ ނުލައި ވެރިވެގެން ދިޔައެވެ. މަޑުމަޑުން އަހަރެން ޒާނާއާއި ގާތަށް ފިޔަވަޅެއް އަޅަމުން ދިޔައީމެވެ. މީހެއްގެ ހިލަން ވެގެން ޒާނާ ފަސްއެނބުރި ބަލައިލީ އެވަގުތުއެވެ.
” ސެންޓުގެ ވަހުން އެނގިއްޖޭ…” ހިނިތުންވެލަމުން ޒާނާ ބުނެލިއެވެ. މޫނުމަތީގައި ހުރި ހިތްހަމަޖެހުމާއި އުފާވެރިކަން ސިއްރު ވުމެއް ނެތި ހުރީ ހާމައަށް ފެންނާށެވެ.
” ކޯއްޗެއް ތި ކައްކަނީ….؟” އަހަރެން މަޑުމަޑުން ޒާނާއާއި ގާތް ވެލަމުން އަހައިލީމެވެ.
” ކޯއްޗެއް ހެން ހީވަނީ މި…؟” ތެލީގައި އޮތް ޑޯނަޓް ފުށުން ޖަހައިލަމުން ޒާނާ އަހައިލިއެވެ.
” ޑޯނަޓް….؟ ޑޯނަޓް ހަދަންވެސް އެނގޭތަ..؟” އަހަރެން އަހައިލީމެވެ.
” ހޫމް… ވަރަށް ފަހުން ދަސްކުރީ….” ޒާނާ ބުނެލިއެވެ. ދެން ތެލީގައި އޮތް ޑޯނަޓް ނަގައި ތައްޓައް ލަމުން ޑޯނަޓްތައް އެޅި ތަށި ހިފައިގެން މޭޒާއި ދިމާއަށް ހިނގައި ގަތެވެ.
” ގޭގަ އެއްވެސް މީހެއް ނެތީމަ ފޫހިވެގެން ހިތަށް އެރީ ކޮންމެވެސް އެއްޗެއް ހަދާލާނީއޭ… އެހެންވެ… އޯކޭ ވާނެ ދޯ….” ޒާނާ ފަސްއެނބުރި އަހަރެންނަށް ބަލައިލަމުން އަހައިލިއެވެ…
” ހޫމް އޯކޭ ވާނެ…. މިގޭގަ ނޫޅޭނެ ޒާނާއަށް ކަންކަން މަނާ ކުރާނެ މީހެއް… މިއީ ހަމަ ޒާނާގެ ގެ… ކުރިއަށް އޮތްތާ މިގެ ބަލަހައްޓަން ޖެހޭނީ އަދި މި ގޭގަ ހިނގާ ކަންކަމަށް ބަސް ކިޔަން ޖެހޭނީ ޒާނާ…. ” އަހަރެން އޮޅުން ފިލުވައި ދިނީމެވެ.
” އޯކޭ….” ހިނިތުންވެލަމުން ޗޮކްލެޓް ތަށި ތެރެއަށް ޑޯނަޓެއް ގަންބައިލަމުން ޒާނާ ބުނެލިއެވެ.
” ކާނަންތަ…؟” ޑޯނަޓުން އެތިކޮޅެއް ކައިލަމުން އަހައިލިއެވެ.
” ހޫމް… ދީބަލަ….” އަހަރެން މަޑުމަޑުން ޒާނާއާއި ގާތަށް ފިޔަވަޅެއް އަޅައިލީމެވެ. އެހިނދު ޒާނާގެ އަތުގައި އޮތް ޑޯނަޓް އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެން ޒާނާގެ އަތުން އެތިކޮޅެއް ކައިލީމެވެ.
” ހޫމް ވަރަށް މީރު….” އަހަރެން ޒާނާގެ މޫނަށް ބަލައިލަމުން ހިނިތުންވެލަމުން ބުނީމެވެ.
” އެނގެޔޯ…..” ޒާނާ ފޮނިވެލިއެވެ.
” އެހެންތަ….؟” އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން އަނެއްކައިވެސް ޒާނާގެ އަތުގައި އޮތް ޑޯނަޓުން އެތިކޮޅެއް ކައިލީމެވެ.
” ހޭއި… ވާހަކައެއް އަހައިލަންތަ….؟” އަނގައިގައި އޮތް އެތިކޮޅު ކައި ނިއްމައިލަމުން ޒާނާ އަހައިލިއެވެ.
” ހޫމް އަހާބަ….” އަހަރެން ޒާނާ ކުރަން އެ އުޅޭ ސުވާލަކަށް ހުރިހާ ސަމާލުކަމެއް ހުއްޓައިލީ ޒާނާގެ އަޑަށް ވެރިވި ސީރިއަށް ކަމުންނެވެ.
” ދެންމެ ނަވީން ބައްޕަ ހުރެފަ ގޮއްސި… ހިޔާލަކަށް ގެއްލިފަ ހުރިހެން ހުރެފަ ދިޔައީ… ހީވަނީ ކަމަކާ ވިސްނާލީހެން…. އަހަރެން ކޮފީއެއް ހަދައިދެންހޭ އަހާލީމަވެސް ނޫނެކޭ ބުނެފަ ދިޔައީ… އަހަރެންނަށް ގޯސް ކަމެއްތަ މިކުރެވެނީ އަނެއްކާ….؟” ޒާނާ އަހައިލިއެވެ.
” އުހުމް…. ގޯސް ކަމެއް ނޫން… ވެދާނެ މަންމަ މަތިން މާ ބޮޑަށް ހަނދާންވީ ކަމަށް ޒާނާ ތިހެން ހުއްޓަ ފެނުނީމަ… މަންމަ ނިޔާވި ފަހުން ބަދިގެއިން މަރިއްތަ ނޫނީ ނުފެންނާނެ… ކުއްލިއަކަށް މަންމައާއި ވައްތަރު މީހެއް ފެނުނީމަ… އަނެއްކަ ތިހުރީ ހުދު ހެދުމެއް ލައިގެންވެސް… އަހަރެން ހަނދާން އެބަހުރި މަރިއްތަ އެއްފަހަރު ބުނި ބައްޕައަށް މަންމަ އެންމެ ރީތީ ހުދު ހެދުމެއް ލައިގެން ހުރީމައޭ… ބައްޕައަށް މަންމަ އެންމެ ފުރަތަމަ ފެނުނީވެސް ހުދު ހެދުމެއް ލައިގެން ހުއްޓައޯ… ކިހާ ރޮމް ދޯ….” އަހަރެންނަށް ބައްޕައަށް ވީ ގޮތް ނަގައިގަނެވިގެން ހުރިހާ އެއްޗެއް ތަފްސީލުކޮށް ކިޔައިދިނީމެވެ.
” އެހެންތަ…؟ ހާލިދްބެއާ މަރިއްތަވެސް ތިކަހަލަ އެއްޗެއް ކިޔަނިކޮށް އަޑު އިވިއްޖެ …” ޒާނާ ވިސްނައިލަމުން ބުނެލިއެވެ.
” ހޫމް ތިއެއް ނޫނޭ… ހިނގާ ދުއްވާލަން ދާން… މަންމަ ކައިރިއަށްވެސް ދާން ވާނުން….” އަހަރެން ބުނެލީމެވެ.
” އޯކޭ…. ފެންވަރައިގެން އަންނާނަން އިނގޭ ދާން….” ޒާނާ ބުނެލިއެވެ.
ޒާނާ ތައްޔާރު ވެގެން ނިކުންނަދެން އަހަރެން ސޯފާގައ އިށީނދެލީމެވެ. އެވަގުތު އާކިފްގެ މެސެޖެއް އައިސްގެން އަހަރެން ފޯނު ނަގައި ބަލައިލީމެވެ.
” މާދަމާ ރޭ….؟” ކުރު އެ މެސެޖުގައިވީ ކީކޭކަން އަހަރެންނަށް ފަހުމް ވިއެވެ.
” ހެކި…..؟” އަހަރެން ކުރު ސުވާލެއް ކޮށްލީމެވެ.
” އަދި އެހާ ނެތް….” އާކިފްގެ ޖަވާބު އައެވެ.
” ލިބުނީމަ އުޅޭނީ…..” އަހަރެން ޖަވާބު ލިޔެފައި ފޮނުވައިލީމެވެ.
” އޯކޭ ސާރ…..” އާކިފް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
i love this story!!! eagerly waiting for the next episodes. 🥹💕
Thank you🥰
Next episode las vedhaane ingey.. Alhugandu v baliko miulheny ehnve
Shafakallah, ia. Hoping to read the next episode soon
Thankiu dear💕