
ވާތީ ހިތަކު ލޯބި މަންމަންވެފާ – 92

“ހިނގާބަލަ ކުޑަ އިރު ކޮށްލި ކަހަލަ ގަޅި ކަމެއް ކޮށްލަން.. ކޮން ދުވަހެއްތަ މަށާ ދިޔާން އާއި ދާއިޔަލް އާއި ގަނޑެއް ނުގަންނަތާ؟” ކުޑަ އިރުގެ ހަނދާންތައް އައު ކޮށްލަމުން އަކިޔަލް ބުނެލިއެވެ.
(92 ވަނަ ބައި)
***20 އަހަރު ކުރިން***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށު ތެރޭގައިވީ ހިތްފަސޭހަ ކަމެވެ. އެ ހިތްގައިމު ވަގުތުގައި ކުޑަކުދިންތައް ގޮވައިގެން ބެލެނިވެރިން ކުޅެން ނިކުމެ އުޅުން އިރު، ދާއިޔަލް އިނީ ގޭގައި އެކަނިވެރިވެފައެވެ. ޖިޒާލް ރިސޯޓުގައި އުޅެފައި ޗުއްޓީއަށް އައުމުން އެދެމަފިރިން އުޅޭނީ އެހެން ގެއެއްގައެވެ. ދަރިން ދެކިލަން ޖިޒާލް ވެސް އަންނާނީ އަންނަ ދުވަހާއި ފުރާ ދުވަހެވެ. އެއީ ދާއިޔަލްއަށް މުޅިން ބީރައްޓެހި ރަށެކެވެ. ސުކޫލަކަށްވެސް އަޝާނާ ދާއިޔަލް ނުގެން ދެޔެވެ. އަޝާނާއަކީ ކުރިން ޕުރީސުކޫލުގައި ކިޔަވާދިން ޓީޗަރަކަށް ވުމުން، ދާއިޔަލް ސުކޫލަށް ލާން ޖެހޭނީ އެކަކަށް ދިއުމުން ނޯލައެވެ.
ދިޔާންއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަކިޔަލް ގެއަށް އައިސް ވަނީ އެކަނިވެފައި ދާއިޔަލް އުނދޯލީގައި އިންދައެވެ. އެކަނިވެރިވެފައި، ފޫހިވެފައި އިން ދާއިޔަލް ފެނި ދިޔާންގެ ފިޔަވަޅުތައް ހުއްޓެވެ. ދޮންމަންމަ ކޮންމެ ގޮތަކަށް ކަން ކުރިއަސްވެސް، އޭނާއާއި ދޭތެރޭގައި އަޝާނާގެ ހިތްހެޔޮ ވޭތޯ އަބަދުވެސް ދާއިޔަލް މަސައްކަތް ކުރެއެވެ.
“ބުރޯ؟ ކިހިނެއްވީ ތި ހުއްޓުނީ؟” އަތުގައި އޮތް ބެޑްމިންޓަން ރޮކެޓުން ދިޔާންގެ އުނަގަނޑުގައި ކޮށްޓާލިއެވެ.
“އޭނ؟ ނޫން.. ކަމެއް ނުވޭ.. ހިނގާބަލަ..” ފުންނޭވާއެއް ދޫކޮށްލަމުން ދިޔާން، އަކިޔަލްއާއި އެކު ދާއިޔަލް ގާތުގައި ހުއްޓުނެވެ.
“ބޭނުންތަ ދޮންބެ މެންނާއި އެކު ބެޑްމިންޓަން ކުޅެން…؟” ދިޔާން ލަސް ލަހުން އެހިއެވެ. އެ ސުވާލާއި އެކު ދިރުން ނެތިފައިވީ ދާއިޔަލްގެ ދެލޯ ވިދާލިއެވެ. އުފާވީ ވަކިވަރަކަށް ނޫނެވެ.
އަޝާނާ އެގުޅުމަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް، އެދުވަހަށް ފަހު ދާއިޔަލް، ދިޔާން އަދި އަކިޔަލް އުޅުނީ އެކުއެކީގައެވެ. 3 މީހުންގެ ގާތްކަން އުފެދުނީ އެހިސާބުންނެވެ. ކުޑަ އިރު އެކުގައި ބެޑްމިންޓަން ކުޅުމާއި އެހެނިހެން ކުޅިވަރު ކުޅުމެވެ. ބޮޑު ވުމުން އަންހެން ކުދިން ‘ސެޓު’ ކުރަން އުޅުމުގައެވެ. ތިންމީހުން އޭރުން ސުރެ އުޅުނީ އެކު އެކީގައެވެ. ރަޝާއާއި ދާއިޔަލްގެ ލޯބީގެ ގުޅުން ފެށުނީވެސް އަކިޔަލްގެ އެހީއާއި އެކުގައެވެ.
***
“އެދުވަހު އަހަރެން ދާއި ހައްޔަރު ކުރަން އުޅުނީމަ ނައްޓާ ފަތަ އަދިވެސް ތިހުންނަނީ؟ ދެން ވަޒީފާ ވީމަ ދޯ؟ މަ ހުރީ އެތަނަށް ދާއި ގެންދިޔަޔަސް، ފަހުން ރުފިޔާ ތަކެއް ދީގެން ވިޔަސް ބުރޯ ނެރޭށޭ. ހޫމް. ދެން އެއީ މާޒީ. އެވާހަކަ ބާއްވާ. ބެޑްމިންޓަން ކުޅެލަން ދާންވީ ނުން؟ ދާއި ދެން ބައްޕައަކަށް ވުމުގެ ކުރިން ފަހު ފަހަރަށް ކުއްޖެއްހެން އުޅި ލަން ދޯ؟” ލަޝްކާއަށް ވަށްކަޅިން ބަލައިލަމުން އަކިޔަލް ބުންޏެވެ.
“ނޫނޭ.. އެ އޯކޭ ވާނެ. މިދުވަސްކޮޅު ތަންކޮޅެއް ބިޒީ. ހަބަރެއް ވެލާ ނަން އިނގޭ؟” ހިނިތުންވެލަމުން ދާއިޔަލް ގޮސް ސައިކަލަށް އެރިއެވެ. ތަންކޮޅަކަށް ދެވުމުން ލަޝްކާ ދާއިޔަލްގެ ކޮނޑުގައި ކޮއްޓާލިއެވެ.
“ހެހެ ކިހިނެއްވީ ދޫނި؟” ލަޝްކާގެ އެ ކުޑަކުޑަ ބީހިލުމުންވެސް ދާއިޔަލްގެ ހިތުގައިވީ ނުތަނަވަސްކަން ފިލައިގެން ދިޔަފަދައެވެ.
“އެ އަކިޔަލްއާއި ދާއިތީ ރައްޓެހިންތަ؟” ލަޝްކާ ލަސް ލަހުން އެހިއެވެ.
“އާން… އެއީ… ދޮންބެގެ އެންމެ ގާތް އެކުވެރިޔާ.. އެއްކޮށް އުޅެ ބޮޑުވީވެސް…” ދާއިޔަލް މަޑުމަޑުން ބުނެލިއެވެ. ލަޝްކާ މަޑު ‘އޯހް’ އެއް ލައްވާލިއެވެ.
***
ރޭގަނޑުގެ ވަގުތެވެ. މިކްޔާ އިނީ ‘އޮރެންޖް ޑެކް’ ރެސްޓޯރެންޓުގައެވެ. އިރު އިރުކޮޅުން ދެލޯ ފުހެ ލާއިރު ބަލާލި ކޮންމެ ދިމާލަކުން އޭނާއަށް ފެންނަނީ އޭނާއާއި އެޒިކިއެލް ރައްޓެހިވެގެން އުޅުނު އިރުގެ ލޯބީގެ ހަނދާންތަކެވެ. އެއީ އެދެމީހުން އެންމެ ގިނައިން އައި ރެސްޓޯރެންޓެވެ. އޭރު އެމީހުން އުޅުނީ ކިހާ ލޯބިން ހެއްޔެވެ؟ ނަމަވެސް މިހާރު…
“މޭމް… އާރް ޔޫ ނޮޓް ގޮއިންގް ޓު އޯޑަރ؟” އަނެއްކާވެސް އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ކުއްޖަކު އައިސް އަހައިލިއެވެ.
“ޖަސްޓް… ވޯޓާ ޕްލީޒް..” ހިނިތުންވެލަމުން މިކްޔާ ބުނެލިއެވެ.
އެކުއްޖާ އެތަނުން ދިޔުމުން މިކްޔާ ދޫކޮށްލީ ފިނި ނޭވާއެކެވެ. ގޮނޑީގައި ހަމަ ޖެހިލަމުން ރެސްޓޯރެންޓު ތެރެއަށް ލޯ ހިނގާލުމާއި އެކު އޭނާއަށް ފެނުނީ އޭރު ގެއަށް ގެނައި އަންހެން ކުއްޖާ ގޮވައިގެން އެތަނަށް ވައިން އެޒިކިއެލްއެވެ. މިކްޔާގެ ދެލޯ ބޮޑުވިއެވެ. މިފަހަރު ހަނު ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެޒިކިއެލް ގެއްލިދާނެ ހީވުމުން އޭނާގެ ހިތް ފުނޑުފުނޑުވިއެވެ. ހިތްވަރުކޮށްލާފައި ގޮސް އެޒިކިއެލްއާއި ކުރިމަތިލީ އެހެން ވެގެންނެވެ.
“އެއްލޫ…” މިކްޔާގެ އަޑު ކުރެހުނެވެ. ކައިރިން އެމަންޒަރު ފެނުމުން ދެން އޭނާއަކަށް އެންމެ ލަފުޒެއްވެސް ބުނާނެ ހިތްވަރެއް ނުލިބުނެވެ.
“ތީ ކާކު؟؟” ކަޅި އަޅައިލަމުން ފަލަކު އެހިއެވެ.
“އަޅާނުލާ.. ބަހައްޓާ.. ހިނގާ އެހެންތަނަކަށް ދާން” ހިތާމައިން ފޯވެފައި ހުރި މިކްޔާގެ ލޮލަށް ގެއްލިފައި ހުރި އެޒިކިއެލް ހިތާ ދެކޮޅަށް ވެސް ބުނެލިއެވެ. މިކްޔާ ކުރިމަތީގައި އެހެން ހުންނަން ވެއްޖެއްޔާ އޭނާ ބަލިވެދާނެތީއެވެ.
“އެއްލޫ… އެއްލުއަށް އަހަރެންގެ ބަހަށް ވުރެ ގޮތް ނޭނގޭ މީހެއްގެ ބަސް މުހިންމުވާނަމަ އެކަން އެހެން ބާއްވަމާ.. އެއީ އެއްލު ގަބޫލު ކުރަން ބޭނުން ގޮތް ވިއްޔާ އެއީ ހަގީގަތެއް. އޯކޭ ނުން…؟ ޕްލީޒް… ކީއްވެތަ ތިހެން ތިހަދަނީ؟ ކީއްވެތަ؟ އިންސާނުންނަށޭ ކުށްވެސް ކުރެވޭނީ…” އެޒިކިއެލް ހިނގައިގަންނަން އުޅުމުން މިކްޔާ އޭނާގެ އަތުގައި ހިފިއެވެ.
“ދޫކުރޭ” އަޑަށް ރުޅިވެރިކަން އިތުރުކޮށް ލަމުން އެޒިކިއެލް ބުންޏެވެ. އޭރު ރެސްޓޯރެންޓުގައި ތިބި އެންމެންގެ ނަޒަރުވެސް އެދެމީހުނަށް ހުއްޓިފައިވިއެވެ.
“ކީއްވެ؟ ތި ދެލޮލުން މަށަށް ޓަކައި ލޯބި ފެނޭ އެބަ.. ދެން ކީއްވެ އެހެން ނުބުނެވެންވީ؟ ކީއްވެ؟” މިކްޔާ އެޒިކިއެލްގެ ކުރިމައްޗަށް އަރަމުން ސުވާލު ކުރިއެވެ.
“ދެން؟؟؟ ކޮބާތަ މައްސަލައަކީ؟ އަހަރެން ލޯބިވާނީ އަހަރެން ބޭނުން މީހެއްދެކެ. އަހަރެން ކަލޭދެކެ ލޯބިވިން. އެލޯބީގައި ކޮޅުފައިން ޖެހީ ކާކު؟ ކަލޭ! ހަމަ ކަލޭ! ދުވަހަކުވެސް އަހަރެންގެ ހިތް ކަލެއަށް ޓަކައި ހެވެއް ނުވާނެ. އަހަރެންގެ ހިތުގައި ކަލެއަށް ޓަކައިވީ ލޯބި މަންމަން ވެއްޖެ!”
މިހެން ބުނެ އެޒިކިއެލް އެތަނުން ނިކުމެގެން ދިޔައެވެ. އެދެލޮލުގައި އޭރު ވެސްވީ ކަރުނައެވެ. އެހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. ލޯބިން ‘ދޮން’ ، ‘މިކީ’ ، ‘ދޫނި’ ފަދަ ލޯބި ނަންނަން ކިޔާފައި މިއަދު، އޭނާ އެ ނިކުތީ މިކްޔާއާއި ދިމާލަށް ‘ކަލޭ’ އަށް ގޮވާފައެވެ.
“އެޒީ… ކީއްތަ މިވީ؟ އެ ކާކު؟” ފަހަތުން ނިކުން ފަލަކު ހުރީ ވާނުވާގައެވެ.
“އަހަރެން ނެތް މިރޭ ކާހިތެއް. ފަލަކު ދޭ ގެއަށް” މިހެން ބުނެ އެހެން ދިޔަ ޓެކްސީއަކަށް ފަލަކު އަރުވާފައި އެޒިކިއެލް ރުފިޔާ ވެސް ދިނެވެ. އޭރުވެސް ފަލަކު ދިޔައީ ސުވާލު ކުރަމުންނެވެ.
ދަންވަރުގެ ފިނިފިނި ވަގުތެވެ. އެވަގުތުގެ ފިނިކަން އެތަށް ގުނައަކަށް އިތުރުވެފައިވަނީ ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުންނެވެ. އެވަގުތުގައި އެންމެން ނިދާފައި އޮތް އިރު ދާއިޔަލް އުޅުނީ ބޭރުގައެވެ. ވިއްސާރަ ކޯޓެއް ލައިގެން އޭނާ ދިޔައީ އޭނާއަށް ޝައްކު ކުރެވުނު މީހާގެ ގެއަށެވެ. އެކޮޓަރީގެ ޖާލީ ދޮރު ހަލާކު ކޮށްލާފައި ދާއިޔަލް ކޮޓަރިއަށް ވަނެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން އެނދާއި ދިމާލަށް ބަލައިލިއެވެ.
އެ ފަނޑު ނޫކުލައިގެ ކޮޓަރީގައި އޮތް ‘ކުއީން ސައިޒް’ އެނދުގައި ނިދާފައި އޮތް އޭނާއާއި ދިމާލަށް ދާއިޔަލް ބަލައިލީ ރުޅިއާއި އެއްވަރަށް ހިތާމަޔާއި ވެސް އެކުއެވެ. އެކީގައި ބޮޑުވި، އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދުން މީހާއަކީ އެހާ އަނިޔާވެރި އެއްކަން އެނގުމުން ހިތުގައި ރިއްސާ ނުލާ ހުންނާނެ ހެއްޔެވެ؟
(ނުނިމޭ)
ނުވަދިހަތިންވަނަބައިގެ ތެރެއިން:
ފޫހިވެފައި ހުރެ ކޮޓަރި ދޮރު ހުޅުވާލި އެޒިކިއެލްގެ މޫނުމަތީގައިވީ ފޫހިކަން ފިލާ، މޫނަށް ބިރުވެރިކަން ވެރިވީ ފަންކާގައި ދަންޖެހިފައި ހުރި މިކްޔާ ފެނިފައެވެ. “މިކީ!!!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (8)
Comments are closed.
Maa beykaaru haasaruthah gina mihaaru mivaahakaiga. Hus ehkameh. Foohivaan fashaifi mihaaru mivaahaka dheke
Abadhuvx faharaku meehaku maru vanee….
MIKKKYYYYAAAAAA NOOOO??!!!!! WTHHHHHHH
🙊🙊🙊🙊
wow……………..
this is so good. love it
is it Ellu ge dream eh tha???????? or is it real?????????
Noooooo……… Mickyyyyyy don’t do that…..
Anyways take care Shihaaaa ❤️
Jazaakallah khair Exxo 🩶
Tc too🩶
94 aa hama ah nerefa innaanee now
Wow. vrh salhi.
when next?????????
Is Micky really doin’ that???????????
Take crae Shihaaaaaaa
Jazaakallah khair Exxo 🩶
Tc too🩶