
ވާތީ ހިތަކު ލޯބި މަންމަންވެފާ – 91

“ދާއީ… ކިހިނެއްތަވީ..؟” ޔައުލާން ލަސް ލަހުން އަހައިލިއެވެ. “އެއްލޫ… ޔައު… މަށަށް އެނގިއްޖެ ކަންނޭނގެ އެލާރާ އަށް އަނިޔާވެރިވީ މީހަކީ ކާކުކަން…!”
(91 ވަނަ ބައި)
“ކަ.. ކާކު…؟” އެޒިކިއެލް، އަދި ޔައުލާން އަށް އަހައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
“މަށަށް މި ހީވަނީ ރަނގަޅަށް ވިއްޔާ… އަހަރެން… އަހަރެން ދަންނަ މީހެއް އެއީ… އަހަރެމެން އެންމެންވެސް ދަންނަ މީހެއް. އަހަރެން އޭނާގެ ކުޑަ އިރުގެ ފޮޓޯ މިދިޔަ ހަފުތާވެސް ދެކުނިން.. އަލައިރާ ހީވަނީ ހަމަ އޭނަހެން… އެއްވެސް ތަފާތެއް ނެތް..”
“ކާކު އެއީ؟؟”
ފުންނޭވާއެއް ދޫކޮށްލަމުން ދާއިޔަލް ކޮޅަށް ތެދުވިއެވެ. ދެކޮޅަށް ހިނގާލައިފައި މޭގައި ފިރުމާލިއެވެ. “އުހޫން.. އަދި ނުބުނާނަން.. އަހަރެން ބޭނުމީ ހެއްކާއި އެކު ބުނަން. މީ އޮޅުމަކަށް ވެއްޖެއްޔާ އަހަރެންނަށް މީހަކަށް ގަޛްފު ކުރި ކަމުގެ ދައުވާވެސް ކުރެވޭނެ. ތީ ދެ ފުލުހުން. ތި ދެމީހުންނަށް އެނގޭނެ ހެއްކެއް ނެތި ފުލުހަކަށް ވެސް ވަކި ކަމެއް ނުކުރެވޭނެކަން”
ދާއިޔަލް ދެއްކި ވާހަކަ އެޒިކިއެލް އަދި ޔައުލާން އަށް ވެސް ގަބޫލު ކުރެވުނެވެ. “ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟” ޔައުލާން އެހިއެވެ. “ކިހިނެއް ތި ހީވި ހީވުމަކީ އަސްލެއްތޯ ބަލާނީ؟”
“އަހަރެން މިބުނީ ނުން؟ އެއީ އަހަރެމެން އެންމެން ދަންނަ މީހެކޭ.. އަހަރެން ޑީ އެން އޭ ޓެސްޓު ހަދާނަން. އޭނާއަށް ނޭނގި.. މަށަށް އިތުބާރު ކޮށްފާނަންތަ؟” އެޒިކިއެލް އަދި ޔައުލާންވެސް ބޯ ޖަހައިލިއެވެ.
“އަދި އެކަމަކު މިކަން ބާއްވާނީ އަހަރެމެން 3 މީހުންގެ މެދުގަ އިނގޭ..” ދާއިޔަލް ބުނެލިއެވެ.
“ދެން ލަޝްކާ…؟” އެޒިކިއެލް ކޮޓަރިއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
“އަހަރެން އޭނަ ހަމައަކަށް އަޅުވާނަން. އަލައިގެ އިސްތަށިކޮޅެއް ގެނެސްދީބަލަ…” ޔައުލާން ބޯ ޖަހައިލަމުން ކޮޓަރިއަށް ވަނެވެ. އެޒިކިއެލް ކޮޓަރި ދޮރު ހުޅުވާލަމުން މިކްޔާ އަށް ނިކުތުމަށް އިޝާރާތް ކުރިއެވެ. އޭނާ ނިކުތުމުން ދާއިޔަލް ގޮސް ކޮޓަރިއަށް ވަނެވެ.
އޭނާ ކޮޓަރިއަށް ވައިން ތަން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ލަޝްކާ ގޮސް ދާއިޔަލްގެ ހަށިގަނޑުގައި ބައްދައިގަތެވެ. “ލަޝް… ދާއީ ބުނީމޭ ނުން ނުދުވާނޭ..” ލަޝްކާގެ ބޮލު މެދުގައި ދާއިޔަލް ތުން ޖައްސާލިއެވެ.
“ދާއީ… ކިހިނެއްތަވީ…؟” ކަރުނުން ފުރި ބާރު ވެފައިވީ ދެލޮލުން ދާއިޔަލް އާއި ދިމާލަށް ބަލައިލަމުން ލަޝްކާ އެހިއެވެ.
“އަ… އަހަރެން ބިރުގަތީ… ވިހެއުމުގެ ތެރެއިން އެލާރާ މަރުވިހެން ލަޝް އަށް ވެދާނެތީ…” ދާއިޔަލް އިސްޖަހައިލިއެވެ.
“އަޅޭ… އިންޝާ ﷲ އެކަހަލަ ކަމެއް ލަޝް އަކަށް ނުވާނެ.. ލަޝް އަށްޓަކައި ދާއީ ދުޢާ ކޮށްދީ.. އިންޝާ ﷲ ލަޝް ވެސް އަހަރެމެންގެ މި ލޯބިލޯބި ދެކުދިންވެސް ރަނގަޅު ހާލުގައި ދުނިޔެއަށް އުފަންވާނެ.. އަދި ހަމަ އެހެންމެ، އުފާވެރި ހަޔާތެއްގައި ދިރިއުޅޭނެ.. އިންޝާ ﷲ ” ދާއިޔަލްގެ ކޯތާފަތުގައި ތުން ޖައްސާލަމުން ލަޝްކާ ބުންޏެވެ.
“އިންޝާ ﷲ .. ހޫމް.. ދެން ކޮލަށް އެކަނިތަ ދޭނީ ދާއީ އެވަރަށް ރުއީމަ ވެސް..؟” ލަޝްކާ ހެއްވާލުމުގެ ނިޔަތުގައި ދާއިޔަލް ބުންޏެވެ. އެކަން ކާމިޔާބުވެެސް ވިއެވެ.
“ހޫމް މްމް.. ދެން ކޮންތާކަށްބާ ދޭންވީ..؟” ނޭނގުނު ކަމަށް ހަދާފައި ލަޝްކާ ދަތްދޮޅީގައި އަތް ހާކާލިއެވެ. “ހޫމްމް” ހިނިތުންވެލަމުން ދާއިޔަލް ލަޝްކާގެ ތުންފަތަށް ލޯބި ކޮށްލިއެވެ.
އަލައިރާގެ ބޮލުގެ އިސްތަށިކޮޅެއް ބުރިކޮށްލަން ޔައުލާން އިން އިރު ކައިރީގައި އިން އެޒިކިއެލް އިނީ ގަބުވެފައެވެ. އަހަރެއްހާ ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު އޭނާގެ ލޯބިވާ ކޮއްކޮއަށް އަނިޔާވެރިވީ ފަރާތަކީ ކާކުކަން އެނގޭ ދުވަސް ކައިރި ވެއްޖެޔޭ ހިތް ބުނެލިއެވެ. ހަމަ އެހާ އުފާވެސް ވިއެވެ. އެހެން ވިޔަސް ދާއިޔަލް އެ ބުނި ގޮތުން ވިއްޔާ އެއީ އޭނާވެސް ދަންނަ މީހެކެވެ. އެ ނުލަފާ ޖައްބާރު މީހާއަށް އިތުބާރު ކުރެވުނީތީ އޭނާއަށް އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ.
“އެއްލޫ..” ޔައުލާން އައިސް އެޒިކިއެލްގެ ކޮނޑުގައި އަތް ޖައްސާލުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. “ހަމަ ޖެހިލާ އިނގޭ؟ އިންޝާ ﷲ ދެން މިކަން މި ނިމުނީ…” އެޒިކިއެލްއަށް ހިތްވަރު ދިނުމުގެ ގޮތުން ޔައުލާން ބުނެލިއެވެ.
***
“އަޒީން އެބަ ހުރި ބޭރުގަ.. ދޮންތަ ސަލާމަތް ކޮށްދިން މީހާވެސް..” ޒާލާ ބުނެލިއެވެ.
“ސަލާމަތް ކޮށްދިން މީހާއޭ؟” ޒާލާ އެބުނީ ކީކޭ ކަމެއް މަޒީނާއަކަށް ފަހުމެއް ނުވިއެވެ.
“ޒެން ދިޔައީ ދޮރު ތަޅުލާފަ އޭ ނުން؟ ޒީން ބުނީ އޭނާ އަތުގަ ނޯންނާނޭ ތަޅުދަނޑިއެއް. އެހެންވެ ލާލާ ނިކުތީ އެހީއަށް ގޮވަން.. އެގަޑީގަ ދިމާވި ޒުވާނެއް. ދޮންތަ ދަންނަންތަ އޭނަ؟ އޭނަ ވަރަށް ރުއި ދޮންތައަށް ވެފައި އޮތް ގޮތް ފެނިފަ..” ޒާލާ ކޮށްލި ސުވާލާއި އެކު އެންމެ ފުރަތަމަވެސް މަޒީނާގެ ހިޔާލަށް އައީ ޝަރަފްއެވެ. އެރަށުގައި ޒާލާ ފިޔަވާ އޭނާ ދަންނަ ހަމަ އެކަނި މީހަކީ އެއީ ކަމަށް ވާތީއެވެ.
“އެއީ.. އެއީ ޝަރަފް.. ރައްޓެއްސެއް.. އަޒީން ކައިރީ ބުނޭ ދޮންތި ރަނގަޅޭ.. އަސްލުވެސް.. ދޮންތި އޯކޭ އިނގޭ؟ ދެކުދިން ދޭ ކޮންމެވެސް އެއްޗެއް ކާލަން. އަޒީން މިއަދު ނޭނގެ އަދި ކޭ ކަމެއް ވެސް.. ދޮންތަ ބޭނުމީ ޝަރަފްއާއި ވާހަކަ ދައްކާލަން..” މަޒީނާ ބުނެލިއެވެ.
“އެކަމަކު.. ދޮންތާ-”
“ޕްލީޒް..” މަޒީނާ އާދޭހާއި އެކު އެދުނެވެ. އެވަގުތު ދެން މަޒީނާ ހިތުގައި ޖެހޭ ކަހަލަ ކަމެއް ކުރަން ބޭނުން ނުވުމުން، ކާއެއްޗެއް ގެނެސް ދޭނަން ކަމަށް ބުނެ، ޒާލާ ނިކުމެގެން ދިޔައެވެ.
“ކިހިނެއްތަ މަޒީ؟”
“ކިހިނެއްތަ ދޮންތަ؟”
ޒާލާ ނިކުން ތަން ފެނުމުން އަޒީން އާއި ޝަރަފް ދޮރު ކައިރީ ހުއްޓިފައި އަވަސް އަވަހަށް އެހިއެވެ.
“ދޮންތަ އޯކޭ ދެން އަނެއްހެން… ހިނގާބަ އެއްޗެއް ކާލަން ޒީން.. ދޮންތައަށް ކާނެ އެއްޗެއް ގެންނަންށާ އެކު..” ޒާލާ މިހެން ބުނުމުން އަޒީންގެ މޫނުމަތީގައި ޖެހުނީ ސުވާލު މާކެކެވެ.
“ދެން.. ތީ ޝަރަފް ދޯ؟” ދެން އޭނާ ބަލައިލީ ޝަރަފްގެ މޫނަށެވެ. ޝަރަފް ބޯ ޖަހައިލިއެވެ.
“ދޮންތަ ބޭނުމޭ ބުނީ ޝަރަފްއަށް ވާހަކަ ދައްކަން..” މިހެން ބުނެ އަޒީންގެ އަތުގައި ހިފައިގެން ޒާލާ ހިނގައިގަތެވެ. ހައިރާން ވެފައިވީ ނަމަވެސް ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ގޮސް އެކޮޓަރިއަށް ވަނެވެ.
އެނދުގައި އިށީނދެލައިގެން އިން މަޒީނާ ފެނި ޝަރަފްއަށް ހިނިތުންވެވުނެވެ. މަޒީނާވެސް ހިނިތުންވެލިއެވެ. ލަސް ހިނގުމުގައި އައިސް ޝަރަފް އިށީންނަމުން ސަލާމް ގޮވައިލިއެވެ.
“ވާލައިކުމް ސަލާމް… ޝަރަފް ބުނީމެއް ނުން… އެހީއެއް ބޭނުމީ އާއި ބުނެލަން… އަހަރެން އެހީއެއް ބޭނުން…” ފުންނޭވާއެއް ދޫކޮށްލަމުން މަޒީނާ ބުނެލިއެވެ.
އަލައިރާ ގޮވައިގެން ތިބެފައި ދާއިޔަލް އާއި ލަޝްކާ ގެއަށް ދާން ނިކުތީ އިރު އޮއްސެން ކައިރިވުމުންނެވެ. އަތު ގުޅުވާލައިގެން ދެމީހުން ގެއިން ނިކުމެ ސައިކަލަށް އެރިއެވެ. ސައިކަލު ދުއްވާލަން އުޅެނިކޮށް ފަހަތުން އިވުނީ އަކިޔަލްގެ އަޑެވެ. “ދާއިޔަލް…؟”
“ދާއިޔަލް މިހާރު ހާދަ ދުރޭ ދޯ؟ ގައިމު އެއްކޮށް ވިއްޔާ ބޮޑުވީ” ދާއިޔަލްގެ ކޮނޑުގައި ޖަހާލަމުން އަކިޔަލް ބުނެލިއެވެ. އަކިޔަލް ހުރީ ހިނިތުންވެލައިގެން ނަމަވެސް، ދާއިޔަލްގެ ލޮލުގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ.
“އާން ދެން… ބިޒީ ދުވަސްކޮޅެއް މީ ދޯ..؟” ރުޅިވެރިކަން ހިންދާލަން މަސައްކަތް ކުރަމުން ދާއިޔަލް ބުނެލިއެވެ.
“ހިނގާބަލަ ކުޑަ އިރު ކޮށްލި ކަހަލަ ގަޅި ކަމެއް ކޮށްލަން.. ކޮން ދުވަހެއްތަ މަށާ ދިޔާން އާއި ދާއިޔަލް އާއި ގަނޑެއް ނުގަންނަތާ؟” ކުޑަ އިރުގެ ހަނދާންތައް އައު ކޮށްލަމުން އަކިޔަލް ބުނެލިއެވެ.
(ނުނިމޭ)
ނުވަދިހަދެވަނަބައިގެ ތެރެއިން:
އެ ފަނޑު ނޫކުލައިގެ ކޮޓަރީގައި އޮތް ‘ކުއީން ސައިޒް’ އެނދުގައި ނިދާފައި އޮތް އޭނާއާއި ދިމާލަށް ދާއިޔަލް ބަލައިލީ ރުޅިއާއި އެއްވަރަށް ހިތާމަޔާއި ވެސް އެކުއެވެ. އެކީގައި ބޮޑުވި، އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދުން މީހާއަކީ އެހާ އަނިޔާވެރި އެއްކަން އެނގުމުން ހިތުގައި ރިއްސާ ނުލާ ހުންނާނެ ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (9)
Comments are closed.
OMGGGG WHOOOO ISSSSS HEEEEEE🧐🧐🧐🧐🧐
LETSSSSS SEEEEEE 👀
Anyway vrhh vrhh reeethii mi ep vs🥹🫶🏻
Curiously waiting for the next ep😩
Jazaakillah khair loabs.. in sha allah next soon stay tuned🩶🩶
sooo exited for the next part.
Stay tuned brownbear, in sha allah vrh avahah kiyaaleveyne vrh avahah🩶
WOW WOW
Breathtaking…… haadha reethi vaahaka ekey.
when next????
I’m so curious ’bout whts gonna happen next………
tc talented author…….
Jazaakillah khair Maria 🥹🩶
In sha allah next episode vrh avahah kiyaaleveyne 🩶
Heyy Shihaa
this one is Awesome