Skip to content
އެސްފިޔަ

ގާތުގާ…. – 64

Listen to this story Audio · 12:29 Powered by Esfiya Voice
0:00 12:29

” ބޮކި ނުނިވައްޗޭ ޕްލީޒް….” އަހަރެން ރަޖާގަނޑު މެޔާއި ގާތް ކޮށްލަމުން ފެންކަޅި ވެފައި ބުނީމެވެ.

” ނުނިވާނަން… ދެން ދުވަހަކުވެސް ނުނިވާނަން… ޕްރޮމިސް….” ނަވީން ވަޢުދެއް ވިއެވެ. އަހަރެންގެ ހިތް ހަމަ ޖެހުނީ އެއަޑުގައިވީ ޔަޤީން ކަމުންނެވެ.

****

ދެމުންދިޔަ ނަލަ ހަނދުވަރާއި ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ ހިތްގައިމު އަޑު މިއުޒިކެއް ފަދައިން އިވިއިވި ހުއްޓެވެ. ކަނޑުގެ ލޮނުގަނޑަށް އެޅިފައިވީ ހަނދުވަރުގެ ރިވެލި ފެންނަނީ އަޖައިބެއްހާ ޖާދުވީ ކޮށެވެ.  ހަމަ އެހެންމެ ކުރިމަތީގައި އިން ނަވީންގެ ނަޒަރު އަހަރެންނަށް އިރުއިރުކޮޅައި ހުއްޓޭކަންވެސް އަހަރެންނަށް އެނގެއެވެ. އެވަރަށް ނަވީން އެބަލަނީ ކީއްވެކަންވެސް އަހަރެންނަށް އެނގެއެވެ.

ދޮންވެލި ތުނޑީގެ ކޮޅުގައި ބަހައްޓައިލެވިފައިވީ ހަތަރެސްކަން މޭޒުގެ ދެކޮޅުގައި އަހަރެމެން ތިބީމެވެ. މޭޒަށް ހިޔާ ވާނެހެން އަޅާފައިވީ ހުދު ލޭސްފޮތީގެ ޓެންޓުކޮޅާއި އަލިކުރުމަށް ދަމާފައިވީ ބޮކިފަތިތަކުގެ ސަބަބުން އެ މާހައުލު ފެންނަނީ ވަރަށް ރޮމޭންޓިކް ކޮށެވެ. މޭޒުގެ މެދުގައި ބަހައްޓައިލެވިފައިވީ ފުޅި ބައްތީގެ ހުޅުކޮޅު ވަޔާއި ވިހުރިލަ ވިހުރިލައި ހުއްޓެވެ. ތަނަށް ވެރިވެފައިވީ ރަން އަލީގައި މާހައުލުގެ ހިތްގައިމުކަން އިތުރު ވެފައިވެއެވެ.

” މާޝާﷲ… ހާދަ ރީއްޗޭ….” ނަވީން ކަޅި ޖަހައިނުލައި ބަލަހައްޓާއިގެން އިނދެ ބުނެލިއެވެ. ލަދުން އިސް ޖަހައިލަން އަހަރެންނަށް މަޖުބޫރުވީ އެ ނަޒަރުތަކުގެ ތޫނު ކަމުންނެވެ.

” ތި ހެދުން ލީމަ އަދި ވަކިން ރީތި… ޒާނާއާއި ވަރަށް ގުޅޭ….” އަހަރެންނާއި ވަރަށް ގުޅޭ ކަމުގައި ނަވީން ބުނެލީ އެއްލޯ މަރައިލަމުން ލާނެތް ސަމާސާއެއް ފަދައިންނެވެ.

” ދެން މީނަ….” އަހަރެން ލަދުން އިނދެވެސް ނަވީންގެ އަތުގައި ބޮނޑިއެއް އަޅައިލީމެވެ. ނަވީން ހެމުން ހެމުން ކޮޅަށް ތެދުވިއެވެ. އަދި އަހަރެންނާއި ކައިރިއަށް ޖެހިލަމުން އަތް ދިއްކޮށްލިއެވެ. ވަޔާ ވިހުރެމުން ދިޔަ ނަވީންގެ އިސްތަށިގަނޑާއި ލައިފައިވީ ދޫ ހުދު ގަމީހާއި މޭމަތިން ނައްޓައިލެވިފައިވީ ދެގޮށުގެ ސަބަބުން ހާމަވެފައިވީ ތަނަވަސް މޭމަތިން އަހަރެންގެ ހިތު ވިންދު އަވަސް ކުރުވިއެވެ. ވެރިވެފައިވީ ހަނދުވަރުގެ ރިހި އައްޔާއި ބޮކިފަތިތަކުން ދީފައިވީ ރަން އަލީގައި ނަވީން ފެންނަނީ ހިތް ކަތިލާހާ ފިރިހެންވަންތަ ވެފައި އިޝްޤީ ކޮންނެވެ.  ވަރަށްވެސް އާދައިގެ ކޮށް ނަވީން ފެނުނު ކަމުގައިވިޔަސް އެ މަންޒަރަށް އަހަރެންގެ ހިތް ފިދާވާހާ ވިއެވެ. އެ ގޮތުގައި ނަވީން މާ ފުރިހަމަ ކަމުގައި އަހަރެން ހިތް ބުނެލިއެވެ.

ނަވީންގެ އަތުގައި ހިފަމުން އަހަރެން ކޮޅަށް ތެދުވީމެވެ. ނަވިން އަހަރެންގެ އަތަށް ބާރުކޮށްލަމުން ގޮނޑުދޮށަށް ހިނގައިގަތެވެ.

ގޮނޑުދޮށުގެ ރާޅު ބީއްސާ ހިސާބުގައި ދެމީހުން ހިނގަމުން ދިޔައީމެވެ. އަތާއި އަތް ގުޅުވާލައިގެން ހުރެ ދެމީހުން އަމިއްލަ ވާހަކަ ތަކުގައި ތިބެ ކުރިއަށް ދިޔައީމެވެ.

” ދެން އުފާވެރިތަ މި ހަނީމޫން….؟ ހިތްހަމަ ޖެހޭތަ…؟” ނަވީން އަހައިލިއެވެ.

” ހޫމް… ނަވީން ހުރިއްޔާ އުފާވެރިވާނުން… ނަވީން ކިހާ މަސައްކަތެއް ކުރިން އަހަރެން އުފަލުގަ ބަހައްޓަން…. ތެދަށް ބުނަންޔާ މި ދުވަސްތައް ވާނެ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ހަނދާންތަކަށް… ނަވީން އުފާވޭތަ؟ ” އަހަރެން ނަވީންގެ ކޮނޑުގައި ބޯ ޖައްސައިލަމުން ހިނިތުންވެ ހުރެ އަހައިލީމެވެ.

” ޔެސް… އަހަރެން ވަރަށް ހިތްހަމަޖެހޭ… ޒާނާ އުފަލުން ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން…. ހެޕީ ވައިފް ހެޕީ ލައިފް….” އެއްލޯ މަރަލިލަމުން ނަވީން ބުނެލި ގޮތުން އަހަރެންގެ ގާތަށް ހިނިއައެވެ.

” ދެން ބުނަންތަ ވާހަކައެއް އަދި… ތިހެދުން ލީމަ ޒާނާ ވަރަށް ސެކްސީ އިނގޭ…..” ނަވީން ބުނެލީ އިތުރަށް އަހަރެން ލަދުގަންނަވައި ލުމުގެ ބޭނުމުގައެވެ.

” އެކަން އެނގޭތީނުން މިހާ ކުރު ހެދުމެއް ލެއްވީ…..” ގަޔަށް ހިފާފައި ހުރި ކުރު ހެދުންކޮޅު ތިރިއަށް ދަމައިލަމުން އަހަރެން ބުނީމެވެ.

” ކީއްތަވީ…؟ އެއްވެސް މީހެއް ނާންނާނެ މިހިސާބަކަށް… އަހަރެންނަށް އެކަނި ފެންނާނީ…” ނަވީން އަހަރެންގެ އުނަގަނޑުގައި ހިފައިލަމުން ބުނެލިއެވެ. އޭރު ހިނގަމުން ހިނގަމުން އަހަރެމެންނަށް ވަރަށް ދުރަށް އާދެވިއްޖެއެވެ.

” އަހަރެންނަށް ވެސް ނަވީން މިރޭ ވަރަށް ރީތި… ވަރަށް ތަފާތުހެން ހީވަނީ….” އަހަރެންވެސް ދެރަ ނުވާން ވެގެން ބުނެލީމެވެ. ނަމަވެސް އެއީ ހަޤީޤަތެވެ. ނަވީން މިރޭ އެހެން ރޭރެއަށް ވުރެން ހިތްގައިމު ވެފައި ފިރިހެންވަންތައެވެ.

” ތެންކިއު… ޒާނާއަށް ކަމުދަންޏާ މިކަހަލަ އެއްޗެހި ދޯ ގިނައިން ލާންވީ….؟ މާދަމާ ނޫން އަނެއް ދުވަހުން މާލެ ދާން އޯކޭ ދޯ…” ނަވީން ހީލަމުން އަހައިލިއެވެ.

” ހޫމް… އޯކޭ ހަމަ… އެކަމަކު އަދި ވާނެ ދޯ ދޭތެރެއަކުން އައިސްލަން… މިކޮޅު ކިހާ ހިތްގައިމު…” އަހަރެން އެދުނީމެވެ. ނަވީން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

ބަރާބަރު ފަސް ދުވަހު އަހަރެމެން ރިސޯޓުގައި ތިބީމެވެ. އެއީ އުފާވެރި ދުވަސް ތަކަކަށް ހެދުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ނަވީން އެދުވަސް ތަކުގައި ކޮށްދިނެވެ. އަހަރެންނާއި އެކުގައި މަޖާ ކުރުމުގައި ދުވަހުގެ ބޮޑުބައި ހޭދަ ކުރިއެވެ. މޫދަށް އެރުމާއި ވޯޓާރ ސްޕޯޔްސްގައި ދުވަސް ނިމިގެންދާ ގޮތްވެސް ނޭނގެއެވެ. ހިތްހަމަޖެހި ހިޔާލެއް ފިކުރެއް ނެތި މަޖަލުގައި ހޭދަކުރެވުނު ވަގުތުތަކެއް ކަމުގައި އެ ވަގުތުތައް ވިއެވެ.

ރޭގަނޑު ކޭންޑަލް ނައިޓް ޑިނާރ ތަކުން ނަވީން އަހަރެންގެ ހިތް ލޯބިން ފުރާލަ ދިނެވެ. ގޮނޑުދޮށަށް ބީއްސާލާ ކުދި ރާޅުތަކާއި ދެމުންދިޔަ ހަނދުވަރުގެ ރިހި އަލީގައި ހޭދަކުރެވުނު ވަގުތުތައް ނޭނގި ނަމަވެސް ހިތަށް ލިބުނު ޝިފާއެއް ކަމުގައި ވިއެވެ. ނޭނގި ހުއްޓައިވެސް ހިނިތުން ވެވެން ފެށިއެވެ. ނަވީންއާއިއެކުގައި ހޭދަ ކުރެވޭ ކޮންމެ ވަގުތުތަކެއް ހިތުގައި ބިންވަޅު ނެގެން ފެށިއެވެ. އޭގައި އުފާވެރި ނޫން ހަނދާންތަކެއް ނުވެއެވެ.

ހަނީމޫން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔައެވެ. ދެމަފިރިކަމުގެ ގުޅުމަކީ ހުރިހާ އެއްޗެއް ނޫން ކަން ނަވީން ބުނެދެމުން ދިޔައެވެ. އެ ކަންކަމާއި ނުލައިވެސް ލޯބިވާ މީހާއާއި އެކުގައި އުފާ ކުރެވިދާނެކަން ސާބިތުކޮށްދިނެވެ.

ނިދާ ވަގުތު ހުރިހާ ބޮކިތަކެއް ނުނިވަން ނަވީން ފެށީ ކޮޓަރީގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ބެހެއްޓުމުގެ ބޭނުމުގައެވެ. ދިމާވަމުން ދިޔަ ކުދިކުދި ހާދިސާ ތަކާއި ބެހޭގޮތުން ސުވާލު ކުރި ކަމުގައި ވިޔަސް އަހަރެންނަށް އުނދަގޫ ވާނެ ވަރަކަށް އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަރެން ބޭނުންވާ ފަދައިން އަހަރެންނަށް ނަވީން ވަގުތު ދެމުން ދިޔައެވެ.

ކޮންމެ ކަމެއް ކުރުމުގެ ކުރިން ނަވީން އަހަރެންގެ ކައިރީގައި އަހައެވެ. އެއީ އިތުރަށް އަހަރެންނަށް ކުރިމަތިވެދާނެ އުނދަގުލަކުން މިންޖު ކޮށް ދިނުމުގެ ބޭނުމުގައެވެ. ދުލުން ނުބުންޏަސް ނަވީން އަހަރެންނާއި ދޭތެރޭގައި ވިސްނާވަރު ދިޔައީ އޭނާގެ އަމަލުތަކުން ފެނި ހާމަ ވަމުންނެވެ. އަހަރެންނަށް ހިދުމަތް ކުރުމުގައި ނަވީން އެ ފަސް ދުވަހުވެސް ދެމިހުއްޓެވެ. ހިމާޔަތާއި ރައްކާތެރިކަމާއި ލޯބިން ހިތް ފުރާލަދިނެވެ.

އަހަރެމެން ތިބެން ހަމަޖެހިފައިވީ ގެއަށް ކާރު އައިސް ވަނެވެ. ކުރިންވެސް އައިސްފައިވީތީ މުޅިން އާ މާހައުލަކަށް އެ މާހައުލު އަހަރެންނަކަށް ނުވިއެވެ. އަހަރެމެންގެ އިސްތިޤުބާލުގައި ގޭގައި ގެންގުޅޭ ދެމީޙުން ދޮރުމަތީގައި ހުއްޓިލައިގެން ތިއްބެވެ.

” މިއީ ހާލިދުބެ… ދެން މިހުރީ މަރިއްތަ….” ހަރުއުމުރުގެ ދެމީޙުންނަށް އިޝާރާތް ކޮށްލަމުން ނަވީން އަހަރެންނަށް ތަޢާރަފް ކޮށްދިނެވެ.

” މަރުހަބާ ދެކުދިންނަށް… ތި ދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި…..” ކަޅު ވަށް ބުރުގާއާއި ދިގު ހައުސްކޯޓުގައި ހުރި ދޮން އަންހެން މީހާ ހިތްހެޔޮ ހިނިތުންވުމެއް ދެމުން ބުނެލިއެވެ.

” ޝުކުރިއްޔާ….” އަހަރެންވެސް ވަރަށް ހިތްހަމަޖެހިލާފައި އުފާވެފައި ޝުކުރުއަދާ ކުރީމެވެ. އެ އަންހެން މީހާ ބެހެއްޓި ގާތްކަމުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. އަހަރެން ބަލައިގަތް ކަމުގެ ހެއްކަކަށް އެ ހިތްހެޔޮކަން ފުދުނެވެ.

” ކާން ހަދަންވީ ތޯ…؟” އެތެރެއަށް ވަންނަން ހިނގައިގަތުމާއިއެކުގައި މަރިއްތަ އަހައިލިއެވެ. އަހަރެން އަހަރެންގެ ކުރީގައި ހުރި ނަވީންއަށް ބަލައިލީ ނަވީންގެ ޖަވާބަކަށް އެދެމުންނެވެ.

” އޯކޭ… ކާން ހަދާ… މި އަންނަނީ އިރުކޮޅަކުން….” ނަވީން މަރިއްތައަށް ޖަވާބު ދެމުން އަހަރެންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

” ވަރުބަލިތަ….؟ އޮށޯވެލަން ބޭނުންތަ…؟” ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލަމުން ނަވީން އަހައިލީ އަހަރެންގެ އުނަގަނޑުގައ ހިފައި ގާތް ކޮށްލަމުންނެވެ. ދެމަފިރިކަމުގެ ގުޅުމެއް ދެމެދުގައި ހިނގާފައި އަދި ނެތް ކަމުގައި ވިޔަސް ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ދެމީހުންގެ ގުޅުން ވަނީ އިތުރަށް ގާތްވެ ބަދަހިވެފައެވެ. ދެމެދުގައިވީ ލޯބި ވަނީ އެހެން ހަރުފަތަކަށް އަރަން ފަށާފައެވެ.

” ނޫން … ކާން ބޭނުމީ… ވަރަށް ބަނޑުހައި….” ނަވީންގެ މޭމަތީގައި ދެއަތް ބާއްވައިލަމުން އަހަރެން ބުނީމެވެ.

” އޯކޭ ފެންވަރާލައިގެން އަންނާނަން އިނގޭ…” ނަވީން އަހަރެންގެ ނިއްކުރީގައި ބޮސް ދެމުން ބުނެލިއެވެ.

” އެހެންވީމަ އަހަރެން މިދަނީ ތިރިއަށް އިނގޭ….” އަހަރެން ބުނެލީމެވެ.

ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އަހަރެން ތިރިއަށް ފޭބީމެވެ. ގޭތެރެއަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭން ކަމެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ވާތްފަރާތު ދުރުން ފެންނަން ހުރި ލލައިބްރަރީގެ ދޮރަށް އަހަރެން ބަލައިލީމެވެ. ދޮރުދަށުން ފެންނަން ހުރި ހިމަ ދޭތެރެއިން އަލިކަމެއް ފެންނަން ނެތަތީ  ނަވީންގެ ބައްޕަވެސް ގޭގައި ނޫޅެނީ ކަމުގައި އަހަރެން ނިންމީމެވެ. އެހެން ކަމުން ބަދިގެއާއި ދިމާއަށް އަހަރެން މިސްރާބުޖެހީ ބަދިގޭގައި މަރިއްތަ އުޅޭނެކަމަށް އުއްމީދު ކުރަމުންނެވެ.

ބަދިގެ ދޮރު މައްޗަށް އެރުމާއިއެކުގައި ކާން ހެދުމަށް އަވަދިނެތި އުޅެމުން ދިޔަ މަރިއްތަ އަހަރެންނަށް ފެނުނެވެ. އެއްފަރާތުގައި ހުރި ދިހަ މީހުންގެ ޖާގައިގެ ދިގު މޭޒުމަތީގައި އޭރުވެސް ބައިވަރު ތަށިތައް އަތުރާފައި ހުއްޓެވެ. އެކިކަހަލަ ކާތަކެތިން މޭޒުމަތިވަނީ ބަރާ ވެފައެވެ.

އެ ބަދިގެ ނުހަނު ބޮޑުވެފައި ހިތްގައިމެވެ. ހުދުކުލައިން ޑިޒައިން ކޮށްފައިވާ ދިގު ކަބަޑުސެޓާއި އުނދުނާއި ބޮޑު އަވަނެއްގެ އިތުރުން އަދިވެސް ބަދިގެއަށް ބޭނުންވާނެ އިތުރު ސާމާނުތައް އެތަނުގައި ވިއެވެ. ކެއްކުމަށް ޝައުގުވެރިވާ މީހަކަށް އެއީ ރަނެއް ފަދަ ތަނެކެވެ. އަހަރެން ހިތްހަމަޖެހޭވަރުގެ ތަނަކަށް އެތަންވިއެވެ. ކެއްކުމަކީ އަހަރެން އަބަދުވެސް ވަރަށް ކުރާހިތްވި ކަމަކަށް ވުމުން އަދި އެހާ ފުރިހަމަ އެހާ ބޮޑު ބަދިގެއެއް ހުރުމުން އެކަންވީ އަހަރެންނަށް ލިބުނު ބޮޑު އުފަލަކަށެވެ. ބަދިގޭގެ މެދުގައި ކެއްކުމުގެ އެކި ކަންކަމަށް ބޭނުން ކުރުމަށް ބޮޑު މޭޒެއްވެސް ބެހެއްޓިފައި ވިއެވެ. އެ މޭޒުގެ މަތީގައިވީ ވާސްގައިވަނީ ތާޒާ ފިނިފެންމާތަކެވެ. އަދި  ފުރުޓް ބާސްކެޓެއްވެސް މާ ޓުކުރި ކައިރީގައި ބެހެއްޓިފައި ވިއެވެ.

” މަރިއްތާ… ގެނޭ އަހަރެންގެ އަތަށް….” ބީރައްޓެހިކަން ކަނޑުވައިލަމުން އަހަރެން މަރިއްތަ ކައިރިއަށް ޖެހިލަމުން މަރިއްތަ އަތުގައިހުރި ސްޕެގެޓީ އެޅީ ބޯތަށި ނެގީމެވެ.

” ނޫން މެޑަމް އެއްގޮތަކަށް ވެސް ކަމަކު ނުދާނެ… ދެއްވާ އަޅުގަނޑު އަތަށް….” ނިކަން ހާސް ވެފައި މަރިއްތަ އަވަސް އަވަހަށް އަހަރެންގެ އަތުން ތަށި އަތުލިއެވެ.

” ނޫން އޯކޭ ވާނެ އެއްވެސް ކަމެއް ނޫން މިއީ…. ދެން މެޑަމް ނުކިޔަސް އޯކޭ ވާނެ… ޒާނާ ކިޔާ އިނގޭ… ގެނޭ އަހަރެން އަތަށް… އަހަރެންވެސް ބޭނުން ކޮންމެވެސް ކަމެއް ކުރަން… ހާއްސަކޮށް ނަވީންގެ ކަންކަން އަހަރެން ބޭނުން އަހަރެންގެ އަތުން ކޮށްދޭން….” ހިނިތުންވެލަމުން އަހަރެން މަރިއްތަ އަތުން ތަށި ނަގައިގެން ގެންގޮސް މޭޒުމަތީގައި ބެހެއްޓީމެވެ. ތަށި ބަހައްޓާފައި ފަސް އެނބުރިލި ވަގުތު ގަނޑުވެފައި ހުރި މަރިއްތަ ފެނުމާއި އެކުގައި އަހަރެން ހައިރާން ވިއެވެ. ސުވާލު އުފެދިފައި އަހަރެން މަރިއްތައަށް ބަލައިލީމެވެ.

” މަރިއްތާ… ކިހިނެތްވީ…؟” އަހަރެން އަހައިލީމެވެ. ހަމަހޭވެރިކަންވާ މީހެއް ފަދައިން ސިހިފައި މަރިއްތަ އަހަރެންނަށް ބަލައިލިއެވެ.

” ނުވޭ ކަމެއް…” ގަދަކަމުން ކަހަލަ ގޮތަކަށް  ހިނިތުންވެލަމުން މަރިއްތަ ބުނެލިއެވެ. އެއީ އުފާވެރިކަމަށް ވުރެން ހިތާމަވެރި ހިނިތުންވުމެކޭ އަހަރެންގެ ހިތް ބުނެލީ ކީއްވެ ހެއްޔެވެ؟ އެ ދެލޮލުގައިވީ ފުރިގެން ބަންޑުންވާން ކައިރިވެފައިވީ ކަރުނަތަކެވެ. އެއީ ކީއްވެ ހެއްޔެވެ؟

ބަދިގެ ތެރޭގައި ދެންވެސް ހުރި ކަންތައް ތައް ކުރުމުގައި އަހަރެން މަރިއްތައާއި އެކުގައި އުޅުނީމެވެ. ދޭތެރެއަކުން މަރިއްތަ އަހަރެންނަށް ބަލައިލާނެއެވެ. އަދި އަހަރެން ކުރާ ކަންކަން ބަލަން ހިޔާލަކަށް ގެއްލިފައި ހުންނަ ފަދަ ގޮތަކަށް ވެސް ހުރެދާނެއެވެ. ހިތުގައި ސުވާލުތައް އުތުރިއެރި ނަމަވެސް އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ.

ނަވީން އައުމުން އަހަރެމެން ކެއުމަށް އިންސާފު ކުރީމެވެ. ހުރިހާ ކާ އެއްޗެއްވެސް ވަރަށް މީރެވެ. މަރިއްތައަކީ ކެއްކުމަށް ވަރަށް ކުޅަދާނަ މީހެއްކަން ސާބިތުވެގެން ދިޔައެވެ. އެއްޗެހީގެ ރަހަތައް ވަރަށްޗހެޔޮވަރެވެ.

އާކިފް އައުމުން އާކިފްއާއިއެކުގައި ބޭރަށް ގޮސްލާފައި އެބަ އަންނަން ކަމުގައި ބުނަމުން ނަވީން ދިޔައެވެ. އަހަރެންވެސް ނަވީން ދިޔުމުން ކޮޓަރިއަށް ދިޔައީ ފެންވަރައިލުމުގެ ބޭނުމުގައެވެ.

ފެންވަރާލައިގެން  އައިސް އަހަރެން އެނދުގައި އޮށޯވެލަމުން ޓީވީ ހުޅުވައިލީމެވެ. ޗެނަލްތައް ބަދަލުކުރަން އޮތުމަށް ފަހު ކަމުދާ އެއްޗެއް އެއްވެސް ޗެނަލަކުން ނާންނާތީވެ އަހަރެން ތިރިއަށް ފޭބީ ފޫހިވާތީ އާއި އަދި ބަދިގެއަށް ވަދެ އެއްޗެއް ކައްކާލުމުގެ ހިޔާލުވެސް ހިތަށް އައުމުންނެވެ. އޭރު ގަޑިން ހަތަރެއް ޖަހަނީއެވެ.

ތިރިއަށް ފޭބުމާއިއެކުގައި ގޭގެ މައިދޮރާއި ދިމާއިން ބަޔަކު ވާހަކަ ދައްކާ އަޑުއިވެން ފެށިއެވެ. ގޭތެރެއިންވެސް އެއްވެސް މީހެއް ފެންނަން ނެތުމުންނާއި ނަވީންވެސް ގޭގައި ނެތުމުން އަހަރެން ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. ނަމަވެސް ޖެހިލުންވެ ހުރެވެސް އަހަރެން ދޮރާއި ގާތްވެލީ އެއީ ކޮންބައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.